ވާހަކަ

ނޫރާ - 10

އޭގެ މަތި ގަނޑު ވަކިވުމާއި އެކު އޭގެން ބުރައިގެން ދިޔައީ ތަނޑުތަކެވެ. ދެން އަނގޮޓިތަކާއި އެހެން ގަހަނާތަކެވެ. އޭގެތެރެއަށް ނޫރާ ފޮރުވަން ލީ ފަށް ވިއްސައިގެން އައިސް ޖެހުނީ ސާރިމްގެ ފައިބުޑަށެވެ. ސާރިމް ގުދުވެފައި އެފަށް ނެގިއެވެ. އޭނާއަށް ހީވީ ބޮލުގައި ބަރު އެއްޗަކުން ޖަހައި ފިސްކޮށްލިހެންނެވެ. އޭނާގެ އިނގިލިތައް ތުރުތުރުލާންފެށިއެވެ.

ލުއި ހިނިތުންވުމެއްގެ އަޑު ކަންފަތް ދޮށުގައި ގުގުމައިލިއެވެ. ސާރިމްއަށް ބަލައިލެވުނެވެ. އޭނާގެ ކައިރީ ކޮޅަށް ހުރީ "ނޫރާ" އެވެ. އެފަށާއި ދިމާލަށް އަތްދިއްކޮށްލައިގެންނެވެ. ކަޅުފޮއިރެއަކަށްވުރެ އަނދިރި އިސްތަށިގަނޑު ވައިގެތެރޭ ވިހުރެމުން ދިޔައެވެ. އެ ހަތަރުފާރުގެ އެތެރޭގައި ޖެހެނީ ކޮންކަހަލަ ވަޔެއްކަމެއް ނޭނގެއެވެ. ސާރިމްގެ މޫނަށް ލޯތްބާއި އެކު ބަލަންހުރިއިރު މަޑުމަޑުން ދެލޯ ފުރެމުން ދިޔަކަން އެނގެއެވެ. އެހެންވިއަސް ލޭކުލައިގެ ތުންފަތުގައިވި ހިނިތުންވުމަށް ފަނޑުވުމެއް ނެތެވެ. އޭގެ ހެއްކަކީ ދެކޮލުގައި އަޑިވެފައި އިން ތަންކޮޅެވެ.

"ސާރިމް" ޝެރީންގެ އަޑަށް އެ ހުވަފެނުގެ ތެރެއިން ސާރިމްއަށް ނުކުމެވުނެވެ.

"ނޫރާ" އެ ދެއަކުރަށް ބާރުލައި ސާރިމްއަށް ކިޔުނެވެ. އޭނާގެ ކުރިމަތީގައި ހުރި ޝެރީންއަށް އެއްވެސް ކަމެއް ފަހުމްނުވިކަމަށްޓަކައި ހިތާއި ހިތުން ޝުކުރު އަދާކުރެވުނެވެ. އޭނާގެ ދުލުން އެ ނަން ބޭރުވީ އިޚްތިޔާރުން ބޭރުންނެވެ.

"ނިދާފައި." ޝެރީން ފަހަރަކު ގަހަނާއެއް ހޮވާފައި އައިސް އެފަށުގައި ހިފަމުން ބުނެލިއެވެ. އޭނާ ހީކުރީ އެމީޙުންގެ ދަރިފުޅާއި ބެހޭގޮތުން ސާރިމް އެއްޗެއް ބުނަން އުޅެނީކަމަށެވެ. އެކަމަކު ނޫރާއަށް ނިދިފައި އޮތްކަން ހަނދާންކޮށްދިނެވެ. ޝެރީން ކިޔައިދިނީ އެފަށަކީ ނޫރާއަށް ސާރިމްކިޔާ ރައްޓެއްސަކު ދިން އެއްޗެއް ކަމެވެ. އަދި ބޭއްވިފައި އޮތީ ރައްދުކޮށްދޭނަމޭ ހިތާއެވެ.

ޝެރީން ގޮސް ގަހަނާފޮށި ބަހައްޓާފައި އެނބުރި އައީ ޗެކު ހިފައިގެންނެވެ. ސާރިމްއަށް ދިއްކޮށްލުމުން އޭގައި ހިފުމުގެ ބަދަލުގައި މަޑުމޮޅިވެފައި އިންތަން ފެނުމުން ސާރިމްގެ މުށުތެރެއަށް ޗެކު ލައިދިނެވެ. ސާރިމްގެ މިޒާޖަށް އައި ހިމޭންކަމުގެ ފަހަތުގައިވަނީ ޝެރީންގެ ފަރާތުން އެހީއަށް އެދެންޖެހުމުން ގަންނަ ލަދުވެތިކަންކަމުގައި އޭނާއަށް ހީވިއެވެ. އިތުރު ސުވާލެއްނުކޮށް ޝެރީން ގޮސް އެނދަށް އަރައި އޮށޯތެވެ. ސާރިމް އެ އިންގޮތަށް އިނެވެ. އޭނާއަށް ހޭލެވިފައިވިއަސް މަޑުމަޑުން ސިކުނޑި ގެނބެމުން ދިޔައީ މާޒީގެ ތެރެއަށެވެ.

** **

ސާރިމް ގޮސް ގަސްދޮށުގައި އިނީ މިއަދުވެސް ގޭތެރެއިން އިވުނު ބަސްތަކުގެ ސަބަބުންނެވެ. އަތުގައި އޮތް ހޯލިކޮޅުން ބިންމަތީގައި ތަޅައި ތޮރުފަމުން ދިޔައިރު އެއީ އޭނާގެ ހިތަށް އެމީހުންގެ ބަސްތަކުން ލިބުނު ޒަޚަމްތައްފަދައެވެ. ސައިބޯން އިނދެފައި އިތުރު ރޮއްޓެއް ދޭން ބުނުމުން ފާއިޒު ކުދިކިޔަން ފެށިއެވެ. ޚަރަދުބޮޑުވެގެން ގޮސް ދެކޮޅު ނުޖެހޭ ވާހަކައެވެ. އެންމެފަހުން ބަނޑުހައިކަމާއި އެކުވެސް ސުފުރާމަތި ދޫކޮށްފައި ސާރިމް ތެދުވެ ގެއިން ނިކުތެވެ. މިއީ މުޅިން އަލަށް ހިނގިކަމަކަށްނުވާތީ އާއި ދެންތިބި ކުދިންނަށް މާބޮޑުކަމަކަށްނުވާތީ ސާރިމް ހުއްޓުވަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. އެގެއާއި މާދުރަށް އާދެވި އެގަސްދޮށުގައި އޭނާ އިށީނެވެ.

އިރުގެއަލިކަން ފިލައި ރޭގަނޑުވީއިރުވެސް ހަމަ އެތަނުގައި އޭނާ އިނެވެ. އަމިއްލަ ނަޞީބާއި މެދު ޝަކުވާ ކުރަމުން ދިޔައީ އަމިއްލަ ހިތާއެވެ. އެހިތް ކުދިކުދިވެ ވެއްޔަށްވެ ދިޔަޔަސް އެކަން އޭނާގެ ދެލޮލުން ނުދައްކަން އިން އަޒުމް ވަރަށް ކާމިޔާބެވެ. ބައްޕަ ނިޔާވި ދުވަހު ކަންފަތުގައި ހިފާ ރުއިމަކީ ފިރިހެނުން ކުރާނެ ކަމެއް ނޫނޭ ބުނި ހަނދާން ހުންނާތީ އޭނާ ކަރުނައިގެ މައްޗަށް ކުރި ހޯދަނީ އެ ބަސްތަކުންނެވެ.

ގަހުގެ ހިޔަނި ދިގުވެގެންގޮސް މުޅިތަން އަނދިރިވެގެން ދިޔައެވެ. އުދަރެހުގައި އެންމެ ވިދުމެއްވެސް ނެތެވެ. ތަރިތައް ފޮހެވިގެންދިޔައީ އޮއްސުނު އިރާއި އެކު މަޑުމަޑުން ފެތުރެމުން ދިޔަ ފުސްވިލާތަކުގެ ސަބަބުންނެވެ. ހިސާބެއްގެ ރަތްކަމެއް ވިލާތަކުގައި ހުއްޓެވެ. އެއީ ބޯކޮށް ވާރޭވެހެން އުޅޭކަމުގެ ނިޝާނެވެ. ކަނޑުންޖެހޭ ރޯޅީތަކުގައި ފިނިކަން ގަދަވާންފެށިއެވެ. ހައިބަނޑާ އިން ސާރިމް ތުރުތުރުލާންފެށިއެވެ. ފިންޏާއި ހަނގުރާމަކުރާނެ ހިތްވަރު އެ ހަށީގައި ނެތެވެ.

ކުއްލިއަކަށް ސާރިމް ސިއްސައިގެން ދިޔައީ މޫނަށް އެޅުނު ދޮން އައްޔެއްގެ ސަބަބުންނެވެ. ޓޯޗުގެ ގަދައަލީގެ ސަބަބުން ލޯ ނުހުޅުވިގެން ސާރިމް ދެއަތް އުފުލައި މޫނު ނިވާކޮށްލިއެވެ.

"ޤަމާރެއްތަ؟ ގުގުރިޖަހާއިރުވެސް ގަސްދޮށުގައި." އަންހެންކުއްޖެއްގެ އަޑު އިވުނެވެ. ޓޯޗުގެ އަލިހުރިގޮތުން ކިރިޔާ އެކުއްޖާ ގެ މޫނު ފެންނަކަމެވެ. އެއީ ކާކުކަން އެނގުމާއި އެކު ޝައުޤުވެރިކަމެއްނެތި ސާރިމް ތެދުވެ އުޑާއި ދިމާލަށް ބަލައިލިއެވެ. އޭނާގެ މޫނާއި ދިމާލަށް އަންނަ ވާރޭގެ ތިކިތައް ފެނުމުން ދެލޯ މަރާލައިގެން ހުރެވުނީ އެތިކިތަކުން މަރުޚަބާކިޔަންދެންނެވެ.

"ބޮލުގައި އެއްޗަކުން ޖެހީމަތަ ގެއަށް ވަންނާނީ؟" ނޫރާގެ އަޑަށް އަނެއްކާވެސް ސާރިމް ބަލައިލިއެވެ. މި އަންހެންކުއްޖާއަށް އޭނަ އެތަނުގައި އިނަސް ޖަހާއި ގުގުރި އާއި އެކު އަޅާ ހޮނަށް ވިރިގެން ދިޔަޔަސް ކޮންކަމެއްހެއްޔެވެ؟ އެހުރިހާ ކަމަކާއި ވިސްނާ މީހާވެސް މިހުރީ ގެއަކުވެސް ނޫނެވެ.

"ކަލެއަށް ކީއް؟" ސާރިމް ހިނގައިގަތެވެ. އޭނާގެ ތަބީއަތް އިތުރަށް ޚަރާބުވުން ނޫންކަމެއް ނުވިއެވެ.

"މަށަށް ކަމަކަށްވާތީ އެއްނު މި އައީ. ގަހުގެ ގޮފިތައްހީވަނީ ދެންމެ ދެންމެ ބޮލަށް ވެއްޓިދާނެހެން. ދާންއުޅޭ ގެއަށް." ރަށުގެ ބަހުރުވައިން ނޫރާ ވާހަކަ ދެއްކިއެވެ. ސާރިމް ހުއްޓުނެވެ.

"މިރެއަށް ފިރިހެނަކު ނުލިބުނީ؟" ނޫރާ އާއި ދިމާލަށް ބަލަންހުރެފައި ސާރިމް ބުނެލިއެވެ. އޭނާ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. އެހެން ނޫންނަމަ ނޫރާ އޭނާގެ ފަސްފަހަތުން އަންނަންވީ ކީއްވެކަމެއް ނޭނގެއެވެ. ނޫރާގެ މޫނު ފެނުމާއި އެކު ވީ ފޫހިން ދެން ބޭނުންވީ ވީ އެންމެ އަވަހަކަށް ގެއަށް ވަންނާށެވެ. އޭނާގެ ފަސްފަހަތުން އަވަލާފައިހުރި ޖިންނިއެއްހެން ނޫރާ ނައިސިއްޔާ ވީއޭ ހިތަށް އެރިއެވެ.

ސާރިމް ފަސްދީފައި މާދުރަށް ގޮސް ބަލައިލިއިރު ފެނުނީ އެ ފިޔަވަޅުމަތީ ނޫރާ ހުއްޓިގެން ހުރިތަނެވެ. އޭރު ހިމަފޮދުވާރޭ ވެހެމުން ދިޔައެވެ. ވައި އިންތިހާއެވެ. އޭނާ ކައިރީ ތޫފާންގެ ބިރުވެރިކަމުގެ ވާހަކަދައްކާފައި ހިޔާވަހިކަން ހޯދަން ބުނި ކުއްޖާ އެހުރީ އެ ފިޔަވަޅުގެ މަތީގައެވެ. ސާރިމް އެނބުރި އައިސް ނޫރާގެ އަތުގައި ހިފިއެވެ.

"ގެއަށް ދާން ނުވަނީ؟" ސާރިމް ހިނގައިގަންނަން އުޅުމުން ނޫރާ ގަދަހަދާލިއެވެ.

"އެންމެންވެސް ހީކުރީ އެއްގޮތަކަށް." ނޫރާގެ އަޑު ހުރީ ކުރަކިވެފައެވެ. ޓޯޗު ތިރިކޮށްލައިގެން ހުރުމުން އެ މޫނު މާ ރަނގަޅަކަށް ނުފެނެއެވެ. ސާރިމް ހިތަށް އެރިއެވެ. ނޫރާ މި ދައްކާ ވާހަކަ އޮޅުންފިލުވުމުގެ ޝައުޤުވެރިކަން އުފެދުނެވެ.

"ކީކޭ؟" ސާރިމްގެ ކުރު ސުވާލާއި އެކު ނޫރާ ބަންޑުންކޮށްލީ އެތައް ޝުއޫރެކެވެ.

"އެންމެންނަށްވެސް ހީވަނީ އަހަރެން މިއީ ހަވަރު ތުންފުއްސެކޭ.." ނޫރާ ރުޅި ހަދާލިއެވެ. ސާރިމްގެ އަތުން އޭނާގެ އަތް ފޮޅާލާ މިނިވަންވެގަތެވެ.

"ދެން ކޮބާ ހަޤީޤަތަކީ؟" ނޫރާ ކޮންމެ ޖަވާބެއް ދިންކަމުގައި ވިއަސް ސާރިމްއަށް ޤަބޫލުކުރަން ފަސޭހައެއް ނުވާނެއެވެ. އޭނާގެ ލޯ ކުރިމަތީ ފެނުނު މަންޒަރުތަކުގެ އަދަދު ދެއަތުގެ އިނގިލިތަކުން ގައިމު ގުނާ އަދަދު ނުކުރެވޭނެއެވެ.

"އެމީހަކަށް ހީވާ އެއްޗެއް ހީކޮށްލާ." އަތް ގެނެސް އަނގަމަތީ އަޅާލާފައި ނޫރާ ދުއްވައިގަތެވެ. ޓޯޗުގެ އަލި އެޅެމުން ދިޔައީ ދުވެފައި ދާއިރު ނޫރާ އަތް ހަރަކާތްކުރާ ދިމާލަކަށެވެ. އަނެއްކާވެސް ކަނު އަނދިރިކަން ސާރިމް ވަށާލިއެވެ. އޭނާ ހިނގައިގަންނަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ ބިންމަތިން ރަން ވިދުމެކެވެ. ގުދުވެފައި ނެގިއިރު އެއީ ރަންފަށެކެވެ.

** **

އެފަށް ފެނުމާއި އެކު ސިކުނޑީގެ މިސްރާބު ބަދަލުވެ މާޒީގެ އެއް ސޮފްހާ ލޯކުރިމަތީ ސިފަވެގެން ދިޔައެވެ. މާ ފުނަށް ދަތުރުކުރެވުމުގެ ކުރިން ސާރިމް ތެދުވެއްޖެއެވެ. އެއީ އޭނާގެ ޚިޔާލާއި ފިކުރު ހިންގަން ގަސްތުކުރާ ދިމާލެއް ނޫނެވެ. އެއީ އޭނާއަށް ލިބެން އޮތް ހިތްހަމަޖެހުން ގެއްލިދާނެ ސަބަބަކަށް ވެދާނެއެވެ،

ޝެރީން ހެނދުނު ހޭލައިގެން ނިކުންއިރު ހިމްނާ އިނީ ސޯފާގައި ދެފައި އަރުވައިގެން ފޯނާއި ކުޅޭށެވެ. ޝެރީން ފެނުމާއި އެކު ފުންމައިގެން ތެދުވެގެން އައިސް ޝެރީންގެ އަތުގައި ހިފާ ވެއްދީ ކޮޓަރިއަށެވެ.

"ރޭގައި ޒައިން ކީކޭތަ ކީ؟"

ހިމްނާ އަހާލިއެވެ. ޝެރީން އެވާހަކަ ކިޔައިދީ ހަމަ ނިމުނުތަނާއި ހިމްނާ ކިޔައިދެން ފެށީ ޝެރީންއަށް ނުލިބިފައިވާ އެތައް ސުވާލެއްގެ ޖަވާބެވެ.

"އެއްރެއަކު ކޮލެޖު ނިންމާފައި އަންނަނިކޮށް ދިމާކޮށްލައިފި، ބުނި އޭނަ ބުނާ ކަމެއް ނުކޮށްފިއްޔާ މަރާލާނަމޭ، އެހެންކިޔާފައި ޖެއްސީ ގުޅަން.، ޝެރީންގެ ރަށަށް ދާ ވާހަކަ ދެއްކީ އޭނަ ބުނެގެން، އެރޭ ދިޔައީ އަހަރެންގެ ފޯނު ހިފައިގެން، ދަމުން ބުނި ޝެރީންއަށް އަންގައިފިއްޔާ ނިމުނީއޭ، ދެން މިރަށަށް އާދެވެންދެން އޭނަ ހުންނަނީ މަ ފާޚާނާއަކަށް ވަނަސް ފާރައަށް، އެހެންވެ ހިތަށް އެރީ މިކަމެއް ނިމޭނީ މިރަށަށްވެސް އައިސްގެންނޭ. ޝެރީން، ވަރަށް ބޮޑަށް ސޮރީ،" ހިމްނާ ދެކަންފަތުގެ ފޫޅުގައި ދެ އިނގިލިކުރިން ހިފާލާފައި މަޢާފަށް އެދުނެވެ.

"ހިމް، ޔޫ ކެން ސްޓިލް ސޭވް މީ" ޝެރީން ވިސްނާފައި ފެށިއެވެ. ދެކޮނޑު އަރުވާލާ ގޮތަކަށް ހިމްނާ ހަދައިލީ އަސްލުގައިވެސް ޝެރީން ސަލާމަތްކުރުމުގައި އޭނާގެ ރޯލެއް އޮތްކަން ނޭނގޭތީއެވެ.

"އޭނަގެ ފޯނު އަހަރެންގެ އަތަށް ގެނެސް ދީ." ޝެރީން ބޭނުންވަނީ ޒައިންގެ ފޯނުގައި ހުރި އޭނާގެ ފޮޓޯތަކާއި ވީޑިޔޯތައް ޑިލީޓްކުރާށެވެ. އަޅުވެތިކަމުގެ ދަލުން މިނިވަންކަމުގެ އަމާން އައްސޭރިއަކަށް ފިނި ނޭވާއެއް ލުމުގެ އިޚްތިޔާރު ލިބޭނީ އޭރުންނެވެ.

"ވިލް ޓްރައި، ހީވޭތަ އެ އެވިލް އެހާ ފަސޭހައިން ލުއި ދޭނެހެން" ހިމްނާ އުކުޅުވަޅުގައި އަތް ވިއްދާލަމުން ބުނެލިއެވެ.

** **

ނުސްރާ ސައިހަދައި ނިމެންދެން ހިމްނާ އާއި ޝެރީން ތިބީ ގޯތިތެރޭގައި ހުރި އުނދޯލިތަކުގައެވެ. ދުރުގައި ކުޅެން ނޫރާ އިނެވެ. ޒައިން އަދި ހިއްލާނުލާތީ އެދެމީހުންނަށް ހިތްހަމަޖެހޭވަރަށް ޒައިންގެ މަސްނޮޅައި ކެވުނެވެ. ޒައިންއަށް ފިލާވަޅެއް ލިބޭވަރުގެ މޮޅު ރޭވުންގަނޑެއް ރޭވުނެވެ.

އެވާހަކައިގައި ތިއްބާ ދޮރާށި ހުޅުވާފައި ވަނީ ރަމްލާއެވެ. އޭނާ މިއަދުވެސް އައީ ޝެރީންއަށް އެގޭގައި ހެދި ސައިގެ ރަހަ ދައްކާށެވެ. ރަމްލާ ފެނުމާއި އެކު ޝެރީން ހިނގައިގަތެވެ. ރަމްލާގެ ފަސްފަހަތުން ވަން ސާރިމް އަށް ނޫރާ ފެނުމުން ދުވެފައި ގޮސް ހުއްޓުނެވެ. ރަމްލާ ދިން ތަށި ހިފައިގެން ގޮސް އެތެރެއަށް ވަދެފައި ނިކުތީ ރަމްލާ އާއި ހަވާލުކުރަން ފަށް ހިފައިގެންނެވެ.

އެ ފަށް ރައްދުކުރުމުން ރަމްލާއަށް ޖަޒްބާތުތައް ކޮންޓްރޯލް ނުކުރެވުނެވެ. އޭނާ ހިތްހަމަނުޖެހުނީ ސާރިމްދެކެއެވެ. އެފަށް ސާރިމްއަށް ލިބުނު ގޮތަކާއި ބެހޭގޮތުން ރަމްލާ އެހީ ހަމަ އެވަގުތެވެ. ކަމެއް ހިނގައި އެވަގުތުގައި ސުވާލުކުރުމުން ކުދިން ގިނަ ފަހަރު ދޭނީ ދޮގުޖަވާބުކަން ޤަބޫލުކުރެވޭތީ ޝެރީން އެދުނީ އަޅާނުލުމަށެވެ. އެކަމަކު އެ އަޑު ނާހާ ރަމްލާ ހުއްޓައިލީ އެފަށް ލިބުނުގޮތް ހޯދައިގެންނެވެ. އެއީ ބަންދުކޮށްފައިވާ ކޮޓަރި ހުޅުވި ދުވަހު ސިއްރުން ވަން ސާރިމްއަށް ފެނުނު އެއްޗެކެވެ. ފޮޓޯ ފްރޭމް ރީތިކުރަން ހުރި ރަމްލާއަށް ނުފެންނަހެން އެފަށް ނަގައި ސާރިމް ނިކުތީ ނޫރާއަށް ހަދިޔާއެއް ދޭނަމޭ ހިތާއެވެ.

ބަދިގެއިން ތަށިތަކެއް ތަޅައިގެން ދިޔަ އަޑު އިވުނެވެ. ވީގޮތެއް ބަލަން ޝެރީންއަށް ދެވުނެވެ. އޭނާއަށް ފެނުނީ ތަށިތައް ތަޅައިގެން ދިއުމުން އެކަމުގެ ޝޮކެއްގައި ހުރި ނުސްރާއެވެ. އަމިއްލަ ގޭ ނޫންވިމައި ނުސްރާގެ މޫނުމަތިން ކަންބޮޑުވުން ފެންނަންހުއްޓެވެ. ގިނަ ފަހަރު އަގުބޮޑު އެއްޗެއް ހަލާކުވެއްޖެނަމަ އުނިވެގެންދާނީ މަހު މުސާރައިންނޭ ހިތާ ނުސްރާ ކަންބޮޑުވެދާނެތީ ޝެރީން ވިސްނައިދެން ފެށީ ތަށިތަކުގެ ބަދަލު ބޭނުމެއް ނޫނޭ ކިޔާފައެވެ.

"ހާދަ ހެޔޮބޮޑޭ"

އެތަނުގައި ޒައިން ހުރިކަން ޝެރީންއަށް ރެއަކާއިލީ ދެނެވެ. ޒައިން ހުރީ އައިސް އަލަމާރިކައިރީ ފެންބޯށެވެ.

(ނުނިމޭ)