ވާހަކަ

ނޫރާ - 08

ކުޅެންތިބި ނޫރާ އާއި ސާރިމް ވަކިވީ ޝަކުވާ އަކާއިނުލައެވެ. އެކުދިންނަށް މާދަމާވެސް ބައްދަލުވާނެކަމުގެ ޔަޤީންކަން އޮތީމައެވެ. ދެކުދިން ހަނާއަޅައިލިއެވެ. ޝެރީން އާއި އެކު ގެއަށް ވަންނަމުން ނޫރާ ޝެރީންއަށް ގޮވާލިއެވެ. ނޫރާ ކޮނޑުގައި އަޅުވާފައި އޮތް ކުޑަ އަތްދަބަހުން ރަން ފަށެއްނަގައި ދައްކާލިއެވެ. އެ ރަންފަށުގައި ހިތުގެ ބައްޓަމުގެ ފުލެއް އޮތެވެ.

"މިއީ ސާރިމް ދިން އެއްޗެއް؟" ނޫރާ ދައްކާލަމުން ބުނެލިއެވެ.

"މަންމަ އަތުގައި ފޮރުވާފައި ބާއްވަންތަ؟" ޝެރީން އަހާލިއެވެ. ގަދަކަމުން އަތުލުމުގެ ބަދަލުގައި ޝެރީން ހުއްދަ އަށް އެދުނީ ނޫރާގެ އިތުބާރު ދެމެހެއްޓުމަށެވެ. އެފަށް އަނބުރާ ރައްދުކޮށްދެންޖެހޭނެކަން ނޫރާއަށް ވިސްނައިދެން ބޭނުންނުވީ އެގޮތާއި ނޫރާ ނުރުހޭނެކަން އެނގޭތީއެވެ. ފަސް އަހަރުގެ ދެކުދިންނަށް ރަނުގެ އަގު ނުވެސް އެނގޭނެއެވެ. އެފަށަކީ ރަމްލާގެ އެއްޗެއްކަން ޝެރީން އަށް ޤަބޫލުކުރެވެއެވެ. އަދި އެއީ ރަމްލާއަށް އެނގިގެން ދެވުނު އެއްޗެއް ނޫންކަން އެނގެއެވެ.

"ނޫން، މިއީ ސާރިމް ދިން އެއްޗެއް، ނޫރާއަށް ލިބުނު އެއްޗެއް، ނޫރާ ބޭނުންވަނީ ގަހަނާ ފޮށީގައި ފޮރުވަން، ސްކޫލަށް ދާއިރު ފަށް އެޅުން މަނާވާނެ، ޗުއްޓީ ލިބުނީމައި ފަށް އަޅާނި" ނޫރާ މުށުތެރޭ އެފަށް ހިފަހައްޓާލިއެވެ. ޝެރީން އެއްބަސްވީ ފޮރުވާފައި ބޭއްވުމަށެވެ. ދެތިން ދުވަސްފަހުން ނޫނީ އެފަށުގައި އަތްނުލަން ޝެރީން ނިންމިއެވެ. ނޫރާ ހަނދާންނެތުނީމައި ގެންގޮސް ރަމްލާއަށް ދޭން އޭނާ ބޭނުމެވެ.

** **

ނޫރާ އެތެރެއަށް ވަދެވުނީ ސާރިމް ފެންވަރައިގެން ނިކުން ވަގުތަށެވެ. ރީތިވާ މޭޒުމަތީގައި ހުރި ގަހަނާ އަޅާ މަހުމާ ފޮށި ނޫރާ ނެގިއެވެ. ތުވާލި ބަދަލުކުރަންވެގެން ސާރިމް ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަލަމާރީގެ ދޮރު ހުޅުވާފައި އޭނާ ނިވާވެލިއެވެ. ތުވާލި އެނދުމައްޗަށް އެއްލާލާފައި އަލަމާރި ތެރެއިން ޖިންސެއް ނަގައި ލައިގެން އެނބުރުނުއިރު ނޫރާ ހުރީ އެނދުމައްޗަށް އެއްލާލި ތުވާލި ނަގައިގެންނެވެ.

"މަންމި ރުޅި އަންނާނެ" ތުވާލި ދިއްކޮށްލާފައި ނޫރާ ބުނެލިއެވެ. އެނދުގެ ތަންމަތި ހަޑިކޮށްލާއިރަށް ޝެރީން ރުޅި އައިސް ތުންފިއްތާލާ ގޮތަށް ނޫރާވެސް ތުންފިއްތާލިއެވެ. ސާރިމް ތުވާލި ގެންގޮސް ހަރުގައި އަޅުވާފައި ނޫރާ އުރާލިއެވެ. ކޮލަށް ބޮސްދިނެވެ.

"ކޯއްޗެއްތަ ގަހަނާ ފޮށި ތެރޭ ފޮރުވީ.؟" ސާރިމް އެނދުގައި އިށީދެ ނޫރާ ބޭންދީ އުނގުގައެވެ. ގަހަނާ ފޮށި ހުރީ ކުރިންވެސް ހުރި މަޤާމުގައެވެ.

"ގިފްޓެއް، ނޫރާގެ ބެސްޓް ފްރެންޑް ދިން އެއްޗެއް." ނޫރާ ހީލީ އޭނާގެ ކޮލު ދަތްތައްވެސް ފެންނަ ވަރަށެވެ.

"ބައްޕިއަކަށް ނުދައްކާނަންތަ؟" ސާރިމް ބަލަން ބޭނުންވީ ނޫރާ ދޭނެ ޖަވާބެވެ. އޭނާއަށް އެއީ ކޮންމެ ހަދިޔާއަކަށް ވިއަސް މުހިއްމެއް ނޫނެވެ. ސާރިމްއަށް ހެވުނީ ނޫރާ ދެފަރާތަށް ބޯ ހޫރުވާލީމައެވެ.

"ސާރިމް ބުނި އެއްވެސް މީހަކަށް ނުދައްކާށޭ،" ނޫރާ ދެއަތުން ސާރިމްގެ މޫނުގައި ހިފަހައްޓާލިއެވެ.

"ކީއްވެ؟" ސާރިމް އަހާލިއެވެ. ސާރިމްގެ ޝައުޤުވެރިކަން ހުރީ ދަރިފުޅު ދޭނެ ޖަވާބަށެވެ. އޭނާގެ ނުތަނަވަސްކަމާއި ރިހުމުގެ ޝިފާއަކީ އެއީއެވެ. ދިރިއުޅުން ދަތިވި ވަގުތު އޭނާއަށް ލިބުނު ނޫރަކީ އެއީއެވެ.

ނޫރާ ނިތްކުރީގައި އަތުން ޖަހާލިއެވެ.

"ހާދަ ގިނައޭ ސުވާލްކުރާލެއް." ނޫރާ ކޮންމެ ލަފްޒެއް ކިޔާލީ އޭގެ ކޮންމެ އަކުރެއްފާޅުވާހާ ލަސްލަހުންނެވެ. ސާރިމްގެ ބުމަ ފުރިގެން ދިޔައީ ބުމަ އަރުވާލެވުނުއިރު އަރައިގެން ދިޔަ ކުދިކުދި ރޫތަކުންނެވެ. އޭނާއަށް ހީވީ އޭނާގެ ސިކުނޑި ފަސްއަޅާ ފޮރުވާފައިވާ މާޒީގެ ތެރެއަށް ގެނބިގެން ދިޔަހެންނެވެ. އޭނާއަށް ހީވީ ނޫރާގެ ސިފަ އެހެން މީހަކަށް ބަދަލުވެގެން ދިޔަހެންނެވެ. އޭނާގެ ލޯކުރިމަތިން އެހެން މީހަކު ފެނުނުހެންނެވެ.

"ނޫރާ" އޭނާގެ ނޭވާ ހުއްޓުނީ ދުލުން ނޫރާގެ ނަން ކިޔާލެވުމުންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. މަދު ސިކުންތުކޮޅަކަށް އޭނާގެ ލޯމަތިން ފެނުނީ އެހެން ނޫރާއެކެވެ. އެއީވެސް އޭނާގެ ހިތްދަތި ދިރިއުޅުން އަލިކޮށްދިން ނޫރެކެވެ. އެ ޖުމްލަ ނޫރާގެ ދުލުން ކޮންމެ ދުވަހަކު އެތައް ފަހަރަކު އިވެއެވެ. އޭނާއަށް އެއްޗެއް އަހާލެވޭއިރަށް ނޫރާ އެހެން ނުބުނާނީ މަދު ފަހަރެއްގައެވެ.

"ބައްޕީ" ނޫރާ ދެއަތުން ސާރިމްގެ ކޮލުގައި ޖަހާލިއެވެ. އޭނާއަށް ސަމާލުކަން ބޭނުންވެއްޖެއޭ ބުނާ ފަދައިންނެވެ. އޭރު ނޫރާ ދެއްކި ވާހަކައަށް ޖަވާބެއް ނުލިބިގެން އެކަމާއި ނޫރާ ޝަކުވާކުރަނީއެވެ.

** **

ބަދިގެ ތެރޭގައި ދެތަށީގައި ކޮފީ ގިރަން ޝެރީން އުޅުނެވެ. ގެއަށް ވަދެވުނީ ނަޞީބު ރަނގަޅުކަމުންނެވެ. ގެއަށް ވަދެވުނުތަނާއި ވާރޭ ބޯކޮށް ވެހެންފެށިފަހުން އަދި ބަދަލެއް ނާދެއެވެ. ޝެރީން ހިތް ބުނަނީ މިރޭވެ އަލިވިލޭއިރުވެސް ބަދަލެއް ނާންނާނެކަމެވެ.

"ނުސްރާއަށް އެންމެ ފަހުން ގެއަށްވެސް ނުދެވުނު." ޝެރީން ބަލައިލީ ކުޑަދޮރުކައިރީ ބޭރަށް ބަލަން ހުރި ނުސްރާއަށެވެ.

"މިއީ އަދި ތޫފާނެއް ނޫން، އަހަންނަށް ހީވަނީ މިއަށްވުރެ ބޮޑު ތޫފާނެއް ބޯމަތިވާން އުޅޭހެން." ގެއަށް ނުދެވިގެން ނުސްރާ ކަންބޮޑުވާހެން ހިއެއް ނުވެއެވެ. އޭނާ ޔަޤީންކަމާއި އެކު އެ ބުނި ޖުމްލައިގެ މާނަ އާއި ދޭތެރޭ ޝެރީން ވިސްނާލިއެވެ. މާނަ އޮންނަނީ ޝާއިރުންގެ ބަނޑުގައޭ ބުނެ ނޫންހެއްޔެވެ؟ ޝެރީންއަށް ވިސްނާ ވިސްނާވެސް އެބުނީ ކީކޭކަމެއް ނޭނގުނެވެ.

"އަހަރެން ބުނީމެއްނު އޭނަ އާއި ރުޅިވި ވާހަކަ، އޭގެފަހުން އޭނާ ގުޅިއަސް އަހަރެން ފޯނެއްވެސް ނުނަގަން، ކުއްލިއަކަށް މިއަދު އައީ މެސެޖެއް، މިއަދުގެ އިރު އޮއްސޭނީ މިރަށުގައި ހުއްޓައޭ ކިޔާފައި، ޝެރީން ބުނެބަލަ، ހީވޭތަ އަހަންނަށް މި ހެދުނީ ގޯހެއްހެން." ނުސްރާ ލަފައަކަށް އެދުނެވެ. ޝެރީންއަށް ހީވީ އޭނާގެ ދިރިއުޅުމާއި ނުސްރާގެ ދިރިއުޅުމާއި މާބޮޑު ތަފާތެއް ނެތްހެންނެވެ. އުފާވެރިކަމާއި ދިމާލަށް ނަގާ ކޮންމެ ފިޔަވަޅަކާއި އެކު ފަހަތުން އަރާ ހަމަކުރަނީ މުޞީބާތުގެ ފިޔަވަޅުތަކެވެ.

"ނުސްރާ ބުނީމެއްނު ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތޭ." ޝެރީން ހަނދާނަށް އައީ އެދުވަހު ނުސްރާ ދެއްކި ވާހަކަތަކެވެ. ނުސްރާ ކިޔައިދިން ގޮތުންނަމަ އެމީހަކަށް އޭނާ އަށް ބިރުދައްކައި އަލުން ގުޅެން މަޖުބޫރުކުރުވޭނެ އެއްވެސް މަގެއް އޭނާ ފަހިކޮށްދީފައެއް ނުވާނެއެވެ. ޝެރީން އާއި ނުސްރާގެ ހުރި ހަމައެކަނި ތަފާތަކީ އެއީއެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ އާއިލީ މީހަކަށް އޭނަ އެނގޭކަށްވެސް، އޭރުން އަހަންނަށް ދުރަށް ދިއުމަކީ ކުރެވޭނެކަމެއް ނޫން، " ނުސްރާ އައިސް މޭޒުކައިރީ ހުއްޓުނެވެ. އޭނާގެ މޫނު ހުރީ ރަތްވެފައެވެ. ދެލޮލަށް ގިނަވެފައިވަނީ ކަރުނެވެ. އަދިވެސް ނުސްރާ ކިޔައިދެންޖެހޭ ވަރަށް ގިނަ ވާހަކަތަކެއްހުރިކަން އެނގެއެވެ.

"ތިޔަ މީހެއްގެ ނަމެއްވެސް ނުބުނަމެއްނު، ނުސްރާ މިތާ އިށީދޭ، އާއިލާ މީހުން މާ ރުހޭ މީހަކީތަ؟" ޝެރީން ނުސްރާގެ އަތުގައި ހިފާ ގޮނޑީގައި ބޭންދިއެވެ. ފިނިފެންތައްޓެއް ގެނެސް ނުސްރާގެ ކުރިމަތީ ބަހައްޓާފައި ޝެރީން ބަލައިލީ އޭނާގެ ކުރި ސުވާލުގެ ޖަވާބު ލިބޭތޯއެވެ. ހިތްވަރު ގަދަކޮށްލައިގެން ހުރި ނުސްރާއަށް ރޮވެން ފެށިއެވެ.

"ޝެރީން" ސާރިމްގެ އަޑަށް ޝެރީންއަށް ބަލައިލެވުނެވެ. ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވެ ޝެރީން ހިނގައިގަތެވެ. ނުސްރާ ދެލޯ ފޮހެލިތަން އޭނާއަށް ފެނުނެވެ. އެތަނަށް ސާރިމް އައިސް ވަދެފާނެތީ އެކަމާއި ޝެރީން ކަންބޮޑުވިއެވެ. އޭރުން ނުސްރާ ލަދުގަންނާނެވަރު ހިތަށް އަރާފައި ޝެރީން އަވަހަށް ބަދިގެއިން ނިކުންނަން ނެގި ފުރަތަމަ ފިޔަވަޅާއި އެކު ހުއްޓެވުނެވެ. އެއާއި އެކު ހިފަހައްޓާލެވުނީ ނޭވާއެވެ.

ދޮރުން ވަދެގެން އައި ހިމްނާ ދަބަސް ތިރީގައި ބަހައްޓާފައި އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅާލިއެވެ. ހިލައިގެ ބުދެއްފަދައިން ޝެރީންއަށް ހުރެވުނީ ހިމްނާ ފެނިގެންނެއް ނޫނެވެ. ހިމްނާގެ ފަހަތުން ވަދެގެން އަންނަ ޒައިން ފެނިފައެވެ. ފުރާޅުން އައިސް ބިމަށްޖެހޭ ވާރޭ ފެންފަދައިން އެބިންގަނޑުތެރެއަށް ގެނބި ގެއްލިދާން ޝެރީންގެ ހިތަށް އެރިއެވެ. އެކުވެރިއެއްގެ މަޤާމުގައި ހުރެ ހިމްނާ އޭނާއަށް ދޭން އެނގުނު ހަދިޔާއަކީ އެއީއެވެ. އޭނާ މިރަށަށް އަންނަން ހުއްދަ ހޯދިއިރު ޒައިންގެ ވާހަކަ ނުވެސް ބުނެއެވެ.

"އައި މިސްޑް ޔޫ." ހިމްނާ އައިސް ޝެރީންގެ އަތުގައި ހިފައިލިއެވެ. ހިމްނާގެ އަތުގެ ފިނިކަން ވެގެން ދިޔައީ ޝެރީން ހޭވެރިކަން އެނބުރި ގެނުވި ސަބަބަކަށެވެ. އެކަމަކު އަދިވެސް އޭނާގެ ދެލޯ ހުއްޓިފައިވަނީ ޒައިންއަށެވެ. ދަބަސް ތިރީގައި ބަހައްޓާފައި ޒައިން ސާރިމްއަށް ސަލާމްގޮވައިލިއެވެ. ސާރިމް ސަލާމް ބަލައިގަތެވެ. ދެމީހުންގެ އަތް ޖޯޑުވެގެން ދިޔަތަން ޝެރީންއަށް ފެނުނީ ބިރުވެރި ފިލްމެއްގެ މަންޒަރެއްފަދައިންނެވެ. ޒައިންގެ ޖީބުން ވަޅިއެއް ނަގައި ސާރިމްއަށް ހަމަލާއެއް ދީފާނެކަމުގެ ބިރު ހިތުގައި އުފެދުނެވެ.

އެކަމަކު އޭގެ ބަދަލުގައި ފެނުނީ ދެމީހުން ކަރާއި ކަރު ޖައްސާލިތަނެވެ. ދަންނަ އެކުވެރިން ފަދައިން ދެމީހުން ސަލާމްކުރިއިރު ސާރިމްއަށް އެއީ ކާކުކަން ނުވެސް އެނގޭނެކަން ޝެރީންއަށް އެނގެއެވެ. ޒައިންއަށް ކޮޓަރިއެއް ދައްކަން ސާރިމް ހިނގައިގަތެވެ. ޝެރީންއަށް އަދިވެސް ހީވަނީ ހުވަފެނެއްގެ ތެރޭގައި ހުރެވޭ ހެންނެވެ.

"ސޮރީ" ހިމްނާ އަމިއްލައަށް ކަންފަތުގެ ފޫޅުގަނޑުގައި އަތްޖައްސާލާފައި ބުނެލީ އިތުރު އެއްވެސް މީހަކަށް ނީވޭނެހާ ސިއްރުންނެވެ.

ޝެރީންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ސާރިމް އެދިމާލަށް އަންނަން ފެށިއެވެ.

"މީހަކާއި އިން ވާހަކަ ނުވެސް ބުނޭ." ސާރިމް ނިތް އަރުވާލީ ހިމްނާއަށެވެ. ޝެރީންގެ ބެސްޓް ފްރެންޑް ގެ ގޮތުގައި ސާރިމް ހިމްނާ ދަންނަންފެށީ ޝެރީން އާއި ބައްދަލުވި ފުރަތަމަ ދުވަހުންފެށިގެންނެވެ.

"ނުބުނަމެއްނު ކައިވެނިކުރި ވާހަކައެއް، އަހަރެން ބުނީ އިންނަން ހުރި މީހާއޭ." ހިމްނާ ހޭންފެށިއެވެ. ޝެރީންއަށް ހުރެވުނީ އެދެމީހުންގެ ތެރޭގައި ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. ހިމްނާ ބުނީ އަންނަން ބޭނުންވާ ވާހަކައެވެ. އެންމެ ކުޑަމިނުން މިއަދުވެސް ގުޅާފައި އަންނަ ވާހަކައެއް ނުބުނެއެވެ.

"ތިހެން ބުނި ނަމަ ނުކެރުނީސް މިގެއަށް ވަންނާކަށް." ސާރިމް އަތުން ހިމްނާގެ ބޮލުގައި ޖަހާލިއެވެ. ހިމްނާގެ ތޫލި ހަޅޭކުގެ އަޑު އިވުނެވެ. އެއާއި އެކު ދެމީހުން ހޭންފެށިއެވެ. ޝެރީންއަށް ނުގުޅާ ހިމްނާ ގުޅީ ސާރިމްއަށްކަން އެނގުނީ އެދެމީހުންގެ ވާހަކައިންނެވެ. ހިމްނާ ކަންތައްކުރިގޮތުން އެތަނުގައި ސާރިމް ނެތްނަމަ މޫނުގައި ޖަހަން ޝެރީންގެ ހިތަށް އެރިއެވެ. ޒައިން ގޮވައިގެން އައިސް އެގެއަށް ވަނުމުގެކުރިން އޭނާގެ ހުއްދަ ހޯދަންޖެހޭނެކަން ހިމްނާ އަކީ ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫނެވެ.

"ނީޑް ޓު ގޯ، ހީކަރުވައިގެންފައޭ މިހުރީ، ސާރިމްއަށް ގުޅީމައި ޓެކްސީގަނޑެއްވެސް ފޮނުވައި ނުދިން، ފޮނުވީ ކަޑަ ޕިކަޕެއް. މިގެއަށް ވަންނަން މިޖެހުނީ ތެމިގެން." ހިމްނާ ހަށަމަށް އަތް ބަނދެލާފައި ދެކޮނޑު އަރުވާލީ ގޮތުން ހީކަރުވާކަން އެނގެއެވެ.

" ނަޞީބެއްނު ޕިކަޕެއްވެސް ފޮނުވިކަން، އެންމެ ގަދަވި ދުވަހު ތި އާދެވުނީ." ސާރިމް އައިސް ޝެރީންގެ ކޮނޑަށް އަތްވައްޓާލިއެވެ. އެއީ ހިމްނާ ހުންނަ ތަނެއްގައި ނަމަ ސާރިމްއަށް ޖެހިލުންނުވެ ކުރަންކެރޭ ކަމެކެވެ. ބައެއް ފަހަރު ޝެރީން ގެ މޫނުގައި ބޮސްދެންވެސް ފަސްނުޖެހޭނެއެވެ.

ހިމްނާ ހިނގައިގެންވަގުތު ޝެރީންއަށް ބަލައިލެވުނީ ނުރުހުންވެފައެވެ. ފެށެން ދެން އޮތީ އޭނާއަށް ތޫފާނީ ދަތުރެކެވެ. ވީއިރު އެމީހުންނަށް އަމާންކަމާއި އެކު އެގެއަށް އާދެވުނީ ކީއްވެގެންތޯ ހިތާއި ސުވާލުކުރެވުނީ ޝަކުވާގެ ރާގެއްގައެވެ. ސާރިމް ޝެރީންއަށް ގޮވާލާފައި ބަނޑުހައިވެއްޖެކަމުގައި ބުންޏެވެ. ޝެރީން ބަދިގެ އާއި ދިމާލަށް ހިނގައިގަތެވެ.

ބަދިގެއަށް ވަންއިރު ނުސްރާ ހުރީ ހުސްފުޅިތަކަށް ފެންއަޅާށެވެ. ނުސްރާގެ މަތިން ޝެރީން ހަނދާންނެތުނުކަން ހިތަށް އަރާފައި ދެރަވިއެވެ. ނުސްރާ އާއި ހަމަޖެހިލައިގެން އަދި ވާހަކަ ދައްކާލަން ފުރުޞަތެއް ހޯދާނެކަމަށް އޭނާ ވައުދުވީ އަމިއްލަ ނަފްސަށެވެ. ޝެރީން ނުސްރާ ކައިރީ ގެއަށް ދާން ބޭނުންތޯ އަހާލިއެވެ. ނުސްރާ ބޭނުންނަމަ ދިޔަޔަސް އެންމެ ރަނގަޅޭ ބުނެލިއެވެ. އެކަމަކު ނުސްރާ ހަނދާންކޮށްދިނީ ރޭގަނޑު ކާނެ އެއްޗެއް އަދި ނެތްކަމެވެ. ގެއަށް ބަޔަކު އައީތޯ ނުސްރާ އަހާލިއެވެ. ޝެރީން ބޯޖަހާލާފައި އެދުނީ ކައްކާއިރު ދެމީހަކަށްވާވަރަށް އިތުރުކޮށްލުމަށެވެ. ނުސްރާވެސް ކެއުމުގައި ބައިވެރިވާން ޝެރީން ބުނެލިއެވެ. އެކަމަކު ނުސްރާ ބޭނުންވީ ގެއަށް ދާށެވެ. އޭނާ ޓެކްސީއެއް ގެނެސްގެން ހިނގައިދާނެކަމަށް ބުނެލިއެވެ.

** **

ޝެރީން ގޯތިތެރެއަށް ނިކުތީ ހިމްނާއަށް މެސެޖުކޮށްފައެވެ. ދެންމެ އާއި ޖެހެންދެން ވާރޭ ވެހިފައިވާތީ އަދިވެސް ގަސްތަކުން ފެންތިކި ޖަހައެވެ. އުޑުމަތީ އަދިވެސް އޮތީ ރަތްވެފައެވެ. މާގިނައިރެއްނުވެ އަނެއްކާވެސް ވެހިގެންފާނެއެވެ.

މީހެއްގެ ހިޔަނިވެގެން ޝެރީން ބަލައިލިއިރު ދޮރުމަތީގައި ހުރީ ޒައިން އެވެ. ޝެރީން ބަލައިލީ ގޭތެރެއިން އެހެން މީހެއްގެ ހިލަމެއްވޭތޯއެވެ. އޭނާ ހިމްނާއަށް ގޮވަން ބޭނުންވީ ޒައިން ގޮވައިގެން އަންނަން ޖެހުނު ސަބަބު އޮޅުންފިލުވާށެވެ.

"ހިމްނާގެ ފޯނު އޮތީ އަހަރެންގެ އަތުގައި." ޒައިން ޖީބުން ނަގައި ދެއްކީ ހިމްނާގެ ފޯނެވެ. ޒައިންގެ ބަރު އަޑު ގުގުމައިލީ ހުނުމުންނެވެ. ޒައިން ހިނގައިގެންފައި އެދެމީހުންގެ މެދުގައި އޮތް ދުރުމިން ކުޑަކޮށްލާތަން ފެނި ޝެރީން ބިރުގަތެވެ. ސާރިމްއަށް ގޮވަންވެސް ހިތަށް އެރިއެވެ.

"އެހެންވިއްޔާ އެނގިފައެއްނު އޮންނާނީ ހިމްނާގެ ފަރާތުން އަހަރެން އޮޅުންފިލުވަން ބޭނުންވި މައުލޫމާތު، ޒައިން ބުނެބަލަ، އަހަންނާއި ހަމަޔަށް އަންނަން ހިމްނާ ނޫން މީހަކު ނުފެނުނުތަ؟" ޝެރީން ހުއްޓައިލީ ޒައިން ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާ ހިމޭންވާން އަމުރުކޮށްލީމައެވެ.

(ނުނިމޭ)