ވާހަކަ

ނޫރާ - 27

ސާރިމް ފޯނު ބަލައިލިއެވެ. ލިބުނު ސިހުމާއި އެކު އޭނާއަށް އެނދުގައި އިށީދެވުނެވެ. ދެފައި ހީވީ ވާގި ދޫވެގެން ދިޔަހެންނެވެ. މިފަހަރު އޭނާއަށް ޔަޤީންވެއްޖެއެވެ. ކިހިނެއްވީތޯ ޝެރީން އަހާލިއެވެ. އިތުރަށް ސިއްރުކުރަން ސާރިމް ބޭނުމެއް ނޫނެވެ. އޭނާގެ ފޯނު ޝެރީންގެ އަތަށް ދިނެވެ. ޝެރީން އަށްވެސް ބަލައިލުމާއި އެކު ހަޤީޤަތް ސާފުވެގެން ދިޔައެވެ.

** ***

ރަމްލާ ސިހުމާއި އެކު ބަލައިލީ ކުޅެން އިން ސާރިމްއަށެވެ. ހަމަ އެ ސިހުމުގައި ޝެރީންގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ޝެރީން އައިސް ކުރި ސުވާލުގެ ޖަވާބު އޭނާއަށް ދެވުނީ ތެދު މައުލޫމާތު ނޫންކަން ޝެރީން ހާމަކޮށްދިނީ ހެއްކާއި އެކުގައެވެ. ޝެރީން އެހީ އެއީ ނޫރާގެ ދަރިއެއްތޯއެވެ. ރަމްލާ އަބަދުވެސް ދޭ ޖަވާބަކީ އެއީ އޭނާ ﷲގެ މަގުގައި ކުރާ ހެޔޮކަމެކެވެ. ޔަތީމުކުއްޖަކު ބަލަހައްޓާ މީހާ އާއި ރަސޫލާ އާއި ސުވަރުގޭގައި ތިބުމުގެ ފުރުޞަތު ލިބެއެވެ. އެވެސް އެންމެ ދެ އިނގިލީގެ ދުރުމިނުގައެވެ. އެ ހެޔޮ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައެވެ.

"ސާރިމްގެ ނިޔަތަކީ މި ދަރިފުޅު ރަމްލާގެ އަތުން ގަދަކަމުން ގެންދިއުމެއް ނޫން. ޝަރުއީ ގޮތުންވެސް އޭނާއަށް އެއްވެސް ހައިސިއްޔަތެއް ނެތް، އެފަދަ ގޮތަކަށް ސާރިމްގެ ވިސްނުމެއްވެސް ނެތް، ސާރިމް މި ކުއްޖާއަށް ޚަރަދުކުރަމުން އައިއިރު ނުވެސް އެނގޭ މިފަދަ ގުޅުމެއް އޮވެދާނެކަމެއްވެސް." ޝެރީން އައީ ރަމްލާގެ ހިތުގައި އެފަދަ ބިރުވެރިކަމެއް އޮތްނަމަ އެކަން ސާފުކޮށްދޭށެވެ.

"މި ހުރިހާ ދުވަހުވެސް މި ކުއްޖާ އުޅުނީ ބަޔަކު އަޅާލައިގެންނެއް ނޫން. އެހެންނަމަ އެކުއްޖާ ހުންނާނީ ކުޑަކުދިން ބަލަހައްޓާތަނަކު ނޫން." ރަމްލާއަށް ޤަބޫލުކުރަން އުދަނގޫވިއެވެ. އެފަދަ އެހީތެރިކަމެއް ލިބެމުން އައި ކުއްޖެއްގެ ގޮތުގައި ރަމްލާށް މައުލޫމާތު ލިބިފައެއް ނެތެވެ. އޭނާ ކުރެ އެމީހުން އެހީ އެއްވެސް އެހީތެރިކަމެއް ބޭނުންވާނެތޯއެވެ. ރަމްލާ އިންކާރުކުރީ އޭނާގެ އެ ފުދުންތެރިކަން ހުރުމުންނެވެ.

"ތިއީ ސާރިމްގެ ކުށެއް ނޫން. އެކުއްޖާގެ މަންމަ ދުނިޔޭގައި ހުރެ އެފަދަ ތަނަކަށް އެކުއްޖާ ދާންޖެހުނު ސަބަބެއްވެސް އޮންނާނެ، އަމިއްލަ ބަނޑުން އުފަންވާ ދަރިއަކާއި މެދު މައި ކުލުނު ނެތް މީހެއްގެ ހިތުގައި ދެވަނަ މީހަކަށް ކުލުނެއް ނުއުފެދޭނެ" ޝެރީން ކުދިކިޔާލީ ނޫރާއަށެވެ. މިއަދު ސާރިމް ރޮއިފައި މަންމަ ނުވަތަ ބައްޕަ ގެނެސްދޭށޭ ބުނާ ކޮންމެ ފަހަރަކު ރަމްލާއަށް އެ ޖަވާބުދޭން އުދަނގޫވާނެވަރު އޭނާއަށްވެސް ވަޒަންކޮށްލެވެއެވެ. އެމީހުން ދުނިޔޭގައި ނެތްނަމަ އެ ޖަވާބު ދޭން ފަސޭހަވީހެވެ.

ރަމްލާގެ ދެލޮލަށް ޖަމާވި ކަރުނަތައް ބަންޑުންވީ އެސްފިޔަޖަހާލާ މަދު ސިކުންތުކޮޅެއްގެތެރޭގައެވެ. ޝެރީންގެ ބަސްމަގު ހުރިގޮތުން ދޮށީ އުމުރުގެ އެ މަންމަގެ ހިތުގައި ޖެހިއްޖެކަން ޝެރީންއަށް ނަގައިގަނެވުނެވެ.

"އަހަންނަކަށް ނޭނގެ، ނޫރާ އެހާ ހަރުހިތެއްގެ ވެރިއަކަށްވީ ކޮންއިރަކުކަމެއް؟ އޭނާ އެންމެ ފަހަރަކު އަހަރެންގެ ހާލު ބަލައިލިތަ؟ މިއީ އޭނާ ދުނިޔެއަށް އުފަންވުމުގެ އަސްލަކީ، ދެން މިކުއްޖާ، ކޮންމެވެސް ވަރެއްގެ ކުލުނެއް ހުންނަންވާނެ، ވަލު ޖަނަވާރުންވެސް އެހާ ދަށު ދަރަޖައަށް ނުވެއްޓޭ، އޭނާ އެދިޔަތަނެއް ނޭނގިގެން އަހަރެން ވަރަށް ހޯދިން، އެކަމަކު އާމިރު ބަލި އެނދުގައި އޮތުމާއި އެކު އަހަންނަށް ފުރައިގެން ނުދެވުނު، ނޫރާ ދިޔަކަމަށް ބުނާ ނައިވާދޫއަށް އަހަރެން ދިޔައިން އާމިރު ނިޔާވިފަހުން، އެރަށަކު ނޫރާގެ ޚަބަރެއް އެނގޭ މީހަކު ނެތް، ފުލުހުންވެސް އޭނާގެ ފޮޓޯ އާންމުކުރި، މައުލޫމާތު އެނގޭ އެއްވެސް މީހަކު ނެތް. ފިލައިގެން އުޅެނީ ކޮންތާކުކަމެއް ނޭނގެ." ރަމްލާ ރޮމުން ގިސްލަމުންވެސް ހުރިހާ އެއްޗެއް ކިޔައިދިނެވެ. ސާރިމް ރޮއި ކޮންމެ ފަހަރަކު އޭނާގެ ހިތްވެސް ނޫރާއަށް ނަފްރަތުން ފުރިގެން ދެއެވެ. އަދި އޭނާގެ ހާލުބަލައިލަން ނޫރާއަށް މުހިއްމުނުވި ކަމަށްޓަކައި އެހިތް ވަނީ ޝަކުވާއިން ފުރިފައެވެ.

"މިއީ އަހަރެން ކުރި ކުށުގެ ސަޒާކަން ޔަޤީން، އެ ދަރި އަހަރެން ދެކެ އިންތިހާއަށް ނަފްރަތުކުރި، އޭނަ އަބަދުވެސް މިގެއިން ފިލައިގެންދާން ބޭނުންވި، އެ ފުރުޞަތު ނުދިން މީހަކީ އަހަރެން، އެންމެފަހުން މިގެއިން ދެވުނީމައި އެނބުރި އަންނަން ބޭނުންވަނީ، އަހަންނަށް ޔަޤީން، އަދިވެސް އޭނާގެ ހިތަކު އަހަންނަށް އޮތް ނަފްރަތަކަށް ބަދަލެއް ނާދޭ." ރަމްލާގެ ސިކުނޑި ވަށައިލީ މީގެ ތޭރަ ސާދަ އަހަރުކުރިއަށެވެ. އެންމެ ފުރަތަމަ އަލަށްވެސް އާމިރު ނޫރާގެ އިއްފަތްފޭރިގެން ރެއެވެ. ލެޔާއި ތަތްތެޅިގެން ފިރުކިފައި ނިކުން ނޫރާ އޮތް ހާލު ފެނިފައި އޭނާ ހެޔަށް ގޮތްނުވީ ކިރިޔާއެވެ. އެރޭ އަމިއްލައަށް ވަޅި ނަގައިގެން މަރުވާން ނޫރާ ތެޅުނެވެ. ނޫރާގެ އަތުން ވަޅި އަތުލައި ކޮޓަރިއަށް ވައްދާ އެނދުގައި ޗޭނު ޖެހީ ރަމްލާއެވެ. އެފަދަ މޮޔަކަމެއް ކޮށްފާނެތީއެވެ. އެކަމަކު ބިރުން ވިއަސް އޭނާއަށް އާމިރުއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެކަން ތަކުރާރުވަމުން ދިޔަ ވަރަކަށް އޭނާ ނޫރާއަށް ދެމުން އައި ނަޞޭހަތަކީ މަންމައަށްޓަކައި ކެއްތެރިވުމެވެ. ބޮޑުވެ މީހަކާއި އިންނަންވުމުން ބައްޕަ އެކަން ހުއްޓާނެކަމެވެ. އެކަމަކު ނޫރާ އާއި ލޯބީގެ ގޮތުން ގުޅޭ ކޮންމެ މީހަކު އާމިރު ދިޔައީ ދުރުކުރަމުންނެވެ. އާމިރުގެ ނުބައިކަން ހައްދުފަހަނަ އަޅާ ދާ ކޮންމެ ރެއަކު ނޫރާ ހުރިހާ ރުޅިއެއް ބާލަނީ ރަމްލާއަށެވެ. މަންމަ ކިޔަން އަންހެނަކު ނެތްނަމަވެސް މިއަށްވުރެ ރަނގަޅޭ ބުނި ރޭގެ ހަނދާން ރަމްލާގެ ހިތުގައިވަނީ އިއްޔެ ހިނގައިދިޔަ ކަމެއްގެ ގޮތުގައެވެ.

ފުރަތަމަ ފަހަރަށް ރަމްލާ އަމިއްލަ ދިރިއުޅުމުގެ ހުރިހާ ސިއްރުތަކެއް ޝެރީންގެ ކުރިމަތީ ބަންޑުންޖަހާލިއެވެ. ރަށު މީހުންނާއި ނުގުޅޭ ބޮޑާ އަންހެނެއްގެ ގޮތުގައި ރަމްލާގެ ދިރިއުޅުންހުރީ އާމިރުގެ އަނިޔާވެރިކަން ސިއްރުކުރަން އެ ނޫންގޮތެއް ނެތިގެންނެވެ. އޭނާ ކިރިޔާ މީހަކާއި ވާހަކަ ދައްކާލިއަސް އާމިރު އަނިޔާކުރާތީ އެއީ އޭނާއަށްވެސް އެންމެ ހެޔޮގޮތޭ ހީވެ އަވަށްޓެރިންނާއި ބައްދަލުކުރުމާއި އަނގައިން ބުނުން ހުއްޓާލީއެވެ. އޭގެ ސަބަބުން ރަމްލާ ހާލުގައި ޖެހުނުއިރު ބަލައިލާނެ މީހަކު ނެތެވެ. އެގޮތުގައި ބޮޑުވާން ނޫރާއަށް މަޖުބޫރުވިއަސް ނޫރާ އަކީ ޖެހިލުންވާ ކުއްޖެއް ނޫނެވެ. އަނިޔާއަކީ ފަސޭހަވާ އެއްޗެކޭ އޭނާ ބުނެއެވެ. ރަށުތެރެއަށް ނިކުމެ އުޅެއެވެ. މީހުންނާއި ގުޅެއެވެ. އެހެން ނަމަވެސް އޭނާގެ ހިތްހެޔޮކަން މީހުން ބަލައެއް ނުގަތެވެ. ބައެއް މީހުންނަށް ނޫރާ ސިފަވީ ވަރަށް ނުބައި އަންހެންކުއްޖެއްގެ ގޮތުގައެވެ. އާމިރު އާއި ދެމެދު ގޯސް ގުޅުމެއް އޮވެއޭ ކިޔަންފެށީ ނޫރާ އެންމެ ފުރަތަމަ ރައްޓެހިވި ކުއްޖާގެ ކައިރީ އާމިރުގެ ވާހަކަ ކިޔައިދިންފަހުންނެވެ. ނޫރާ ގޯސްކޮށްފައި އެކުއްޖާ ރުޅިވީ އޭގައި ނޫރާގެ ކުށެއްވެސް އޮވެގެންނެއް ނޫނެވެ. މުޅި ރަށަށް ފަޟީހަވެ ނުބައި ލައްގަނޑެއް ފަސްބައިގައި ޖެހުނުކަމުގައިވިއަސް ނޫރާގެ އުޅުމަށް ބަދަލެއް ނައެވެ. އޭގެ ފައިދާ ނެގި ބަޔަކު ރަށުގައި ތިއްބެވެ. ހިތުން ރުހުމުން ނޫރާ ބަލައިގަންނަން އައި މީހަކީ ސާރިމްއެވެ.

** **

ހަފްތާއެއްގެ ފަސް

ހުރިހާ ހަޤީޤަތަކަށްފަހު ޝެރީން ގަސްތުކުރީ އެނބުރި މާލެއަށް ދިރިއުޅުން ބަދަލުކުރުމެވެ. ފަހަކަށް އައިސް ސާރިމް އަބަދު މަޑުމައިތިރިކަމާއި ހުންނަ ހުރުން އޭނާއަށް ކަމަކު ނުދިޔައެވެ. ރަމްލާގެ ގެއަށް ގޮސް އެކުއްޖާ އާއި ބައްދަލުކުރުން ގިނަވެފައިވާތީ އެކަންވެސް ކަމުނުދިޔައީއެވެ. އެފަދަ އެއްވެސް ސަބަބެއް ނުބުނެ ޝެރީން ހާމަކުރި ސަބަބަކީ އޭނާގެ މަންމައެވެ.

ބަހެއްވެސް ނުބުނެ އެކަމާއި އެއްބަސްވެ ރަށުން ފުރަން ސާރިމް ފޮށި ބަންދުކުރިއެވެ. ދެވަނަ ޕްލޭނެއް ސާރިމްގެ ސިކުނޑީގައި ރޭވި ކުރިއަށްދާކަމެއް ޝެރީންއަކަށް ނޭނގެއެވެ. އޭނާ ހީކުރީ މިފަސްގަނޑާއި ދުރުވުމުން އަނެއްކާވެސް ޝެރީން އާއި ސާރިމްގެ ގުޅުން ކުރިއެކޭ އެއްގޮތަށް ބަދަހިވެ ގުޅިގެން ދާނެކަމެވެ.

މާލެ ބަދަލުވުމަށްފަހު ދެހަފްތާ ވަންދެން ސާރިމްގެ ހުރިހާ ވަގުތެއް ހުސްކުރީ އާއިލާއަށެވެ. ޝެރީން އާއި ބޭރަށް ދެއެވެ. ފަރީނާގެ އެހީތެރިކަން ނޫރާ ބަލަން ލިބޭތީ އެދެމަފިރިންނަށް ވަގުތު ހޭދަކުރެވެއެވެ. އެއް ރެއަކު ކެއުމަކަށް ގޮސް އެނބުރި ގެއަށް އަންނަން ކާރަށް އަރަން ދަނިކޮށް މީހަކު އައިސް ޝެރީންގެ ގައިގައި ޖެހުނެވެ.

ކޮނޑަށްވީތަދާއި އެކު އެތަނުގައި އަތް އަޅާލާފައި ޝެރީން ބަލައިލިވަގުތު ފެނުނީ އެމީހާ ނުރުހުންވެފައި ހުރިތަނެވެ. އަޖައިބެކެވެ. ރުޅި އަންނަންވީ ޝެރީންއެވެ. އަމިއްލަ ކުށް ޤަބޫލުކުރުމުގެ ބަދަލުގައި އެމީހާ އެއަށްވުރެ ބާރަށް ހިނގައިގަތެވެ. މަޢާފަށް އެދުމުގެ ރިވެތި ސިފަ އެމީހާގެ ގައިގައި ނުވާކަން ޔަޤީނެވެ. އެއީ މާބޮޑު ކަމަކަށް ނުހެދުމަށް ސާރިމް ހަނދާންކޮށްދިނެވެ. ކާރަށް އަރާފައި އިރުކޮޅަކު ޝެރީންއަށް އެ ވިސްނުމުގައި އިނދެވުނެވެ. އެއީ އޭނާއަށްވުރެ އިސްކޮޅުން ދިގު މީހެކެވެ. ބޮލުގެ އިސްތަށިގަނޑުހުރީ ކުރުކޮށް ކޮށާފައެވެ. އެކަމަކު ކަންހުޅިންފެށިގެން ހުރި ތުނބުޅީގެ ދިގުމިން މެޔާއި ހަމަޔަށް އާދެއެވެ.

"އަދިވެސް" ޝެރީން ކައިރީ އަޅާނުލަން ބުނި ކަމުގައިވިއަސް ވިސްނުމެއްގައި އިނުމުން ސާރިމް ބުނި ބަސް ނޭހީކަން ސާރިމްއަށް އެނގެއެވެ.

"އޭނަ އަހަރެން ދެކެ ރުޅި އައީ ކީއްވެ؟" ޝެރީން އަހައިލިއެވެ. ސާރިމް އަށް ހެވެން އުޅުމުން އެކަން ފޮރުވަން ކެއްސާލާކަމަށް ހަދާފައި ހަމައަކަށް އަޅުވާލިއެވެ.

"ސަބަބަކީ ޝެރީން." ސާރިމް ވިސްނައިލީ ޝެރީން ހައްދާލަން ބުނާނެ އެއްޗަކާއި މެދުގައެވެ.

"އަހަރެން؟ ކީއްވެ؟" ޝެރީން ރަނގަޅަށްވެސް ސާރިމް ބޭނުންވިގޮތަށް މަޅީގައި ޖެހުނެވެ. އަނެއްކާވެސް އެއްއަތް މުށްކަވާފައި އަނގަމަތީ އަޅާލަމުން ސާރިމް ނުހީ ހިފަހައްޓާލިއެވެ.

"ހީވަނީ މިރޭ ގޮވަން އިން ބޮމެއް ހެން." ސާރިމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޝެރީން އަމިއްލަ ހަށިގަނޑަށް ބަލާލައިފައި ގޮށްމުށްކަވާފައި ސާރިމްގެ ކޮނޑުމަތީ ޖަހާލިއެވެ. އޭނާ ރަތް ހެދުމެއް ލައިފިއްޔާ ސާރިމް އެހެން ބުނެއެވެ. ސާރިމް ކޮނޑަށް ތަދުވިކަމަށް ހަދާލުމުން ޝެރީން އެތަނުގައި ފިރުމާލަމުން އަހައިލީ އަސްލުވެސް ތަދުވިތޯއެވެ. ސާރިމް ނޫނެކޭ ބުނެލިއެވެ.

އެރޭ ޝެރީންއަށް ނިދުނީ އެހެން ރޭރޭއާއި ޚިލާފަށް މާ ހަމަޖެހިލައިގެން އޮވެއެވެ. ސާރިމްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އެއްއަތުން އޮތީ ސާރިމްގެ އަތްތިލަތެރެއަށް އިނގިލިތައް މަހާލައިގެންނެވެ. ސާރިމް ތެދުވަން އުޅެފައި ފުރަތަމަ ވަކިކޮށްލީ ޝެރީން މަހާލައިގެން އޮތް އިނގިލިތަކެވެ. ދެން މަޑުމަޑުން ތެދުވެގެން އައިސް އެކޮޓަރިން ނިކުމެވޭގޮތަށް ހުންނަ ބެލްކަންޏަށް ނިކުތެވެ.

ދަންވަރުގެ ފިނިރޯޅިތައް އައިސް ބީހިލުމާއި އެކު މުޅި ގައިން ހީބިހި ނަގައިގަތެވެ. މާލޭގެ މަގުތައް މިހާ އަމާންވެފައި އޮތް ހަނދާނެއް ސާރިމް ނެތެވެ. މިދުވަސްކޮޅު ދަން ވަގުތުތަކުގައި ނިކުމެވެނީ ހުއްދަ ދެވޭ މީހުންނަށް އެކަނިކަމަށްވާތީކަމަށްވެސް ވެދާނެއެވެ. ސާރިމް ފޯނު ނަގައި ބަލައިލިއެވެ. ނަސްރު ފޮނުވި މެސެޖު ހުޅުވާލިއެވެ. ފުރަތަމަ މެސެޖުގައި އޮތީ ސާރިމް ހަމަހޭގައިހުރެ ނޫނީ އެވަރުގެ ކަމެއް ނުކުރުމަށެވެ. ދެވަނަ މެސެޖުގައި އެޑްރެހެއް ލިޔެފައި އޮތެވެ.

"އައި ވިލް ފައިންޑް ހަރ އެޓް އެނީ ކޯސްޓް." ފޯނު ޖީބަށްލަމުން ސާރިމް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. ނޫރާ ހޯދާ ވާހަކަ ބުނާއިރަށް ކޮންމެ މީހަކުވެސް އެއީ ކީއްވެތޯ އަހާލާނެއެވެ. އޭގެ ޖަވާބު އޭނާ ހާމަކުރާނީ ނޫރާގެ ކުރިމައްޗަށް އަރާފައެވެ. އޭނާ ނާވައިދޫއަށް ދާން އުޅުނު ދަތުރު ބަދަލުކުރަންޖެހުނީ އޭރު ލިބުނު އެޑްރެހުގައި ނޫރާ ނޫޅޭކަން އެނގުމުންނެވެ. ނޫރާ އުޅުނު ގޭގެ އެންމެން މާލެ ބަދަލުވެފައިވާކަން އެނގުމުން އެވާހަކަ ނުބުނެވި އުޅެނިކޮށް ޝެރީން މަންމަ ކައިރިއަށް ބަދަލުވާން ބޭނުންވާ ކަން ހާމަކުރުމުން ސާރިމް ވަގުތުން އެއްބަސްވީއެވެ. މިހާރު ޝެރީންއަށް އެއްވެސް ފަރާތަކުން އޭނާއަށް ޝައްކުކުރާނޭ ފުރުޞަތެއް ނެތެވެ.

** **

ޖެހިގެން އައި ދެދުވަހަކު ހިމްނާ ގުޅާވަރުން ޝެރީން އުޅުނީ އެކަމުން ސަލާމަތްނުވެވިގެންނެވެ. ހިތްހަމަނުޖެހުނަސް ހިމްނާ އާއި ވާހަކަ ނުދައްކާ ހުރުމަކީ ފަސޭހަކަމެއް ނޫނެވެ. ބައްދަލުކުރަން ކިޔާވަރުން ޝެރީން އެންމެފަހުން އެއްބަސްވިއެވެ. އަދި ސާރިމް ކައިރީ ބުނެލާފައި އެދުވަހުގެ ހަވީރު ހިމްނާ އާއި އެކު ބޭރަށް ނިކުތެވެ. ޝެރީންއަށް ލިބުނު ފުރުޞަތުގައި ޒައިން މާލެ ގެނައިކަން ހިމްނާއަށް އެނގުނުތޯ އަހާލިއެވެ. ހިމްނާ އެނގޭކަމަށްވެސް ނުހެދިއެވެ. ޒައިން ދޫކޮށްލާފާނެކަމުގެ ބިރު ޝެރީންގެ ހިތުގައި އޮތެވެ. ހިމްނާ މިފަހަރު ދޮގު ހަދައިފިއްޔާ ދުވަހަކުވެސް އެކުވެރިކަން ނުބާއްވާނެކަމަށް ޝެރީން ބުނެލިއެވެ.

"އޭނަ ދޫކޮށްލުމުގެ ހުރިހާކަމެއް އެބަހިނގާ، އަހަރެން ކުރިންވެސް ބުނިން ޝެރީންގެ އެއްވެސް ވީޑިޔޯއެއް ފޮޓޯއެއް ޒައިންގެ އަތަކު ނުހުންނާނެ، އޭނަ ބިރުގަންނުވަން އެހެން ކިޔައިފިއްޔާ ބުނޭ އެ އެއްޗެހި ޑިލީޓްކުރި މީހަކީ ހިމްނާއޭ، " ހިމްނާއަށް އިތުބާރުކުރެވޭ ވަރަށް އޭނާ ހެކި ދައްކަމުން ދިޔައެވެ.

އެމީހުން ސްކޫޕުން ނިކުންވަގުތު ޝެރީންގެ ލޮލުގައި މީހަކު އަޅައިގަތެވެ. އެއީ ކުރީ ރެއަކު އޭނާ ކާރަށް އަރަނިކޮށް ކޮނޑުގައި ޖެހިގަތްމީހާއެވެ. އެމީހާ އާއި ދިމާލަށް ބަލަންހުއްޓާ ފެނުނީ މާ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ޕްރައިވެޓް ކާރެއް އެމީހާގެ ކުރިމައްޗަށް ހުއްޓުނެވެ. އޭގެ ދޮރު ހުޅުވާފައި އެތައް އިރެއްވީއިރުވެސް އެމީހާ އަރާކަށް ނޫޅެއެވެ. އަދި މީހަކު ފައިބާކަށްވެސް ނޫޅެއެވެ. އެހެން އިރުކޮޅަކު ހުރެފައި އެމީހާ ގުދުވެފައި ގަދަކަމުން އަންހެނަކު ކާރުން ނެރުނެވެ. ބުރުގާ އަޅާފައި ހުރި އެ އަންހެންމީހާ ފެނުނީ ފުރަގަހުންނެވެ. އެ އަންހެންމީހާ ގަދަހަދަނީ ކީއްވެކަމެއް ނޭނގެއެވެ. އަންހެންމީހާގެ އަތުގައި ހިފައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ވަންނަން ދިޔައީ ކުރިމަތީގައި ހުރި އިމާރާތުގެ ތެރެއަށެވެ. ޝެރީން ފޯނު ނަގައި ގުޅައިލީ ގެވެށި އަނިޔާ ރިޕޯރޓްކުރާ ނަންބަރަށެވެ. (ނުނިމޭ)