"އަހަރެން އަންނާނަން ވީ އެންމެ އަވަހަކަށް." ސާރިމް ތަފްސީލް ދޭން ގަސްތެއް ނުކުރެއެވެ. އޭނާ މިދަނީ އޮފީހަކަށް ނޫނޭވެސް ބުނަން ބޭނުންނުވީއެވެ. ޝެރީން ސާރިމްގެ ނަމުން ގޮވާލި އަޑު އިވުނު ކަމަށް ނުހަދައި ސާރިމް ހިނގައިގަތެވެ. ސާރިމްގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުން ޝެރީން އިނީ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ސާރިމް ނިކުމެ ދޮރުލެއްޕި އަޑަށް ޝެރީން ތެދުވެފައި އަތުންޖަހައި ވައްޓާލީ މޭޒުމަތީ އޭނާ ބޭއްވި ހަދިޔާއެވެ. ދެން އެފަދަ އަނެއް ހަމަލާ ދިނީ މޭޒުމަތީގައިހުރި އުއްބައްތިތަކަށެވެ. މުށިތަކުގައި ޖެހިފައި އުއްބައްތިތައް ބުރައިގެން ދިޔައެވެ. ކުރި އަސަރުން އޭނާގެ ހިތް ކުދިކުދިވި ފަދައިންނެވެ.
** **
ސާރިމް އަށް ގޭތެރެއަށް ވަދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ގޭގެ ދޮރުހުޅުވާލުމާއެކު ފުރަތަމަ ވެސް އިވުނީ ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ އަޑެވެ. އެއާއެކު ނޫރާ ހަޅޭއްލަވައިގެންފައި ނާންނާށޭ ބުނެލިއެވެ. ކޮޓަރިއާ ހަމައަށް ދިއުމުން ސާރިމް އަށް އެކަން ސާފުވެއްޖެއެވެ. ކަމާލްގެ އަތުގައި ހުރި ކާތަށި ފެނިފައި ސާރިމް އިޝާރަތް ކުރީ އިހަށް ދިއުމަށެވެ.
ނިދާފައި އޮއްވާ ނެގުމުން ނޫރާ ހުރީ ރުޅި ގަދަވެފައެވެ. އެނދުމަތީގައި ހުރެފައި އަތުޖެހުނު ކޮންމެ އެއްޗެއް އެއްލާލަނީއެވެ. ސާރިމްއަށް އޭރު އިވުނީ ވާސް ނަގައި ފުނޑުކޮށްލި އަޑެވެ.
"ނޫރާ" ސާރިމް ގޮވާލުމުން ނޫރާ ބަލައިލިއެވެ. އޭނާގެ އަތުގައި އޮތް ކުޝަން ގެނެސް މޭގައި ޖައްސާލިއެވެ. ސާރިމްގެ މޫނަށް ބަލަހައްޓައިގެން ހުރީ ބީރައްޓެއްސަކަށް ބަލާ ގޮތަށެވެ. އެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ.
"އަހަރެން ގެއަށް ފޮނުވާ" ކުޝަން ސާރިމްއާ ދިމާލަށް އެންމެފަހުން ހޫރާލިއެވެ. މޫނުގައި ޖެހުމުގެ ކުރިން ސާރިމް ކުޝަން ހިފިއެވެ.
"ނޫރާގެ ގެއަކީ މިއީ." ސާރިމް ބަލައިލިއެވެ. ނޫރާ ހީކުރަނީ އަދިވެސް އޮތީ ހޮސްޕިޓަލްގައި ކަމެވެ. ސާރިމްގެ މޫނު ފެނިފައި ނޫރާއަށް އެއްވެސް ކަމެއް ހަނދާން ނުވާ ކަމީ އަޖައިބެކެވެ.
"މިއީ އަހަރެންގެ ގެއެއް ނޫން. ހުސްނީ ކޮބާ؟ އޭނަ ކައިރީ ބުނޭ އަހަރެން ބަލާ އަންނާށޭ." ދެން ހުރި ބާލިސްތަކާއި ކުޝަންތައް އުކަމުން ނުރާ ހަޅެއްލެވީ ކުޑަކުއްޖެއް ފަދައިންނެވެ. ރޮއި ބޮޑާ ދައްކައިގެން ކަންކަން ހާސިލްކުރާ އުސޫލުންނެވެ. ސާރިމް އަށް ބަލަން ހުރެވުނީ މާޔޫސްވެފައެވެ. އޭނާއަށް މި ހެދެނީ ގޯހެކޭވެސް ހީވެއެވެ. ނޫރާގެ ކުރިމަތީ އޭނާއަކީ އެއްވެސް މީހަކަށް ނުވާއިރު ނޫރާގެ ކަންކަން ބަލަހައްޓަން އޭނާގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެއެވެ.
"ހުސްނީ އައިކަމުގައި ވިއަސް ރަނގަޅު ނުވަންޏާ ކިހިނެއް ފޮނުވާނީ؟" ސާރިމް އަހާލިއެވެ. ނޫރާ އަމިއްލައަށް ވިސްނާނެ ކަމަށް އޭނާ އުއްމީދު ކުރާތީއެވެ.
"މިތަނުން ފިލައިގެންވެސް ދާނަން." ނޫރާ އެނދުން ތިރިއަށް ފުންމާލިއެވެ. ސާރިމްއަށް ހުރެވުނީ ދޮރާ ވަރަށް ކައިރީގައެވެ. ސާރިމްގެ އަތުގައި ނުޖެހި އެދޮރުން ނިކުމެގެން ނުދެވޭނެކަން ނޫރާއަށްވެސް އެނގެއެވެ. އޭނާ ބަލަހައްޓައިގެން ހުރެފައި ދުއްވައިގަތެވެ. ދެތިން ފިޔަވަޅެއް އަޅާފައި ހަޅެއްލަވައިގެންފިއެވެ. އޭނާ ހުއްޓުން އެރިއަސް ލޮލަށް ޖަމާވި ކަރުނަތަކަށް ނިމުމެއް ނައެވެ. ރޮނގަކަށް ކޯތާފަތްމަތިން ދެމިގެންފިއެވެ.
ފައިދޮށުގައި އޮތީ ދެންމެ ތަޅައިލި ވާސްގެ އެކި ބައިތަކެވެ. އޭގެން ކުދިކުދިވެ ބުރައިގެން އައި ބިއްލޫރިތަކެވެ. ދުއްވައިގަތުމުން ނޫރާއަށް އެރުނީ އޭގެން އެތިކޮޅަކަށެވެ.
"ލެޓް މީ ހެލްޕް ޔޫ." ސާރިމް އޯގާތެރިކަމާއެކު ބުނެލިއެވެ. އޭނާ އަކީ ނޫރާ ބަލަން އައި ޑޮކްޓަރުކަމުގައި ހީވާނަމަ އެގޮތްވެސް އޭނާއަށް އެންމެ ރަނގަޅެވެ. އެނދާއި ކައިރިވެފައި ސާރިމް އަތް ދިއްކޮށްލިއެވެ. ތިރިއަށް އަންނާށޭ ބުނެލިއެވެ. އޭނާގެ އަތާއި ދިމާލަށް ނޫރާ ބަލައިލީ ސުވާލު އުފެދިފައެވެ. އެހާ ފަސޭހައިން ނޫރާ ރުއްސޭނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.
އެއަތުގައި ނޫރާ ހިފިއެވެ. ދެން ކަކޫ ލަންބާލާފައި ބަލައިލީ ފުންނާބަށް ހެރިފައި އިން ބިއްލޫރިކޮޅަށެވެ. އެތަނުން ހޯސްލާފައި އައި ލޭ ފެނިފައި ނޫރާ ބިރުގަތެވެ. ދެއަތުން ހިފީ ސާރިމްގެ ގަމީހުގައެވެ. ގައިން ވަރުދޫކޮށްލުމުން ސާރިމް އަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ނޫރާ ނަގައި އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ.
** **
ސާރިމްއަށް އެގެއިން ނުކުމެވުނީ ދަންވަރު ތިނެއްޖަހައި ބޮޑުވި ފަހުންނެވެ. ނޫރާގެ ފައިގައި ބޭސް އަޅަން އައި ނަރުސް ކުއްޖާ ދިއުމުން ކަމާލް ކައިރީ ބުނެގެން އަލުން ކާއެއްޗެހި ހެދުވިއެވެ. ކައިގެން ބޭސްކައިގެން ރަނގަޅުވީމައި ހުސްނީ ބަލައި އަންނާނޭ ބުނެގެން އިތުރު ސުވާލަކާ ނުލައި ކައިފިއެވެ. ނޫރާގެ ހަރަކާތްތައް ބަލަން އިން އިރު ސާރިމްއަށް ލިބުނު ނުތަނަވަސްކަން ވީ އިތުރެވެ. ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ނޫރާއާ ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބެއް ނެތީމައެވެ.
އޭނާގެ ސިކުނޑީގައި ޖަވާބު ނުލިބިވާ ފުރަތަމަ ސުވާލަކީ ހަ އަހަރުވީ އިރު ނޫރާ އާއި ހުސްނީ ކައިވެނިނު ކުރި ސަބަބަކީ ކޮބައިބާވައެވެ. ދެން އުފެދޭ ސުވާލަކީ ނޫރާ ދަރިފުޅު ހޯދަން މަސައްކަތް ނުކުރީ ކީއްވެބާއެވެ. ރަށަށް ދާން ބޭނުންނުވީ ރަމްލާ ބުނެފައިވާ ބަސްތަކުން ބާއެވެ. ސާރިމްއާ ބައްދަލު ނުކުރީ ކީއްވެ ކަމެއްވެސް ނޭނގެއެވެ. ސާރިމްގެ އިންތިޒާރުގައި ހުރެ ހުސްނީ އަށް ނޫނެކޭ ބުނިނަމަ މިހާރު ސާރިމް ކުރިމަތީ ހުސްނީގެ ވާހަކަ ދައްކަނީ ކީއްވެބާއެވެ.
ގެއާ ހަމައަށް އައިސް ސާރިމް ހުއްޓުނެވެ. ޝެރީންއާމެދު ވިސްނާލާފައި ދެރަވިއެވެ. އޭނާއަށް ކަންތައް ކުރެވުނީ ޝެރީންގެ ހުވަފެންތައް ވިއްސި ވިހާލިކޮށްލާ ފަދަ އަނިޔާވެރި ގޮތަކަށެވެ. މިހާރު ޝެރީން އޮންނާނީ ނިދާފައި ކަންނޭނގެއެވެ. ހެނދުނު އެކަމާވެސް ސާރިމް މަޢާފަށް އެދޭނަމޭ ހިތަށް އެރިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމުން ސާރިމް އަށް ލިބުނީ ސިހުމެކެވެ. އެނދުގައި ބުރަކަށި ޖައްސާލައިގެން ދެކަކޫ މަތީ ބޯއަޅާލައިގެން އިން ޝެރީން ރޯއަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.
"ޝެރީން" ސާރިމްއަށް ހަލުވިކަމާއެކު ހިނގައިގަނެވުނެވެ.
ޝެރީންގެ ކުރިމަތީ ދެކަކޫ ޖަހައި އިށީދެވުނެވެ. ޝެރީންގެ ބޮލުގައި ފިރުމާލެވުނެވެ. ރުއިން ހުއްޓާލާފައި އޭނައާ ދިމާލަށް ބަލައިލަން ބުނެވުނީ އާދޭހުގެ ރާގަކަށެވެ. ސާރިމްގެ އަޑަށް ޝެރީން ހިމޭންވިއެވެ. ރުއިމުގެ އަޑު މުޅިން ކެނޑިގެން ދިޔައެވެ. އެހެން ނަމަވެސް އޭނާ އިސްއުފުލާނުލިއެވެ.
"އިޓް ވޯޒް ވެރީ އާޖެންޓް، އެހެންނަމަ އަހަރެންވެސް ނުގޮސް މަޑުކުރާނަން." ސާރިމް ތަފްސީލް ކިޔައިދެން ފެށިއެވެ.
"ސާރިމް ދިޔައީ އޮފީހައްތަ؟" ޝެރީން އިސްއުފުލައިލިއެވެ. ކަރުނުން ފުރިފައިވާ ޝެރީންގެ ދެލޯ ފެނިފައި ސާރިމް ދޫ ބަންދުވިއެވެ. ހުދު ކިރުފޮދެއް ފަދަ އެ ދެލޯ ވަނީ ރަތްވެފައެވެ. ދެލޮލުގެ ކައިރިމަތި ވަނީ ދުޅަވެފައެވެ. މުޅި މޫނު ހީވަނީ ރަތްވެގެން ފަޅައިގެންދާ އުޅޭހެންނެވެ.
"ސާރިމް ދިޔައީ އޮފީހަކަށް ނޫން،" ޝެރީންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީ ބަސްހުއްޓިފައެވެ. އޭނާ ދިޔައީ އޮފީހަކަށް ނޫނެވެ. އެހެން ނަމަވެސް އެވާހަކަ އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން ނުބުނަމެއްނު އޮފީހަށޭ ދިޔައީކީ." ސާރިމް މަޑުމަޑުން ބުނެލިއެވެ. ސާރިމްގެ މޫނަށް ބަލަހައްޓައިގެން އިން ޝެރީން ހީލީ މަލާމާތުގެ ރާގަކަށެވެ.
"އަހަންނަށް އެބަ އެނގޭ ސާރިމް ތި ގަންނަގަނޑު." ޝެރީން ތެދުވިއެވެ. ސާރިމްއަށް ހީވީ މޫނުމަތީ ބާރު އެތިފަހަރެއް ވިހެލިހެންނެވެ. ޝެރީންއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
ޝެރީންއަށް އެނގުނީ އިއްތިފާޤަކުންނެވެ. އޭނާ ސާރިމް ދިއުމުން މުޅި ތަން ސާފުކުރުން ގޭގައި ގެންގުޅޭ މީހުންނަށް ގޮވިއެވެ. ކާން ހެދި އެއްޗެހިވެސް އުކާލަން ބުނެލިއެވެ. ސާރިމް ކަންތައް ކުރި ގޮތުން އޭނާ ކެއުންމަތިންވެސް ވަނީ ފޫހިވެފައެވެ. އެ މަސައްކަތާ ހަވާލުވި ސައުދިއްޔާއަށް ފޯނެއް އައީ އެވަގުތެވެ. އެގުޅީ ކަމާލްއޭ ސައުދިއްޔާ ބުނެލިއެވެ. ކަމާލް ގުޅީ ބަތްޕެއް ކައްކާނެ ގޮތް އޮޅުންފިލުވާށެވެ. އެވަގުތު ސައުދިއްޔާ ކަމާލް ބަލިވީތޯ ސުވާލުކުރުމުން ކަމާލް އޭގެ ތަފްސީލު ދިނެވެ.
ދުސްތޫރަ ގޭގައި ސާރިމް މީހަކު ބަހައްޓާފައިވާ ކަމަށާއި އެމީހާއަށް ކާންދޭނެ އެއްޗެއް ތައްޔާރު ކުރަން ޖެހިގެން އުޅޭކަމުގައި ކަމާލް ބުނެލިއެވެ. ކަމާލް އަކީ ކެއްކުމުގެ މަސައްކަތް ކުރާ މީހެއްވެސް ނޫނެވެ. އެގޭގައި ހުރީ ކާކުތޯ އެހުމަށް ޝެރީން އެދުނެވެ. އެވަގުތު ކަމާލް ބުނި ނަން އަހާފައި ޝެރީން އަށް ހީވީ އޭނާގެ ދުނިޔެ ފުނޑުވެގެން ދިޔަހެންނެވެ.
"މީގެ ފަހަތުގައި ސަބަބެއްވެސް އެބައޮތް،" ސާރިމް ތެދުވިއެވެ. އޭނާ ޝެރީންއަށް ފުރަގަސްދީފައި ފުންނޭވާއެއް ދޫކޮށްލިއެވެ.
"ސާރިމް އޭނަ އަށް އެހީވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ." ފަހަތުގައި ހުރެފައި ޝެރީން އިއްވާލި ބަސްތަކުން ހީވީ ބޮލުގައި ބާރު އެތި ފަހަރެއް ޖެހިހެންނެވެ.
"މިއީ އަހަންނަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން، ރަމްލާ ބަލައި އަންނަންދެން އަހަރެން ނޫރާ އެގޭގައި ބަހައްޓާފައި އެހުރީ، އަހަރެން އެވަރުގެ ކަމެއް ކުރަން ގަސްތު ކުރީ ހަމައެކަނި ސާރިމްއަށްޓަކައި،" ސާރިމްގެ ކައިރީ ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނާށޭ އެހުނު ދުވަހު އެކުއްޖާ ދިން ޖަވާބަކީ އޭނާ އުމުރުގައިވެސް އަދި ހަށީގައި ފުރާނަ ހުރިހާ ހިނދު ހަނދާން ނެތޭނެ ކަމެއް ނޫނެވެ.
"ދެ ދުވަސް ތެރޭގައި ސާރިމް ޖެހޭނެ އެތަނުން އޭނަ ނެރެން." ޝެރީން ބުނެލިއެވެ. އޭނާ ބޭނުންނަމަ މިހާރުވެސް ނެރެން ބުނެވިދާނެއެވެ. އެގެއަކީ އޭނާގެ ބައްޕަގެ ގެއެވެ. ސާރިމް ބޯޖަހައިލިއެވެ.
** **
ޖެހިގެން އައި ދުވަހު ނޫރާ ގޮވައިގެން ޕާކަށް ދާން ނުކުން ވަގުތެވެ. އޮފީސް ނިންމާފައި އަދި ސާރިމް ގެއަށް ނާންނާތީ ނޫރާ ގޮވައިގެން މިއަދު ދާން ޖެހުނީ ޝެރީންއަށެވެ. ސާރިމް އައިސް ވަންނަންވާ އިރަށް ގެއިން ނިކުންނަން އޭނާ ހުރީ ބޭނުންވެފައެވެ. މިއަދު ސާރިމް އޮފީހަށް ދާން ޝެރީން ސައި ހަދައި ނުދިނީ ގަސްތުގައެވެ. ގަމީސް އިސްތިރި ނުކޮށް ބެހެއްޓީމައި އެކަން ކުރަން ހަދައިގެން ސާރިމްއަށް އަމިއްލައަށް ކޮފީއެއް ބޯނެ ވަގުތެއްވެސް ނުވިއެވެ. ގެއަށް އަންނަ އިރު ހުންނާނީ ބަނޑުހައިވެސް ވެފައެވެ. އެކަމަކު ނޫރާ އަށް އެހީވާހާ ހިނދު ޝެރީން އަކީ ހުރި މީހެއްކަން އަންގަން ބޭނުމެއް ނޫނެވެ.
ނޫރާ ޕާކުތެރޭގައި ކުޅެން ދޫކޮށްލާފައި އައިސް އެތަނުގައި ހުރި ގޮނޑިއެއްގައި ޝެރީން އިށީނެވެ. އޭނާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.
"މަންމާ ބަލަ." ނޫރާގެ އަޑަށް ޝެރީން ބަލާލިއެވެ. އެއާއެކު އޭނާއަށް އިށީނދެ އިންތަނުން ތެދުވެވުނެވެ. ނޫރާގެ އަތުގައި ހިފައިގެން ހެވިފައި ހުރި ކުޑަ ފިރިހެން ކުއްޖާ ފެނިފައި ހީވީ އޭނާގެ މެޔަށް ތޫނު އެއްޗެއް ހަރާލިހެންނެވެ. ސާރިމްގެ މޫނުމަތިން ފެންނަ މައުސޫމްކަން މިފަހަރު ޝެރީންގެ ހިތް ފަތަހައެއް ނުކުރެވުނެވެ. ސާރިމްއާ ނޫރާ އަތުގައި ހިފަހައްޓާލައިގެން ތިބި ގޮތް ޝެރީންއަށް ސިފަވީ ބިރުވެރި ހުވަފެނެއް ފަދައިންނެވެ. އެއީ ތަޤްދީރު ނިޔާ ކުރާ ގޮތްނަމަ ދުވަސްކޮޅަކުން އޭނާގެ ފިރިމީހާއާއެކު ހުންނާނީ ކުރީގެ ލޯބިވެރިޔާ ނޫރާއެވެ.
ޝެރީންއަށް ތެޅިގަނެވުނެވެ. ވަގުތުން ނޫރާގެ އަތުގައި ހިފާ ދަމައިގަނެވުނެވެ. ސާރިމްގެ އަތުން ނޫރާގެ އަތް ވަކިކޮށްލެވުނެވެ. ގެއަށް ދާން އަންނާށޭ ބުނެވުނެވެ.
"އަދި އިރުއޮއްސެންވެސް ކައިރިނުވޭ." ފަހަތުން ރަމްލާގެ އަޑު އަހާފައި ޝެރީން އަށް ހީވީ ބިންމަތީ ދެފައި ތަތްލެވީ ހެންނެވެ. ފަސްއެނބުރި ބަލާލި އިރު ރަމްލާ އައީ ކޮތަޅެއްގައި ޕޮޕްކޯން ހިފައިގެންނެވެ. އެފެނިފައި ސާރިމް ދުވެފައި ގޮސް އޭގައި ހިފައިފިއެވެ. ނޫރާގެ އަތުން ޝެރީންގެ އަތް ދޫވެގެން ދިޔައެވެ. ރަމްލާ ފެނިފައި ގަދަކަމުން ނޫރާ ގެންދާކަށް ޝެރީންއަކަށް ނުކެރުނެވެ. އޭނާ ކުރިން އިން ތަނުގައި ރަމްލާ އިށީންނަމުން އަންނާށޭ ބުނެލިއެވެ. އެ ދެކުދިން ދުވެފައިގޮސް ލޯމަތިން ގެއްލުނެވެ. ރަމްލާ މާލެ އައީ ކޮން ބޭނުމަކުތޯ ޝެރީން އަހާލިއެވެ. އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ފަދަ ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ރަމްލާ އައީ ނޫރާ ބަލާނަމަ އޭނާއަށް އޮތް ބިރުވެރިކަން ނިމުމަކަށް އައީއެވެ. (ނުނިމޭ)