މާގިނައިރުތަކެއްނުވެ އިވުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ނުސްރާގެ ފުރާނަ ސަލާމަތްނުކުރެވި މި ދުނިޔެ ދޫކުރި ޚަބަރެވެ. އެއާއި އެކު އެންމެންގެ ކަންބޮޑުވުން ވަކިން ބޮޑަށް އިތުރުވެގެން ދިޔައެވެ. ގެއްލިދިޔަ ފުރާނައާއި މެދު ހިތާމަކުރުމަށްވުރެ ބޮޑަށް ހީވީ ނުރުހުމުގެ ހުޅު ފަޅައިގެން ދިޔަހެންނެވެ. ނުސްރާގެ މޫނު ބަލަން ޒައިން ވަންނަން ދިއުމުން ވާފިރު އޭނާ ހުއްޓުވިއެވެ.
"މިއަދު އަހަރެންގެ ދަރިފުޅު ވަކިވެ ދިޔަ ސަބަބަކީ ކަލޭ. ކޮންމެވެސް ސަބަބެއް އޮންނާނެ.." ވާފިރުގެ ދެލޮލުން ފުރަތަމަ ފަހަރަށް ނުރުހުމުގެ ކުލަ ފެނުނު ވަގުތަކީ އެއީއެވެ.
"އަހަންނަށްވެސް ސުވާލު އުފެއްދޭނެ ވަރަށް ގިނަ ކަންތައް އެބަހުރި." ވާފިރުގެ މޫނާއި ކައިރިވެފައި ޒައިން ބުނެލިއެވެ. ވާފިރުގެ މޫނަށް ބަލަހައްޓައިގެން ހުރި ޒައިންގެ ދެލޮލުންވެސް ނުރުހުމުގެ އަސަރު ފެންނަންހުއްޓެވެ.
"ކޮން ސުވާލެއް؟ ނުސްރާއާ ބެހޭގޮތުން ނަމަ ކޮންމެ ސުވާލެއްގެ ޖަވާބުވެސް އަހަންނަށް ދެވިދާނެ" އެދެމީހުންގެ މެދަށް ވަންނަމުން ނަސްރު އަހައިލިއެވެ. ޒައިން ގާތަށް ނުބައި ހިންޏެއް އައިސް ނަސްރުގެ މޫނަށް ބަލައިލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޝެރީން އަށްހުރެވުނީ ސާރިމްގެ ފަހަތަށް ވަދެފައެވެ. އާދައިގެގޮތަކަށް ހުރިހާކަމެއް ނިމިގެން ނުދާނެހެން އޭނާއަށް ހީވަނީއެވެ. އެމީހުންގެ ޒުވާބުގެ ތެރޭ ހުރިހާކަމެއް ތިލަވާއިރު އޭނަ އާއި ސާރިމް މޫނުކެނޑެންނުޖެހިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
"ރޭގައި ނުސްރާ ކުއްލިއަކަށް އެއްބަސްވީ ކީއްވެކަން ބުނެބަލަ، އަހަރެންމިއީ މާލެ މީހަކަށްވީމައި އާއިލާއިން އޭނައަށް މަޖުބޫރުކުރީ. އެހެންނު؟" ޒައިންގެ ތުންފަތުން ހިނިތުންވުން ފިލައި ދެލޯ އިތުރަށް ހަނިވެގެން ދިޔައީ ނަސްރުގެ މޫނަށް ބަލައިލުމާއި އެކު އެ އައި ރުޅިއަކުންނެވެ. ހަޤީޤަތް ފޮރުވަމުން ޒައިން އެއާއިލާއަށް ހުރިހާ ތުހުމަތެއް ރައްދުކުރިނަމަވެސް އެކަން އެނގޭ ދެމީހަކު އެތަނުގައި އެބަތިއްބެވެ. އެކަކަކީ ޝެރީން އެވެ. ދެވަނަ މީހަކީ ހިމްނާއެވެ.
"ކައިވެންޏަށް އެއްބަސްވީވެސް އަދި ދެކޮޅު ހެދީވެސް ނުސްރާ އަމިއްލަ ރުހުމުގައި، އަހަރެމެން އޭނައަށް މަޖުބޫރެއްނުކުރަން، އެންމެ ފަހު ވަގުތު އޭނަ އަމިއްލައަށް ދަންޖެހެންވީ ސަބަބެއް ނޭނގެ، މުޅި އާއިލާ މިތިބީ އެކަމުގެ ހިތާމައިގައި، އަހަންނަށް ރަނގަޅީ މިވަގުތު ޒައިން އަހަރެމެންނަށް އިހްތިރާމްކޮށް މިތަނުން ދިއުން، " ނަސްރު ރުޅިގަނޑު ކޮންޓްރޯލްކުރަމުން ވާހަކަ ދެއްކިއެވެ. މަސްލަހަތައްޓަކައި ވިއަސް ނުސްރާގެ މޫނު އެއްފަހަރު ބަލައިލަން ޒައިން އަށް ފުރުޞަތެއް ދޭށޭ އޭނާ ބައްޕަ ކައިރީ ބުނެލިއެވެ. އަދި ނުސްރާގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައެވެ. އެމެޖެންސީ ރޫމަށް ވަދެ ނިކުމެވެނީ ހަމައެކަނި އާއިލާގެ ހުއްދަ އޮންނަ ބަޔަކަށެވެ.
ޒައިން އެތެރެއަށް ވަދެފައި ނިކުންނަންދެން ވާފިރު އަނެއްކާވެސް ގޮނޑީގައި އިށީނެވެ. އޭރު ހޮސްޕިޓަލުގެ ގޯތިތެރެ އާއްމުން ވަދެ ފުރެނީއެވެ. ޒައިން ނިކުން ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޔުނީފޯރމްގައި ތިބި ފުލުހުންނެވެ. ޒައިން އާއި އަރާހަމަކޮށްފައި އެމީހުންނާއި އެކު ދިއުމަށް އެދުނެވެ. ހަމައެކަނި ސުވާލުކުރުމަށް ކަމަށް ބުނުމުން ޒައިން އެދުނީ އޭނާއަށް ފޯން ކޯލެއް ކުރުމުގެ އިޒުނައަށެވެ.
** **
ޒައިން ގެންދިއުމާއި އެކު ނުސްރާގެ ހަށިގަނޑު ހިނަވާގެއަށް ބަދަލުކުރެވުނެވެ. އެއްވެފައިތިބި މީހުންގެ އަޑުން މުޅިތަން ގުގުމަމުން ދެއެވެ. އެއްބަޔަކު އިނގިލި ދިއްކުރަނީ އާއިލާއަށެވެ.
"މާލެއިން މުއްސަންޖަކު އައިސް ކައިވެންޏަށް އެދޭއިރަށް އަންހެންދަރިން ޤުރުބާން ކުރުމުގެ އުސޫލަށް އަދިވެސް ބަދަލެއް ނާދޭ،" ވާފިރު ނިކުތުމުން ހަރު ފިރިހެނަކު ބުނެލިއެވެ. ވާފިރު އިސްޖަހާލިއެވެ. އެ އެންމެންގެ ތެރެއިން ދުވެ ފިލަން ބޭނުންވިއެވެ. އެއަޑުތައް އިވުމުގެކުރިން ދެކަންފަތް ބީރުވިނަމައޭ ހިތަށް އެރިއެވެ.
"މިއީ މިރަށުގައި އަދިވެސް ބަދަލު ނުވި އާދައެއް، އާދައިގެ ދެމީހަކު ކައިވެންޏެއް ކުރަން އުޅޭނަމަ އެކަން ރައްޔިތުން ނުކުމެވެސް ހުއްޓުވާ، އެދެމީހުން ފަންޖިފުޑިއެއްގައި އުޅުނަސް އެހެން މީހުންނަށް ކޮންކަމެއް؟" މުސްކުޅި އަންހެނަކަށް ނުހުރެވިގެން ބުނެލިއެވެ. މުޅިން ތަފާތު ދިމާލަކަށް ވާހަކަ ބަދަލުވެގެން ދިޔައެވެ.
ނަސްރުމެންގެ ފަހަތުން ސާރިމް ހިނގައިގަތީ ޝެރީންގެ އަތުގައި ހިފައިގެންނެވެ. އެމީހުންގެ ފަހަތުން އެތަނަށް އެއްވެފައިތިބި މީހުންވެސް ހިނަވާގެއާއި ދިމާލަށް އަންނަމުން ދިޔައެވެ. އޭރުވެސް އެމީހުން އެކިޔާ އެއްޗެއް ހުއްޓައެއް ނުލައެވެ.
"ކަލޭ ކީކޭ ކިޔާނަމޭ ތިއުޅެނީ؟" އެހެން ފިރިހެނަކު ބުނެލި އަޑު އިވުނެވެ.
"މިރަށު ފިރިހެނުންނަށް ހަފަރާތުން ފައިސާ އޮހެނިކޮށް ނިމުނީ، ނުސްރާ އަމިއްލައަށް މަރުވާނީ އެ ފިރިހެނާ އާއި ކައިވެނިނުކުރަންވެގެން ޔަޤީން، މުއްސަނދިކަން އެކުއްޖާ ބޭނުން ނުވީ، މިފަދަ ހާދިސާއެއް މީގެކުރިންވެސް ހިނގިއެއްނު، ރަމްލާގެ ދަރިފުޅު ނޫރާއަށް ކަލޭމެން ކިހިނެއް ހެދީ؟ އޭނަ އިންނަން އުޅުނު ސޮރަކީ ފަގީރަކަށްވީތީ އުޅޭނެ ތަނެއްނެތީތީ އެކުދިން ހަވަރަށް ނެރެ ހީވީ މަރާފާނެހެން، އެކުދިން މިރަށްވެސް ދޫކޮށް ދިޔައީ." އެއަޑު ސާރިމްގެ ކަންފަތުގައިޖެހުނެވެ. އޭނާގެ ފިޔަވަޅުތައް ވަގުތުން ހުއްޓުމަކަށް އައެވެ. ބިންގަނޑުގައި ދެފައިތިލަ ތަތްވެގެން ދިޔަކަން އިހްސާސްވިއެވެ. އޭނާ ބިރުގަތީ ޝެރީންއަށް އެވާހަކަ އެނގިދާނެތީ އެވެ.
އެއަޑުތަކަށް ޝެރީން ހުރީ ސަމާލުކަން ދީގެންނެވެ. އެމީހުންގެ ވާހަކައިން ރަމްލާ އާއި ނޫރާގެ ނަން އިވިފައި ވަކިން ބޮޑަށް ޝައުޤުވެރިވެވުނެވެ. ރަމްލާގެ އެކަނިވެރިކަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ދަރިންނާއި ބެހޭގޮތުން ސުވާލުކުރަން ހިތަށް އަރާފައިވެސް ޖެހިލުންވަނީ އެއީ ރަމްލާގެ އަމިއްލަ ކަމަކަށްވާތީއެވެ.
"ކަލޭމެން އެންމެން މިތަނުން ދާން އުޅޭ، މިއީ ފިތުނަވެރިކަން އިތުރުވާފަދަ ވާހަކަ ދައްކަންވީ ވަގުތެއް ނޫން، މުޅި އާއިލާ ފުންހިތާމައެއްގައި ތިއްބާ އެމީހުންނަށް ހިތްވަރުދީ މައްޔިތާއަށް ހެޔޮދުޢާކޮށްދެވެން ނެތިއްޔާ މިތަނުގައި ތި އެންމެން އެއްވުމުގެ އެއްވެސް ބޭނުމެއް ނެތް، " ހޮސްޕިޓަލު ތެރެއިން ނިކުމެގެން އައި ކައުންސިލަރު އެންމެންނާއި މުޚާތަބުކުރަންފެށުމާއި އެކު އެ އެންމެން ހިމޭންވެގެން ދިޔައެވެ. އެއްބަޔަކު އައި ރުޅިން އެތަނުން ދާން ހިނގައިގަތެވެ. އަނެއްބަޔަކު އެތަނުގައި ތިބީ އެމީހުންގެ ދޫ ހިމޭންކޮށްގެންނެވެ.
** **
ދުނިޔެ އަކީ އަޖައިބެއްކަހަލަ ތަނެކެވެ. އެކި ދުވަހު އެކި ކުލައެވެ. އިންސާނުންގެ ދިރިއުޅުންވެސް ހަމަ އެފަދައެވެ. އެއްވެސް އުދަނގުލަކާއި ދަތިކަމެއް އިހްސާސްނުވާ މީހަކު ނުވާނެއެވެ. އެކި މީހުންނަށް އެކި މިންވަރަށް ތަކުލީފް ލިބުނުކަމުގައިވިއަސް އެއްވެސް އިންސާނަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެކަމަށް ވަނީ ވަޙީކުރައްވާފައެވެ. އަދި އެންމެ މާތްފޮތުގައި އިންސާނުންނަށް ކެއްތެރިވުމަށް ވަނީ އެތައް ފަހަރަކު ވަޞިއްޔަތްކޮށްފައެވެ. ވީއިރު މާޔޫސްވެ އަމިއްލަ ފުރާނައަށް ގެއްލުންދޭ ދަރަޖައަށް އިންސާނުން ދަނީ ކީއްވެކަމެއް ނޭނގެއެވެ.
އެނދުގައި ދެފަރާތަށް އެނބުރިގެން ތިބި ޝެރީން އާއި ސާރިމް އޮތީ އަދިވެސް ނުނިދައެވެ. ދެމީހުން ވެސް ތިބީ ފިކުރުބޮޑުވެފައެވެ. ސިކުނޑިއަށް ނުކުޅަދާނަވާވަރަށް ވިސްނަނީއެވެ.
ޝެރީން ވިސްނަނީ އަމިއްލަ ދިރިއުޅުމަށް ދެން އަންނާނެ ބަދަލުތަކާއި ދޭތެރޭގައެވެ. ޒައިން ދޫނުކޮށްލައިފިއްޔާ އެއީ އޭނާގެ ނަޞީބެވެ. މިނިވަންވި ދުވަހަކުން އަނެއްކާވެސް ގެއްލުވާލާނީ ޝެރީންގެ ހަމަޖެހުމެވެ. އޭނާ ނިކުމެފައި ބަދަލު ނުހިފާނެހެން ހިއެއް ނުވެއެވެ.
ޝެރީން ބިއްދޮށަށް އެނބުރި ބަލައިލިއެވެ. ސާރިމް އޮތީ ނިދާފައޭ ހިތް ބުނެލިއެވެ. ޝެރީން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭނާ ގޮސް ގޮވީ ހިމްނާއަށެވެ. އެކޮޓަރި ބަލައި ފާސްކުރަން ޝެރީން ބޭނުންވިއެވެ. ޒައިންގެ ލެޕްޓޮޕް ނެގިއިރު އޭގައި ޖަހާފައި އިން ޕާސްބަސް ދިމަލެއްނުވިއެވެ.
"ހިމް، އަހަރެން ބުނީމެއްނު ޒައިންގެ ހުރިހާ ކަމެއް ބަލަން، ލެޕްޓޮޕް ނޫން އިތުރު އެއްޗެއް އޭނަ ނުގެންގުޅޭތަ؟" ޝެރީން ކަންބޮޑުވިއެވެ. އޭނާ އެންމެ ފުރަތަމަވެސް ހިމްނާ ކައިރިން ޒައިންގެ ފޯނާއި އެހެން އެއްޗެހި ގެންގުޅޭތަން ބަލަން އެދުނެވެ. ފޯނުގެ ކޯޑު ހޯދައި އޭގައި ވީޑިޔޯއެއް ހުރިނަމަ ޑިލީޓްކޮށްލައިދެން އެދުނެވެ. އެކަމަކު އޭގެ ބަދަލުގައި ހިމްނާގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުފެނެއެވެ.
"ޔަޤީނުންވެސް އޭނަ ގެންގުޅޭ ދެ ފޯނު" ހިމްނާ ވިސްނަން ހުރެފައި ބުނެލިއެވެ. ދެން ގޮސް އަލަމާރި ތެރެ ހާވައި އޭގެން ފޯނެއް ނެގިއެވެ. އެކަމަކު އެ ފޯނުވެސް ހުޅުވޭނެގޮތެއް އެމީހުންނަކަށް ނޭނގުނެވެ.
"އައި ހެވް އެން އައިޑިޔާ" ޝެރީންގެ ކުރިމަތީ ދެކޮޅަށް ހިނގަ ހިނގާ ހުރެފައި ހިމްނާ ބުނެލިއެވެ. އޭނާގެ ރައްޓެއްސަކީ ފޯނާއި ލެޕްޓޮޕް މަރާމާތުކުރަން އެނގޭ މީހެކެވެ. ފޯނުގެ ޕާސްބަސް ދުއްވާލާ ފޯނު ހުޅުވޭނެ ގޮތެއް އެކުވެރިޔާ ލައްވައި ކުރެވިދާނެކަމުގެ ޔަޤީންކަން ހިމްނާ ދިނެވެ.
** **
ސާރިމް ތެދުވަން ގަސްތުކުރީ ފަތިސްވީމައެވެ. އޭރު ޝެރީން ގުގުރިދަމާއަޑު ހުއްޓެވެ. ސާރިމް ތެދުވެ ވުޟޫކޮށްލައިގެން މިސްކިތަށް ދިޔައެވެ. ނަމާދުކޮށްލައިގެން ގެއަށް ދިއުމުގެ ބަދަލުގައި ސާރިމް ނިކުތީ އަތިރިމައްޗަށެވެ.
ނުނިދައި ހުރުމުން ލިބުނު ވަރުބަލިކަން ލުއިވީ ކަނޑުން ޖެހޭ ފިނި ރޯޅިތައް އައިސް ބީހޭންފެށުމުންނެވެ. އެކަމަކު ނުތަނަވަސްކަމުގެ މަތިން ހަނދާންނެތިފައި އިނދެވުނީ މަދު ވަގުތުކޮޅަކަށެވެ. ފޯނުން ގަޑިބަލަންވެގެން ޖީބަށް އަތްލި ވަގުތު ޖީބުގައި އޮތް ކަރުދާސްގަނޑެއްގައި އަތްޖެހުމުން ކުއްލިއަކަށް ހީވީ އޭނާގެ މޭގައި ބަރު އެއްޗެއް ބޭއްވިގެން ދިޔަހެންނެވެ.
ރޭގައި އޭނާ ހަނދާންނެތުނު އެއްކަމަކީ އެއީއެވެ. ނޫރާގެ އަލަމާރިތެރެއިން ނެގި ސިޓީގެމަތިން ހަނދާންނެތުނީ ނުސްރާ މަރުވި ޚަބަރާއި އެކުގައެވެ. ރޭގައި ނުނިދި އޮންނަންޖެހުނުއިރުވެސް މި ސިޓީގެ މަތިން ހަނދާންނުވިއެވެ.
އަވަހަށް ސިޓީ ނަގައި ނިއުޅާލެވުނެވެ. ނޫކުލައިގެ ދެއްޔަކުން ލިޔެފައިވާ އަތުލިޔުން ހީވަނީ ކޮންޕިއުޓަރަކުން ޗާޕުކޮށްފައިވާ ލިޔުމެއްހެންނެވެ. ކޮންމެ އަކުރެއް އެޅުމުގައިވެސް ފަރުވާތެރިވެފައިވާކަން އެނގެއެވެ. ސާރިމް ނަޒަރުހުއްޓުނީ އޭނާގެ ނަން ލިޔެފައިވާ ހިސާބަށެވެ. އެއީ އޭނާއަށް އެޑްރެސްކޮށްފައިވާ ސިޓީއެކެވެ.
"މިއީ އަހަރެންގެ ތިންވަނަ ސިޓީއެވެ. މާލެ ދިޔަގޮތަށް ޚަބަރެއްނުވެ ސާރިމް ކޮބައިހެއްޔެވެ؟ އަހަރެން އެކަނި ހާލަށް މިތަނަށް ދޫކޮށްލީތީ އަމިއްލަ ނަފްސާއި ޝަކުވާކޮށްކޮށް ވަރުބަލިވެއްޖެއެވެ. އަހަންނަށް އެންމެ ސިޓީއެއް ލިޔެލާނެ ވަގުތު ނުވެ ބިޒީވީ ކޮންކަމެއްގައިހެއްޔެވެ؟ މާލެ ދިޔަފަހުން ސާރިމް އަހަރެން ދޫކޮށްލައިފިއޭވެސް މިހިތް ބުނެއެވެ. އެކަމަކު އަހަރެން އެކަމާއިވެސް ދެކޮޅެވެ. ދުވަހުގެ ސައްވީސްގަޑިއިރު އަހަރެންގެ ދުލުން ސާރިމްގެ ނަން އެތައް ސަތޭކަފަހަރަކު ތަކުރާރުކުރާފަދައިން ސާރިމްވެސް ހުންނާނީ މިފަދަ ހާލެއްގައޭ އަހަރެން ޤަބޫލުކުރަން ބޭނުމެވެ. ސާރިމް އަހަރެން މަތިން ހަނދާން ނައްތާނުލައްޗެވެ. އެ ޚަބަރު އަހަން ލިބޭ ދުވަހަކީ މި ހަށީގައި ނޭވާ ހިނގާނެ ފަހު ދުވަސް ކަން ޔަޤީނެވެ.
އަހަރެން ސާރިމްއަށް ދޭނެ ޚަބަރެއް އެބައޮތެވެ. އަހަރެން ހިތް ބިރުގަންނަން ފަށައިފިއެވެ. މިއީވެސް އަހަރެންނާއި ސާރިމް ބޭއްވި ގުޅުން ކަނޑައިލަން ލިބޭނެ ފުރުޞަތަކަށް ނުހަދައްޗެވެ. އޭރުން އަނެއްކާވެސް ނިކަމެތިވެ ގިނަވާނީ މި ނޫރާއެވެ. އަހަރެން ބުނަން މިއުޅެނީ އަހަރެމެން އެކުގައި ހޭދަކުރި އުފާވެރި ރޭރޭ ތަކާއި ގުޅުންހުރި ވާހަކައެވެ. މިހާރު އަހަރެން ދިރި މިހުރީ އެހަނދާންތަކުގެ ސަބަބުންނެވެ. އެނގޭހެއްޔެވެ؟ އަހަންނަށް ހީވަނީ އަހަރެންގެ ހަށިގަނޑުގައި ސާރިމްގެ ލޭ ހިނގާހެންނެވެ. އަހަންނަށް ހީވަނީ ސާރިމްގެ ފުރާނައެއް އުފަންވަން އުޅޭހެންނެވެ. އަހަރެން ފަޟީހަވެދާނެކަމުގެބިރު އެބައޮތެވެ. އެހެންވެ މިހުންނަނީ އެވާހަކަ އެއްވެސް މީހަކު ކައިރީ އަދި ނުބުނެއެވެ. މި ސިޓީ ސާރިމްއަށް ރައްދުކުރާނެ ގޮތެއް ނޭނގިފައެވެ. އަހަންނަށް ހީވަނީ ކުރިން ހަވާލުކުރި ދެ ސިޓީވެސް ނަސްރު ރައްދުނުކޮށްދޭހެންނެވެ. އެހެންވެ މިފަހަރު ހަވާލުކުރާނެ އެހެން މީހަކު ލިބުނުހާ އަވަހަކަށް ފޮނުވައިލާނަމެވެ. ވަރަށް ސަލާމެވެ."
ސާރިމްގެ އަނގައިން މަޑު އާޚެއް ނިކުތެވެ. އެ ސިޓީގެ ކޮންމެ ޖުމްލައެއްކިޔާފައި އެހިތަށް ކުރި އަސަރަކީ މީގެކުރިން ދުވަހަކުވެސް ތަޖުރިބާކުރި އިހްސާސެއްނޫނެވެ. އޭނާއަށް އަނެއްކާވެސް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. އެއާއި އެކު އޭނާގެ ލޭ ކެކިގަތެވެ. ނޫރާ އޭނާގެ ދަރިއަކަށް ބަނޑުބޮޑުވިކަން އެއޮތީ ފެންނާށެވެ. އެފަކީރު އުޅުނު ގޮތެއް ނޭނގެއެވެ. ފަޟީހަތްވުމާއި އެކު ރޮއިރޮއި ހަލާކުވާނެކަން ޔަޤީނެވެ. އަނެއްކާ މައިންބަފައިން ގެދޮރުންވެސް ނެރެ ނުލާކަމެއް ނޭނގެއެވެ. ސާރިމްއަށް އެ ސިޓީ ބޮނޑިކޮށްލެވުނެވެ. އޭނާ ފޯނު ނަގައި ގުޅީ ނަސްރުގެ ނަންބަރަށެވެ. ނަސްރު ފޯނު ނެގުމާއި އެކު ބުނެލީ އެގެއަށް ދާ ވާހަކައެވެ.
(ނުނިމޭ)