އިންޑިއާގެ ރާޖަސްތާނުގައި ސްވައިންފްލޫ ޖެހި 40 މީހުން މަރުވެއްޖެއެވެ.
ރާޖަސްތާނުން 40 މީހުން މަރުވެފައިވާއިރު މިހާތަނަށް ހާހަކަށްވުރެން ގިނަމީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ރާޖަސްތާނުގައި ސްވައިން ފްލޫ ހަލުވިކަމާއެކު ފެތުރެމުންދާއިރު އިންޑިއާގެ ވެރިރަށް ދިއްލީއިން މިމަހު ދެމީހުން މަރުވެފައިވާކަމަށް މައުލޫމާތުލިބެއެވެ. ދިއްލީގައި މިހާތަނަށް 168 މީހުން ސްވައިން ފްލޫ ހުރިކަމަށް ޕޮޒިޓިވް ވެފައިވާކަމަށް ނެޝަނަލް ޑިޒީސް ކޮންޓްރޯލްއިން ބުނެއެވެ.
ރާޖަސްތާނުގެ ސިއްހީ އޮފިޝަލުން ވަނީ ހޭލުންތެރިކަމުގެ ކެމްޕެއިނެއްވެސް ފަށާފައެވެ. އެގޮތުން ޑޮކްޓަރުންވަނީ ގޭގެއަށް ޒިޔާރަތްކޮށް ޝައްކުކުރެވޭ މީހުން ސްކްރީން ކުރަން ފަށާފައެވެ.
2009 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެން ފެށި ސްވައިން ފްލޫ އަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ގައިގަ ރިއްސުމާއި ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. އަދި މީގެ އިތުރުން ހޮޑުލުމާއި ބޭރަށް ހިންގުން ވެސް މިބަލީގެ އަލާމާތް ތަކުގެ ތެރޭގައި ހިމެނެއެވެ.