ވާހަކަ

ނޫރާ - 26

1

"ކޮއްކޮ ކޯއްޗެއް އެންމެ ބޭނުންވަނީ؟" ސާރިމް ބަލައިލީ އެކުއްޖާއަށެވެ. ކުރިން ހުރި އުފާވެރިކަން ވަނީ ގެއްލިފައެވެ. ރަމްލާ ދެކެ ބިރުން ބުނަން ފަސްޖެހިފައިވާކަން އެ މައުސޫމް މޫނުން ހުރީ ފެންނާށެވެ. ސާރިމްގެ ސުވާލާއެކު އިތުރަށް އެ މޫނުގެ ކުލަ ފަނޑުވިއެވެ. އިސްޖަހާލީ ފެންކަޅިވެފައެވެ. އެއްޗެއް ނުބުނާނެހެން ހީވެ މިނެޓެއްގެ ހިމޭންކަމަށްފަހު އެކުއްޖާގެ އަޑު އިވުނެވެ.

"މަންމަ އާއި ބައްޕަ."

ކާއެއްޗެއް ކަރުގައި ތާށިވެގެން ދިޔަ ފަދަ އިހްސާސާއެކު ސާރިމްއަށް ހިންދިރުވާލެވުނެވެ. އެކުއްޖާ އާއި އެއްވަރަށް އިށީދެލައިގެން އިނދެފައި ކޮޅަށް ތެދުވެވުނެވެ. އުއްމީދީ ޖަވާބަކަށް އެދި ސާރިމްގެ މޫނަށް ބަލަހައްޓައިގެން ހުރި އެ ތުއްތު ފުރާނައަށް ދޭނެ ޖަވާބެއް ސާރިމްގެ ސިކުނޑިއަކު ނުވެއެވެ. އެއީ އޭނާގެ ދުލުން ބޭރު ނުކުރެވުނު ލަފްޒުތަކަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ.

އެކުއްޖާގެ އަތުގައި ހިފައިގެން ރަމްލާ ދާން ހިނގައިގަތެވެ. ހިނގައިގެންފައި އެކުއްޖާ ފަސްއެނބުރި ސާރިމްގެ މޫނަށް ބަލާލިއެވެ. ސާރިމްއަށް ހުރެވުނީ ގަނޑުވެފައެވެ. ދޭނެ ޖަވާބެއް ނެތެވެ. ޖީބުގައި ކިތަންމެ ބައިވަރު ފައިސާއެއް އެބަހުއްޓެވެ. އެކަމަކު މި ދުނިޔެމަތި ފައިސާއިން އަގު އަދާނުކުރެވޭ އެތައް އެއްޗެއް ވާކަން މިއަދު ވިސްނައިދިނީ އެންމެ ހަ އަހަރުގެ ކުޑަކުއްޖެކެވެ. އެ ޖީބުގައި އަތްޖަހާލާފައި އޭނާއަށް ފަޚުރުވެވުނު ވަގުތުކޮޅެއް ދިޔައެވެ. އެއީ އޭނާގެ ފަތަށް އިތުރުވި ފާފައަކަށް ނޫނީ ނުވެއެވެ.

** **

ގެއަށް ވަންއިރު ޝެރީން، ނޫރާއަށް ސައިދެން އުޅެއެވެ. ސާރިމް ފެނުމުން ނޫރާ އައިސް ސާރިމް ކައިރީ އުރާލަން އެދުނެވެ. ސައިބޯން ބޭނުންވަނީ ބައްޕައާއެކުގައި ކަމުގައި ބުނެލިއެވެ. އެދެބަފައިންނަށްވުރެ ކުރިން ބަދިގެއަށް ވަދެ މޭޒުމަތި ޝެރީން ތައްޔާރުކުރިއެވެ. މޭޒުމަތީގައި ބިއްލޫރި ތަށިތައް ބަހައްޓާ އަޑު ފިޔަވައި އެ ހަތަރު ފާރު އެތެރޭގައި އިތުރު އަޑެއް ނެތެވެ.

ސާރިމްގެ ކުރިމަތީ ތައްޓެއް ބަހައްޓާފައި ޝެރީން އަވަސްވެގަތީ އަލަމާރިން ފެން ފުޅިއެއް ނެގުމަށެވެ. މޭޒުމަތި ތައްޔާރުވިހާ އަވަހަށް ޝެރީން ބޭނުންވީ އެތަނުން ނިކުންނާށެވެ.

"ޝެރީން،" ޝެރީންގެ ހަރަކާތްތަކަށް ބަލަން އިން ސާރިމްއަށް އެކަން ނަގައިގަނެވުނެވެ. ދާން އެޅި ފުރަތަމަ ފިޔަވަޅާއެކު ޝެރީން ހުއްޓުނެވެ. އެހެން ނަމަވެސް އޭނާ ހުރީ ފުރަގަސްދިން ގޮތަށެވެ.

"އާދޭ ސައިބޯން" ސާރިމް އޯގާތެރިކަމާއެކު ބުނެލިއެވެ. ޝެރީންގެ ތަބީއަތަށް އައިސްފައިވާ ބަދަލު ފެނިފައި މިއަދު ކާ އެއްވެސް އެއްޗެއް އަރުތެރެއަށް ނުލާނެކަން ސާރިމްއަށް އެނގެއެވެ.

"ބަނޑުހައި ނުވޭ" ޝެރީން އިތުރަށް މަޑެއް ނުކުރިއެވެ. ފަސްއެނބުރި ބަލައިވެސް ނުލިއެވެ. އަޑުގައި ހުރި ތުރުތުރު އެޅުމުގެ ސަބަބުން ޝެރީން އެހުރީ ރޮވެން ކައިރިވެފައިކަން ސާޜިމްއަށް އެނގުނެވެ. ނޫރާއަށް ސައިދޭންވެގެން ސާރިމް ނުތެދުވެ މަޑުކޮށްލިއެވެ

.

** **

ކޮޓަރީގެ އެތެރެއަށް ވަދެވުނީ ކިރިޔާއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ކަރުނަ އަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ހިތަށް ކުޅަދާނަ ނުވާ ކޮންމެ ފަހަރަކު ކަރުނައިގެ ސިފައިގައި އެ ރިހުމާއި ވޭން ފައިބައިގެންދަނީއޭ މީހުން ބުނެއެވެ. އެހެންވިއަސް ރޮއި ރޮއި ދެލޯ ހިކޭއިރުވެސް ހިތުގެ ނުތަނަވަސްކަމަށް ބަދަލު ނާންނަނީ ކީއްވެ ކަމެއް ނޭނގެއެވެ. ރޭގައި އެކަނިވެސް ޝެރީން ކަރުނަ އޮހޮރުނުވަރު އެނގޭނީ ހެއްދެވި ފަރާތަށެވެ.

އަމިއްލަ ދިރިއުޅުމާ މެދު ޝެރީން ފިކުރުކުރިއެވެ. އޭނާގެ ސިކުނޑި ވަރުބަލިވެ ނުކުޅަދާނަވާވަރަށެވެ. ސާރިމް އާއި ކައިވެނި ކުރެވުނީއްސުރެ އެދެމެދުގައި މާ ބޮޑު ގުޅުމެއްނެތެވެ. ލޯބިވާކަން ހާމަކުރީ މަދު ފަހަރަކުއެވެ. ނޫރާ ލިބުނު ފަހުން އެކަންވެސް ފިލައި ގޮސްފިއެވެ. މިހާރު ވަކިން ބޮޑު ދުރުކަމެއް އަތުވެއްޖެއެވެ. މިރަށަށް އައިފަހުން މާބޮޑަށް އެކަން އިތުރުވެއްޖެއެވެ.

ދޮރުގައި ޓަކިދިން އަޑަށް ޝެރީން ދެލޯ ފޮހެލިއެވެ. ބަލައިލީ ނޫރާއަށް ވެދާނެތީއެވެ. އެކަމަކު ފެނުނީ ކާއެއްޗެހި ހިފައިގެން ހުރި ސާރިމްއެވެ. އޭނާ ނުކައި ހުރީތީ އެ އައީ ކާން ހިފައިގެންނެވެ. ޝެރީން ވަކިން ބޮޑަށް ހިތްހަމަނުޖެހުނެވެ. ކުއްލިއަކަށް ސާރިމްގެ ފަރާތުން އެ އޯގާތެރިކަން ފެނުމުން އޭނާ އުފަލެއް ނުވިއެވެ. އެއީ ދެއްކުންތެރިކަމެވެ.

"މިތާ އިށީދެބަލަ." ސާރިމް އައިސް އެނދުކައިރީ ހުއްޓުނެވެ. ކާއެއްޗެހި ހުރި ތަށި އެނދުމަތީ ބަހައްޓާފައި ގޮސް ޝެރީންގެ އަތުގައި ހިފައިގެން ގެނެސް ބޭންދިއެވެ. އަމަލުން ދެކޮޅު ހަދާނެ ހިތްވަރު ޝެރީންގެ ކިބައިގައި ނެތެވެ. ރޮށިކޮޅެއް ވިނުވާފައި މަސްހުނިކޮޅަކާއެކު ޝެރީންއަށް ދިއްކޮށްލުމުން އޭތިކޮޅު ޝެރީން ކާލިއެވެ. ހިތާއި އެއްގޮތަށް އަމަލުން ދައްކާހާ ފިނޑިއަކަށް ޝެރީން ބަދަލުވީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ޗާބީ ދީފައިވާ ބުދެއް ފަދައިން ސާރިމް ލެވި ކޮންމެ އެތިކޮޅެއް އޭނާގެ އަރުތެރެއިން އެތެރެވިއެވެ. މިއީ އޭނާ އެންމެ ބޭނުންވި އޯގާތެރިކަންވީމައި ކަމަށް ވެދާނެއެވެ.

"ޝެރީން، އަހަންނަށް އެނގޭ ހުރިހާ ކަމެއް އެނގުމަށްފަހު ޝެރީންގެ ހިތަށް ކެއްކުރަން ދަތިވާނެކަން، އަދި އެކަން ބަލައިގަންނަން އުދަނގޫވާނެކަން. މިރަށަށް އައިފަހުންވެސް އަހަރެން އެއްވެސް މަސައްކަތެއް ނުކުރަން މާޒީގެ ތެރެއަށް އެނބުރި ދާކަށް، އެކަމަކު ނުސްރާ މަރުވި ރޭ އެމީހުން ކީ އެއްޗެހީގެ ސަބަބުން އެ ހަޤީޤަތް ހޯދަން މަޖުބޫރުވީ، އެއް އިރަކުވެސް އެއްވެސް މީހަކަށް އަނިޔާވެރިވެ ހައްޤެއް ނިއުޅައިލުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން، އެއީ ނޭނގި ނަމަވެސް ކުރެވުނު ކަމަކަށްވިއަސް މައާފު ހޯދަން ބޭނުން، ސަބަބަކީވެސް އަހަރެމެންގެ އަމިއްލަ ދިރިއުޅުން، ޝެރީން ދެކެ ނޫރާ ދެކެ ލޯބިވާތީ." ސާރިމް އެވާހަކަ ދައްކަން ފެށީ ވިސްނާފައެވެ.

"ބުނެއެއްނު އަނިޔާ ލިބޭ މީހާގެ ދުއާ އިޖާބަކުރައްވާނެއޭ، އަހަރެން ބިރުގަނޭ އަހަރެމެން ތިން މީހުން ހަލާކުވެދާނެވަރުގެ ދުޢާއަކަށް ވެދާނެތީ، ޝެރީން އަހަރެން ދައްކާ ވާހަކަ އަޑުއަހަން ހުރިއްޔާ އަހަރެން އަދިވެސް އެބަހުރި ދައްކާނެ ވާހަކަ، ޔޫ ކެން ޓޭކު ޔުއާ ޓައިމް." ސާރިމް ތެދުވިއެވެ. ގެނައި ތަށި ހުސްވުމުން އެ ތަށި ހިފައިގެން ނިކުންނަން ހިނގައިގަތެވެ.

ބަސްހުއްޓިފައި ޝެރީންއަށް އިނދެވުނެވެ. އެވާހަކަތައް އޭނާގެ ސިކުނޑީގައި ތޮއްޖެހެމުން ދިޔައެވެ. ޤަބޫލުކުރަންވެސް ބޭނުމެވެ. އެބުނީވެސް ތެދެކެވެ. އެމީހުންނަށް ބަދުދުޢާ ކުރާނެ މީހަކު ކަމުގައި ނޫރާ ވެދާނެއެވެ. ސާރިމް ކިޔައިދޭ ކޮންމެ ވާހަކައެއް އޭނާ އަޑުއަހަން ބޭނުމެވެ. އޭނާއަށް ވެފައި މި އިނީ ކިހިނެއް ހެއްޔެވެ؟ ސާރިމް ނިކުމެގެން ދިޔައިރު އެހެން ބުނެލަންވެސް ނޭނގުނެވެ.

** ***

ސާރިމްގެ ފޯނަށް ރަފްހާން ގުޅީ ތަށިތައް ބަހައްޓާފައި ނިކުންނަނިކޮށެވެ. އެއީ އޭނާއަށް މުހިންމު ކޯލެކެވެ. ރަފްހާން ގުޅީ މީގެ ކުޑައިރުކޮޅެއް ކުރިން ސާރިމް ގުޅާފައި އޮތީމައެވެ.

"ވަރަށް ބޮޑު ކަމަކު ކިޔަންވެގެން ގުޅީ." ރަފްހާންގެ އަޑު ޖެހުމާއެކު ސާރިމް ބުނެލިއެވެ. އެއަށްވުރެ ހަލުވިކަމާއެކު އޭނާ ހިނގައިގަތީ އެގެއިން ނިކުންނާށެވެ. ރަފްހާން މާބޮޑު ކަމަކަށް ނުހަދައި ބުނާށޭ ބުނެލިއެވެ.

"އަހަރެން އޭރު ޚަރަދުކުރީމެއްނު ކުއްޖެއް؟ އޭނަގެ އުފަންދުވަހުގެ ސެޓްފިކެޓް ހޯދައިދީބަލަ" ސާރިމް އެދުނެވެ. އެއީ ކީއްވެގެން ސާރިމް އެދޭ ކަމެއްކަން ރަފްހާންގެ ޚިޔާލަކަށް ނާދެއެވެ.

"އެކުއްޖާގެ އެޑްރެސް އަހަރެން ފޮނުވައިދިނީމެއްނު." ރަފްހާން ބުނެލިއެވެ. ސާރިމް ފުންނޭވާއެއް ލިޔެވެ. ދެން ކުރުކޮށް އެވާހަކަ ކިޔައިދިނެވެ. އޭނާ ބޭނުންވަނީ ޝައްކު ޔަޤީންކުރާށެވެ. އެއީ ކާކުގެ ދަރިއެއްކަން ހޯދާށެވެ. އެކުއްޖާގެ މަންމައަކީ ނޫރާ ކަމުގައިވާނަމަ އޭނާގެ ބޭނުން ފުދުނީއެވެ.

"މަ ވަޒީފާއިން ނޫންކަމެއް ނޭނގެ ކަނޑާލާނީކީ، ކުރީ ފަހަރުވެސް ކިރިޔާ ސަލާމަތްވީ." ރަފްހާން ބުނެލިއެވެ. އެކަމަކު އޭނާ އުއްމީދީ ޖަވާބެއް ދިނެވެ. އޭނާ އެ މައުލޫމާތު ހޯދައިދޭނެކަމުގައި ބުނެލިއެވެ.

** **

ޝެރީން ހުރީ ސާރިމް ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހިމްނާ ނިދައިގެން ހޭލި ގޮތަށް އައިސް ބުނީ މާލެ ދާން ބޭނުންވާ ވާހަކައެވެ. އޭނާގެ މަންމަ ބަލިވެ އުޅޭ ވާހަކައެވެ. ޝެރީން އެކަމާ އެއްޗެއް ނުބުނެއެވެ. އޭނާ ދެއްކީ ހިމްނާ ދިއުމުން އެކަނިވާނެ ވާހަކައެވެ. ޝެރީން މާލެ ދާން ކިޔާފައި އެކަން އޮތީ އަޅާނުލެވިފައެވެ. ސާރިމް މިހާރު ފުރާ ވާހަކައެއް ނުދައްކައެވެ. ހިމްނާ ފުރާ ވާހަކަ އިވުމުން ޝެރީން މާލެ ހިތްވިއެވެ.

ސާރިމް ގެއަށް އައީ ހަވީރެވެ. ގެއަށް އައިސް ފުރަތަމަ އިސްކަން ދިނީ ނަމާދަށެވެ. އަސުރުކޮށްލާ ނިމުނުތަނުން ޝެރީން އައިސް ސައިބޯން ބުންޏެވެ. ސާރިމް އައީ ބޭރުން ސައިބޮއިގެންނޭ ބުނުމުން ޝެރީން އަށް އައި ބަދަލު ސާރިމްއަށް ފާހަގަވިއެވެ. އޭނާ ބޭރުން ސައިބޮއިގެން އައީ ގެއިން ސައިނުބޯން ވެގެންނެއް ނޫނެވެ. ނަސްރު ބުނެގެން ކޮފީއަކަށް ދެވުނީމައެވެ.

"ސާރިމް ބުނީމެއްނު މާލެ ދާ ވާހަކަ" ޝެރީން އިސްވެ އަހާލިއެވެ. ސާރިމް މިހާރު އެވާހަކަ ނުދައްކަނީ އެއީ އޭނާއަށް ކުރެވުނު މާ ރަނގަޅު ޚިޔާލެއް ނޫންކަމުގައި ވިސްނުނީތީއެވެ. ނޫރާގެ ކުރިމައްޗަށް ދިއުމުގެ ކުރިން އޭނާ ބަލަންޖެހޭ މައުލޫމާތު ހުރުމުން އަދި އޭނާ ގަސްތު ކުރަނީ އިހަށް މަޑުކުރާށެވެ.

"އަދި މަޑުކޮށްލަން ބޭނުންވަނީ." ސާރިމް ބުނެލިއެވެ.

"ހިމްނާ އެކޮޅަށް ދާއިރު އަހަރެން ފޮނުވަންވީނު،" ޝެރީންގެ މޫނަށް ސާރިމް ބަލައިލިއެވެ. ޝެރީން ދާން ބޭނުންވަނީ މަންމަ ދެކިލަންތޯ އޭނާ ސުވާލުކުރަން އުޅެފައި ހުއްޓާލިއެވެ. ސާރިމް ޖަވާބެއް ނުދީ ލަސްވާ ކޮންމެ މިނެޓެއްގެ ސަބަބުން ޝެރީންއަށް ނުތަނަވަސްވިއެވެ. އެހެން ހުއްޓާ ސާރިމް ކުރީ އެހެން ކަހަލަ ސުވާލެކެވެ.

"ޒައިން މާލެ އަށް ގެންދިޔަކަން އެނގޭތަ؟" ސާރިމް ހިއްސާ ކުރީ މިއަދު ހަވީރު ނަސްރު ދިން ޚަބަރެވެ. ޒައިން މާލެ ގެންދިއުމުން ދެން އަތުނުވާނެތީ ނަސްރު ހުރީ ކަންބޮޑުވެފައެވެ. މާލެއަށް ޒައިންއަށްވުރެ އެމީހުން ފަރިތަނުވާނެތީއެވެ. ބޮޑަށް ހީވަނީ ޒައިން ދޫކޮށްލާނެ ހެންނެވެ.

ހިމްނާ ކުއްލިއަކަށް މާލެ ދާން ބުނީ ކީއްވެކަން ޝެރީންއަށް އަދި ކިރިޔާ ވިސްނާލެވުނެވެ. އެކަމަކު އެކަމުގެ މައުލޫމާތު ޝެރީންއަށް ލިބިފައެއް ނެތެވެ. މިހާރު މާލެ ދާން އޭނާ ބިރުގަންނަން ފަށައިފިއެވެ. ސާރިމްގެ ފޯނަށް ރަފްހާން ގުޅީ އެވަގުތެވެ. ރަފްހާން އެދުނީ ވައިބާ ބެލުމަށެވެ. އޭނާ މިކޮށްދިނީ މަނާކަމެއް ކަމުގައި ހަނދާންކޮށްދިނެވެ. އަދި އެ މައުލޫމާތު ލިބުނީ ރަފްހާންގެ ފަރާތުންކަން ސިއްރު ކޮށްދެން ވައުދުކުރުވިއެވެ. އެކަހަލަ ގޯހެއް ސާރިމްވެސް ނުހަދާނެއެވެ. ރަފްހާންގެ އެހީތެރިކަން އޭނާ އަބަދުވެސް ހަނދާނުގައި ބަހައްޓާނެއެވެ.

ސާރިމް ފޯނު ބަލައިލިއެވެ. ލިބުނު ސިހުމާއެކު އޭނާއަށް އެނދުގައި އިށީދެވުނެވެ. ދެފައި ހީވީ ވާގި ދޫވެގެން ދިޔަހެންނެވެ. މިފަހަރު އޭނާއަށް ޔަޤީންވެއްޖެއެވެ. ކިހިނެއްވީތޯ ޝެރީން އަހާލިއެވެ. އިތުރަށް ސިއްރުކުރަން ސާރިމް ބޭނުމެއް ނޫނެވެ. އޭނާގެ ފޯނު ޝެރީންގެ އަތަށް ދިނެވެ. ޝެރީން އަށްވެސް ބަލައިލުމާއެކު ހަޤީޤަތް ސާފުވެގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟