"ކަލޭ ނޫރާއާ އިންނަން ހުރިއްޔާ އަހަންނަށް އެގޮތް އެންމެ ރަނގަޅު." ރަމްލާ ބުނެލިއެވެ. ހުސްނީގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނާގެ އެދުން ހާސިލްވާން މަގު ފަހިވެގެންދިޔައެވެ. އޭނާގެ ސިކުނޑީގައި އިތުރު ކަމަކަށް ވިސްނާނެ ޖާގައެއް ނެތެވެ. އެގޮތްވެސް އޭނާއަށް ހެވެވެ. އެކަމަކު ނޫރާ އިންނަން އެއްބަސްވެއްޖެއްޔާ ތާއެވެ. ހޮސްޕިޓަލުން ދޫކޮށްލާއިރަށް ނޫރާ ބޭނުންވާ މީހާ ހޯދަން ހިނގައިދާނެއެވެ. އެ ޚިޔާލުގައި ހުއްޓާ އެކަންވެސް ލުއި ކޮށްދިނީ ރަމްލާއެވެ.
އެކަމަކު އެވާހަކަ ނޫރާ ކައިރީ ދައްކާނެ ގޮތެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ދަރިފުޅު މަރުވެއްޖެއޭ ބުނާއިރަށް ނޫރާ އެކުއްޖާގެ މޫނު ބަލަންވެސް ބޭނުންވާނެއެވެ. އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައި ހުއްޓާ ދަރިފުޅުގެ ބަރުދަން ހަމަވެ ހޮސްޕިޓަލުން ދޫކޮށްލާކަމުގެ އުފާވެރި ޚަބަރު ނަރުހުން ދިނެވެ. ނޫރާގެ އަތަށް ދަރިފުޅު ލިބުމުން އުފަލުން އެކުއްޖާގެ މުޅި މޫނުގައި ބޮސްދިނެވެ. އެދުވަހު އޭނާ ދަރިފުޅަށް ދޭނެ ނަމަކާ މެދު ވިސްނާފައިވާ ކަމަށް ހާމަކުރިއެވެ. ސާރިމް ކިޔަން ބޭނުންވީ އެއީ އެ ދަރިފުޅުގެ އަސްލުކަމަށްވާތީއެވެ.
ރަމްލާ އެކަމާ ހިތްހަމަނުޖެހުނެވެ. އަދި ސާރިމްއަކީ ކާކުކަން ހުސްނީއަށް އެނގުނު ދުވަހަކީ އެއީއެވެ. ނޫރާގެ ހާލުބަލައިލަން ވަގުތު ނުވި މީހަކަށްޓަކައި އެ ހިތުގައިވާ ލޯތްބާއި އިތުބާރު ފެނިފައި ހުސްނީ ބިރުގަތެވެ. އެހިތުގެ މައްޗަށް އޭނާ ކުރި ހޯދާނެ ގޮތެއް ނޭނގެއެވެ.
ހޮސްޕިޓަލުން ދެމައިން ދޫކޮށްލުމުން ހުސްނީ ގެންދިޔައީ އޭނާ ހިފައިދިން ކޮޓަރިއަށެވެ. ރަމްލާ ފުރަން ތައްޔާރުވަމުން ދިޔައެވެ. އެރޭ ހުސްނީ ގާތު ރަމްލާ އެދުނީ އޭނާގެ އިތުރު ރޭވުމެއްގައ ހުސްނީ ބައިވެރިވެ ދިނުމަށެވެ. އެރޭ ނޫރާއަށް ނިދާ ބޭސް އަޅާފައި ޖޫސްތަށި ގިރީ ރަމްލާގެ އަތުންނެވެ. އެތަށި ގެންގޮސްދިނީ ހުސްނީއެވެ. ދެމައިން އަރާމު ކުރަން ބުނެފައި ހުސްނީ ނިކުތެވެ. އޭނާ ހުރީ ފާރައަށެވެ. ނޫރާ ނިދާ ގަޑިއަކަށް ބަލަބަލައެވެ. އެމީހުންގެ ރޭވުން އެރޭ ކާމިޔާބުވެގެން ދިޔައެވެ. ނޫރާއަށް ފަތިހު ހޭލެވުނު އިރު ދަރިފުޅު ނެތްކަން އެނގުނެވެ. އަދި ރަމްލާ ދަމުން ދަރިފުޅު ބަލަން ގެންދިޔައީކަމުގައި ހުސްނީ ބުންޏެވެ. އޭނާ ނަޞޭހަތް ދިނީ ކެއްތެރިވުމަށެވެ. ނޫރާ މާލެ އައި ބޭނުން ފުރިހަމަ ވުމަށްފަހު ދަރިފުޅު ބަލާ ދެވިދާނެ ނޫންހޭ ހުސްނީ ބުނުމުން ނޫރާ އެގޮތާއި ރުހުނެވެ. ހުސްނީއަށް އިތުބާރު ކުރެވުނެވެ. ސާރިމް ހޯދުމަށް ހުސްނީ އެހީވާނެކަމަށް ހީކުރެވުނެވެ. އެކަމަކު ނޫރާއަށް ނޭނގި ނަމަވެސް ހުރެވުނީ ބަންދުވެފައިވާ ހަތަރުފާރުގެ އެތެރޭގައެވެ.
ސާރިމްއަށް ކިޔައިދެން ހުސްނީ ގަސްތު ކުރީ އެހިސާބަށެވެ. ރަމްލާގެ ގޯސްކަން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ތިލަވިޔަކަ ހުސްނީ ނުދިނެވެ. ކަމުގެ ހަޤީޤަތް އެނގޭނީ އޭގެ އެންމެ ފުނަށް ވާސިލްވުމުގެ ނިޔަތުގައި ވިސްނާ މީހަކަށެވެ. ހުސްނީގެ ފަރާތުން ކަންތައްތަކެއް ދިމާނުވިނަމަ ނޫރާ މިއަދު ހަމަބުއްދި ފިލާފައި ނުހުރީހެވެ.
"ރަމްލާ ހަވާލުނުވިއަސް އޭނަ ގުރައިދުއަށް ނުފޮނުވާތި." ސާރިމް ވިސްނުން ހުރީ މިހާރު ނޫރާއާ ހަވާލުވުމެވެ. ފާއިތުވި ދުވަސްތަކުގައި އޭނާއަށް ހެދުނު ގޯސް ތަކުރާރުނުކުރުމެވެ.
"އަހަންނަކަށް ނުބެލޭނެ." ހުސްނީ ރުޅިގަދަވިއެވެ. ނޫރާގެ ޒިންމާ ނަގައިގެން އޭނާއަށް ހާސިލްވީ ކަމެއް ނެތެވެ.
"އަހަރެން ބަލައިފާނަން." ސާރިމް ބުނެލިއެވެ. އެޖަވާބުން ހުސްނީ ހައިރާންވިއެވެ. އެކަމަކު އޭނާ އުފާވެސްވިއެވެ. ބޮޑު ބުރައެއް އޭނާގެ ބޮލުން ވަކިވިފަދައެވެ. ސާރިމްގެ މޫނަށް ހުސްނީ ބަލައިލިއެވެ. ދެން ބޯޖަހައިލީ އެންމެ ރަނގަޅޭ ބުނާފަދައިންނެވެ.
ޝެރީން ހޭލި އިރު ސާރިމް ގެއަކު ނެތެވެ. ބައްޕަ ނެތިގެން ނޫރާވެސް ޝަކުވާ ކުރިއެވެ. ބޮޑު ކަމެއް ޖެހިގެން ނޫނީ ސާރިމް ނުބުނެ ނުދާނެކަން ޝެރީންއަށް އެނގެއެވެ. ސާރިމް އައުމުގެ ކުރިން ސައި ތައްޔާރުވިތޯ ބަލަން ޝެރީން އަވަސްވެގަތެވެ.
ސާރިމް ގެއަށް އައިސް ތައްޔާރުވީ އޮފީހަށް ދާށެވެ. ފަތިހު ދިޔަތަނަކާ ބެހޭގޮތުން ޝެރީން ސުވާލެއް ނުކުރެއެވެ. ސާރިމް ހުރީ އެކަމާއި ހިތްހަމަޖެހިފައެވެ. އޭނާގެ ނުތަވަސްކަން ފިލައި ދިޔައީ ޝެރީން އެއްވެސް ސުވާލެއް ނުކުރުމުންނެވެ. ދޮގު ހެދުން އާދައަކަށްނުވިއަސް ސާރިމް ހުރި ދޭނެ ޖަވާބު ނިންމައިގެންނެވެ.
"ހަވީރު އަވަހަށް ގެއަށް އަންނައްޗެ." ސައިތަށި ބަހައްޓަމުން ޝެރީން ބުނެލިއެވެ. ގަމީހުގެ އަތްކުރީގެ ގޮށް އަޅަމުން ސާރިމް ބަލައިލީ ޝެރީންގެ މޫނަށެވެ. އެ މޫނުން ޝަކުވާގެ އަސަރު ފެންނާކަށް ނެތެވެ. ހިނިތުންވެލައިގެން ހުރެ ގެއަށް އާދެވިދާނެތޯ އަނެއްކާވެސް އަހައިލިއެވެ.
"ޚާއްސަކަމެއް އޮތީތަ؟" ސާރިމް އަހާލިއެވެ. އޭނާ އިނީ ގެއަށް އާދެވޭނެއޭ ބުނަންވެސް ޖެހިލުންވެފައެވެ. އޮފީހުގައި އުޅެމުންވެސް ހޮސްޕިޓަލަށް ގޮސް ނޫރާގެ ހާލުބަލަންޖެހޭނެއެވެ. ގެއަށް އާދެވޭނީ ކޮންއިރަކުކަން ބުނަން ދައްޗެވެ.
"އައީމަ އެނގޭނެ" ޝެރީން ބުނަން ގަސްތެއް ނުކުރިއެވެ. ސާރިމްއަށް އޭނާގެ ޕްލޭން އެނގިފައި ނެތުމުން އެކަމާ ޝެރީން އުފާވިއެވެ. މިއަދަކީ ކޮން ދުވަހެއްކަން ސާރިމް ހަނދާންނެތީކަން ޝެރީންއަށް ޔަޤީންވެގެން ދިޔައެވެ. މިފަހަރު ސަޕްރައިޒް ދެވޭނީ އޭނާއަށެވެ. ސާރިމް ހިތުން ފިލައިގެންނުދާވަރުގެ ޚާއްސަ ކަމެއް ކުރެވޭތޯ ޝެރީން ވިސްނަމުން ދިޔައެވެ.
"ވިލް ޓްރައި." ސާރިމް ތެދުވެ ޝެރީންގެ ކޮނޑުގައި އަތްޖައްސާލިއެވެ. ދަނީއޭ ބުނެލީ ކޮލުގައި އަތްޖައްސާލާފައެވެ. ޝެރީންއަށް ހިނިތުންވެލަމުން ދާން ހިނގައިގެން އިރު ސާރިމްގެ ހިތަށް ނޭނގޭ ނުތަނަވަސްކަމެއް ލިބުނެވެ. އޭނާގެ އަމަލުތަކުގައި ހުރި ދެއްކުންތެރިކަން އެނގިދާނެކަމުގެ ބިރު އޮތެވެ. ޝެރީންގެ ކޮލުގައި އަތްޖައްސާލުންވެސް މިއަދު ވީ ބުރައަކަށެވެ. ލޯބިނުވާތީކީ ނޫނެވެ. ސާރިމް ކުރަން ނިންމި ކަންތައް އަނބިމީހާއަށް އެނގެން ބޭނުން ނުވަނީ ހިތުގައި އުފެދޭ ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެއީ އެއްވެސް އަންހެނަކު ރުހޭނެ ކަމެއް ނޫނެވެ.
ޝެރީން މެންދުރުފަހު ބާޒާރުކުރަން ނިކުތެވެ. އޭނާ ސާރިމްއަށް ޚާއްސަ ހަދިޔާއެއް ގަތެވެ. މިރޭގެ ކެއުން ޚާއްސަވާ ފަދައިން އެގަޑީގައި ޝެރީން ލާނެ އާ ހެދުމެއްވެސް ގަތެވެ. ޝެރީން ގެއަށް ވަންނަން އައި ގަޑީގައި ކަމާލް ނިކުންނަނީ ބޮޑު ފޮއްޓެއް ހިފައިގެންނެވެ. ކަމާލްއަކީ އެގޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެކަކެވެ.
"ކަމާލް ކޮންތާކަށް؟" ޝެރީން ގޮވާލުމުން ކަމާލް ހުއްޓުނެވެ. ތިރީގައި ހުރި ފޮއްޓަށް ބަލާލިއެވެ. އޭނާ ފުރައިގެން ދަނީބާއޭ ޝެރީން ހިތަށް އެރިއެވެ. ކަމާލް ޗުއްޓީގެ ވާހަކަ ބުނެފައި ނެތެވެ.
"ބޭބެ ބުނެގެން ދުސްތޫރަށް ބަދަލުވަނީ." ކަމާލް ޖަވާބު ދިނެވެ. އެއީ ސާރިމް ބުނެގެންކަން ޝެރީންއަށް ނަގައިގަނެވުނެވެ. ދުސްތޫރަކީ ޝެރީންގެ ބައްޕަގެ މުސްކުޅި ގެއެވެ. އެތަނުގައި އެއް އެޕާޓްމެންޓް އަބަދުވެސް ހުސްކޮށް ބަހައްޓާފައި ވަނީ ޝެރީންމެންނަށެވެ. އެތަން ހުންނަނީ ހުސްކޮށެވެ. ވީއިރު ކަމާލް އެތަނަށް ބަދަލުކުރާ ސަބަބެއް ޝެރީންއަކަށް ނުވިސްނުނެވެ. އެ ސުވާލު ކަމާލްއާ ކޮށްގެން ލިބޭނެ ޖަވާބު ހޯދުމުގެ ބަދަލުގައި ސާރިމްއާ ކުރުން ރަނގަޅުވާނެއޭ ހިތަށް އަރައި ޝެރީން ވަނީ އެތެރެއަށެވެ.
ލޯގަނޑުގެ ކުރިމަތީގައި ހުރެފައި ޝެރީން ބަލައިލީ އޭނާ ލައިގެން ހުރި ހެދުމަށެވެ. ރަތްކުލައިގެ މެކްސީ އާއެކު އެއްވެސް ގަހަނާއެއް ބޭނުން ކުރަން ޝެރީން ބޭނުމެއް ނޫނެވެ. އިސްތަށިގަނޑި އޮމާންކޮށްލާފައި އެލުވާލާފައި ހަމައެކަނި ތުންފަތުގައި މަޑު ފިޔާތޮށިކުލަ ޖައްސާލިއެވެ. އެނދުގައި ނިދިފައި އޮތް ނޫރާއަށް ޝެރީން ބަލައިލިއެވެ. ހަވީރު އަންނަން ބުނެފައި އޮތް ނަމަވެސް ސާރިމްގެ ޚަބަރެއް އަދިވެސް ނުވެއެވެ. އެހެންވިއަސް އޭނާއަށް ވަރިހަމައެވެ. ލަސްވެގެން ޝެރީން ނުގުޅާނެއެވެ. ޝެރީން ނިކުމެ ސޯފާގައި އިށީނެވެ. ސާރިމް އާދޭތޯ ވަގުތުގުނަން ފެށިއެވެ.
ގޭގެ ދޮރު ހުޅުވާފައި އެތެރެއަށް ވަން ސާރިމްގެ ނޭފަތުގައި ޖެހުނީ އުއްބައްތީގެ މީރުވަހެވެ. ގޭތެރެ ހުވަދުލާފައިވާ ފަދައެވެ. އުއްބައްތީގެ ރަންއަލި ފިޔަވައި އެތަނުގައި އެއްވެސް އަލިކަމެއް ނެތެވެ. ސާރިމްއަށް ފެނުނީ އޭނާގެ އިންތިޒާރުގައި ސޯފާގައި އިން ޝެރީންއެވެ. ސާރިމް ފެނުމުން ތެދުވެ މަރުޚަބާ ކިޔާލިއެވެ.
"ހެޕީ އެނިވާސަރީ." ޝެރީންގެ ތުންފަތް ޖައްސަލީ ސާރިމްގެ ކަނދުރާގައެވެ. ލޯބިން ބޮސްދިނެވެ. ޝެރީންގެ އުނަގަނޑުގައި ސާރިމް ހިފަހައްޓާލިއެވެ. ވަރުބަލިވެފައިވިއަސް ޝެރީން ދުރަށްލާކަށް ނުކެރުނެވެ. މިރެއަށްޓަކައި ޝެރީންވީ ތައްޔާރީ ފެނިފައި އޭނާވެސް އުފާވިއެވެ. އެންމެ ފުރަތަމަ ކަމަކަށް ސާރިމް ޝެރީންގެ ކިބައިން މަޢާފަށް އެދުނެވެ. މިއަހަރު އޭނާ ކުޑަކޮށްވެސް ހަނދާންނެތެވެ.
"އެހެންވެ އަހަރެން މިހުރީ އުފަލުން." ސާރިމްއާ ދުރަށްޖެހިލާފައި ބުނެލިއެވެ. ސާރިމްގެ އަތުގައި ހިފައިގެން މެހެމާނުންގެ ކޮޓަރިއަށް ޝެރީން މިސްރާބު ޖެހިއެވެ.
އެކޮޓަރީގެ ދޮރުން ވަނުމާއެކު ސާރިމް އަށް ހީވީ ޚިޔާލީ ދުނިޔެއަކަށް ވަދެވުނު ހެންނެވެ. އެނދުގެ ތަންމައްޗާއި މުށިތައްމަތި ފުރާފައި ވަނީ ފިނިފެންމަލުގެ ފިޔައިންނެވެ. ރޯވެ އަނދަމުންދިޔަ އުއްބައްތިތަކުގެ މީރުވަހާއެކު އޭނާގެ ވަރުބަލިކަން މުޅިން ފިލައި ދިޔައެވެ. ސާރިމް ގެނެސް އެނދުގައި ބައިންދާފައި ޝެރީން ހުއްޓުނީ ކުރިމަތީގައެވެ. މެކްސީގެ މަތިން ލައިގެން ހުރި ލޭސް ގައުނު ގަޔާއި ވަކިކޮށްލިއެވެ. ދެން އައިސް ސާރިމްގެ އުނގުމަތީ އިށީނެވެ.
"މިރޭ މިއީ އަހަރެމެންގެ އަލަތު ކައިވެނީގެ ރެއަށްވުރެ އުފާވެރި ރެއަކަށް ހަދަމާ." ޝެރީން ދެއަތުން ސާރިމްގެ ކަނދުރާގައި ފިރުމާލިއެވެ. އެ ބީހުމުގައި އިތުރުކަމަކަށް ދައުވަތު ދެނީކަން ހާމަވެގެން ދިޔައެވެ. ސާރިމް ޝެރީންގެ މޫނަށް ބަލާލިއެވެ. ޝެރީންގެ ދައުވަތު އޭނާއަށް ފަހުމްވެގެން ދިޔައެވެ. ދެމީހުންގެ މެދުގައި އެފަދަ އުފާވެރިކަމެއް ނުހިނގާތާ ވަރަށް ދުވަސްވެއްޖެއެވެ.
ސާރިމްގެ ކޮނޑުގައި އަޅާ އެނދާއި ދިމާލަށް ކޮއްޕާލިއެވެ. ޝެރީން އޭނާގެ އިސްތަށިގަނޑު މައްޗަށް ހުޅިއަކަށް އައްސާލާފައި ސާރިމް އާއި ދިމާލަށް ތިރިވިއެވެ. އެވަގުތު ސާރިމްގެ ފޯނު ރިންގުވިއެވެ. ސާރިމްގެ ސަމާލުކަން އަތުލެވޭތޯ ޝެރީން ބެލިއެވެ. ފޯނު ނަގަން ގެންދިޔަ އަތުގައި ހިފަހައްޓާފައި ގެނެސް ބާއްވައިލީ އޭނާގެ ބުރަކަށީގައެވެ. މިވަގުތު އިތުރު ކަމަކަށް ފުރުޞަތު ނެތްކަން ޝެރީން ހާމަކޮށްދިނެވެ. އޭނާ ހަރަކާތް އަވަސްކޮށްލާފައި ސާރިމް ލައިގެން ހުރި ގަމީސް އެހަށިގަނޑާއި ވަކިކޮށްލަދިނެވެ.
އަނެއްކާވެސް ކުޑަވަގުތުކޮޅެއް ފަހުން ސާރިމްފެ ފޯނު ރިންގުވިއެވެ. ޝެރީން އެއްފަރާތްކޮއްލާފައި ސާރިމް ތެދުވިއެވެ. ޖީބުން ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. އޭނާ މިދަނީއޭ ބުނެލިއެވެ. ޝެރީންގެ މޫނަށް ސާރިމް ބަލައިލީ ލަދުގެންފައިވާ ހާލުގައެވެ. އޭނާއަށް ދާންޖެހިއްޖެއޭ ބުނަން ޖެހިލުންވިއެވެ. މި ޚާއްސަ ރޭ ޝެރީންއަށް ވަގުތުކޮޅެއް ދެވެން ނެތް ވާހަކަ ބުނަން ދެރަވެސްވިއެވެ.
"ސޮރީ." ސާރިމް ގުދުވެފައި ނެގީ އެނދުގެ ތިރިއަށް ވެއްޓިފައި އޮތް ގަމީހެވެ.
"ސާރިމްއަށް މިރޭވެސް މުހިންމީ އޮފީސް މަސައްކަތްތަ؟" ޝެރީން ތެދުވެފައި އަހާލިއެވެ. އޭނާ ކުރި މަސައްކަތް ކޮޓަރީގެ ކޮންމެ ދިމާލަކުންވެސް އެހުރީ ފެންނާށެވެ.
"އަހަރެން އަންނާނަން ވީ އެންމެ އަވަހަކަށް." ސާރިމް ތަފްސީލް ދޭން ގަސްތެއް ނުކުރެއެވެ. އޭނާ މިދަނީ އޮފީހަކަށް ނޫނޭވެސް ބުނަން ބޭނުންނުވީއެވެ. ޝެރީން ސާރިމްގެ ނަމުން ގޮވާލި އަޑު އިވުނު ކަމަށް ނުހަދައި ސާރިމް ހިނގައިގަތެވެ. ސާރިމްގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުން ޝެރީން އިނީ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ސާރިމް ނިކުމެ ދޮރުލެއްޕި އަޑަށް ޝެރީން ތެދުވެފައި އަތުންޖަހައި ވައްޓާލީ މޭޒުމަތީ އޭނާ ބޭއްވި ހަދިޔާއެވެ. ދެން އެފަދަ އަނެއް ހަމަލާ ދިނީ މޭޒުމަތީގައި ހުރި އުއްބައްތި ތަކަށެވެ. މުށިތަކުގައި ޖެހިފައި އުއްބައްތިތައް ބުރައިގެން ދިޔައެވެ. ކުރި އަސަރުން އޭނާގެ ހިތް ކުދިކުދިވި ފަދައިންނެވެ.
(ނުނިމޭ)