"އެހެންވިއްޔާ އެނގިފައެއްނު އޮންނާނީ ހިމްނާގެ ފަރާތުން އަހަރެން އޮޅުންފިލުވަން ބޭނުންވި މައުލޫމާތު، ޒައިން ބުނެބަލަ، އަހަންނާއި ހަމަޔަށް އަންނަން ހިމްނާ ނޫން މީހަކު ނުފެނުނުތަ؟" ޝެރީން ހުއްޓައިލީ ޒައިން ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާ ހިމޭންވާން އަމުރުކޮށްލީމައެވެ. ޝެރީންގެ ދުލުން ދެތިން ޖުމްލައެއް ކިޔުންތަނާއި ޒައިން ގިނަ ހިލަ ދަތުރުކުރާ ހަލުވިމިނުގައި އައިސް އެދެމީހުންގެ ދުރުމިން ކުޑަކޮށްލިވަރުން ދެން އެދެމެދުން ވައިރޯޅިއަކަށްވެސް ދަތުރުކުރެވޭނެހެން ހިއެއް ނުވެއެވެ.
"ދޮރު ހުޅުވާނީ ތަޅުދަނޑިއަކުން ނޫންތަ؟" ޝެރީންގެ ތުންފަތުގައި ޒައިންގެ އިނގިލިން ފިރުމާލިއެވެ. އެއަޑުގައިވަނީ އަރާމެއްގެ ތެރެއަށް ގެނބެމުން ދިޔަ މަސްތުކަމެއް އެކުލެވިފައެވެ. އޭނާގެ ނިޔަތް ސާފުވެގެން ދިއުމުން ޝެރީންއަށް ދެއަތުން އަޅައި ކޮއްޕާލެވުނީ ޒައިންގެ މޭގައެވެ.
"އަހަންނާއި ވާހަކަ ދެއްކޭނެ ދުރުގައި ހުރެގެންވެސް." ޝެރީން އަށް ބަލައިލެވުނީ ގޭތެރެއިން މީހެއްގެ ހިލަންވޭތޯއެވެ.
"ހާދަ ދުވަހަކު ދުރުގައިވެސް ހުރެފީމޭ." ޒައިން އިސްޖަހާލިއެވެ. އޭނާގެ ނަޒަރުހުރީ އަމިއްލަ އަތްތިލައަށް ހުއްޓިފައެވެ. އެއީ ދެންމެ ޝެރީންގެ ތުންފަތުގައި ފިރުމައިލެވުނު އަތްތިލައެވެ. އޭނާގެ އިނގިލިތަކުގައި ޝެރީންގެ ތުންފަތުގައި ހުރި ކުލަ ހޭކިފައި ހުއްޓެވެ.
"އަހަރެން މިހުރީ ޒައިން ނެތް މީހަކަށް ހަދައި ދިރިއުޅުމެއް ފަށާފައި، ސާރިމް އަކީ އަހަރެންގެ ފިރިމީހާ، އޭނަ އަހަރެން ދެކެ އިންތިހާއަށް ލޯބިވޭ، އަދި އޭނާގެ ވަފާތެރިކަމުގެ ބަދަލުގައި އަހަރެން ބޭނުމެއް ނޫން ބޭވަފާތެރިވާކަށް، ޒައިން އަށް އެންމެ ރަނގަޅުގޮތަކީ މިތަނުން ދިއުން،" ޒައިން އާއި ދިމާލަށް ޝެރީން ބަލައިލީ ގަނެފައިހުރި ބިރުގެ މައްޗަށް ހިތްވަރު ހޯދަމުންނެވެ. ދެންމެ ޒައިންގެ ފަރާތުން ފެންނަންހުރި އަސަރު ފިލައިގޮސް އެ މޫނުން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
"އަހަރެން އައީ ޝެރީން ދައުވަތު ދީގެންނެއް ނޫން، އަދި އަހަރެން އެނބުރި ދާނީ ޝެރީން ބުނެގެންނެއްވެސް ނޫން، އަހަރެންނާއި ބައްދަލުނުވެ ގިނަ ދުވަސްތަކެއްފަހުން ފެނުނު އިރު ހާދަ ގިނަ ބަދަލެކޭ އައިސްފައި ތިހުރީ، ޔޫ ލުކް ސެކްސީ، އަދި ތި އެޓިޓިއުޑް ދެކެ އަހަރެން އިންތިހާއަށް ލޯބިވެވިއްޖެ، ދެން ކިހިނެއް ދުރަށް ދާނީ، ވަފާތެރިކަމުގެ ވާހަކަ ދެއްކީމައި އަހަރެން އަޖައިބުވެއްޖެ، ޝެރީން އަލަތު ފިރިމީހާއަށް ދިނީ ކޮންއެއްޗެއް؟ ކައިވެނިކުރިއިރު އޭނާއަށް ދެވުނު ހަދިޔާއެއް އޮތްތަ؟ ތިވަރުގެ އަންހެނަކަށް ސާރިމް ކަހަލަ ފިރިހެނަކު އިތުބާރުކުރާނެހެން ހީވޭތަ؟ މޭބީ ހީ އިޒް ވިތު ޔޫ ބިކޯޒް އޮފް ޔުއަރ ޕްރޮޕަޓީ، ބަލަ މިހާރު އޭނަ ހުރި މަޤާމު، އެއީ ވަންނާނެ ތަނެއްނެތި ކެފޭއެއްގެ ތެރޭ ބިއްޖެހިފައި އިން ގޮލައެއް ނޫންތަ؟"
ޒައިންގެ ދުލަކީ ވިހައިން ފުރިފައިވާ ހަންޖަރެއްފަދައެވެ. އެ ދުލުން ބޭރުވި ކޮންމެ ލަފްޒެއް ޝެރީންގެ ކަންފަތަށް ފޯރީ ރުވާފައި ދޫކުރަމުން ދިޔަ ތީރުތަކެއްފަދައިންނެވެ. އޭނާގެ ނާޒުކު ހިތް ޒަޚަމްވެގެން ދިޔައެވެ. ކަރުނުން ހޫނު ކަރުނަ ފާއްދާލިއެވެ.
"ޒައިން. އިޓްސް އިނަފް، އަހަންނާއި ދިމާލަށް ޒައިންއަށް ބޭނުން އެއްޗެއް ކިއިދާނެ، އެކަމަކު ސާރިމް އާއި ގުޅުވައިގެން ތިކަހަލަ ބޭ އަދަބީ އެންމެ ލަފްޒެއްވެސް ބަރުދާސްތެއް ނުކުރެވޭނެ." ޝެރީންއަށް ރޮވުނެވެ. އޭނާ ބަލިކަށިކަން ގުޅިފައިވަނީ ސާރިމްގެ މައުސޫމްކަމާއިކަން އެނގުމުން ޒައިން އަށް ލިބުނީ އިތުރު ހަތިޔާރެކެވެ. ޝެރީން އަޅުވެތިކުރަން އޭނާގެ ދޫ އެކަނިވެސް ފުދޭކަން އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
"ހާދަ ހެއްވައޭ، އެކަމަކު އަމިއްލަ މާޒީގެ ކިލަނބުކަން ހަނދާންނައްތާނުލައްޗޭ، ސާރިމް ކަހަލަ ފިރިހެނަކު އުޅެން ހެޔޮވާވަރުގެ އަންހެނެއްވެސް ނޫނޭ ތިއީ، އޭނަ ކައިރީ ނިދަން އޮންނައިރު ހަނދާންކުރައްޗޭ އަހަންނާއި އެކު އުޅޭ ގޮތް." ޒައިން ފަޚުރުވެރިވެލާފައި ބުނެލިއެވެ. ޝެރީން ދާން ހިނގައިގަތުމުން އޭނާ ހުއްޓުވާކަށް ނޫޅެއެވެ. މިރެއަށް ވާވަރަށް އޭނާ ހިތްހަމަޖެހިއްޖެއެވެ.
** **
އޭނާގެ މާޒީ އަކީ ރޭގަނޑުގެ އަނދިރިކަމަށްވުރެ އަނދިރި އެއްޗެކެވެ. އޭގެ މަތިން ހަނދާންކުރިއަސް އޭނާއަށް ހީވަނީ ލޯކުރިމަތިން އެ ދުވަސްތައް ފެންނަހެންނެވެ. ޒައިންގެ އެކުވެރިންގެ ކުރިމަތީ އޭނާ ލައްވާ ކުރުވާ ކަންތައްތަކުގެ ތެރެއިން އެންމެ މަންޒަރެއް ސިފަވެގެންދިޔައެވެ. ސަފާރީއެއްގެ ތެރޭގައި އޭނަ ފިޔަވާ އިތުރު އަންހެނަކު ނުވެއެވެ. މޭޒުކައިރީ ޖަހާފައި ހުރި ހަ ގޮނޑީގައި ހަފިރިހެން އިށީދެތިބިއިރު އޭނާ އިނީ ޒައިންގެ އުނގުމަތީގައެވެ. އެމީހުންގެ ތެރޭގައި ޒައިންގެ އެއްވެސް ލަދެއް ނެތެވެ. ދައްކަމުން ދިޔައީ އެއްވެސް ޖެހިލުމެއްނެތި މިނިވަންކަމާއި އެކު ލޯބިވެރިއަކު ގެންގުޅެން ލިބިފައިވާތީ އެކަމުގެ ފަޚުރުވެރިވާ ވާހަކައެވެ. އަދި ޝެރީންގެ ތައުރީފް އެމީހުންގެ ކުރިމަތީ އޮއްސަމުން ދިޔައެވެ. އޭނަ އާއި އެކު އުޅެވޭނީ މިނިވަންކަން އޮންނަ އަންހެނަކަށޭ ބުނެލިއެވެ. އަދި އޭނާ ހިތްހަމަޖައްސައިދެން ކެރޭ އަންހެނަކަށޭ ބުނުމުން އެތަނުން އެކަކު ހިތްހަމަޖައްސައިދެނީ ކިހިނެއްހޭ އަހާލިއެވެ. ޒައިން އެމީހާގެ މޫނަށް ބަލައިލީ މުބާރާތެއްގެ ތެރެއިން ގޮންޖެހުމަކާއި ކުރިމަތިލާންޖެހުމުން އެ އަންނަ ޖޯޝުގައެވެ. ޝެރީންގެ ކަނދުރާގައި ޒައިން އަތް އަޅުވާލިއެވެ. ޝެރީންގެ މޫނު ގެނެސް އޭނާ ބޮސްދެން ފެށީ އެންމެންގެ ތެރޭގައެވެ. އޭރު އޭނާގެ ދެއަތުގެ ހަރަކާތް ހުރީ އެތަނުގައި ހުރެ ޣީރަތްތެރިކަން ހުރި މީހަކަށް ބަލަން ކެރޭ ދަރަޖައެއްގައެއް ނޫނެވެ. ބައެއްފަހަރު ޝެރީންގެ ހެދުން ކަޝްފްވެގެން ދިޔައެވެ.
"އަހަރެމެންނާއިވެސް ޝެއަރ ކޮށްލަންވާނެއެއްނު" އެކަކު ތެދުވެ އަމިއްލައަށް ގަމީހުގެ ގޮށްތައް ނައްޓަމުން އައިސް ޝެރީންގެ ގައިގައި އަތްލަން އުޅުމުން ޒައިން ހިފެހެއްޓީ އެމީހާގެ އަތުގައެވެ. އަނެއްއަތުން ޝެރީން ބާލުއްވާފައި ތެދުވެ އެމީހާގެ އަތް އަނބުރައިލީ ކޮނޑު ހުޅުން ނެއްޓޭހާ ބާރަށެވެ. ދެން އެތަނުގައި ހުރި މޭޒުގެ މައްޗަށް ގުޅައަކަށް ޖެހިޖެހީނުން މޭޒުއޮތީ ބިނދިގެން ވެއްޓިފައެވެ.
"މިއީ އަހަރެންގެ ހައްޤެއް." ޝެރީންގެ އަތުގައި ހިފާ ދަމައިގެންފައި ޒައިން ލައްކޮށްލީ އޭނާގެ މޭގައެވެ. އޭނާގެ ހަރުކަށި ޖުމްލަ މެދު ކެނޑުނުއިރު މުޅިތަން ހިމޭންވިއެވެ. މޭޒާއި އެކު ތިރިއަށް ވެއްޓުނު އެކުވެރިޔާ ކުކުރާ އަޑު މަޑުމަޑުން އިވި އިވި ހުއްޓެވެ. ޒައިން ދެކެ ބިރުން އެންމެން އިސްޖަހާލިތަން ޝެރީންއަށް ފެނުނެވެ. އޭނާ ހުރީ ޒައިންގެ ނޭވާ ފޯރާ ހިސާބުގައެވެ. ވެއްޓިފައި އޮތް މީހާއަށް ސިއްރުން ބަލައިލެވުނެވެ. ޝެރީންގެ ހިތުގައި އޮތް ބިރުވެރިކަން އަނެއްކާވެސް ވީ އިތުރެވެ. އެއީ ޒައިން ނުރުހުންވެއްޖެނަމަ ކަން ކުރާ ގޮތެވެ. އަނިޔާވެރިކަން ޝެރީންއަށް ވަނީ ފެނިފައެވެ. ތަހައްމަލުކުރެވިފައެވެ. ޒައިން އަށް ނޫނެކޭ ބުނަން ނުކެރޭ ހަމަ އެކަނި ސަބަބަކީ އެއީއެވެ.
** **
"ޝެރީން"
މޫނަށް ދެއަތުން ފެންގޮއްޓެއް ޖަހާލިވަގުތު ފާޚާނާ ދޮރުގައި ޓަކިދިން އަޑާއި ސާރިމް އޭނާގެ ނަމުން ގޮވާލި އަޑު އައީ އެކު އެކީގައެވެ. ފެންއިސްކުރު ބަންދުކޮށްފައި ޝެރީން ޖެހިލީ ތުވާލި ކައިރިއަށެވެ. ސާރިމް ދެވަނަ ފަހަރަށް ގޮވާލި އަޑު އިވިފައި ޝެރީން ގަދަކަމުން ނޭވާއެއް ދޫކޮށްލިއެވެ. ޖަވާބު ދިނުމުގެކުރިން އޭނާގެ އަޑުގައި އެއްވެސް ނުތަނަވަސްކަމެއް ނުވާކަން ދައްކަން ޝެރީން ބޭނުމެވެ.
"ކިހިނެއްވީ؟" ޝެރީން ދޮރުގައި އަތްޖައްސާލިއެވެ.
"ލަސްވާތީ ބަލައިލީ،" ސާރިމް ގެ އަޑުން ޝެރީންއަށް ފިނިކަމެއް ލިބުނެވެ. ހާސްކަން ދުރުކޮށްދޭ ފިނިކަމެއްކަމުގައި ވެއެވެ. ސާރިމްގެ އަޑުގައިވި އޯގާތެރިކަމެވެ.
"ފައިވް މިނެޓްސް." ޝެރީން ދޮރުގައި ބުރަކަށި ޖައްސާލިއެވެ. އޭނާ އަތް ޖައްސައިލީ މޭގައެވެ. ތެޅި ތެޅި އޮތް ހިތާއި ދިމާލުގައެވެ. އަނެއްކާވެސް އޭނާގެ ނަފްސުގެ ހިމޭންކަން ގެއްލުނެވެ. ސާރިމް އަށް އިތުބާރުކުރާއިރުވެސް އޭނާގެ މާޒީ ކިޔައިދެން ފަސްޖެހެވެނީ ކީއްވެކަމެއް ނޭނގެއެވެ.
** **
ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް އަތުގައި އޮތް ފޯނު ސާރިމްއަށް ކޮއްޕާލެވުނީ ބާލީސް ދޮށަށެވެ. އޭނާއަށް ހިންދިރުވާލެވުނެވެ. ޝެރީން މަޑުމަޑުން އަންނަމުން ދިޔަކަން އެނގެއެވެ. ސާރިމް ބޭނުންވީ އޭނާގެ ނޭވާ ހަމައަކަށް އެޅިފައި ހުންނާށެވެ.
ދެންމެ އޭނާއަށް ނަސްރު ދިން ޚަބަރާއި އެކު ނިދިވެސް ފިލައި ހިނގައްޖެއެވެ. އޭނާ ރަށަށް އައިއިރު ހީކުރީ ރަށަށް އައިސް ހަފްތާއެއްހާ ދުވަސްވާއިރަށް ޝެރީން އަމިއްލައަށް މާލެ ދާން ބުނާނެކަމަށެވެ. ރަށުގެ މާހައުލު ކަމުނުދާނެކަމަށެވެ. އެކުވެރިން ނެތުމުން އެކަނިވެ ސާރިމް މަސައްކަތުގައި އުޅޭގަޑިތަކުގައިވެސް ވަރަށް ޝަކުވާކުރާނެކަމަށެވެ. އެކަމަކު އޭނާ ލަފާކުރިގޮތާއި ގާތަށްވެސް އެއްވެސް ކަމެއް ނުހިނގައެވެ. ކަންތައްވަމުން އަންނަނީ އޭނާއަށް އަންދާޒާކޮށްނުލެވޭ ގޮތަށް ބަދަލުވަމުންނެވެ. ފުރަތަމަ ކަމަކީ ފާއިޒު އާއި ބައްދަލުވެ ދެއްކި ވާހަކަތަކެވެ. ފާއިޒު އޭނާގެ ބޮލުގައި އެޅުވި ޒިންމާ ގުޅިފައިވަނީ ފާއިޒުގެ ބައްޔާއެވެ. ދެކިޑްނީ ފެއިލްވެފައިވާތީ އޭނާއަށްވަނީ ދިރިހުރުމުގެ އުއްމީދުގެއްލިފައެވެ. ފާއިތުވި ދެތިން އަހަރު ފާއިޒު އެހާ ބަލިވެ އުޅުނުއިރު އޭނާއަށް އޭގެ ޚަބަރުވެސް ފޯރާފައި ނެތެވެ. ނަސްރުވެސް ނުބުނެއެވެ. އެކަމާއި މިއަދު ޝަކުވާ ކުރުމުން ނަސްރު ދިނީ މާ އެހެން ކަހަލަ ޚަބަރެކެވެ. އެއީ ސާރިމް އާއި ހަމަޔަށް އެކަން ހިނގައިދާނެކަމުގެބިރަށް މާކުރިން ފާއިޒު އޮތީ ނަސްރު ލައްވާ ވައުދުކުރުވާފައެވެ. އެކަމަކު ތަޤްދީރުގެ ނިޔާ ހިނގަމުންދާ ގޮތް އެނގޭނީ ކާކަށްހެއްޔެވެ؟ އުމުރުގެ ފަހު ދުވަސްތައް ވޭތުކުރަންޖެހުމުގެ ހިތާމައިގައި ދުވަސްތައް ހޭދަކުރަނިކޮށް ނިއުމަތެއްގެ ގޮތުގައި އަނެއްކާވެސް ސާރިމް އާއި ބައްދަލުވީއެވެ. ސާރިމް ބޭނުންވަނީ ލަސްނުކޮށް ބޭހަށް ފޮނުވާށެވެ.
"ނުނިދަން؟" ސާރިމްގެ ކައިރީ އިށީންނަމުން ޝެރީން އަހާލިއެވެ. އޭނާއަށް ބަލައިލެވުނީ ގަޑިއަށެވެ. މެންދަމު އެކެއްޖެހީއެވެ. އޭނާ ކޮޓަރިއަށް ވަންއިރު ސާރިމް އޮށޯވެލައިގެން އޮތުމުން އޭނާއަށް ހީވީ ނޫރާ އާއި އެކު ސާރިމްވެސް ނިދީކަމުގައެވެ. އެހެންވެ އޭނާ ފާޚާނާއަށްވަނީ ޒައިން ދެކެ އައިސް ހުރި ރުޅީ ފިލަންދެން ރޯލާށެވެ.
"ޝެރީން ކައިރީ ވާހަކައެއްދައްކަން ވެފައި އޮތީމައި މަޑުކޮށްލައިގެން މިއޮތީ، ހިމްނާ އައިސް ހުރީމައި އަހަންނަށްވެސް އެނގޭ ތި ދެމީހުން އަދި ހުސްނުވާ ބައިވަރު ވާހަކަ ހުންނާނެކަން." ސާރިމް ސަމާސާ ރާގެއްގައި ބުނެލިއެވެ. ޝެރީންއަށް ޖެހުނީ ގަދަކަމުން ހިނިތުންވެލާށެވެ. އޭނާގެ ހިތަށް އަނެއްކާވެސް ތަކުލީފް ލިބިގެން ދިޔައެވެ. ސާރިމް އޭނާއަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންވާކަން ހިތަށް އެރުމުން ވަކިންބޮޑަށް ދެރަވިއެވެ.
"އަހަރެން އަނބުރާދައްކާ ގޮތަށް ދެލައްކައެއްހާ ރުފިޔާ ދޭންވީނު." ސާރިމްގެ ދެލޮލުން ފެނުނީ އެވާހަކަ ބުނަން ޖެހިލުންވާ ވަރެވެ. ޝެރީން ސާރިމްގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. އެއީ ސާރިމްގެ ނުފިލާ އާދައެކެވެ.
"ކިތައް ފަހަރު ސާރިމް ކައިރީ ބުނަންޖެހޭނި އަހަރެން ކައިރިން ހުއްދަ ހޯދަން ޖެހޭ ކަންތަކާއި ނުޖެހޭ ކަންތައް، އަހަރެންގެ އެކައުންޓްގައި ސާރިމްއަށް އަތް ނުލެވޭ އެއްޗެއް ނުހުންނާނެ، ޔޫ ކެން ޓޭކް، ދެން އަނބުރާ ދައްކާ ގޮތަށް ވިއްޔާ އެންމެ ރުފިޔާއެއްވެސް ނަގާނެކަމެއް ނެތް." ޝެރީން ރުޅި އަންނަކަމަށް ހެދިއެވެ. އޭނާ ސާރިމްގެ އަތުން އަތް ވަކިކޮށްލާފައި ހަށަމަށް އަތް ބަނދެލާހެން މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލިއެވެ.
"ނޫނޭ ޝެރީން، އެއީ ހުއްދަ ހޯދަންޖެހޭ ކަންކަން، އަދި ޚާއްސަކޮށް ޝެރީންގެ ފައިސާވީމައި، ދިރިއުޅުމުގެ ޚަރަދަކީ ފިރިމީހާ ދޭންޖެހޭ އެއްޗެއް، ޝެރީންގެ ފައިސާއިން އެންމެ ރުފިޔާއެއްވެސް އަހަރެން ނަގަންޖެހޭނީ ހުއްދަ ހޯދައިގެން،" ސާރިމް ވިސްނައިދެން މަސައްކަތްކުރީ އޯގާތެރިކަމާއި އެކުގައެވެ.
"އޯހް ހެލޯ، ފިރިމީހާއަށް ޖެހޭ ހުރިހާ ދަތި ވަގުތުތަކުގައި އެހީތެރިވެ ކެއްތެރިވުމަށް އަހަރެމެންނަށްވެސް އޮތީ އަމުރުކުރައްވާފައި، އެހެންވީމައި މިބުނަނީ، އަނބުރާ ދެއްކުމެއް ނޯންނާނެ" ޝެރީން ތެދުވެގެން ގޮސް އަލަމާރިތެރެއިން ނެގީ އޭނާގެ ޗެކު ފޮތެވެ. އެފޮތް ރީތިވާ މޭޒުމަތީ ބާއްވާފައި ޗެކުގައި ސޮއި ކޮށްލިއެވެ. ފުރިހަމަކުރުން އޮތީ ސާރިމްއަށެވެ. ސާރިމް އެދުނު ވަރަށްވުރެ އިތުރަށް ނެގިއަސް އޭނާގެ އެއްވެސް އިއުތިރާޟެއް ނެތެވެ. ޗެކު ހިފައިގެން ހިނގައިގަންނަން އުޅެނިކޮށް ޝެރީންގެ އަތުން ޖެހިފައި ވެއްޓުނީ ގަހަނާ ފޮއްޓެވެ.
އޭގެ މަތި ގަނޑު ވަކިވުމާއި އެކު އޭގެން ބުރައިގެން ދިޔައީ ތަނޑުތަކެވެ. ދެން އަނގޮޓިތަކާއި އެހެން ގަހަނާތަކެވެ. އޭގެތެރެއަށް ނޫރާ ފޮރުވަން ލީ ފަށް ވިއްސައިގެން އައިސް ޖެހުނީ ސާރިމްގެ ފައިބުޑަށެވެ. ސާރިމް ގުދުވެފައި އެފަށް ނެގިއެވެ. އޭނާއަށް ހީވީ ބޮލުގައި ބަރު އެއްޗަކުން ޖަހައި ފިސްކޮށްލިހެންނެވެ. އޭނާގެ އިނގިލިތައް ތުރުތުރުލާންފެށިއެވެ.
(ނުނިމޭ)