ސާރިމްގެ އަނގައިން މަޑު އާހެއް ނިކުތެވެ. އެ ސިޓީގެ ކޮންމެ ޖުމްލައެއްކިޔާފައި އެހިތަށް ކުރި އަސަރަކީ މީގެކުރިން ދުވަހަކުވެސް ތަޖުރިބާކުރި އިހްސާސެއްނޫނެވެ. އޭނާއަށް އަނެއްކާވެސް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. އެއާއި އެކު އޭނާގެ ލޭ ކެކިގަތެވެ. ނޫރާ އޭނާގެ ދަރިއަކަށް ބަނޑުބޮޑުވިކަން އެއޮތީ ފެންނާށެވެ. އެފަކީރު އުޅުނު ގޮތެއް ނޭނގެއެވެ. ފަޟީހަވުމާއި އެކު ރޮއިރޮއި ހަލާކުވާނެކަން ޔަޤީނެވެ. އަނެއްކާ މައިންބަފައިން ގެދޮރުންވެސް ނެރެ ނުލާކަމެއް ނޭނގެއެވެ. ސާރިމްއަށް އެ ސިޓީ ބޮނޑިކޮށްލެވުނެވެ. އޭނާ ފޯނު ނަގައި ގުޅީ ނަސްރުގެ ނަންބަރަށެވެ. ނަސްރު ފޯނު ނެގުމާއި އެކު ބުނެލީ އެގެއަށް ދާ ވާހަކައެވެ.
ނިދި މޯޅީގައި ނަސްރު ނިކުތީ ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމަކާއި އެކުގައެވެ. ކަށުނަމާދަށްފަހު ގެއަށް ވަންއިރު ފަތިސްވާންކައިރިވެއްޖެއެވެ. މިހާ ފަތިހު ސާރިމް ގުޅަންޖެހޭ ސަބަބެއް ނުވިސްނިފައި އޭނާ ނިކުތީ ހިތާއި ހިތުން ޝަކުވާކުރަމުންނެވެ.
"ކިހިނެއްވީ؟" ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީންނަމުން ނަސްރު އަހައިލިއެވެ. ފިނިރޯޅިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭ މިވަގުތު ސާރިމް އައިސް އެހުރީ އެ އިހްސާސްތަކެއް ނެތިކޮށްލާފަދަ ހޫނު ބަހުސަކާއިގެންކަމެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނެއެވެ. އިށީންނަން ދިން ދައުވަތަށް އިންކާރުކުރަމުން ސާރިމް ދެއަތް އުރާލިއެވެ. އޭނާ ކުރި ފުރަތަމަ ސުވާލާއި އެކު ނަސްރުގެ ނިދި މުޅިން ފިލައިދިޔައެވެ.
"އަހަންނާއި ހަވާލުކުރަން ނޫރާ ދިން ސިޓީތައް ކޮބާ؟"
ހޫނު އެއްޗެއްގެ މަތީ ނޭނގިގެން އިށީންނަ މީހަކު ފަދައިން ނަސްރު ތެދުވިއެވެ. އޭނާއަށް ލިބުން ސިހުން ފޮރުވާލީ ގަދަކަމުން ނެރުނު ހިނިގަނޑަކުންނެވެ.
"ރޭގައި ނުބައި ހުވަފެނެއް ދޯ ފެނުނީ؟" ނަސްރުވެސް އެނބުރި އިށީންނަން ގަސްތެއް ނުކުރިއެވެ. ދެތިން ފިޔަވަޅު އަޅައި ހުއްޓުނީ ސާރިމްއަށްވުރެ ކުރީގައެވެ.
"ކީއްވެ އެ ސިޓީތައް މަށަށް ރައްދުނުކުރީ؟" ސާރިމް ހުރީ ސަމާސާ ކުރާ މޫޑެއްގައެއް ނޫނެވެ. އޭނާ ހުރީ ނަސްރު ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެއީ އަބަދުވެސް އެންމެ ވަފާތެރިވާނެކަމަށް ދެކެވުނު މިތުރެވެ. އިތުބާރުކުރީ ހިތުގެ އެންމެ ފުންމިނުންނެވެ. އެކަމަކު އުމުރުގެ ކޮޅުންވެސް ނަސްރުގެ މި ސިފަ ފެނިދާނެކަމަށް އޭނާ އުއްމީދުވެސް ނުކުރެއެވެ.
"ކޮންމޮޔައެއްވެގެން ތިއުޅެނީ؟ މިރަށަށް އަރާ އެންމެ ފުރަތަމަ ބުނީ ކީކޭކަން ހަނދާން ނެތުނީތަ؟ އަހަރެން އެކަން ހަނދާން އެބަހުރި،" ނަސްރު އައިސް ސާރިމްގެ އެއްފަރާތުގައި ހުއްޓުނެވެ. އެކަމަކު ދެންވެސް އޭނާގެ ވާހަކަ ގެންދިޔައީ ކުރިއަށެވެ.
"ނޫރާ އެނބުރި އަތުވެއްޖެނަމަ ދިރިހުއްޓާ ވަޅުލައިދޭށޭ ބުނީމެއްނު، މިހާރު ކިހިނެއްވީ؟" ނަސްރު އަދިވެސް އެސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ވާހަކަ ދައްކަނީ މާ ދުރުދުރުންނެވެ. އިތުރަށް ނަސްރު ދެކެ ފޫހިވެވުނެވެ. އެތެރެ އެތެރެއިން ބޮޑު ނުބައެއް އުޅޭކަން ސާރިމްގެ ސިކުނޑީގައި ރަނގަބީލް ވެގަތެވެ.
"އެ ސިޓީތައް އަހަންނާއި ހަމަޔަށް ނުފޮނުވުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް؟ އެއީ އަހަންނަށް ރައްދު ކުރުމަށް ދިން އެއްޗެއް، " ނަސްރު އާއި ހަތަރުކަޅި ހަމަކޮށްލާފައި ސާރިމް އަހާލިއިރު އެއަޑުގައި ހުރީ ރުޅިވެރިކަމެވެ. ނަސްރު އަނެއްކާވެސް ހޭންފެށިއެވެ. ހެމުން ހެމުން އަހައިލީ ހުވަފެނުގައި ނޫރާ ފެންނަންފެށީތޯއެވެ. ސާރިމްގެ ދެބުމަ ކައިރިކޮށްލިތަން ފެނި ނަސްރުގެ އަޑު ދިޔައީ ގަދަވެގެންނެވެ. ސާރިމްގެ ލޭ ކެކިގަތީ ދެނެވެ.
ނަސްރު ލައިގެން ހުރި ގަމީހުގައި ދެއަތުން ހިފިއެވެ. ނަސްރުއަށް ނޭވާ ހިފަހައްޓާލެވުނެވެ. ހުނުމުގެ އަޑު މުޅިން ހިނދިގެން ދިޔައެވެ. އޭނަ އާއި ދިމާލަށް ބަލަން ހުރި ސާރިމްގެ ދެލޮލުން ފެންނަ ރުޅިވެރިކަން ހީވަނީ ގޯހެއް ހަދައިފާނެކަމުގެ ސިގުނަލެއްހެންނެވެ.
އެކަމަކު ނަސްރު ބިރެއް ނުގަނެއެވެ. ހަށި ފޮޅާލިއެވެ. ސާރިމްގެ މޭގައި އަޅާ ކޮއްޕާލިއެވެ. ގަމީހުގެ ރޫތައް ފޮހެލާފަދަ ގޮތަކަށް އަތް ހިންގައިލީ ސާރިމް ގެ ދެއަތުން ގަމީސް ބޮނޑިކޮށްލި ހިސާބުގައެވެ.
"އޭނަ އިނީ ބަލިވެ، އެހެންވެ ބިރުން ތެޅިގަތީ، އެކަން ކަލޭގެ ބޮލަށް ޖަހަން، އަހަރެން މިހުރީ އެ ފަޟީހައިން ކަލޭ ސަލާމަތްކޮށްދީފައި." ނަސްރު ގެ ޖަވާބުން ސާރިމް އަށް ހީވީ މޫނުމަތީ އެތިފަހަރެއް އަޅާލިހެންނެވެ.
"އޭނަ ބަނޑުބޮޑުވީ އަހަރެންގެ ދަރިއަކަށް،" ސާރިމް އަށް ބުނެވުނެވެ. މިފަހަރު އޭނާގެ އަޑު ނިކުތީ މަޑުމައިތިރިކަމާއި އެކުގައެވެ. އެކުށަށް އިއުތިރާފްވާ ހާލުގައެވެ. އޭނާގެ ދެލޮލަށް ކަރުނަ ގިނަވެގެން ދިޔައެވެ. ރަށުން ފުރައިގެން ދެވުމަކީ އޭނާއަށް ހެދުނު ގޯހެކެވެ. ސާރިމް އިސްޖަހާލިއެވެ. ދެލޮލަށް ގިނަވި ކަރުނަތައް ފޫދިގެން ފައިބަންފެށިއެވެ.
ނަސްރު ހޭންފެށި އަޑަށް ސާރިމް އިސްއުފުލާލިއެވެ. އަތުގެ ނުފުށުން މޫނު ފޮހެލިއެވެ. ނަސްރުގެ ތަބީއަތް ފެނިފައި ސާރިމް ހައިރާންވިއެވެ. އެއީ އޭނާ ދަންނަ ނަސްރެއް ނޫނެވެ. ފަހަރެއްގައި ރޭގައި ދިމާވި ހާދިސާއަށްފަހު ހަމަބުއްދި ފިލައި ދިޔައީ ކަންނޭނގެއެވެ. މިއީ ސާރިމް އަންނަންވީ ވަގުތެއް ނޫން ކަންނޭނގެއެވެ.
"މިހާރު އޭނަގެ ވާހަކަތައް ޤަބޫލުކުރީތަ؟ އަމިއްލަ ބަފާ ގޮވައިގެން ނިދާ މީހަކު ސާރިމްގެ ދަރިއަކަށް ބަލިވެ އިންނާނެތަ؟" ނަސްރުއަށް ކިރިޔާ އެ ސުވާލު ފުރިހަމަ ކުރެވުނުކަމެވެ. އޭނާގެ މަތީ ދަތްޕިލައާއި ތުންފަތާއި އެކު އަމާޒުވި ހޫނު ހަމަލާއިން އަނގަތެރޭ ލޭރަހަ ހިފާލިއެވެ.
"ދެން އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނާތި، އަހަރެން ހަނދާންނައްތާލާނަން ތިއީ އެކުވެރިއެއްކަންވެސް" ނަސްރުގެ ގިރުވާނުގައި ހިފާ ދަމައިގަންނަމުން ސާރިމްއަށް ދަތްޕިލަޖައްސާ ބާރުކޮށްލެވުނެވެ. އޭނާ އައިސްފައިވާ ރުޅި ތުރުތުރުލައިގަތެވެ. އެ ރުޅި އޭނާގެ މައްޗަށް އަތްގަދަކޮށްފިއެވެ. އެހެން ނޫނީ ސާރިމްއަކީ އަތް އުފުލާ އެއްވެސް މީހެއްގެ ގައިގައި ޖެހި މީހެއް ނޫނެވެ. އެއީ އޭނާގެ ސިފަތަކާއި މުޅިން ބީރައްޓެހި ސިފައެކެވެ.
އަނެއްކާވެސް ސާރިމްގެ ދެއަތް ދުރުކޮށްލާފައި ނަސްރު ހަމަނޭވާއެއް ލިޔެވެ. ސާރިމް ޝަހާދަތް އިނގިލި އުފުލައިލީ އެ އިންޒާރު އޭނާ އަމަލުން ދައްކަން ފަސްނުޖެހޭކަން އެންގުމަށެވެ. އެކަމަކު ނަސްރުގެ ކިބައިން ފެނުނީ ޖެހިލުންވުމެއް ނޫނެވެ. އެކުވެރިޔާ ގެއްލިދާނެކަމުގެ ބިރެއް ނެތެވެ. އޭނާ ހުރިހާ އެއްޗެއް ކިޔައި ނިންމީ އެއްވެސް ހުއްޓުމެއް ނެތިއެވެ.
"ކަލޭ ދޭ އަވަހަށް ދޭ މިތަނުން، ކަންފަތަށް އިވޭ އަޑުތައް އަހާނެ ހިތްވަރު ނެތީވިއްޔާ ދެވަނަ ފަހަރަށް އަހަރެންގެ ކުރިމައްޗަށް ނާންނާތި، އެކަމަކު ބުނަން، ނޫރާ އަކީ އަބަދުވެސް ބަޑިއެއް، އަބަދުވެސް، އޭނަ ސާރިމް ދެކެ ވީ ލޯބީގެ ސަބަބުން އެ ސިފަ ޒައްރެއްގެ މިންވަރަށްވެސް ބަދަލެއް ނުކުރޭ، އެހެން ނަމަ ސާރިމް ފުރައިގެން ދިއުމަށްފަހު އޭނަ އަހަންނާއި އެކު ނުނިދީސް، އަޑުއަހަން ކިތަންމެ އުދަނގޫވިއަސް މިއީ ހަޤީޤަތަކީ، އޭނަ ބަލިވެ އިނީ ސާރިމްގެ ދަރިއަކަށްކަމެއް ނޫނީ އެހެން މީހެއްގެ ދަރިއަކަށްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގޭ، އެހެން ނަމަ އޭނަ ގެއިން ނެރެ ތަޅާ އަނިޔާކުރަމުން އާމިރު އެހި އިރު ސާރިމްގެ ނަން ބުނީސް، އެ ޔަޤީންކަން އޮތްނަމަތާ؟ ކާކަށް އެނގެނީ އެއީ އާމިރުގެ ދަރިއެއް ނޫންކަމެއްވެސް." ނަސްރު ގެ ބަސްތަކުން މިފަހަރު ކަސްތޮޅު އެޅުވުނީ ސާރިމްގެ ދުލުގައެވެ. އޭނާއަށް އެވަރުގެ ޝޮކެއް ދުވަހަކުވެސް ނުލިބެއެވެ. އިތުރަށް ބުނާނެ އެންމެ ލަފްޒެއް އޭނާގެ ސިކުނޑިއަކަށްވެސް ނޭރިއެވެ. ދެފައިތިލަވެސް ހުރީ ބިމުގައި ތަތްލަވާފައެވެ.
ސާރިމް ސިހުނީ ގެއަށް ވަދެ ނަސްރު ދޮރުޖެހިއަޑަށެވެ. އެގެއިން ނިކުންނަން އޭނާ ހިނގައިގަތެވެ. އެކަނިވެލަން ބޭނުންވިއެވެ. ނަސްރު ބުނި ފަދައިން އެކަން ޤަބޫލުކުރުމުގެ ޤާބިލުކަމެއް އޭނާގެ ކިބައިގައި ނެތެވެ. އަދިވެސް ހުރެވުނީ ހިތާއި ސިކުނޑީގެ އަރާރުންވުމެއްގެ ތެރޭގައެވެ. އަހަންވީ ނަސްރު ދެއްކި ވާހަކަކަމެއް ނޫނީ ޤަބޫލުކުރަންވީ ނޫރާ ލިޔެފައިވާ ސިޓީކަމެއް ނޭނގެއެވެ. ސާރިމްއަށް ވަރަށް އަސަރުކޮށްފިއެވެ. އޭނާއަށް ސިފަވީ ރައްޔިތުންގެ ކުރިމައްޗަށް ނޫރާ ނެރެ އާމިރު އަނިޔާކުރާ މަންޒަރެވެ. އެދުވަހު ނޫރާ ސަލާމަތްކުރަން އޭނާއަށް ނުހުރެވުނީތީ އެކަމާއި އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އޭނާއަށްވުރެ ވަކި ބޮޑު ފިނޑިއެއް ކޮބައިހެއްޔެވެ؟ ކަރުނަތައް ކޮންޓްރޯލްކޮށް ނުރުއިމަކުން އޭނާ ފިރިހެނަކަށް ނުވިއެވެ.
** **
ޓީވީ ބަލަން އިން ޝެރީންގެ ކައިރީ ހިމްނާ އިށީނެވެ. އޭނާ ދެކަކޫ ގެނެސް ކުރުކޮށްލާފައި އެ އިނީ ކުޑަކުއްޖަކު ބޮޑާހާކާ އުސޫލުންނެވެ.
"ފުރަންބެލިއިރު އައިޑީކާޑްވީ އެބޭފުޅާ އަތުގައި" ހިމްނާ ތުންދަމާލިއެވެ. ޓީވީގެ އަޑު މަޑުކޮށްފައި ޝެރީން ބަލައިލިއެވެ. އެބުނީ ޒައިންގެ ވާހަކައެވެ. ހިމްނާ ފުރާފާނެބިރަށް ޒައިން ގެންގުޅެނީ ހިމްނާގެ އައިޑީކާޑްވެސް ފޮރުވައިގެންނެވެ. އެ ދެން ވަކި ހޯދާނެގޮތެއް ނޭނގުނެވެ. ޒައިން އަދިވެސް ދޫކޮށްލީކީ ނޫނެވެ.
"ދެން މަށެއްނު ތި ހިފައިގެން ފުރައިގެން ދާންވީ. މިފަހަރު ޒައިންގެ އަތުގައި ތި ފޯނާއި ލެޕްޓޮޕް ޖެހިގެންނުވާނެ، " ޝެރީން ބުނެލިއެވެ. އެދެމީހުންގެ ވާހަކަ އިތުރަށް ނުގެންދެވުނީ ބޭރުން ސަލާމްގޮވި އަޑު އަހާފައެވެ. ޝެރީން ނިކުންއިރު ބޭރުގައި ހުރީ ރަމްލާއެވެ. އާދައިގެމަތިން އަތުގައި މަތިޖަހާފައިހުރި ބޯތައްޓެއް ހުއްޓެވެ.
"ހިތަށް އެރީ ހާލުބަލައިލަން އަންނަން، ނުސްރާ އަކީ އެކޮއިގެ ރައްޓެއްސެއް،" ރަމްލާ އާއި ދިމާލަށް ބަލާފައި ޝެރީން އަވަހަށް ބޯޖަހާލިއެވެ. ރަމްލާ އެކިޔަން އުޅޭ އެއްޗެއް އޭނާއަށް ވަރަށް ރަނގޅަށް ވިސްނުނެވެ. ތަށީގައި ހިފާ ޝުކުރުއަދާކުރަމުން ޝެރީން އެދުނީ އެތެރެއަށް ވަންނާށެވެ. ރަމްލާ ނޫނެކޭ ބުނެލިއެވެ. އެކަމަކު ހިނގައިގަންނަމުން އެދުނީ ނޫރާ ގޮވައިގެން ހަވީރު އެގެއަށް އައުމަށެވެ.
** **
ހަވީރުގެ ވަގުތެވެ. ގަސްދޮށުގައި އިން އުނދޯލީގައި ޝެރީން ޖައްސާލިއެވެ. ރަމްލާ އިނީ އަބަދުވެސް އިންނަ ގޮތަށް މަސައްކަތެއްގައެވެ. ފެންޑާތެރޭ ދުވެ ދުވެފައި ސާރިމް އާއި ނޫރާ އުޅެއެވެ. ދޭތެރެއަކުން އެކުދިންނަށްވެސް ރަމްލާ ބަލާލައެވެ. ކުރިއާއި ޚިލާފަށް އެދެކުދިން އެކުގައި އުޅުމަކަށް ރަމްލާގެ އެއްވެސް އިއުތިރާޟެއްނެތެވެ.
"ރޭގައި ވީ ކަންތަކަށްފަހު އަދިވެސް ރަށުތެރެއަށް ނުކުންނަ ހިތެއް ނެތް، އެމީހުންނަށް ކޮންކަމެއް ދޯ، އާއިލީ މައްސަލައެއްވިއްޔާ، އެންމެފަހުން އެމީހުންގެ ބަސްތަކުން އަހަރެންގެ ދަރިފުޅުގެ އަބުރުވެސް ކަތިލާފައި ހުއްޓާލީ،" ރަމްލާ އަމިއްލައަކަށް އެވާހަކަ ފެށިއެވެ. އެގެއަށް އަންނަން ޝެރީން ކައިރީ ބުނީ އެ ވާހަކަ ދައްކަންވެގެންނެވެ. ހުރިހާކަމެއް ހިތުތެރޭ ފޮރުވައިގެން ހުރުމަކީ ފަސޭހަކަމެއް ނޫނެވެ.
"އެމީހުން ކީ އެއްޗެހި އަޑު އިވުނު، ހިތަށް އެރި ނޫރާ ކޮބައިބާއޭ؟ މިގެއިން ތިދެމައިން ނޫން އިތުރު މީހަކު ދުވަހަކުވެސް ނުދެކެން." ޝެރީންގެ ނަޒަރު ދަތުރުކޮށްލީ ފެންޑާގައި ހުރި ސާރިމްއަށެވެ. ދެން ރަމްލާއަށް ބަލައިލެވުނުއިރު އޭނާ އިނީ ކުރަން އިން މަސައްކަތް ހުއްޓާލައިގެންނެވެ. ޚިޔާލަކަށް ގެއްލިފައިވާ މީހެއްފަދައިންނެވެ.
" އޭނަ މިހާރު މީހަކާއި އިނދެގެން އެހެން ރަށަކަށް ބަދަލުވެއްޖެ، ދުވަހަކުވެސް މިރަށަކަށް ނާންނާނެ،، މުޅި ރަށަށް ބަދުނާމްވީމައި ދެން މިރަށު މީހުންނާއި ކުރިމަތިލައިގެން ކިހިނެއް އުޅޭނީ؟" ރަމްލާ ފެންކަޅިވެގެން ދިޔައެވެ. ޝެރީން އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. އަރުތެރެ ބެނދިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. އެކަމަކު އެއްވެސް ސުވާލެއް ކުރާކަށް ނުކެރުނެވެ. ހިތް ބުނަނީ ރަމްލާ އަދިވެސް ކިޔައިދޭނެކަމެވެ.
ކުޅެންތިބެފައި ނޫރާ ފެންބޮވައިގަނެގެން ގޮވާލީ އެވަގުތެވެ. ފެންފޮދެއް އަޅައިދެން ރަމްލާ ތެދުވިއެވެ. ފަހަތުން ޝެރީންވެސް ހިނގައިގަތެވެ. މިއީ އެގޭތެރެއަށް ޝެރީންއަށް ވަދެވުނު ފުރަތަމަ ފަހަރެވެ. ނޫރާ ފެންފޮދެއް ބޯލަންދެން ހުއްޓާ ބޭރުން ފިރިހެނަކު ސަލާމް ގޮވާލި އަޑު އިވުނެވެ. އެއަޑަކީ ދަންނަ އަޑެކޭ ޝެރީން ހިތަށް އެރިއެވެ. ސަލާމަށް ޖަވާބުދެމުން ގެއިން ފުރަތަމަ ނިކުތީ ރަމްލާއެވެ. ފެންފޮދު ބޯލާފައި ސާރިމް ކައިރީ ބުނެގެން ނޫރާ ދިޔައީ އެކުއްޖާ ނިދާކޮޓަރިއަށެވެ. އެއްވެސް އެއްޗެއްގައި ހުއްދަ ނެތި އަތްނުލާށޭ ބުނެފައި ޝެރީން ނިކުންނަން ހިނގައިގަތެވެ. އެކަމަކު ދޮރާއި ކައިރިވެފައި ހުއްޓެވުނީ ބޭރުގައި ހުރީ އޭނާގެ ފިރިމީހާ ސާރިމްއެވެ.
"ކީއްކުރަން ތިއައީ؟" ރަމްލާ އަހާލި އަޑު އިވުނެވެ. ޝެރީން ގަސްތުކުރީ އެތެރޭގައި މަޑުކުރުމަށެވެ. ރަމްލާގެ ސުވާލަށް ރައްދު ދެމުން ސާރިމް ބުނި ޖުމްލައިން ޝެރީންއަށް ބުރަކަށިޖައްސައިލެވުނީ ދޮރުފަތުގައެވެ. އެއާއި އެކު އަތް ގެންގޮސް އަނގަމަތި ނިވާކޮށްލެވުނެވެ. (ނުނިމޭ)