ވާހަކަ

ނޫރާ - 21

1

ފަތިސްނަމާދުގެ ބަންގި ނުގޮވަނީސް އެރޭ ސާރިމް ހުރީ އެގޭ ދޮރުމަތީގައެވެ. ނަސީބަކުންދޮރު ފާރަވެރިންނެއް ނެތެވެ. ސާރިމް އެތެރެއަށް ދެމިގަތެވެ. އޭނާ ދެން ހުރީ ގިފިލިތެރެއަށް ވަދެފައެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑުން މުޅި ރަށް ގުގުމަމުން ދިޔައެވެ. އެކަމަކު މަރު ނިދީގައި ތިބި މީހުންނަށް އެކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ ބަންގިއަށްވުރެ ކުރިން އާމިރު ހޭލައި ނިކުންނާނެކަން ސާރިމްއަށް އެނގެއެވެ. އެކަމަކު މިރޭ އަލިވިލޭއިރުވެސް އާމިރުގެ ޚަބަރެއް ނެތެވެ. ދުނިޔެމަތި އަލިވާންފެށިއެވެ. މީހަކަށް ފެނުމުގެ ކުރިން ނިކުންނަންވީއޭ ހިތަށް އަރައި ހިނގައިގަންނަން އުޅުނު ވަގުތު ފެނުނީ ވަޅުގެ އެފަރާތުން ފެންނަން އޮތް ފިރިހެނެއްގެ ފަޔެވެ.

ބިމުގައި ދެފައި ކިރިޔާ ހަރުލި ކަމެވެ. ކަކުލުން ފެށިގެން ތިރި ތުރުތުރު ލައިގެން ދިޔަވަރުން ހީވީ ސޮހިގެން ވެއްޓިދާނެހެންނެވެ. ހިތްވެސް ތެޅިގަތީ މޭ ފަޅައިގެން ނިކުންނަހާ ބާރަށެވެ. އެއީ ކާކުތޯ ނުބަލައި ދާ ވަރުގެ ފިނޑިއަކަށް ވާން ބޭނުންނުވާތީ ސާރިމް އެދިމާލަށް ހިނގައިގަތެވެ. އެއީ އާމިރުކަން ދެފިޔަވަޅެއްނަގައިލިތަނާއިވެސް ޔަޤީންވެއްޖެއެވެ. އެގޭގައި އެ ނޫނީ ފިރިހެނަކު ނޫޅެއެވެ.

ބަންޑުން ވެއްޓިފައި އޮތް އާމިރުގެ ފުށްކިބައިން ފައިބާ ލޭ ހުރީ ކަނދުރާމަތީގައްޔާއި ބުރަކަށީގައެވެ. ހުސްމުންޑުގަނޑެއް ފިޔަވައި އިތުރު އަންނައުނެއް ނެތެވެ. ހީވަނީ ފުރަތަމަ ހަމަލާ ދެވިފައިވަނީ ބޮލުގެ ފުށްކިބައަށްހެންނެވެ. ފަހުން ބަނޑުވަތަށް ގަސްތުގައި ވައްޓާލާފައިވާހެންނެވެ. އެހަށީގައި ފުރާނަ ހުރިތޯ ބަލަންވެސް ސާރިމް ބޭނުމެއް ނޫނެވެ. އަނެއްކާ އޭނާގެ މައްޗަށް ނުކުރާ ކުށެއް އަތުވެދާނެކަމުގެ ބިރާއި އެކު ދެން ދުއްވައިގަނެވުނީ ދެފައިގައި ހުރި ބާރުލާފައެވެ.

އޭނާ ހުއްޓުނީ ނަސްރުގެ ގެއަށް އެނބުރި އައިހެވެ. ނަސްރު ހުރީ އިންތިޒާރުގައެވެ. ސާރިމް ގެއިން ނިކުން ކަންތައް ފުރިހަމަވީތޯ އަހާލިއެވެ. މާނޭވާލަމުން ސާރިމްއަށް ބުނެވުނީ އޭނާއަށްވުރެކުރިން އެހެން މީހަކު އާމިރުއަށް ހަމަލާ ދީފިކަމެވެ. މަރުވިކަމެއް ނުވާކަމެއްވެސް ނޭނގެއެވެ.

"ކަލޭ މިތަނުން އަވަހަށް ސަލާމަތްވެގެން ދޭ، ނޫނީ އެންމެންގެ އިނގިލިތައް ހުއްޓޭނީ ސާރިމްއަށް،" ނަސްރު ވިސްނީ ސާރިމް އާއި ދޭތެރޭގައެވެ. މިދުވަސްކޮޅު މީހުން ޝައްކުކުރާނީ ހަމައެކަނި ސާރިމްއަށެވެ. އެކަން އޭނާއަށްވެސް އެނގެއެވެ.

"އެކަމަކު ނޫރާ، އަހަރެން ދާނީ އޭނަވެސް ގޮވައިގެން، އަނެއްކާ އާމިރު މަރުވީމައި އޭނައަށް ވާނެ ގޮތެއްވެސް ނޭނގެ،" ސާރިމް ދާހިއްލަންފެށިއެވެ. ވާހަކަ ދައްކަމުންގޮސް ބޮލުގެ އިސްތަށިގަނޑުގައިވެސް ހިފަހައްޓާލެވެއެވެ. މިވަރަށް ފިކުރުބޮޑުވި ދުވަހެއް އަދި ހަނދާނަކު ނެތެވެ.

"އެއީ އަދި އިހަކަށްދުވަހަކު އައި މީހެއްނު، ސާރިމް އަދި ކިރިޔާ ތިބުނީ ނޫރާ އަކީ ކާކުކަންވެސް، އަދި އެހިސާބަކަށް ނުދޭ، ސާރިމްއަށް ހީވޭތަ އޭނަ ހިނގައިދާނެހެން، މިހާރު ރަށު މީހުންނެކޭ އެއްފަދައިން އޭނަގެ ހިތްވެސް އޮންނާނީ ތުހުމަތުން ފުރިފައި، ސާރިމް ދިފާޢުގައި ނިކުންނަ މީހަކާއި ސާރިމް އާއި އެކު ކަންނޭނގެ ޤަތުލްކުރާނީ ރައްޔިތުން، އާމިރު އަކީ މުޅި ރަށުގެ ދާދާ، އޭނައަށް ސަޖިދަޖަހާ ހިސާބުގައި މީހުން އެތިބީ،" ސާރިމްއަށް މިވަގުތު މިނޫން އެއްވެސް ގޮތެއް ނެތެވެ.

ހެނދުނު ފުރާ ބޯޓުން އަވަހަށް ދާން ސާރިމް ދުއްވައިގަތެވެ. އެކަމަކު ދަބަހަށް ދެތިން ގަމީހެއްލާން ގެއަށް ދިޔަވަގުތު ނޫރާއަށް ރައްދުކުރަން ކުޑަ ނޯޓެއް ލިޔުނެވެ. ނޫރާ ބޭނުންނަމަ އަންނާށޭ ބުނެފައެވެ.

ނަސްރުގެ އަތަށް އެ ނޯޓްކޮޅު ދިނެވެ. ރައްދު ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކުގައެވެ.

** **

އަނެއްކާވެސް މާޒީގެ އަނދިރި ހުވަފެނަކުން ހޭލެވުނީއެވެ. އައި ބޭނުމުގެ މަތިން ހަނދާންނެތުނީއެވެ. ސާރިމް ފަދައިން އެ ޚިޔާލަށް ގެއްލިފައި ނަސްރުއަށްވެސް އިނދެވުނެވެ. ޒައިން ގެ ވާހަކައިން ފަށައިގެން ގޮސް އާމިރުއަށް ވިސްނުން ހުސްކޮށްލެވުނީ ނަސްރުއަށް ބުނެވުނު ބަހަކުންނެވެ.

"ދެން މައްސަލައެއްނެތޭ، އޭނަ ޖަލުން ސަލާމަތްވެގެން ނިކުން ދުވަހަކުން އެނގޭނި، މަ ހުވާކޮށްފައި މިބުނީ ސާރިމްއަށް ނުވިއްޔާ މަވެސް އެކަން ކުރާނަން" އަނެއްކާވެސް ނަސްރު ބުނި ބަހުގައި ހިފަހައްޓާ ބާރުވެރިކަން ދައްކާލިއެވެ. މޫޑް ޚަރާބުވެފައި އިން ސާރިމްއަށް އިތުރު ކަމަކަށް އެއްބަހެއް ނުވެވުނެވެ. އޭނާ ގަސްތުކުރީ ދެން ގެއަށް ދާށެވެ.

މިހާރު އޭނާގެ ވިސްނުން ބަހައްޓަންވީ މިހާރުގެ ދިރިއުޅުމަށެވެ. މާޒީ ހަނދާންނައްތާލަންވީ ވަގުތަކީ މިއީއެވެ. ޝެރީން އާއި ސާރިމް ކައިވެނިކުރީ ލޯބިވެގެންނެވެ. އެކުގައި ހޭދަވި ހަނދާންތަކާއި އެކު މުސްތަޤުބަލްވެސްވަނީ ބައްޓަންކުރެވި ނިމިފައެވެ.

ގެއަށް ދިޔައިރު ޝެރީން އޮތީ އިންތިޒާރުގައެވެ. ސާރިމް ފާޚާނާއަށްވަދެ މޫނު ދޮވެލައިގެން އައިސް އޮށޯތެވެ. ޝެރީން މަރުޚަބާ ކީފަދަ އުފާވެރިކަމަކަށް އޭނާ ތައްޔާރެއް ނޫނެވެ. ތަބީއަތަށް ވަނީ ބަދަލު އައިސްފައެވެ. ބޮލުގައި ރިއްސަނީކަމަށް ބުނެފައި ސާރިމް އަނެއްފަރާތަށް އެނބުރުނެވެ.

ޝެރީންވެސް ފުރަގަސްދީފައި އޮށޯތެވެ. އޭނާ އަށް ލިބުނު ހިތްދަތިކަންހުރީ ކަރުނައިގެ ސިފައިގައި ފެންނާށެވެ. އޭނާއަށް މާނަ ނެގުނުގޮތްވެސް ތަފާތެވެ. ސާރިމް އަދިވެސް ޝެރީން ދެއްކި ވާހަކަ ޤަބޫލުނުކުރަނިއްޔާ ހިތަށް އެރިއެވެ. އިތުބާރު ގެއްލުނީއޭ ހިތަށް އެރުމުން އަނގަމަތީ އަތް އަޅާލެވުނެވެ. ގިސްލުމުގެ އަޑު އިވޭކަށް ބޭނުމެއް ނޫނެވެ.

*** **

ޖެހިގެން އައި ދެދުވަސް ދިޔައީ ސާރިމް އާއި ޝެރީންގެ މެދުގައި ނުފެންނަ ފަރުދާއެއް ލެވިގެންނެވެ. ބަސްބުނުމުގެ ބަދަލުގައި ފެންނަނީ ދެމީހުން ބޭނުންވާ ކަމެއް ކޮށްދޭތަނެވެ. ޝެރީންއަށް ފަސްޖެހެވެނީ ސާރިމް މަޢާފްނުކުރަނީއޭ ހިތަށް އަރާފައެވެ. އޭނާއަށް އިސްވެ އެއްޗެއް ބުނާކަށްވެސް ނުކެރެއެވެ.

މާޒީގެ ޚިޔާލުތަކުގެ ސަބަބުން ސާރިމްއަށް ހުރެވެނީ އެއްވެސް ކަމަކަށް ޝައުޤުވެރިނުވެފައެވެ. ކުއްލިއަކަށް ނޫރާގެ ޚިޔާލު ނޫން އިތުރުކަމަކަށް ފިކުރުކުރުން ހުއްޓާލެވިއްޖެއެވެ. ވިޔަފާރި ތެރޭގައިވެސް ހުރެވެނީ ނަމަކަށެވެ. ހުރިހާކަމެއް އޮތީ އަތުން ދޫކޮށްލެވިފައެވެ. އެތަނަށް ދަނީ އެކަނިވާން ބޭނުންވާތީއެވެ.

ނޫރާ އަލަށް ސްކޫލަށް ދާންފެށީ މި ފެށުނު ހަފްތާގައެވެ. އެކުއްޖާއަށް ލިބުނު އެންމެ ބޮޑު އުފާވެރިކަމަކީ ސާރިމް އާއި އެއްކުލާހަކަށް ވަނުމުގެ ނަޞީބު ލިބުމެވެ. ގެއަށް އައީ ސާރިމް އެގެއަށް އަންނަން ދިން ދައުވަތު ހިފައިގެންނެވެ. ޝެރީންގެ ކައިރީ ކިޔަސް ރަމްލާގެ ކުރިމައްޗަށް ދާކަށް ނުކެރުނެވެ.

ސާރިމް އާއި ރަމްލާ އެދުވަހު ދެކެވުނު ވާހަކަތަކުގެ މަތިން ކުއްލިއަކަށް ހަނދާންވެ ޝެރީން މުޅިން ބަދަލުވެގެން ދިޔައެވެ. އޭނާއަށް އިތުބާރުނުކުރަން ސާރިމް އަށް އޮތީ ކޮން ހައްޤެއްހެއްޔެވެ؟ ސާރިމްގެވެސް ސިއްރުން ފުރިގެންވާ މާޒީއެއްވާކަން އޭނާއަށް އެނގެއެވެ. އޭނާ ހިތަށް އެރީ ސާރިމް އޭނާއަށް އަޅާނުލައިފިނަމަ އެ މައުޟޫއަށް ވާހަކަ ދައްކަން އޭނާ ފަށާށެވެ.

އެދުވަހު ހަވީރު ވީއިރު ނޫރާ ކުރުނުކޮށް ކީ ރަމްލާގެއަށް ދާށެވެ. އެގެއަށް ނުދާންވެގެން އަތިރިމައްޗަށް ނިކުންއިރު ރަމްލާ އިނީ އެތަނުގައެވެ. ސާރިމް ފެނުމާއި އެކު ޝެރީން ގޮވަ ގޮވާ އޮއްވާ ނޫރާ ދުއްވައިގެންފިއެވެ. އެމަންޒަރު ފެނުމުން އިސްއުފުލައިލި ރަމްލާ ގޮތަކަށް ހީލިއެވެ. އެއީ ފަނޑު ހިނިތުންވުމެކެވެ. އެހާމެ އަވަހަށް އެކަން ފޮހެވިގެން ދިޔައެވެ.

ޝެރީން ގޮސް ރަމްލާ އިން ހޮޅުއަށީގައި އިށީނެވެ.

"ޝެރީން ދެކެ އަހަރެން ރުޅި އަންނަންވީ ވަރުގެ ކަމެއް އަދި ނުހިނގާ." ރަމްލާ އިސްވެ ވާހަކަ ދެއްކިއެވެ. އެ އަޑު އަހާފައި ޝެރީން ބަލައިލީ ހައިރާންވެއެވެ. ރަމްލާ އެހެން ބުނީތީއެވެ.

"އެންމެ ފުރަތަމަ މިރަށުން އަހަރެމެން ފެނިގެން ރަމްލާ އުޅުނު ގޮތް ހަނދާންވަނީ، އޭރު ގައިމު ސަބަބެއްވެސް އޮވެގެން ސާރިމް ގޮވައިގެން ފިލަން އުޅުނީ." ޝެރީން ބުނެލިއެވެ. ރަމްލާ ބަލައިލީ ކުޅެން ތިބި ދެކުދިންނަށެވެ. އެކުދިންނަށް އެއްވެސް ކަމެއް ރެއަކާއި ނުލައެވެ. އަދި ނޫރާއަށް މުޅި ރަށުންވެސް އޭނާގެ ނިކަމެތި ސާރިމް ނޫނީ އެކުވެރިއަކު ނުވެސް ލިބުނެވެ.

"އޭރުވެސް މިހާރުވެސް އަހަރެން ރުޅި އަންނަނީ ކަނބުލޮގެ ފިރިމީހާ ދެކެ، " ރަމްލާ އަޑުގައި ވަނީ ސާބިތުކަމެވެ. އެދުވަހު ޝެރީންއަށް ކަންތައްތަކެއް އެނގުނުކަން އޭނާއަށް އެނގެއެވެ. އަދި އޭގެފަހުން ސާރިމްގެ ފަރާތުން އިތުރަށްކަމެއް ނޭނގޭކަމެއްވެސް ނޭނގެއެވެ.

"ކުށެއްކުރާމީހާއަށް އެކަމުގެ ސަޒާ ހައްޤުވާނެ، އެއަށްވުރެ ހިތްދަތި އެކަމާއި ނުގުޅޭ ބަޔަކު އެހިތާމަ ތަހައްމަލުކުރާތީ، އަމިއްލަ ދަރިއަކު ހުރެވެސް އެއްވެސް ގުޅުމެއް ނެތް ކުއްޖަކު ގެނެސް ބަލާބޮޑުކުރުމުގެ ބޭނުމަކީ ކޮބާ؟' ޝެރީން ހިތުގައި ޝައްކުތަކެއް އުފެދެމުން ދިޔައެވެ. އެއީ ރަމްލާ ދަރުމައަށް އެދިގެން ކުރާކަމެކޭ ހިތެއް ނުބުނެއެވެ. ހީވަނީ ރަމްލާ އާއި ކޮންމެވެސް ގުޅުމެއް އޮތީހެންނެވެ.

"އިންސާނިއްޔަތު ކަމަށްވުރެ ބޮޑު ގުޅުމެއް އޮވޭތަ؟ ރަހިމުގެ ގުޅުމަކީ ބޭނުންވި ކޮންމެ އިރެއްގައި މީހުން ކަނޑާލާ އެއްޗެއް، ދަރިން ބަލާ ބޮޑުކުރީމައިމުސްކުޅިވާ ދުވަހު އެކަނިކޮށްލާފައި ދަނީ، އަނެއްކާވެސް ދަރިއަކު ފަދައިން ބަލާބޮޑު މިކުރަނީ އިންސާނިއްޔަތުގެ ނަމުގައިވެސް އަހަންނަށް އަޅާލާނެ މީހަކު ހުންނާނެކަމުގެ އުއްމީދުގައި." ރަމްލާ ގެ ބަސްމަގު އޮމާންވެފައި ފަރިތައެވެ. ޝެރީން މަޑުމަޑުން ބޯހޫރުވާލީ އެވާހަކަ ޤަބޫލުކުރަން ބޭނުން ނުވެގެންނެވެ. މިއީ ހެއްދެވި ފަރާތުގެ ދަރުމައަށް އެދި މީހަކު އަނެއްމީހާއަށް އެހީވާނެ ޒަމާނެއްހެއްޔެވެ؟

"ކިހިނެއް އެނގެނީ ނޫރާ ނާންނާނެކަމެއް." ޝެރީން އަހާލިއެވެ. ފަހަރެއްގައި މައިންވަންތަކަމުގެ ގުޅުން ކަނޑާލާ ނޫރާ ފޮނުވާލި މީހަކީ ރަމްލާކަމުގައިވެސް ވެދާނެއެވެ. އެފަދަ އިއުތިރާފެއް ވެދާނެކަމުގެ ތުހުމަތުގައި ޝެރީން ސުވާލު އުފެއްދިއެވެ. ރަމްލާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

** **

ނޫރާގެ ކޮޓަރި ދޮރުމަތިން ހުރަސްކޮށްލިވަގުތު ރަމްލާގެ ކަންފަތުގައިޖެހުނީ ދެމީހެއްގެ ހުނުމުގެ އަޑެވެ. ނޫރާ އާއި އެކު ފިރިހެނަކު އުޅޭކަމަށް އޭނާގެ ހިތް ޝައްކުވިއެވެ. އޭނާ ދެންމެ ކޮޓަރިން ނިކުތީ އާމިރު ފެންތައްޓެއް ގެނެސްދޭށޭ ބުނެގެންނެވެ. އާމިރު އަށް އިވިއްޖެނަމަ ކަންތައް ގޯސްވާނެކަން އޭނާއަށް ވިސްނުނެވެ.

މައިގެ ތެރެއަށް އަޑު އަންނަނީ އެކޮޓަރި ސީލިން ނުކޮށްހުރީމައެވެ. ގަދަވަޔާއި އެކު އަންނަ ވާރޭގެ އަޑާއި އެކުވެސް އެމީހުންގެ އަޑު ސިއްރުނުވެގެން މިއުޅެނީ ރަނގަޅުކަމެއް ނޫންވީމައެވެ. ރަމްލާ ބަދިގެއަށް ވަދެ ފެންތައްޓެއް އެޅިއެވެ. ގޭތެރެއަށް ބަލާލައިފައި އާމިރުގެ ހިލަމެއް ނެތްކަން އެނގުމުން އަވަހަށް ކައިރިވީ ހަނޑޫ އަޅާފައި ހުރި ޑަބިޔާ ދޮށަށެވެ. އޭގެން ނެގީ ބޭސްކަރުދާސްގަނޑެކެވެ. އެއީ ބޭސްފިހާރައިން ގެނައި ނިދާ ބޭހެވެ. އަވަހަށް ޖޫސްތައްޓެއް ގިރައި އޭގެތެރެއަށް ބޭސްގުޅަލާފައި ރަމްލާ ހިނގައިގަތެވެ. ދެއަތުން ދެތަށި ގެންގޮސް އާމިރުގެ އަތަށް ދިނެވެ. އާމިރު ފަހަރަކު ތައްޓެއް ބޯލާފައި ބަހެއްވެސް ނުބުނެ އަރާ އޮށޯތެވެ. އިސާހިތަކު އިވެންފެށީ އާމިރު ގުގުރި ދަމާއަޑެވެ.

ރަމްލާ އެނބުރި އައިސް ނޫރާގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. އެއަޑަށް އިވުނީ މީހަކު ދުއްވައިގެންއަޑެވެ. އެއާއި އެކު އެއްޗެއް ވެއްޓުނު އަޑެވެ. އެކަމަކު މާގިނައިރެއްނުވެ ނިދާފައި އޮތް މީހެއްފަދައިން މޯޅިއަށް ދެމެމުން ނޫރާ އައިސް ދޮރުހުޅުވައިފިއެވެ. ރަމްލާގެ ލޭ ކެކިގަތެވެ. މި ދަރަޖައަށް އެނާގެ ދަރިފުޅު ދިޔައީ ކޮންއިރަކުކަމެއް ނޭނގެއެވެ. އެއީ އޭނާގެ ކުރިމަތީ ދޮގެއްހަދަން ވިއަސް ޖެހިލުންވާ ކުއްޖެކެވެ.

ނޫރާއަށް ރަނގަޅަށް ދެލޯ ހުޅުވުނީ އޭނާގެ މޫނުމަތީ މަންމަ އަތްދަމާފައި ޖެހީމައެވެ. އޭނާ ގަދަކަމުން ގެނައި ނިދީގެ އަސަރުވެސް ބިރުން ފިލައިފިއެވެ. ނޫރާ އަތުގައިހިފާ ދަމައިގެންފައި އެކޮޓަރިއަށްވައްދާ ރަމްލާ އަތްކުރިއޮޅައިލީ އެކޮޓަރި ތެރޭ ދެންމެ އުޅުނު މީހަކާއި ބެހޭގޮތުން އޮޅުންފިލުވާށެވެ. ނޫރާ ޚިޔާރުކުރީ ހިމޭންކަމެވެ. އެއީ ނުކުރާކަމެކޭ ނުބުނެއެވެ. އެކަމަކު އެއީ ކާކުކަމެއް ނުބުންޏެވެ.

"އަހަންނަށް އެނގޭ ނޫރާ ލައްވާ ޖަވާބު ހޯދަން، މިރޭ ނުބުނެފިއްޔާ މާދަމާ ހެނދުނު އާމިރުލައްވާވެސް ތިޔަ މީހަކު އަހަރެން ހޯދާނަން." ރަމްލާ އިންޒާރު ދިނެވެ. އޭނާ ހިނގައިގަންނަން އުޅުމުން ނޫރާ އައިސް ދެކަކޫޖަހައި ތިރިވީ ކުރިމަތީގައެވެ. އޭނާގެ ދެފައިގައި ހިފަހައްޓާލިއެވެ. އާމިރުކައިރީ ނުބުނާށޭ ބުނެ އާދޭސްކުރިއެވެ. އަނެއްކާވެސް ރަމްލާ އެސުވާލުތަކުރާރުކުރިއެވެ. މިފަހަރުވެސް ނޫރާ ގެފަރާތުން ޖަވާބެއް ނައެވެ.

"މަންމައަށް ތިފެނުނީ އަހަރެން ރުހުމުގައި މީހަކު ވެއްދީމައި، ކޮންމެ ރެއަކު އަހަރެން ދެކޮޅު ހެދިއަސް މިކޮޓަރިއަށް ބައްޕަވެސް ވަދޭ." ނޫރާ ތެދުވެފައި ރަމްލާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މިފަހަރު އައި ރުޅިން ޖަހަން ރަމްލާ ނެގި އަތުގައި ނޫރާ ހިފެހެއްޓިއެވެ.

"ހިތްވަރެއްހުރިއްޔާ ދުއްވާލަންވީ މަގޭ ދަތްޕިލައެއް ނޫން، މަންމައަށް ކެރޭނެތަ އަހަންނާއި އެކު މައްސަލަޖައްސަންދާން." ނޫރާ ބުނެލިއެވެ. ރަމްލާއަށް ހީވީ އޭނާގެ ބަސްބުނުމުގެ ބާރުވެސް ދަމައިގެންހެންނެވެ. ބުދެއްފަދައިން ހުއްޓިގެން ހުރެވުނެވެ. ރަމްލާގެ އަތް ތިރިކޮށްލާފައި ނޫރާ އެއްފަރާތްވިއެވެ. ރަމްލާ ނިކުންނަން ތަންދެއްކިއެވެ.

"މަންމައަށް ނުކެރެންޏާއި އަހަރެން ބޭނުން މީހަކާއި އިންނަން ހުއްދަ ދީ، އުމުރަށްވެސް އަހަރެން ހުރެދާނަން މިގޭގެ އިއްޒަތާއި އަބުރު ހިފަހައްޓައިގެން، " ނޫރާ އަޑުގައިވީ ރިހުމެވެ. މަޑުމައިތިރިކަމާއިއެކު އޭނާ އުކި ތީރުތައް އޭގެ އަމާޒަށް ވާސިލްވެގެން ދިޔައެވެ. ރަމްލާ އެކޮޓަރިން ނިކުތީ ލަދުން ހުރެއެވެ. އޭނާއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ.

އެއީ އޭނާއަށްލިބިފައިވާ ހައްޤެއް ނޫނެވެ. އަބަދުވެސް ވިސްނައިދީފައި އޮތީ ފިރިހެނަކު ބުނެފިނަމަ ސަޖިދަޖަހަންވެސް ޖެހޭފަދަ ދަށު ދަރަޖައިގެ އެއްވެސް ބާރެއް ނެތް މީހެއްގެ ގޮތުގައެވެ. ރަމްލާ އަކީ ބީރައްޓެހި ރަށަކުން އާމިރު ގެނެސް ވެއްދި ޔަތީމެކެވެ. އޭނާ އަށް އޮތީ އާމިރުއަށް ކިޔަމަންވުމެވެ. ނޫނީ ނިކަމެތިވުމެވެ. އާމިރުގެފަރާތުން ލިބުނު އަނިޔާތައް އެއީ ދުލުން ބަޔާންކޮށްދެން ކެރޭވަރަށްވުރެ ހިތްދަތިކަންތައްތަކެކެވެ. އެތައް ލަކުނެއް އެބަހުއްޓެވެ. އެކަމަކު އެއީ ހަމަ ސިއްރެވެ. މިހާރު އޭނާގެ ޖިސްމުގައި އެއްވެސް ބާރެއް ނެތެވެ. އެކަން އާމިރު އޭނާއަށް ހަނދާންކޮށްދޭތާ އެތައް އަހަރެއް ވެއްޖެއެވެ. އޭގެ ބަދަލުގައި ނޫރާ ޤުރުބާންކުރަންޖެހުނީއެވެ. ފުރަތަމަ ކޮޅު ނޫރާ ދުވެފައި އައިސް ސަލާމަތްކޮށްދޭށޭ ކިޔައި ރުޔަސް މިހާރު ނާދެއެވެ. އަނިޔާއަށް ކެއްތެރިވާން ނޫރާވެސް ދަސްކޮށްފިއެވެ.

އެކަމަކު ކެއްތެރިވެވޭނީވެސް ވަކި މިންވަރަކަށެވެ. ނޫރާގެ ކުރިމަތީ ރަމްލާ އެއްބަސްނުވިއަސް މިހާކާއި އިނދެގެން އެގެއިން ނޫރާ ދާނެ ދުވަހެއްގެ އިންތިޒާރުކުރެވެއެވެ. އާމިރުގެ ކައިރީ ހުއްދައަށް އެދޭކަށް ނުކެރޭނެއެވެ. އޭނާ ނިދަން އޮވެ އެރޭ ހަތަރުދަމު ވިސްނީ އެގެއިން ނޫރާ ނެރެވޭނެ ގޮތެކެވެ. އެ މިނިވަންކަން ނޫރާއަށް ހޯދައިދެވޭނެ ގޮތެކެވެ. އުއްމީދެއް ނުފެނި ބަނަ ރެއެއްގެ ގޮތުގައި އެރޭ ނިމިގެން ދިޔައެވެ. އަނެއް ދުވަހު ރަމްލާ އުޅުނީ މާ ބުރަކޮށެވެ. ނޫރާ ވިލުނު އައްޔާއި އެކު ގެއިން ދިޔަގޮތަށް އައީ އިރުއޮއްސުމަށެވެ. އައިގޮތަށް ވަދެ ކޮޓަރީގެ ދޮރުޖަހައިފިއެވެ. މިރޭވެސް ކާކަށް ނުނިކުތެވެ. ފެންޑާގައި ޚަބަރު އަޑުއަހަން އިން އާމިރު ގެ ކައިރިއަށް ރަށުގެ ދެތިން ފިރިހެނަކު އައެވެ. އެމީހުންނަށް ނޫރާ ރަށުތެރޭ އުޅޭގޮތް ފެނިގެން އެ ޚަބަރު ދޭށެވެ. ހިކިދަރުގަނޑެއްގައި އަލިފާން ހިފި ފަދައެވެ. އާމިރު ތެދުވިގޮތަށް ނޫރާ އޮތް ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. ދޮރު ނުހުޅުވުމުން ދޮރު ވައްޓާލިއިރު ފެނުނީ ހުޅުވާފައި ހުރި ކުޑަދޮރެވެ. ކޮންމެ ރެއަކު ގެއަށް ވަންނަކަމަށް ހަދާފައި އަނެއްފަރާތުން އަނެއްކާވެސް ފުންމާލައިގެން ދަނީކަން އެނގުމުން އާމިރު އައި ރުޅިން މޮޔަނުވީކިރިޔާއެވެ. ބަދިގޭގައި ހުރި ފުރޯ ހިފައިގެން އެމީހުންވެސް ގޮވައިގެން ގެއިން ނިކުތެވެ. ފަހަތުން ރަމްލާވެސް ދުއްވައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟