"ކައިވެންޏާއި ދެކޮޅު ހަދަނީ ނުސްރާ" ނަސްރު ބުނެލިއެވެ. އޭނަ އަށް ނުވިސްނެނީ ނުޤަބޫލުވާ ސަބަބެވެ. އޭގެން އެއްވެސް ވާހަކައެއް ނުސްރާ ނުދެއްކިއެވެ. އެހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހީއެވެ. އެކަމާއި ފިކުރުބޮޑުވެފައި ބައްޕަ އެބައިނެވެ. ކައިވެނީގެ ވާހަކަ ރޭގައި ދެއްކިހާއިރުން އެވާހަކަ ގިނަ ބަޔަކާއި ހަމަޔަށް ފޯރައިފިއެވެ. މިހާރު ރަށުތެރޭ ނުފެތުރޭ އަޑެއް ނެތެވެ.
"މިއީ މީހުން ކިޔާނެ އެއްޗަކާއި މެދު ވިސްނަންވީ ވަގުތެއް ނޫން. ބަލަންވީ ނުސްރާ ދެކޮޅު ހަދާ ސަބަބު،" ސާރިމް ހިތް ބުނަނީ ސަބަބެއް ނެތި ދެކޮޅު ނުހަދާނެކަމަށެވެ.
"މިޒަމާނުގައި އަންހެންކުދިން ވިސްނަނީ މިނިވަންކަމަށް، މީގެ ދުވަސްކޮޅެއްކުރިން އެކަހަލަ ވާހަކަތަކެއް ދެއްކި، ރައްޓެއްސަކާއި އެކު ބޭރަށް ދިއުމުގެ އިޒުނަވެސް ނޯވޭ ބުނި، އެއީ މައްސަލައެއް ނޫނޭ އަހަރެން ބުނިން، ކައިވެންޏަށްފަހު ޒިންމާ ގިނަވާނެ، ކައިވެންޏަށް ކުދިން ލިބުނީމައި ދެމީހުން އެކަނިވެލަންވެސް ވަގުތު ނުވޭ، ވީއިރު ރައްޓެހިންނާއި އެކު ބޭރަށް ދާނީ ކިހިނެއް؟" ނަސްރު އަށް ހުރިހާ މައުލޫމާތެއްވެސް އެނގޭކަން ސާރިމްއަށް ނަގައިގަނެވުނެވެ. ޖެހިގެން އުޅޭ މައްސަލައިގެ ހައްލު ނޭނގެނީކީ ނޫނެވެ. ހަޤީޤަތް ޤަބޫލުކުރަން ބޭނުން ނުވަނީއެވެ.
"ވަގުތު ނުވުމާއި ހުއްދަ ނުދިނުމާއި އެއީ ވަކި ދެކަމެއް." ސާރިމްގެ ވިސްނުން ތަފާތެވެ. އޭނާއަށް ހީވަނީ ނަސްރު ބުއްދީގެ ބޭނުން ނުހިފާ ހެންނެވެ. ކައިވެނީގެކުރިން އަމުރުހިންގާ މީހަކު އަދި ކައިވެނީގެފަހުން ކިހާ މުށްބާރުވެދާނެކަމާއި މެދު ބިރުވެތިވާންޖެހެއެވެ. ފިރިމީހާގެ އަމުރަށް ކިޔަމަންވުން އޮވެއެވެ. އަނބިމީހާއަށް އަމުރުކުރުމުގެ ބާރުވެސް އޮވެއެވެ. އެކަމަކު އަޅުވެތިކުރުމަކީ މުޅިން ތަފާތު ކަމެކެވެ.
"ދެން މަށަކަށް ނޭނގެ، ކައިވެނީގެ ވާހަކަ ދެއްކުމުގެކުރިން ދެމީހުން ވަކިވި ނަމަ މައްސަލައެއް ނެތް." ނަސްރު އުއްމީދުކޮށްގެން އައީ ސާރިމްގެ ފަރާތުން އޭނާ ބޭނުންވާފަދަ ޖަވާބެއް އިވޭނެކަމަށެވެ. ހެނދުނު އަންހެނުންނާއިވެސް އެފަދަ ޒުވާބެއް ކުރެވުނެވެ. އެންމެންވެސް ދެކޮޅުވަނީ އޭނާ ވާހަކަ ދައްކާ ހިސާބުންނެވެ.
"މައްސަލަ އެނގޭ ހިސާބުން ވަކިވުން އެއީ އެންމެ ރަނގަޅު ގޮތް، ކައިވެނި ކުރީމައި ހުރިހާ ކަމެއް ހައްލުވާނެކަމަށް ހީކޮށް ކައިވެނިކުރެވި އަދި އޭގެފަހުން ދަރިން ލިބޭފަހުން އަނެއްކާވެސް ވަކިވާންވީމައި މާ ދެރަވާނެ، އެއްވެސް މީހަކަށް މަޖުބޫރުވެގެން ނުވާނެ ވަކި ހާލަތަކަށްފަހު ހިތާއި ދެކޮޅަށް އުޅެން، ދަރިންނަށްޓަކައި ކެއްތެރިވުމަށް އަންހެންކުދިންނަށް ނަޞޭހަތްދޭއިރު އެއްވެސް މީހަކަށް ނުވިސްނޭ އެ އަންހެންކުއްޖާ ހޭދަކުރާ ހިތްދަތިދުވަސްތަކެއް، އޭގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތަކާއި އޭގެ ތެރޭގައި އުޅެންޖެހުމުން އެމީޙުންގެ ދަރިންނަށް ކުރާ ނޭދެވޭ އަސަރެއް، މައްސަލަ ހައްލުކުރަންވާނީ ވަގުތު ފާއިތުވުމުގެ ކުރިން." ސާރިމް ވިސްނައިދެންފެށިއެވެ. އެވާހަކަތައް އަހާފައި ނަސްރުގެ ވިސްނުން ކޮންމެވެސް ވަރަކަށް ބަދަލުވާންފެށިއެވެ.
ނަސްރުގެ ފޯނު ރިންގުވާންފެށިއެވެ. ސްކްރީނަށް ބަލައިލާފައި ނަސްރު ފޯނު ނަގައި ކަންފަތުގައިޖެހިއެވެ. ދެން އިވުނީ ދެފަހަރަކު މިދަނީއޭ ބުނެލި އަޑެވެ. ފޯނު ތިރިކޮށްލާފައި މޭޒުމަތީ ބާއްވަމުން އޭނާ އެދުނީ ސާރިމްވެސް އޭނާ އާއި އެކު އެގެއަށް އައުމަށެވެ.
** *
ސާރިމް ގެއިން ނިކުންއިރު ހުރި ނުތަނަވަސްކަމުގެ މަތިން މަޑުމަޑުން ހަނދާންނެތެންފެށިއެވެ. ނަސްރުގެ ގެއަށް ދާން އެދުނީ ނުސްރާ އާއި އިންނަންއުޅޭ މީހާ އެގެއަށް އައިސްހުރީތީއެވެ.
ދޮރާށިން ވަންއިރު ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮތީ ނަސްރުގެ ބައްޕަ ވާފިރެވެ. ޖޯލިފަތީގެ ކުރިމަތީ ގޮނޑިއެއްގައި އެ އިނީ އެބުނާ މީހާއެވެ. ނުސްރާ ހުރީ ވާފިރުގެ ފަހަތުގައި ކޮޅަށެވެ. ސާރިމް ކައިރީ އަންނާށޭ ބުނެފައި ނަސްރު ގޮސް ވާފިރު އާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ސާރިމް އިށީންނަމުން ކުރިމަތީގައި އިން މީހާއަށް ބަލައިލެވުނެވެ. އެއީ ކާކުކަން އެނގުމާއި އެކު އޭނާއަށް ހުރެވުނީ ކޮޅަށެވެ.
ސާރިމްގެ މޫނަށް ބަލައިލާފައި ޒައިން އެހާމެ އަވަހަށް މޫނު އަނބުރައިލީ ވާފިރު އާއިދިމާލަށެވެ. އެ ބެލުމުގައި ހުރި މަކަރުވެރިކަން ސާރިމްއަށް ފެނުނެވެ. އެރަށަށް ޒައިން އައީ ހިމްނާގެ ލޯބިވެރިޔާއަށް ވެގެންނެވެ. އުޅެނީ އެއްކޮޓަރީގައެވެ. ކައިވެނީގެ ގުޅުންވެސް ނެތް ހިލޭ ދެމީހަކު ފަދައިން ފެނުނު ހަނދާނެއް ނެތެވެ. ކޮޓަރިން ނިކުންނަނީ އެކުގައެވެ.
ނުސްރާ އާއި އިންނަން ތައްޔާރުވެގެން ހުރި މީހަކު ހިމްނާ އާއި އެކު އައުމުގެ ބޭނުމަކީ ކޮބައިކަމެއް ނޭނގެއެވެ. ސާރިމް ބޮލުގައި ރިއްސައިގަތީ ރޭގައި ޝެރީން އުޅުނު ގޮތް ހަނދާންވެފައެވެ. އޭނާއަށް ޝައްކުވަނީ އެކޮޓަރިން ޝެރީން ނިކުންކަމެވެ. ހިމްނާ އޮތީ ބޭރު ސޯފާގައެވެ.
"ސާރިމް، އެއްޗެއް ބޭނުންތަ؟" ނަސްރު ތެދުވެ ހުރިކަން ސާރިމްއަށް އެނގުނީ ވާހަކަ ދެއްކީމައެވެ. ސާރިމް ކައިރީ އިށީންނަން ނަސްރު އެދުނެވެ. ސާރިމް ނޫނެކޭ ބުނެލީ ބޯ ހޫރުވާލަމުންނެވެ. ދެން އިށީންނަމުން ޒައިންއަށް ބަލައިލިއިރު އިނީ ފޯނާއި ކުޅޭށެވެ.
ވާފިރު އިނދެފައި އަޑުހަރުކޮށް އެއްޗެއް ގެންނާށޭ ބުނެލިއެވެ. ނަސްރު ވެސް ކުރިން އިން ޖޯލީގައި އިށީނީ ގޭތެރެއިން ހިނގާއަޑު އަހާފައެވެ. ދެމީހެއްގެ ހުނުމުގެ އަޑަށް ބަލައިލިއިރު ދޮރުމަތީގައި ހުރީ ނުސްރާއެވެ. ފަހަތުގައި ނަސްރުގެ އަންހެނުންނެވެ. ސާރިމްއަށް އަނެއްކާވެސް ހީވީ ގަޔަށް ކައްޓެއް ހެރިހެންނެވެ. އެމީހުންގެ ފަހަތުން ޝެރީން އާއި ހިމްނާ ނިކުންތަން ފެނިފައެވެ.
"މިރޭ ރަންކިޔަން ހެކިން ފޮނުވާނަން، ދެން އިތުރު ދަތިކަމެއް އޮތިއްޔާވެސް އަންގާލަދެއްޗެ" ފޯނު ޖީބަށް ލަމުން ޒައިން ބަލައިލީ ވާފިރުއަށެވެ. ނުސްރާ އައިސް ތަބަކުގައި ހުރި ޖޫސްތަށި ޒައިންއަށް ދިއްކޮށްލިއެވެ. އެހާ ކައިރިއަށް އާއިރުވެސް ނުސްރާ ޒައިންގެ މޫނަށް ބަލައިނުލާކަން ސާރިމްއަށް ފާހަގަވިއެވެ.
"އެހާ ބޮޑު ޕާރޓީއެއް ނުބާއްވަންޏާއި ނެތް ދަތިކަމެއް." ވާފިރުވެސް ޖޫސްތައްޓެއް ނަގަމުން ބުނެލިއެވެ.
"ފައިސާ ކަންތަކާއި ބައްޕަ ވިސްނާކަށް ނުޖެހޭނެ، އަހަރެން ކުރާ އެއްވެސް ކަމެއް އެހާ ކުޑަކޮށެއް ނުދާނެ، މިއީ އެހާ ބޮޑު ރަށެއްވެސް ނޫނެއްނު. އެންމެންނަށްވެސް ދައުވަތު ދޭންވާނެ،" ޒައިންގެ މޫނުމަތިން އެއްވެސް ހާސްކަމެއްނެތެވެ.
ސާރިމްއަށް އިނދެވުނީ ފިލްމެއްބަލަން ހެން ހީވިއެވެ. އޭނާއަށް ކުރެވޭ ކަމަކީ ފަހަރަކު މީހެއްގެ މޫނަށް ބަލައިފައި އެމީހެއްގެ އިހްސާސްހުންނާނެ ގޮތް ވަޒަންކޮށްލުމެވެ. ޝެރީންގެ ނަޒަރު ދޭތެރެއަކުން ނުސްރާގެ މޫނަށް ހުއްޓެއެވެ. މިހާ ހެނދުނާއި ޝެރީން މިގޭތެރެއަށް އައުމުގެ ބޭނުމެއް ސާރިމްއަކަށް ނުވިސްނެއެވެ.
ނުސްރާ އެތެރެއަށް ވަންނަން ދިއުމުން ފަހަތުން ޝެރީންއާއި ހިމްނާ ދިޔައެވެ. ހީވަނީ ނުސްރާގެ ފަސްފަހަތުން ދުވުމަކީ މިވަގުތު ހަވާލުކޮށްފައި އޮތް ޑިއުޓީއެއްހެންނެވެ. ސާރިމް އެތަނުގައި އިނީ ހަމައެކަނި އެމީހުންގެ ވާހަކަތައް އަޑުއަހަން ބައިންދާފައި އިން ބުދެއްފަދައިންނެވެ.
އެސްފިޔަޖަހާލާ ހާ ކުޑަ ވަގުތުކޮޅެއްގެތެރޭ ކަންތައް ބަދަލުވެގެންދާގޮތުން އޭނާއަށް އިނދެވުނީ ބަސްހުއްޓިފައެވެ. ވާފިރު ތަކުރާރުތައް ނުސްރާ މިހާރު އެއްބަސްވެއްޖެއޭ ބުނާއިރު އެކަމުން އެނގެނީ އެއީވެސް ކުޑަ ވަގުތުކޮޅެއްގެތެރޭގައި ބަދަލުވެގެން ދިޔަ ކަމެއްކަމެވެ.
ޒައިންގެ ބަސްމަގު ފަށުއިވެފައި އޮމާނެވެ. މޫނުމަތިން ފެންނަނީ ފަނޑުނުވާ ހިނިތުންވުމެވެ. މުނާފިޤުންގެ ދޫ ފަރިތަވާނެއޭ ބުނެއެވެ. ސާރިމްގެ ލޯކުރިމަތިން މިފެންނަނީ އޭގެ މިސާލެކެވެ. ޒައިންގެ ވިސްނުން ހުރިގޮތް ކިޔައިދެމުން ދިޔައެވެ. އޭނާގެ ވިސްނުން ހުރީ ނުސްރާ މައިންބަފައިންގެ ކައިރީ އުޅެން ބޭނުންވާތީ ރަށުގައެވެ. އޭނާ މާލެ ގޮސް ފުރަތަމަވެސް ފޮނުވާނީ ގޯތިތެރޭގައި ހުސްކޮށް އޮތްބައިގައި އިމާރާތްކުރާނެ ތަކެއްޗެވެ. މަސައްކަތްކުރުވާނީ އެންމެ ޤާބިލްމީހުން ލައްވައެވެ. ވަށާފާރުގެ ބޭނުމެއްނެތޭ ޒައިން ބުނެލިއެވެ. އެ އިމާރާތުގެ އެންމެ ތިރީ ބައިގައި ހުންނާނީ ފިހާރައެވެ. ނޫނީ ރެސްޓޯރެންޓެކެވެ. ދެވަނަ ބައި ނުސްރާގެ މައިންބަފައިންނަށެވެ. ތިންވަނަ ބައި އެމީހުންނަށެވެ.
ވާފިރު އާއި ނަސްރު ހީވަނީ ސިކުނޑި ބޮޑު ފޮށީގައި ބާއްވާފައި އައިސްތިބިހެންނެވެ. ޒައިން އަށް ތައުރީފްކޮށް ނަގަނީއެވެ. މަކަރުން ދުނިޔެ ކައި ހުސްކޮށްލެވިދާނެއޭ ބުނެ އުޅެއެވެ. އެމީހުންގެ ސިކުނޑި އާއި ކުޅެލުމަކީ މާ އުދަނގޫކަމެއް ނޫނެވެ. ވަރު ހުންނަނީ ފައިސާގައޭ ބުނަނީ މިހެންވެއެވެ. އެންމެކުޑަމިނުން ދަރިއަކު މީހަކާއި އިންނައިރު އެއީ ކިހާވަރެއްގެ މީހެއްތޯވެސް ބަލައިނުލައެވެ.
** **
އެގެއިން ނިކުމެފައި އޭނާއަށް އެއްޗެއް ނުބުނެވުނުކަން އެއީ ނަޞީބޭ ހިތަށް އެރިއެވެ. ބުނިނަމަވެސް ގޯސްވާނީ ސާރިމްއެވެ. ނަސްރު ކައިރީ އޭނާ އެއްވެސް އެއްޗެއް ނާހައެވެ. މިރޭ އޮންނަ ސައިގައި ބައިވެރިވާން އަންނަންވާނެއޭ ނަސްރު ބުންޏެވެ. އެކަމަކު އެތަނަށް ދެވަނަ ފަހަރަށް ވަންނަ ހިތެއް ނެތެވެ.
ގެސްޓް ހައުސްއަށް ދިޔައިރު އެތަނުގައި މާބޮޑުކަމެއް ނެތެވެ. ރިސެޕްޝަނުގައި އިން ކުއްޖާ މިހާރު ވަރަށް ފަރިތަވެފައި މަސައްކަތަށް ވަރަށް ފަރުވާތެރިއެވެ. ސާރިމް މަތިމަތިން ބަލައިލާފައި އަތިރިމައްޗަށް ނިކުތެވެ. ބޭނުންވީ އެކކަނިވާށެވެ.
** **
ރީތިވާން މޭޒުކައިރީ އިށީދެފައި ނުސްރާ އިނީ އެއްވެސްކަމެއްކުރާ ހިތްނުވެފައެވެ. އިރުކޮޅެއްނުވެ ޝެރީން އާއި ހިމްނާ ވަދެއްޖެއެވެ. ނުސްރާގެ ދައްތަ ވަދެފައި ޝެރީން ހުރުމުން އިތުބާރާއި އެކު ނިކުތީއެވެ. ނޫރާ ކޮބައިތޯ ބަލައިދޭން ހިމްނާ ކައިރީ ޝެރީން އެދުނެވެ. ނުސްރާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލަމުން އޭނާ ބަލައިލީ ކަންބޮޑުވެފައެވެ. ލޯގަނޑާއި ކުރިމަތިލައިގެން އިން ނުސްރާ ހީވަނީ މައިންބަފައިން މަރުވުންފަދަ ބޮޑު ހިތާމައަކާއި ކުރިމަތިވެފައިވާ މީހެއްހެންނެވެ. ރަންކިޔަން ވަގުތުކުޑަތަންވާއިރު އެއްވެސް އުފާވެރިކަމެއްނެތެވެ.
މަޑު ފިޔތޮށިކުލައިގެ ދިގުކޮށްހުރި ހެދުމަކާއި އެއާއި ގުޅާ ޝޯވްލް އެއް އޮތެވެ. މޭޒުމަތީ ޕިންތަކާއި ގޮފިކޮޅުތައް ތަރުތީބުކުރެވިފައިހުއްޓެވެ.
"ކޮންކަހަލަ މޭކަޕެއް ބޭނުންވަނީ؟" ޝެރީން ބަލައިލީ ލޯގަނޑުންފެންނަން އިން ނުސްރާއަށެވެ. ހަރަކާތްހުއްޓިފައި އިން ބުދެއްހެން އިން ނުސްރާ ކަޅިހިންގާލިހާއިރުން ކޯތާފަތްމައްޗަށް ރޮނގަކަށް ފައިބައިގަތީ ލޮލުގައިގިނަވެފައިހުރި ކަރުނަތަކެވެ.
ޝެރީން އަށް ހީވީ އޭނާގެ ކަރުގައިހިފާ މީހަކު ތާށިކޮށްލިހެންނެވެ. ނުސްރާގެ ލޮލުން އޮހިގެން ކަރުނައިގެ ބަދަލުދޭން އެދެފިނަމަ އެ އަގުއަދާކުރަންޖެހޭނެ މީހަކީ އޭނާއެވެ. މިއަދު ހެނދުނު މިގެއަށް އައިސް ނުސްރާ ކައިވެންޏަށް އެއްބަސްކުރުވިމީހަކީ ޝެރީންއެވެ. ކުއްލިއަކަށް ޝެރީންގެ ވާހަކަ ބަދަލުވެފައިވާތީ އެކަމާއި ނުސްރާ ސުވާލުކުރިއެވެ. އެކަމަކު ޝެރީން އެކަން ސިއްރުކޮށްފައި ކިޔައިދިނީ ޒައިންގެ ނަޞަބާއި ބެހޭގޮތުންނެވެ. ޒައިންއަށް ނުސްރާ އުފަލުގައިގެންގުޅެވިދާނެކަމުގެ ކަމުގެ އެތައް ހެއްކެއް ޝެރީން ދެއްކިއެވެ. އަދި ކައިވެނީގެ ފަހުން ޒައިން ބަދަލުވާނެކަމުގެ ޔަޤީންކަން ދިނެވެ.
ޝެރީންގެ ނިޔަތާއި މެދު ނުސްރާ ސުވާލު އުފެއްދިއެވެ. އެކަމަކު އެކަމަށް ޖަވާބު ނުދީ ޝެރީން ވިސްނައިދިނީ ނުސްރާއަށް ނަގައިލެވެނީ ފަހުން އެކަމާއި ހިތާމަކުރާނެވަރުގެ ފުރުޞަތެއްކަމެވެ. ނުސްރާ އެއްބަސްވީ އެހެންވެއެވެ. ޝެރީންއަށްޓަކައިއޭ ބުނެލިއެވެ. ހިތާއި ހިތުން ޝެރީންއަށް ޝުކުރުކުރެވުނެވެ. އެއީ ޒައިންގެ އުދަނގުލުން އޭނާ ސަލާމަތްވާން އޮތް ހަމައެކަނި މަގެވެ. ނުސްރާ އާއި ކައިވެނިކުރުމަށްފަހު ދުވަހަކުވެސް ޝެރީންއަށް އުދަނގޫނުކުރާނެކަމަށް ޒައިން އެއްބަސްވިއެވެ.
** **
ނުސްރާ ރީތިކޮށްފައި ޝެރީން ނިކުންއިރު ހިމްނާ ހުރީ ނޫރާ ގޮވައިގެން ބޭރުގައެވެ. ސާރިމް ނާންނާތީ އެކަމާއި ނޫރާ ބޮޑާ ދައްކަނީއެވެ. ގެއިން ނިކުންނަމުން ސާރިމްގެ ކައިރީ ގަޑިއަށް އަންނާށޭ ޝެރީން އަށް ބުނެވުނެވެ. އޭނާ މާކުރިން އައީ ނުސްރާގެ ދައްތަ ބުނެފައި އޮތީމައެވެ. މިއަދު ސާރިމް އާއި ވާހަކަ ދައްކާނެ ވަގުތެއްވެސް ނުލިބުނެވެ. ހެނދުނު ސާރިމް ހޭލައިގެން ދިޔަކަން އެނގުނީ ސައިބޯންވެގެން ބަލާ ދިޔާމައެވެ. އެކަމަކު އެގަޑީގައި ނުސްރާ ކައިރިއަށް ދާންޖެހޭތީ ސާރިމްއަށް ގުޅަން ވަގުތު ނުވީއެވެ.
ނޫރާ ޝަކުވާކުރަންފެށުމުން ޝެރީން ސާރިމްއަށް ގުޅާލިއެވެ. ސާރިމް ފޯނު ނަގައި އެގެއަށް އެބަދަމޭ ބުނެލިއެވެ. ނޫރާ ގޮވައިގެން މަގުމައްޗަށް ނިކުތީ ސާރިމް އަންނަތަން ދައްކާށެވެ.
އެގޯޅި އާއި ހަމަޔަށް އައިސް ސާރިމް ހުއްޓުނެވެ. އޭނާއަށް ފެނުނީ ރަމްލާއެވެ. ކޮންމެވެސް ތަނަކަށް ދާންވެގެން މާ އަވަސް އަރުވާލާފައި ރަމްލާ ނިކުމެގެން ދިޔަތަނެވެ. އެގެއާއި ދިމާލަށް ސާރިމް މޫނު އަނބުރާލިއެވެ. އޭނާ ބޭނުންވާ ފަދަ މައުލޫމާތެއް ލިބިދާނެއޭ ހިތް ބުނެލިއެވެ. ރަމްލާ ނޫން މީހަކު އެގޭގައި ނޫޅޭނެކަން ސާރިމްއަށް އެނގެއެވެ. އޭނާ އެގެއާއިދިމާލަށް ހިނގައިގަތެވެ.
(ނުނިމޭ)