"ކީއްކުރަން ތިއައީ؟" ރަމްލާ އަހާލި އަޑު އިވުނެވެ. ޝެރީން ގަސްތު ކުރީ އެތެރޭގައި މަޑުކުރުމަށެވެ. ރަމްލާގެ ސުވާލަށް ރައްދު ދެމުން ސާރިމް ބުނި ޖުމްލައިން ޝެރީންއަށް ބުރަކަށި ޖައްސައި ލެވުނީ ދޮރުފަތުގައެވެ. އެއާއެކު އަތް ގެންގޮސް އަނގަމަތި ނިވާކޮށްލެވުނެވެ.
"އަހަންނަށް ނޫރާ އާއި ބައްދަލުވާނެ ގޮތެއް ހަދައިދީ؟" ސާރިމްގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އޭނާ އެހެން ބުނެލީ އާދޭހާ އެކުގައެވެ.
"ކީއްކުރަން؟" އަނެއްކާ ވެސް ރަމްލާގެ ސުވާލަށް ބަދަލެއް ނައެވެ. ހަތް އަހަރު ފަހުން ސާރިމް އައިސް ނޫރާ ހޯދަންޖެހޭ ސަބަބެއް ނޭނގެއެވެ. ރަމްލާ ދެކޭގޮތުގައި ސާރިމްއަށް ނޫރާ ހޯދަން އަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ހޯދަން އައިސްގެން ވެސް ނުވާނެއެވެ.
"އަހަންނަށް ނޭނގެ އަހަރެން ފުރައިގެން ދިޔައިރު ނޫރާ އިނީ ބަލިވެ ކަމެއް، އެހެންނަމަ އަހަރެން ފުރައިގެން ނުދިޔައީސް." ވެދިޔަ ބަދަލުކުރުމަކީ ސާރިމްއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ސާރިމް ވެސް ޤަބޫލުކުރެއެވެ. އޭނާ ބޭނުންވަނީ ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅު ކުރާށެވެ. އޭނާގެ ސަބަބުން ކުޑަކުއްޖެއްގެ ހައްގު ގެއްލިފައިވާނަމަ އެ ހައްޤު ހޯދައިދޭށެވެ.
"ބަނޑުބޮޑު ނުވިއަސް ނުޖެހޭނެ ދޫކޮށްލާފަ ދާކަށް،" ސާރިމްގެ ޖަވާބުގައިވި ޒިންމާދާރުކުޑަކަން އިވި ރަމްލާ އިތުރަށްވީ ފޫއްސެވެ. ކުޑައިރުކޮޅަކަށްވިއަސް އޭނާ ހަނދާން ނެތުނީ އެގޭތެރޭގައި ޝެރީން ހުރިކަމެވެ. ސާރިމް ފުރަތަމަ ފެނުމުން އޭނާ ހީކުރީ ދާދި ފަސޭހައިން އެތަނުން ހިނގައިދާނެ ކަމަށެވެ.
"އަހަރެން ބޭނުން މައާފަށް އެދެން. އެނގޭ މާޒީ ބަދަލުނުކުރެވޭނެކަން، އެހެންވިއަސް .. ... އަހަންނަށް އެއްފަހަރު ވިއަސް ބައްދަލުކުރެވިދާނެ ދަރިފުޅާ." ސާރިމްއަށް ޖުމްލަ ފުރިހަމަ ކުރަން އުދަނގޫވިއެވެ. ބިރުންހުރެ ރަމްލާ އާއި ހަތަރުކަޅި ހަމަކޮށްލި އިރު ނޫރާގެ މަންމަގެ ދެލޮލުން ފެނުނު ރުޅިވެރިކަން އޭނާގެ ހިތްވަރު އަދާއަޅިއަށް ހަދާލިއެވެ.
"ކަލޭގެ ދަރިއަކު ނުހުންނާނެ" ރަމްލާގެ ބަސްތައް ހަރުކަށިވެފައި ރަހުމްކުޑައެވެ. ސާރިމް ހީކުރީ އެއީ ކައިވެނިން ބޭރުން ލިބުނު ކުއްޖަކަށްވީތީ ރަމްލާ މުޚާތަބުކުރި ގޮތް ކަމަށެވެ.
"އެންމެ ފަހަރަކު" ސާރިމްއަށް އަތުގެ ޝަހާދަތް އިނގިލި އުފުލައިލެވުނެވެ. ދެން ދުވަހަކު ވެސް އުދަނގޫ ނުކުރާނަމޭ ބުނަން ހިތަށް އަރާފައި އޭނާގެ ނަފްސު އެކަމުން މަނާވެގަތެވެ. ހަމައެކަނި ދެކިލުމަކުން ނުފުދޭނެއެވެ. އޭނާގެ އިހުމާލުންވި ދެވުނު އަނިޔާގެ ބަދަލު އޯގާތެރިކަމާއި ލޯބިން ބަދަލުދޭން ބޭނުމެވެ. އެއްވެސް ކުއްޖަކީ ލޯބިން މަހުރޫމުވެ ބޮޑުވާ ކުއްޖަކަށް ނުވުމަކީ އޭނާގެ އަބަދުވެސް ދުޢާއެވެ. ޅަފަތުގައި މައިންބަފައިން ވަކިވުމުގެ ހިތާމަ އޭނާއަށްވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟
"މި ބުނީނުން ކަލޭގެ ދަރިއަކު ނުހުންނާނެއޭ، ވިހޭއިރު އޮތީ މަރުވެފައި،" ރަމްލާއަށް ވެސް ހިތްދަތިކަން އިހްސާސް ކުރެވުނެވެ. އޭނާ ހިންދިރުވާ ލެވުނީ އުދަނގުލުންނެވެ. ނޫރާގެ މަތިން ހަނދާންވެ ހިތްދަތިވެގެން ދިޔައެވެ. ދަރިންނާ ވަކިވުމަކީ މަޔަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
** ****
އެ ދެމީހުންގެ ވާހަކަތައް އަޑުއަހަން ހުރި ޝެރީންގެ ސިކުނޑި ފުރިބާރުވަމުން ދިޔައީ އެކި ކަހަލަ ސުވާލު ތަކުންނެވެ. ހަޤީޤަތާ ދުރަށް ވެސް ބައެއް ފަހަރު އޭނާގެ ސިކުނޑި ބެހިގެން ދެއެވެ. ކަޅި ހިންގާލިހާއިރުން ކޯތާފަތް ފުރުނީ ލޮލަށް ގިނަވެފައި ހުރި ކަރުނެވެ. އޭނާގެ ރޫހާއި ހިތް ވެސް މަޑުމޮޅިވެގެން ދިޔައެވެ.
ދޮރާ ހަމައަށް ނުކުމެވުނުއިރު އޭނާއަށް ކުރިމަތިލާން ޖެހުނީ ހަމަ އެހާލުގައި ހުރި ރަމްލާއާއެވެ. ޝެރީން ފެނުމާއެކު މޫނު ފޮހެލާފައި ގެއަށް ވަންނަން ހިނގައިގަތެވެ. ޝެރީން ކަޅި ހިންގާލި އިރު ސާރިމް ނުކުމެގެން ހިނގައްޖެއެވެ. ރަމްލާގެ މޫނު ފެނިފައި ދޫ ހަރަކާތް ކުރާނެ ހިތްވަރު ވެސް ނެތިފައި ޝެރީންއަށް ހުރެވުނެވެ.
ގެއަށް އާދެވުނުއިރު ވެސް އޭނާއަށް ހީވީ ޚިޔާލީ މަންޒަރުތަކެއްގެ ތެރޭގައި އުޅެވުނު ހެންނެވެ. އޭނާގެ ސިކުނޑީގައި އެތުރެމުން ދިޔައީ ފަހަރަކު ކަމެކެވެ. އެކަމަކު އެންމެ ފުރަތަމަ ހަނދާންވީ އޭނާއަށް އަލަތު ދަރިފުޅު ލިބުނު ދުވަހެވެ. ވިއްސާ ކޮޓަރިން ނެރެ ހަމަޖެހުމާއެކު ސާރިމް އައީ ރެޖިސްޓްރީ ފޯމު ހިފައިގެންނެވެ.
"އަހަރެން ބޭނުންވަނީ ފުރަތަމަ ދަރިފުޅަށް ނޫރާ ކިޔަން" ޝެރީން ފޯމުގައި ހިފަމުން ބުނެލިއެވެ. އެއީ ނުވަ މަސްދުވަހު ދަރިފުޅުގެ އިންތިޒާރުގައި ހުރިއިރު އޭނާ ވިސްނި ކަންތަކުގެ ތެރެއިން އެއްކަމެވެ.
"ނުވެސް ގުޅޭ ނަމެއްނު" ސާރިމް އިންކާރު ކުރީ އެއްވެސް މީހަކަށް ޝައްކު ވެސް ނުވާނެ ހެންނެވެ. އެއީ ސާރިމްގެ އަނދިރި ފަރާތް ކަމެއް ޝެރީންއަކަށް ނޭނގެއެވެ. އޭނާ ސާރިމްގެ އަތުގައި ހިފިއެވެ. އެނަމާމެދު ދެބަސް ނުވާށޭ ބުނެލިއެވެ.
"ނަން ދޭއިރު ބަލަން ޖެހޭނީ މާނަ ރީތިވެފައި ދުލަށް ފަސޭހަ ނަމަކަށް، އަހަރެމެން ދެމީހުންގެ ނަން ފެށޭ އަކުރުން ނަން ކިޔާކަށް ނުޖެހޭނެ،" ޝެރީން ކުރުނުކޮށް ކިއުމުން ސާރިމް އެއްބަސްވިއެވެ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން ވެސް ސާރިމްގެ މޫނު ކުލަވަރު ބަދަލުވިކަން ޝެރީންއަށް ރެއަކާ ވެސް ނުލިއެވެ.
** **
ގެއަށް ވަންއިރު ސާރިމް އޮތީ ކޮޓަރީގައެވެ. ނޫރާ ފުރަތަމަ ވެސް ދިޔައީ ބައްޕަގެ ކައިރިއަށެވެ. ޝެރީން ބަދިގެއަށް ވަދެ ފިނި އެއްޗެއް ހިފައިގެން ކޮޓަރިއަށް އާއިރު ސާރިމް އޮތީ ނޫރާ ގޮވައިގެން އޮށޯވެލައިގެންނެވެ. ޝެރީން އައިކަން އެނގުމުން ތެދުވެ ގެނެސްދިން ޖޫސްތަށީގައި ހިފިއެވެ.
އެވަގުތު ޖޫސްތަށި ބޭނުން ވެގެން ނޫރާ އެވާހަކަ ބުނެލިއެވެ.
"މިތަށިން ބޯލާ، ބައްޕަ މިހުރީ ބަނޑު ފުރިފައި." އެ ޖޫސްތަށި ނޫރާއަށް ދިއްކޮށްލަމުން ސާރިމް ބުނެލިއެވެ.
"ސުވާލެއް ކުރަންތަ؟" ސާރިމްގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ޝެރީންއަށް އަހާލިއެވެ. ދެން އިތުރަށް ފޮރުވައިގެން ހުންނާކަށް ޝެރީން ބޭނުމެއް ނޫނެވެ. އޭނާއަށް އެނގޭކަން ވެސް އަނގަން ބޭނުމެވެ.
"ކޮށްބަލަ، މިއަދު ބޭރަށް ގޮސް ތިއައީ އަރަތެއް ހިފައިގެންތަ؟" ސާރިމްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ޝެރީންގެ ހިތް އިތުރަށް ކިލަނބު ވެގެން ދިޔައެވެ. އޭނާއަށް ޝައްކު ނުވާނެ ހުރިހާ އުކުޅެއް ސާރިމް ދަނެއޭ ހިތަށް އެރިއެވެ.
"އަސްލު ސާރިމް ކީއްވެ ފުރަތަމަ މިރަށަށް އަންނަން އެހާ ޤަބޫލުނުވީ.؟" ޝެރީންގެ ސުވާލުން ސާރިމްއަށް ތަކުލީފް ލިބުނެވެ. އޭނާ އިނީ ޖަވާބުދާރީވެވޭ ވަރަށް ވުރެ މާބޮޑަށް ފިކުރުބޮޑުވެފައެވެ. އަދި އެއިން އެއްވެސް ކަމެއް އޭނަ ފިޔަވައި އިތުރު މީހަކަށް އެނގޭކަށް ބޭނުމެއް ނޫނެވެ.
"އެހެން ވަކި ކަމެއް ނެތް" އެންމެ ދޮގެއް ފޮރުވަން ސަތޭކަ ދޮގު ވެސް ހަދާނެއޭ މީހުން ބުނެއެވެ. ސާރިމްގެ ޖަވާބުން ޝެރީން ހިތަށް އެރީ އެހެންނެވެ.
''އެހެންވީއިރު އެނބުރި މާލެދާން އަހަރެން ގަސްތުކުރަން،" ޝެރީން ބުނެލިއެވެ. އޭނާގެ ހިތުގައި ސާރިމް އޭނާ ދޫކޮށްފައި ނޫރާގެ ފަހަތުން ހިނގައިދާނެކަމުގެ ބިރު އެބަ އޮތެވެ.
"ޝެރީން ބޭނުންވީމައި ހަމަ ދާންވީ." ސާރިމް އަޑުގައި ވީ މަޑުމައިތިރިކަމެވެ. އެއީ އަބަދުވެސް ޝެރީން އެދޭ ކޮންމެ ކަމެއް ދެބަސްވުމަކާ ނުލައި ކުރަން އެއްބަސްވާ ސާރިމްއެވެ. މިއަދު ޝެރީންއަށް ފެންނަނީ އެ ސިފައެއް ނޫނެވެ. އޭނާ އެއްބަސްވަނީ ޝެރީން ރުއްސާށެވެ. ހަޤީޤަތް ވަންހަނާ ކުރާށެވެ. ސާރިމްގެ އުޅުމާއި ނިޔަތާމެދު ސުވާލު އުފައްދާނެ ފުރުޞަތެއް ނުދިނުމަށެވެ.
"އަހަންނަށް މިއަދު ހީވާން ފަށައިފި ސާރިމް އަހަރެން ދެކެ ލޯބިވެއޭ ބުނިކަމުގައި ވިއަސް އެ ވެސް ވާނީ ދެއްކުންތެރިކަމަށޭ، ސާރިމްގެ ހިތުގައި އެހެން އަންހެނަކަށް މަޤާމެއް އޮތްކަން އެނގުމުން މި ހިތް ކުދިކުދި ވެގެން ގޮއްސި" ސާރިމްގެ މޫނަށް ބަލަހައްޓައިގެން އިންދާ ޝެރީންގެ ހިތަށް އެރިއެވެ.
އެ ލަފްޒުތައްވީ ހިތުގެ އެންމެ އެތެރޭގައެވެ. ނޫރާ ހުސްކުރި ތަށި ހިފައިގެން ހިނގައިގަތުމުގެ ކުރިން ޝެރީން ސާރިމްގެ މޫނަށް ފުންކޮށް ބަލާލިއެވެ. ޝެރީންއަށް ބަލާލާފައި ގަދަކަމުން ހިނިތުންވިކަން ވެސް މިއަދު އޭނާއަށް ފާހަގަވިއެވެ. އެކަމަކު މީގެ ކުރިން ސާރިމްގެ އިހްސާސްތައް މިހާ ކައިރިން ނުދެނަ ހުއްޓެވެ.
** **
އެތަނުން ނުކުންނަން ދިޔައިރު ޝެރީންއަށް ކުދިކިޔާ ލެވުނީ އޭނާގެ ދޫ ބަންދުވީތީ އެކަމާއެވެ. ސާރިމް އާއި ޒުވާބުކޮށްގެން ވިއަސް ހަޤީޤަތް ބުނުއްވަން އޭނާ ބޭނުމެވެ. އެކަމަކު އޭނާގެ ހިތް ބަލިކަށިވެ ދޫވެސް ހައްޔަރު ވެވުނު ފަދައެވެ.
ސަލާމް ގޮވާ އަޑަށް ޝެރީން ނިކުންއިރު ދޮރުމަތީ ތިބީ ޔުނީފޯމްގައި ތިބި ފުލުހުންނެވެ. އެމީހުން ފެނި ޝެރީން އަށް ނޭނގޭ ނުތަވަސްކަމެއްގެ އިހްސާސް ކުރެވުނެވެ. އެމީހުން އެދުނީ ޒައިން އުޅުނު ކޮޓަރި ފާސްކުރުމުގެ ހުއްދައަށެވެ. އެއީ ކީއްކުރަންތޯ ޝެރީން އަހާލިއެވެ. އެވަގުތު އެމީހުންގެ ނަޒަރު ޝެރީންގެ މޫނުން ނެއްޓި އެހެން ދިމާލަށް ބަދަލުވިއެވެ. ޝެރީން ބަލާލި އިރު އޭނާގެ ފަހަތުގައި އައިސް ސާރިމް ހުއްޓެނީއެވެ. އެމީހުންގެ ވާހަކަތައް އަޑުއިވިފައި ސާރިމް އެއްވެސް ސުވާލެއް ކުރުމަކާ ނުލައި ހުއްދަ ދިނެވެ.
އެކޮޓަރި އެފުށް މިފުށަށް ޖަހައި އެމީހުން ހޯދަން ފެށިއެވެ. ކޮޓަރިން ނުކުމެގެން އައިސް ހިމްނާ ޝެރީން ކައިރީ ހުއްޓުނެވެ. އެމީހުން ހޯދަނީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެއެވެ. ޒައިން ގެންދިޔަ ފަހުން މިއީ ދެވަނަ ދުވަހެވެ. އިރުކޮޅެއް ނުވެ އޭގެތެރެއިން އެކަކު ސާރިމްއަށް ގޮވައިފިއެވެ. އަދި މަޑުމަޑުން އެއްޗެހިތަކެއް ކިޔައެވެ. އޭގެ މިނެޓެއް ފަހުން ސާރިމް ޝެރީންއަށް ގޮވައި އެންމެންނާ ވަކިން ގެންދިޔައެވެ.
"ޒައިންގެ ލެޕްޓޮޕް އަދި ފޯނު ބަލާ އައީ، އެމީހުންގެ ތަހުގީގަކަށް.،" ސާރިމްގެ މޫނަށް ބަލަން ހުރި ޝެރީންގެ މޫނު ހުދުވެގެން ދިޔައެވެ. އެމީހުން އެ ކޮޓަރީގައި އަތް ފުނާ އެޅިއަސް ނެތް އެއްޗެއް ނުފެންނާނެއެވެ. އެ އެއްޗެހި ހުރީ ޝެރީންގެ ކޮޓަރީގައެވެ. އޭގައި ހުރި ޝެރީންގެ ވީޑިއޯތައް ފޮހެނުލެވެނީސް ދެވަނަ މީހެއްގެ އަތަށް އެ އެއްޗެހި ދޭން އޭނާ ބޭނުމެއް ނޫނެވެ.
"އެކޮޓަރިން ނުފެނިއްޖެނަމަ އެމީހުން ބޭނުންވާނެ މުޅިގެ ބަލާ ފާސްކުރަން." ސާރިމް ކައިރީ އެމީހުން ދެއްކީ އެވާހަކައެވެ. ޒައިން ގެންދިޔައީ ނުސްރާގެ މަރަށްފަހު އެ މަރާ ގުޅުމެއް އޮވެދާނެ ކަމަށް ޝައްކުވެގެންނެވެ. އަދި އެ ކައިވެންޏަކީ ޒައިންގެ ނުފޫޒުން ގެންދެވުނު ކައިވެންޏެއްތޯ ކަށަވަރު ކުރުމަށެވެ. އެމީހުން ފުރަތަމަ ބެލީ ފޯނެވެ. އެއާއެކު ޒައިންގެ މައްޗަށް އެ ނޫން ދެވަނަ ދައުވާއެއް އުފުލޭނެވަރުގެ ހެކި ފެނުނެވެ. ނުސްރާއަށް ބިރު ދައްކައި ވަކި ހާއްސަ މެސެޖެއް ނެތަސް އެތައް ބައިވަރު އަންހެން ކުދިންނަކަށް ޒައިން ހުރީ އެ މޭރުމުން ވާހަކަ ދައްކައިފައެވެ. ޒައިންގެ ފޯނުގައި އަންހެން ކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހުއްޓެވެ. އަދި އެފަދަ އެއްޗެހި ރައްކާކުރަން ޒައިން އިތުރު މީޑިއާއެއް ބޭނުން ކުރޭތޯ އެހުމުން އޭނާގެ ލެޕްޓޮޕާއި ދެވަނަ ފޯނެއްގެ ވާހަކަ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައުލޫމާތުތައް ޝެރީންއަށް ދިނުމާއެކު އޭނާ އެއްބަސްވީ ޒައިންގެ ފޯނާއި ލެޕްޓޮޕް އޭނާގެ އަތުގައި އެބައޮތް ކަމަށެވެ. ފުލުހުން ސުވާލުކުރީ ޒައިން އާއި އެމީހުން އޮތް ގުޅުމާ މެދުއެވެ. އެއީ ހަމައެކަނި ރައްޓެއްސެކޭ ޝެރީން ބުނެލިއެވެ. އަދި ޒައިންއަކީ އެފަދަ ގޯސް މީހެއްކަން އެނގިފައިނުވާ ކަމަށް އޭނާ ބުނެލިއެވެ. ފުލުހުން އައި ބޭނުން ފުރިހަމަވުމުން ދިއުމާއެކު ސާރިމް ކޮޓަރިއަށް އައި ޝެރީން ކައިރީ ވާހަކައެއް ދައްކާލަން ވެއްޖެއޭ ބުނެފައެވެ.
"ޝެރީން އުޅެނީ ޒައިން ސަލާމަތް ކުރަން. ކޮން ބޭނުމަކު؟" ސާރިމް އަހާލިއެވެ. އޭނާއަށް ޝެރީން އާމެދު އެފަދަ ޝައްކުތަކެއް ކުރެވެއެވެ. ޒައިންގެ ކޮޓަރިއަށް ވަން ރެއިން ފެށިގެންނެވެ. ފުރަތަމަ ހީވީ ޒައިން އާއި ޝެރީންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތީ ކަމަށެވެ. އެކަމަކު މިހާރު ހީވަނީ ޒައިންގެ ހުރިހާ ކަމެއް އެނގިހުރެ ޒައިން ސަލާމަތް ކުރަން ޝެރީން މަސައްކަތް ކުރާ ހެންނެވެ.
"އަހަރެންގެ އެފަދަ ނިޔަތެއް ނެތް." ޝެރީންއަށް އަމިއްލަ ދިފާއުގައި ބުނެވުނެވެ. އޭނާއަށް ރަނގަޅީ އުމުރަށް ވެސް ޒައިން ޖަލުގައި ހުރުމެވެ.
"ދެން ނުސްރާ އާއި ޒައިން ގުޅުވަން ޝެރީން މާބޮޑަށް ތަރުހީބު ދޭންވީ ކީއްވެ؟ އަހަރެން ވެސް ހިތަށް އަރާ ޒައިން އަކީ ޝެރީންގެ ކާކުބާއޭ؟ ނުސްރާއަކީ ޝެރީންގެ އެކުވެރިއެއް، އެކަމަކު އޭނައަށް ވެސް ޝެރީން ހެވެއް ނޭދުނު،" ސާރިމްއަށް ލޮލަށް ފެނުނު މަންޒަރުތަކާމެދު ފިކުރުކޮށްފައި ބުނެވުނެވެ. ޝެރީން ނުރުހުންވިއެވެ. ސާރިމްއަށް އެއްވެސް އެއްޗެއް ނޭނގޭއިރު ވެސް އޭނަ އާއި ސުވާލުކޮށް ޝައްކު ކުރާތީއެވެ. ހީވަނީ ސާރިމްގެ ނަފްސަކީ މާ ތޯހިރު އެއްޗެއް ހެންނެވެ.
"ސާރިމްއަށް އެއްވެސް އެއްޗެއް ނޭނގޭނެ." ޝެރީން ބޭނުންވީ އެތަނުން ނިކުންނާށެވެ. ނޫނީ އޭނާގެ ދޫ ނުހިފެހެއްޓިގެން ހިތުގައި އޮތް ގޮތަށް ބުނެވިދާނެއެވެ. އޭނާ ހިނގައިގެންފައި ދެވުނީ ދޮރާ ހަމައަށެވެ. ސާރިމް ބުނި އެއްޗަކުން ޝެރީންއަށް ހުއްޓެވުނެވެ.
"އެއީ ހިމްނާގެ ބޯއިފްރެންޑޭ އެއް ދުވަހު ބުނި، އަނެއް ދުވަހު އެއީ ނުސްރާގެ ވާން އުޅޭ ފިރިމީހާ، އެކަމަކު ދަންވަރު އެކޮޓަރިން ޖާގަ ލިބެނީ ޝެރީންއަށް." ސާރިމް ބުނެލިއެވެ.