"ކޮންއިރަކު ޝެރީން އަހަރެންގެ އަލަމާރި ޗެކުކުރީ؟" ހިމްނާގެ މޫނުމަތިން ފެންނަންހުރި ސީރިއަސްކަމާއި އަޑުގައި ހުރި ހަރުކަމުން ޝެރީން އަށް ހައިރާންކަމެއް ލިބުނެވެ. އެކަމަކު އޭނާގެ ސިކުނޑި ރަނގަޅު ދިމާލަކަށް މިސްރާބުޖެހިއެވެ. ހިމްނާގެ މޫނަށް ޝެރީން ބަލައިލީ ޝައްކުވެގެންނެވެ.
"ސޯ ޔޫ ޑޫ ދެޓް؟"
ޝެރީން އަށް ހިމްނާ އާއި ދޭތެރޭ ޝައްކުވިއެވެ.
"ވެލް.. " ހިމްނާ ދެކޮނޑު އަރުވައިލީ ފަރުވާކުޑަގޮތަކަށެވެ. ކުށަށް އިއުތިރާފްވިއަސް އެކަމާއި މެދު އޭނާ ކަންބޮޑުނުވާކަން ޔަޤީނެވެ. ޝެރީންއަށް ފުރަގަސްދީފައި ދާން އެނބުރުނު ވަގުތު ހުށިޔާރުކަމާއި އެކު އޭނާ ހިމްނާގެ އަތުގައި ހިފާ މަގަތަށް އަނބުރާލިއެވެ.
"ކީއްވެ؟"
ހިމްނާ އަށް ބިރުން ގޮސް އަނގަ ހަދާލެވުނެވެ. އޭނާ ޝެރީންގެ އަތުން ވީއްލިގަންނަން ތެޅިގަތެވެ.
"ކީއްވެތަ؟ އަހަންނަށް ޝެރީން ކައިރީ ނުހުރެވެންވީ؟' ހިމްނާ ހަމަޖެހޭގޮތް ދައްކަން މަސައްކަތްކުރިއަސް އެކަމުން ފަތަހައެއް ނުލިބުނެވެ.
"ސީރިއަސްލީ؟ މިގޭގައި ހުންނަން ހިމްނާއަށް ނުވެސް ޖެހޭނެ ދޮގު ހަދާކަށް، އެކަމަކު މައްސަލައަކީ އަހަރެން ހިމްނާ ކައިރިން އެދުނީ ކަމަކު.. އެރޭ ފުރައިގެންދާން އަހަރެން ބުނީ ޒައިން ގެ ލެޕްޓޮޕް އިން އަހަރެން ސަލާމަތްވާނެ މަގު ފެނިދާނެކަމުގެ އުއްމީދުގައި، އެ ނޫނީ ކަމަކު އަހަރެން އެދުނުތަ؟ " ޝެރީން ހަށަމަށް އަތް ބަނދެލާހެން ދެއަތް ހުރަސްކޮށްލިއެވެ.
"އެއީ އަހަރެން އެހީނުވާންވެގެން ކުރި ކަމެއް ނޫން، އަހަންނަށް އެނގޭ ޒައިންގެ ލެޕްޓޮޕަކު ޝެރީންގެ އެއްވެސް ވީޑިޔޯއެއް ނުހުންނާނެކަން، އޭނަ ޝެރީން ބިރުގަންނުވަން އެހެން ކިޔަނީ، ހީ ހޭޒް ނަތިން، އޭނަގެ ލެޕްޓޮޕްގައި އެހެން ހުރިހާ އަންހެނުންގެ ފޮޓޯ ބަހައްޓާފައިވެސް ޝެރީންގެ ފޮޓޯތައް ޑިލީޓްކުރީ ހަޤީޤަތުގައިވެސް އޭނަ ޝެރީން ދެކެ ލޯބިވާތީ.." ހިމްނާ ޒައިން ދިފާއުކޮށްފައި ބަސްބުނަން ފެށުމުން ވަކިން ބޮޑަށް ޝެރީން ހައިރާންވިއެވެ. މިއީ ހިމްނާގެ ފަރާތުން އޭނާ އުއްމީދުކުރި ސިފައެއް ނޫނެވެ. މިހާރު އޭނާގެ ކުރިމަތީ މިހުރީ އެންމެ ގާތްއެކުވެރިޔާގެ ސިފައިގައި ހުރި އެހެން މީހެކޭ ބުނާހާ ވެއެވެ.
"ހިމްނާ ކޮންއިރަކު ޒައިން ދެކެ ތިހާ ލޯބިވާންފެށީ؟" ޝެރީން އަހާލިއެވެ. އޭނާއަށް ހީވަނީ އެއް ކޮޓަރިއެއްގައި ތިބެ ތިބެ ގޮސް ހިމްނާގެ ސިކުނޑި އާއި ޒައިން ވަރަށް ރަނގަޅަށް ކުޅެލާފައިވާހެންނެވެ. ހިމްނާ ދެކެ ރުޅި އައިސްހުއްޓާ އަނެއްކާވެސް ހިމްނާގެ ވާހަކަ ހުރިގޮތުން ހީވީ ރުޅިގަނޑުގެ ތެރެއަށް ދަރު އަރައި އިތުރަށް ހުޅުގަނޑު ބޮޑުކޮށްލިހެންނެވެ.
"އޭނަ އަކީ އެއް އިރަކުވެސް ގޯސް މީހެއް ނޫން. ޔޫ މޭޑް ހިމް ލައިކް ދެޓް، "
ޝެރީންއަށް ހީވީ އަތް ވީއްލާފައި އޭނާގެ މޫނުމަތީ ބާރު އެތިފަހަރެއް ޖެހީހެންނެވެ. އޭނާ އަށް ދެރަގޮތެއް ވާން ނޭދޭ އެންމެ ގާތް މިތުރާގެ ބަސްމަގު ހުރީ ދުޝްމަނެއްގެ ބަސްމަގު ހުންނަހާ އަނިޔާވެރިކޮށެވެ.
"އަހަރެން؟" ޝެރީންއަށް ޝަހާދަތް އިނގިލިން އަމިއްލަ މޭގައި ޖައްސާލެވުނެވެ. އޭނާގެ މޫނަށް ބަލަން ހުރެފައި ހިމްނާ ބޯޖަހާލިއެވެ.
"ލެޓް މީ ރިމައިންޑް ޔޫ" ހިމްނާ ފޮނިގޮތަކަށް ހިނގާފައި ގޮސް އެނދުގައި އިށީދެ ޝެރީން އާއި މުޚާތަބުކޮށްލިއެވެ.
** **
އަރްޝަދުގެ މަރަށްފަހު އެކި މީހުންނާއި ދިމާލަށް ތުހުމަތުގެ އިނގިލިތައް ދިއްކުރެވުނުއިރު ޒައިން ހުރީ ހުރިހާކަމަކުން ސަލާމަތްވެފައެވެ. އަރްޝަދު އާއި ޒައިން ދުވަހަކުވެސް ދިމާވެފައެއް ނެތެވެ. އެދުވަހު ފިހާރަތެރެއިން ފިޔަވައެވެ.
އަރްޝަދު ނެތުންވީ ޝެރީންއަށް ހަށިގަނޑުން ބައެއް އުނިވެގެން ދިޔަ ކަމަކަށެވެ. އެކަމުގެ ހިތާމައިން އަރައިނުގަނެވު އުޅެނިކޮށް އަރްޝަދުގެ މަންމަ ހުރިހާ އިލްޒާމެއް ޝެރީންގެ ބޮލުގައި އަޅުވައި ޖެހިޖެހިގެން ދެ ފަހަރު ޝެރީން އާއި ސުވާލުކުރަން ގެންދެވުނެވެ. އެއިން ކޮންމެ ފަހަރަކު ޝެރީންގެ ބައްޕަގެ ނުފޫޒު ނެތްނަމަ ބަންދުގައި ބަހައްޓާނެކަން ޔަޤީނެވެ.
ޝެރީންއަށް ހެޔޮއެދޭ އެންމެންގެ ނަޞޭހަތަކަށްވީ އަރްޝަދުގެ ހަނދާންތަކުން ދުރުވުމަށް އިތުރު ބައިވެރިއަކު ޚިޔާރުކުރުމެވެ. ނޫނީ މާލެ ދޫކޮށް މާ ދުރަށް ހިޖުރަކުރުމެވެ. އަދި އަރްޝަދުގެ މަރަކީ އެކްސިޑެންޓަކަށް ހަދައި އެމަރުގައި އޮތީ މަތިޖަހާފައެވެ. ހަޤީޤަތް އެނގިވެސް ޝެރީންއަށް އަނގަ ހުޅުވައިނުލެވުނީ އެއްރޭ ދަންވަރު އޭނާގެ ކޮޓަރިއަށް ވަދެ ޒައިން ދެއްކި ބިރެއްގެ ސަބަބުންނެވެ.
ޝެރީންއަށް ގެއިންވެސް ނިކުމެވެނީ ޒައިންގެ ކުރިމައްޗަށެވެ. ޚަބަރުލިބޭ ނުލިބޭ ގޮތެއް ނޭނގެއެވެ. މަގުމަތިން ފެނިއްޖެނަމަ ފަހަތުން ދުވަނީއެވެ. އެންމެންގެކުރިމަތީ ދެކަކޫޖަހައި ލޯތްބަށް އެދި އާދޭސްކުރަނީއެވެ. ޝެރީންގެ ބައްޕަ އާއިވެސް ބައްދަލުކުރިއެވެ. ދެން އެންމެންގެ ޕްރެޝަރަކަށްވީ ޒައިން ނޫން މީހަކު އިޚްތިޔާރުނުކުރުމެވެ.
އެންމެންގެ ހިތް ރުއްސަން ދުވަސްކޮޅަކަށް ޒައިން އާއިގުޅެން ޝެރީން އެއްބަސްވިއެވެ. ޒައިންވެސް އަމިއްލައަށް ޝެރީން ލޯބިނުވާކަށް ޤަބޫލުކޮށް ހިނގައިދާނެކަމުގައި ހީކުރެވުނެވެ. އެކަމަކު ކަންތައްވީ އެހެންނެއް ނޫނެވެ. ޒައިން ހުރީ އަވަލާފައި ހުރި ޖިންނިއެއް ހެންނެވެ.
ހަމަސްފަހުން ޝެރީން ގަސްތުކުރީ ޒައިން އާއި ވަކިވުމަށެވެ. މިހާރު އެދެމީހުންނަށް އެކީގައި ނޫޅެވޭނެ އެތައް ހެއްކެއް ޒައިންއަށްވެސް ދެއްކިއްޖެއެވެ. ޒައިންއަށް ފުރުޞަތު ދެވިއްޖެއެވެ. އެހެންވެ ހިމްނާގެ އަތަށް ޒައިން އޭނާއަށް ދިން ފޯނާއި އަނގޮޓިއާއި ދެންވެސް ހުރި ހުރިހާ ހަދިޔާތަކެއް ދީފައި ފޮނުވާލިއެވެ. އަދި ވަގުތުން ފުރައިގެން ދިޔައީ ލަންކާއަށެވެ.
ހަފްތާއެއްފަހުން ޝެރީން އައި ރެއެވެ. އޭނާ މާލެ އައިކަން އެނގޭނީ މައިންބަފައިންގެ އިތުރުން ވަރަށް ގާތް ދެމީހަކަށެވެ. އެރޭ އެއްވެސް މީހަކާއި ބައްދަލުކުރާހިތެއް ޝެރީން ނެތެވެ. ދަތުރުވަރުބަލިވެފައި ހުރުމާއި އެކު އޭނާ ހެދުން ބަދަލުކޮށްލައިގެން އޮތީ ނިދާށެވެ.
ހޭލެވުނީ ދަންވަރު މީހަކު އޮތްކަމުގެ އިހްސާސްކުރެވިގެންނެވެ. އޭރު އޭނާއަށް ބަލަހައްޓައިގެން ޒައިން އޮތެވެ. ޝެރީން ތެދުވަން އުޅުމުން ޒައިން ދައްކައިލީ އޮފް އަރާ އަރާ އޮތް ވަޅިއެކެވެ.
"އަހަރެން ކިހިނެއް އުޅޭނި ޝެރީން ނުލައި؟" ޒައިން އޭނާއަށް ގެއްލުމެއް ދޭކަށް ނޫޅެއެވެ. އެ ވަޅި ގެންގޮސް އޭނާ އަމިއްލަ ކަރުގައި ވަޅިޖައްސައިލީ ސީދާ ވައިނޮޅިމަތީގައެވެ. ޝެރީންއަށް ފުންމައިގެން ތެދުވެވުނެވެ.
"ޕްލީޒް ބިހޭވް ޔުއަރ ސެލްފް. ޒައިން،" ޝެރީން އާދޭހުގެ ރާގަކަށް ބުނެލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ދެލޮލުން ވިދައިގެން ކަރުނަތަކާއި އެކު ތުންފަތް ތުރުތުރުލައިގެން ދިޔައެވެ. ޒައިންގެ ދެލޮލުން ފެންނަންހުރި ރިހުން ފެނިފައި ޝެރީން ވަކިން ބޮޑަށް ބިރުގަތެވެ. އޭނާ އާދޭސްކުރުމުން ޒައިން ވަޅި ތިރިކޮށްލިއެވެ.
"ވަކިވުމުގެކުރިން އަހަރެން ކިޔައިދިނިން ސަބަބު،" ޝެރީން މަޑުމަޑުން ބުނެލިއެވެ. ޒައިން އަކީ ބަސް ޤަބޫލުނުކުރާ މީހެކެވެ. އޭނާގެ ގައިގައި ގޮތްދޫނުކުރުމާއި އެހެން މީހުންނަށް އިތުބާރުކުރަން ދަސްވެފައިނެތީ ކީއްވެކަމެއް ނޭނގެއެވެ.
"އަހަރެން ބޭނުމެއް ނޫން އެއްވެސް ބަހަނާއެއް، އައި ނީޑް ޔޫ، ޝެރީން، އަހަރެންގެ ދިރިއުޅުން ފަޅުވެއްޖެ، މިހާރުވެސް އަހަރެން ޝެރީން ބޭނުން." ޒައިން އައިސް ޝެރީންގެ ކުރިމަތީ އިށީނެވެ. ދެއަތުން އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ހިނދެއް ހިނދަކަށް ޒައިންގެ ދެލޯ ރަތްވަމުން އައިކަން ޝެރީންއަށް ފާހަގަވިއެވެ.
"ދޫކުރޭ ޒައިން، އަހަންނަށް ވިސްނާލަން ވަގުތުކޮޅެއް ދެވިދާނެތަ؟ އައި ވިލް ގިވް ޔޫ އަ އާންސަރ އިން ޓޫ ޑޭސް،" ޝެރީން ދެ އިނގިލި ދައްކާލަމުން އެދުނެވެ. އެ އަތުގައި ޒައިން ހިފަހައްޓާލިއެވެ.
"އާއެނކޭ ފިޔަވައި އިތުރު ޖަވާބެއް އަހަރެން ބޭނުމެއް ނޫން، ފުރަތަމަ ޝެރީން ވިސްނަންވީ އަހަންނާއި ދުރަށް ދާން ޝެރީންއަށް ވިސްނައިދިން އެކުވެރިންނާއި ދުރުވުމުގެ ޚިޔާލު، ޚާއްސަކޮށް އެ ހިމްނާއާ، އަހަންނަށް ސިޓީތައް ގެނެސްދީފައި ބުނި ޝެރީން އާއި ދުރުގައި ހުންނާށޭ، އޭނަ އެއީ ކާކުތަ އަހަންނަށް އަމުރުކުރަން،؟ އަހަންނަށް އެނގޭ އޭނަކަން ޝެރީންގެ މުޅި ސިކުނޑި ދޮވެލީ. " ޒައިން ޝެރީންގެ އަތް ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އެތައް ފަހަރަކު ބޮސްދިނެވެ. އާދޭސްކުރީ ޝެރީންގެ ޖަވާބު ބަދަލުނުކުރުމަށެވެ.
"ވިލް ޔޫ ސްޓޮޕް؟" ޝެރީން އަތް ދަމައިގަންނަމުން އަހާލެވުނެވެ. ހަރުކަށިގޮތަކަށެވެ. ޒައިން ފާޑަކަށް ބަލައިލިއެވެ. ރައްދުދޭން އުޅެފައި އޭނާ ރައްދު ދިނީ ދުލަކުން ނޫނެވެ. ޝެރީންގެ އަނގަމަތީ ޒައިން ހިފައިގަތެވެ. ހީވީ ދަތްތައް މުގުރާލަން އުޅުނުހެންނެވެ. ވަގުތުން އަނގަތެރޭ ލޭރަހަ ލިއެވެ.
"އައި ވިލް ނޮޓް؟" ޒައިން ޖުމްލަ ނިންމައިލީ އޭނާ އަބަދުވެސްޖަހާ ޒާތެއްގެ ހިނިގަނޑަކުންނެވެ. ޝެރީން ބިރުން އެއްބަސްވިއެވެ. ޒައިން އާއި އުޅޭނަމޭ ބުނެ ވައުދުވިއެވެ. ޒައިން މަޑުމަޑުން ޝެރީންގެ ކޮލުގައި ފިރުމާލަދިނެވެ. ދެން ވެއްޓިގަތީ އުނގުމައްޗަށެވެ.
** **
"ޝެރީން އޭނަ އާއި ދުރަށް ދާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އޭނަ ބަދަލުވޭ. ހީ ބިކަމް އޭން އެނިމަލް." ހިމްނާ ކޮނެލައިގެން ނެރުނީ މާޒީގެ އެންމެ އުދަނގޫ ހިސާބެވެ. އޭގެފަހުން އަނެއްކާ ހަނދާންކޮށްދިނީ އޭގައި ވަނީ ޝެރީންގެ އިހުމާލުކަމެވެ.
"ހީ އިޒް" ޝެރީން އެ ދެލަފްޒު ކިޔައިލީ އޭގެން ކޮންމެ އަކުރަކަށްވަކިން ބާރުލާފައެވެ. ޒައިން ގޯސްމީހަކަށްވީ ޝެރީންގެ ސަބަބަކުން ނޫނެވެ. އެއީ އޭނާއަށްވެސް ބަދަލުނުކުރެވުނު ސިފައެކެވެ. މީހުން ބުނަނީ ތެދެކެވެ. އެމީހަކު އަމިއްލައަށް ބަދަލުނުކުރި ސިފައެއް އެހެން މީހަކަށް ވަކި ބަދަލެއް ނުކުރެވޭނެއެވެ.
** **
ހިމްނާގެ ކޮޓަރިން ނިކުމެގެން އާއިރު ޝެރީންއަށް ހީވީ އޭނާ ބޮލުގެ މެދުގައި ވަރަށް ގަދައަށް ރިއްސާހެންނެވެ. މިހާވަރަށް އޭނާ ރުޅި ގަދަވީ މަދު ފަހަރަކުއެވެ. އޭނާއަށް އަދިވެސް ޤަބޫލުކުރަން އުދަނގޫވެފައިވީ ހިމްނާގެ ފަރާތުން އެ ފެނުނު ކަންތައްތަކެވެ. ހިމްނާ އޭނާއަށް ގަސްތުގައި އެހީނުވީއެވެ. ޒައިންގެ ލެޕްޓޮޕްގައި އޭނާގެ އެއްވެސް ވީޑިޔޯއެއް ނެތްކަން އެނގި ނުބުނީ ކީއްވެކަމެއް ނޭނގެއެވެ. އެންމެ ރެއަކަށްވިއަސް އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީހެވެ.
އެރޭ ނިދަން އުޅެ އުޅެ ނުނިދިގެން ޝެރީން ތެދުވިއެވެ. ފެންފޮދެއް ބޯލަންކަމަށް ތެދުވިއިރު ފެނުނީ އެނދު ހުސްކޮށް އޮތްތަނެވެ. ސާރިމް ނެތްކަން އެނގުމުން ޝެރީން ކޮޓަރިން ބޭރަށް ނިކުމެ ބަލައިލިއިރު ސާރިމް އޮށޯވެލައިގެން އޮތީ ސޯފާގައެވެ. އެއްފައި އޮތީ ސޯފާއިން ބޭރުގައެވެ. އޭނާގެ ދިގު ހަށިގަނޑު ގޮތަކަށް ދަމާލައިގެން އޮތްއިރު ނަޒަރު ހުއްޓިފައިވަނީ ސީލިން އަށެވެ. މި ދަންވަރު ނިދިން މަހްރޫމްވެގެން ސާރިމް ވިސްނަންއޮތީ ކޮންކަމަކާއިތޯ ޝެރީންގެ ހިތަށް އެރިއެވެ.
ޝެރީންގެ ހިޔަނި ގޮސް ސާރިމް އާއި ހަމަޔަށް ފޯރިއެވެ. ސާރިމް ބަލައިލާފައި ޝެރީން ފެނުމުން ތެދުވެވުނެވެ. އޭނާ އަހައިލީ ޝެރީން ނުނިދަނީތޯއެވެ.
"ތި ސުވާލު ކުރެވިދާނެ އަހަންނަށްވެސް." ޝެރީން ކޮންމެ ފިޔަވަޅެއްވެސް ނެގީ ސާރިމްގެ މޫނަށް ބަލަން ހުރެއެވެ. ޝެރީން ކައިރީ އިށީންނަން އަންނާށޭ ބުނެފައި ސާރިމް އަތް ހިނގައިލީ ދިގުވާންފަށާފައިހުރި ބޮލުގެ އިސްތަށިގަނޑުގައެވެ.
"އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން،" ސާރިމް ފުންނޭވާއެއް ދޫކޮށްލިއެވެ. މި ހިމޭންވަގުތު ސާރިމްގެ ނޭވާ އަވަސްވެފައިވާކަންވެސް ޝެރީންއަށް ފާހަގަވެއެވެ. ފަނޑުއަލިކަމުގެ ތެރޭ އޭނާއަށް ފެނުނީ ސާރިމް އިންތިހާއަށް ކަންބޮޑުވެފައިވާތަނެވެ. ދެލޮލުގައި ފާއްދާލި ކަރުނައިގެ ތެތްކަމެވެ. (ނުނިމޭ)