ވާހަކަ

ނޫރާ - 14

ޝައްކުން އޭނާގެ ހިތް ފުރުނު މިއީ ފުރަތަމަ ފަހަރެވެ. ޝެރީން ފޯނުގެ ގެލެރީން ފެށިގެން މީސްމީޑިޔާގެ ހުރިހާ ފައިލުތަކެއް ބަލައި ނިމުނުއިރުވެސް އިތުރަށް އެ ޝައްކު ޔަޤީންކުރެވޭނެ އެއްވެސް ހެއްކެއް ނުފެނުނެވެ. ސިއްރު ކޮންވަޒޭޝަން ބެލޭނެ ގޮތަކާއި މެދު ފިކުރުކުރަމުން ގޮސް އެކި ނަންބަރުތައް ޖެހިއިރުވެސް ފާސްބަސް ދިމަލެއް ނުވިއެވެ.

އެންމެފަހުން މަންމަގެ ނަމުގައި ސޭވްކޮށްފައި އިން ނަންބަރަށް ސާރިމްއަށް ބަލައިލެވުނެވެ. އެއީ ފަރީނާގެ ނަންބަރު ނޫންކަން އެނގުމުން ވަކިން ބޮޑަށް ވަހުމުން ހިތް ފުރިގެން ދިޔައެވެ. ފޯނު އެނދުމައްޗަށް އެއްލާލެވުނެވެ. އޮށޯވެލައިގެން އޮވެފައި އޭނާއަށް ތެދުވެވިފައި އިނީ ކޮންއިރަކުކަމެއް ނޭނގެއެވެ.

ގަޑިއަށް ބަލައިލެވުނުއިރު މެންދަމު ބާރަޖަހައި ބޮޑުވީއެވެ. ގޭތެރެވެސް މުޅިން ހިމޭންވެއްޖެއެވެ. ސާރިމް ތެދުވެގެން އައިސް ކޮޓަރީގެ ދޮރު ހުޅުވިއިރު ފެނުނީ ސޯފާގައި ނިދިފައި އޮތް ހިމްނާއެވެ. މުޅިތަނަށް ލޯ ހިންގާލިއިރު ޝެރީންއެއް ނެތެވެ. ބަދިގެ ވެސް ހުރީ ލައްޕާފައެވެ.

ޝެރީން ފެނޭތޯ ސާރިމް ނިކުތީ ގެއިން ބޭރަށެވެ. މަގުމަތި އޮތީ ފަޅުވެފައެވެ. މަގުތަކުގައި އެއްވެސް އަލިކަމެއް ނެތެވެ. މިހާ އަނދިރީގައި ޝެރީންއަށް އެކަނި ދާން ނުކެރޭނެކަން އޭނާއަށް އެނގެއެވެ. ސާރިމް ދޮރާށި ބޭރުގައި މަޑުކޮށްލިއެވެ. ޝެރީން އެދިޔަތަނަކުން އަންނަތަން ބަލަން އެންމެ ރަނގަޅުގޮތަކީ އެއީއޭ ސާރިމް ހިތަށް އެރިއެވެ.

** **

ދޮރުހުޅުވާފައި ވަން ޝެރީން ފެނިފައި ޒައިން ބަލައިލީ އޭނާގެ ދެފައިތިލައިންފެށިގެން މުޅިން ހަށިގަނޑަށެވެ. ކަޅި ހަރަކާތާއި އެކު ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

"ޔޫ ލުކްސް އެމޭޒިން"

ރަތްކުލައިގެ ނިދާހެދުމުގައި ޝެރީންގެ ހަށިގަނޑު ފާޅުވެފައިވާ ދިމާލަށް ޒައިންގެ ކަޅި ހުއްޓާލެވުނެވެ. މަތިން ލައިގެން ހުރި ޖެކެޓް ގެނެސް ޝެރީންއަށް ދެއަތް މެއާއި ތިރިން ހުރަސްކޮށްލެވުނެވެ.

"ޒައިން މިރަށަށް އައީ އަހަރެން ހޯދަންތަ؟" ޝެރީން އަހާލިއެވެ. ހިނިއައިސް ހުރި ޒައިންގެ މޫނުމަތިން އެކުލަ ފަނޑުވެގެން ދިޔައެވެ. އެކަމަކު މަދު ސިކުންތުކޮޅެއްގެ ތެރޭ ކުރިއެކޭ އެއްފަދައިން ނުބައި ހިންޏެއް އައިސް ހުރެ ފިޔަވަޅެއް އަޅާލީ ތުންފަތުގައި އަމިއްލަ އިނގިލިތަކުން ފިރުމަމުންނެވެ.

"އެ ނޫން ކޮން ކަމަކު ދެން. ދަރިއަކު ލިބުނުފަހުން މިހާރު ހާދަ ރީތިވެއްޖޭ،" ޒައިން އަތް އުފުލައިލީ ޝެރީންގެ އިސްތަށިގަނޑުގައި ފިރުމާލާށެވެ. އެކަން ކާމިޔާބުވުމުގެކުރިން ޒައިންގެ އަތުގައި ޝެރީން ހިފަހައްޓާލިއެވެ. ދެން ތިރިއަށް ވާގޮތަށް އެއަތް ފޮޅާލިއެވެ.

"ނުސްރާގެ ބައްޕަ ވަލީ ނުދިނީތަ؟" ޝެރީންގެ ނަޒަރު ހުއްޓިފައިވަނީ ޒައިންގެ މޫނަށެވެ. އެ މޫނުމަތި މުޅިން ބަނަވެ ދެބުމަގޮށްޖެހިގެން ދިޔަތަން ފެނި ޝެރީންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

"އަހަރެން ކަހަލަ ނުބައި މީހަކަށޭ ކިޔާފައި ބަފައިބެ ރުހުން ހޯދުމަކީ އުދަނގޫކަމެއް ނޫނޭ، ޝެރީންގެ ބައްޕަވެސް ހަމަ ވަރަށް ރުހިގެން ހުރީ، އަންހެން ގޮލާމެން ތަންކޮޅެއް ފޮނި ބޮޑީ، އެހެން ދެން ކޮންކަމެއް؟ ނުސްރާގެ ބޮލަށް ޗިޕު ޖެހިމީހަކީ ތިއެއްނު، އޭގެކުރިން އޭނައަކަށް ނުކެރޭނެ އަހަންނާއި ދިމާލަށް ނުރުހުމުގައި އެއްވެސް އެއްޗެއް ބުނާކަށް.." ޒައިން ހުރީ މޫޑްގޯސްވެދާނެތީ އެވާހަކަ ނުދައްކާށެވެ. އެކަމަކު އޭނާއަށް މަޖުބޫރުކުރީ ޝެރީންއެވެ. މިރަށަށް އައުމުގެކުރިން ނުސްރާ ވަޒީފާއަކަށްދާ ވާހަކަ އޭނާގެ ގާތުގައި ބުންޏެވެ. އަދި ރުޅިވި ދުވަހު އެއީ ރައްޓެއްސަކު ދިން އެންމެ ރަނގަޅު ޚިޔާލުކަމުގައި ބުންޏެވެ. އެމީހަކީ ޝެރީންކަން އޭނާއަށް އެނގުނީ މިގޭތެރެއިން ނުސްރާ ފެނުނީމައެވެ.

"ޒައިންއަށް ހުރިހާ ފަހަރަކު މޮޅެއް ނުލިބޭނެ، ނުސްރާއެއްވެސް އަދި މި ޝެރީންއެއްވެސް ނުލިބޭނެ، އަންހެނަކު ވާނީ ފުރަތަމަ ތިމާމީހާ ފިރިހެނަކަށްވެގެން،" ޝެރީން ޝަހާދަތް އިނގިލި އުފުލައިލާފައި ބުނެލިއެވެ. ޝެރީން އަބަދުވެސް ޒައިންއަށް އޭނާގެ އެންމެ ކަމުނުދާ ސިފަ ކިޔައިދެއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އަތް އިސްކުރާ ފިރިހެނަކަށް ބާއްޖަވެރި މުސްތަޤުބަލެއް ލިބުމަކީ ވާނެކަމެއް ނޫންކަން ހަނދާންކޮށްދެއެވެ.

"އަހަރެން މިއީ ފިރިހެނެއްކަން ދައްކަންތަ؟" ޒައިން ދެއަތުން ހިފެހެއްޓީ ޝެރީންގެ ކޮނޑުގައެވެ. ގަޔާއި ދިމާލަށް ލަފާލާފައި އެހެން ބުނެލީ އިންޒާރެއްދޭފަދައިންނެވެ. ޒައިންގެ ދެއަތް ފޮޅާލަން ޝެރީން މަސައްކަތްކުރިއެވެ. އެކަމަކު ޒައިންގެ އަތަކަށް ގުޑިނުލިތަނުގައި ތަދުވީ އަމިއްލަ ކޮނޑަށެވެ.

ޒައިން ނޭވާ ޝެރީންގެ މޫނަށް އެޅޭހާ ކައިރިވިއެވެ. ނޭވާގައި ހިފާފައިހުރި ސިނގިރޭޓްގެ ނުބައިވަސް ޖެހުމާއި އެކު ޝެރީންގެ ހަށީގައި ހީވީ ނުރުހުމުގެ ހުޅު ރޯވިހެންނެވެ.

"މުޑުދާރު" ޝެރީން ކުޅުޖެހީ ޒައިންގެ މޫނަށެވެ. ޝެރީންގެ ދެކޮނޑުން އަތް ދޫކޮށްލާފައި ޒައިންއަށް މޫނު ފޮހެލެވުނެވެ. ދެން އަތް ހޫރާލެވުނީ ޝެރީންގެ މޫނާއިދިމާލަށެވެ.

ކޯތާފަތްމައްޗަށް ޒައިންގެ އަތުގައި ހުރި ބާރު އިހްސާސްވިއެވެ. ލޯމަތީ ހީވީ ކޮކާ ބުރައިގެން ދިޔަހެންނެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އައެވެ. އަތުން މޫނުގައި ފިރުމާލަމުން ޝެރީންއަށް މޫނު އަނބުރާލެވުނެވެ. އެންމެ ރަނގަޅުގޮތަކީ އެތަނުން ދިއުމޭ ހިތަށް އަރައި ފިޔަވަޅެއް ނުނެގި އުޅެނިކޮށް ޒައިން ހިފީ އޭނާގެ ކަނދުރާމަތިން އިސްތަށިގަނޑާއި އެކުގައެވެ.

*** **

ގަޑިއިރެއްހާއިރު ސާރިމް އެތަނުގައި ހުއްޓެވެ. އެންމެފަހުން ގެއަށް ވަނީ ނޫރާ އެކަނި އޮތީމައެވެ. އޭނާ ގޭތެރެއަށް ވަންއިރު ސިޓިންރޫމްގައި ނިދިފައި އޮތް ހިމްނާއެއް ނެތެވެ. ހޭލެވިގެން ކޮޓަރިއަށް ދިޔައީއޭ ސާރިމް ހިތަށް އެރިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅު ހުއްޓާލެވުނީ އެނދުގައި ނިދިފައި އޮތް ޝެރީން ފެނިފައެވެ.

ސާރިމްއަށް މޫނު އަނބުރައިލެވުނީ ހިމްނާ އުޅޭ ކޮޓަރި އާއި ދިމާލަށެވެ. އޭނާގެ ހިތުގައި ޒައިން އާއި މެދު ޝައްކު އުފެދުނެވެ. ހިމްނާ ކޮޓަރިން ބޭރުގައި އޮތީ ޒައިން އާއި ޝެރީންއަށް ފުރުޞަތު ދީފައޭ ހިތަށް އެރިއެވެ. ޝެރީން އައީ އެކޮޓަރިންކަން ސާރިމްއަށް ޔަޤީންވިއެވެ. މިގޭގައި އެ ނޫން ތަނެއް ދެން ނެތެވެ. ގައިމު ބޭރުން އައިސް ވަންނަމަ ސާރިމްއަށް ނުފެނި ނުވަދެވޭނެއެވެ.

ސާރިމް އައިސް އިށީނީ އޭނާ ނިދާ ފަޅީގައެވެ. އޭނާއަށް އިނދެވުނީ ޝެރީންއަށް ފުރަގަސްދީގެންނެވެ. ދެއަތުން އެނދުގައި ވީ އެންމެ ބާރަކަށް ހިފަހައްޓާލެވުނެވެ. ހިތްކުދިކުދިވެގެންދާފަދަ ރިހުމެއް މޭގައި އުފެދެމުން ދިޔައެވެ. ލޮލުން ކަރުނަ ހިލުނެވެ. ތުންފިއްތާލެވުނީ ކަރުނަތައް ހިފަހައްޓާށެވެ. ދެރަވެ ރޮވެން އުޅޭ ކޮންމެ ފަހަރަކު ކަންފަތްތެރޭ ގުގުމައިގަންނަ ޖުމްލައެއް އޮވެއެވެ. ފިރިހެނުން ނުރޯނެއޭ އެދުވަހު ފާއިޒު ބުނި ކަމުގައިވިއަސް މިއަދު އެ ޖުމްލަ އެއީ ސާރިމްގެ ހިތްވަރެވެ.

** **

މަޑުމަޑުން ފުންނޭވާއެއް ދޫކޮށްލާފައި ސިއްރުން ދެލޯ ހުޅުވާލިއިރު ރީތިވާ މޭޒުގެ ލޯގަނޑުން ސާރިމް އިނީ ފެންނާށެވެ. އޭނަ އާއި ފުރަގަސްދީގެން އިންކަން އެއީ ނަޞީބެވެ. އަނެއްކާވެސް ދެލޯ މަރާބާރުކޮށްލެވުނެވެ. މިރޭ އޭނާ ޒައިންގެ ކޮޓަރިއަށް ދިޔައީ ޒައިން އެދުނުފަދައިން ހިތްހަމަޖެހުމެއް ހޯދައިދޭކަށް ނޫނެވެ. އޭނާ ބޭނުންވީ ޒައިންގެ ހުރިހާ ރޭވުމަކާއި މަކަރުވެރިކަން އެނގޭކަން ހާމަކުރުމެވެ. ހިމްނާ ކައިރީ ބޭރުގައި މަޑުކުރަން ބުނީ ސާރިމް ނިކުމޭތޯ ބެލުމަށެވެ. އެކަމަކު ސޯފާގައި ބުރަކަށިޖެހުމާއި އެކު އެ މޮޔަ އަންހެންކުއްޖާ އޮތީ ދިން ޒިންމާ އަދާނުކޮށް ނިދާފައެވެ.

ކޮޓަރިއަށް ވަންއިރު ސާރިމް އެނދުގައި ނެތް ތަން ފެނި މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ފާޚާނާގައިބާއޭ ހިތަށް އަރާ އަވަހަށް އެނދަށް އަރައި އޮށޯންތަނާއި ސާރިމް ވަނީ ބޭރުން އައިހެވެ. މާދަމާ ޖަވާބުދާރީވާނެގޮތަކާއި މެދު ވިސްނަން ޝެރީންއަށް އޮވެވުނެވެ. ބާލީހުގައި ބޯ ޖައްސާލުމާއި އެކު ކަނދުރާގައި ރިހުން ހުރިވަރު އެނގިގެން ދިޔައެވެ. މިރޭ އޭނާއަށް ޒައިންގެ ފަރާތުން އަނިޔާލިބުނީ ކުރިން ރައްޓެހިވެގެން އުޅުނު ދުވަސްވަރުވެސް ލިބުނު ފަދައިންނެވެ.

އެއްފަހަރަކު ޒައިން އާއި އެކު ބޭރަށް ގޮސް އަންނަނިކޮށް ކޮލެޖުގައި އެކުގައި އުޅުނު ފިރިހެންކުއްޖަކާއި ދިމާވިއެވެ. ސަލާމްކޮށްލާފައި ވަރަށް ގާތްކޮށް ވާހަކަ ދެކެވުނެވެ. ޒައިން ތަޢާރަފްވެސް ކޮށްދެވުނެވެ. ޒައިން ދުރުގައި ހުރީ ޝެރީން ރަހްމަތްތެރިޔާ އާއި ވާހަކަ ދައްކާ ނިމެންދެންނެވެ. ދުރުގައި ހުރެ ފަހަރަކު ސިނގިރެޓެއް ހުސްކުރަމުން ދިޔައެވެ. ޝެރީން އައިސް އަރާހަމަވުމުން ޒައިން އަބަދުވެސް ކުރާ ކަމަކީ ސިނގިރެޓްކޮޅު އެއްލާލުމެވެ. އެކަމަކު އެރޭ އެހެން ނުހެދިއެވެ. ދެތުންފަތުން ހިފަހައްޓާލައިގެން ހުރީއެވެ. ޝެރީން އައިގޮތަށް އައިސް އުޅުނީ ސިނގިރެޓްކޮޅު އަތުލާށެވެ.

އެއަތުގައި ޒައިން ހިފަހެއްޓިއެވެ. އަނެއްއަތުން ސިނގިރެޓްކޮޅުނެގިއެވެ. ޝެރީން ހިނިތުންވެލީ އޭނާ ނުބުނަނީސް އެއްލާލާކަމަށް ހީކޮށެވެ. އެކަމަކު ޒައިން ކަންތައްކުރީ އެހެންނެއް ނޫނެވެ. ޒައިންގެ މޫނަށް ބަލަހައްޓައިގެން ހެވިފައިހުރި ޝެރީންއަށް ކުއްލިއަކަށް ހަޅެއްލަވައިގަނެވުނީ އަތުގެ ނުފުށުގައި ދިލަ ހޫނުކަމެއް އިހްސާސްކުރެވެމުން އެވީ ތަދަކުންނެވެ. ބަލައިލިއިރު ޒައިން ހުރީ ސިނގިރެޓްކޮޅު ޖައްސައިގެންނެވެ.

"ދެން ފަހަރަކުން މި އަތުން އެހެން މީހެއްގެ އަތުގައި ނުބީހެއްޗެ،" މަޑުމަޑުން ޒައިން ބުނެލިއެވެ. އަޑުގައި ރުޅިވެރިކަމެއްނެތެވެ. އެކަމަކު އެއީ އިންޒާރެއްކަން ޝެރީންއަށް އެނގެއެވެ.

އެއީ އޭނާއަށް ލިބުނު އަނިޔާތަކުގެ ތެރެއިން އެންމެ ކަމެކެވެ. ޒައިން އާއި އެކު އުޅުނުއިރު އެކަހަލލަ އެތައް ކަމެއް ކުރިމަތިވިއެވެ. އެއިން ކޮންމެ ކަމެއް ވައިގެތެރެއަށްލާ ނޭވާ ސިއްރުވާ ފަދައިން ސިއްރުވެފައި އޮންނަނީ ގަންނަ ބިރެއްގެ ސަބަބުންނެވެ.

** **

ހެނދުނު ހޭލާފައި ސާރިމް ގެއިން ނިކުމެގެން ދިޔައީ ސައިވެސް ނުބޮއެވެ. އޭނާ ތެދުވިއިރު ސައިހަދަން ޝެރީން އުޅެއެވެ. އެކަމަކު އެއީ އޭނާއަށް ތައްޔާރުކުރާ ނާސްތާކަމާއި މެދު މިހާރު ވަނީ ޝައްކު އުފެދިފައެވެ. ރޭގައި އެންމެ ފުރަތަމަ ސާރިމް ހިތަށް އެރީ ސީދާ ޝެރީން އާއި ސުވާލުކުރުމަށެވެ. އެކަމަކު ފަހުން އެ ޚިޔާލާއި ހިތް ދެބަސްވިއެވެ. ކުޑަކުއްޖަކު ކައިރީ ކައިފިންތޯ ސުވާލުކުރުމުން އޭގެ ޖަވާބުދޭ އުސޫލުން ތެދަށް ބުނާނެހެން ހީނުވަނީއެވެ. ސާރިމް ބޭނުންވީ ފުރަތަމަ ދައްކާނެ ހެއްކެއް ހޯދާށެވެ.

ހޮޓަލަށްވަދެފައި ނަސްރަށް ގުޅީ އެކަނި ސައިބޯ ހިތްނެތިގެންނާއި ނަސްރުކައިރީ އަހަންޖެހޭ މުހިއްމު ވާހަކަތަކެއް ހުރީމައެވެ. އޭނާ ގުޅާލުމާއި އެކު މާގިނައިރެއްނުވެ ނަސްރު އަތުވެއްޖެއެވެ. ސާރިމްގެ ކުރިމަތީގައި އިށީންނަމުން ނަސްރުގެ ތަބީއަތް ރަނގަޅުނޫންކަން އެންގީ އަޅައިގެންހުރި އައިނު ނަގައި މޭޒުމައްޗަށް ޖެހިގޮތުންނެވެ.

"ކިހިނެއްވީ؟"

ސާރިމްއަށް އަހާލެވުނެވެ. ޗޮކެއް ކަނޑާލާފައި ނަސްރު ގޮވައިލީ ކަޅުކޮފީއެއް ގެންނާށެވެ.

"މަ ކުރީ ދުވަހު ބުނީމެއްނު ނުސްރާ ފެނުނު ވާހަކަ ވަލުތެރެއިން، މަބުނީ ރަނގަޅަށޭ، " ނަސްރު ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެވާހަކަ އަހާފައި ސާރިމް އިނީ އަދިވެސް ޤަބޫލުނުކުރެވިފައެވެ.

"ނުސްރާ ނޫޅޭނެ އެހެންނެއް." ސާރިމް އަށް އެޖުމްލަ ބުނެވުނުފަހުން ވިސްނާލެވުނެވެ. އެންމެ ކައިރީ އުޅޭމީހުންނަށްވެސް އިތުބާރުކުރަން އުދަނގޫވެފައިވާއިރު ނުސްރާ އާއި ދެކޮޅަށް އެއްޗެއް ނުބުނެވެނީ ކީއްވެކަމެއް ނޭނގެއެވެ. އެއީ ނަސްރުގެ ކޮއްކޮއަކަށްވާތީ އޭނާގެ ހިތުގައިވެސް އޮތީ އެގުޅުމަށް އޮތް އިހްތިރާމެވެ.

"ނޭނގެ، އޭނަ އިންނަން އުޅޭ މީހާވެސް ރަށަށް އައިސްގެން އުޅެނީ، ރޭގައި ބައްޕަ އާއި ބައްދަލުކުރަން ގެއަށް އައި ވާހަކަ އަންހެނުން ބުނި، މަށަށް އެނގޭނީ ކޮންމެކަމެއްވެސް ނިމޭ ހިސާބުން، އަނެއްހެން ގޭތެރޭގައި އަހަރެންގެ މާބޮޑު ބޭނުމެއް ނެތް، މަ ފެންނާނީ ރުފިޔާ ބޭނުންވީމައި." ނަސްރު އެވާހަކަތައް ބޭރުކޮށްލީ ނުރުހުމާއި އެކުގައެވެ. ނަސްރު މިހާވަރަށް ރުޅި އައިސް އިން ދުވަހެއް ސާރިމްއަށް މި ނޫނީ އަދި ނުފެނެއެވެ.

"އެމީހުން ކައިވެނިކުރަން ބޭނުންވާނަމަ އެކަން ނިންމައިދެންވީނު، އެހެން ނޫނީ އެގުޅުމުގައި ގޯހެއް ހިނގައިފާނެ. ކައިވެނީގެ ވާހަކަ ދައްކަން ބައްޕަގެ ކުރިމައްޗަށް އަންނާނީ ހަޤީޤަތުގައިވެސް ލޯބިވާތީ."ސާރިމް އަށް ލަފާދެވުނީ އަމިއްލަ ދިރިއުޅުމުގައި ހިނގައިދިޔަ ކަންތަކާއި ގުޅުވާލާފައެވެ.

"ކައިވެންޏާއި ދެކޮޅު ހަދަނީ ނުސްރާ" ނަސްރު ބުނެލިއެވެ. އޭނަ އަށް ނުވިސްނެނީ ނުޤަބޫލުވާ ސަބަބެވެ. އޭގެން އެއްވެސް ވާހަކައެއް ނުސްރާ ނުދެއްކިއެވެ. އެހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހީއެވެ. އެކަމާއި ފިކުރުބޮޑުވެފައި ބައްޕަ އެބައިނެވެ. ކައިވެނީގެ ވާހަކަ ރޭގައި ދެއްކިހާއިރުން އެވާހަކަ ގިނަ ބަޔަކާއި ހަމަޔަށް ފޯރައިފިއެވެ. މިހހާރު ރަށުތެރޭ ނުފެތުރޭ އަޑެއް ނެތެވެ.

(ނުނިމޭ)