ޝެރީންއަށް މެސެޖުކޮށްފައި ދިޔައީ ކޮންތާކަށްތޯ ސާރިމް އަހާލިއެވެ. އެ މެސެޖަށް ޖަވާބު އައީ ކުޑައިރުކޮޅެއް ފަހުންނެވެ. ހިމްނާ ދޭ ޕާޓީއަކަށޭ މެސެޖުގައި އޮތެވެ. މިރޭ ހިމްނާ އާއި ޒައިން އެކުގައި ފެނުނު ހަނދާން ސާރިމް ވިއެވެ. އޭނާ ޝެރީންގެ ފޯނަށް ގުޅީ އެވާހަކަ ބުނާށެވެ. އެކަމަކު ޝެރީންގެ ފޯނު އެހާ އަވަހަށް އޮތީ ނިއްވާލާފައެވެ.
ޝެރީންގެ ފޯނު ނިއްވާލާފައި މޭޒުމަތީގައި ހުރި އަތް ދަބަސްގެ ތެރެއަށް ހިމްނާ ލިއެވެ. އޭނާގެ ހަރަކާތްތަކަށް ފާރަވެރިވާނެ މީހަކު ހުރިތޯ ހިމްނާ ސިއްރުން ބަލާލިއެވެ. ދެން އަވަސް އަވަހަށް ޖިންސުގެ ޖީބުން ނެގީ ރަބަރު ޕެކެޓެއްގެ ތެރޭގައި އޮތް ބޭސްގުޅައެކެވެ. ކޯކު ތަށީގެ ތެރެއަށް ބޭސްގުޅަ ވައްޓާލާފައި ކޯކު ތަށި ނަގައި ބަލަން ހުރީ އޭގެތެރެއަށް ބޭސްގުޅަ ވިރިގެންދާ މަންޒަރުބަލާށެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބޮކި ޖަހާފައި ބޭސްގުޅަ ވިރިގެން ގޮސް އޭގެ ނިޝާންވެސް ފޮހެވިގެން ހިނގައްޖެއެވެ. އެތަށި ހިފައިގެން ޝެރީންއާ ދިމާލަށް ހިމްނާ ހިނގައިގަތެވެ.
ދުވަސްވީ ރައްޓެހިންނާއި ދިމާވުމުން ޝެރީން އިނީ ސްކޫލު ދުވަސްވަރުގެ މަޖާ ވާހަކަ ދެއްކުމުގައެވެ. ޕާޓީ ކުރެވޭ ފެންވަރަށް މުޅި ޓެރަސް ހުރީ ތައްޔާރުކޮށްފައެވެ. މުޅިންވެސް އެކުގައި އުޅުނު އެކުވެރިންނެވެ. އެމީހުންގެ ބައިވެރިންނެވެ. ޝެރީންގެ ކައިރީ ސާރިމް ކޮބައިތޯ އެކުވެރިއަކު އަހާލިއެވެ.
"ޝެރީން،" ހިމްނާ އައިސް ގޮވާލީ އެވަގުތެވެ. ކޯކި ތަށި ޝެރީންގެ އަތަށް ދީފައި އެކުވެރިންނާ ހިމްނާ ވާހަކަ ދައްކަން ފެށިއެވެ. ސާރިމްއަކީ ޕާޓީކުރަން ލޯބިކުރާ ފިރިހެނެއް ނޫންކަމުގައި ހިމްނާ ބުނެލިއެވެ.
"ހީ ޑަޒަންޓް ނީޑް އެނީ ޑްރަގު، ޝެރީން ހުއްޓާ އޭނާއަށް އިތުރު މަސްތެއް ބޭނުމެއް ނުވެއޭ." ހިމްނާ ހޭން ފެށުމުން ޝެރީން ތަޅައިގަތީ ހިމްނާގެ ކޮނޑުގައެވެ.
"ސާރިމް ކޮންއިރަކު ތިހެން ބުނީ؟" ހިމްނާގެ ކަންފަތް ދޮށުގައި ޝެރީން އަހާލިއެވެ.
"ކުއްޖަކު ލިބުމަށްފަހު ޝެރީންއަށް އައި ބަދަލެއް ދައްކަބަލަ، ހިމް އެބުނީ ރަނގަޅަށް، ހީ އިޒް ލަކީ." އެހެން އެކުވެރިއަކު ހިމްނާއާ އެއްބައިވެލިއެވެ. އެހެން މީހުން ތިބީ ކުދިން ލިބި ހަށިގަނޑަށް އައި ބަދަލުގެ ސަބަބުން ސިފަ ބަދަލުވެފައެވެ. އެންމެން ވާހަކައިގައި ތިބެ ކޯކު ތަށި އިސާހިތަކު ހުސްވެއްޖެއެވެ. ހީ ސަކަރާތް ޖެހުމުން ފާޚާނާއަކަށް ދާންވެއްޖެކަމުގެ އިހްސާސް ޝެރީންއަށް ކުރެވުނެވެ. އޭނާ ތެދުވެ ފާޚާނާއަށް ދާން ކަމަށް ބުނެ ހިނގައިގަތެވެ. ދެ ފިޔަވަޅެއް އަޅާފައި ހުއްޓުނީ މުޅިތަން ފުސްވެގެން ދިއުމުންނެވެ. އެކަމަކު އެއީ ހީވި ހީވުމެކޭ ހިތަށް އެރީ ލޯމަރާފައި ލޯ ހުޅުވާލި އިރު އެފަދަ އަސަރެއް ނެތުމުންނެވެ. އަނެއްކާވެސް ތަންކޮޅަކަށް ދެވުނުތަނާ ހީވީ ބޯ އަނބުރައިގެންހެންނެވެ. މިފަހަރު އޭނާއަށް އެއީ ހީވި ގޮތެއް ނޫންކަން އެނގުނެވެ. ހީ ސަކަރާތް ޖަހަމުން ދިޔަ އެކުވެރިންގެ އަޑު ޝެރީންއަށް އިވެއެވެ. އެއިން އެއްވެސް މީހަކަށް އެހީތެރިވާން ގޮވާނެ ހިތްވަރެއް ނެތެވެ. މަންޒަރު ފުސްވަމުން ގޮސް ކަކޫ މައްޗަށް ތިރިވެވުނެވެ. އެވަގުތު އޭނާގެ ކިހިލިފަތް ދޮށަށް އަތްލާފައި ފަހަތުން އައިސް މީހަކު ނަގަން މަސައްކަތް ކުރިއެވެ. ތެދުވެވުނީ ކިރިޔާއެވެ. އެމީހެއްގެ ގައިގައި އޮޅުލައިގަނެވުނެވެ.
"ރިލޭކްސް ބޭބީ" އެ އިވުނީ ޝެރީންއަށް އެ އަޑު ނޯޅޭނެ ވަރު މީހެއްގެ އަޑެވެ. ދެއަތުން އަޅައި އެމީހަކު ކޮއްޕާލަން ޝެރީން މަސައްކަތް ކުރިއެވެ. އެކަމަކު އެމީހެއްގެ އަތުތެރޭ ޝެރީން ހައްޔަރުވިއެވެ. އެމީހަކު އަތްދަނޑި މައްޗަށް ޝެރީން އުފުލާލައި ހިނގައިގަތެވެ.
ހީ ސަކަރާތުގައި ތިއްބާ ގޭގެ ރަނގަބީލްގެ އަޑު އިވުނެވެ. ހިމްނާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. މިރޭ އެމީހުން އޯޑަރު ކުރި އެއްޗެހި އައީ ކަމަށް ހީކޮށެވެ. އޭނާ ހިނިތުންވެލައިގެން ހުރެ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ސާރިމް ފެނި ވަގުތުން ހިނިތުންވުން ފިލައި ދިޔައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ބިރުން ގޮސް ތެޅިގެންފައި އުޅުނީ ދޮރުލައްޕާށެވެ. އެކަމަކު ހުށިޔާރުކަމާއެކު ސާރިމް އެދޮރުގައި ހިފާ ކޮއްޕާލިއެވެ. އެތެރެއަށް ވަންނަމުން ޝެރީން ކޮބައިތޯ އަހާލިއެވެ.
"ޝެރީން ނާދޭ މިގެއަކަށް؟" ހިމްނާ ދޮގު ހެދިއެވެ. ސާރިމް އެތެރެއަށް ރަނގަޅަށް ބަލާލިއެވެ. މޭޒުމަތީގައި ހުރި ދަބަސް އޭނާގެ ލޮލުގައި އަޅައިގަތެވެ. ސާރިމްއަށް އެ ދަބަސް ފެނުނުކަން އެނގުމުން ހިމްނާ އުޅުނީ ދުއްވައިގަންނާށެވެ. އެކަމަކު އޭނާއަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް ސާރިމް ހުއްޓުވިއެވެ.
"ސާރިމް" ޝެރީންއަށް ގޮވާލެވުނެވެ. މިވަގުތު އޭނާ މަދަދަށް އެދެން ބޭނުން ވަނީ ސާރިމްގެ ކިބައިންނެވެ. ކޮންމެ ހާލެއްގައިވިއަސް އޭނާ ދޫކޮށްލާފައި ނުދާނޭ ހަމައެކަނި ފަރާތަކީ އެއީއެވެ. އިތުބާރު ކުރެވެނީ ހަމައެކަނި ފިރިމީހާއަށެވެ.
އޭނާ މަޑު ތަންމައްޗެއްގެ މަތީ ބޭއްވިކަން އެނގުނެވެ. މުޅިތަނުގައި ވަނީ އަނދިރިކަމެވެ. އެމީހަކު އޭނާ އެތަނަށް ދޫކޮށްފައި ދިޔައީބާއޭ ހިތަށް އެރިއެވެ. ގޮދަނޑިމަތީ ދެއަތް ވިއްދާލާފައި ޝެރީން ތެދުވަން އުޅުނު ވަގުތު އޭނާގެ ދެކޮނޑުގައި އެ ފިރިހެނަކު ހިފެހެއްޓިއެވެ.
"ޝެރީން." ބާލީސްމަތީ ޝެރީން ބާއްވަމުން އޭނާގެ މޫނަށް ނޭވާ އެޅޭހާ އެމީހަކު ކައިރިވިއެވެ. މިފަހަރު އަނެއްކާވެސް ޝެރީންއަށް އެއީ ކާކުކަން ދެނެގަނެވުނެވެ. އެއަޑާއި ނޭވާގެ ވަހުންވެސް އެއީ ޒައިންކަން އެނގުނެވެ. އޭނާގެ ހަށިގަނޑަށް ކޮށްފައިވާ ބޭހުގެ ނުބައި އަސަރުގެ މައްޗަށް ބިރު ގަދަވެގެން ކަހަލައެވެ. އިހުނަށްވުރެ ޒައިން ކައިރިވާން އުޅުމުން ދެއަތުން ޒައިންގެ މޫނުގައި ތަޅައިގަނެވުނެވެ. އެކަމަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭ އަނެއްކާވެސް ގަދަވީ ޒައިންގެ ބާރެވެ. ޝެރީންގެ ދެއަތް ހިފަހައްޓާފައި ދެއަތް ކައިރިކޮށްލާ ދެއަތް އެކުގައި ފޮތިގަނޑަކުން ބަނދެލިއެވެ. ޝެރީން ހަޅޭއްލަވައި ގަންނަން އުޅުމުން އަނގަ ތެރެއަށް ކޮއްޕައިލީ ރުމާލެކެވެ. ހީވީ ކަރުތެރެ ފުރިގެން ދިޔަ ހެންނެވެ. އެވަރުންވެސް ޝެރީން ގަދަޖައްސަން ފެށުމުން މޫނުމަތީގައި ޖަހައި ވައްޓާލީއެވެ. މޫނަށް ވީތަދާއެކު އަނެއް ފަހަރު އޭނާއަށްހީވީ ގައިން ވަރުދެރަވިހެންނެވެ.
"އައްދޯތް"
ބޮލަށް ބަރު ތަދެއް ވެގެން ޒައިންއަށް ބަލައިލެވުނެވެ. އޭނާގެ ފުރަގަހުގައި ހުއްޓުނު ސާރިމް ހަމަލާ ދިނީ މޭޒުމަތީގައި އިން ބޮޑު ވާސް ނަގާފައެވެ. ފުށްކިބަ ފަޅައިގެން ދިޔަ ތަނުގައި ޒައިންއަށް އަތްޖައްސާލެވުނެވެ. އެވަގުތު ގަމީހުގައި ހިފާ އެނދުމަތިން ދަމައިގަތެވެ. އެނދުމަތީގައި އޮތް ޝެރީން ގިސްލުމުގެ އަޑު ސާރިމްގެ ކަންފަތުގައި ޖެހުނެވެ. އޭނާގެ ލޭ ކެކިގަތެވެ. މިފަހަރު ޒައިންގެ ހަށީގައި ނޭވާ ހުއްޓާ ދޫކޮށްލަން ބޭނުން ނުވާ ވަރަށް އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ. ދެވަނަ ހަމަލާއެއް ވާސް ނަގައި ޒައިންއަށް ދިނެވެ. މިފަހަރު މޫނާއި ދިމާކޮށްފައެވެ. ނޭފަތް ފަޅައިގެންގޮސް ވަގުތުން ދެ ނޯށުން ލޭފައިބައިގަތެވެ. ޒައިން ގަމީހުގައި ހިފާ ދަމަމުން ސާރިމް ގެންދިޔައީ އެކޮޓަރީގެ ކުޑަދޮރުގެ ކައިރިއަށެވެ. ދޮރު ހުޅުވި އިރު އެއީ ވައިގޮޅިއެކެވެ. މީހަކަށް ފެންނަ ކަހަލަ ތަނެއްވެސް ނޫނެވެ. އެތަނުން ވައްޓާލަން ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ޟަމީރު އެފަދަ ކުށަކަށް ފުރުޞަތެއް ނުދިނެވެ. އިންސާނުންގެ ލޯތަކަށް ވަންހަނާވިއަސް އެއްވެސް ކަމެއް ސިއްރު ނުވާނެ ފަރާތެއްވާކަން އެނގުމުން ސާރިމް ޒައިން ކޮއްޕައިލީ ކޮޓަރި ތެރެއަށެވެ.
"ދެން ފަހަރަކުން މަގޭ އަންހެނުންނާ ކައިރިނުވައްޗެ،" ޒައިންގެ މޫނަށް ބަލާލާފައި ސާރިމް ދިނީ އިންޒާރެކެވެ. ޒައިން އޮތީ ތެދުވާނެ ހިތްވަރެއް ނެތިފައެވެ. ސާރިމްއަށް އޭނާއަށް ހަމަލާ ދެވުނީ ފަހަތުން އައިސް ހުއްޓުނީމައެވެ. އެހެން ނޫންނަމަ އޭނާގެ ކޮޅު ބަލިނުވީހެވެ. ޝެރީން ނަގައި އަތްދަނޑިމައްޗަށް ލައިގެން ސާރިމް ނިކުންނަން ދިޔަތަން ޒައިންއަށް ފެނުނެވެ. އޭނާއަށް އެހީވާން އެތަނަށް ވަންނާނީ ކާކުކަމެއް ނޭނގެއެވެ.
ޖެހިގެން އައި ދުވަހު ޝެރީން އުޅުނީ ބޮލުގައި ރިއްސާވަރުންނެވެ. ރޭގައި އޭނާއަށް ދުވަހަކުވެސް ނުލެވޭ ވަރަށް ހޮޑުވެސް ލެވުނެވެ. ހުރިހާ ވަގުތަކު އޭނާގެ ގާތުގައި ސާރިމް ހުއްޓެވެ. ސާރިމްގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ލޯބިން އޭނާގެ ތަކުލީފުތައް ލުއިވެގެން ދިޔައެވެ. ޝެރީންއާ މެދު ހިތްހަމަނުޖެހުނު ފަރީނާއެވެ. ހިމްނާއާ ދުރުވާން ފަރީނާ އޭރުވެސް ބުނާ ވާހަކަ އަނެއްކާ ރޭގައި ހަނދާންކޮށްދިނެވެ. އަބަދުވެސް ފަރީނާއަށް ހިމްނާ ކަމުނުދަނީ އެ ދެ އާއިލާގެ މެދުގައިވާ ނަސަބުގެ ފަރަގަކުން ނޫނެވެ. ހިމްނާގެ އަޚްލާޤާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނެވެ.
ހިމްނާއާ ވާހަކަ ނުދެއްކުމަށް ފަރީނާ ނަޞޭހަތް ދެމުން ދިޔައެވެ. ފަރީނާ ދިއުމުން ޝެރީން ސާރިމް އަށް ގޮވާލިއެވެ.
"ތިހުރީ އަހަރެން ދެކެ ރުޅި އައިސްފައިތަ؟" ޝެރީންއަށް ރެއިން ފެށިގެން ފެނުނީ ސާރިމްގެ ފަރާތުން ހަމަހިމޭންކަމެވެ. ދޭތެރެއަކުން ޝެރީންގެ ހާލު އަހާލުން ފިޔަވައި ސާރިމް އެއްވެސް ވާހަކައެއް ނުދައްކައެވެ.
"ނޫން. އެކަމަކު ދެރަވެފައި." ސާރިމް އަޑުންވެސް އެކަން އެނގެއެވެ. އޭނާ އިނީ ޝެރީންގެ މޫނަށް ނުބަލައި އިސްޖަހައިގެންނެވެ.
"ޝެރީން ޖެހޭނެ އަހަރެން ކައިރީ އެއް ކަމަކަށް ވައުދުވަން." ސާރިމް އިސްއުފުލައި އޭނާގެ މޫނަށް ބަލާލިއެވެ. ޝެރީންގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.
"މީގެފަހުން އަހަރެން ހުރެދާނަން ހިމްނާއާ ވާހަކަ ނުދައްކާ." ޝެރީން ބުނެލިއެވެ. އޭނާއަށް ސާރިމް ބުނާނީ އެވާހަކަހެން ހީވިއެވެ. ސާރިމް ކުޑަކޮށް ބޯހޫރުވާލިއެވެ.
"ޝެރީން ދާ ކޮންމެ ތަނަކަށްވެސް ދާނީ އަހަރެން ކައިރީ ބުނެފައި، މިބުނީ ހުއްދަ ހޯދާ ވާހަކައެއް ނޫން، ޝެރީންއަށް އެ މިނިވަންކަން އޮންނާނެ، ދެވޭނެ ބޭނުން ކޮންމެ ތަނަކަށްވެސް، އެކަމަކު ބުނެފައި ނޫނީ ނުދެވޭނެ." ސާރިމް އެއް އަތުން ޝެރީންގެ ކޯތާފަތުގައި އަތްޖައްސާލިއެވެ. ޝެރީން އަވަހަށް ބޯޖަހާލިއެވެ. އޭނާގެ ދެލޯ ފުރެމުން ދިޔައެވެ. ސާރިމްގެ ކޮނޑުގައި މޫނު ޖައްސާލެވުނެވެ. ސާރިމްއާ މެދު އެ ހިތުގައި އޮތް ލޯބި އިތުރު ދަރަޖައަކަށް އުފުލިގެން ދިޔައެވެ. ތިމާ ދެކެ ލޯބިވާ މީހަކު ލިބުމަކީ ނަސީބެކޭ ބުނެ އުޅެއެވެ. ސާރިމް އޭނާއަށް އިތުބާރުކުރެއެވެ. އެއްވެސް ސުވާލެއް ނުކުރިތަނުގައި ޝަކުވާއެއްވެސް ނުކުރެއެވެ. ކުށްވެރިކޮށްފައި އެންމެ ލަފްޒެއްވެސް ނުބުނެއެވެ.
ސާރިމް އޮފީސް ނިންމާފައި ނިކުން އިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. އުދަރެސް ފުރާ އޮތީ ފުސްވިލާތަކުންނެވެ. ގެއާ ހަމަޔަށް ދެވޭނެކަމެއްވެސް ނޭނގެއެވެ. އެހާ އަނދިރިކޮށްލައިފިއެވެ. އަވަސް އަވަހަށް ކާރާއި ދިމާލަށް އަންނަނިކޮށް ދުވެފައި އައި އަންހެނަކު ސާރިމްގެ ގައިގައި ޖެހިގަތެވެ. ސާރިމްގެ މޭގައި ޖެހިފައި ފަހަތަށް ނުވެއްޓި އެމީހާ ސަލާމަތްވީ ސާރިމްއަށް ހިފަހައްޓާލެވުމުންނެވެ. މޫނު ބުރުގާ އަޅާފައި ހުރުމުން އެއީ ކާކުކަމެއް ސާރިމްއަކަށް ނޭނގުނެވެ. އެކަމަކު އެ އަންހެން މީހާ ހަށިގަނޑު ތެދުކޮށްލާފައި ބަލަން ހުރީ އަޖައިބެއް ފެނިގެން ބަލަހައްޓައިގެން ހުރި ފަދައިންނެވެ. ހަމައެކަނި ފެންނަން ހުރި ދެލޮލަށް ސާރިމްއަށް ބަލައިލެވުނެވެ. ދަންނަ މީހެކޭ ހީވިއެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތެވެ.
ލަސްލަހުން އަތް އުފުލާލާފައި ސާރިމްގެ މޫނުގައި އަތްޖައްސާލަން އުޅެނިކޮށް ފަހަތުން އިވުނީ ފިރިހެނެއްގެ އަޑެވެ.
"އޭނަ ހިފަހައްޓާ." ހުސްނީ ދުވެފައި އަންނަމުން ހަޅެއްލަވައިގަތެވެ. ސާރިމްގެ އަތް ފޮޅާލާފައި އަނެއްކާވެސް އެ އަންހެން މީހާ ދުއްވައިގަތެވެ. ހުސްނީއަށް އެއްވަރު ނުކުރެވިގެން އަނެއްކާވެސް އެދުނީ އެމީހަކު ހިފަހައްޓައި ދިނުމަށެވެ. އެ އަންހެން މީހާ ގޮސް ޖެހިގެން އޮތް ގޯޅިން އަޅަންދެން ސާރިމް ބަލަހައްޓައިގެން ހުއްޓެވެ. ހުސްނީ ވަރުބަލިކަމާއެކުވެސް ދުވެފައި ދިޔަތަން ފެނުނެވެ.
ސާރިމް ކާރަށް އަރައި ސްޓާޓް ކޮށްލިތަނާ ފެނުނީ އެމަގުން އެމީހުން އެނބުރި އަންނަތަނެވެ. ހުސްނީއާ އިތުރު މީހަކު ވެގެން އެ އަންހެން މީހާ ގަދަބާރުން ހިފަހައްޓައިގެންވެސް ކުރިއަށް ނުގެންދެވިގެން އުޅޭތަނެވެ. އޭރު އިތުރު މީހުންވެސް އެހީތެރިވާން ކައިރިވާން ފަށައިފިއެވެ. ޓެކްސީއެއް ހުއްޓުވައި އޭގެތެރެއަށް އެރުވި މަންޒަރު ސާރިމް އިނީ ބަލާށެވެ. ޓެކްސީ ނިކުންނަ ވަރަށް ޖާގަދީފައި ސާރިމް ބަލަހައްޓައިގެން އިނެވެ. ޓެކްސީ ގޮސް އޮބާލުމުން ސާރިމް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްފައި ގޮވައިލީ ދެންމެ ހުސްނީއަށް އެހީތެރިވި މީހަކަށެވެ. އެމީހުން އެ ދިޔައީ ކޮންތާކަށްތޯ ސާރިމް ސުވާލުކުރިއެވެ.
"ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށް ފިލައިގެން އައި މީހެކޭ ބުނީ، ދޭތެރެއަކުން ފެންނާނެ އެކަހަލަ ކަމެއް، އެންމެ ފަހުން ކިރިޔާ ސަލާމަތްވީ، ތިންވަނަ ބުރިން ފުންމާލަން އުޅެނިކޮށް ބަޔަކު ހިފެހެއްޓީ،" އެމީހާ ކިޔައިދިނެވެ. ސާރިމްއަށް އެއިން އެއްވެސް މައުލޫމާތެއް އެހާ މުހިންމެއް ނުވިއެވެ. އެއީ ނަފްސާނީ ބަލި މީހެކޭ ހިތަށް އެރިއެވެ. އޭގެތެރެއިން އެއްވެސް މީހަކު ސާރިމް ދަންނަނީކީވެސް ނޫނެވެ. ބިއްލޫރިގަނޑު މައްޗަށް ނަގަނަގާ ހުއްޓާ ސާރިމްގެ ކަންފަތުގައި ޖެހުނީ ދެންމެ ވާހަކަ ދެއްކި މީހާގެ ގާތުގައި އެހެން މީހަކު ކުރި ސުވާލެކެވެ.
"އެއްކަލަ ނޫރާތަ އެއީ؟"
(ނުނިމޭ)