"އަހަރެން ބުނީމެއްނު އޭނަ މިރަށަށް ވެސް އަންނާނެއޭ، އަހަރެން ހޯދަން، އަހަރެން ހީކުރީ އޭނަ އަންނަ ދުވަހަކުން އަހަންނަށް ފިލަން ވަންނަން ހުންނާނީ ތިގޭ ކަމަށް، އެކަމަކު އޭނަ އައިސް އެހުރީ ތިގޭގައި.'
ނުސްރާ ޝަކުވާކޮށްލިއެވެ. ޝެރީން ބަސްހުއްޓިފައި އިރުކޮޅަކު ހުއްޓެވެ. އޭނާއަށް އެހުރިހާ އެއްޗެއް ފަހުމްވާން އިރުކޮޅެއް ނެގިއެވެ.
"ޒައިންތަ؟"
ޝެރީންއަށް އަހާލެވުނެވެ.
****
އިރުގެ އަލިކަން ވަކިވާ ވަގުތު ކައިރިވެއްޖެކަން އުދަރެހުން އެނގެއެވެ. ވިލާތަކުގެ ކުލަތައް އޮރެންޖުވަމުން ގޮސް މިހާރު އަޅިކުލައަކަށް ބަދަލުވަނީއެވެ. ފަނޑުއަލިކަމެއްގައި ހަނދު ހުރީ ފެންނާށެވެ. އޮއްސެމުން ދިޔަ އިރާއެކު އުދަރެހުގައި ހުރި ވިލާތައް ނޫނީ މުޅި އުޑުއޮތީ ހާމައަށެވެ. މިރޭ ތަރިތަކުގެ ވިދުން ހީވަނީ ގަދަވާނެ ހެންނެވެ.
ބަނދަރުމަތީ ހުރި ސިމެންތި ގޮނޑިއެއްގައި ނުސްރާ އާއި ޝެރީން ތިއްބެވެ. އެ ދެމީހުންގެ މޫނުމަތި ވެސް ފެންނަނީ ކަންބޮޑުވެފައި ތިބިކަމެވެ.
"ނުސްރާ ބުނީމެއްނު ޒައިން ބިރުދައްކާނެ އެއްވެސް ގޮތެއް ނޯންނާނެއޭ، ޔޫ މީން ހީ ކާންޓް ބްލެކްމެއިލް ޔޫ؟" ޝެރީން ވިސްނަން އިންދާ ކުއްލިއަކަށް ހަނދާންވިއެވެ. އެ ދުވަހު ވެސް އަދި މިއަދު ވެސް ނުސްރާ އާއި ޝެރީން ހުރި ފަރަގަކީ އެއީ އޭ ހިތަށް އެރިއެވެ.
ނުސްރާއަށް ޒައިންގެ ފަރާތުން ސަލާމަތްވެވޭނެ ގޮތް ހުންނާނެއޭ ޝެރީންގެ ހިތް ބުނަމުން ދިޔައެވެ.
"ދެޓް ދަ ރީޒަން އައި ކާންޓް ރަން އަވޭ.. ބައްޕަ ކުރިމަތީ ޒައިން ގޯސްކޮށްފައި އަހަރެން ދައްކާނެ ބަހަނާއެއް ނެތް، ޒައިންގެ ކެރެކްޓަރ އަހަރެން ސިފަކޮށްދޭނީ ކިހިނެއް؟ ހީ އިޒް ފާދަރ އޮފް ޕޮސެސިވްނެސް.. އަހަރެން އެވާހަކަ ބުނިހާއިރުން ނަސްރުބޭ ބުނެފި އެއީ ކައިވެނީގެ ކުރިން ކޮންމެ މީހަކު ވެސް އުޅޭނެ ގޮތޭ، އެމީހުންނަށް ހީވަނީ އެއީ ޒައިން އަހަރެން ދެކެ އިންތިހާއަށް ލޯބިވާތީ އަޅާލަނިއްޔޭ." ނުސްރާ ގެ އަޑު ތުރުތުރުލައިގަތެވެ. އޭނާއަށް ހީވަނީ ގޭ މީޙުން ފަދައިން ޝެރީންއަށްވެސް ވިސްނައިދެން އުދަނގޫވާނެކަމަށެވެ. ހިތުގައި ހުރި ހުރިހާ ރުޅީވެރިކަމެއް ކޮންޓްރޯލުން ނެއްޓި ކަރުނައގެ ސިފައިގައި އޮހެންފެށީ އެ ސަބަބަށްޓަކައެވެ.
ޝެރީން ނުސްރާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއީ އޭނާ ކަޑައްތު ނުކުރާ ރާސްތާއެއް ނޫނެވެ. ޝެރީންއަށްވެސް އޭނާގެ މައިންބަފައިންނަށް ޒައިން އާއި ވަކިވި ސަބަބު ވިސްނައިދެވުނީ ހީކުރިވަރަށްވުރެ އުދަނގުލުންނެވެ. ސަބަބަކީ މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ހުސްކަމެވެ. ފުރާވަރަށް އެރުމާއެކު އެދެމެދުގައި އޮންނަ ގުޅުން ހީނަރުވާތީއެވެ. ހުރިހާ ކަމެއް ހިއްސާނުކުރެވި ދިގުލައި ދެމިގެންގޮސް ފަހުން ނަތީޖާ ގޯސްވާ ހިސާބުން ކިޔައިދެން ފަސްޖެހޭކަމެވެ.
"ނުސްރާގެ ބައްޕަ ޒައިން ދަންނަނީ ކިހާވަރަކަށް؟" ޝެރީން އަހާލިއެވެ. ނުސްރާ ޝެރީންގެ މޫނަށް ބަލައިލާފައި އަނެއްކާވެސް މޫނު އަނބުރައިލީ މާސިންގާ ކަނޑާއި ދިމާލަށެވެ.
"އަހަރެމެންގެ ކައިވެނީގެ ވާހަކަ ދެކެވިފައިއޮތީ މިދިޔަ އަހަރު، އޭރުން ފެށިގެން. ބައްޕަ ޒައިންއަށް ގުޅި، އެކަމަކު އަހަރެން ހީނުކުރާ ވަރަށް އެދެމީހުންގެ ގުޅުން އޮތީ ބަދަހިވެފައި. ލޮލަށް ނުފެނުނަސް އެކުވެރިކަން އުފެދިފައި، އަހަންނަށް ނުކުރާ އިތުބާރު ބައްޕަ، ޒައިންއަށްކުރޭ." ނުސްރާ ކިޔައިދިނެވެ. އޭނާ އަށް އަމިއްލަ ދިރިއޅުން ސިފަވަނީ ކަނޑެއްގައި ދަތުރުކުރާ މުސާފިރެއް ފަދައިންނެވެ. ހިކިފަސްގަނޑުތައް ފެނުނަސް ބަނދަރު ނުކުރެވި ކަނޑުގައި ބެހެމުންދާ މީހެއްގެ ގޮތުގައެވެ.
"ރަށުމީދާ ރަށަށް ގަދަވާނެއޭ ބުނެއެއްނު، ޒައިން ބިރުން ރަށް ދޫކޮށްފައި ދާންކެރޭވަރުގެ ކަމެއް އަހަރެން ނަމަ ކުރާނަން." ޝެރީން ނުސީދާ ބަހަކުން ނުސްރާ ކައިރީ ބުނަން ބޭނުންވީ ޒައިން އަދިވެސް ބޭރުކޮށްލެވިދާނެކަމެވެ. ނުސްރާ އަށް އޭގެ މާނަ ނުވިސްނިފައި ޝެރީންގެ މޫނަށް ބަލައިލެވުނެވެ. އެއީ ކޮންގޮތެއްތޯ ނުސްރާ އަހާލިއެވެ. ޝެރީން ކިޔައިދިނީ އޭނާ ނަމަ ކަން ކުރާނެގޮތެވެ.
*****
ނޫރާ ގޮވައިގެން ސާރިމް އަތިރިމައްޗަށް ނިކުތީ ޝެރީން އަދިވެސް ގެއަށް ނާންނާތީ އެކަމާއި ނޫރާ ފޫޙިވެގެން އުޅޭތީއެވެ. އެދިމާލު އަތިރިއަކީ ނޫރާ ކޮންމެ ދުވަހަކު ކުޅެން ނިކުންނަ ތަނެއްކަން ސާރިމްއަށް އެނގިފައެއް ނެތެވެ. ފަންވިނަން އިން ރަމްލާ އާއި އޭނާ ބަލަހައްޓާ ސާރިމް ފެނުނީ އެތަނަށް އާދެވުނުފަހުންނެވެ. ސާރީމްގެ ކައިރިއަށް ދުވެފައި ނޫރާ ދިޔައެވެ. އެދެކުދިންނަށް ބަލަން ހުރި ސާރިމްއަށް ހީވީ އޭނާގެ ފުރާވަރުގެ ދުވަސްތައް ލޯކުރިމަތިން ތަސްވީރުތަކެއްގެ ސިފައިގައި އެދެކުދިން ދައްކައިދެނީހެންނެވެ. ބިޔަކޮށްހެދިފައި ހުރި ބޮޑު ގަހަށް ސާރިމް ބަލައިލިއެވެ. ގަސްގަނޑުގައި ވަޅީގެ ތުނޑުން ހިތެއްގެ ބައްޓަމަށް ކުރެހުމެއް އެޅި ހަނދާން ސާރިމް އާވި ވަގުތު ލޯމަތިން ހީވީ އެ މަންޒަރު ފެނުނުހެންނެވެ. ލަސްފިޔަވަޅުތަކެއްގައި ސާރިމް ކުރިއަށް ހިނގައިގަތެވެ.
"ލައިލާ މަޖުނޫނު ފަދަ ލޯތްބެއްތަ؟" ސާރިމްއަށް ބަލަން ހުރެފައި ނޫރާ އަހައިލިއެވެ. ސާރިމްގެ ޝައުޤުވެރިކަން ހުރީ ވަޅީގެ ތުނޑު ހަލާކުވުމުގެކުރިން އެގަސްގަނޑުގައި އެދެމީހުންގެ ނަން ލިޔެ ނިންމާލުމެވެ.
"އެމީހުން ވީ ލޯބިތަ؟"
ސާރިމް ޝަހާދަތް އިނގިލިން ނޫރާގެ ނޭފަތު ކުރީގައި ޖައްސާލިއެވެ. ލޯބިން ކޮށްލާ ސަމާސާއެކެވެ. ނޫރާ ދުރަށް ޖެހިލީ ނޭފަތުގައި އަތް އަޅާލާފައެވެ.
"ލޯބި ނޫންނަމަ މަޝްހޫރެއް ވެސް ނުވީސް." އަނެއްކާވެސް ނޫރާ އައިސް ކައިރިއަށް ޖެހިލިއެވެ.
"ލޯބިވާނަމަ މުޅި ދުނިޔެ އާއި ހަނގުރާމަކޮށްފައި ވެސް ދިރިހުންނާނެ، އެކަކު އަނެކަކަށްޓަކައި، " ސާރިމް އަތަށް ބާރުކޮށްލުމުން ވަޅީގެ ތުނޑު ބިންދައިގެން ދިޔައެވެ. ސާރިމްގެ އަތަށް ތަދެއް އެރިއެވެ. ވަޅި ދޫވެގެން ތިރިއަށް ވެއްޓުނެވެ. ސާރިމްއަށް ހިފަހައްޓާލެވުނީ އޭނާގެ އަތުގައެވެ. އޭނާގެ އަތްތިލަމަތިން ނޫރާވެސް ހިފަހައްޓާލިއެވެ. އޭރު ކިރިޔާ ކަނޑާނެގިފައި އިނީ ހިތުގެ ބައްޓަން އެކަންޏެވެ.
"އަހަރެންގެ އަތުގައި ހިފައިގެން ސާރިމްއަށް ދެވޭނީ ކިހާ ދުރަކަށް؟" ނޫރާ ބަލައިލީ ސާރިމްއަށެވެ. އެދެމީހުންގެ ލޯބީގެ އަޑު ރަށު ތެރެއަށް ފެތުރިގެން ދިއުމާއި އެކު ސާރިމްއަށް އަންނަ ގޮންޖެހުންތައް ނޫރާއަށް އެނގެއެވެ. ދިރިއުޅުމެއް ފަށަން ދެމީހުން ގަސްތުކުރި ނަމަވެސް އުޅޭނެ ތަނެއް ނެތެވެ.
"އަހަރެންގެ އެންމެ ފަހު ނޭވާ އާއި ހަމަޔަށް." ސާރިމް ދެއަތުން ނޫރާގެ މޫނުގައި ހިފަހައްޓާލިއެވެ. އޭނާގެ އަތަށް އެރި ރިހުމުގެމަތިން ހަނދާން ނެތުނެވެ. ސާރިމް ބުނި އެންމެ ޖުމްލައަކުން ނޫރާގެ ހިތަށް ކުރި އަސަރުހުރީ ފެންނާށެވެ. އެދެލޮލުން އުފާވެރިކަން ފެންނަންހުރީ ކަރުނައިގެ ގޮތުގައެވެ. ތުންފަތް ފުޅާވެގެން ދިޔައީ ފުން ހިނިތުންވުމަކުންނެވެ. ސާރިމްގެ ނަމުން ގޮވާލާފައި ނޫރާ ދެލޯ މަރާލިއެވެ. ނޫރާ އެދެނީ ސާރިމްގެ ބީހުމަށެވެ. ލޯބި ބޮސްދިނުންތަކަށެވެ. ސާރިމްއަށް ހިންދިރުވާލެވުނެވެ. އެ ބޭނުމުގައި އޭނާގެ ހިތްވެސް ތެޅިގަތެވެ. އެފަދަ ކަމަކަށް އެ ހިތް ބާރު އަޅަންފެށިއެވެ. ޖެހިލުންވެ ހުރެ ސާރިމް ކައިރިވިއެވެ.
"ނޫރާ" ގަދަ ހަޅޭކެއްގެ އަޑާއި އެކު ދެމީހުންނަށް ސިހިފައި ދުރަށް ދެވުނެވެ. އަޑު އައި ދިމާލަށް ބަލާލިއިރު ފުރޯ ކޮނޑަށްލައިގެން އެދިމާލަށް އެ އަންނަނީ ނޫރާގެ ބައްޕަ އާމިރެވެ. އާމިރުގެ ފަހަތުން ރައްޔިތުންގެ ބޮޑު ފައުޖެއް އަންނަތަން ފެނުނެވެ.
****
ސާރިމް އަށް ނިދިން ހޭލެވުނު ފަދައެވެ. ކުއްލިއަކަށް އެ މަންޒަރުތައް ގެއްލުނެވެ. މިވަގުތު އޭނާގެ މާޒީގެ ތެރެއިން ހަނދާނަށް އައި މިންވަރަކީ އެއީއެވެ. ނޫނީ އޭނާގެ ހިތް އެއަށްވުރެ ބޮޑަށް ފީނައިގަންނަން ބިރުގަންނަނީއެވެ. އެދުވަހު އޭނާގެ ހައްޓާއި ފުރާނަ ވަކިނުވީ ކިރިޔާއެވެ. އެވަރުގެ ބިރުވެރިކަމެއް ހަނދާންކުރުމަކީވެސް ކުޅަދާނަކަމެއް ނޫނެވެ.
ސާރިމް ވަށައިގެން ބަލާލިއިރު އޭނާގެ ދަރިފުޅު ނޫރާ އާއި ސާރިމް ކުޅެން ތިއްބެވެ.
"ސާރިމް، ނޫރާ" އޭނާގެ ސިކުނޑީގައި އެ ދެ ނަން ހަރުލިއެވެ.
މިފަހަރު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ ހިތަށް ވެރިވީ ނުބައި ހީތަކެކެވެ. ލޯމަތިން މި ތަކުރާރުވަނީ ކޮންފަދަ ކަމެއްބާއެވެ. އޭނާގެ މާޒީ އަލުން ތަކުރާރުވަނީއެވެ. އެހެން ސިފައެއްގައެވެ. އެހެން ބައެއްގެ ގޮތުގައެވެ. ސާރިމް އާއި ނޫރާގެ ނަމުގައެވެ. އެހެން ލޯތްބެކެވެ.
ސާރިމް އަށް ބަލަން ހުރެވުނެވެ. އެދެކުދިންގެ ދެމެދުގައިވި ގާތްކަމެވެ. އެކަކު އަނެކަކަށް ބަލައިލާ އޯގާތެރިކަމަށެވެ. އެދެކުދިން ބޮޑުވާއިރު އަނެއްކާ އެހެން ވެދާނެބާއެވެ؟
"ސާރިމް، އާދޭ ދާން" ރަމްލާ އިސްއުފުލައިލި ވަގުތު އޭނާގެ ދަރިފުޅާއި އެކު ނޫރާ އިނުމުން ގޮވާލެވުނެވެ. ނޫރާގެ ބައްޕައަށް ބަލައިލާފައި ރަމްލާ ބޭނުންވީ އެތަނުން ދާށެވެ. ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އެ މޫނުމަތިން ފެންނަން ހުއްޓެވެ.
"ދައްތާ." ސާރިމް ރަމްލާއަށް ގޮވާލިއެވެ. އޭނާ ފެނިގެން ރަމްލާ އަށް އައި ބަދަލު ނަގައިގަނެވުނެވެ. ކުރީ ދުވަހުވެސް އޭނާއަށް މާގިނަ ވާހަކަ ދައްކާނެ ފުރުޞަތެއް ރަމްލާ ނުދިނެވެ. ސާރިމް އާއި ބައްދަލުކުރިއަކަ ނުދިނެވެ. އެހެންވިއަސް މިއަދު ރަމްލާ ހުއްޓުވީ އެކަމުގައެއް ނޫނެވެ. ރަމްލާ އާއި ދިމާލަށް ސާރިމް ހިނގައިގަތެވެ.
"އަހަރެން މިހެން އަހަންވެސް ޖެހިލުންވޭ" ސާރިމް ހާމަކުރީ މިވަގުތު އޭނާ ހުރި ހާލެވެ. ރަމްލާގެ މޫނުފެނިފައި އޭނާ ދޫ ހިމޭންވާން މަސައްކަތްކުރެއެވެ.
"އަހާބަލަ" ކުޑަ ހިތްވަރެއް ލިބުނީ ރަމްލާ ހަރުކަށިކަމާއިއެކު އެ ބުނި ޖުމްލައިންނެވެ. އެދެމީހުންނަށް ބަލަހައްޓައިގެން ތިބި ދެކުދިންނަށް ސާރިމް ބަލައިލިއެވެ.
"އަހަރެން ބޭނުންވަނީ ނޫރާ އާއި ގުޅޭނެ ގޮތެއް، " ސާރިމްގެ މޫނާއި ހަމަޔަށް ރަމްލާގެ އަތް އުފުލައިލުމުން ސާރިމް ހުއްޓާލިއެވެ. އޭނާއަށްޖެހުނީ ނޭވާވެސް ހިފަހައްޓާލާށެވެ.
"ކަލޭ މިރަށުން ދިޔައީ އަހަރެންގެ ދަރިފުޅު ކަލެއާއި ގުޅޭނެ ގޮތެއް ހޯދައިދީފަތަ؟ އޭނަ ކިހާ އިންތިޒާރެއްކުރި؟ އޭނަ އެކަނި ކިހާ ބުރައެއް އުފުލި، މުޅި ރަށަށް ފަޟީހަކޮށްފައި މިއަދު ގުޅުމުގެ އެއްވެސް ބޭނުމެއް ނެތް، މިއަދު އޭނަ ހުރީ ތިޔަ ކޯލެއްގެ އިންތިޒާރުގައެއް ނޫން، އޭނައަށް ތި ސާރިމްއެއް ބޭނުމެއް ނުވޭ." ރަމްލާ ވަށައިގެން ކަޅީ ހިންގައިލީ އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަ އިވޭ ހިސާބުގައި މީހަކު ހުރިތޯއެވެ. އޭނާގެ ލޮލުގައި ވެސް އެދެކުދިން އަޅައިގަތެވެ. އެހެންވެ ސާރިމް އާއި ކައިރިއަށްޖެހި ރަމްލާ ވާހަކަ ދެއްކީ އެދެމީހުންނަށް އެކަނި އިވޭވަރަށެވެ. ކިތަންމެ މަޑުންވިއަސް ރާގުގައި ހުރީ ހަރުކަށިކަމެވެ.
"އަހަރެން ދިޔައީ ނޫރާ ބަލާ އަންނަން، އެކަމަކު އެގޮތާއި ނޫރާ ބޭނުންވާނަމަ، އަހަރެން ފޮނުވި ސިޓީގެ ޖަވާބު ނޫރާ ދިންނަމަ އޭނާ ބަލާ އާދެވޭނި، ކަންތައް ވެ ދިޔަގޮތުން މިރަށުން ދާން އަހަންނަށް މަޖުބޫރުވީ، އަހަރެން ނޫރާ ދެކެ ލޯބިވީން، " ސާރިމް މިފަހަރުވެސް ހުއްޓާލީ ރަމްލާގެ އަތުން ހުއްޓާލަން އެންގުމުންނެވެ.
"ލޯބި؟ " އެ ލަފްޒާއި މެދު ރަމްލާ ކުރީ މަލާމާތެވެ. އެންމެންވެސް އުފައްދާ ސުވާލަކީ އެއީއެވެ. އޭނާ ރަށުން ދިޔައީ ލޯބިނުވާތީކަމުގައި އެންމެންވެސް ހީކުރެއެވެ. ނޫރާ އާއި އެކު ދިރިހުރެވޭނީ އޭނާއަށް ފުރާނަ ޔަޤީންވެގެން ނޫންހެއްޔެވެ؟ އެރޭ އާމިރު ފުރޯ ޖައްސާފައި ރަށުން ދާން އަމުރުކުރިއެވެ. ނޫންނަމަ އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލާނެ ކަމުގައި ބުންޏެވެ.
އަމިއްލަ ނަފްސުގެ ދިފާޢުގައި ބުނާނެ އެއްޗެއް ނޭނގިފައި ސާރިމްއަށް ހުރެވުނެވެ. އޭނާގެ މޫނާއި ހަމަޔަށް ރަމްލާ އުފުލައިލި ޝަހާދަތް އިނގިލި އެގޮތުގައި ހިފަހައްޓާލާފައި ބުނެލީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދާ ފަދަ ޖުމްލައެކެވެ. އޭނާއަށް ހީވީ ބޮމެއް ގޮއްވާލިހެންނެވެ.
"އެނަމުގައި އަހަރެންގެ ދަރިފުޅުގެ އިއްޒަތާއި އަބުރު ވެއްޔާއި މޮޑެލީ، ކަލޭމެން ފިރިހެނުންގެ ގޮތެއްނު އެއީ، އެއީ ތިކިޔާ ލޯތްބަކީ؟ ކަލޭ ފުރައިގެން ދިޔައިރު ނޫރާ އިނީ ބަލިވެ. " ރަމްލާ ދަތްޕިލަޖައްސާ ބާރުކޮށްލީ އޭނާގެ ކޯކަށިގަނޑު ވަކިވެގެންދާހާ ބާރަށެވެ. ބާރުގަދަ އެތިފަހަރަކުން އޭނާގެ މޫނުގައި ވިހެލިފަދައެވެ. ދޫ ހިމޭންވިގޮތަށް ސާރިމްއަށް ހުރެވުނެވެ.
****
ގެއަށް އައިގޮތަށް ސާރިމް އޮތީ އެކަނިވާން ބޭނުންވެފައެވެ. ރޭގަނޑު ކާން ގޮވުމުންވެސް ބަނޑުހައިނުވާކަމުގައި ބުނެފައި އޮތީ ބޮލުގައި ރިއްސަނީކަމަށްބުނެފައެވެ. ޝެރީން އުޅެނީ ނޫރާގެ ކަންތަކުގައި އަވަދިނެތިއެވެ. ދޭތެރެއަކުން ހިމްނާ އާއި ދެމީހުން ހީ ވާހަކަ ދައްކާ އަޑު އިވެއެވެ.
ރޭގަނޑު ކައިގެން އައިސް ނޫރާވެސް ނިދީއެވެ. ސާރިމް އޮތީ ނިދާފައިކަމަށް ހެދިގެންނެވެ. އެކަމަކު ނުނިދެއެވެ. ނިދީގެ ނިޝާންވެސް ނެތެވެ. އޭނާއަށް އިވުނު ވާހަކަތައް ޤަބޫލުނުކުރެވިފައެވެ. ރަމްލާ އެބުނީ ތެދެއް ނޫނެވެ. ނޫރާ ބަލިވެ އިންނަމަ އޭނާއަށް ނޭނގި ނުދާނެއެވެ. އެކަން ސިއްރުކުރިކަން އެއީ ނޫރާ ހެދި ގޯހެކެވެ. ނަސްރު ސިޓީ ހިފައިގެން ދިއުމުން އެހެން ކަންތައްކުރީ ކީއްވެބާއެވެ؟ އެ ސިޓީގައި ސާރިމްގެ އެޑްރެސް އޮންނާނެއެވެ. ސިޓީ ފޮނުވެވޭނެ ނޫން ހެއްޔެވެ؟
ޝެރީންގެ ފޯނު ރިންގުވި އަޑަށް ސާރިމް އަށް ދެލޯ ހުޅުވައިލެވުނެވެ. އެނދުމަތީ އޮތް ޝެރީންގެ ފޯނަށް ގުޅަނީ މަންމައެވެ. ދެފަހަރަކު ގުޅާފައި ހުއްޓާލާނެއޭ ހިތަށް އެރިއެވެ. ފޯނު ހޯދަން ޝެރީން އަންނާނެއޭ ހިތަށް އެރިއެވެ. ސާރިމް އަލުން އޮށޯތެވެ. އެ ކޯލު ކެނޑުނެވެ. ކުޑައިރުކޮޅެއްފަހުން އަނެއްކާވެސް ރިންގުވާންފެށިއެވެ. ސާރިމް ފޯނު ނަގަން އުޅެނިކޮށް ކެނޑުނެވެ. ދެން އައީ މެސެޖެކެވެ. ޝެރީންގެ ފޯނު ސާރިމް ހުޅުވާލިއެވެ. މެސެޖު ހުޅުވަން ފިއްތާލުމުން އައީ ކޯޑެއް ޖަހާށެވެ. ސާރިމް ހައިރާންވިއެވެ. މީގެކުރިން ޝެރީންގެ ފޯނުގައި އެހެން ހަދާފައެއް ނުހުރެއެވެ. ވައިބަރ އަށް ނޯޓިފިކޭޝަންއެއް އައެވެ. މެސެޖެއް އައިކަން އިނީ ފެންނާށެވެ. އެކަމަކު ވައިބަރ ހުޅުވުމުން އެ މެސެޖު ފެންނާކަށް ނެތެވެ. އެއީ ސިއްރު ކޮންވަޒޭޝަންއެކެވެ. ކީއްވެހެއްޔޭ ހިތަށް އެރިއެވެ.
(ނުނިމޭ)