ވާހަކަ

ނޫރާ - 12

ޝެރީން މާގަނޑުގެ ދޮށުގައި ހުރެ ފެންވަރަމުން ދިޔައިރު އިރުކޮޅުކޮޅާ މުޅި ކަނދުރާގައި އަތް އުނގުޅާލެވެއެވެ. އަދިވެސް އޭނާއަށް ހީވަނީ އެތަނުގައި ޒައިންގެ ވަސް ހުރެދާނެ ހެންނެވެ. އޭނާގެ ކަންފަތްދޮށުގައި ވާހަކަ ދައްކާފައި ޒައިން އެންމެ ފަހުން އޭނާގެ ކަނދުރާއަށް ބޮސްދިނެވެ. އެވަގުތު އައި ރުޅިން ޒައިންގެ މޫނުގެ ދެފަރާތުގައި ދެފަހަރު ޖަހާލެވުނެވެ. ޒައިން ހެމުން ހެމުން ނުކުމެ ދިއުމުން އައިސް ފެންވަރަން ފެށި ފަހުން ވިއްސަކަށް މިނެޓް ވާއިރު ވެސް ޝެރީން ނިންމާލަން ބޭނުންނުވީއެވެ. ކަނދުރާމަތީ އަތް އުނގުޅަމުން ޝެރީންއަށް ރޮވުނެވެ. އެވަގުތު އޭނާގެ ކަންފަތްދޮށުގައި ގުގުމައިގެން ހެން ހީވަނީ ޒައިން ސާރިމް އާއި ބެހޭގޮތުން ބުނި އެއްޗެކެވެ.

"ޝެރީންއަށް ކިހިނެއް އެނގެނީ ސާރިމް ވެސް އުޅެނީ މިހެން ނޫން ކަމެއް؟" ޝެރީންއަށް ހީވީ ހަށިގަނޑު ރޫރޫ އަރަން ފެށިހެންނެވެ. ތޮއްޖެހިފައިވާ ސިކުނޑި ދެން ފުރައިލީ އެފަދަ ވަހުމްތަކުންނެވެ.

** **

އެނދު ކައިރީ ޝެރީން ހުއްޓުނުއިރު ސާރިމް އަށް އޮތީ ނިދިފައެވެ. ނިތްކުރީގައި އެއް އަތް ބާއްވައިގެން ނިދުމަކީ ސާރިމް އާދަވެފައި ހުރިގޮތެވެ. އެހެންވެ މޫނުގެ އެއްބައިވަނީ ނިވާވެފައެވެ. ސާރިމްގެ މޫނަށް ޝެރީންއަށް ބަލަން ހުރެވުނުއިރު އަނެއްކާ ވެސް އަރަން ފެށީ ޒައިން ކުރި ސުވާލެވެ.

ޝެރީންގެ ޟަމީރު ދެކޮޅު ހެދިއެވެ. މީގެ ކުރިން އޭނާގެ ހިތުގައި އެފަދަ ގޮތަކަށް ޝައްކު އުފެދިފައި ނުވަނީ ސާރިމްގެ އިޚްލާސްތެރިކަން އަމަލުން ފެނިފައިވާތީއެވެ. ސާރިމްގެ ތެދުވެރިކަމާމެދު ސުވާލު އުފެދުނު ކަމަށްޓަކައި ޝެރީންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ސާރިމް އާއި މެދު ޝައްކު ކުރަން އޭނާ ބޭނުމެއް ނޫނެވެ.

ސާރިމްގެ އަތްމަތީ ބޯ އަޅާލައިގެން ނޫރާ ވެސް އޮތީ ނިދާފައެވެ. އިސްތަށިގަނޑުގައި އައްސާފައި ހުރި ތުވާލި ނައްޓާލަމުން ޝެރީން އޭނާގެ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ފެންވަރާ ނިމުނުއިރު ކުޑަކޮށް ބޮލުގެ ރިހުން ވަނީ ލުއިވެފައެވެ. އެނދާއި ފުރަގަސްދީފައި ހިނގައިގަންނަން އުޅެނިކޮށް ފަހަތުން އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. ސިހިފައި ޝެރީން ބަލާލި އިރު ސާރިމް އޮތީ ބަލަހައްޓައިގެންނެވެ.

"ކޯއްޗެއްތަ މާ ވަރަކަށް ތިބެލީ؟" ސާރިމް އޮތީ ނިދާފައި ނޫން ކަމާއި އަދި އޭނާ ބަލަން ހުރިކަން އެނގުނުކަން އެނގުމުން ޝެރީން އަށްހީވީ ބޮލަށް އައިސް އެއްޗެއް އެޅިހެންނެވެ.

"ހީކުރީ ސާރިމް އޮތީ ނިދާފަ ކަމަށް." ޝެރީންގެ އަތުގައި ހިފާ ސާރިމް ދަމާލުމުން ޝެރީން އައިސް އިށީނީ އެނދުގައެވެ. ސާރިމްގެ މަގަތުގައި އިށީންނަން ޖެހުނަސް މޫނު ސީދާކޮށްލުމުން އޭނާގެ މޫނަށް އަރާ ފައިބާ ކުލަތައް ސާރިމްއަށް ނުފެންނާނެކަމުގެ ޔަޤީންކަން އޮތުމުން ޝެރީން އަށް ހިތްހަމަޖެހުމެއް ލިބުނެވެ. ބައެއްފަހަރު އެހެން މީހުންގެ ހިތަށް އަރާ ހުރިހާ އެއްޗެއް އެނގޭނެ ނަމައޭ ޝެރީންގެ ހިތަށް އެރިއަސް މި ސިކުންތުގައި އޭނާ ހިތާއި ހިތުން ޝުކުރު ކުރެވުނީ އޭނާގެ ހިތަށް އަރާ ވަހުމްތައް ސާރިމްއަށް ވަންހަނާވެފައިވާތީ އެކަމާއެވެ. ހަމަހިމޭންކަން ވެރިވެ މަދު ސިކުންތުކޮޅެއް ފާއިތުވެގެން ދިއުމަށްފަހު ސާރިމް އޮވެފައި ކުރީ އޭނާ ހީވެސް ނުކުރާ ސުވާލެކެވެ.

"އަސްލު ކީކޭ ހިތަށް އެރީ؟"

ސާރިމްގެ މޫނަށް ޝެރީން އަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލާފައެވެ. ލުއި ހިނިތުންވުމެއްގައި އޮތް ސާރިމްގެ މޫނަށް ބަލާލުމުން ހީވީ ހުރިހާ ކަމެއްގެ ޚަބަރު އޭނާއަށް އެނގެނީ ހެންނެވެ. ނޭނގޭ ބާރުމިނެއްގައި އެހިތް ތެޅިލީ މޭކަށިތަކުގެތެރޭ ފަރުދާވެ އޮތް ހިތް އޭގެ މަޤާމުން ނިކުންނަހާ ބާރަށެވެ.

"ސާރިމް އަހަންނަށް ކިޔައިނުދޭ އެއްވެސް ސިއްރެއް އޮންނާނެތަ؟"

ސާރިމްގެ ހިނިތުންވުން ފިލައި ދިޔަތަން ޝެރީންއަށް ފެނުނެވެ. އަނެއްކާ ވެސް ގަދަކަމުން އެ ކުލަ ގެންނަމުން ސާރިމް ޝެރީންގެ އިނގިލިތަކުގައި ފިރުމާލިއެވެ. ހަމަޖެހޭ ގޮތް ދައްކަން ކުރާ މަސައްކަތް ބޭކާރު ނުވުމަށް އެދޭ ޙާލު ސާރިމްއަށް ހިންދިރުވާލެވުނެވެ.

"ސިއްރެއް ނޫން، އެކަމަކު އަހަރެން މި ދުނިޔެއަށް ނޭވާލީ ހިސާބުން ފެށިގެން ހިނގައިދިޔަ ހުރިހާ ކަމެއް ކިޔައިނުދެވޭހެން ހީވަނީ، ފަށަންވީތަ؟" ސަމާސާކުލަ އަނެއްކާ ވެސް ސާރިމްގެ މޫނުމަތިން ފެނުނެވެ. ޝެރީންގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. އެއީ އޭނާގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ފިރިމީހާއެވެ. ސާރިމްގެ މޫނު ފެނިފައި އޭނާގެ ތުންފަތުގައި ދުވެލީ އުފާވެރިކަމެވެ. ޝެރީން ނޫނެކޭ ބުނެލީ ބޯ ހޫރުވާލަމުންނެވެ.

** **

ޕިކަޕު މަޑު ދުވެލީގައި ގޮސް މަޑުކުރީ ރަމްލާ މެންގެ ގޭ ކުރިމަތީގައެވެ. ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ސާރިމް ބަލައިލީ އެގެއަށެވެ. އޭނާ އިނީ ތަޤްދީރު ރޭވިފައިވާ ގޮތާއި މެދު އަޖައިބުވެފައެވެ. ނަސްރު ކައިރީ މަޝްވަރާ ކުރުމުން ނަސްރު ދިން ލަފާގެ މަތިން ދައްކާނެ ވާހަކަ ހުރީ ރޭވިފައެވެ. އެކަމަކު އެގޭ ފެނުމާއި އެކު އޭނާގެ ދޫ ބަންދުވާން އުޅޭހެން ހީވެއެވެ.

ދޮރާށި ހުޅުވާފައި އެތެރެއަށް ބަލާލުމުން ފުރަތަމަ ވެސް ފެނުނީ ކުނިކަހަން ގުދަން އޮތް ރަމްލާ އެއަޑަށް ތެދުވެ ބަލާލި މަންޒަރެވެ. އިލޮށިފަތި ތެދުކޮށްލުމުގެ ގޮތުން އަނެއް އަތުގައި ޖަހާލި ގޮތުން ހީވަނީ ސާރިމްއަށް ބުނެވޭ އެއްޗަކުން އޭގެ ރައްދު އަންނާނީ އިލޮށިފަތިން ހެންނެވެ.

"އައްސަލާމް އަލައިކުމް"

ސާރިމްއަށް ސަލާމް ގޮވައިލެވުނީ އެގޭގެ އެތެރެއަށް ވަދެފައެވެ. އެކަން އެނގިހުރެ އޭނާ ސަލާމް ގޮވީ ރަމްލާގެ މޫނުމަތި ބަދަލުވާނެކަމުގެ އުއްމީދުގައެވެ. މުސްލިމަކަށްވީތީ އޮންނާނީ ދުޝްމަނަކު ސަލާމް ގޮވިއަސް އޭގެ ޖަވާބު ދިނުން ނޫންހެއްޔެވެ؟

"ކޮން ބޭނުމަކު؟"

ސަލާމް ބަލައިނުގަނެ ރަމްލާ އަހައިލީ ރުންކުރު ގޮތަކަށެވެ. އޭނާއަށް ސާރިމް ސިފަވީ ދުޝްމަނަކަށްވުރެ ވެސް ނުރައްކާތެރި މީހެއްގެ ގޮތުގައި ކަމެއް ނޭނގެއެވެ.

"އަހަރެން މިއައީ ސާރިމްއަށް އެއްޗެއް ހަވާލުކުރަން، ދައްތައަށް ނޭނގުނަސް އަހަރެން ސާރިމް ދަންނަން ފެށީ އިއްޔެ އަކު މިއަދަކު ނޫން." ސާރިމްގެ ނަޒަރު ގޮސް ހުއްޓުނީ ފެންޑާގައި ކުޅެން އިން ސާރިމްއަށެވެ.

"އަހަރެން ބުނެފައި އޮންނާނި ދައުލަތަކުން ވެސް އަދި އެހެން މީހެއްގެ ފަރާތަކުން ވެސް އެހީއެއް މަދަދެއް ބޭނުންނުވާ ކަމަށް، އަހަރެން އެ ޒިންމާ ނެގީ އެންމެ ފުރިހަމައަށް އަދާކުރެވޭތީ، ތި ގެންގޮސް ކޮންމެ ވެސް އެހެން ބަޔަކަށް ސަދަގާތް ކޮށްލާ، މިރަށުގައި ފަޤީރުން ތިބޭނެ." ރަމްލާގެ މޫނުމަތިން ފެނުނީ ނުރުހުމާއި އެކުވެސް އޭނާގެ ޝަހުސުގެ ބާރުގަދަކަމެވެ. އަންހެނަކަށްވިއަސް އަދި އުމުރުގެ ގޮތުން ދޮށީވިއަސް އޭނާއަށް ސާރިމްގެ ޒިންމާ ނެގޭނެކަމުގެ ފުރިހަމަ އިތުބާރެވެ.

"އެހެންވިއްޔާ އަހަރެން ދިއުމުގެ ކުރިން ސާރިމް އާއި ބައްދަލުކުރުމުގެ ފުރުޞަތު ލިބިދާނެތަ؟" ސާރިމްގެ ހިތުގައި އުފެދުނު ބިރުވެރިކަމަކީ އޭނާގެ އެދުމަށް ރަމްލާ ނުރުހުންވެދާނެކަމުގެ ބިރެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅުގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒު އަންނާކަށް،" ރަމްލާގެ ޖަވާބު އައީ ސާރިމް ކަންބޮޑުވި ފަދައިންނެވެ. އިތުރު ބަހުސްއަކާއި ނުލައި ސާރިމް ހިނގައިގަތުމުގެ ކުރިން ކުޅެން އިން ސާރިމްއަށް ބަލާލިއެވެ. ކުޅުމުގައި ޝާމިލްވެ އިން ސާރިމްއަށް އެތަނުގައި މީހަކު ހުރިކަން ރެއަކާ ވެސްނުލައެވެ. ދެން އޭނާ ހިނގައިގަތެވެ.

** **

ރަށުގެ ހޭޅިއަށް ނިކުންނަ މަގުގެ ދެފަރާތުގައިވަނީ ހުއި ހެދި ފުރިފައެވެ. އަނެއްކާ ވެލިގަނޑު ވެސް އެހާ ދެރައެވެ. ތަންތަންގަނޑުގައި ވަޅުގަނޑު ހެދި ޕިކަޕު ދުއްވާއިރު މޭގަނޑު ހީވަނީ އަނގައަށް އަތުވެދާނެހެންނެވެ.

"އަހަރެން މިރަށުން ފުރައިގެން ދިޔަފަހުން ރަށުތެރޭ ފެތުރުނީ ކޮން ކޮން ވާހަކައެއް؟" ސާރިމް އަހާލިއެވެ. ނަސްރު ފާޑަކަށް ބަލައިލާފައި އަނެއްކާވެސް ސަމާލުކަން ދިނީ މަގަށެވެ.

"ސާރިމް އާއި ބެހޭގޮތުން ދައްކަން އޮންނާނީ ކޮން ވާހަކައެއް؟" ނަސްރުގެ މޭ ކެކިގަތެވެ. ރަށަކީ މަދު މީސްކޮޅެއް އުޅުނަސް ވާހަކަ ހެދުމާއި ފެތުރުމުގައި ރާއްޖޭގެ އެހެން ހުރިހާ ރަށެއް ބަލިކޮށްލާ ފަދަ ބަޔަކު ދިރިއުޅޭ ރަށެކެވެ.

"އަހަރެން ދިޔަތަނެއް ހޯދަން ނޫރާ ނާދޭތަ؟ ނަސްރު ކައިރީ އަހާނެކަން މަށަށް ޔަޤީން؟" ސާރިމް ހިތުތެރޭ އުފެދެމުން ދިޔަ ސުވާލުތަކުން ބައެއް ސުވާލު އޭނާ ކުރަމުން ދިޔައެވެ. އޭނާއަށް ސާރިމްގެ މޫނު ފެނުނު ހިސާބުން ހިތުގައި ނުބައި ޝައްކުތަކެއް އުފެދެން ފަށައިފިއެވެ.

"ނާދޭ، އަހަރެން ހީކުރީ ސާރިމްގެ ސިޓީއެއް ދިނީމައި އޭނާ އެ ކިޔާނެ ކަމަށް، އެކަމަކު އަހަރެންގެ ކުރިމަތީ އެ ކުދިކޮށްލާފައި ދިޔައީ، ސާރިމް ފުރައިގެން ދިޔަ ގޮތަށް ޚަބަރެއްވީކީ ނޫން. ގުޅޭނެ ގޮތެއް އޮތީކީ ނޫން، އަހަރެން ހައިރާންވަނީ އެ ކަންކަމާއެއް ވެސް ނޫން، މިހާރު ހަމަ ކުއްލިއަކަށް ސާރިމްއަށް ދޫކޮށްފައި ދިޔަ ހުރިހާ ކަމެއް މުހިއްމު ވާތީ.. " ނަސްރު ހިތްހަމަނުޖެހުނެވެ. އޭނާއަށް ހީވަނީ ސާރިމް އަމިއްލައަށް އަމިއްލަ މީހާގެ ދިރިއުޅުން ހަލާކުކޮށްލަން އުޅެނީ ހެންނެވެ.

ސާރިމް އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާ ހިތަށް އުދަނގޫވަމުން ދިޔައީ ކުޅެން އިން ސާރިމްގެ މޫނުން އޭނާއަށް އެހެން މީހެއް ސިފަވީތީއެވެ. ފަހަރެއްގައި އެއީ އެގޭތެރެއަށް ވަދެވުމުން ހީވާ ހީވުމަކަށް ވެދާނެއެވެ. އަމިއްލަ ނަފްސަށް އަންނަ ބަދަލާމެދު ކަންބޮޑުވެވުނެވެ. ނޫރާ ނޫން ކަމަކާއި އޭނާއަށް ފިކުރު ކުރެވެނީކީ ނޫނެވެ.

ކުއްލިއަކަށް ޕިކަޕްގެ ބުރެކި ޖައްސާލުމުން ސާރިމް ސިއްސައިގެން ދިޔައެވެ. އޭރު ނަސްރުގެ ނަޒަރު ހުރީ ސީދާ ކުރިމައްޗަށް ހުއްޓިފައެވެ.

"ކިހިނެއްވީ؟" ސާރިމް އަހައިލީ މަގުގެ މެދަށް ހުއްޓީމައެވެ.

"އަހަންނަށް ދެންމެ ނުސްރާ ފެނުނު." ނަސްރު ބުނެލިއެވެ. އޭނާ ބަލައިލީ ކުޑަދޮރުން ބޯ ދިއްކޮށްލާފައެވެ. ހުއިގަސްތަކުގެ ތެރެއިން ވަލަށް މީހުން ވަދެއުޅޭތީ އެއީ އާކަމެއް ނޫނެވެ. އެކަމަކު ނުސްރާ މިއިން ހިސާބަކަށް ނާންނާނެއެވެ.

"ނުސްރާ އަންނާނެތަ؟" ސާރިމް ފަސް އެނބުރި ބަލާލިއެވެ. މުޅި މަގު އޮތީ ހުސްކޮށެވެ. އެއީ ހީވާ ހީވުމަކަށް ހަދާފައި ނަސްރު ޕިކަޕު ދުއްވަން ފެށިއެވެ.

** **

ނުސްރާގެ ފޯނަށް ގުޅާ ގުޅާ ވަރުބަލިވެގެން ޝެރީން ގަސްތު ކުރީ ނުސްރާގެ ގެއަށް ދާށެވެ. އޭނާ ދެތިން ދުވަހަކު އެގެއަށް ގޮސްފައިވާތީ މަގުތަކަށް އެއްވެސް ބިރުވެރިކަމެއް ނެތެވެ.

އެގެއަށް ދިޔައިރު ނުސްރާ އޮތީ ކޮޓަރީގައެވެ. ޝެރީން ފެނުމުން ނުސްރާގެ މަންމަ ހަފީޒާ ވެސް ކަންބޮޑުވެފައި ދެއްކީ ނުސްރާ މިއަދު ކޮޓަރިން ނުނިކުންނަ ވާހަކައެވެ. އެތެރެއަށް ވަނުމުގެ ހުއްދައަށް އަހާފައި ޝެރީން ބޭނުންވީ ނުސްރާގެ ކޮޓަރިއަށް ވަދެ ބައްދަލުކުރާށެވެ. އޭނާއަށް ނުސްރާ ވަޒީފާ ދޫކޮށްލިއަސް މައްސަލައެއް ނެތެވެ. ކަންބޮޑުވަނީ ސަބަބެއް ނެތި ނުސްރާ އެހެން ކަންތައް ނުކުރާނެއޭ ހިތް ބުނާތީއެވެ.

ދޮރުގައި ޓަކިޖަހާލުމުން އަތުގައި އޮތް ފޯނު ބާލީސް ދަށަށް ކޮއްޕާލާފައި ނުސްރާ ބަލާލި އިރު ދޮރު ހުޅުވާލާފައި ޝެރީން ވަންނަނީއެވެ. ނުސްރާ ފޯނު ނުނަގައިގެން އެ ގެ އާއި ހަމަޔަށް ޝެރީން އަތުވެދާނެ ކަމަށް ހީނުކޮށް ހުއްޓާ ފެނުމުން އޭނާއަށް ލިބުނީ ސިހުމެކެވެ. އެގެއިން ނިކުމެގެން ނުސްރާ އައީ ޝެރީންއާމެދު އޮތް ނުރުހުމެއްގެ ސަބަބުންނެވެ. އެއީ ރޭވިގެން އަދި ޝެރީންއަށް އެނގިގެން ހިނގިކަމެއް ކަމުގައި ނުސްރާއަށް ހީވަނީއެވެ.

"ބަލިވީތަ؟" ޝެރީން އައިސް އެނދުގައި އިށީނެވެ. ނުސްރާއަށް ދެބުމަ ކައިރިކޮށްލެވުނެވެ.

"އަހަރެން ބޭނުންވަނީ ދެން ގޭގައި މަޑުކުރަން، ޝެރީންއަށް އުދަނގޫވަންޏާ އެހެން މީހަކު ހޯދަން ނަސްރުބޭ ކައިރީ ބުނޭ، ފަހަރި ވެސް ބުނި ވަޒީފާއެއް ބޭނުންވާ ވާހަކަ." ނުސްރާ އެނދުން ތެދުވެ ޝެރީންއަށް ފުރަގަސްދީފައި ގޮސް ކުޑަދޮރުކއިރީ ހުއްޓުނެވެ.

"އަހަރެން ބޭނުމެއް ނޫން ނުސްރާ ރުހުމާ ދެކޮޅަށް ގެންދާކަށް، އެކަމަކު އަހަންނަށް ހީވަނީ ނުސްރާއަށް ދޮގުހަދަން ވެސް ނޭނގޭހެން." ޝެރީންއަށް ނުސްރާގެ އަމަލުން ވަރަށް ގިނަ ޖަވާބު ލިބިއްޖެއެވެ. އޭނާ ތެދުވެގެން އައިސް ނުސްރާގެ ކައިރީ ހުއްޓުނެވެ.

"އަހަރެންނަށް ނުސްރާ ޚިދުމަތް ކޮށްދިނީ އަހަރެންގެ ކޮއްކޮއެއް ފަދައިން، އަހަރެން ދެކެނީ ވެސް އެގޮތަށް، ނުސްރާއަށް ކަމެއްޖެހޭއިރު އެކަމެއްގައި އެހީވާން އަހަރެން ވެސް ބޭނުންވާނެ އެއްނު، ނުސްރާ އަހަންނާ ވަރަށް ގިނަ ކަންތައް ހިއްސާ ވެސް ކުރި، އަދިވެސް ކިޔައިދެވޭނެ." ޝެރީން ނުސްރާގެ ކޮނޑުގައި އަތްބާއްވާލީ އެންމެފަހުން އެބުނި ބަހުގެ ޔަޤީންކަން ދިނުމުގެ ގޮތުންނެވެ. ނުސްރާ އޭނާގެ މޫނަށް ބަލާލި އިރު ހުރީ ފެންކަޅިވެފައެވެ. ނުސްރާ ބޯޖަހައިލި ގޮތުން އޭނާ ވަރަށް ބޮޑު ވާހަކައެއް ކިޔައިދެން އުޅޭކަން އެނގިގެން ދިޔައެވެ.

"އަހަރެން ބުނީމެއްނު އޭނަ މިރަށަށް ވެސް އަންނާނެއޭ، އަހަރެން ހޯދަން، އަހަރެން ހީކުރީ އޭނަ އަންނަ ދުވަހަކުން އަހަންނަށް ފިލަން ވަންނަން ހުންނާނީ ތިގޭ ކަމަށް، އެކަމަކު އޭނަ އައިސް އެހުރީ ތިގޭގައި.'

ނުސްރާ ޝަކުވާކޮށްލިއެވެ. ޝެރީން ބަސް ހުއްޓިފައި އިރުކޮޅަކު ހުއްޓެވެ. އޭނާއަށް އެހުރިހާ އެއްޗެއް ފަހުމްވާން އިރުކޮޅެއް ނެގިއެވެ.

"ޒައިންތަ؟" ޝެރީންއަށް އަހާލެވުނެވެ.

(ނުނިމޭ)