އަބްދުﷲ މަސީހު މުހައްމަދު

މަސީހުގެ ރިޔާސަތުގައި މަޖިލިސް ކުރިޔަށް ގެންދަން ދެން ފުރުސަތެއް ނުދޭނަން: އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އަބްދުﷲ މަސީހު މުހައްމަދު ބަހައްޓައިގެން މަޖިލިސް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދެން ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރުވެސް ކުރިޔަށް ދާން ޖެހޭ ކަމަށާއި މަޖިލިސް ނުބާއްވަންވީ ސަބަބެއް ނެތް ކަމަށެވެ.

"މިހާރު ވެސް މީ މަޖިލިސް ކުރިޔަށް ދާން ޖެހޭ ދުވަސްވަރު. އެބޭފުޅުން އެކަމާ އުޅުއްވާ ތަނެއް ނުފެނޭ ދެއްތޯ؟" އަލީ ހުސެއިން ސުވާލު އުފެއްދެވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ސިފައިންނާއި ފުލުހުން ވެސް ގާނޫނުން ބޭރުން ކަންކަން ނުކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް މަސީހު ރިޔާސަތުގައި ބަހައްޓައިގެން މަޖިލިސް ކުރިޔަށް ގެއްދަން އުޅެފި ނަމަ އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށާއި ސުވާލު އުފައްދާފައިވާ 12 މެންބަރުންނާ ނުލައި އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސިފައިންނާއި ފުލުހުން މަޖިލީހުގެ ތަޅުމުގައި ބައިތިއްބައިގެން ކަމަށެވެ.

ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕާޓީއާ ފެޔަށް ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ މަޖިލީހުގެ ރައީސް ކަމަށް އެމެންބަރުން ވަނީ ވިދާޅުވެފަ އެވެ. އޭރު އުފެދުނު މައްސަލަ ތަކުގެ ތެރޭގައި ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޕީޕީއެމްގެ ގިނަ މެންބަރުން ތަކެއް ވަނީ ތާއީދުވެސް ކުރައްވައިފަ އެވެ.