"ކަލޭ ކޮންއިރަކު އޭނަ ވަރިކުރީ؟ އޭނަގެ ފަރާތުން އެއްވެސް އުފަލެއް ނުލިބޭނެތީ ވަރިކޮށްލީތަ؟" ހުސްނީ ވާހަކަ ދެއްކި ރާގަށް ސާރިމް އަހާލިއެވެ. ހުސްނީ ލަދުގަންނުވާލަން ސާރިމް ބޭނުންވިއެވެ. ބޮޔަ ހަށިގަނޑަކާއި ލާފަ ހުރި ބޮޑު ތުނބުޅިއަކުން އަދި ފިރިހެނަކަށްނުވިތާއޭ ބުނަން ހިތަށް އެރިއެވެ. އަނބިމީހާ ބަލިވި ދުވަހު އަޅާނުލާ މީހަކަށްވުރެ ވަކި ފިނޑިއަކު ނުވެއެވެ.
"އެއްވެސް އިރަކު އަހަރެން އޭނަ އަކާއި ނީންނަން." ހުސްނީ ރައްދުގައި ބުނެލިއެވެ. ސާރިމްގެ ދޫ ބަންދުވެގެން ދިޔައެވެ.
މަޔަކު ދަރިއަކާއި ބެހޭގޮތުން އެހާ ބައިވަރު ދޮގުތަކެއް ހަދާފާނެކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ނޫރާގެ ވާހަކަ އަހާ ކޮންމެ ފަހަރަކު ރަމްލާގެ ޖަވާބަކަށްވީ ރަމްލާ މީހަކާއި އިނދެގެން އުފަލުގައި އުޅޭކަމެވެ. އެއީ ކީއްވެކަމެއް ނޭނގެއެވެ. އެސުވާލުގެ ޖަވާބަށްވުރެ މާ ހައިރާންވީ ހުސްނީ ހަ އަހަރުވަންދެން ނޫރާ ބެލެހެއްޓި ވާހަކަ އަހާފައެވެ.
"އަހަންނާއި އިންނަން އޭނަ އެއްބަސްވާނެކަމުގެ އުއްމީދުގައި އަހަރެން މިހާ ދުވަހުވެސް މި ބެލީ، ދެން އިތުރަކަށް ނުބެލޭނެ." ހުސްނީ ގެ މޫނުމަތިން ފެނުނީ މާޔޫސްވެފައިވާތަނެވެ. ސާރިމްއަށް ލަދުން އިސްޖަހާލެވުނެވެ. ނޫރާ ދެކެ އޭނާއަށްވުރެ ބޮޑަށް ހުސްނީ ލޯބިވާކަމަށް އިއުތިރާފްވެވުނެވެ. ސާރިމް އަކީ ދުނިޔޭގެ ލަދަށް ފިލަން ދުވެފައި އައި މީހެކެވެ. ކުށްހީތަކެއްގައި ހުރެ ނޫރާގެ މަތިން ހަނދާންނައްތާލި މީހެކެވެ. ޝެރީން އާއި ކައިވެނިކުރިފަހުން ނޫރާ އަށް ނުފެނި އުޅެވޭނެ މަގެއް ފެނޭތޯ ދުޢާކުރެވުނެވެ. އޭނާއަށް ހީވީ ނޫރާ އައިސް އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާނެހެންނެވެ.
"ރަމްލާ ކީކޭ ބުނީ؟" އިރުގަނޑަކަށްފަހު ސާރިމް އަހާލިއެވެ.
"އަބަދުވެސް އޭނަ ދޭ ޖަވާބު ދިނީ." ހުސްނީ މަޑުމައިތިރިކަމާއި އެކު ވާހަކަ ދެއްކިއެވެ. އިތުރަށް އެ ޖަވާބު ތަފްސީލްކޮށްދިނުމުގެ ބަދަލުގައި ހުސްނީ އިނީ ހިމޭންވެފައެވެ. ރަމްލާ އަބަދު ހުސްނީއަށް ދެނީ ކޮން ޖަވާބެއްކަމެއް ސާރިމްއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ފުންނޭވާއެއް ދޫކޮށްލާފައި ހުސްނީ ބަލައިލީ ގަޑިއަށެވެ. ޑޮކްޓަރު ވަކި ޖަވާބެއް ދެއްވާނެކަމަށް ބުނެފައި ވާކަން ހަނދާންވިއެވެ.
"ބަލާ އަންނާނެތަ؟" ސާރިމްގެ ކެއްތެރިކަން ކުޑަވިއެވެ.
"ކާކުތަ އެއީ؟ ދަރިންނަށް ހެޔޮވެސް ވާނީ މައިވަންތަކަން ހުރިނަމައެއްނު، އޭނަ ބުނީ މަރުވެފައިވާ މޫނު ބަލަންވެސް ނުގުޅާށޭ، އެވަރުގެ މީހެއް އެއީ. އޭނަ އައީ އެންމެ ފަހަރަކު، އެއީ މީގެ ހަ އަހަރުކުރިން ނޫރާ ވިހައިގެން އޮއްވާ، އެވެސް އާދޭސްކޮށްގެން، އަހަރެން ބުނިން ރަށު އޮފީހަށްވެސް އަންގާނަމޭ ނޫރާ ހޮސްޕިޓަލުގައި ބަލާނެ މީހަކު ނެތިފައި އޮތް ވާހަކަ، އެހެންވެ އޭރު އައީ، ރަށުމީހުންނަށް އެނގިދާނެތީ، އެއީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއް ނޫން،" ހުސްނީ ގެ މޫނުމަތިން ހަރުކަށިކަން ފެނުނަސް އޭނާ އަކީ އެހައި ހަރުހިތެއްގެ ވެރިއެއް ނޫންކަން ހާމަވެގެން ދިޔައެވެ. ހުސްނީ ނިއުޅައިލީ އެދުވަހު ކަން ހިނގައިދިޔަ ގޮތެވެ.
** **
ނޫރާ ފުރުވާފައި ގެއަށް ވަންއިރު ހުސްނީގެ މާމަ އޮތީ އަނބުރައިގަނެގެން ވެއްޓިފައެވެ. ނޫރާ ފުރައިގެން ދިއުމުން ވީ ދެރައިން ހިތަށް ކުރި އަސަރުން ދިމާވިކަމެއްކަން އެނގުނީ ރަށު ސިއްޚީމަރުކަޒަށް ގެންގޮސް ހޭއެރިފަހުންނެވެ. މާމަ އުމުރު ހޭދަވީ ހުސްނީއަށްޓަކައެވެ. ހުސްނީ ކައިވެނިކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެވާހަކަ ދައްކާތާ ދެ އަހަރުވެގެން ހިނގައްޖެއެވެ. މާމަ އަކީ މާބޮޑަށް ކަންތަކާއި ވިސްނާ މީހެކެވެ. ނޫރާ އެގެއަށް ގެނެސް އެއީ ރައްޓެއްސެކޭ ހުސްނީ ބުންޏެވެ. އަދި ނޫރާ ފުރާނެކަމުގައިވެސް ބުނެދިނެވެ. ނޫރާ އާއި މާމަ ވާހަކަ ދައްކައިލީ މަދު ވަގުތުކޮޅަކަށެވެ. މާމަގެ ލޯބޯކޮށިކަމުން ނޫރާގެ ސިފަވެސް ފެނުނީކީ ނޫނެވެ. އެކަމަކު މާމަގެ ހިތުގައި ނޫރާއަށް ދެވުނު ޖާގަ މަތިވެރިކަމުން ލޯ ހުޅުވާލުމާއި އެކުވެސް އެދުނީ ނޫރާ އާއި ކައިވެނިކުރުމަށެވެ.
ހުސްނީ ޖަވާބެއް ނުދިނުމުން އެކަމާއި ދެރަވެގެން އުޅެފައި އެރޭ އަނެއްކާވެސް ހާލު ގޯސްވިއެވެ. ޑޮކްޓަރުން ލަފާކުރީ ހިތް ހުއްޓެން އުޅެނީކަމަށެވެ. ވަގުތުން މާލެ ފޮނުވާލެވުނެވެ. ހޮސްޕިޓަލުގައި މާމަ ގޮވައިގެން އުޅެނިކޮށް އެއް ދުވަހަކު ވިއްސާކޮޓަރި ކައިރިން ނަރުހަކު ނޫރާގެ އެހީތެރިއަކު އެބަހުރިހޭ ހަރުއަޑުން ގޮވާލިއެވެ. ކޮރިޑޯގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު ތެދުވާކަށް ނޫޅުނެވެ. ދެވަނަ ފަހަރުވެސް ނަރުސްކުއްޖާ ގޮވާލުމުން ހުސްނީ މަޑުކޮށްލާފައި ކިހިނެއްވީތޯ އަހާލެވުނެވެ. މަގުމަތިން ބަޔަކު ގެނައި މި ބަލިމީހާގެ އެއްވެސް އެހީތެރިއަކު އަދި ނެތްކަމަށް ނަރުސްކުއްޖާ ބުނެލިއެވެ. ވިހަން ކައިރިވެފައިވާއިރު ބޭބީގެ އެއްވެސް އެއްޗެއް ނެތުމުން އެހީތެރިއަކު ހޯދަނީކަމަށްވެސް ބުންޏެވެ. ހުސްނީގެ މޭ ތެޅިލިއެވެ. ވިއްސާކޮޓަރީގައި އޮތް ބަލިމީހާގެ މޫނު ނުފެންނަނީސް އެއީ ދަންނަ މީހެއްކަމެއް ދެނެގަންނާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.
"ކޮން އެއްޗެއް ގެނެސްދެންވީ؟" ހުސްނީ އަހާލިއެވެ. އެވަގުތު ނަރުސްކުއްޖާ އަހައިލީ ބަލިމީހާ ދަންނަންތޯއެވެ.
"ﷲއަށްޓަކައި އެހީތެރިވާން ބޭނުން،" ހުސްނީގެ ޖަވާބު އަހާފައި އެކުއްޖާ ބުނާނެ އެއްޗެއް ނޭނގިފައިހުއްޓެވެ. ލޮލުން ކަރުނަ ހިލުނުތަން ފެނުނެވެ. އެބަ އަންނަމޭ ބުނެފައި އެތެރެއަށްވަދެފައި ނިކުތީ ލިސްޓެއް ލިޔެލައިގެންނެވެ. އޭގައި ބަލިމީހާއަށް މިވަގުތު ބޭނުންވާ ހުރިހާ އެއްޗެއް ލިޔެފައިހުއްޓެވެ.
ހުސްނީ އެ އެއްޗެހި ހަމަކޮށްގެން ގެނެސްދިނެވެ. އެއީ ހަޤީޤަތުގައިވެސް ހެއްދެވިފަރާތަށްޓަކައި އޭނާ ކޮށްދިން ހެޔޮކަމެކެވެ. ދެން އެނބުރި ގޮސް އައި ސީޔޫގެ ބޭރުގައި މަޑުކޮށްލައިގެން އިނެވެ. އެތަނުގައިވެސް ދެތިން މީހަކު ތިއްބެވެ. މާގިނައިރެއްނުވެ ފެނުނީ ނަރުސްކުއްޖަކު ތުއްތު ކުއްޖަކު ރަޖައަކަށްލައިގެން ދުވެފައި އައިސް ވަންތަނެވެ. އޭގެފަހަތުން އައިސް ވަނީ ދެންމެ ވިއްސާކޮޓަރިކައިރިން ވާހަކަ ދެއްކި ކުއްޖާއެވެ. އޭނަ ފެނުމުން ހުސްނީ ތެދުވެފައި އެދެމައިންގެ ހާލު ރަނގަޅުތޯ އަހާލިއެވެ. ބޭބީ ހާލު ދެރަވެގެން އުޅޭ ވާހަކަ އާއި އެން އައި ސީޔޫއަށް ގެންދާކަމަށް ބުނެފައި އެކުއްޖާ ހިނގައިގަތެވެ. ހުސްނީ އެނބުރި ވިއްސާކޮޓަރި ކައިރިއަށް އާއިރު އެތަން އޮތީ ހުސްކޮށެވެ. އަދިވެސް އެ ބަލިމީހާގެ އެހީތެރިޔާއެއް ނެތެވެ.
ފަހުންވެސް އޭނާ ޚަބަރުބަލައިލިއެވެ. ދިމާވީ ނޫރާ ވޯޑަށް ބަދަލުކުރަން އުޅެނިކޮށެވެ. އެއީ އޭނާގެ މާމައަށްޓަކައިވެސް ހޯދަންޖެހޭ ކުއްޖާއެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތް ދެވުނު އަންހެންކުއްޖާއެވެ. ހަމަ އެ ނޫރާއެވެ. ނޫރާ އޮތީ ހާލުދެރަވެފައެވެ. ވޯޑަށް ބަދަލުކުރާއިރުވެސް އެއްވެސް އެހީތެރިއަކު ނެތެވެ. ހުސްނީ ހިތަށް އެރިއެވެ. ނޫރާ ބުނި ލޯބިވެރިޔާ ކޮބައިބާވައެވެ؟ މިއީ ހުރިހާ ސުވާލުތަކެއް ކުރަންވީ ވަގުތެއް ނޫނެވެ. ނޫރާ ގެންދިޔަ އެނދާއި ހަމަޔަށް ހުސްނީވެސް ދިޔައެވެ. ނޫރާ ލޯ ހުޅުވައިލީ ހުސްނީ ގޮވާލި އަޑަށެވެ. ހުސްނީގެ މޫނުފެނިފައި އޭނާ ފެށީ ރޯށެވެ.
ދުވަސްނުފުރާ ވިހެއި ދަރިފުޅުގެ ހާލު ދެރައެވެ. އެކަމާއި ނޫރާ ފިކުރުބޮޑުވެފައިވާތަން ފެނުނެވެ. ނަރުސްކުދިން ދަރިފުޅު ގެންނަ ވަގުތުތަކުގައި ގާތުން ނުދެވި މާބޮޑަށް ރޮވޭފަހަރު ދެއެވެ. އެވަގުތުތަކުގައި ނޫރާއަށް ހިތްވަރުދޭން ހުރީ ހުސްނީ އެކަންޏެވެ. ދެވަނައަށް ވީ ދުވަހު ހުސްނީއަށް އެހުރިހާ ސުވާލެއްނުކޮށް ނުހުރެވުނެވެ. ސާރިމް އާއި ގުޅޭނެ ގޮތެއް ނެތިގެން ނޫރާ އިނީ ޖަވާބު ނުދެވިފައެވެ. ދެން ހުރީ ރަމްލާއެވެ. މަންމައަށް ގުޅަން އެއްބަސްވީ އެ ނޫން ގޮތެއް ނެތިގެންނެވެ. ރަމްލާއަށް ގުޅައިދިނުމުން ނޫރާ އެ ފޯނުގައި އިނދެ މާ ގަދައަށް ރުޔެވެ. އެންމެފަހުން ފޯނު އަތުލައި ހުސްނީ ކަންފަތާއި ކައިރިކުރުމުންވެސް އިވުނީ ރަމްލާގެ ވިހަ ބަސްތަކެވެ.
އެރޭ ހުސްނީގެ ލޭ ކެކިގަތެވެ. ދަރިންނަށް އެޅޭ ގޯސް ފިޔަވަޅުތަކުގެ ސަބަބުން މައިންބަފައިންގެ އަނބުރާއި އިއްޒަތް ނެތިދާ ހާލަތްތަކުގައި އޮންނަނީ އެދަރިން ބިކަކޮށްލުން ނޫންކަމުގައި ރަމްލާގެ ގާތުގައި ހުސްނީ ބުންޏެވެ. އޭނާއަށް ނޫރާ ކައިވެނި ނުކުރާކަން އޮތީ އެނގިފައި އޮތުމުން ހީކުރީ އެފަދަ ފާފައަކަށްފަހު ނޫރާ ބަލައިގަންނަން ބޭނުންނުވަނީކަމުގައެވެ. ނޫރާ އަމިއްލައަށް މައިންބަފައިންގެ ވާހަކަ އެއް ނުދައްކައެވެ.
"އަހަންނަށް ވަރިހަމަ އޭނަ މަރުވިއަސް، ވިހެއި ދަރިއާއި އެކު މިގެއަށް ނުވަނިއްޔާ ރަނގަޅީ، އަދި ބުނަން އެދެމައިން މަރުވިއަސް ކަލޭ ނުގުޅައްޗެ." ހުސްނީ އާއި ދިމާލަށް ރަމްލާ ބުނެލިއެވެ.
"ދަރިންގެ ހާލު ނުބަލައި މަޔަކަށް ކެތެއްނުވާނެކަމަށް އަހަރެން ހީކުރީ، އަހަރެން މިގުޅައިދިނީ ކަލެއަށްވެސް ހެވަކަށް، އަހަރެން މިތަނުން ދާ ފަހަތުން ނޫރާގެ އެހީތެރިއަކު ނެތިގެން ޓީވީތަކުން ކަމެއް ނޭނގޭ ގޮވާނީކީ، ނޫރާ އާއި ހަވާލުވާން ނައިސިއްޔާ ތިރަށު އޮފީހަށްވެސް ގުޅާފައި އަންގާނަން، އާއިލާ ކޮންމެވެސް މީހަކު ހުންނާނެ." ހުސްނީ ދޫ ނުދިނުމުން ރަމްލާ ރުޅި އައިސް ހުރެވެސް އެއްބަސްވިއެވެ.
ހުސްނީ އަށް ދެވޭ ހަމައެކަނި އެހީތެރިކަމަކީ ނޫރާ އާއި ދަރިފުޅަށް ބޭނުންވާ އެއްޗެހި ހޯދައިދިނުމެވެ. ނޫރާ އެކަނި ހާލަށް ތެދުވެ އަމިއްލަ އަށް އުޅެނީ ހިތްވަރަށެވެ. ބައެއް ފަހަރު ނަރުހުންގެ އޯގާތެރިކަމާއި އެކުގައެވެ. ކުޑަ ދަރިފުޅު ހަފްތާއެއް ވީއިރުވެސް ނޫރާގެ ކައިރިއަށް ބަދަލުކުރެވޭ ވަރެއް ނުވިއެވެ. ބަރުދަން އިތުރުނުވާތީއެވެ.
ފަސްވަނަ ދުވަހު ހުސްނީ ނަމާދުން އައިސް ވަންއިރު އެނދުގެ ކައިރީ އަންހެނަކު ހުއްޓެވެ. ދިގު ހެދުމަކާއި އެކު ބުރުގާއެއް އަޅާފައި ހުރި އަންހެކެވެ. ހުސްނީ ވަންތަން ފެނި އެމީހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނޫރާ އިސްޖަހައިގެން އިނދެ ރޮމުން ދިޔައެވެ. ރަމްލާ ދެލޯ ހިންގާލާފައި ކޮށްލި ސުވާލުން ހުސްނީވެސް ދިޔައީ ސިހިގެންނެވެ.
"ކުޑަމީހާ ނިޔާވީތަ؟" އެތަނުގައި ފެންނަން ނެތުމުން ކޮބައިހޭ އަހައިލިނަމަ އަޑުއަހާ މީހާއަށްވެސް ތަކުލީފް ކުޑަވީހެވެ.
"އެގޮތްތަ މަންމަ ބޭނުންވަނީ؟" ނޫރާ އަށް ގިސްލެވުނެވެ. އޭނާ ރޮވިފައި އިނދެ ރަމްލާގެ މޫނަށް ބަލައިލިއެވެ. އޭނާ ކުރެ ހާލު އަހައިލިއްޔާ ކީއްހެއްޔޭ އަހާފަދަ ގޮތަކަށެވެ. ރަމްލާ މޫނު ހަދާލާފައި ހުސްނީ އާއި ދިމާލަށް އެނބުރުނެވެ. ހުސްނީ އެއީ ކާކުކަން ރަމްލާއަށް ނޭނގިދާނެއެވެ.
"މިހާރު ސާރިމްގެ ބަދަލުގައި މި ފިރިހެނާތަ؟" ރަމްލާގެ ބަސްމަގުހުރީ ވަރަށް ހަރުކަށިގޮތަކަށެވެ. ނޫރާއަށް މަންމާއޭ ކިޔައި ގޮވާލެވުނެވެ. ހުސްނީ ދެބުމަ ކައިރިކޮށްލިއެވެ. ރަމްލާގެ ޝަހުސުގައި ރަނގަޅު އެންމެ ސިފައެއްވެސް ނުވަނީއޭ ހިތަށް އެރިއެވެ.
"ނޫރާ، އަހަރެން ދެން ގޮސްލީ،" ރަމްލާ ދެކެ ވީ ފޫހިން ހުސްނީ ބޭނުންވީ ދާށެވެ. ހުސްނީ ހިނގައިގަންނަން އުޅުނު ވަގުތު ރަމްލާ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
"އަހަރެންނަށް ތި ދެމައިން ތެރެއިން އެކަކުވެސް ނުބެލޭނެ. އަހަރެންގެ ފިރިމީހާ މިއަދު އޮތީ ބަލި އެނދުގައި، ސާރިމް ނެތިއްޔާ އެހެން ފިރިހެނަކާއި ނަމަވެސް އިނދެގެން އަހަރެންގެ ކުރިމައްޗަށް ނާރާ އުޅެވޭތޯ ބަލާ،" ރަމްލާގެ ރަހުމްކުޑަކަން ދިޔައީ ފެންނަމުންނެވެ. ހުސްނީއަށް ނުދެވުނީ އަނެއްކާވެސް ނޫރާ ރޯންފެށި އަޑުއަހާފައެވެ.
"މަންމަ ފިޔަވައި އަހަރެންގެ އެއްވެސް މީހަކު ނެތް." ނޫރާ އަޑު ބެދުނެވެ. ރަމްލާ ކޮނޑުގައި އަޅުވާފައި ހުރި އަތް ދަބަސް އެނދުމަތީ ބޭއްވިއެވެ.
"އަހަރެންވެސް މި ބަލަނީ އަހަރެންގެ ދަރިއަކު ނެތްކަމަށް، އާމިރުގެ ކިބައިން ކަލޭ ސަލާމަތްކޮށްދިނީ މަށެއްނު، އެކަމަކު އެންމެންގެ ކުރިމަތީ މަގޭ އަގުވެއްޓުނީ، އެންމެންނަށްވެސް އެނގިއްޖެ އެންމެ ފުރަތަމަ ރޭވެސް އާމިރު އަށް ހަމަލާ ދިނީ ސާރިމް ނޫންކަން، އަނެއްކޮޅުން އަހަރެންގެ ދިފާއުގައި ވާހަކަ ދައްކަން ހުރި މީހަކީ ތިއީ، ފިލައިގެން އައި ދުވަހުން ފެށިގެން ރަށު އެންމެން އެ ކިޔަނީ އަހަރެން ކަލޭ މަރައިލީހޭ، " ރަމްލާ ރުޅި އަންނަ ސަބަބު ހާމަކުރިއެވެ. ހުސްނީ ހުރީ ވާނުވާ ނޭނގިފައެވެ. އާމިރުގެ ފަރާތުން ހިނގި އެއްވެސް ކަމެއް އޭނާއަށް އެނގެނީކީ ނޫނެވެ. އާއިލީ މައްސަލައެއްކަން އެނގެއެވެ. އެހެންވިއަސް ހީވަނީ އޭނާގެ ބޮލުގައި ނޫރާ އަޅުވަން އުޅެނީ ހެންނެވެ.
ހުސްނީ ނިކުމެފައި ބޭރުގައި އިނެވެ. އެދެމައިން ސުލްހަވުމަށް އެދި ދުޢާކުރެވުނެވެ. އޭނާގެ ހިތަށް މިހާވަރަށް ދުވަހަކުވެސް އަސރެއް ނުކުރެއެވެ. ނޫރާ ރޯތަން ފެނި ލޮލުން ކަރުނަ ހިލުނެވެ. ހުސްނީ އެކަނި އިންދާ ރަމްލާ ވޯޑުން ނިކުތެވެ. ހުސްނީއަށް އިޝާރަތްކޮށްލާފައި ކައިރިއަށް އައެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ ނުތަވަސްކަމެވެ. ދެކޮޅު ބަލައިލީ ބުނަން އުޅޭ ވާހަކަ އަޑުއިވޭ ހިސާބުގައި އިތުރު މީހަކު ހުރިތޯއެވެ.
"ނޫރާ ކައިރީ ބުނޭ ދަރިފުޅު މަރުވެއްޖެއޭ، އަހަރެން އެކުއްޖާ ގެންދާ ވާހަކަ ނުބުނާތި." ރަމްލާ ހީވީ އެތަނަށް ބޮމެއް ވައްޓާލިހެންނެވެ. ހުސްނީއަށް އެވަރުގެ ދޮގެއް ހަދާކަށް ނުކެރޭނެއެވެ. މަޔަކާއި ދަރިއަކު ވަކިކުރަން ހެޔޮވެސްނުވާނެއެވެ.
"ކަލޭ ނޫރާ އާއި އިންނަން ހުރިއްޔާ އަހަންނަށް އެގޮތް އެންމެ ރަނގަޅު." ރަމްލާ ބުނެލިއެވެ. ހުސްނީގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނާގެ އެދުން ހާސިލްވާން މަގު ފަހިވެގެންދިޔައެވެ. އޭނާގެ ސިކުނޑީގައި އިތުރު ކަމަކަށް ވިސްނާނެ ޖާގައެއް ނެތެވެ. އެގޮތްވެސް އޭނާއަށް ހެވެވެ. އެކަމަކު ނޫރާ އިންނަން އެއްބަސްވެއްޖެއްޔާ ތާއެވެ. ހޮސްޕިޓަލުން ދޫކޮށްލާއިރަށް ނޫރާ ބޭނުންވާ މީހާ ހޯދަން ހިނގައިދާނެއެވެ. އެ ޚިޔާލުގައި ހުއްޓާ އެކަންވެސް ލުއި ކޮށްދިނީ ރަމްލާއެވެ. (ނުނިމޭ)