އެގޯޅި އާއި ހަމަޔަށް އައިސް ސާރިމް ހުއްޓުނެވެ. އޭނާއަށް ފެނުނީ ރަމްލާއެވެ. ކޮންމެވެސް ތަނަކަށް ދާންވެގެން މާ އަވަސް އަރުވާލާފައި ރަމްލާ ނިކުމެގެން ދިޔަތަނެވެ. އެގެއާއި ދިމާލަށް ސާރިމް މޫނު އަނބުރާލިއެވެ. އޭނާ ބޭނުންވާ ފަދަ މައުލޫމާތެއް ލިބިދާނެއޭ ހިތް ބުނެލިއެވެ. ރަމްލާ ނޫން މީހަކު އެގޭގައި ނޫޅޭނެކަން ސާރިމްއަށް އެނގެއެވެ. އޭނާ އެގެއާއިދިމާލަށް ހިނގައިގަތެވެ.
ދޮރާށިން ވަދެފައި ލޯ ހިންގާލިހާއިރުން ސާރިމްގެ ލޮލުގައި އަޅައިގަތީ ނޫރާ އުޅުނު ކޮޓަރީގެ ކުޑަދޮރެވެ. ފެންޑާގެ ފާރުގަނޑުމަތިން ސާރިމް ފުންމާލާފައި ގޮސް ކުޑަދޮރުގައި އަތްޖައްސާލިއިރު ހުރީ އެތެރެއިން ތަންޑުއަޅައި ބަންދުކޮށްފައެވެ. ގޭގެ މައިދޮރުވެސް ހުރީ ބަންދުކޮށްފައެވެ.
ސާރިމް މިސްރާބު ބެހެއްޓީ ގޭގެ އަނެއްފަރާތަށެވެ. އެތަން ހުރީ ކުރިއެކޭ އެއްގޮތަށް އެއްވެސް ތަފާތެއް ނެތިއެވެ. އަސްކަނިދޮށުގައި އިން ހޮޅިބުރީގެ އަލިން އެތަން އަލިވެފައި ވިއަސް ގެއާއި އިންވެގެން ޖަހާފައި ހުރި އަލަފަތްގަހުގެ ބިޔަކަމުން މުޅިތަނަށް ވަނީ އޭގެ ހިޔަނިފެތުރިފައެވެ. އެފަރާތުގައި ފެންނަން އިން ހަމައެކަނި ކުޑަދޮރަކީ ނޫރާ އުޅުނު ކޮޓަރިއަށް އޭނާ ވަދެ ނިކުތް ކުޑަދޮރެވެ. އޭނާގެ ޖީބުން ނެގި ގެސްޓްހައުސްގެ ތަޅުދަނޑި ދޮރާއި ދާރަ ދޭތެރެއަށް ލައްވާލުމާއި އެކު މިފަހަރު އެދޮރު ހުޅުވުނެވެ. ކޮޓަރިތެރެއަށް ވަދެފައި ސާރިމްއަށް ހުރެވުނީ ވަށައިގެންވި ހަތަރު ފާރަށް ބަލާށެވެ. އެއީ ގާތްގަނޑަކަށް ބާރަފޫޓްގެ ކުޑަ ތަންކޮޅެކެވެ. އެކަމަކު އެތަނުގައިވަނީ ސާރިމްއަށް ވެވުވު ފުރަތަމަ ލޯބީގެ އެތައް ހާސް ހަނދާންތަކެވެ. ސާރިމްއަށް ބަލައިލެވުނީ އެނދާއި ދިމާލަށެވެ. އޭނާއަށް ސިފަވީ އެންމެ ފުރަތަމަ އެކޮޓަރި ތެރޭ އެދެމީހުން ހޭދަކުރި ރެއެވެ.
** **
އެއީ ތުނޑީގައި ތިބެފައި ވާރޭ ކަނި ޖަހާތީ ދުވެފައި އައި ރެއެކެވެ. އެންމެ ފުރަތަމަ ތިބީ ގޭގެ ފުރަގަހުގައި ހުރި އަލަފަތް ގަސްތައް ކައިރީގައެވެ. އަސްކަނީގެ ހިޔަލުން އެރޭ ނިވާވާ ގޮތެއް ނުވިއެވެ. ވަޔާއި އެކު އަންނަ ވާރޭގެ ކަނިތަކުން ދެމީހުން ތެންމާލީއެވެ. އެކަމަކު ގޭތެރެއަށް ވަންނަން ބެލިއިރު ފެންޑާގައި ރޭޑިޔޯއިން އަންނަ ލޯބީގެ ސިލްސިލާ އަޑުއަހަން އާމިރު އިންނާނެތީ ނޫރާ ގޭތެރެއަށް ދުއްވައިގަތީ އެކަންޏެވެ. އެއަޑަށް އާމިރު ބަލައިލާފައި އައި ތަނަކާއި ބެހޭގޮތުން ސުވާލު ކުރި އަޑު އިވުނެވެ. ބައްޕަގެ މޫނަށް ބެލުމެއްނެތި ދުވަމުން ގޮސް ނޫރާ ކޮޓަރިއަށް ވަދެ ދޮރުޖަހާފައި ގޮސް ކުޑަދޮރު ހުޅުވައިދިނެވެ. އެތަނުން ކޮޓަރިތެރެއަށް ފުންމާލާފައި ދޮރުލައްޕަން އުޅެނިކޮށް ސާރިމްގެ އަތަށް އައީ ތަންޑު ލުހިގެންނެވެ.
"ނޫރާ" ކޮޓަރި ދޮރުގައި ތަޅައިގަންނަމުން ރަމްލާ ގޮވާލި އަޑު އިވުނެވެ. ދެމީހުން ސިހިފައި ހޯދަންފެށީ ސާރިމް ފިލަންވަންނާނެތަނެކެވެ. އަލަމާރި ތެރޭހުރި ހެދުންތައް ނަގައި އެނދުމައްޗަށް އަޅާފައި އެތަނަށް ވަންނަން ސާރިމްއަށް ދައްކަމުން ނޫރާ ހިނގައިގަތީ ދޮރު ހުޅުވާށެވެ.
"މުޅި އަލަމާރި ފުށުން ނުޖަހައި ލާނެ ހެދުމެއް އަތަކު ނުޖެހޭ؟" ރަމްލާ އައި ބޭނުމުގެމަތިން ހަނދާންނެތުނީ އެނދުމައްޗަށް ގުޅައަކަށް އަޅާފައި ހުރި ހެދުންތައް ފެނިފައެވެ.
"މަންމަ ގޮވީމައި އެހުރިގޮތަކަށް ބަހައްޓަން މިޖެހުނީ، ހެދުން ބަދަލުކުރަންދެން މަންމަ ދާންވީނު،" ނޫރާ ދޮރުފަތުގައި ހިފަހައްޓައިގެންހުރީ އެތެރެއަށް ރަމްލާއަށް ނުވަދެވޭނެހެންނެވެ. ރަމްލާ އައީ މި ރޭގަނޑު ނޫރާ އައި ތަނެއް އަހާށެވެ. އެކަމަކު ފުރަތަމަ ޖެހުނީ ނޫރާ ހެދުން ބަދަލުކުރަންދެން މަޑުކުރާށެވެ. ކާން އަންނާށޭ ބުނެފައި ރަމްލާ ދާން ހިނގައިގަންނަން އުޅުނެވެ. ލިބުނު ނަޞީބާއި އެކު ނޫރާ ބެލީ ދޮރު އަލުން ތަޅުލެވޭތޯއެވެ. އެކަމަކު ލެއްޕިލެއްޕި ހުރި ދޮރުގައި ރަމްލާ ހިފަހައްޓާލިއެވެ.
"ކުޑަދޮރު ލައްޕާފައި ބަހައްޓާ، ނޫނީ މުޅި ކޮޓަރި ތެމޭނެ." ރަމްލާގެ ކަޅި ހުއްޓިފައިހުރީ ކުޑަދޮރަށެވެ. ތަންޑު ނެއްޓުމުގެ ސަބަބުން ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ނޫރާ ބޯޖަހާލާފައި ދޮރުޖަހައި ތަޅުލިއެވެ. ދެން ދުވެފައި އައިސް ކުޑަދޮރު ކޮއްޕާލީ ތަންޑާއި ނުލައިވެސް ހަމަޖެހޭހާ ބާރަށެވެ.
އަލަމާރީގެ ދޮރު ހުޅުވާފައި ސާރިމް އަތުގައި ހިފާ ބޭރަށް ނެރުނެވެ. އެނދުމަތީގައި ހުރި ހެދުންތައް ދެއަތުން ހިފަހައްޓާލާފައި އޭގެ މަޤާމަށް ކޮއްޕައިލިއެވެ.
ސާރިމްއަށް ތުވާލި ދިއްކޮށްލަމުން ނޫރާ އަލަމާރި ހާވާފައި ނެގީ އޭނާ އަމިއްލައަށް ބަދަލުކުރާނެ އެއްޗިއްސެވެ. ބޮލުގެ ފެންހިއްކާފައި ތުވާލި ތިރިކޮށްލި ސާރިމްއަށް ފެނުނު މަންޒަރުން ދެލޯ މަރާލެވުނެވެ. ހެދުމުގެ ދެކަނުގައި ހިފާފައި ހެދުން ހިއްލާލުމުން ފެންނަންހުރީ ނޫރާގެ ފަތިހަށިގަނޑެވެ.
"އެހެން މީހަކު ނަމަ ލިބުނު ފުރުޞަތުގެ ބޭނުން ހިފާނެ" ސާރިމް ދެލޯ މަރައިގެން އިންތަންފެނި ނޫރާ ބުނެލިއެވެ. އެއްވެސް ޖެހިލުމެއްނެތި ތެމިފައިހުރި ހެދުން ހަށިގަނޑާއި ވަކިކޮށްލަން އުޅުނީ ސާރިމް ހަދާ ގޮތެއް ބަލާށެވެ.
"ނިމުނީމަ ބުނެލާ" ސާރިމް އެއިން ގޮތަށް އިނދެ ބުނެލިއެވެ. ސާރިމްއާ ކައިރިއަށް ފިޔަވަޅެއް އަޅާލާފައި ނޫރާ ގުދުވީ ސާރިމްގެ މޫނާއި ހަމަޔަށެވެ. އޭނާގެ ތުންފަތް ސާރިމްގެ ނިތްކުރީގައި ޖައްސާލާ ބޮސްދިނެވެ. ސާރިމް ދެލޯ ހުޅުވާލިއެވެ. އޭރު ނޫރާ ހަމަޖެހިލަނީ ސާރިމްގެ އުނގުމަތީ އިށީދެލަމުންނެވެ.
"ސާރިމް ތެތްހެދުމުގައި ހުއްޓާ އަހަރެން ކީއްކުރަން ހެދުން ބަދަލުކުރަންވީކީ." ނޫރާ ނިއުޅައިލީ ހުޅިޖަހާފައި އޮތް އޭނާގެ އިސްތަށިގަނޑެކެވެ. ދެފަރާތަށް ބޯހޫރުވައިލެވުނީ އެ އިސްތަށިގަނޑު ފަސޭހައިން ނިއުޅައިލުމަށެވެ. އިސްތަށިގަނޑުން ބުރައިގެން އައި ފެންތިކިތަކުން ސާރިމްގެ މޫނު އަލުން ތެމިގެން ދިޔައެވެ. މިފަހަރު ސާރިމްއަށް ދެލޯ މަރާލަމުން އަނގަހަދާލެވުނީ ފަކުރުންނެވެ.
ނޫރާ ދެއަތުން ސާރިމްގެ މޫނު ފޮހެލައިދިނެވެ. ސާރިމް ދެލޯ ހުޅުވާލުމުން ފެނުނީ އޭނާގެ މޫނަށް ބަލަހައްޓައިގެން އިން ނޫރާއެވެ. އެދެމީހުންނަށް އެކުއެކީ ހިންދިރުވާލެވުނެވެ. އެކުއެކީ ކަހަލަ ގޮތަކަށް ލެވުނު ނޭވާގެ ހޫނުކަން އިޙްސާސްވިއެވެ. ހުއްޓުމެއްނެތި ފުރާޅުމައްޗަށް އޮއްސަމުން ދިޔަ ވާރޭގެ ސަބަބުން މާހައުލު ކިތަންމެ ފިނިވެފައި ވިއަސް ތިބެވުނީ ކަރުހިއްކައިގެންފައެވެ. ސާރިމްގެ ދެއަތުން ނޫރާގެ ބުރަކަށީގައި ހިފަހައްޓާލެވުނެވެ. ގަޔާއި ކައިރިކޮށްލެވުނެވެ.
ނޫރާގެ ބަރާއި އެކު ސާރިމް ވެއްޓުނީ އެނދުމައްޗަށެވެ. ބުރަކަށި ހީވީ މަޑުކެހެރިގަނޑެއްގައި ޖެހުނުހެންނެވެ. ތެމިފައި ހުރި އަންނައުނު ހަށިގަނޑާއި ވަކިކޮށްލެވުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ނޫރާގެ ޖެހިލުންކުޑަކަން ވަކިން ބޮޑެވެ. ސާރިމްއަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތެއް ނުދެއެވެ. ސާރިމްގެ މުޅި ކޮންޓްރޯލް އޮތީ ނޫރާގެ އަތުގައެވެ. އެ ބީހުންތަކާއި ފިރުމުންތަކުން ސާރިމް ހައްޔަރުވެވިފައިވާ ކަހަލައެވެ.
** **
ފޯނު ވައިބްރޭޓްނުވިނަމަ ސާރިމްއަށް އެ ހަނދާންތަކުގެ ތެރެއިން ނުނިކުމެވުނީސްކަން ޔަޤީނެވެ. އޭނާއަށް ހީވަނީ އޭނާގެ ލޯކުރިމަތިން މާޒީ ފެނިފައި ގެއްލުނީހެންނެވެ. ޖީބުގައި އޮތް ފޯނު ނެގިއިރު އެއީ ޝެރީންގެ ކޯލެކެވެ. ފޯނަށް ޖަވާބު ނުދީ ސާރިމް ފޯނު ނިއްވާލިއެވެ. ޖީބަށް ލާފައި އޭނާ އެނބުރުނީ ކޮޓަރި ތެރެއިން އޭނާއަށް ރަނގަޅު މައުލޫމާތެއް ހޯދޭތޯއެވެ.
ނޫރާގެ އަލަމާރިތެރޭގައި ހުރީ މަދު އަންނައުނެކެވެ. އަލަމާރީގައި ވަކިން ހުރި ވަތްގަނޑެއް ހުޅުވާލިއިރު އޭގައި އޮތީ ފޮޓޯ އަލްބަމެކެވެ. އޭތިގައި އަތްނުލެވި އުޅެނިކޮށް ގޭތެރެއިން ރަމްލާގެ އަޑު އިވުނެވެ. އެއީ އޭނާ ޖީބަށް ލައިގެންވެސް ގެންދެވޭވަރުގެ ކުޑަ އެއްޗެއް ނޫނެވެ. އެތަން ލައްޕަނިކޮށް ސާރިމްގެ ލޮލުގައި އަޅައިގަތީ އަލްބަމްގެ ދަށުގައިއޮތް ސިޓީއެކެވެ. އެ ސިޓީ ނަގައި ޖީބަށް ލާފައި ކުރިންވެސް އެކޮޓަރިއަށް ވަން ކުޑަދޮރުން ފުންމާލައިގެން އެގެއިން ނިކުތެވެ.
ނަސްރުމެންގެ ގެއާއި ދިމާލަށް ދިޔައިރު އެގޯޅިތެރެ ނުފެންނަ ވަރަށް މީހުން އޮތީ ފުރިބާރުވެފައެވެ. އެމްބިއުލެންސްގެ އަޑާއި އެކު މީހުން ދެފަރާތަކަށް ބެހިލައި މަގުހަދާލިއިރު ކިރިޔާ އެމްބިއުލެންސަށް ދެވެނީއެވެ. ބޮޑުކަމެއް ހިނގައިފިކަން ސާރިމްއަށް އެނގުނެވެ. އަވަހަށް ޖީބަށްލީ ފޯނު ނަގައި އޮންކޮށްލުމުން ލިބުނީ ޝެރީންގެ މިސްކޯލްމެސެޖެކެވެ. އެ ނަންބަރަށް ގުޅާލުމާއި އެކު ޝެރީން ފޯނު ނެގިއެވެ. ހާސްވެފައި އެހީ ސާރިމް ހުރިތަނެކެވެ.
އޭގެ އިރުކޮޅެއްފަހުން ޝެރީން އާއި އެކު ސާރިމް ވަނީ ހޮސްޕިޓަލަށެވެ. އޭރުން އެތަނަށްވެސް މީހުން ދަނީ އެއްވަމުންނެވެ. އެމެޖެންސީ ރޫމްގެ ދޮރުމަތީ ވާފިރު ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ގޮނޑިބަރީގައި ނަސްރު އިނީ ފިކުރުބޮޑުވެފައެވެ. ޒައިންހުރީ އެންމެންނާއި ދުރުގައި ވަކިންނެވެ. ޝެރީން އަށް އިޝާރަތްކޮށްފައި ސާރިމް ބޭރަށް ނިކުތެވެ. އޭނާގެ ފަހަތުން އައިސް ހުއްޓުނު ޝެރީން ނޭފަތް ދަމާލިގޮތުން ހީވަނީ މީގެކުޑައިރުކޮޅެއްކުރިން ވަރަށް ގަދައަށް ރޮއިފައި ހުރިހެންނެވެ.
ހެކިން އައިސް ހަމަޖެހުމުން ނުސްރާ ބަލާ ޝެރީން ދިޔައިރު އެކޮޓަރި ހުރީ ތަޅުލާފައެވެ. ނުސްރާއަށް ގޮވާލާފައި ދޮރުހުޅުވަން އެދުނުފަހުން އެތައް އިރެއްވީއިރުވެސް ޚަބަރެއް ނުވިއެވެ. ނުސްރާ ލަސްވެގެން ނަސްރުގެ އަންހެނުންވެސް އައެވެ. ދޮރު ތަޅުލާފައި ހުރުމާއި އެތެރެއިން އެއްވެސް އަޑެއް ނައުމުން ކަމެއް ގޯސްވެއްޖެކަން ޤަބޫލުކުރެވިގެން ގޮސް ނަސްރުއަށް ގޮވިއެވެ. އެކޮޓަރީގެ ތަޅުދަނޑި ހޯދައިގެން ދޮރު ހުޅުވާލުމާއި އެކު އެންމެންނަށް އެކުގައި ހަޅެއްލަވައިގަނެވުނީ ފަންކާގައި މަޅިއެއްޖަހައި އޭގެން ދަންޖެހިފައިހުރި ނުސްރާ ފެނިފައެވެ.
އެ ހާދިސާ ޝެރީން ކިޔައިދިނެވެ. ނުސްރާ ނަގައި ހޮސްޕިޓަލަށް ގެންދެވެންދެން އެތަނުގައި ހިނގި ކަންތައް ޝެރީންއަށް މާ ރަނގަޅަކަށް ނޭނގެއެވެ. އޭނާއަށް ފެނުނު މަންޒަރުން ހުރެވުނީ ގަބުވެފައެވެ. ނުސްރާ އެފަދަ ނުރަނގަޅުކަމެއް ކޮށްފާނެކަމަށް ވިސްނާފައި ނެތުމުން ކޮންމެ މީހަކުނަމަވެސް އަސަރު ކުރާނެއެވެ. ޝެރީންއަށް ވީ ހަމައެކަނި އެހެންނެއް ނޫނެވެ. ނުސްރާއަށް ކަމެއްވެއްޖެނަމަ އެއީ އޭނާގެ ސަބަބުން ނުސްރާ ކުރިކަމެކޭ ހީވެ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީއެވެ.
"ޝެރީން ބޭނުންނަމަ ގެއަށް ދެވިދާނެ، އަހަރެން ފަހުން ނަސްރުއަށް ގުޅައިގެންވެސް ޚަބަރު ބަލައިދޭނަނން." ސާރިމް ޝެރީން ގެނެސް މޭގައި ޖައްސާލިއެވެ. އެކަމަށް އިންކާރުކުރަމުން ޝެރީން ފެށީ ރޯށެވެ.
** **
މާގިނައިރުތަކެއްނުވެ އިވުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ނުސްރާގެ ފުރާނަ ސަލާމަތްނުކުރެވި މި ދުނިޔެ ދޫކުރި ޚަބަރެވެ. އެއާއި އެކު އެންމެންގެ ކަންބޮޑުވުން ވަކިން ބޮޑަށް އިތުރުވެގެން ދިޔައެވެ. ގެއްލިދިޔަ ފުރާނައާއި މެދު ހިތާމަކުރުމަށްވުރެ ބޮޑަށް ހީވީ ނުރުހުމުގެ ހުޅު ފަޅައިގެން ދިޔަހެންނެވެ. ނުސްރާގެ މޫނު ބަލަން ޒައިން ވަންނަން ދިއުމުން ވާފިރު އޭނާ ހުއްޓުވިއެވެ.
"މިއަދު އަހަރެންގެ ދަރިފުޅު ވަކިވެ ދިޔަ ސަބަބަކީ ކަލޭ. ކޮންމެވެސް ސަބަބެއް އޮންނާނެ.." ވާފިރުގެ ދެލޮލުން ފުރަތަމަ ފަހަރަށް ނުރުހުމުގެ ކުލަ ފެނުނު ވަގުތަކީ އެއީއެވެ.
"އަހަންނަށްވެސް ސުވާލު އުފެއްދޭނެ ވަރަށް ގިނަ ކަންތައް އެބަހުރި." ވާފިރުގެ މޫނާއި ކައިރިވެފައި ޒައިން ބުނެލިއެވެ. ވާފިރުގެ މޫނަށް ބަލަހައްޓައިގެން ހުރި ޒައިންގެ ދެލޮލުންވެސް ނުރުހުމުގެ އަސަރު ފެންނަންހުއްޓެވެ.
(ނުނިމޭ)