ވާހަކަ

ނޫރާ - 28

އެމީހުން ސްކޫޕުން ނިކުތް ވަގުތު ޝެރީންގެ ލޮލުގައި މީހަކު އަޅައިގަތެވެ. އެއީ ކުރީ ރެއަކު އޭނާ ކާރަށް އަރަނިކޮށް ކޮނޑުގައި ޖެހިގަތް މީހާއެވެ. އެމީހާއާ ދިމާލަށް ބަލަން ހުއްޓައި ފެނުނީ މާ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ޕްރައިވެޓް ކާރެއް އެމީހާގެ ކުރިމައްޗަށް ހުއްޓުނެވެ. އޭގެ ދޮރު ހުޅުވާފައި އެތައް އިރެއްވީއިރުވެސް އެމީހާ އަރާކަށް ނޫޅެއެވެ. އަދި މީހަކު ފައިބާކަށްވެސް ނޫޅެއެވެ. އެހެން އިރުކޮޅަކު ހުރެފައި އެމީހާ ގުދުވެފައި ގަދަކަމުން އަންހެނަކު ކާރުން ނެރުނެވެ. ބުރުގާ އަޅާފައި ހުރި އެ އަންހެން މީހާ ފެނުނީ ފުރަގަހުންނެވެ. އެ އަންހެން މީހާ ގަދަހަދަނީ ކީއްވެކަމެއް ނޭނގެއެވެ. އަންހެން މީހާގެ އަތުގައި ހިފައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ވަންނަން ދިޔައީ ކުރިމަތީގައި ހުރި އިމާރާތުގެ ތެރެއަށެވެ. ޝެރީން ފޯނު ނަގައި ގުޅައިލީ ގެވެށި އަނިޔާ ރިޕޯޓު ކުރާ ނަންބަރަށެވެ.

"ހުރިހާ ކަމަކާ ބެހެން ނުހަދާ." ޝެރީންގެ އަތުން ފޯނު އަތުލަމުން ހިމްނާ ބުނެލިއެވެ. އެކޮޅަށް އެ ކޯލް ދިއުމުގެ ކުރިން ފޯނު ކަނޑާލާފައި ފޯނު ޖެހީ ހިމްނާގެ ޖީބަށެވެ.

"ނުފެނޭތަ އެމީހާ ކަންތައް ކުރި ގޮތެއް؟ އޭނާ ކުރީ ދުވަހު މަގޭ ގައިގައި ޖެހިގެންފައި އަދި މަށާ ދިމާލަށް ހަޅޭއްލަވައިގެންފައި ދިޔައީ. އަހަންނަށް ހީވަނީ އެއީ ވަރަށް ނުބައި މީހެއްހެން." ޝެރީންގެ ނަޒަރު ހުރީ ދެންމެ ލެއްޕުނު ދޮރާއްޓާ ދިމާލަށެވެ.

"ޔޫ ކާންޓް ޖަޖު ސަމްވަން ލައިކް ދެޓް، މި މާލޭގައި ކިތަންމެ މީހުން އަހަރެމެން ގައިގައި ގަސްތުގައި ޖެހިގެންނަނީ، ނުފެނިގެންނެއް ނޫން. އަންހެން ކުދިންވީމަ ކުޑަކޮށް ކޭއްތިލަންވެގެން. އެއިން އެއްވެސް މީހަކު ދުވަހަކުވެސް ސޮރީއޭ ބުނާނެތަ؟ ޝެރީން. އެކަހަލަ ކަންތައް މާ ޕާސަނަލް ނުކުރޭ،" ހިމްނާ ބުނެލިއެވެ. ހިމްނާ ދެއްކި ވާހަކަ ޝެރީންއަށް ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. އޭނާގެ ހިޔާލު އެކަމާ ދެކޮޅެވެ.

"އަހަރެން މިއުޅެނީ އެކަމުގެ ބަދަލު ހިފާކަށް ނޫން، ހިމް ނުދެކެންތަ އެމީހާ ގަދަކަމުން އެ އަންހެން މީހާ ގެންދިޔަ ތަނެއް.؟ އެއްވެސް މީހަކު އެމީހަކު ދިރިއުޅޭ ގެއަށް ވަންނަން ގަދަހަދާނެތަ؟ ލޮލަށް ފެނުނު މަންޒަރު ނުފެންނަ ކަމަކަށް ނުހެދޭނެ، އަދި ނުބެހެވޭ ކަމެކޭ ހިތައި ދޫކޮށެއްވެސް ނުލެވޭނެ، އައި ތިންކު ޝީ އިޒް އިން ޓްރަބަލް." ޝެރީންގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ އެދޮރަށެވެ.

"ހިނގާ އެގެއަށް ވަދެ ބަލަން، ބަލާފައި ރިޕޯޓް ކުރާނީ." ހިމްނާ ހިނގައިގަތެވެ. ހިމްނާގެ ފަހަތުން ޝެރީން ހިނގައިގަތީ ޖެހިލުންވެފައި ހުރެއެވެ. ދޮރާށިން ވަންއިރު ފެންނަން ހުރި ހަމައެކަނި ދޮރުގައި ހިމްނާ ޓަކި ޖެއްސެވެ. އެތެރެއިން މީހަކު އައިސް ދޮރު އަތްގަނޑުގައި ހިފާލި ތަން ފެނި ޝެރީންއަށް ފަހަތަށް ޖެހެވުނެވެ. އޭނާ ބިރުގަންނަ ގޮތްވިއެވެ. ދޮރު ހުޅުވާފައި ނިކުތީ ދެންމެ ފެނުނު ފިރިހެން މީހާއެވެ.

"ކިހިނެއްވީ؟" އެމީހާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެކަމަކު ޝެރީންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.

"ފާހާނާއަށް ވަދެވިދާނެތަ؟" ހިމްނާ އެތެރެއަށް ވަންނަން ބަހަނާއެއް ހޯދައިލިއެވެ. އެމީހާގެ ނިތްކުރި ރުލުން ފުރިގެން ދިޔައެވެ.

"މި ގޯޅިތެރޭގައި ހުންނާނެ ވަކިން ހުންނަ ފާހާނާއެއް." އެމީހާ އިޝާރަތްކުރީ އެ ގޯތިތެރޭގައި ޖެހިގެން ހުރި އިމާރާތާ ދެމެދުގައި ހުރި ގޯޅިއަށެވެ. ހީވަނީ ދެބައިމީހުންނަށް ދަތިނުވާނެހެން ވަކި ފާހާނާއެއް ހަދާފައި ހުރީހެންނެވެ.

"މިގޭގައި އެއްވެސް އަންހެނަކު ނެތްތަ؟ އަސްލު މިއުޅެނީ އެހެން ކަމެއް ދިމާވެގެން، ނުކެރޭނެ އަންހެނަކު ކައިރީ ނޫނީ ބުނާކަށް." ހިމްނާ އެ ފުރުސަތުގައިވެސް އެތެރެ ފެނޭތޯ ދެލޯ ހިންގައިލިއެވެ. ދޮރުގެ ހަނި ދާރައިން ފެންނަން އޮތީ ސިޓިންރޫމްގެ ކުޑަ ތަންކޮޅެކެވެ. އެތަނުގައި މީހަކު އަދި ފެންނާކަށް ނެތެވެ.

"ނޫޅޭ އެއްވެސް މީހަކު" އެމީހާގެ ޖުމްލަ ނުނިމެނީސް އިވުނީ އެތެރެއިން ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަ އަޑެވެ.

"ދޮގު ހަދަންތަ ތިއުޅެނީ؟ ދެންމެ މިގޭތެރެއަށް އަންހެނަކު ވެއްދި ތަން ދުށިން. "ހިމްނާ ދޮރުގަނޑުގައި ހިފަހައްޓާލިއެވެ. އެކަމަކު އެމީހާގެ ބުރައާ އެކު އެތެރެއަށް ކޮއްޕާލެވޭގޮތެއް ނުވިއެވެ.

"ކަލޭމެން ކޮންކަމެއް ބޭނުންވަނީ؟" ފަހަރަކު މީހެއްގެ މޫނަށް ބަލަމުން އެމީހާ އަހާލިއެވެ.

"ގޮވާބަލަ އެ އަންހެން މީހާއަށް." ޝެރީން ކުރިއަށް ޖެހިލިއެވެ. ގޭތެރެ ފެނޭތޯ ދޮރުގެ ހަނިދާރައިން ބަލައިލިއެވެ. އެމީހާގެ ބިޔަކަމާ ހެދި ގޭތެރޭގެ އެންމެ ތަންކޮޅެއްވެސް ނުފެނުނެވެ.

"ނޫނީ މި ގުޅަނީ ޕޮލިހަށް." ހިމްނާ ދިން އިންޒާރާއެކު އެމީހާ ދެބުމަ ގޮށްޖަހާލިއެވެ. ދެން ދޮރު ހުޅުވާފައި އެތެރެއަށް ޖެހިލިއެވެ.

"ކަލޭމެން ތި ހީކުރާ ކަހަލަ ކަމެއް ނެތް." ހިނގައިގަންނަމުން ބުނެލިއެވެ. އެމީހާގެ ފަހަތުން އެތެރެއަށް ވަނުމާއެކު ފެނުނީ ބަދިގެ ތެރޭގައި ހުރެ އަންހެނަކު މޭޒުމަތީގައި ހުރި ތަށިތައް ތަޅާ ސުންނާފަތި ކުރާތަނެވެ.

"އެއީ އަހަރެންގެ އަންހެނުން، ނަފްސާނީ ބަލި މީހެއް، އޭނާ ޑޮކްޓަރަށް ދައްކައިގެން ދެންމެ މިއައީ." އެމީހާ ބުނި ބަހަކީ ދޮގު ނޫންކަން ޔަގީންވެ އެ މަންޒަރު ލޮލަށް ފެނިފައި އެތަނުން ނިކުމެގެން ދާން ޝެރީން ބޭނުންވިއެވެ. މޭޒުމަތީގައި ހުރި ހުރިހާ ތައްޓެއް ތަޅަމުން ދިޔައިރު އެ އަންހެން މީހާގެ މޫނުމަތިން އެއްވެސް އަސަރެއް ނުވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހަލާކުކޮށްލެވެނީ ކިހާ ފައިސާއެއްކަމެއްވެސް ނޭނގެއެވެ. އޭނާގެ ސިކުނޑިގައި އެއިން އެއްވެސް ކަމަކާ ވިސްނާނެ ބާރެއް ނެތްފަދައެވެ. ބާލިޣުނުވާ ކުޑަކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ.

"ސޮރީ ބޭބޭ، އޭނަ ގެއަށް ނުވަންނަން ގަދަޖެއްސީމައި އަހަރެމެން ހީކުރީ އެހެން ގޮތަކަށް." ހިމްނާ މައާފަށް އެދުނެވެ. އެމީހާ ބޯޖަހައިލިއެވެ. ޝެރީންގެ އަތުގައި ހިފައިގެން އަވަހަށް ނިކުންނަން ހިނގައިގަތެވެ. އެ ދެމީހުން ނިކުތުމާއެކު ދޮރު ލައްޕާފައި ހުސްނީ އެނބުރުނެވެ.

"ކިހާ ދެރަވެއްޖެކަމެއް." ހުސްނީ އައިސް ނޫރާ ހިފެހެއްޓިއެވެ. އިތުރަށް އެންމެ ތައްޓެއްވެސް ތަޅަން އޭނާ ފުރުސަތެއް ނުދޭނެއެވެ. ހުސްނީގެ އަތުން ސަލާމަތްވާން ނޫރާވެސް ގަދަ ހަދާލިއެވެ.

"ދޫކުރޭ." ނޫރާ އުޅުނީ ހުސްނީގެ އަތުގައި ދަތް އަޅާށެވެ. އެކަމަކު އޭގެކުރިން ނޫރާގެ ނިތްކުރީގައި އަޅައި ހުސްނީ ކޮއްޕާލިއެވެ. ނޫރާ ގޮސް ފަހަތަށް ވެއްޓުނީ އުޑުތިލައިންނެވެ.

"އަހަރެން ދޫކޮށްލީމަ ކަލޭ ގޮސް ވަންނާނީ ކޮންތާކަށް؟ ކާކުގެ ކައިރިއަށް ދާނީ." ހުސްނީ އުޑުފައިން އިށީނެވެ. ނޫރާ ދެލޯ އަޅައިލިއެވެ. އެއީ އޭނާ ޖަވާބުދާރީވާ ގޮތެވެ. ހުސްނީގެ ކިބައިން ސަލާމަތްވެގެން އޭނާ ގޮސް ވަންނާނެ ތަނެއް ނެތެވެ. އެހެން ނަމަ މިގޭތެރޭގައި އޭނާ ނުހުންނާނެއެވެ.

ނޫރާގެ އަތުގައި ހިފައި ގަދަކަމުން ގެންގޮސް ކޮއްޕައިލީ އެންމެ ކައިރީ ހުރި ކޮޓަރި ތެރެއަށެވެ. ނޫރާ ގޮސް ބަންޑުންޖެހުމާއެކު ހުސްނީ އަވަސް އަވަހަށް ކޮޓަރީގެ ދޮރު ލައްޕައި ބޭރުން ތަޅުލިއެވެ. އެއީ ހަމައެކަނި ހަތަރު ފާރެވެ. އެއްވެސް ފަރުނީޗަރެއް ނެތެވެ. ދެން އޭނާ ރުޅި އައިސް ހުރެ ހިނގައިގަތީ ދެންމެ ތެޅި ތަށިތައް ނަގައި ސާފުކުރާށެވެ.

** **

ނޫރާ ތެދުވެ ގައިން ވެލިފޮޅާލާ ގޮތަށް ހުސް އަތް ހެދުމުގެ މަތިން ފޮޅާލިއެވެ. ދެން ގޮސް ދޮރުގައި ތަޅަން ފެށިއެވެ. ހުޅުވާށޭ ކިޔައިފައެވެ. ދޮރުގައި ތަޅަ ތަޅާ ވަރުބަލިވެގެން ދޮރު ބުޑުގައި ނޫރާ އިށީނެވެ. ދޮރުގައި ލެނގިލައި އޭނާ ބޯ ޖައްސާލީ ދޮރުގައެވެ. މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. ދެލޮލުގައި ވަނީ ރަތްކަމެވެ. ތުންފަތް ވަނީ ފަޅަފަޅައިގެން ގޮހެވެ.

ބޮލުގައި އޮތް ބުރުގާ ނޫރާ ވަކިކޮށްލިއެވެ. އެއާއެކު ފެނިގެން ދިޔައީ އެހެން ނޫރާއެކެވެ. ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. ހީވަނީ ބޮޑު ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މީހެއްހެންނެވެ.

"އަހަރެންގެ އެއްވެސް މީހަކު ނެތް." ނޫރާ ދެކަކޫ ގެނެސް މެއާ ކައިރިކޮށްލިއެވެ. ދަތްދޮޅި ކަކުލުގައި ޖައްސައިލިއެވެ. ނޫރާއަށް އިހުސާސްވާ ގޮތަކީ އެއީއެވެ. އެކަނިވެރިކަމެވެ. ހުސްނީ ފިޔަވައި އިތުރު އެއްވެސް މީހަކު ނުދެކޭތާ ހަތް އަހަރުވަނީއެވެ.

އެރޭ ދުވެފައި ނޫރާ ނިކުތް އިރު އެ ދޯނި ވާ ނައްޓާލަނީއެވެ. އޭނާ ދުވެފައި އައިގޮތަށް ދޯންޏަށް ފުންމާލި ތަން ފެނި އެ ދޯނި މީހުން ތިބީ ހައިރާންވެފައެވެ.

"އަހަރެން މިރަށުން ދުރަށް ގެންގޮސްދީ." ނޫރާ ނަގަން އެންމެ ފުރަތަމަ އަތް ދިން މީހަކީ ހުސްނީއެވެ. އޭރު ހުސްނީ ހުރީ މިހާރަށްވުރެ ހަށިގަނޑު ހިކިކޮށެވެ. ތުނބުޅި މަތިމަސްވެސް ކުރެވެ. ލައިގެން ހުރި ހުދު ކުރުތާ އާއި ބޮލުގައި ހުދު ތާކިހާއެއް އޮތެވެ.

"އަޖައިބެއް، ކަނބޮލޯ މިއީ މާލެ ފުރާ ދޯންޏެއް ނޫން. ކަންނެލި ބާނައިގެން މިހާރު މިދަނީ ހދ. އަތޮޅަށް، އެކޮޅުގައި ހަފުތާއެއް ކޮށްފައި ދެން މާލެ ދާނީ." ހުސްނީ އަތުގައި ހިފައިގެން ނޫރާ ތެދުވުމުން ހުސްނީ ވާހަކަ ދެއްކިއެވެ. ދެލޯ ފޮހެލާފައި ނޫރާ ބަލައިލިއިރު އެ ދޯނީގައި ތިބީ ދެބައި އުމުރުގެ މީހުންނެވެ. އެމީހުންގެ ނަޒަރު ނޫރާގެ ހަށިގަނޑަށް ހުއްޓިފައިވިއެވެ.

"މައްސަލައެއް ނެތް." ނޫރާ ބުނެލިއެވެ. އޭނާގެ ހިޔާލު ބަދަލުނުވާނެތޯ އެތަނުން މީހަކު އަހައިލިއެވެ. ނޫރާ ބޯޖަހާލުމުން އެމީހުން ވާ މޮހެލައި އެރަށުން ފުރައިފިއެވެ. ނޫރާ ކައިރީ އެ ދޯނީގެ ގެގަނޑުގައި މަޑުކޮށްލަން ބުނެފައި ހުސްނީ ގޮސް އައީ ދެ ތަށި ކަޅު ސައި ހިފައިގެންނެވެ. އޭގެން އެތިކޮޅެއް ބޯލާފައި ނޫރާ ތަށި ދިނުމުން އޮށޯވެލައިގެން އޮންނާށޭ ބުންޏެވެ. އެހާ ދިގު ދަތުރެއް ނޫރާ ދުވަހަކުވެސް ނުކުރެއެވެ. ކަނޑަށް ނިކުމެ މާ ގިނައިރެއް ނުވަނީސް ހޮޑުލެވެން ފެށިއެވެ. ކޮންމެ ފަހަރަކުވެސް ނޫރާއާ ހަމައަށް ހުސްނީ ނޫން މީހަކު ނާދެއެވެ. އެމީހުން އެކި ބަސްބަހުން ހުސްނީއަށް އެކަމުގައި މަލާމާތްކުރާ އަޑު އިވެއެވެ. އެއްފަހަރު ހުސްނީ އެތެރެއަށް ވަންނަމުން މިކަމަކާ މި ހަވާލުވީއޭ ބުނެލިއެވެ. އެ އަޑު އަހާފައި އެއީ ކީއްވެގެން ބުނި އެއްޗެއްތޯ ނޫރާ އަހައިލިއެވެ. ހުސްނީ ބުނީ އޭނާ ހުސްކޮށް ހުރުމުން އެމީހުން ދިމާކުރަނީ ކަމުގައެވެ.

އެއްދުވަސް ފާއިތުވެގެން ދިޔައިރު އަދި ރަށަކާ ކައިރިނުވެއެވެ. ނޫރާ އެދުނީ އޭނާ މާލެ ދެވޭނެ ގޮތެއް ހަދައިދިނުމަށެވެ. ހުސްނީ ބުނީ ރަށަށް ދެވުމުން މާލެ ދާ ބޯޓަކުން އެކަން ހަމަޖެހިދާނެ ކަމަށެވެ. އެރޭ ނޫރާ ކައިރީ ރަށުން ފިލައިގެން ދަނީތޯ ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބު ނޫރާ ތެދަށް ކިޔައިދިނެވެ. އޭނާ ބޭނުންވަނީ މާލެގޮސް ސާރިމް ހޯދާށޭ ބުނެލިއެވެ. އިތުރު ސުވާލެއް ނުކޮށް ހުސްނީ ތެދުވެގެން ދިޔައީއެވެ. އޭގެ ފަހުން ހުސްނީ އައީ މަދު ފަހަރަކުއެވެ. ހަމައެކަނި ކާ އެއްޗެއް ދިއްކޮށްލާފައި ދަނީއެވެ.

އޭގެ ދެދުވަސްވީއިރުވެސް އެއްވެސް ރަށަކަށް ނުދެވެއެވެ. ކާ ހުރިހާ އެއްޗެއް ހޮޑަށް ލައިލައި މިހާރު އަރުތެރޭ ލޭރަހަ ލާން ފަށައިފިއެވެ. ނޫރާ ބޯނަގަން ނުކެރި ހަށިގަނޑުގައި ވަރުދެރަވާން ފަށައިފިއެވެ. ކަނޑުގެ ރޯޅިތަކަށް ކެތް ނުވެ ހީކަރުވާން ފަށައިފިއެވެ. އެރޭ ނޫރާ އޮތީ ހުން އައިސްފައެވެ. ރަޖާގަނޑެއް ހިފައިގެން އައިސް ގައިގައި އަޅައިދީފައި އެތަނުން ދުރަށް ނުގޮސް ހުސްނީ އިނެވެ. ނޫރާއަށް ހޭލެވިގެން ބަލައިލުމުން ހުސްނީ އަހައިލީ ބަނޑުބޮޑުތޯއެވެ. އޭނާ ލައިގެން ހުރި ހެދުމުގެ މަތިން ބަނޑު ކިރިޔާ ފާޅުވާކަން ހުސްނީއަށް އެނގުނީ ރަޖާ އަޅައިގެން ކައިރިވީ ވަގުތެވެ. ހަ މަހާ ބަލާފައި ނޫރާ ބަނޑު ކުޑައެވެ. ދޫ ހުދުމުގައި ހުންނައިރު އެކަން ނުވެސް އެނގޭނެއެވެ.

"މީހަކާ އިނދެގެންތަ އުޅެނީ؟" ހުސްނީ އަހައިލިއެވެ. އަމިއްލަ ހާލާ މެދު ލަދުވެތިކަން ނޫރާއަށް އިހުސާސްވިއެވެ. އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވާނެކަންވެސް އެނގެއެވެ. ދޮގު ހެދުމަކީ އޭނާގެ ކިބައިގައިވާ ސިފައެއް ނޫނެވެ. އޭނާއަށް ހެދުނު ގޯހުގެ އަދަބު މިދަނީ ލިބިގަންނަމުންނެވެ. ދެން އޮތީ އޭނާ ސާރިމްއަށް ކުރާ އިތުބާރެވެ. އަމިއްލަ ހިޔާލުތަކުގެ ތެރެއަށް ގެނބެމުން ދަނިކޮށް އަނެއްކާވެސް ހުސްނީގެ އަޑު އިވުނެވެ. މިފަހަރު ހުސްނީގެ ސުވާލާއެކު ނޫރާއަށް ހީވީ މޫނުމައްޗަށް އަނދިރިވެފައި އަލުން އަލިވިހެންނެވެ.

"ވިހައި ގަދަވީމަ އަހަންނާ އިންނަން ވީނު."

(ނުނިމޭ)