ރަމްލާގެ ފަހަތުން އައިސް ސާރިމް ހުރީ ދޮރުމަތީގައި ބަލަހައްޓައިގެންނެވެ. އޭނާއަކަށް އެއްވެސް ކަމެއް ނުވިސްނެއެވެ. އެކޮޓަރި ތެރެ އަލަށް ފެނިގެން ސާރިމް ދެލޯ ހިންގަމުން ދިޔައީ އެތަނުގައި އޭނާއަށް ބޭނުން ހިފޭ އެއްޗެއް ފެނޭތޯއެވެ.
ފްރޭމް ނަގައި އޭގައިވާ ތަސްވީރު ވަކިކޮށްލިއެވެ. ސާރިމް އިން ބައި ރަމްލާ އިރާ ކުދިކުދިކޮށްލިއެވެ. ދެން ނޫރާ އެކަނި އިން ފަޅި ފްރޭމްގެ ތެރެއަށްލައި ފާރުގައި ހަރުކޮށްލިއެވެ. އެކޮޓަރިން ނުކުމެ ކުރިއެކޭ އެއްފަދައިން އެކޮޓަރީގެ ދޮރު ލައްޕާލާ ތަޅުލިއެވެ.
ސާރިމް ދޮރާށިން ނިކުންއިރު ނަސްރުގެ ޕިކަޕު އަރާ ހަމަވަނީއެވެ. ސާރިމް ފެނުމާއެކު ނަސްރު މަޑުކޮށްލާފައި އިޝާރަތް ކުރީ އެތެރެއަށް ވަންނާށެވެ. ސާރިމް އެރުމާއެކު ނަސްރު މިސްރާބު ބެހެއްޓީ ރަށު ތެރެއަށެވެ.
"މި އާދެވުނީ"
ނަސްރު މަޑުކުރީ މަޑު މުށިކުލައެއްގެ ދަވާދު ލާފައިހުރި ބޮޑު ދޮރާއްޓެއްގެ ކުރިމަތީގައެވެ. ސާރިމް ނިކުތުމުގެ ކުރިން އެގެއަށް ރަނގަޅަށް ބަލާލިއެވެ. ހަތް އަހަރު ތެރޭ އެގެއަށް އައިސްފައި ހުރި ބަދަލުން ހަކިދެނީ މިހާރު އެމީހުން އުޅޭ ފުދުންތެރި ދިރިއުޅުމެވެ. ގޯތިތެރޭގައި ހައްދާފައި ހުރި ހުރިހާ ގަހެއް ކަނޑާލާފައި އަޅާފައި ހުރި ބޮޑު އިމާރާތް ފެނި ސާރިމް ހައިރާންވިއެވެ.
"އައްސަލާމް އަލައިކުމް"
ދޮރާށިން ވަދެފައި ސާރިމް މަޑުކޮށްލިއެވެ. ގޭތެރެއިން މީހެއްގެ ހިލަންވަންދެން އޭނާ ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގެން ފިރިހެނެއްގެ އަޑު އިވިފައި ސާރިމް ފިނިވެގެން ދިޔައެވެ. އޭނާ ހިންދިރުވާލީ އެމީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށީމައި ގަތްބިރުންނެވެ. އެތަނުން ނިކުންނަން އޭނާގެ ހިތް ކިތަންމެ ފަހަރަކު ވެސް ބުންޏެވެ. އެ ހުރިހާ ބުނުންތަކެއްގެ މައްޗަށް ކެތްތެރިކަން އިސްކުރެވުނީ އޭނާ އަކީ ފިނޑިއަކަށް ނުވާތީއެވެ.
ގޭގެ ދޮރުމައްޗަށް ހުއްޓުނު ފިރިހެން މީހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނިތްކުރިއަށް ރޫގިނަވެގެން ދިޔައެވެ. ސާރިމް އެގެއަށް ވަދެފާނެ ކަމަށް އެމީހާ ހީނުކުރާކަން މޫނުމަތިން ފެންނަން ހުރި ނުތަނަވަސް ކަމުން އެނގެއެވެ.
"ކާކުތަ؟' އެތެރެއިން އިވުނީ އަންހެނެއްގެ އަޑެވެ. ބުރުގާ އަޅަމުން ނިކުން އަންހެން މީހާ ވެސް ހުއްޓުނީ ސާރިމް ފެނިފައެވެ. އެކަމަކު އޭނާގެ ދެލޯ ހަނިވެގެން ދާވަރަށް ހިނިތުންވެލިއެވެ. ތުންފަތް ހަރަކާތުން ސާރިމްގެ ނަން ކިޔާލިކަން އެނގެއެވެ. ފެންކަޅިވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ފިރިހެން މީހާ ހުރަހަކަށްވެ ހުރުމުން އޭނާއަކަށް ސާރިމް ފެނިފައި ނިކުންނާކަށް ނުކެރުނެވެ.
"ކަލޭ ރަށަށް އައިސްގެން އުޅޭކަން އެނގެއޭ އަހަރެމެންނަށް، ނަސީބެއްނު އޮޅިގެން ވެސް މިގޭ އޮޅިގަނޑު ގިރާކޮށްލެވުނުކަން. ވަދޭ އެތެރެއަށް." ބޮޑުބެ ދުރަށް ޖެހިލިއެވެ. ނަފީސާއަށް ތަންލިބުމާއެކު ނިކަން އަވަހަށް އައިސް ސާރިމްގެ އަތުގައި ހިފިއެވެ. ދެން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ.
އަސްކަނިން ޖަހަމުން ދިޔައީ ވެހެމުން ދިޔަ ވާރޭގެ ފެންތިކިތަކެވެ. މަދު ވަގުތުކޮޅެއްގެ ތެރޭ އެ ފެންތިކިތައް ހިނދިގެންދާ ދިމާލުގައި ކުޑަވަޅުގަނޑެއް އުފެދިގެން ދިޔައެވެ. ސާރިމްގެ ކުރިމަތީ ހޫނު ކަޅުސައި ތައްޓެއް ނަފީސާ ބެހެއްޓިއެވެ. އޭނާ ބަލައިލީ ގޭތެރެއަށް ވަން ފިރިމީހާގެ ހިލަމެއްވޭތޯއެވެ.
"އަހަރެން ދެކެ ވަރަށް ރުޅި އައިސް ދޯ ބޭބެ ހުންނާނީ." ސާރިމް ދެއަތް މޭޒުމަތީ އަޅުވާލަމުން ބަލާލިއެވެ. އެތެރެއަށް ވަން ފަހުން ބޭބެ ހިލަމެއްނުވާތީ އޭނާގެ ހިތަށް އަރަނީ އެހެންނެވެ.
"އުހުން، އެކަމަކު ސާރިމް ދިޔަ ފަހުން ބޭބެ ވަރަށް ދެރަވެފައި ހުރީ، ސާރިމް މިރަށުން ގޮސް ވަންނާނީ ކޮންތާކަށް ހެއްޔޭ ވެސް އަހާނެ، އަހަރެން އޭރުވެސް ބުނިން ސާރިމް ކައިރީ ނިކުންނަން ނުބުނާށޭ، އެއީ ރުޅި އަންނަ ކޮންމެ ފަހަރަކު ބޭބެ އަނގަމައްޗަށް ބުނާ އެއްޗެއް، ސާރިމް އަޑު އަހަމެއްނު އަދުނާންއަށް ވެސް އެހެން ބުނާ އަޑު." ނަފީސާ ގޮނޑީގައި އިށީނެވެ. އޭނާއަށް ޔަޤީންވީ މިހާއިރުވީއިރު ފާއިޒު ނުނިކުތުމުން ދެން ނާންނާނެ ކަމެވެ. އެވާހަކަ އޭނާއަށް ފަށަން ކެރުނީ ވެސް އެހެންވެއެވެ.
ސާރިމް އިނދެވުނީ އިސް ޖަހާލައިގެންނެވެ. ސައިތަށީގެ ހޫނު އާވިތައް އޭނާގެ މޫނާއި ހަމަޔަށް ފޯރައެވެ. ހުވަނދުމަލުގެ މީރު ވެސް އޭނާގެ ނޭފަތުގައި ޖެހެއެވެ. އެއީ ނަފީސާ ގިރާ ސައިތަށީގައި ހުންނަ ޚާއްސަ ކަމެވެ.
"ސާރިމް ފުރައިގެން ދިޔަ ފަހުން ދުވަހަކު ވެސް ބޭބެ ކޮބައިތޯ ބަލަން ގުޅައިނުލާ." ނަފީސާ ޝަކުވާ ކޮށްލިއެވެ. ފާއިޒު ސާރިމް ބެލެހެއްޓިއެވެ. މައިންބަފައިން މަރުވެ ޔަތީމުވެފައި ހުއްޓާ އާއިލާގެ އެކި މީހުންގެ ކައިރިން ސާރިމް ދުވެ ދުވެ ހުއްޓާ ފާއިޒު ގެނައީ އަމިއްލައަށެވެ. ފާއިޒުއަށް ލިބޭ މަދު މިންވަރުން ވެސް ސާރިމްއަށް ކަމެއް އުނިނުވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ފާއިޒުގެ ހަތް ކުދިންނާއި މުސްކުޅި މައިންބަފައިންގެ ޚަރަދާއި ހެދި ހާސްވެފައި ހުންނަ ދުވަސްތަކުގައި ތަބީއަތަށް އަންނަ ކުއްލި ބަދަލު ސާރިމްއަށް ވެސް ފެނެއެވެ. އޭނާ ބޮޑުވި އިރު ދުވަހަކު ވެސް އެއްޗެއް ބޭނުން ވެގެން ބޮޑާ ދެއްކި ހަނދާނެއް ނުވެއެވެ. ސްކޫލުން ވަކިކޮށް ފާއިޒު އާއެކު ވެއްޔަށް ދާން އެންގި ދުވަހު ވެސް ސާރިމް އިތުރު ސުވާލަކާ ނުލައި އެއްބަސްވިއެވެ.
ހުރިހާ ކަމެއް ބަދަލުވީ ކުއްލި އަކަށެވެ. މުސްކުޅި ގޭ ބަހަން ޖެހުނު ހިސާބުންނެވެ. ސާރިމްގެ މައިންބަފައިން ނިޔާވެފައިވާތީ އޭނާއަށް އެގެއިން ބައެއް ނުލިބޭނެކަން އެންމެންނަށް ވެސް އެނގެއެވެ. މައްސަލަ އަކަށްވީ އޭނާއަކަށް ނޫނެވެ. ރަށުގެ މީހުންނަށެވެ. ފާއިޒު އާއި ދިމާލަށް ސާރިމް ބަލަން ފެށީ ގޯތި ބޭނުންވާތީއޭ ބުނި ދުވަހުން ފެށިގެން އައި ބަދަލު ސާރިމް އަދި އަދަށްދާންދެން ވެސް ހަނދާން އެބަހުއްޓެވެ.
"ބޭބެއަށް އުދަނގޫކުރަން އަހަރެން ބޭނުން ނުވީ." ސާރިމްއަށް ހީވީ އަރުތެރެ ބެނދެން އުޅޭހެންނެވެ. ސައިތަށިން ކޯވަރެއް ބޯލާފައި މޭޒުމަތީ ބެހެއްޓި އިރު ނަފީސާ އިނީ އަނގަމަތީ އަތް އަޅައިގެންނެވެ. ސާރިމްގެ ޖަވާބު އަހާފައި ކޮށްފައިވާ އަސަރުގެ ސަބަބުންނެވެ. ސާރިމްގެ ސަބަބުން ބޭބެއަށް އުދަނގޫވާންވީ ކީއްވެހެއްޔޭ އަހާފަދަ އަސަރެއް ލޮލުގައި ހުއްޓެވެ.
"އެއީ ސާރިމް ބަލައި ބޮޑުކުރީމައި އަހަންނަށް ލިބުނު އިނާމަކީ." ފާއިޒުގެ އަޑަށް ސާރިމްއަށް ބަލައިލެވުނެވެ. ނަފީސާއަށް އައި އަސްލު ބަދަލަކީ އެތަނަށް ފާއިޒު އައިސްވަންކަން ސާރިމްއަށް ނޭނގޭތީ ސާރިމް ދައްކާ ވާހަކައެއްގެ ސަބަބުން މަސްލަހަތު ގެއްލިދާނެކަމުގެ ބިރަށް އައި ބަދަލެވެ.
"އެއީ ބޭބެ ބޭނުންވި ގޮތަކީ." ސާރިމް ތެދުވެ ފާއިޒު އާއި މޫނު ހަމަކޮށްލިއެވެ. އޭނާގެ މޫނުމަތިން މިހާރު ޖެހިލުންވުމެއް ނެތެވެ. އޭނާއަށް ވެސް ކިތަންމެ ކަމެއް ވިސްނުނެވެ. ޚަރަދު ބޮޑުވެގެން ފާއިޒު ކިޔާ އެއްޗެހި އިވެއެވެ. އޭނާއަށް ކިޔަވައި ނުދިނީ އަމިއްލަ ދަރިއަކު ކަމުގައި ނުވީމައެވެ. ފަހުންވެސް ފައިދާއެއް ނުކުރާނެތީއޭ ކިޔާފައެވެ. އެއީ ފާއިޒު ނޫން ކޮންމެ މީހަކު ނަމަވެސް ވިސްނުން ހުންނާނެ ގޮތް ކަން ނޭނގެއެވެ. މައްސަލަ އަކަށްވީ ސާރިމް މީހަކާ އިންނަންވެގެން ގެއިން ކޮޓަރިއެއް ދޭށޭ ބުނި ހިސާބެވެ.
"އެ ދުވަހު ވެސް އަދި މިއަދު ވެސް އަހަރެން ބުނާނީ ހަމަ މިހެން، ކަލެއަށް އަހަރެން ހޭދަކުރި ކޮންމެ ރުފިޔާއަކީ އަހަރެންގެ އަތުން ބޭކާރުވެގެން ދިޔަ އެއްޗެއް، އެއީ ހޫނު ދަނގަޑު މައްޗަށް އަހަރެން އަތުން އެޅި ފެން ފަދަ އެއްޗެއް." ފާއިޒު ފަހަރަކު ފިޔަވަޅެއް ނަގަމުން އައިސް ހުއްޓުނީ ސާރިމްގެ ނޭވާ ފޯރާ ހިސާބުގައެވެ.
"އެއީ ދަރަންޏެއްގެ ގޮތުގައި ބަލައި އެ އަދާކުރަން އަހަރެން ބޭނުން،'' ސާރިމް އިސްއުފުލައި ފާއިޒު އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ފާއިޒުގެ ދެލޮލުން އަލިފާނުގެ ކުލަ ފެންނަން ހުއްޓެވެ.
"ވައުދުވާން ކެރޭނެ؟" ފާއިޒު އަޑުގައިވީ ހަރުކަށިކަމެވެ. އޭނާގެ އުމުރު ހުސްވަމުންދާއިރު އަދިވެސް އެ ސިފަ ދޫކޮށް މަޑުމައިތިރި ކަމާއެކު ބަސްބުނާނެ ދުވަހެއް ނާދެއެވެ. ބޮލުގެ އިސްތަށިތައް ނުރައަށް ވެފައި ވިއަސް އޭނާގެ ހިތްކަޅު އަނދިރިގަނޑެއް ފަދައެވެ. ސާރިމް ހިންދިރުވާލިއެވެ. އޭނާއަށް ވައުދުވާން ނުކެރޭނެ ކަމަށް ހީކުރީތީ އެކަމާ ސާރިމް އަޖައިބުވިއެވެ. މިހާރު ސާރިމްގެ އާމްދަނީ އާއި ދިރިއުޅުމާ ބެހޭގޮތުން ފާއިޒުއަށް އެނގޭނަމަ އެހެން ބުނާކަށް ނުކެރުނީހެވެ.
"ވަޢުދުވަން" ސާރިމްގެ ދުލުން އެބަސް ނިކުންއިރު މޫނުމަތިން ވެސް ފެންނަން ހުރީ އެ ބަހުގެ ޔަޤީންކަމެވެ. ދެ ޖީބަށް އަތްޖަހާލާފައި ބޭބެ އާއި ކުރިމަތިލީ މިއަދު އޭނާ އަކީ ބޭބެ އިއްޔެ ނިކަމެއްޗެއްގެ ގޮތުގައި ދެކުނު ސާރިމް ނޫންވީމައެވެ.
"ސާރިމް ބޮލުގައި އޮތް ދަރަންޏަކީ އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ ދަރިންނާ ހަވާލުވުން، އުމުރުން ފަންސާސް އަހަރުވީ އިރަށް އެ ދަރިންނާ ވަކިވާންޖެހިދާނެ ކަމަށް އަހަރެން ހިއެއް ނުކުރަން."
ފާއިޒުގެ ދެލޯ ފުރިގެން ދިޔައީ ކަރުނުންނެވެ. މުޅިން އަލަށް ފާއިޒުގެ ކިބައިން މަޑުމައިތިރިކަން ފެނުނެވެ. އުމުރު ދުވަހު އާރާއި ބާރު ދެމި ނޯންނާނެއޭ ބުނެ ނޫން ހެއްޔެވެ؟ އިވުނު ޖުމްލަ އާއެކު ސާރިމް އަށް ސިހުން ލިބުނެވެ. އޭނާގެ ސިކުނޑީގައި އެތުރުނީ އެކި ކަހަލަ ނުތަނަވަސްކުރުވާ ޚިޔާލުތަކެވެ. މަރުގެ ވާހަކަ ފާއިޒު ދައްކަންވީ ސަބަބާމެދު ވިސްނާލެވުމާއެކު އޭނާ ހަނދާންވީ މަންމަގެ މަތިންނެވެ. ބިރުން ރޫރޫ އަރައިގަތެވެ. އެއަށްވުރެ ބޮޑަށް އޭނާ ބަލިކަށިވީ ފާއިޒު އައިސް އޭނާގެ މޭގައި މޫނު ޖައްސާލާ ރޯން ފެށީމައެވެ
.
ފުނަ އޮށްތަކެއް އެއްކުރުމަށްފަހު އެ ހިފައިގެން ކުޅެން ތިބި ނޫރާ އާއި ސާރިމް އަށް ބަލަން ޝެރީން އިނެވެ. އޭނާގެ ކައިރީ ފަންވިންނަން އިން ރަމްލާގެ ސަމާލުކަން އެކުދިންނަށް ހުއްޓޭ ފަހަރު ވެސް އާދެއެވެ. ޝެރީން އިރުކޮޅުކޮޅާ ފޯނަށް ބަލަމުން ދިޔައެވެ. އޭނާގެ ފޯނު ރިންގުވެދާނެކަމުގެ ބިރު އޮތެވެ.
ދެދުވަސް ފާއިތުވެގެން ދާއިރު ޒައިންގެ ފޯން ކޯލެއް ނައެވެ. ފަރީނާ ވެސް ނުގުޅައެވެ. އެގެއިން ޒައިން ދިޔަ ކަމެއް ނޫން ކަމެއް ނޭނގެއެވެ. ޝެރީން ހުރީ އެ މުސީބާތާ ކުރިމަތިލާން ބޭނުންނުވާތީ ޒައިންގެ ނަން ކުރަން ވެސް ބޭނުން ނުވެފައެވެ. އޭނާ ފަރީނާގެ ގާތުގައި އެއްވެސް ވާހަކައެއް ނާހައެވެ.
ޒައިން ފުރައިގެން ދިޔައީބާއޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހާ އާދައިގެ ގޮތަކަށް ޒައިންގެ އުދަނގޫ ފިލައި ދާނެއެކޭ ޝެރީންގެ ހިތެއް ނުބުނެއެވެ. ބައެއް ފަހަރު މިއީ އަންނަން އޮތް ތޫފާނުގެ ހިމޭން ވަގުތުކޮޅުބާއޭ ހިތަށް އަރައެވެ.
ޒައިން އާއި ދިމާވި ގޮތަކީ ވެސް އަޖައިބު ކުރުވަނިވި ގޮތެކެވެ. އޭރު ޝެރީން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. އަރްޝަދު އާއެކު ޝެރީން މާ ފިހާރައަކުން މާބޮނޑިއެއް ގަނެގެން ނިކުން ވަގުތަކީ އެ ފިހާރައަށް ޒައިން ވަންނަން އައި ވަގުތެވެ. އަރްޝަދު ފޯނުގައި ހުރެ އަވަހަށް ދާން ބުނުމުން ޝެރީން ޖެހުނީ ޒައިންގެ ކޮނޑުގައެވެ. އަތުގައި އޮތް މާބޮނޑި ދޫވެގެން ވެއްޓެން ދިޔަ ވަގުތު ހުށިޔާރުކަމާއެކު ޒައިން އޭގައި ހިފިއެވެ. ތެދުވެފައި ޝެރީންއަށް ދިއްކޮށްލިއެވެ. ޝެރީންގެ މޫނު ފެނި ޒައިން ސިހުނުކަން އެނގުނީ އޭނާ އަޅައިގެން ހުރި އަވިއައިނު ދުރުކޮށްލާފައި ޝެރީންއަށް ބަލާލި ގޮތުންނެވެ. ޒައިންއަށް ޝުކުރު އަދާކޮށްފައި އެ މާބޮނޑީގައި ހިފަން އުޅުނު ވަގުތު ޒައިން ހިފެހެއްޓީ ޝެރީންގެ އަތުގައެވެ. އޭރު ފޯނުގައި ހުރެ އަރްޝަދު ބޭރަށް ނިކުމެއްޖެއެވެ.
"އާބަސް ބުނެފައި ނޫނީ ނުދެވޭނެ." ފުރަތަމަ ފެނިލުމާއެކު ވެސް ހާމަވީ ޒައިން އަކީ ޖެހިލުންކުޑަ މީހެއްގެ ގޮތުގައެވެ. ބޭނުންވި ކަމެއް ހާސިލުކޮށްފައި ނޫނީ ދޫކޮށްނުލާނެ ކަމެވެ.
"އައި އެމް ޑޭޓިން" ޒައިންގެ އަތް ފޮޅާލަމުން ޝެރީން ބުނެލި އެވެ. ޒައިންގެ ބަހުރު ވަޔާއި އަމުރުވެރިކަން ޝެރީން މާނަކުރީ ގޮތެއް ފޮތެއް ނެތް މީހެއްގެ ގޮތުގައެވެ. ގަދަބާރުން ބޭނުންވާ ކަމެއް ހާސިލް ކުރުމަކީ އެމީހަކަށް އެ އެއްޗެއް ހައްޤުވުމެއް ނޫނެވެ.
"މާދަމާ ރޭ އަހަރެން ހަދިޔާ ދޭނަން. ބަލަން ހުންނައްޗެ" ޒައިން ޝަހާދަތް އިނގިލި އުފުލައިލަމުން ބުނެލިއެވެ. އެއީ އިންޒާރެއް ކަމެއް ޝެރީން ނުދެނަ ހުއްޓެވެ. ޒައިން އާއި ދިމާލަށް ތުންފިއްތާލާފައި ޝެރީން ނިކުތީ އޭނާއަށް މާދަމާ ރެއަކީ ބިރުވެރި ރެއަކަށް ވެދާނެ ކަމަށް ހީކޮށްފައެއް ނޫނެވެ.
ޖެހިގެން އައި ރޭގެ އަށެއް ޖެހިއިރު ޝެރީންއަށް ލިބުނީ ހިތުން ފިލައިގެންނުދާވަރުގެ ޚަބަރެކެވެ. އޭނާގެ ލޯބިވެރިޔާ އެކްސިޑެންޓެއްގައި މަރުވި ޚަބަރެވެ. ހިމްނާ އާއެކު ޝެރީން ހޮސްޕިޓަލަށް ދާން ނިކުން ވަގުތު އޭނާ ހުއްޓުވީ ޒައިންއެވެ. އޭނާގެ ކާރުގެ ކުރިމައްޗަށް އައިސް މަޑުކުރީ ޒައިންގެ ޕީސީ އެކްސްއެވެ. ކާރުގެ ބުރެކި ޖެއްސުނީ ކުއްލިއަކަށެވެ. ޒައިން ފެނިފައި ޝެރީންއަށް ނުބައެއް އުޅޭކަން ނަގައިގަނެވުނެވެ. ޔަޤީންވީ ސައިކަލުން ފައިބާފައި އައިސް ކުރި ސުވާލުންނެވެ.
"ހަދިޔާ ޤަބޫލުކޮށްފިންތަ؟"
"ވާރޭ ވެހެން ވާއިރަށް ގެއަށް ވަންނަން ހިނގާ." ރަމްލާ އުދަރެހަށް ބަލައިލީ ފަންގިގަނޑު މައްޗަށް ފެންތިއްކެއް ޖެހުމުންނެވެ. އޭރު މުޅި އުދަރެސް ބެދިފައިވަނީ ކަޅުވިލާ ތަކުންނެވެ. ވައިރޯޅިތަކުގައި ފިނީގެ އަސަރުވިއެވެ. ޝެރީންއަށް އެ ޚިޔާލުތަކުން ނިކުމެވުނެވެ. އެއީ ހޭލާ އިންނަ ވަގުތުތަކުގައި ވެސް އޭނާއަށް ފެންނަ ހުވަފެނެއް ފަދަ އެވެ.
ކުޅެންތިބި ނޫރާ އާއި ސާރިމް ވަކިވީ ޝަކުވާ އަކާނުލައެވެ. އެކުދިންނަށް މާދަމާ ވެސް ބައްދަލުވާނެކަމުގެ ޔަޤީންކަން އޮތީމައެވެ. ދެ ކުދިން ހަނާ އަޅައިލިއެވެ. ޝެރީން އާއެކު ގެއަށް ވަންނަމުން ނޫރާ ޝެރީންއަށް ގޮވާލިއެވެ. ނޫރާ ކޮނޑުގައި އަޅުވާފައި އޮތް ކުޑަ އަތްދަބަހުން ރަން ފަށެއް ނަގައި ދައްކާލިއެވެ. އެ ރަންފަށުގައި ހިތުގެ ބައްޓަމުގެ ފުލެއް އޮތެވެ.
"މިއީ ސާރިމް ދިން އެއްޗެއް؟" ނޫރާ ދައްކާލަމުން ބުނެލިއެވެ.
(ނުނިމޭ)