ވާހަކަ

ނޫރާ - 11

1

ބަދިގެއިން ތަށިތަކެއް ތަޅައިގެން ދިޔަ އަޑު އިވުނެވެ. ވީގޮތެއް ބަލަން ޝެރީންއަށް ދެވުނެވެ. އޭނާއަށް ފެނުނީ ތަށިތައް ތަޅައިގެން ދިއުމުން އެކަމުގެ ޝޮކެއްގައި ހުރި ނުސްރާއެވެ. އަމިއްލަ ގޭ ނޫން ވީމައި ނުސްރާގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ. ގިނަ ފަހަރު އަގުބޮޑު އެއްޗެއް ހަލާކުވެއްޖެނަމަ އުނިވެގެންދާނީ މަހު މުސާރައިންނޭ ހިތާ ނުސްރާ ކަންބޮޑުވެދާނެތީ ޝެރީން ވިސްނައިދެން ފެށީ ތަށިތަކުގެ ބަދަލު ބޭނުމެއް ނޫނޭ ކިޔާފައެވެ.

"ހާދަ ހެޔޮބޮޑޭ"

އެތަނުގައި ޒައިން ހުރިކަން ޝެރީންއަށް ރެއަކާއިލީ ދެނެވެ. ޒައިން ހުރީ އައިސް އަލަމާރި ކައިރީ ފެންބޯށެވެ. ޝެރީންއަށް ބަހެއް އެއްލާފައި ޒައިން ތުންޖަހައި ދަމާލީ ތަށީގައި ހުރި ފެންފޮދު އެއްކޮށެވެ. ނުސްރާ އެތަނުން ނުކުތީ ދުވެފައެވެ. ނުސްރާގެ ނަމުން ގޮވާލާފައި ޝެރީންއަށް ހުރެވުނީ ނުސްރާގެ ތަބީއަތަށް އައި ބަދަލު ފެނި ހައިރާންވެފައެވެ. ތައްޓެއް ތަޅައިގެން ދިއުމުން ނުސްރާ ނުކުމުގެން އެ ދިޔައީ ކުޑަކުއްޖެއްހެން ބޮޑާ ދައްކާފައެވެ.

"ގޭގައި ގެންގުޅޭ މީހުންނާ ތިހާ ގާތްކަން ބަހައްޓަން ހެޔޮވެސް ނުވާނެ. ފަހުން އެމީހުން އަރާނީ ބޮލަށް." ތަށި ބަހައްޓަމުން ޒައިން ބުނެލިއެވެ. އެބުނި ބަހުގައި ހުރި ހަގީގަތާމެދު ޝެރީން ނުވިސްނައެވެ. ހީވަނީ އޭނާއަށް ކުރާ މަލާމާތެއް ހެންނެވެ. "ޒައިން އޭނަ އާއި ދިމާލަށް ކީކޭ ބުނީ؟" ޒައިން ކުރެ އަހާލެވުނެވެ. އޭނާއަށް އެތަނުގައި ކަމެއް ހިނގައި ފިހެން ހީވާން ފެށިއެވެ.

"އަހަރެން ބުނަން އޮންނާނީ ކީކޭ؟ އަހަރެން އައިސް ފެނުނުތަނާ ރޯމަހެއްހެން ތެޅިގެންފައި އެދިޔައީ. "ޒައިން ގެ ޖަވާބު އިވިފައި އެ ސުވާލު ނުކުރެވުނު ނަމައޭ ހިތަށް އެރިއެވެ. ފުރަތަމަ ސަބަބަކީ ޒައިން ތެދަށް ބުނެފާނެހެން ހީ ނުވުމެވެ. ދެވަނަ ސަބަބަކީ ކަމެއް ނުވާނަމަ ނުސްރާ ދުވެފައި ނުދާނެ ކަމެވެ. ޝެރީން ބޭރަށް ނިކުންއިރު ސާރިމް ގޮވައިގެން ރަމްލާ ވެސް ގޮއްސިއެވެ. ނޫރާ ގޮވައިގެން ގަސްދޮށުގައި ފޯނުން ވީޑިޔޯއެއް ބަލަން ހެވިފައި ހިމްނާ އިނެވެ.

މެންދުރު ނަމާދު ކޮށްލައިގެން ސާރިމް ގެއަށް އާއިރު ނޫރާ އިނީ ހިމްނާ ގޮވައިގެން ކުޅޭށެވެ. ސާރިމް ފެނުމާއެކު ތެދުވެފައި ނޫރާ އައިސް ބައްދާލިއެވެ. ޝެރީން ބަދިގެ ތެރޭގައި ހުރެފައި ސާރިމް ކައިރީ ކާން ހަދާ ވާހަކަ ބުނެލިއެވެ. ފާޚާނާއަށް ވަދެލާފައި އެބަ އަންނަމޭ ބުނެފައި ސާރިމް ނޫރާ ސޯފާގައި ބައިންދާފައި ކޮޓަރިއަށް ވަންއިރު ޝެރީންގެ ފޯނު ރިންގުވެއެވެ. ފޯނު ނަގަން ބަލާލި އިރު ގުޅަނީ ޝެރީންގެ މަންމައެވެ. ސާރިމްފޯނު ނަގައި ހަލޯ އޭ ބުނެލުމާއެކު ފޯނު ކަނޑާލިއެވެ. ކަންފަތާއި ފޯނު ދުރުކޮށްލާފައި ބަލަހައްޓައިގެން ހުރެވުނީ ފަރީނާގެ ފޯނުން ފައިސާ ހުސްވީބާއޭ ހިތަށް އަރާފައެވެ. ނޫނީ ފޯނު ނެގިކަން ނޭނގުނީބާއޭ ހިތަށް އަރާފައެވެ. ސާރިމް އެ ފޯނު ނެގިކަމުގައި ވިއަސް ފަރީނާ ވާހަކަ ދައްކާނީ ޝެރީން އާއި މުހާތަބުކުރާހާ ލޯބިންނެވެ.

ފާޚާނާއަށް ދާންވެފައި ހުރުމުން ސާރިމް ފޯނު ބާއްވާފައި ހިނގައިގަތެވެ. އޭނާ ފާޚާނާގައި ހުއްޓާ ވެސް ފޯނު ރިންގުވާ އަޑު އިވުނެވެ. ފަހުން ނުކުންއިރު ވެސް އެ ފޯނު ނުކެނޑި ރިންގުވެއެވެ. މުހިންމު ކަމަކު ނޫންނަމަ އެވަރަށް ނުގުޅާނެއޭ ސާރިމް ހިތް ބުންޏެވެ. އަނެއްކާ ވެސް ފޯނު ނަގައި ކަންފަތުގައި ޖެހުމާއެކު ކަނޑައިލާފިއެވެ.

ފޯނު ބާއްވާފައި ސާރިމް ނިކުތެވެ. ޝެރީން ކައިރިއަށް ގޮސް މަންމަ ގުޅާ ވާހަކަ ބުނެލިއެވެ. ޝެރީން އެބަ އަންނަމޭ ބުނެފައި ހިނގައިގަންނަމުން ސާރިމް ކައިރީ ކާން ފަށާށޭ ބުނެލިއެވެ. އެކަމަކު ގޮނޑީގައި އިށީން ގޮތަށް ސާރިމްއަށް އިނދެވުނީ ފޯނަށް ބަލާށެވެ. އޭނާއަށް ވަރަށް މުހިންމު މެއިލްއެއް އައިސްފައިވާކަން އެނގުމުން އެ ބަލާފައި ސާރިމް ގުޅީ ރަފްހާންއަށެވެ. ސާރިމް އެހީ ހަވާލުކުރާ ކުއްޖާގެ ހުރިހާ މައުލޫމާތެއް ރަފްހާންއަށް ހުރީ ލިބިފައެވެ. އޭނާއަށް މި ހުރެވުނީ އެކުއްޖާ އާއި އެއް ފަސްގަނޑެއްގައެވެ. މިއީ ކިހާ ބޮޑު އިއްތިފާޤެއް ހެއްޔެވެ؟ މިފަހަރު ސާރިމް ބޭނުންވާ އެއްޗެއް އެކުއްޖާގެ ކުރިމައްޗަށް ގޮސް ހަވާލުކުރެވޭނެއެވެ. އަދި އެކުއްޖާއާ ބައްދަލު ވެސް ކުރެވޭނެއެވެ. ރަފްހާންގެ ކައިރީ ސާރިމް އެދުނީ އެޑްރެސް ފޮނުވައި ދިނުމަށެވެ. އޭނާ ފޯނު ބޭއްވީ ރަފްހާންއަށް އެތައް ފަހަރަކު ޝުކުރު އަދާކޮށްފައެވެ.

ޝެރީން ކޮޓަރިއަށް ވަދެ ފޯނު ބަލާލި އިރު އެއީ އޭނާގެ މަންމަގެ ކޯލެއް ނޫނެވެ. ޒައިންގެ ނަންބަރެވެ. ފަނަރަ ފަހަރު ގުޅާފައި އޮތެވެ. ދެ ފަހަރަކު ސާރިމް ފޯނު ނަގާފައި ވެސް އޮތެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ޝެރީންއަށް ހުރެވުނެވެ. އޭނާގެ ނަފްސަށް ސިހުމެއް ލިބިއްޖެއެވެ. އަނެއްކާ ސާރިމްއަށް އެކަން އެނގުނުބާއޭ ހިތަށް އެރިއެވެ.

ޝެރީންގެ ފުރަގަހުގައި މީހަކު ހުއްޓުނުކަން އެނގުނީ އަލަމާރީއަށް އެޅުނު ކަޅު ހިޔަނިންނެވެ. ސާރިމް އޭނާ ކޮބައިތޯ ބަލަން އައީއޭ ހިތަށް އެރިއެވެ. ނޭވާ ހިފަހައްޓާލަމުން ޝެރީން އެނބުރުނީ ސާރިމް ކައިރީ ދައްކާނެ ބަހަނާއަކާމެދު ވިސްނަމުންނެވެ.

ކުރިމަތީގައި ހުރި ޒައިން ފެނިފައި ޝެރީންގެ ހިތް ހީވީ މޭފަޅާފައި ނުކުން ހެންނެވެ. ސާރިމް ގޭގައި ހުއްޓާ ޒައިން އެކޮޓަރިން ނުކުންތަން ފެނިއްޖެނަމަ ހީކޮށްފާނެ އެއްޗަކާމެދު ވިސްނާފައި އޭނާ ހާސްކުރުވިއެވެ.

"އަހަރެން ގުޅީ އަންނާށޭ ބުނަން. ފޯނެއް ވެސް ނުނަގަމެއްނު. އެހެންނަމަ އަހަންނަށް އައިސް މިތަނަށް ވަންނާކަށް ނުޖެހުނީސް." ޒައިން ވިހަ ހިނިތުންވުމެއް ދައްކަމުން ފިޔަވަޅެއް ކުރިއަށް އަޅާލިއެވެ.

"އަހަރެން ފޯނު ނުނެގިއަސް ޒައިން އަކަށް ނުޖެހޭނެ އައިސް މިތަނަށް ވަންނާކަށް." ދަތްޕިލާ ޖައްސާލާފައި އެހެން ބުނެވުނުއިރު އައި ރުޅީގެ ހުޅުގަނޑު ފަޅައިގެން ގޮސް ހުރީ ދެލޮލުން ވެސް އެކަން ފެންނާށެވެ. ހިމަރޮނގަކަށް ހޯސްލާފައި އޮހިގަތީ ހޫނުކަން ހުރި ކަރުނައެވެ.

"ކެތްނުވީމައި ކީއްކުރާނީ؟ އަހަރެން ބުނީމެއްނު އަހަރެން ބޭނުން ގަޑިއަކު ޝެރީން ލިބެންޖެހޭނެއޭ، އެގޮތާ ޤަބޫލުނުވެގެން ލުއި ގޮތެއް ހަމަޖައްސައިދިނީމައި ޝެރީންއަށް އެންމެ ރެއަކަށް މާލެ ވެސް ނާދެވުނު، އެހެންވީމައި އަހަރެން ދެން ބޭނުމެއް ނޫން އިތުރު ފުރުޞަތެއް ދޭކަށް، ހިމްނާ މިއަދު ދައްކަނީ މާލެދާން ބޭނުންވާ ވާހަކަ، އަހަންނަށް އެނގޭ އެއީ ޝެރީން ބުނެގެން ކިޔާ އެއްޗެއްކަން، ތިއުޅެނީ އަހަރެން ފޮނުވާލަންތަ؟" ޒައިން ޝަހާދަތް އިނގިލި މޭގައި ޖައްސާލާފައި އަހާލިއެވެ.

"އާން، އަހަރެން ބުނެފިން މިގެއަކު މާ ގިނަ ދުވަހަކު ނުހުރެވޭނެއޭ." ޝެރީން އަށް ބުނެވުނެވެ. އޭނަ އާއި ހިމްނާ ވާހަކަ ދައްކައި ނިންމީ ހިމްނާ ފުރައިގެން ދިއުމެވެ. އޭރުން އެގޭގައި ޒައިންއަށް ހުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޝެރީންއަށް އުދަނގުލެއް ނުފޯރަނީސް ފޮނުވާލަން ބޭނުންވިއެވެ.

"އަހަރެން މާދަމާ ވެސް ފުރާފާނަން. އެކަމަކު ހަމަ މިވަގުތު އަހަރެން ބޭނުން، އޭރު އަހަރެމެން ދެމީހުން ކުރާ ކަހަލަ ....." ޒައިންގެ މޫނުމަތީ ޝެރީން އަތުން ޖަހާލިއެވެ. އެވަރުގެ ގޮތެއް ނެތް ފިރިހެނަކު މި އުޑުދަށުގައި ހުންނާނެހެން ހިއެއް ނުވެއެވެ. މިއަދު ޝެރީންގެ ޖިސްމު ހައްޤު ވާނީ ހަމައެކަނި ސާރިމް އަށެވެ. އޭނާ ހަމަހޭގައި ހުރެ ސާރިމްއަށް ބޭވަފާތެރިނުވާން އޭނާގެ ޟަމީރު ވިސްނައިދިނެވެ.

"އަހަރެން އެ ދުވަހު ވެސް ޒައިން ދޫކޮށްލީ ތިއީ އިންސާނަކަށް ނުވީމައި، ހައިވާނެއްގެ ނަފްސާއި ރޫހު ނޫން އެއްޗެއް ތި ހައްޓަކު ނެތް، ކަލެއަށް އަހަރެން ހާސިލު ނުވި ތަނުގައި އެހެން އެއްވެސް އަންހެން ކުއްޖަކު ވެސް ހާސިލް ނުވިތާ؟ ފުރަތަމަ ޒައިން ދޫކޮށްލަންވީ ތި ނުބައި ސިފަ، " ޒައިން ފެނިގެން އައި ބިރުގެ މައްޗަށް ކުރި ހޯދީ އޭނާގެ ހިތުގައި ސާރިމްއަށް ދެވިފައިވާ ލޯތްބެވެ.

"އެހެންވިއްޔާ ހިނގާ މިކަން ނިންމަން، ސާރިމްއަށް ގޮވާފައި ގެންނަން ހިނގާ، އަހަރެމެން ދެ މީހުންގެ ތެރެއިން ރަނގަޅު ސާލިހް މީހަކު ކަނޑައަޅަން، ޝެރީންގެ ޕާސްޓް ކިޔައިދޭނީ އަމިއްލައަށް، ޝެރީން ބޭނުންނަމަ މި ވީޑީއޯތައް ވެސް ދައްކަފާނަން. ހިނގާ ގޮވަން." ޒައިން ފޯނު ނަގައި ހާވަން ފެށުމުން ޝެރީންއަށް ހީވީ އަނެއްކާ ވެސް އޭނާގެ ބަލިފައި މައްޗަށް ޒައިން އެރީހެންނެވެ. ޝެރީން ދެލޯ ބޮޑުކޮށްލައިގެން ހުއްޓާ ފެނުމުން ޒައިން އިސްޖަހައިލީ އޭނާގެ ބަނޑުތެރޭ ކެކިގެން ހިނިގަނޑު ފޮރުވާށެވެ. ޝެރީންގެ ގާތަށް އަންނަ ރުޅީގެ މިސާލަކީ ފެންގަނޑެއްގެ ތެރޭ އޮންނަ ބޮކެއްގެ މިސާލެކެވެ. މަދު ސިކުންތުކޮޅަކަށް ފުއްޕާލާފައި އެކަމުގެ މަތިން ހަނދާންނެތިދާނެއެވެ.

"މިރޭ އަހަރެން ގުޅާނަން، އަހަރެމެން ދެ މީހުން ފަޟީހަނުވާނެހެން މިކަން ނިންމަން ހިނގާ." ޒައިން ކައިރިވެފައި ޝެރީންގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެހާ ކައިރިން ޒައިން އޭނާގެ މޫނަށް ބަލާތަން ފެނި ޝެރީންއަށް ދެލޯ މަރާލެވުނެވެ. އޭނާގެ އިސްތަށިގަނޑު އައްސާފައިވުމުން ކަނދުރާ ހާމަވެފައި އޮތްތަން ފެނި ޒައިންގެ ހިތުގައި ނުބައި ޚިޔާލެއް ދައުރުވިއެވެ. ކައިރިވެ ނޭފަތް ދަމާލެވުނީ ޝެރީންގެ ކަންފަތްދޮށަށް ޖަހާފައި ހުރި ސެންޓުގެ މީރުވަހުންނެވެ.

ސާރިމް ކައި ނިމިގެން ވަންއިރު ޝެރީން އުޅެނީ ފާޚާނާގައެވެ. ފެންވަރަނީއޭ ހިތައި ސާރިމް އެނދުގައި ޖައްސާލިއެވެ. އިރުކޮޅެއްގެ ތެރޭ ނޫރާ އައިސް ވަނެވެ. ސާރިމްގެ ކައިރީ އޮށޯވެލައިގެން އޮވެފައި ކަމެއް ހަނދާންވެގެން ކުއްލިއަކަށް ތެދުވެއްޖެއެވެ.

"ކިހިނެއްވީ؟" ނޫރާ ތުންހަދައިގެން އިންގޮތުން ސާރިމް އަހާލިއެވެ.

"ބުނީމެއްނު ފްރެންޑެއް ދިން ހަދިޔާއެއްގެ ވާހަކަ، މަންމަ މިއަދު އެ ނެކްލެސް ދީފި ސާރިމްގެ މާމަ އަތަށް." ނޫރާ ތުންއަނބުރައިލިއެވެ. ޝެރީން އެފަށް އަނބުރާ ދިންކަން ހާމަވުމުން ސާރިމް ނޫރާ ގެނެސް އަތުތެރެއަށްލާފައި ވިސްނައިދެން ފެށީ އެކަހަލަ އަގުބޮޑު އެއްޗެހި ހަދިޔާއަކަށް ލިބުނަސް ބޭނުން ކުރަން ނުވާނޭ ކަމެވެ. ސާރިމް ކަހަލަ ކުޑަކުއްޖަކަށް އެފަށް ލިބޭނެ ގޮތެއް ނޯންނާނެކަން ވިސްނައިދިނުންވީ ވަރަށް ފަސޭހަ ކަމަކަށެވެ. ދެން އިތުރު ޝަކުވާއަކާއި ނުލައި ނޫރާ ހިމޭންވިއެވެ. ސާރިމްގެ އަތްމަތީ އޮށޯންނަމުން ނޫރާ ބަލައިލީ ބައްޕަގެ މޫނަށެވެ.

"ބައްޕައަށް އެކަހަލަ ހަދިޔާއެއް ލިބިއްޖެއްޔާ ކިހިނެއްހަދާނީ؟" ނޫރާ އަހާލިއެވެ. ސާރިމްއަށް ހީވީ އޭނާގެ ދޫ ބަންދުވެފައިވާ ހެންނެވެ. ހިތްބުރަވެއްޖެއެވެ. އެފަށަކީ އެންމެ ފުރަތަމަ އޭނާއަށް ލިބުނު އަލަތު ހަދިޔާއެވެ.

"ނޫރާ ނޫރާ" ނޫރާގެ ފަހަތުން ދުވަމުން ސާރިމް ގޮވަމުން ދިޔައެވެ. ގަސްތަކުގެ ތެރޭގައި ދުވެފައި ދިޔަ ނޫރާ އަތުވީ އެމަގު ނިމޭ ހިސާބުގައި އޮތް ބޮޑު ތުނޑިއަށް ދެވުމުންނެވެ. ނޫރާގެ އަތުގައި ހިފާ މަގަތަށް އަނބުރާލި އިރު ވާރެ އާއި ހެދި ނޫރާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައްވަނީ ވަންހަނާވެފައެވެ. އެކަމަކު ގިސްލާއަޑު ހުއްޓެވެ.

ނޫރާގެ މުށުތެރެއަށް އެފަށް ލައިދެމުން ސާރިމް މައާފަށް އެދުނެވެ.

"އެއީ ކުށްހީއެއް ނަމަ އަހަންނަށް މައާފުކުރޭ،" ހާމައަށް ތުނޑީގައި ބޫން އަޅާފައި އިވެމުން ދިޔައީ ކަނޑުން އައި ގަދަ ވައިރޯޅިތަކުގެ އަޑެވެ. ވާރޭގެ ފިނިކަމާ ހެދި ނޫރާގެ ދަތްޕިލަ ތެޅޭއަޑު އިވެއެވެ. ނޫރާ ދެއަތްތިލައިން މޫނު ފޮރުވާލަމުން ފެށީ ރޯށެވެ. ސާރިމްއަށް ހީވީ ބިންގަނޑުގައި އޭނާގެ ދެފައި ތަތްލެވިހެންނެވެ. އެފަށް އަނބުރާ ރައްދުކޮށްފައި ގެއަށް ދާން ހިތުލި މީހާއަށް ހުރެވުނީ ނޫރާ ފެނި ދާން ނޭނގިފައެވެ.

ނޫރާގެ ގައިގައި ސާރިމްއަށް ބައްދާލެވުނެވެ. އެއީ ދުވަހަކު ވެސް އަންހެން ކުއްޖެއްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާލި މީހެއް ނޫނެވެ. އެފަދަ އިހްސާސެއް އޭނާގެ ހިތުތެރޭ ނުވެސް އުފެދެއެވެ. ނޫރާ ރޯތަން ފެނި އޭނާގެ ހަރު ހިތް މަޑުވެގެން ދިޔައެވެ. ސާރިމްގެ މޭގައި މޫނު ޖައްސާލައިގެން ހުރެ ނޫރާ ހިތްފުރޭ ވަރަށް ރޯން ފުރުސަތު ދިނެވެ. އެންމެ ފަހަރަކު ވެސް ހުއްޓާލާށެކޭ ނުބުނެއެވެ.

އޭގެ ބައިގަޑިއިރެއްހާއިރު ފަހުން އެ ދެމީހުން ތިބީ ވެއްޓިފައި އޮތް ރުކެއްގެމަތީ އިށީދެލައިގެންނެވެ. ވާރެ އާއި ތެމި ފޯވެފައި ތިބުމުން ދެމީހުން ވެސް ތިބީ ހީކަރުވައިގެންފައެވެ. އެކަމަކު ގެއަށް ދާ ޚިޔާލު ނެތެވެ. ސާރިމް ހިމޭނުން އިދެ ނޫރާ ކިޔައިދިން ވާހަކަތައް އަޑު އަހަމުން ދިޔައެވެ. އަބަދު ވެސް އޭނާއަށް ފެނުނީ ނޫރާ ކޮންމެ ވެސް ފިރިހެނަކާއެކު ވަލުން ނޫނީ އޮޑި ހަރުގެއަކުން ނުކުންނަ ތަނެވެ. ނޫރާ ކިޔައިދިން ގޮތުން ނަމަ އެއީ އޭނާއަށް އޮތް ގޮތެވެ. އޭނާ އަށް ވަނީ އެމީހުންގެ އުދަނގޫ ޖެހިފައެވެ.

އެންމެ ފުރަތަމަ އޭނާގެ އުމުރުން ދިހަ އަހަރުގައި ބައްޕަގެ ޖިންސީގޯނާގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިގެން އެ ވާހަކަ މަންމަ ކައިރީ ބުނިރޭ ނެރުނީ ގެއިންނެވެ. އެރޭ އަސްކަނިދޮށުގައި އިންދާ މިސްކިތަށް ދަމުން މުދިންބެ ގޮވާލުމުން އޭނާ ދިޔައީ މަންމަގެ ފަރާތުން ނުލިބުނު ހިމާޔަތް ލިބޭނެ ކަމަށެވެ. ގޭ ބޭރުގައި ހުރީ ކީއްވެތޯ މުދިންބެ ސުވާލުކުރިއެވެ. މަންމައަށް ކިޔައިދިން ފަދައިން އެވާހަކަ އޭނާ އެމީހާއަށް ކިޔައިދިނެވެ. އެކަމަކު އަނެއްކާ ވެސް ތަކުރާރުވީ އެންމެ ކަމެކެވެ. އެބިރުވެރިކަމުން ސަލާމަތްވެ ގެއަށް އައިސް މަންމަ ކައިރީ ރޮއި އާދޭސް ކުރުމުން ގޭތެރޭގައި ހުޅު ފަޅައިގެން ދިޔައެވެ. މަންމަ އާއި ބައްޕަގެ ޒުވާބަށްފަހު އެވާހަކަ ރަށުތެރެއަށް ފެތުރުނީ ހިކިފަންގަނޑެއްގައި އަލިފާން ހިފާ އުސޫލުންނެވެ. އެވަރުން ވެސް އޭނާއަށް އިންސާފާއި ރައްކާތެރިކަން ލިބުނީކީ ނޫނެވެ. ކޮންމެ ކޮންމެ ފިރިހެނަކު ވެސް އޭނާ އާއެކު އެކަހެރިވަނީ އެފަދަ އުފާވެރި ކަމަކަށެވެ. އެމީހުންގެ ހިތްތައް ފުރި ބަންޑުންވާއިރު ނޫރާގެ ހަށިގަނޑަށް ލިބެނީ ތަދާއި ރިހުމެވެ. އެކަން ތަކުރާރުވަމުން އައިސް މިހާރު އާދައަކަށްވެއްޖެއެވެ.

އެ ހުރިހާ ވާހަކައަކަށްފަހު ސާރިމްއަށް އިހްސާސްވީ ލޯބިން މަހްރޫމްވެ ބޮޑުވަނީ ހަމައެކަނި އޭނާ ކަހަލަ މިސްކީނުން ނޫން ކަމެވެ. މައިންބަފައިން ދުނިޔޭގައި ހުރެ ވެސް ލޯބިން މަހްރޫމްވެ ބިކަވެދާނެކަމެވެ. އޭނާ ނޫރާގެ އަތުގައި ހިފިއެވެ.

"އަހަންނާ އިންނަން ކެރޭނެތަ؟" ސާރިމް އިތުރަށް ވިސްނާކަށް ނުހަދައެވެ. އޭނާ ދެކޭގޮތުގައި އޭގައި ނޫރާގެ އެއްވެސް ކުށެއް ނެތެވެ. ވީއިރު އޭނާ ނޫރާ ބަލައި ނުގަންނަންވީ ސަބަބެއް ނެތެވެ. ސާރިމްއަށް ޖަވާބެއް ނުދީ އަނެއްކާ ވެސް ނޫރާ ފެށީ ރޯށެވެ. އޭނާ ކަހަލަ އަންހެން ކުއްޖަކާ އިންނާނެ މީޙަކު ނުވާނެ ކަމަށް ވިސްނިފައިވަނިކޮށް ސާރިމްގެ ފަރާތުން ލިބުނު ހުށައެޅުމާއެކު ނޫރާގެ ޖަޒްބާތުތައް ކޮންޓްރޯލް ނުކުރެވުނެވެ. ސާރިމްގެ ގައިގައި ބައްދާލަމުން އޭނާ ބޯޖަހާލިއެވެ. އެރޭ އެ ދެމީހުން ވަކިވިއިރު އެފަށް އޮތީ ސާރިމްގެ އަތުގައެވެ. ނޫރާގެ ފަރާތުން ދެވޭ އެންމެ އަގުބޮޑު އެއްޗަކީ އެއީކަމުގައި ބުނެ ސާރިމްއަށް ދިނީ ހަދިޔާއެއްގެ ގޮތުގައެވެ.

ޝެރީން މާގަނޑުގެ ދޮށުގައި ހުރެ ފެންވަރަމުން ދިޔައިރު އިރުކޮޅުކޮޅާ މުޅި ކަނދުރާގައި އަތް އުނގުޅާލެވެއެވެ. އަދިވެސް އޭނާއަށް ހީވަނީ އެތަނުގައި ޒައިންގެ ވަސް ހުރެދާނެ ހެންނެވެ. އޭނާގެ ކަންފަތްދޮށުގައި ވާހަކަ ދައްކާފައި ޒައިން އެންމެފަހުން އޭނާގެ ކަނދުރާއަށް ބޮސްދިނެވެ. އެވަގުތު އައި ރުޅިން ޒައިންގެ މޫނުގެ ދެފަރާތުގައި ދެފަހަރު ޖަހާލެވުނެވެ. ޒައިން ހެމުން ހެމުން ނިކުމެ ދިއުމުން އައިސް ފެންވަރަން ފެށި ފަހުން ވިއްސަކަށް މިނެޓްވާއިރު ވެސް ޝެރީން ނިންމާލަން ބޭނުންނުވީއެވެ. ކަނދުރާމަތީ އަތް އުނގުޅަމުން ޝެރީންއަށް ރޮވުނެވެ. އެވަގުތު އޭނާގެ ކަންފަތްދޮށުގައި ގުގުމައިގެންހެން ހީވަނީ ޒައިން ސާރިމް އާއި ބެހޭގޮތުން ބުނި އެއްޗެކެވެ.

"ޝެރީންއަށް ކިހިނެއް އެނގެނީ ސާރިމް ވެސް އުޅެނީ މިހެން ނޫން ކަމެއް؟" ޝެރީންއަށް ހީވީ ހަށިގަނޑު ރޫރޫ އަރަން ފެށިހެންނެވެ. (ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟