"އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން،" ސާރިމް ފުންނޭވާއެއް ދޫކޮށްލިއެވެ. މި ހިމޭންވަގުތު ސާރިމްގެ ނޭވާ އަވަސްވެފައިވާކަންވެސް ޝެރީންއަށް ފާހަގަވެއެވެ. ފަނޑުއަލިކަމުގެ ތެރޭ އޭނާއަށް ފެނުނީ ސާރިމް އިންތިހާއަށް ކަންބޮޑުވެފައިވާތަނެވެ. ދެލޮލުގައި ފާއްދާލި ކަރުނައިގެ ތެތްކަމެވެ.
"މިއީ އަހަރެން ދުވަހަކުވެސް ވާހަކަ ދައްކަން ބޭނުންވި ކަމެއް ނޫން، އަހަރެން ހީކުރީ އެކަންތައް ދޫކޮށްލީމައި އެ ނިމުނީކަމަށް، ޝެރީން، މަޢާފްކުރޭ މިވަރުގެ ސިއްރެއް އަހަރެން ހިއްސާނުކޮށް ބޭއްވީމައި،" އިތުރަށް ވަންހަނާކުރަން ސާރިމް ބޭނުމެއް ނޫނެވެ. ސާރިމް ބުނާނެ އެއްޗަކާއި މެދު ކަންބޮޑުވެފައި ޝެރީން އިނެވެ.
"ނޫރާ ނޫން އެހެން ކުއްޖަކު އަހަރެންގެ އެބަހުރި، އެކަމަކު އަހަރެން ކަންތައްކުރިގޮތުން އެކުއްޖާއަށް އަހަންނަށް ބައްޕަ ކިއުމުގެ ހުއްދަ ވަނީ ގެއްލިފައި، އެއީ މިރަށަށް އައުމާއި ހަމަޔަށް އަހަންނަށް އެނގިފައިވާ މައުލޫމާތެއް ނޫން. ގަސްތުގައި އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން." ސާރިމަށް ދެއަތުގެ އުޅަބޮށި ކަކުލުގައި ވިއްދާލާފައި ދެ އަތްތިލައިން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލެވުނެވެ.
އިސްޖަހައިލިގޮތަށް އޭނާ އިނީ ޝެރީންގެ މޫނަށް ބަލައިލަން ނުކެރިފައެވެ. އެކަމަކު ލޮލުގެ ހިމަކޮޅުން އޭނާއަށް ފެނުނީ ބުދެއްފަދައިން ހަރަކާތެއް ނުގެނެސް އިން ޝެރީންގެ ދެލޮލުން ރޮނގަކަށް ފައިބަމުން ދިޔަ ކަރުނައެވެ.
"އެހެންވެ ސާރިމްއަށް ނުނިދިގެން ތިއުޅެނީ؟" ޝެރީންގެ އަޑު ކުރަކިވެގެން ދިޔައެވެ. މިއަދު އޭނާއަށް ލިބުނު ސިހުން މާ ބޮޑެއް ނޫނެވެ. އޭނާއަށް ގޮތަކަށް އެ މައުލޫމާތު އޮތީ އެނގިފައެވެ. އެކަމަކު އެދުވަހު ރަމްލާ ބުނީ ނޫރާއަށް ލިބުނު ދަރިފުޅު ނިޔާވި ވާހަކައެވެ.
"ކިހިނެއް ނިދާނީ؟ އެދެމައިން އުޅޭ ހާލެއްވެސް ނޭނގެ" ސާރިމްގެ ޖަވާބު އަހާފައި ޝެރީންގެ ތަބީއަތް ބަދަލުވެގެން ދިޔައެވެ. މަޑުމައިތިރިކަމުގެ މައްޗަށް ރުޅި އިސްކުރެވުނެވެ. އިށީނދެ އިންތަނުން ޝެރީން ތެދުވުމުން އިސްޖަހައިގެން އިން ސާރިމްއަށް އެކަން ފާހަގަވެގެން ބަލައިލިއެވެ.
"އަހަރެން ހީކުރީ ސާރިމް ކަންބޮޑުވީ ތި ވާހަކަ ސިއްރުކުރެވުނީމައި ކަމަށް، " ޝެރީން ހިތުގައި ޖެހުނެވެ. އޭނަގެ ހިތަށް ކުރާނެ އަސަރާއި މެދު ސާރިމް ވިސްނާނުލިތީ މާބޮޑަށް ދެރަވެއްޖެއެވެ. ސާރިމްގެ ކަންބޮޑުވުން ގުޅިފައިވަނީ އެހެން ހިލޭ އަންހެނަކާއި އެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާއެވެ.
"އަހަންނަށް މަޢާފްކުރޭ ޝެރީން، އެނގޭ މިވާހަކަ ދައްކާއިރު ކުރާނެ އަސަރު، އެއީ އަހަންނަށް ހެދުނު ގޯހެއް، އެކަން ރަނގަޅުކުރަންއެބަޖެހޭ، އަހަރެން ބޭނުން އެންމެ ފަހަރަކު ނަމަވެސް އޭނަ އާއި ބައްދަލުކުރަން." ސާރިމް ފިނި ނޭވާއެއް ދޫކޮށްލިއެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި އަނދަމުން ދިޔަ ގިންޏަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ސާރިމް މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ޝެރީން އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭނާއަށް ޝެރީންގެ ދެލޮލުން ފައިބާ ކަރުނަ ފެނި އަސަރުކުރިއެވެ.
"އަހަރެން ޤަބޫލެއް ނޫން" ޝެރީން ވަގުތުން ފުރަގަސްދިނެވެ. އޭނާގެ ސިކުނޑީގައި ބިރުވެރިކަން އުފެދިއްޖެއެވެ. އެ އަންހެނާގެ ފަހަތުން ދުއްވައިގަންނަން ސާރިމް ބޭނުންވަނީ ހަމައެކަނި މަޢާފްހޯދާކަށް ނޫނެވެ. ސާރިމްގެ ހިތުގައި އަދިވެސް އެ މަޤާމު އޮތީ ހުސްކޮށެވެ. އެންމެފަހުން ބާކީ ވާނީ ޝެރީން ނޫންކަމެއްވެސް ނޭނގެއެވެ.
"އަހަރެން ޝެރީންގެ ހުއްދައަކަށް ނޭދެން،" ސާރިމް އަދިވެސް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ.
އެއަޑު އަހާފައި ޝެރީން ސިއްސައިގެން ގޮސް ސާރިމް އާއި ދިމާލަށް އެނބުރުނެވެ. ސާރިމް ހުއްޓިގެން ހުރީ ޝެރީން އާއި ދާދި ކައިރީގައެވެ.
"ހައު ޑެއަރ ޔޫ؟" ޝެރީން ދެއަތުން ހިފީ ސާރިމް ލައިގެން ހުރި ގަމީހުގައެވެ. ސާރިމްގެ މޫނަށް ޝެރީންއަށް ބަލައިލެވުނީ ދެލޯ ހަނިކޮށްލަމުންނެވެ. ސާރިމްގެ ސިފަތަކުގެ ތެރޭ އެފަދަ ހަރުކަށިކަމެއް ހުރެދާނެކަމަށް ޤަބޫލުކުރަން ދަތިވެފައި ހުރެވުނެވެ.
"ސިއްރު ކުރީ އަހަރެން އެކަންޏެއް ނޫން. ޝެރީންވެސް" ގަމީހުގައި ހިފަހައްޓާފައި ހުރި ޝެރީންގެ އަތް ނައްޓައި ތިރިކޮށްލަމުން ސާރިމް ބުނެލިއެވެ. މީހަކު މޫނުމަތީ ޖެހިފަދަ އިހްސާސެއް ޝެރީންއަށް ކުރެވުނެވެ.
ޝެރީންއަށް ހެދުނު ގޯސް ވަކި ކުޑައެއް ނޫނެވެ. ސާރިމް އަށް ކިތަންމެ ދޮގެއްވެސް ހެދިއެވެ. ސާރިމްގެ ހުއްދަ އާއި ނުލައި ޒައިން އާއި ޝެރީން ބައްދަލުކުރިއެވެ. އޭގެ ބަދަލުގައި ސާރިމް ބޭނުންވަނީ ޝެރީންއަށް އެނގިގެން ދާށެވެ.
"އޭނަ އަހަރެން ބުލެކްމެއިލްކުރީ. އެކަމަކު އަހަރެން މަސައްކަތްކުރީ އޭނަ އާއި ދުރުގައި ހުންނަން، ސާރިމް ތި ދުވަނީ އަމިއްލައަށް ލޯބިވެރިޔާ ހޯދަން. އޭނަ ސާރިމްގެ މަތިން ހަނދާންނައްތާލާފައި ވަނިކޮށް، ރަމްލާގެ ގެއަށް ގޮސް ބައްދަލުކޮށްދޭށޭ ކިޔައި އާދޭސްކުރި ދުވަހު އަހަރެން ހުރީ އެގޭތެރޭގައި، މީހަކު ނުބުނި ކަމުގައި ވިއަސް އެ އަޑު އެހީ އަހަރެންގެ އަމިއްލަ ކަންފަތުން، މިއީ އަހަރެމެން ދެމީހުންގެ ފަރަގު ހުރި ވަރަކީ، އަހަރެން މަސައްކަތްކުރީ މި ކައިވެނި ސަލާމަތްކުރަން، " ޝެރީންގެ މޫނަށް ބަލަހައްޓައިގެން ހުރި ސާރިމްއަށް ހީވަނީ ހަތަރު ފަރާތުން ތޫނު ހަންޖަރުތަކެއް އޭނާއަށް އުކައި އޭނާ ޒަޚަމްކުރަނީހެންނެވެ. ޝެރީންއަށް އެކަން އެނގިފައި އޮތްކަން އެނގި ސާރިމްއަށް ސިހުމެއް ލިބިގެން ދިޔައެވެ. އެއާއި ގުޅިގެން ޝެރީން އެއްވެސް ސުވާލެއް ނުކުރެއެވެ. އެނގޭކަމަށްވެސް ހަދައި ނުލައެވެ. ޝެރީން ދުވެފައި ގޮސް ކޮޓަރިއަށް ވަންނަންދެން ސާރިމްއަށް ހުރެވުނީ ބަލާށެވެ. އޭނާ ޝެރީން ރުއްސަން ކިޔާނެ އެއްޗެއް ނުވިސްނިފައި ހުރީ އެކަމާއި މެދު ވަރަށް ކަންބޮޑުވެފައެވެ.
** ** **
ރޭގަނޑުގެ ހިމޭންކަމާއި އަނދިރިކަން ފިލައި ދުވަހުގެ އިރު ފެނުން ތޮޅިލައިފިއެވެ. ކަނޑުގެ ސަތަހަ އާއި އުދަރެހުގެ ބޮޑު ބަޔަކަށް އިރުގެ ރަންއަލި އެޅި ފެންނަން އޮތީ ވަރަށް ހިތްގައިމުކޮށެވެ. ކަނޑުން އަންނަ ފިނި ރޯޅީގެ ބީހުންތަކުން ސާރިމްގެ ސިކުނޑިއަށް ލުޔެއް ގެނެސްދިނެވެ. އޭނާ އަތިރިމަތީގައި އިނީ ނަސްރު އަށް ގުޅާފައެވެ.
ޕިކަޕުގެ އަޑަށް ސާރިމް ބަލައިލިއެވެ. ގަސްދޮށުގައި ޕިކަޕު މަޑުކޮށްލާފައި އޭގެން ފައިބައިގެން ނަސްރު ހިނގާފައި އައެވެ. ސާރިމް އާއި އަރާ ހަމަކޮށްލިއެވެ.
"މިއޮތީ އެޑްރެސް" ފަތްޖަހާފައި އޮތް ކަރުދާސްކޮޅެއް ޖީބުން ނަގާފައި ނަސްރު ދިއްކޮށްލިއެވެ. އެއީ ނާވައިދޫގައި ނޫރާ ދިރިއުޅޭ އެޑްރެހެވެ. ސާރިމް ކަރުދާސްކޮޅުގައި ހިފާ ބަލައިލިއެވެ. ޖީބުގައި އޮތް ވޮލެޓް ނަގައި އޭގެތެރެއަށް އެ ކަރުދާސްކޮޅު ލައި ރައްކާކޮށްލިއެވެ.
"އެކޮޅަށް ދާންތަ ތި ގަސްތުކުރަނީ؟" ނަސްރު، ސާރިމްގެ މޫނަށް ބަލައިލިއެވެ. ސާރިމް ބޯޖަހައިލިތަން ފެނި އޭނާ ހައިރާންވިއެވެ. ސާރިމްއަށް ވިސްނައިދޭނީ ކީކޭ ކިޔާފައިކަމެއްވެސް ނޭނގެއެވެ. އެއީ ސާރިމް ކީއްކުރަން ކުރާކަމެއްބާއޭ އޭނާ ހިތަށް އަރައެވެ.
"މަސްލަހަތު އެހާ ރަނގަޅެއް ނުވާނެ، ބީރައްޓެހި ރަށެއް، ނޫރާ ހުރީ ހުސްކޮށެއް ނޫން، އެދެމީހުންގެ މެދުގައި އިތުރު މައްސަލަތަކެއް ޖެހޭނި،" ނަސްރު އެވާހަކަ ފެށިއެވެ. ސާރިމް ޤަބޫލުކުރާނެކަމެއް ނޫނީ ނޫންކަމެއް ނޭނގުނަސް އެކުވެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ކިއިދާނެ ނޫންހެއްޔެވެ؟
"އަހަރެން މިދަނީ ނޫރާ ހޯދާކަށް ނޫން." ސާރިމް ބުނެލިއެވެ. އޭނާއަށް ނޫރާ މީހަކާއި އިނދެގެން އުޅުނަސް ވަރިހަމައެވެ. ރަނގަޅީވެސް އެގޮތެވެ. އެއްވެސް މީހަކު މިހާރު ހުރި ހިސާބުން އަނބުރާލާފައި އަންނާކަށް ނުޖެހޭނެއެވެ. ހަމައެކަނި ބޭނުމީ މަޢާފެވެ. ދެން ދަރިފުޅު ދެކިލުމެވެ. ދޭން ބޭނުންވާ ޔަޤީންކަމަކީ ބައްޕަގެ ލޯބި ނުދެވުނަސް ދެން އިތުރުކަމަކުން އުނި ނުވާނޭ ކަމެވެ.
"އެކުއްޖާއެއް ނުފެންނާނެ ސާރިމްއަކަށް." ނަސްރުއަށް ސާރިމް ދާ ބޭނުން ވިސްނިއްޖެއެވެ. ސާރިމް ހައިރާންވެފައި އޭނާގެ މޫނަށް ބަލައިލިއެވެ.
"ކީއްވެ؟" ސާރިމްގެ ސިކުނޑިން އިތުރަށް ވިސްނާނެ ހިތްވަރެއް ނެތެވެ. އޭނާއަށް ހީވީ މަންޒިލާއި ހަމަޔަށް ފަތަފަތާ އޮއްވާ އޮޔާދާން ފެށީހެންނެވެ. އަދިވެސް ވަކިކޮޅެއްގައި އެކަންތައް ޖެހެނީކީ ނޫނެވެ.
"ނޫރާގެ ދަރިފުޅު މަރުނުވާކަން ޔަޤީން، އެއްފަހަރު އެކުއްޖާ ގޮވައިގެން މާލެ ދިޔަ، އޭގެފަހުން އައީ އެދެމަފިރިން އެކަނި، " ނަސްރު ގުޅީ ނައިވާދޫގައި ހުރި ރައްޓެއްސަކަށެވެ. އެމީހާ ދިން ޖަވާބަކީ އެއީއެވެ.
ސާރިމް ކުރި ހުރިހާ މަސައްކަތެއް އަނެއްކާވެސް ފެނަށްވެގެން ދިޔައީއެވެ. ހާސްވެ ކަންބޮޑުވީވަރުން ބޮލުގެ އެއްފަޅީގައި ރިއްސައިގަތެވެ. ސާރިމް ނިތްކުރީގައި ހިފަހައްޓާލަމުން އިންތަނުން ތެދުވި ވަގުތު ފެނުނީ ރަމްލާގެ ގެއިން ނިކުމެ ދުވެފައި ދިޔަ ކުޑަކުއްޖާއެވެ.
"ނަސްރު" ސާރިމްއަށް ގޮވާލެވުނެވެ.
"އެންމެ ފުރަތަމަ އެކުއްޖާ ފެނުނު ދުވަހު އަހަންނަށް ވަރަށް ވައްތަރުވި ނޫރާ އާ" ސާރިމް ބުނެލިއެވެ. ދުވެފައި ދިޔަ ކުޑަ ކުޑަ ސާރިމްއަށް ނަސްރު ބަލައިލިއެވެ. އެއީ ކާކުގެ ދަރިއެއްކަމެއް އެނގޭ އެކަކުވެސް ނެތެވެ. ރަމްލާ ކިޔަނީ ނޫރާގެ ދަރިފުޅު މަރުވި ވާހަކައެވެ. ނޫރާ ދުވަހަކުވެސް ރަށަށް އަންނަން ބޭނުންނުވާ ވާހަކައެވެ. އޭނާ އެކަނިވެރިކަން ފިލުވަން ކުއްޖަކު ބަލަން ގެނައި ވާހަކައެވެ.
"ދެން އެކަންވެސް ބަލަންވީ." ނަސްރު ތެދުވެ ދެޖީބަށް އަތްޖަހާލިއެވެ. އެކުއްޖާ ދުވެފައި ގޮސް ވަނީ ފިހާރައަށެވެ. އިރުކޮޅެއް ނުވެ ފެނުނީ ފިހާރައިން ބޭރަށް ނެރުނުތަނެވެ. ފިހާރަ ތެރެއަށް ވަންނަން ގަދަހަދާލިއެވެ. އެކަމަކު އެމީހާ ނުވެއްދިއެވެ. އެ މަންޒަރު ބަލަން ހުރެފައި ނަސްރު އެދިމާލަށް ހިނގައިގަތެވެ. އޮޅުންފިލުވިއިރު މި އެނގުނީ މިއީ އާދަވެގެން ކޮންމެ ދުވަހަކު ހިނގާކަމެއް ކަމަށެވެ. ފިހާރައަށް އަންނަނީ ރުފިޔާ ނުލައެވެ. މެޓައެއް ދޭށޭ ބުނާތީ ކުރިން ސޭޓް މާބޮޑު ކަމަކަށް ނުހަދައި ދެއެވެ. އެހެންވެ މިހާރު އައިސް އުޅެނީ ބޭނުން ކޮންމެ އެއްޗެއް ނަގާށެވެ.
"ކޮން އެއްޗެއް ބޭނުންވަނީ؟" ސާރިމްގެ އަޑަށް އެކުއްޖާ ބަލައިލިއެވެ. ނަސްރުގެ ފަހަތުން އައިސް އެތަނުގައި ހުއްޓުނު ސާރިމްއަށް ސޭޓް ދެއްކި ވާހަކަ އަޑު އިވުނެވެ.
ސާރިމްގެ އިނގިލިކުރީގައި ހިފައިގެން އެކުއްޖާ ވަނީ ފިހާރައަށެވެ. ދެއްކީ ފާރުގައި އަޅުވާފައި ހުރި ކުޅޭ އެއްޗެހިތަކުގެ ތެރެއިން ބެޓެރިން ދުއްވާ ކާރެވެ. ސާރިމް ވަގުތުން ވޮލެޓް ނަގައި އޭގެ އަގު ދެއްކިއެވެ. ކާރު ނަގައި ދިނީ އެކުއްޖާގެ އަތަށެވެ. ސާރިމްގެ މޫނަށް ބަލަން ހުރެފައި އެކުއްޖާ ހިނިތުންވެލިއެވެ. މިފަހަރު ސާރިމްގެ ކަންބޮޑުވުން ފިލައި ދިޔައެވެ. ނަސްރު ބުނީ ރަނގަޅަށެވެ. ފުރަތަމަ ޔަޤީންކުރަންވި ކަމަކީ މިއީއެވެ. މިހާރު ވަކިން ބޮޑަށް ނޫރާ އާއި ދެލޮލުންވެސް ވައްތަރުކަމެއް އެބަހުއްޓެވެ.
ކުއްލިއަކަށް އެކުއްޖާގެ އަތުގައި އޮތް ކާރު ކޮންމެވެސް މީހަކު ދަމައިގަތެވެ. ސާރިމް ބަލައިލީއިރު ހުރީ ރަމްލާއެވެ. އޭތި ކައުންޓަރު މައްޗަށް ޖަހާފައި އެކުއްޖާގެ އަތުގައި ހިފާ ހިނގައިގަތެވެ.
"ތިއީ އަހަރެން ދިން ހަދިޔާއެއް." ރަމްލާއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ސާރިމްގެ އަޑަށް ރަމްލާ ހުއްޓުނެވެ.
"ބޭނުމެއް ނޫން." ރަމްލާ ވާހަކަ ދެއްކީ އޭނާއަށް ދެއްކޭ ރުންކުރުގޮތަށެވެ.
"އެކުއްޖާ ބޭނުންވާ އެއްޗެއް އެހެން މީހަކު ދިނީމައި ކޮބާތަ މައްސަލައަކީ؟" އެތަނުގައި މަންޒަރު ބަލަން ނުހުރެވިގެން ސޭޓް ބުނެލިއެވެ. ރަމްލާ އެމީހާގެ މޫނަށް ބަލައިލިގޮތުން ވަގުތުން އިސްޖަހާލިއެވެ. އެދެލޮލުގައިވި ރުޅިން ހީވަނީ މީހަކު އަންދާ ހުލިކޮށްލާފާނެހެންނެވެ.
"މިކުއްޖާ ބޭނުން ކޮންމެ އެއްޗެއް ދެވިދާނެތަ؟" ރަމްލާ އަޑު އަނެއްކާވެސް ދިޔައީ ބާރުވަމުންނެވެ. މިފަހަރު ރަމްލާގެ ނަޒަރު ގޮސް ހުއްޓުނީ ސާރިމްގެ މޫނަށެވެ. ސާރިމް އެ ފިހާރައަށް ނަޒަރު ހިންގާލިއެވެ. އެއީ އާދައިގެ މުދާ ވިއްކަން ހުރި ތަނެކެވެ. އޭނާއަށް ނުގަނެވޭވަރުގެ އެއްޗެއް ނެތެވެ.
"ކޮއްކޮ ކޯއްޗެއް އެންމެ ބޭނުންވަނީ؟" ސާރިމް ބަލައިލީ އެކުއްޖާއަށެވެ. ކުރިން ހުރި އުފާވެރިކަން ވަނީ ގެއްލިފައެވެ. ރަމްލާ ދެކެ ބިރުން ބުނަން ފަސްޖެހިފައިވާކަން އެ މައުސޫމް މޫނުން ހުރީ ފެންނާށެވެ. ސާރިމްގެ ސުވާލާއި އެކު އިތުރަށް އެ މޫނުގެ ކުލަ ފަނޑުވިއެވެ. އިސްޖަހާލީ ފެންކަޅިވެފައެވެ. އެއްޗެއް ނުބުނާނެހެން ހީވެ މިނެޓެއްގެ ހިމޭންކަމަށްފަހު އެކުއްޖާގެ އަޑު އިވުނެވެ.
"މަންމަ އާއި ބައްޕަ." (ނުނިމޭ)