ވާހަކަ

ނޫރާ - 23

2

"އަހަރެން ބުނާ ސިއްރެއް ސިއްރެއްގެ ގޮތުގައި ބާއްވައިދޭނަންތަ؟" ރަމްލާ ބަލައިލީ ޝެރީންއަށެވެ. ހަމައެކަނި ބޯޖަހައިލުމަކުން އޭނާއަކަށް ނުފުދެއެވެ. ބޭނުންވަނީ ވައުދުވާށެވެ. އޭނާ ބުނަން މިއުޅެނީ އާދައިގެ ވާހަކައެއް ނޫނެވެ.

"އުމުރަށް ވެސް އެއީ ސިއްރެއްގެ ގޮތުގައި ބާއްވައިދޭނަން." ޝެރީން ވައުދުވިއެވެ. ރަމްލާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އެކަމަކު އެ ހިނިތުންވުން ފުޅާވެ ލޮލާއި ހަމަޔަށް އެކަން ފޯރުމުގެ ކުރިން ފިލައިގެން ދިޔައީއެވެ. ޝެރީން އެހެން ބުނުމުން އޭނާ ހިތްހަމަޖެހުނެވެ. އެކަމަކު ބުނަން މިއުޅޭ ވާހަކައިން އޭނާގެ ހިތަށް ނުތަވަސްކަން ވެރިވީއެވެ.

"އަހަރެން ހިތުގައި އަބަދުވެސް އޮންނަ ބިރުވެރިކަމަކީ އެއް ދުވަހަކުން ސާރިމްގެ މައިންބަފައިން އެކުއްޖާ ހޯދަން އައިސްދާނެކަމުގެ ބިރުވެރިކަން، އެމީހުން ދުނިޔޭގައި އެބަތިބި،" ރަމްލާގެ މޫނުން އެ އަސަރު ފެންނަން ހުއްޓެވެ. ސާރިމް އާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. ހައިރާންވެފައި ޝެރީންއަށް އިރުކޮޅަކު އިނދެވުނެވެ. އެކަމަކު އެއީ އޭނާއަށް އާ ވާހަކައެއް ނޫނެވެ.

"ޤާނޫނީ ގޮތުން ދައްތައަށް ވެސް ބާރުތަކެއް ދީފައި ހުންނާނީ، އެ މީހުންނަކަށް އެހެން އައިސް އެކުއްޖާ ނުވެސް ގެންދެވޭނެ." ޝެރީން ބުނެލިއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ދަނީ ބެލެނިވެރިން ނެތި ޔަތީމުވެގެންނެއް ނޫނެވެ. ބައެއް ފަހަރު އެމީހުން އަމިއްލައަށް އެކުދިންގެ ޒިންމާ ނުނަގަން ވެގެން ދޫކޮށްލަނީއެވެ. ނޫނީ ވެފައިވާ އިހުމާލުގެ ސަބަބުން އެކުދިންގެ ބެލެނިވެރިކަން އަތުލަނީއެވެ. ފަހުން އެމީޙުން ބޭނުންވެގެން ހޯދަން އާދެއެވެ.

އެއްވެސް މީހަކު އެމީހަކު ކުރާ ކަމެއް ބޭކާރުވެގެންދާ ނޭދޭނެކަން ޔަޤީނެވެ. ރަމްލާގެ އެކަނިވެރިކަން ފިލުވައިދޭ ފަރާތަކީ ސާރިމްކަމަށްވެފައި މިހާރު އެކުއްޖާއާ މެދު ދަރިކުލުނު ޖެހިފައިވާނެކަން ކަށަވަރެވެ.

"ސާރިމް ދާން ބުނެފިއްޔާ އަހަރެން ކީއްކުރާނީ،؟" ރަމްލާ އަހާލިއެވެ. ކުދިން ބޮޑުވެ އަމިއްލަ މައިންބަފައިން ހޯދަން މަސައްކަތްކުރެއެވެ. އަދި އެމީހުންގެ ގާތަށް ދާންވެސް ބޭނުންވެދާނެއެވެ.

"އެގޮތަށް ވިސްނާކަށްނުވާނެ. ސާރިމްއަށް ތިއީ ވަރަށް މުހިއްމު މީހަކަށްވާނެ، ދައްތަ ތިކޮށްދޭ ހުރިހާ ކަމެއް އެކުއްޖާ ބަލައިގަންނާނެ، ބޮޑުވާ ވަރަކަށް އަގުވަޒަންވެސް ކުރާނެ." ޝެރީން ބުނެލިއެވެ. ރަމްލާއަށް އޭނާ ދޭ ހިތްވަރުން ކުޑަވެސް ބަދަލެއް އަންނަހެން ހިއެއް ނުވެއެވެ. ޝެރީން ހިނިތުންވެލީމައި ވެސް ރައްދުގައި ހީލިތަނެއް ނުފެނެއެވެ. އޭނާގެ ނުތަނަވަސްކަން ފިލައިދާވަރުގެ ލަފްޒެއް އަދި ޝެރީންއަށް ބުނެވުނުހެން ހިއެއް ނުވެއެވެ.

"ސާރިމް ދުވަހަކު ވެސް މަންމައެއް ނުހޯދާ، އެކަމަކު ބައްޕަގެ ވާހަކަ ވަރަށް ގިނައިން އަހާ" ރަމްލާ ހިތްދަތިވިއެވެ. އެއީ ކީއްވެކަން އޭނާއަށް އެނގެއެވެ. ސާރިމް ރަމްލާއަށް މަންމަ ކިޔާތީ އެ މަޤާމަށް މީހަކު ނުހޯދަނީކަން ވެސް އެނގެއެވެ.

** ***

ކެފޭއިން ނުކުމެ ސާރިމް އާއި ނަސްރު ޕިކަޕަށް އެރިއެވެ. މިއަދު ހެނދުނު އެ ދެމީހުން ބައްދަލުކުރީ ކުރިއެކޭ އެއްފަދައިން އެކުވެރިޔާގެ ހައިސިއްޔަތުންނެވެ. ސާރިމްގެ ގެސްޓްހައުސްއަށް ދާން ނަސްރު އާއި އެކު ޕިކަޕަށް އެރިއެވެ. ސާރިމް ދެއްކީ މިހާ ދުވަސް ކޮށްފައި އާއިރު ވެސް ރަށަށް އެއްވެސް އުމްރާނީ ބަދަލެއް އައިސްފައިނުވާ ވާހަކައެވެ. ރައްދުގައި ނަސްރު ބުނީ މީހުންގެ ވިސްނުން ތަރައްޤީވި ދުވަހަކުން ނޫނީ އެބަދަލު ނުފެންނާނެކަމެވެ.

"މިހާރު ޒުވާނުންގެ ވިސްނުން އަހަރެމެން އޭރުގައި ހުންނަ ވިސްނުމާއި ހާދަ ތަފާތޭ، އަހަރެން އޭރު އަވަދިނެތި އުޅުނީ ގެދޮރު ހަދަން، މީހަކާ އިންނަންވާއިރަށް، މިހާރު މިކުދިންނަށް އެކަންވެސް ޖެހެނީ މައިންބަފައިން ކޮށްދޭން، އެހެން ނޫނީ މައިންބަފައިން ކަމެއްކޮށް ދޭ ކަމަކަށް ނުވޭ." ނަސްރުގެ ޚިޔާލާއި ސާރިމް ދެބަހެއް ނުވެއެވެ. އޭރު ސާދަ ފަނަރަ އަހަރުވާއިރު ފިރިހެންކުއްޖަކަށް ވިއަސް އާމްދަނީ ހޯދާނެ ބޮޑު މަސައްކަތެއް ހުންނަނީ ދަސްވެފައެވެ. މިހާރުގެ ޒުވާނުންނަށް އެނގެނީ ހަމައެކަނި ފޯނާއި ކުޅޭށެވެ.

ދެމީހުން ޚިޔާލު ތަފާތު ނުވެ އެއް މައުޟޫއެއްގައި ވާހަކަ ދައްކާލެވުނެވެ. މަގުމަތިން ދުއްވާފައި ދެވުނީ ވާހަކައިގެ ތިބެ މަގުތަކަށް ސަމާލުކަން ނުދީއެވެ. ރަށުގައި މާގިނަ ވެހިކަލްތަކެއް ނެތެވެ. މަދު ފަހަރަކު ސައިކަލެއް ނޫނީ ނުފެނެއެވެ. ކުއްލިއަކަށް ގޯޅިއަކުން ނިކުން ކުޑަ ފިރިހެން ކުއްޖަކު ކުރިމައްޗަށް އަރައިގެން ނަސްރު ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ލެވުނު ބާރެއްލައި ސަރަކަ އެހެން ދިމާލަކަށް އަނބުރާލެވުނެވެ. ޕިކަޕު ކޮންޓްރޯލްވި އިރު މަގުގައި ހުނި ހޮޅިދަނޑީގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. ފުރަތަމަ ވެސް ބަލައިލެވުނީ އެކުއްޖާ ކޮބައިތޯއެވެ. އެކުއްޖާގެ ގައިގައި ނުޖެހޭކަން ނަސްރަށް ޔަޤީނެވެ.

"ކިރިޔާއެއްނު ނުޖެހުނީ" ޕިކަޕުގެ ދޮރު ހުޅުވާފައި ބަލާލަމުން ނަސްރު ގޮވާލިއެވެ. އަނެއް ފަރާތުގައި އިން ސާރިމް ޕިކަޕުން ފައިބާފައި ބަލާލުމުން އެނގުނީ އެއީ ރަމްލާ ގެ ގެއިން ފެންނަ ސާރިމްކަމެވެ.

"ދެން ފަހަރަކުން މަގުމައްޗަށް ދުވެފައި ނުނިކުންނައްޗެ" ސާރިމް އެކުއްޖާގެ ބޮލުގައި ފިރުމާލާފައި ދާން ހިނގައިގަތެވެ. ނަސްރު އިނީ ޕިކަޕުން ނުވެސްފައިބައެވެ. ސާރިމް އައިސް ކުރިއެކޭ އެއްފަދައިން ޝީޓުގައި އިށީނެވެ. އެ ދެމީހުންގެ ވާހަކަ އަނެއްކާ ވެސް ހުސްވީއެވެ. ޕިކަޕު ތަންކޮޅަކަށް ދިޔަ ފަހުން ސާރިމް ބަލައިލީ ޕިކަޕުގެ ބޭރުގައި އިންނަ ލޯގަނޑަށެވެ. އެމީޙުންނަށް ބަލަހައްޓައިގެން އަދިވެސް އެކުއްޖާ އެބަހުއްޓެވެ.

"މިރަށަށް އައިފަހުން ރަމްލާ އާއި ދިމާވިތަ؟" ނަސްރު އަހާލިއެވެ. އޭނާ ގެ ސިކުނޑި ފުރައިލީ ސާރިމްގެ މާޒީގެ އެކި އެކި ކަންކަމުންނެވެ.

"އަހަރެން ދިޔައިން އެގެއަށް،" ސާރިމް ބުނެލިއެވެ. އޭނާއަށް އަދިވެސް ރަމްލާ ދެއްކި ވާހަކަ ޤަބޫލުކުރަން ފަސޭހައެއް ނޫނެވެ. އެއްގޮތަކަށް ވެސް ހިތެއް އެއްބަހެއްނުވެއެވެ. އަނެއްކާ ވެސް ސާރިމްއަށް އެކުއްޖާ ފެނުމާއި ކުރިއެކޭ އެއްފަދައިން އެކުއްޖާގެ މޫނުމަތިން ނޫރާ ފެނުނުހެން ހީވަނީއެވެ.

"އެގެއަށް؟" ނަސްރު ސާރިމްގެ މޫނަށް ބަލާލިއެވެ. ސާރިމްގެ ނަޒަރު ހުރީ މަގުމައްޗަށެވެ. ނަސްރުގެ ސުވާލު އިވުމުން އޭނާ ހަމައެކަނި ބުމަ އުފުލައިލިއެވެ.

"ކީކޭ ބުނީ؟" ނަސްރު އަހާލިއެވެ. ރަމްލާގެ ކުރިމައްޗަށް ސާރިމްއަށް ދާން ކެރުނީތީ ވެސް އޭނާ ހައިރާންވެއްޖެއެވެ. ސާރިމްއަށް މިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ.

"އަހަރެން ދިޔައީ ނޫރާ ހޯދާކަށް ނޫން، އަހަންނަށް މިރަށަށް އައި ފަހުން އެނގުނީ ނޫރާ އަހަރެންގެ ދަރިއަކަށް ބަނޑުބޮޑުވިކަން، އެއީ އަހަރެންގެ ދަރިއެއް ކަމެއް ނޫނީ އެހެން މީހެއްގެ ދަރިއެއްތޯ އަހަން ބޭނުންވަނީ ނޫރާ ކައިރިން، އެއީ އަހަރެންގެ ކުއްޖެއްނަމަ ދެކިލަން ވެސް ބޭނުން.. އެހެންވެ ދިޔައީ،" ސާރިމް ބުރަކަށި ގޮނޑީގައި ޖައްސާލާ ހަމަޖެހިލިއެވެ.

"ދެން؟" ނަސްރު މޭކެކިލިއެވެ. އޭނާގެ ދުލުން އެއްވެސް ސިއްރެއް ބޭރުވާން ބޭނުމެއް ނޫނެވެ. އޭނާ ބިރުގަތެވެ. ރަމްލާ ކިޔައިދިނީ ކިހާ ހިސާބަކަށް ކަމެއް ނޭނގެއެވެ. ސާރިމް ފުންނޭވާއެއް ލިއެވެ. ނަސްރު އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސާރިމް އޭގެ ޖަވާބު ދިނެވެ. ރަމްލާ ކިޔައިދިނީ އެކުއްޖާ ވިހޭއިރު ނިޔާވެފައިވާ ވާހަކައެވެ. އަދި ނޫރާ ހޯދަން މަސައްކަތް ނުކުރުމަށް ރަމްލާ ބުނެފައިވެއެވެ. ނޫރާ އުޅެނީ މީހަކާއި އިނދެގެން ވަރަށް އުފަލުގައި ކަމުގައި ބުނެފައިވެއެވެ.

"އޭނަ އެ ހަދަނީ ތެދެއްހެން އަހަންނަކަށް ހިޔެއް ނުވޭ." ސާރިމް ނަސްރު އާއި ދިމާލަށް ބަލައިލިއެވެ. ނަސްރުގެ ފަރާތުން އެހީތެރިކަން ލިބޭނެއޭ އަދިވެސް ހިތް ބުނެއެވެ.

"އެއީ ތެދަކަށް ވިއަސް ދޮގަކަށް ވިއަސް އެއީ މިހާރު ސާރިމް ވިސްނަން ޖެހޭ ކަމެއް ނޫނެއްނު، ވެދިޔަ ކަންތައް އެ ނިމުނީ، މިހާރު ސާރިމްގެ އަތްބަކާއި ދަރިއަކު އެބަހުރި، ޝެރީންއަށް ސާރިމް ދޭނީ ކޮން ޖަވާބެއް؟ އަމިއްލަ ދެއަތުން އެދެމައިންގެ އުފާވެރިކަން ނަގައިނުލާ." ނަސްރު އާދޭހުގެ ރާގަކަށް ބުނެލިއެވެ. ސާރިމް ފިނި ސިކުނޑިއަކުން އެކަމާމެދު ވިސްނައިލަން ނަސްރު އެދުނެވެ. ސާރިމް ހިމޭންވިތަން ފެނި ނަސްރުއަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ އެދުމަކީ އެވާހަކަ ސާރިމް ދެވަނަ ފަހަރަށް ނުދެއްކުމެވެ.

"ނަސްރު އަށް ކެރޭނެތަ ހުވާކޮށްފައި ބުނަން ރަމްލާ އެބުނީ ތެދެކޭ؟" ސާރިމް ވިސްނަން އިނދެފައި އަހާލިއެވެ. ކުއްލިއަކަށް ބުރެކި ޖައްސާލާފައި ޕިކަޕު މަޑުކޮށްލުމުން ހެކިދިނީ ނަސްރު ސިހުނުވަރެވެ. ސާރިމް ހިފެހެއްޓީ ނަސްރުގެ އަތުގައެވެ.

"އަހަރެން ބޭނުމެއް ނޫން އިތުރު އެންމެ ދޮގެއް ވެސް އަޑުއަހާކަށް." ސާރިމްގެ މޫނުމަތިން ފެނުނު ސީރިއަސް ކަމުން ނަސްރު ބިރުގަތެވެ. އޭނާއަށް އެތަނުން ދުވެފައި ފިލާކަށް ނުދެވޭނެއެވެ.

"އަހަންނަކަށް ނޭނގެ، ނޫރާ ފިލައިގެން ދިޔައީ މިރަށަށް އައި ކަންނެލި ދޯންޏަކަށް އަރައިގެން، އެއީ ނައިވާދޫ ބައެއްކަން ނޭނގެ، މާރަނގަޅަކަށް ނޭނގެ، އަޑުއެހިން އޭނާ ވިހެއި ވާހަކަ، ހޮސްޕިޓަލަކަށް ވެސް ނުގެންދޭ އެމީހުން، އެކުއްޖާ އެއްލައިލީ، މަރެއް ނުވޭ، ދައުލަތަށް ކަންނޭނގެ ނެގީ، ރަމްލާ އަށް އެކަން އެނގިގެން ވަރަށް ގިނަ މީހުން ކައިރިއަށް ދުވި، އެކުއްޖާ ލިބޭތޯ އާދޭސްކުރި،" އެއް ނޭވާއިން ނަސްރު ކިޔައިދިނެވެ. އޭނާ އަށް އެއްތަނުގައި ނުވެސް ހުރެވެއެވެ. ސާރިމް ރުންގުޅިއެއް މަތީ އިށީދެ އިން އިރު ނަސްރު ކަމަކީ ދެކޮޅަށް ހިނގުމެވެ.

"އެހެންވިއްޔާ މިހާރު އެބަލަނީ އެކުއްޖާތަ؟" ސާރިމް ހިތް ތެޅިލިއެވެ. އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު ނޫރާ އާއި ވައްތަރުވާހެން ހީވާ ހީވުމަކީ އޭނާއަށް ކުރެވޭ ހީއަކަށް ނުވުމަށް ދުޢާކުރެވުނެވެ. ނަސްރުގެ ޖަވާބުން އެއީ ހީއަކަށްވިއަސް ނޫނީ ތެދަކަށްވިއަސް އެނގޭނެއެވެ.

"ނޭނގެ." ނަސްރު ބުނެލިއެވެ. މިފަހަރު އޭނާ އެބުނީ ދޮގެއް ނޫނެވެ. އެކުއްޖާއާ ބެހޭގޮތުން ސުވާލުކުރިއަސް އެމީހަކު ދެކެ ރަމްލާ ރުޅި އާދެއެވެ. ގެއިން ނުނިކުމެ އެކުއްޖާ ގޮވައިގެން އުޅެނީ ވެސް މީހުންގެ ސުވާލުތަކުން ސަލާމަތްވުމަށެވެ.

** **

ހަވީރު ގެއަށް އައި ގޮތަށް ސާރިމް އޮތީ ކޮޓަރީގައެވެ. ޝެރީން ސައިބޯން ބުނުމުން ސާރިމް ނޫނެކޭ ބުނެލިއެވެ. ސާރިމް ނިދާލަން ބޭނުންވެފައިވާހެން ހީވެ ޝެރީން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. އެވަގުތު އޭނާގެ އަތުގައި ހިފާފައި ގެނެސް ސާރިމް ބޭންދީ އޭނާގެ މަގަތުގައެވެ.

"އަހަރެން އެބައޮތް ވާހަކައެއް ބުނަން." ސާރިމް ތެދުވެފައި ޝެރީންގެ ކައިރީ އިށީނެވެ.

"ކޮން ވާހަކައެއް؟" ޝެރީން އަހާލިއެވެ. ސާރިމް އެނދުގައި ހިފަހައްޓާލާފައި ބޯ އެލުވައިލި ގޮތުން ކަންބޮޑުވެފައިވާކަން އެނގެއެވެ.

"އަހަރެން އެބަޖެހޭ ދުވަސްކޮޅަކަށް މާލެ ދާން." ސާރިމް ބުނެލިއެވެ. ޝެރީން މިރަށަށް އައީ ޒައިންގެ އުދަނގުލުން ސަލާމަތްވާށެވެ. އެވަރުން ވެސް ޒައިން އައެވެ. އެކަމަކު ގޮތަކަށް މިހާރު ޒައިންގެ ކިބައިން ސަލާމަތްވެވިއްޖެއެވެ. އެނބުރި މާލެ ދާން ޝެރީން ދެކޮޅު ހަދަންޖެހޭ ސަބަބެއް މިހާރަކު ނެތެވެ.

"އަހަރެން އެކަނި." ސާރިމް އިތުރުކޮށްލިއެވެ. އަޖައިބުވެފައި ޝެރީންއަށް އިނދެވުނެވެ. ސާރިމް އެކަނި ދާން އެބުނީ ކީއްވެތޯ އޭނާ އަހާލިއެވެ. ސާރިމް ބޭނުންނަމަ އަލުން މާލެ ބަދަލުވާންވީއޭ ޝެރީން ބުނެލިއެވެ.

"އަހަރެން ކުރިން ވެސް ބުނީމެއްނު މާލެ ބަދަލުވާނީ ފާއިޒުބޭ ބޭސްކޮށް ނިމިގެން ރަށަށް އައި ދުވަހަކުންނޭ، އޭނަ ދެކިލަންވެގެން މިދަނީ، މިކޮޅުގައި ޝެރީންއަށް އެއްވެސް ކަމެއް ދަތިނުވާވަރު އަހަރެން ކޮށްދޭނަން." ޝެރީން ގެންދަން ސާރިމް އެއްބަހެއް ނޫނެވެ.

"އަހަރެން ވެސް ބޭނުން މަންމަ ދެކިލަން، ދެ ދުވަހަކަށް ނަމަވެސް މާލެ ދާން އަހަރެން ބޭނުން،" ޝެރީން ބުނެލިއެވެ. ދެން އިތުރު ބަހަނާއެއް ނުދެއްކޭނެކަން އެނގުމުން ސާރިމް އެއްބަސްވިއެވެ. ޝެރީން ދިޔައީ މާލެ ދާ ވާހަކަ ހިމްނާ ކައިރީ ބުނާށެވެ. އޭނާގެ މޫނުމަތީ ހުރި އުފާވެރިކަން ފެނި ސާރިމް ކަންބޮޑުވިއެވެ. އޭނާ މާލެދާކަށް ބޭނުމެއް ނޫނެވެ. އެހެން މީހުން ފަދައިން އޭނާއަށް ވެސް ހުރީ ދޮގު ހަދަން ދަސްވެފައެވެ. އޭނާ ބޭނުންވަނީ ނާވައިދޫއަށް ދާށެވެ.

ޝެރީން ގޮސް ޓަކިދިނީ ހިމްނާގެ ކޮޓަރީގައެވެ. ހިމްނާ ދޮރު ހުޅުވުމުން އައިސް ބައްދާލާފައި އެދިނީ މާލެ ދާ ޚަބަރެވެ.

"ޝެރީންއަށް އެނގެއެއްނު އަހަންނަށް ނުދެވޭނެކަން." ހިމްނާ މާޔޫސްވެފައި ބުނެލިއެވެ. ޝެރީން ޖަހައިލީ ހިމްނާގެ ކޮލުގައެވެ.

"ޒައިން ފޮރުވި އައިޑީކާޑު އޮންނާނެ ހޯދާފައި، އަހަރެން ހުރީ ސަޕްރައިޒްއަކަށް ހިމްނާއަށް ޓިކެޓާއެކު ދޭން، " ޝެރީން ހިނިތުންވެލާފައި ހިމްނާގެ މޫނަށް ބަލާލިއެވެ. ހިމްނާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާ ބިރުގަންނަވަރު އެއްޗެއް ނުބުނެވޭކަން އެނގޭތީ ޝެރީން އެދުނީ ހަމަޖެހުމަށެވެ.

"ކޮންއިރަކު ޝެރީން އަހަރެންގެ އަލަމާރި ޗެކު ކުރީ؟" ހިމްނާގެ މޫނުމަތިން ފެންނަން ހުރި ސީރިއަސްކަމާއި އަޑުގައި ހުރި ހަރުކަމުން ޝެރީން އަށް ހައިރާންކަމެއް ލިބުނެވެ. އެކަމަކު އޭނާގެ ސިކުނޑި ރަނގަޅު ދިމާލަކަށް މިސްރާބު ޖެހިއެވެ. ހިމްނާގެ މޫނަށް ޝެރީން ބަލައިލީ ޝައްކުވެގެންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟