ވާހަކަ

ނޫރާ - 22

1

ނޫރާގެ ކުރިމަތީ ރަމްލާ އެއްބަސްނުވިއަސް މިހާކާއި އިނދެގެން އެގެއިން ނޫރާ ދާނެ ދުވަހެއްގެ އިންތިޒާރުކުރެވެއެވެ. އާމިރުގެ ކައިރީ ހުއްދައަށް އެދޭކަށް ނުކެރޭނެއެވެ. އޭނާ ނިދަން އޮވެ އެރޭ ހަތަރުދަމު ވިސްނީ އެގެއިން ނޫރާ ނެރެވޭނެ ގޮތެކެވެ. އެ މިނިވަންކަން ނޫރާއަށް ހޯދައިދެވޭނެ ގޮތެކެވެ. އުއްމީދެއް ނުފެނި ބަނަ ރެއެއްގެ ގޮތުގައި އެރޭ ނިމިގެން ދިޔައެވެ. އަނެއް ދުވަހު ރަމްލާ އުޅުނީ މާ ބުރަކޮށެވެ. ނޫރާ ވިލުނު އައްޔާއި އެކު ގެއިން ދިޔަގޮތަށް އައީ އިރުއޮއްސުމަށެވެ. އައިގޮތަށް ވަދެ ކޮޓަރީގެ ދޮރުޖަހައިފިއެވެ. މިރޭވެސް ކާކަށް ނުނިކުތެވެ. ފެންޑާގައި ޚަބަރު އަޑުއަހަން އިން އާމިރު ގެ ކައިރިއަށް ރަށުގެ ދެތިން ފިރިހެނަކު އައެވެ. އެމީހުންނަށް ނޫރާ ރަށުތެރޭ އުޅޭގޮތް ފެނިގެން އެ ޚަބަރު ދޭށެވެ. ހިކިދަރުގަނޑެއްގައި އަލިފާން ހިފި ފަދައެވެ. އާމިރު ތެދުވިގޮތަށް ނޫރާ އޮތް ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. ދޮރު ނުހުޅުވުމުން ދޮރު ވވައްޓާލިއިރު ފެނުނީ ހުޅުވާފައި ހުރި ކުޑަދޮރެވެ. ކޮންމެ ރެއަކު ގެއަށް ވަންނަކަމަށް ހަދާފައި އަނެއްފަރާތުން އަނެއްކާވެސް ފުންމާލައިގެން ދަނީކަން އެނގުމުން އާމިރު އައި ރުޅިން މޮޔަނުވީކިރިޔާއެވެ. ބަދިގޭގައި ހުރި ފުރޯ ހިފައިގެން އެމީހުންވެސް ގޮވައިގެން ގެއިން ނިކުތެވެ. ފަހަތުން ރަމްލާވެސް ދުއްވައިގަތެވެ.

އޭނާއަށް ދެވުނު އިރު އާމިރު ހުރީ ސާރިމްގެ ކަރުގައި ފުރޯ ޖައްސައިގެންނެވެ. ދެކަކޫ މައްޗަށް ތިރިވެ އިން ސާރިމް އިނީ ގޮތް ހުސްވެފައެވެ. ދެ ފިރިހެނަކު ވެގެން ނޫރާ ގަދަކަމުން ހިފެހެއްޓޭތޯ ބަލައެވެ. އެމީހުންގެ އަތުން ވީއްލިގެން އައިސް އާމިރުގެ އަތްދޮށުން ސާރިމް ސަލާމަތްކުރެވޭނެ އުއްމީދުގައި ނޫރާ އަޑުން އަޑުނަގައި ރޮމުން ދިޔައެވެ. ސާރިމް އިނީ ބަހެއްވެސް ނުބުނެއެވެ. އާމިރު ބުނަމުން ދިޔައީ އެރަށުން ފައިބައިގެން ދިއުމަށެވެ. ދުވަހަކުވެސް ނޫރާ އަށް އުދަނގޫނުކުރަން ވައުދުވުމަށެވެ.

އެކަމަކު ސާރިމް ޚިޔާރުކޮށްފައިވަނީ ހިމޭންކަމެވެ. އަމިއްލަ ބަލިކަށިކަން ޤަބޫލުކުރާ ހާލުގައިވެސް އެއިން އެއްވެސް ޝަރުތަކަށް އެއްބަސްނުވަނީ ނޫރާ ދެކެ ވާ ލޯބީގެ ބޮޑުކަމުންނެވެ. އެރޭ ރަމްލާއަށްވެސް ހީވީ އެހެންނެވެ. އާމިރުގެ ކުރިމަތީ ސާރިމް ދޫކޮށްލާތޯ އޭނާ އާދޭސްކުރިއެވެ. އެދެކުދިންގެ ކައިވެންޏަށް އާމިރު ނުރުހެންވީ ސަބަބެއް ނުވިސްނެއެވެ. މީހާގެ ނަސަބާއި މެދު ފަޚުރުވާންވީ ކީއްވެކަމެއް ނޭނގެއެވެ. ރަމްލާ އާއި އިން އިރު އާމިރުގެ އަތުގައި ލޯ ލާރިއެއް ނެތެވެ. ވީއިރު ސާރިމް ދެރަ ފަގީރަކަށްވެގެން އާމިރު ނުރުހުންވާންވީ ކީއްވެހެއްޔެވެ؟

ރަށުގެ ވެރިން އެއްވެދާނެކަމުގެ ބިރަށް އާމިރު ދޫކޮށްލިއެވެ. އޭނާ އަކީ ޤާނޫނަށްވުރެ ބާރުގަދަ ފަރާތަކީ ނޫނެވެ. މީހެއްގެ ފުރާނަ ދުއްވާލުމަކުން އާމިރު އަށް ލިބޭނެ މޮޅެއް ނޯންނާނެއެވެ. ސާރިމް ބޮލުގައި އަޅާ ކޮއްޕާލަމުން އާމިރު ބުނެލީ ނޫރާ ފެންނަ ހިސާބަށްވެސް އައިސްގެންނުވާނެކަމަށެވެ. މިރޭ ސަލާމަތްވިއަސް އޭނާ އަބަދުވެސް ހުންނާނީ ފާރައަށްކަމަށެވެ.

ނޫރާ ގޮވައިގެން ގެއަށް ވަދެފައި އާމިރުގެ ހުރިހާ ރުޅިއެއް ބޭލީ އެފަކީރަށެވެ. ގޭގެ ހަތަރުފާރު އެތެރެވުމަށްފަހު ރަމްލާގެ އެއްވެސް އަޑެއް އޭނާ ނޭހިއެވެ. ނޫރާގެ މޫނުމަތީ ޖެހި ޖެހީނުން ތިރިއަށް ވައްޓާލިއެވެ. ގައިގައި އޮތް އަންނައުނުގަނޑުވެސް ވިދާލިއެވެ. ބޮލުގެ އިސްތަށިގަނޑު ކޮށާލިއެވެ. އާމިރުގެ ހިތް ފުރުނީ ނޫރާއަށް ހިރިނުލެވޭވަރަށް އަނިޔާކޮށްފައެވެ. ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިއަސް ދެފައި ބިންދާލާނަމޭ ބުނެފައި އާމިރު ފެންވަރަށް ވަނެވެ. ނޫރާ އަތުގައި ހިފައިގެން ރަމްލާ ކޮޓަރިއަށް ވެއްދިއެވެ. މުޅި ގައިގައި ފެންފޮތިލައިދިނެވެ. ބޮޑިތާން އަޅައިދިނެވެ.

އެރޭ ގެއަށް އާދެވުނުފަހުން ރަމްލާ ހުރީ އާމިރުގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެއެވެ. ރަމްލާ އެނދުގައި ނުނިދި އޮއްވާ އާމިރު ހިއްލައިލީ ދަންވަރެވެ. އޭނާގެ އަމަލުތައްހުރިގޮތުން މިރޭވެސް އާމިރުގެ ޝިކާރައަކަށް ނޫރާ ވެދާނެ ކަމުގެ ބިރު އޮތެވެ. ރަމްލާގެ ލޭ އެންމެ ފުރަތަމަ ފަހަރަށް ކެކިގަތެވެ. އާމިރުގެ ފަހަތުން އޭނާ ތެދުވިއެވެ. ކޮޓަރިން ނިކުންނަމުން އަތަށް ހެޔޮވަރުކޮށްލީ އާމިރު މިރޭ ގެންދިޔަ ފުރޮއެވެ.

އާމިރުގެ ފުށްކިބައިގައި ފުރޮއިން ޖެހީ ނޫރާގެ ކޮޓަރިއަށް ވަދެވަދެ ހުއްޓައެވެ. ހަޅެއްލަވައިގެންފައި އާމިރު އެނބުރުނުއިރު ދެލޯ ހުރީ ތަންމިތަނަށް ހުޅުވިފައެވެ. ރަމްލާ އާއިދިމާލަށް އެއްފިޔަވަޅު އެޅިއެވެ. އެކަމަކު ހޭހުސްވެގެން ވެއްޓުނީ ރަމްލާ ދެވަނަ ހަމަލާއެއްދޭން ހަޅެއްލަވައިގެންވަގުތެވެ.

ފުރޯ ތިރިކޮށްފައި ރަމްލާ އަށް ބަލަން ހުރެވުނެވެ. އާމިރުގެ ބޮލުންފެށިގެން ދެމިގެން އައި ލޭގެ ކޯރު އައިސް އޭނާގެ ދެފައިތިލަ އާއި ހަމަޔަށް އައެވެ. ރަމްލާ ބިރުގަތީ ދެނެވެ. ކުރެވުނު ކަންތަކުގެ ގޯސްކަން އިހްސާސްވިއެވެ. އާމިރު މަރައިގެން އޭނާއަށް ވަކި ކޮން މޮޅެއްހެއްޔެވެ؟ އާމިރު ދެއަތުގައި ހިފައިގެން ގެއިން ދަމާފައި ނެރެ ގިފިއްޔާއި ހަމަޔަށް ގެންދެވުނެވެ. އޭނާއަށް މާނޭވާ ލެވެއެވެ. އެކަމަކު ވަޅެއްކޮނެ ވަޅުލާނެ ހިތްވަރެއް ނެތެވެ. ވަރުބަލިވެއްޖެއެވެ.

ބަދިގެއަށް ވަދެ ފެންބޮއި ވަރުބަލި ފިލުވައިގެން ރަމްލާ އަނެއްކާވެސް ނިކުތެވެ. ގަސްތުކުރީ މީހަކަށް ފެނުމުގެކުރިން އާމިރު ގެ ވަސްވެސް ފިލުވާލުމަށެވެ. އޭނާއަށް ކުރެވުނު ފާފަ ވަންހަނާ ކުރުމަށެވެ. އުދެނލިނަގައި ނިކުންނަން ހިނގައިގެންވަގުތު ފެނުނީ ދޮރާށި ހުޅުވާފައި ވަން ސާރިމްއެވެ. ރަމްލާ ގޭތެރޭގައި ހުރެ ނިވާވެލިއެވެ. އޭނާ ގަނެފައިހުރި ބިރު އިތުރުވީ ސާރމް ދުވެފައި ގޮސް ގިފިއްޔަށް ވަނުމުންނެވެ.

ފަތިސްވެ އަލިވިލެންދެން ރަމްލާ އިނެވެ. ސާރިމް ނުނިކުތެވެ. އޭނާ ގޮސް ސަރަންފީގައި އިށީނެވެ. އެހެން އިންދާ ނިދުނީއެވެ. ހޭލެވުނީ ހެނދުނުވެ ނޫރާ އައިސް ގޮވައިގެންނެވެ. ގިފިލިތެރޭގައި އޮތް އާމިރުވެސް ނޫރާއަށް ފެނިއްޖެއެވެ. ރޮއި ރޮއިފައި އެހީ ރަމްލާ ކުރި ކަމެއްތޯއެވެ. ރޭގައި ނުނިދިފައި އޮތްއިރު އާމިރު ހަޅެއްލަވައިގެން އަޑު އިވުނެވެ. ގޭތެރޭގައި ހުރި ލޭތަކާއި ނޫރާއަށް ފެނިއްޖެއެވެ. ރަމްލާއަށް ޖެހުނީ އެއްބަސްވާށެވެ. މިހާރު ސާރިމްގެ ފަރާތުންވެސް އެވާހަކަ ފެތުރިދާނެކަމުގެ ބިރު އެބައޮތެވެ. އެންމެންގެ ކުރިމަތީ އެއްބަސްވާންޖެހިއްޖެނަމަ އެއްބަސްވާ ގޮތަށް ރަމްލާ ތެދުވިއެވެ.

ދެ ފިރިހެނަކު ގެނެސް އާމިރު ނަގައި ބޭރުގައި ހުރި އަށިމައްޗަށް އެރުވިއެވެ. އެމީހުން ސުވާލެއް ނުކުރެއެވެ. އެމީހުންގެ ތުހުމަތު ގޮސް ހުއްޓެނީ ސާރިމްއަށެވެ. ބަދަލު ހިފާލީއޭ ކިޔައެވެ. ރަމްލާ އަނގައިން ނުބުނެ ހުއްޓެވެ. ތުހުމަތުގެ އިނގިލި އޭނާއަށް އަމާޒުނުވާހާ ހިނދު ކުށުގެ ތާޖު އަމިއްލައަށް ނާޅަން ވައުދުވެގެންނެވެ. ކައިރީގައި ރޮއި ރޮއި ހުރި ނޫރާ ކުޑަކުއްޖެއްފަދައެވެ. ބަހެއްވެސް ނުބުނެއެވެ.

ރަށުތެރެއަށް އެވާހަކަ ފެތުރުނުލެއްވެސް އަވަހެވެ. ރައްޔިތުން ކަހަލަ ގޮތަކަށް ގޭދޮށަށް އެއްވި ވަގުތު އާމިރު ކުކުރާލިއެވެ. ފަސްހަޑިއިރު ހޭހުސްވެ އޮތުމަށްފަހުވެސް މި ދުނިޔެއާއި ވަކިވުމުގެ ވަގުތު ނުޖެހޭކަން ސާބިތުކޮށްދެމުން އާމިރު ދެލޯ ހުޅުވާލިއެވެ. އެންމެންގެ މޫނުމަތި އުޖާލާވިއެވެ. ލިބުނު ސިހުމާއި އެކު ރަމްލާއަށް ހުރެވުނެވެ. އޭނާގެ ކޮޅު ބަލިވީއެވެ.

***

އާމިރުއަށް ފަރުވާ ފެށުނެވެ. އާމިރު ގެންގޮސް ހޮސްޕިޓަލަށް ލާފައި އެންމެންވެގެން ދުވަނީ ސާރިމް ހޯދާށެވެ. ފަތިހު ފުރި ދޯނިން މާލެ ދިޔަކަން އެނގުމާއި އެކުވަކިން ބޮޑަށް އެ ތުހުމަތުގެ އަޑު ގަދަވެއްޖެއެވެ. އާމިރުއަށް ވާހަކަ ދެއްކެވޭވަރުވެގެން ކިހިނެއްލިބުނު އަނިޔާއެއްތޯ އަހާލުމުން އެނގޭކަމަށްވެސް ނުހެދިއެވެ. ހަމަލާ ދިން މީހާ ނޭނގޭކަމަށްބުނެ ރަމްލާ ސަލާމަތްކޮށްދިނެވެ. އަނެއްކާވެސް ކިލަނބުވީ ސާރިމްގެ އަބުރެވެ.

ފަހުން ފަހުން އައިސް އާމިރު ފެންނަނީ ވަރަށް މަޑުން އިންދައެވެ. ރަމްލާވެސް ކުޅި ބަލަން ނުހުންނާނެކަން އެނގުމުން އޭގެފަހުން ނޫރާގެ ކޮޓަރިއަށް ވަންނާކަށް ނޫޅެއެވެ. ބޮލުގެ ފާރުގަނޑު ފަސޭހަވެ ދުވަސްކޮޅެއްވީތަނާއި ފާހަގަވީ އާދަޔާ ޚިލާފަށް ހަނދާންނެތޭކަމެވެ. އެއީ ލިބުނު ފަސޭހައެއް ކަންނޭނގެއެވެ. ފެންނަނީ އިރުކޮޅުކޮޅާ ގެއިން ނިކުމެގެން ދާތަނނެވެ. އިރުކޮޅަކުން އަނެއްކާވެސް އެނބުރި އާދެއެވެ. ކުރަން އުޅޭ ކަމެއް ހަނދާންނެތިގެން އުޅޭމީހެއްފަދައެވެ.

އެއްދުވަހަކު އާމިރު ގެއަށް ވަންނަން ދޮރު ހުޅުވާލި ވަގުތަކީ ގޭތެރޭގައި އޮވެފައި ނޫރާ ދުވެފައި ނިކުން ވަގުތެވެ. ގިފިއްޔާއި ހަމަޔަށް ނުދެވި ނޫރާއަށް ހޮޑުލެވުނީ ބަނބުކެޔޮގަސްބުޑަށެވެ. ފުނޑަން އިނދެފައި ރަމްލާއަށް ތެދުވެވުނެވެ. އާމިރު އައިސް ނޫރާގެ އިސްތަށިގަނޑުގައި ހިފިއެވެ. ބަނޑުބޮޑުވީހޭ އަހާލިއެވެ. ނޫރާ ފެންކަޅިވެފައި ރަމްލާއަށް ބަލައިލިއެވެ. ނޫރާ އެއްބަސްނުވިއަސް އާމިރުއަށް އެކަން ކަށަވަރުވި ކަހަލައެވެ. ނޫރާ ދަމަމުން ގެއިން ބޭރަށް ނެރެފިއެވެ. އަތިރިމަތީތިބިހާ މީހަކު އެއްކޮށްފައި ބަނޑުބޮޑުކަން އިއުލާންކޮށްފިއެވެ. މީގެކުރިން ކޮންމެ ކަމެއްވިއަސް ސިއްރުކުރަން ބުނާ އާމިރު ގެ މިޒާޖަށް އައިސްފައި ހުރި ބަދަލަކީ އިތުރު ބަލިމަޑުކަމެއްގެ ފެށުންކަމެއް ނޭނގެއެވެ. އެއްވި މީހުންގެ ތެރެއިން މީހަކު އެކަމާއި ނުރުހުންވިއެވެ. އާމިރުގެ ދީންވެރިކަމަށްވެސް އެމީހަކު މަލާމާތްކުރިއެވެ. ތަރުބިއްޔަތުގެ ހުރި އުނިކަމޭ ބުންޏެވެ. އާމިރުއަށް އެ ބަދުބަސްތައް ތަހައްމަލުކުރާކަށް ނޭނގުނެވެ. ބޮޑު ތަޅާފޮޅުންގަނޑަކަށް ބަދަލުވިއެވެ.

ރަށުގެ ވެރިން އެއްވެ އެންމެން ސުލްހަކޮށް ގެއަށް ފޮނުވާލިއެވެ. ނޫރާ ގޮވައިގެން އައިސް ގެއަށް ވަދެފައި އާމިރު އެދުވަހު އަނެއްކާވެސް އެކަނި ހިމޭނުން އިންނަން ފެށިއެވެ. ކެއުން ބުއިމާއި ގައިން ތާހިރުވުން ދޫކޮށްލިއެވެ. ހަމައެކަނި ހައްޓަން އެތެރެވަނީ ސިލުނބުން އެދަމާ ދުންކޮޅެވެ. އެ ހުސްވާއިރަށް އެ އަންނަ ރުޅިން ހީވަނީ ރަމްލާވރސް މަރާލާފާނެހެންނެވެ. ސަރަންފީގައި އަކީ މުޅި ދުނިޔެއަށް ވިއެވެ.

ދުވަހެއް ދުވަހަކަށް ނޫރާގެ ހަށގަނޑަށް އަންނަ ބަދަލު ފާހަގަވިއެވެ. ހަތަރު ފަސްމަސްވިއިރު އެކަމަށް ނޫރާވެސް ހޭނިފައިވާތަން ރަމްލާއަށް ފެންނަންފެށިއެވެ. ކެއުންބުއިމުގައި ފަރުވާތެރިވާންފެށިއެވެ. ކުރިން އަބަދު ރޯން އޮންނަ އުސޫލު ދޫކޮށްލައިފިއެވެ. ދަރިފުޅަށްޓަކައި ތައްޔާރުވާންފެށިއެވެ. އެ މަންޒަރު ބަލަން އާމިރު އިންނަނީ ދަތްޕިލަޖައްސާ ބާރުކޮށްގެންނވެ.

އެއްރޭ ރަމްލާއަށް ހޭލެވުނީ ހަޅޭކެއްގެ އަޑަށެވެ. ހޭލެވި ބަލާލިއިރު އާމިރު އެއް ނެތެވެ. ދުވެފައި ނިކުންއިރު ހަޅެއްލަވަނީ ނޫރާއެވެ. އެކޮޓަރިއަށް ވަންއިރު އާމިރު އޮތީ ނޫރާގެ އެނދުކައިރީ ގުދަށެވެ. ނޫރާގެ މޫނުގައި ދެއަތުން ބާލީސްއަޅައި ނޭވާ ހާސްކޮށްލަން މަސައްކަތްކުރަނީއެވެ. ރަމްލާ ގޮސް އާމިރުގެ އަތުގައި ހިފާ ދުރަށް ދަމައިގަތެވެ. ނޫރާ މާނޭވާލަމުން ތެދުވެ ކަރުގައި އަތް އަޅައިގެން ހުއްޓެވެ. އެތައް ފަހަރަކު ރަމްލާ ކޮއްޕާލާފައި އާމިރު ފުންމައިގަނެއެވެ. އޭނާ މިރޭ ކުއްލިއަކަށް ނޫރާ މަރާލުމުގެ ޚިޔާލު އައީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އެކަނި މާ އެކަނި އިނދެ ފިކުރުބޮޑުވެގެން ގޮސް ޝައިތާނާ ސަވާރުވެފައިވާކަން ކަށަވަރެވެ. އާމިރު ދެކެ ގެންބިރުން ނޫރާ ދުވެފައި ގެއިން ނިކުތެވެ. އެކަމަކު އެއީ އެގެއަށް ދުވަހަކުވެސް ނާންނަގޮތަށް ދުވެފައި ދިޔަ ދިއުމެއްކަމެއް ރަމްލާއަކަށް ނޭނގެއެވެ.

** **

"ރަމްލާ" ޝެރީން ގޮވާލިއެވެ.

ރަމްލާ އަވަސް އަވަހަށް އެސްފިޔަޖަހާލިއެވެ. އޭނާއަށް މާޒީގެ ތެރެއަށް މިހާ ފުންކޮށް ފީނައިގަނެވުނު އިރެއް ހަނދާނަކު ނެތެވެ. މަދު މިނެޓްކޮޅެއްގެ ތެރޭގައި ލޯމަތިން ސިފަވީ މީގެ ހަތް އަހަރު ކުރިއެވެ. އެކަމަކު ހީވަނީ ދާދި ދެންމެ ހިނގައިދިޔަ ކަމެއްހެންނެވެ.

"އަހަންނަށް އެއްޗެއް ބުނެވުނުތަ؟" ރަމްލާއަށް އަހައިލެވުނެވެ. އޭނާގެ ހިތުގައި އޮތް ބިރުވެރިކަމަކީ އެ ވަންހަނާކުރެވުނު ހަނދާނުން ޒައްރެއްގެ މިންވަރުވެސް ހިއްސާކުރެވިދާނެކަމުގެ ބިރުވެރިކަމެވެ.

"ނޫނޭ، ދައްތަ ނުބުނޭ އެއްވެސް އެއްޗެއް، އަހަންނަށް މި އެހުނީ އަހަން ނުވާނެ ސުވާލެއްކަންނޭނގެ." ޝެރީން އަށް އެހެން ނޭހުނު ނަމައޭ ހިތަށް އެރިއެވެ. އަދި ނޫރާ ދުވަހަކުވެސް އެނބުރި ނާންނާނެއޭ އެބުނާ ސަބަބެއް އޮޅުން ފިލުވަން ބޭނުމެވެ. ނޫރާ އާއި ބެހޭ ކޮންމެ މައުލޫމާތެއްވެސް އޭނާއަށް މުހިއްމެވެ.

"އަހަންނަށް އެހާ ފަސޭހައެއް ނޫން އެއްވެސް ކަމެއް ކިޔައިދޭކަށް، އަބަދުވެސް އުޅުނީ އެކަނި، މިރަށުގައި އަހަރެންގެ އެކުވެރިއަކު ދުވަހަކުވެސް ނެތް، ފަސޭހައީވެސް މިހެން އެކަނި އުޅެން." ރަމްލާ އެބުނީ ތެދެކެވެ. އެއީ އަބަދުވެސް މިރަށަށް ބީރައްޓެއްސެކެވެ. އެމީހުން ދެކެނީވެސް އެހެންނެވެ. އާމިރުގެ ގޮތް އެނގޭ ހާލުގައިވެސް މިރަށު މީހަކު އޭނާ ކައިރީ ދުވަހަކުވެސް ހާލު އަހައި ނުލައެވެ.

"ނޫރާ ނެތް ފަޅުކަން ފޫބައްދައިދެނީ ސާރިމްތަ؟ އެއީ ކިހިނެއް އައި ޚިޔާލެއް؟ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން ހޯދަން އެހާ ފަސޭހައެއްވެސް ނުވާނެ." ޝެރީން ގެ ނަޒަރު ގޮސް ހުއްޓުނީ ދުރުގައި ތިބި ދެކުދިންނަށެވެ. އޭގެތެރެއިންވެސް ސާރިމްއަށެވެ.

"އެއީ އެހާ އުދަނގޫކަމެއް ނޫން، ސާބިތުކޮށްދެން ޖެހުނީ ކުއްޖަކު ބަލައި ބޮޑުކުރެވޭނެ ޤާބިލްކަން ހުރިކަން އެކަނި، އެ ނިމުނީ" ރަމްލާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރު އަނެއްކާވެސް ރަނގަޅުވެގެން ދިޔައެވެ. ސާރިމް އާއި ބެހޭގޮތުން ކިޔައިދެން ޖެހުމުން އޭނާގެ ހިތަށް ލުއިކަން ލިބުނެވެ.

"އެންމެ އުދަނގޫވާނީ އެވަރުގެ ކުއްޖަކުގެ އަހާ ހުރިހާ ސުވާލަކަށް ޖަވާބު ދިނުން." ޝެރީން އަކީވެސް މަންމައެކެވެ. އެވަރުގެ ކުއްޖަކު ގެންގުޅުމުގައި ހުންނަ ދަތިކަން އެނގެއެވެ. ބައެއް ފަހަރު ނޫރާވެސް އެކި ކަހަލަ ސުވާލުކުރެއެވެ. އެކަމަކު ސާރިމް ކުރާނެ ސުވާލު މާ ތަފާތުވާނެއެވެ. އެހެންކުދިންގެ މައިންބަފައިން ފެނުމުން އެ ސުވާލު ރަމްލާ އާއި ކުރާނެކަން ޔަޤީނެވެ.

"އެއްދުވަހަކުން އެ ދަރިފުޅަށް އަހަރެން ހުރިހާ އެއްޗެއް ތެދަށް ކިޔައިދޭނަން، " ރަމްލާ އަށް ބުނެވުނެވެ. އަނެއްކާވެސް އޭނާއަށް އިހްސާސްވީ ހިތުގައި ބުރައެއް ބޭއްވުނުހެންނެވެ. ޝެރީން އާއި ދިމާލަށް ރަމްލާ ބަލައިލިއެވެ.

"އަހަރެން ބުނާ ސިއްރެއް ސިއްރެއްގެ ގޮތުގައި ބާއްވައިދޭނަންތަ؟" ރަމްލާ ބަލައިލީ ޝެރީންއަށެވެ. ހަމައެކަނި ބޯޖަހައިލުމަކުން އޭނާއަކަށް ނުފުދެއެވެ. ބޭނުންވަނީ ވައުދުވާށެވެ. އޭނާ ބުނަން މިއުޅެނީ އާދައިގެ ވާހަކައެއް ނޫނެވެ. (ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟