ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 60

8

ފަސްދޮޅަސްވަނަ ބައި

ލޯމަތިން އަނާރް ގެއްލުމާއެކު އަނެއްކާވެސް އޭނާގެ ހިތްވަރު އެލިއްޖެއެވެ. އަނާރް ފަހަތުން ނިކުންނަންވެސް ހަނދާން ނެތިއްޖެއެވެ. މޮޔައަކު ފަދައިން އެނދުގައި އިށިންގޮތަށް ބަސްހުއްޓިއްޖެއެވެ. އަމިއްލަ ކުށް އިހުސާސް ކުރެވި ދެލޮލުގައި ބޮނޑިވެގަތް ކަރުނަތައް ކޯރެއް ބަންޑުންވާ ފަދައިން އޮހިގަނެއްޖެއެވެ. އިހުސާސްތައް ނުހިފެހެއްޓި އަޑުން އަޑުނަގާ ބާރަށް ރޮއެގަނެވުނު ވަގުތު ދޮރު ހުޅުވާލާފައި ރުޝްދާ އާ ފިޔާޒާ އެތެރެއަށް ވަދެއްޖެއެވެ. ރުޝްދާ ގޮސް ޝުހޭލް ކައިރީގައި އިށީނދެފައި ވީގޮތެއް އޮޅުންފިލުވަން މަސައްކަތް ކުރަމުން ދިޔައެވެ.

"އަނާރް ކުއްލިއަކަށް ބިނާން ގޮވައިގެން ހިނގައްޖެ. ވާހަކަވެސް ނުދެއްކި. ރޮމުން ދިޔައީ. ކިހިނެއްވީތަ ދަރިފުޅާ" ފިޔާޒާ ވާހަކަދެއްކިއެވެ. ފިޔާޒާގެ ކޮނޑުގައި ބޯއެޅި ޝުހޭލް ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ.

"އަ ނާ ރް.... ޕްރެގް. އޭނަ އެދިޔައީ ރުޅިއައިސްގެން" ހިތްވަރުކޮށްފައި ޝުހޭލްއަށް ބުނެވުނީ އެވަރަށެެވެ. ކިތަންމެ އުފާވެރި ހަބަރަކަށް ވިޔަސް ތުންފަތަށް ހިނިތުންވުމެއް ގެނެވޭ ވަރަށް ވުރެ ބޮޑަށް ކޮންމެ މީހެއްގެ ހިތަށްވެސް ވަނީ އަސަރުކޮށްފައެވެ.

***

އެއަރޕޯޓުގެ ފިރިހެނުންގެ ފާހާނާ ކައިރީގައި މަޑުކޮށްލައިގެން ހުރި ސައިފް ކަންފަތާ ފޯނު ދުރުކޮށްލީ އެދިމާލަށް އަންނަމުންދިޔަ އަބާން ފެނުމުންނެވެ. ކަޅު ކުލައިގެ އަތްކުރު ޓީޝާޓަކާ ކަކުލުން ދެ އިންޗިއެއްހާ ތަން މައްޗަށް ހުރި ކްރީމް ކުލައިގެ ސޯޓުގައި އައި އަބާން އައިސް ހުއްޓުނީ ސައިފް ކުރިމަތީގައެވެ. ނުދާން ކިޔާފައިވެސް ފަހު ވަގުތު އަބާންގެ ވިސްނުން ބަދަލުކުރުމުން ސައިފަށް ހުރީ މަޖާވެފައެވެ. އެކުވެރިޔާގެ މިޒާޖަށް އައިސްފައިވާ ބަދަލު އޭނާއަށް ފާހަގައެއް ނުވެއެވެ.

"ކިހިނެއްވީ؟ އަހަރެން ހީކުރީ އަނާރް ގޮވައިގެންކަމަށް އަންނާނީ" ބާރު ހިނިގަނޑަކާއެކު ސައިފް ބުނެލިއެވެ. އޭނާ ހުނުންގަނޑު މަތަކޮށްލީ އަބާން ހުރި ގޮތް ފެނުމުންނެވެ. ކުއްލިއަކަށް އަބާން ސައިފްގެ ގައިގައި ބައްދައިގަނެއްޖެއެވެ. ހީވީ އިހުސާސްތައް ހިފަހައްޓާ ނުލެވުނީހެންނެވެ. ސައިފް ގަބުވިއެވެ. ވާނުވާ ނޭނގި އޭނާއަށް ބަހެއްވެސް ނުކިޔުނެވެ. އަބާންގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން ފުރަތަމަ ސައިފަށް ގަބޫލުވެސް ނުކުރެވުނެވެ. ހަގީގަތުގައިވެސް އޭނާ ހަދާނެގޮތް ހުސްވިއެވެ. އޭނާ އެއީ ތުއްތު ކުއްޖަކު ރޯލިޔަސް މަސަލަސް ކުރަން އިނގޭ މީހެއް ނޫނެވެ. ތަނުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ސަމާލުކަން ހުއްޓެމުންދާކަން އިނގި އޭނާ އަބާން ގޮވައިގެން ވަނީ ފާހާނާއަށެވެ.

އަބާން ހިތްހަމަޖެހެންދެން ރޯން ފުރުސަތު ދީގެން ސައިފް ހުއްޓެވެ. އޭނާގެ މަޖާ މޫޑު ކެނޑި ނަފްސަށް ހަރުކަށިކަމެއް ވެރިވެއްޖެއެވެ. ސައިފާ ދުރަށް ޖެހިލާފައި އަބާން ގޮސް ހުއްޓުނީ މޫނު ދޮންނަ ތަށި ކައިރީގައެވެ. ސައިފް ހުރީ އަބާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އަބާން އެނބުރުމާއެކު ސައިފް ހައިރާންވިއެވެ. އެހާ ކުޑަވަގުތުކޮޅެއްގައި އަބާންގެ ދެލޯ ލޭކޮޅަކަށް ވެއްޖެއެވެ. މުޅި މޫނުމަތި ދުޅަކޮށްލައިފިއެވެ. ނޭފަތުގައި ރޯގާތައް ދިޔާވެގެން ފައިބަން ފަށައިފިއެވެ.

"އާރ ޔޫ އޯކޭ" ސައިފް އެހިއެވެ. އަބާން ބޯޖަހައިލިއެވެ. އެހެން ބުނިއިރުވެސް މޫނުމަތީގައި ހުރި ފެންތަކާއެކު އަބާންގެ ލޮލުން ކަރުނައެއް ވެއްޓުނު ތަން ސައިފް ދުއްޓެވެ.

ދެއެކުވެރިން ނިކުމެފައި އިށީނީ ޗެކިން ކައުންޓަރާ ދިމާލަށް ހުރި ގޮނޑިބަރީގައެވެ. އަބާން ޗެކިންވާން ހިނގައިގަތުމާއެކު ސައިފް ވިސްނާލިއެވެ. އަބާންގެ އެ ކަރުނަތަކާ ގުޅިފައިވަނީ އަނާރް ހެއްޔެވެ؟ އަނާރް އަބާނާ އެކުވާން ދެކޮޅުހެދީ ހެއްޔެވެ؟ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށެވެ. ބަލި ގަބޫލުކުރަން ކޮންމެ މީހަކަށްވެސް އިނގެން ޖެހޭނެއެވެ. މުސްތަގުބަލުގަ އަބާނަށް ހުރި އުފާވެރި ދުވަސްތައް އިނގެނީ ކާކަށް ހެއްޔެވެ؟ މަދަމާ އަނާރަށް ވުރެ ރަނގަޅު ލޯބިވާ ބައިވެރިއެއް އަބާނަށް ލިބިދާނެއެވެ. އޮތީ ކެތްތެރިވުމެވެ. އެކަލާނގެއަށް އިތުބާރު ކުރުމެވެ. މާދަމާ ވާނެ ގޮތެއް އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ.

***

އުމެއިރާ ކޮޓަރިން ނިކުތްއިރު ސޯފާގައި ނިދާފައި އޮތް ޝެޒާ ފެނިއްޖެއެވެ. އޭރުވެސް ޓީވީ ހުޅުވާފައި ހުއްޓެވެ. ޝެޒާއަށް ނިދުނީ ޓީވީ ބަލަން އޮށްވާކަން އުމެއިރާއަށް އިނގުނެވެ. ޝެޒާއަށް ގޮވާފައި އެނބުރިލި ވަގުތު ދޮރުން ވަން ޝުހޭލް ފެނި އެދިމާލަށް ދިޔައެެވެ.

"އަނހަ. ދަރިފުޅު، މިގަޑީގަ ކަމަކުތަ؟ ހުރިހާ ކަމެއް ރަނގަޅުތަ؟" އުމެއިރާ އެހިއެވެ. ކުޑަކޮށް އެތެރެއަށް ވަދެލާފައި ޝުހޭލް ހިފީ އުމެއިރާގެ އަތުގައެވެ. ހީވީ އޭނަގެ މޫނުމަތީގައިވާ ކަންބޮޑުވުމުގެ އަސަރުތައް އުމެއިރާއަށް ފޮރުވީ ހެންނެވެ.

"މިހެންލާފަ ދަމުން ވަދެލީ" ޝުހޭލް ބުނެލިއެވެ. އެގޭގައި އަނާރް ނެތްކަން އޭނާއަށް ޔަގީންވިއެވެ.

"އެހެންތަ. ކުޑަކޮށް ވިއްސާރަކޮށް އޮތީމަ އަވަހަށް ނިދަންކަމަށް އުޅުނީ. އާދޭ އެތެރެއަށް" އުމެއިރާ ބުނެލިއެވެ.

"ނޫނޭ. އަނާރް ގޭގަ އިންނާނީ އެކަންޏެއްނު. އަވަހަށް ދާންޖެހޭނެ" ޝުހޭލް ބުނެލިއެވެ.

"އާނ. މާމައަށް ގުޅާފަ ބުނި އެމަންޖެ ބަލިވެއިން ވާހަކަ. ރަނގަޅަށް ބަލައްޗޭ އެމަންޖެއަށް" އުމެއިރާ ބުނެލިއެވެ.

***

މާލޭ މަގުމަތީ އެތައްއިރަކު ދުއްވާފައި މާޔޫސްކަމާއެކު ޝުހޭލް ގެއަށް އައިސް ވަނީ ދަންވަރު އެކެއްޖަހާ ބޮޑުވި ފަހުންނެވެ. އޭނާ އަތުގައި އޮތް ފޯނަށް ހުއްޓާނުލާ ފިޔާޒާ އާ ރުޝްދާ ގުޅަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަން ހުއްޓޭ ވަރަށް ވުރެ އޭނާގެ ހިތުގެ ހާލު ބޮޑެވެ. އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. ހަދާނެގޮތެއް ނޭނގި އަމިއްލަ ނަފްސަށް ގެއްލުންދޭންވެސް ހިތަށް އަރަމުން ދިޔައެވެ. ވިސްނާނުލާ ކުރެވުނު ކަމަކުން އަނާރް އޭނާ އަތުން ގެއްލިގެން އެދިޔައީ އުންމީދުވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

"އަހަރެންނަށް ކުޑަކުޑަ ހިންޓެއް ދީ. ހެޔޮނުވާނެ" ޝުހޭލް ބުނެލިއެވެ. އަނާރްގެ ދިރުމެއްނެތް ތަސްވީރާ ވާހަކަދައްކަމުން ގޮސް އެނދުގައި އެއްފަރާތަށް ކުރުގެޅިގެން އޮށޯތެވެ. ތާޒާ ކަރުނަތައް ލޮލުގެ އަރިމަތިން ފައިބަމުން ދިޔައެވެ. މަޑު ގިސްލުމެއްގެ އަޑު އިވިއިވި ހުރިއިރު އޭނާގެ ދެލޮލުގައި އުފެދިފައިވި ރިހުން ގަދަވެ ދެލޮލަށް ބަރުވާން ފަށައިފިއެވެ. ޖަހަމުންދާ ކޮންމެ ވިންދަކާއެކު ދުލުން އަނާރްގެ ނަން ބޭރުވަމުން ދިޔައެވެ.

"ކީއްވެ އަހަރެން އަބާނާ ހަވާލުކުރީ. އަހަރެން އަބާންދެކެ ކުޑަކޮށްވެސް ލޯތްބެއްނުވޭ. ދަރިފުޅުގެ ބައްޕައަށް ވިޔަސް އަހަރެމެންގެ ދެމައިންގެ ހަޔާތުން ކުޑަވެސް ޖާގައެއް އޭނައަށް ދޭން ބޭނުމެއްނޫން. އަހަރެންނާ އެއްގެޔަކު އުޅެ އެއް ތަންމަތީގަ ނިދާފަ އަހަރެންގެ ހަށިގަނޑުން އަރާމާ ލައްޒަތު ލިބިގަތްއިރު ހަމަ ކުޑަކޮށްވެސް އަހަރެންގެ ހިތުގައިވާ އެއްޗެއް ނޭނގުނުތަ؟ އަހަރެން ދެލޮލުން ލޯތްބެއް ނުފެނޭތަ؟ އަބާނާ ދެމީހުން އަމިއްލައަށް އަހަރެންގެ ދިރިއުޅުމާ މެދު ގޮތް ނިންމިއިރު އަޅެ ޝުހޭލް ކުޑަކޮށްވެސް ވިންނާނުލަންތަ އަހަރެންނަކީ ތިމާ މީހާގެ ހަލާލު އަނބިމީހާ އޭ. އަހަރެން ހީކުރީ ކޮންމެ ހާލެއްގަވެސް އަހަރެން ގޮވައިގެން ޝުހޭލް އުޅޭނެކަމަށް. އަހަރެން ރައްކާތެރިކޮށްދޭނެ ކަމަށް. އެހެން ފިރިހެނެއްގެ ވައިވެސް އަހަރެންގެ ގަޔަށް އެޅުނު ނުދޭނެކަމަށް. ޝުހޭލް ބުނެބަލަ؟ ޖަވާބުދީބަލަ؟ ކީއްވެހޭ އަހަރެން ހިލޭ ފިރިހެނެއްގެ އަތް މައްޗަށް ދޫކޮށްލީ؟"

"ނޫން ނޫން.... ނުދޭ. ސޮރީ އޭ" ނިދީގައި އޮތް ޝުހޭލް ދެފަރާތަށް ބޯހޫރަމުން ކިޔަމުން ދިޔައެވެ. އޭނާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނުއިރު މުޅި މީހާ ވަނީ ދަލުން ތަތްތެޅިފައެވެ. ފުންމައިގެން ތެދުވެ އެނދުގައި އިށިންއިރު ކަރުތެރެ ހުރީ އެއްކޮށް ހިކިފައެވެ. ބަނޑުހައިހޫނުކަމުގެ އިހުސާސްވެސް ކުރެވެމުން ދިޔައެވެ. ސައިޑް ކަބަޑް މަތީގައި ހުރި ފެންޖަގުން އަނގައަށް އަޅާލީ ކުޑަ މިންވަރެކެވެ. ބޭނުންވީ ހަމައެކަނި ކަރުތެރެ ތެންމާލާށެވެ.

***

ކައިވެންޏަށްފަހު ބައްޕަގެ ވިޔަފާރި އާ ގުޅުނު އާކާޝް އޮފީސް ނިންމާފައި ގެއަށް އައިސް ވަންއިރު ގޭތެރެއިން މީހަކު ފެންނާކަށް ނެތެވެ. އޭނާ މިސްރާބުޖެހީ ކޮޓަރި އާ ދިމާލަށެވެ. ދޮރުހުޅުވާލިއިރު ބެޑްޝީޓް އަޅަން ދޮރަށް ފުރަގަސްވާގޮތަށް ޒައިނާ އޮތެވެ. މީހަކު ދޮރުހުޅުވައިލިކަން ޒައިނާއަށް ނޭނގުނީ އޭނާގެ ކަންފަތާ ހެޑްސެޓް ގުޅާލާފައި އޮތުމުންނެވެ. ޒައިނާ އާ ގާތަށް އާކާޝް ފިޔަވަޅު އަޅަމުން ދިޔައީ މަޑުމަޑުންނެވެ. ފުރުގަހުން ހުއްޓި އޭނާގެ އަތްމައްޗަށް ޒައިނާ އުފުލައިލިއެވެ. ޒައިނާ ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ކަންފަތުން ހެޑްސެޓް ވަކިކޮށްލާފައި އާކާޝްއަށް ހިނިތުންވުމެއް ދީފިއެވެ.

"އައްކި، މިގަޑީގަ. އަދި އެގާރަވެސް ނުޖަހާ. ބައްޕަ ކައިރީގައި ކޮން ބަހަނާއެއް ދައްކާފަ ގެއަށް ތިއައީ" އަކާޝްގެ ކަނދުރާގައި ދެއަތް އަޅުވައިލަމުން ޒައިނާ އެހިއެވެ.

"ބައްޕަ ދިން އެއްޗެއް މަންމަ އާ ހަވާލުކޮށްލަން. ގެއަށް އައިސްފަ ކިހިނެއް ޒައި މޫނު ދެކިނުލާ ދާނީ" އަތްމަތީގައި އޮތް ޒައިނާ މޫނާ ހަމައަށް އުފުލާލަފައި ތުންފަތުގައި ބޮސްދެމުން އާކާޝް ބުނެލިއެވެ.

"ދެން... ބަހައްޓަބަ ތިރީގަ" ޒައިނާ ބުނެލިއެވެ.

"އާނ މިހާރު ހީވޭ ކުރިއަށް ވުރެ ބަރުހެން" ޒައިނާ ތިރީގައި ބަހައްޓަމުން އާކާޝް ބުނެލިއެވެ.

"ސީރިޔަސްލީ. އަނެއްކާ އަހަރެން ޗަބީ ވަނީތަ؟" ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ ހަށިގަނޑަށް ނަޒަރެއްދެމުން ޒައިނާ ބުނެލިއެވެ.

"އެހާ ބޮޑަކަށް ނޫން. އިތުރަށް އެއްޗެއް ބުނެވޭނީ މިރޭ އަހަރެން ގައި މައްޗަށް އެރީމަ" އާކާޝް ކޮށްލީ ލާނެއް ސަމާސާއެކެވެ. އެނބުރިލާފައި އާކާޝްގެ މޭގައި މަޑުމަޑުން ޒައިނާ ޖަހައިލިއެވެ.

އާކާޝް ދިޔުމުން ޒައިނާ އެނބުރި ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އާކާޝް ބޮސްދިން ތަނުގައި އަމިއްލަ އަތުން ފިރުމާލިިއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. އެއްފަރާުތުގައި ހުރި ރީތި ޑިޒައިނަކަށް ފަރުމާކޮށްފައި ހުރި ކުޑަ ކަލަންޑަރ ނަގައިފައި ދުވަސްތައް ހިތުން ގުނައިލިއެވެ.

"ސަތާރަ ދުވަސް" ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު އޭނާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

***

ޝުހޭލްގެ ވަށައިގެން ރުޝްދާ އާ ފިޔާޒާގެ އިތުރުން އުމެއިރާ އާ ޝެޒާވެސް އިނެވެ. އެންމެންގެ ތެރޭގައި ސޯފާގައި އިން ޝުހޭލްގެ ދެލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. ރޮއެރޮއެ ދެލޯ ވަނީ ފާރުވެފައެވެ. އަނާރް އޭނާއަށް އެންމެ ފުރުސަތެއް ދިނުމަށް ހިތް އެދެމުން ދިޔައެވެ.

"ޕޮލިހަށް އަންގަންވީނުން" ކަންބޮޑުވެފައި އިން ޝެޒާ ބުނެލިއެވެ. ޝުހޭލް ދެފަރާތަށް ބޯހޫރާލިއެވެ.

"އުނހު. މިއުޅެނީ އެމަންޖެ ގެއްލިގެނެއް ނޫން. މިއުޅެނީ އެމަންޖެ އަމިއްލަ އިހުތިޔާރުގަ ގެއިން ނިކުމެގެން ގޮސްގެން. މީކީ ފުލުހުންނަށް އަންގަންޖެހޭ ވަރުގެ ކަމެއްނޫން" ވަގުތުން އުމެއިރާ ދެކޮޅު ހެދިއެވެ.

"ދެކުދިން ދޭތެރޭގަ ކޮން މައްސަލައެއް ޖެހުނީ؟ ދެކުދިންނަށް ހައްލު ނުކުރެވެންޏާ ތިންވަނަ ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާނެ. ދަރިފުޅާ، ތިހެން ގާވެފަ ނީނދެ ކޮންމެސް އެއްޗެއް ކިޔާބަލަ" ފިޔާޒާ ވާހަކަދެއްކިއެވެ. ޝުހޭލް ހަމަ އިންގޮތަށް ޖެހި ބުދެއްހެން އިނެވެ.

"އެސޮރު ކައިރިން އެކަކުވެސް ވީގޮތް އަހާނެ ކަމެއްނެތް. އެއީ އެކުދިންގެ އަމިއްލަ ކަމެއް. އެންމެންވެސް ހަމަޖެހިބަލަ" އުމެއިރާ އެންމެންނަށް އެންގިއެވެ.

"ދެރަނުވޭ. ހުރިހާކަމެއްވެސް ރަނގަޅުވާނެ. އަނާރަކީ ކަންކަމުގަ ވަރަށް ކެތްތެރި ކުއްޖެއް. އެކަހަލަ ފިޔަވަޅެއް އޭނާ އަޅާނީ ވަރަށް ބޮޑަށް ހިތުގައިޖެހުނީމަ. ވަރަށް ދެރަވެގެން ނޫނީ އެގޮތަށް ގެއިން ނިކުމެގެން ނުދާނެ. މާމައަށް ޔަގީން ކިތަންމެ ދެރަވެގެން ދިޔަސް އަމިއްލަ ނަފްސަށް ގެއްލުމެއް ލިބޭވަރުގެ އެއްވެސް ކަމެއް ނުކުރާނެކަން. މީހަކު ދެކެ ލޯބިވިއްޔާ މުޅި ހިތާ ހަށިގަނޑުން ލޯބިވާނީ. ދަރިފުޅުދެކެ އަނާރް ވަރަށް ލޯބިވޭ. މިހާރު އަދި ބަލިވެއިނީމަ ކޮންމެކަމެއްގެވެސް ދެގުނަ އޭނައަށް އިހުސާސްކުރަން ޖެހޭނެ" އުމެއިރާ ޝުހޭލްއަށް ވިސްނައިދިނެވެ.

***

ދަންވަރު އެއްގަޑި ބައިވާން އުޅެނިކޮށް ޝުހޭލްގެ ފޯނު ރިންގުވާން ފެށިއެވެ. އަރާފައި އިން ޝުރޫކްގެ ނަން ފެނުމާއެކު ޝުހޭލް ކޮޅަށް ޖެހިއްޖެއެވެ. ޔަގީނުންވެސް އަނާރް ވީތަނެއް ޝުރޫކަށް އިނގޭނޭ އޭނާގެ ހިތް ބުނެލިއެވެ. މައިންބަފައިންނާއެކު ޝުރޫކް ރާއްޖެއިން ބޭރުގައި ހުރީ ބޭސްފަރުވާއަކަށް ގޮހެވެ. އޭނާ ރާއްޖެ އައިކަމެއް ޝުހޭލްއަށް ނޭނގެއެވެ. އެންމެ ރިންގަކާއެކު އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖަހައިފިއެވެ. އޭނާ ހީކުރި ގޮތަށް ޝުރޫކް ދިނީ އަނާރްގެ ހަބަރެކެވެ. ވަގުތުން ޝުހޭލްގެ ދެލޯ ވިދައިގަތެވެ. ކަރުނައިގެ ތެރެއިންވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

ޓީޝާޓުލަމުން ދުވެފައި ނިކުންނަން ދިޔަ ޝުހޭލް ފެނި ސިޓިންރޫމުގައި ތިބި އެންމެން ކޮޅަށް ތެދުވެއްޖެއެވެ. އަނާރްގެ ހަބަރެއްވޭތޯ އެމީހުން ހޭލާ ތިބޭތާ އެތައް އިރެކެވެ. ކިރިޔާވެސް ލޮލުގައި ނިދީގެ އަސަރު ހުރީ ޝެޒާގެއެވެ.

"ކޮންތާކަށް؟" ޝުހޭލްގެ ހަރަކާތްތައް އަވަސްވެފައި ހުރުމުން ރުޝްދާ އެހިއެވެ.

"އަނާރްގެ ވީތަނެއް އިނގިއްޖެ. މިދަނީ ބަލާ. ޝުރޫކްގެ މައިންބަފައިންނާއެކު އަތޮޅުތެރެއަށް ދާން ފުރަނީ ޔޯ. މިހާރު ތިބީ ވިލިމާލޭގަ" ބޫޓަށް އަރަމުން ޝުހޭލް ވާހަކަދެއްކިއެވެ.

"އަހަރެމެންވެސް ދާނަން. ދަރިފުޅު މަޑުކުރޭ ރުޝްދާއްތަގެ ކުޑަމަންޖެ ކައިރީގަ" އުމެއިރާ ޝެޒާއަށް ބުނެލިއެވެ. ޝެޒާ ބޯޖަހައިލިއެވެ.

ދަންވަރުގެ ވަގުތަށް ވާތީ ވިލިމާލޭ ފެރީޓާމިނަލްގައި ތިރީހަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. ފެރީ އޮތީ އެއްގަޑި ސާޅީސް ފަހެއްގައެވެ. އެ ތިރީސް މިނިޓް ޝުހޭލްއަށް ހީވީ ތިރީސް ގަރުނަށް ދެމިގެންދިޔަ ހެންނެވެ. އޭނާއަށް ގޮނޑީގައި އިނުންވެސް ބުރައަކަށް ވިއެވެ.

ވިލިމާލޭ ފަސްގަނޑުގައި ދެފައި ޖެހުމާއެކު ބަނދަރާ ދިމާލަށް ދުއްވައިގަތެވެ. ޝުރޫކް ބައްޕަ ކުއްޔަށް ހިފާފައި އޮތް ލޯންޗު މާދުރަށް ނުދެވެނީސް ޝުހޭލަށް ފެނިއްޖެއެވެ. ވަގުތުގެ ގޮތުން މާ ބައިވަރު މީހުންނެއް ނެތެވެ. ގަސްތަކާ ދިމާލުން ޕްލާސްޓިކް ގޮނޑިއެއްގައި ގާޑެއް އިނެވެ. ދެން މުޅިންވެސް ތިބީ ޝުރޫކްގެ އާއިލާއެވެ. އެހުރިހާ އެންމެންގެ ތެރެއިން ޝުހޭލްގެ ލޮލުގައި އަޅައިގަތީ ބިނާން އުރައިގެން ހުރި އަނާރެވެ. އޭނާގެ ލޮލަށް އަނާރް ފެނުމާއެކު ހެއްދެވިފަރާތަށް ޙަމްދުކޮށްލިއެވެ.

"ޝުހޭލް އެ އައީ އަރޫ ބަލާ. ވީކަންތައް ހަނދާން ނައްތާލާފައި ޝުހޭލާއެކު ދޭ. ދެދަރިންނަށްޓަކައި. އަހަރެން ބޭނުމެއްނޫން އެމީހުންނާ ވަކިކޮށް އަރޫ ގޮވައިގެން ފުރާކަށް. އަހަރެން އެކޮޅަށް ގޮސް އަރޫއަށް ގުޅާނަން އިނގޭ. ޓޭކް ކެއަރ" ޝުރޫކް ދިޔައީ އަނާރްގެ ކޮނޑުމަތީގައި ނިދާފައި އޮތް ބިނާންގެ ކޮލުގައި ބޮސްދީފައެވެ.

ރޮއެރޮއެ ހުރި އަނާރް ފަހަތް ބަލައިލިއެވެ. ޝުހޭލް ހުރީ އޭނާ އާ ދާދި ކައިރީގައެވެ. ޝުހޭލް ކައިރިވާވަރަކަށް އަނާރް ދިޔައީ ރޮމުން ފަހަތަށް ޖެހެމުންނެވެ. އެހެން ގޮސް ޖެޓީމަތިން ނެއްޓި މޫދާ ދިމާލަށް އަނާރް އަރިއަޅައިލި ވަގުތު ޝުހޭލް ހުޝިޔާރުވެ އަނާރްގެ އަތުގައި ހިފައި ދަމައިގަތެވެ.

"ސޮރީ. އަހަރެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. ތިދެމައިންނާ ނުލާ އުޅޭކަށް އަހަރެން ބޭނުމެއްނޫން" އަނާރް ބަހެއް ނުކިޔައެވެ. ހަށިގަނޑަށް ގެނައި ހަރަކާތަކާއެކު އަނެއްކާވެސް ޝުހޭލާ ދުރަށް ޖެހިލިއެވެ.

"ނުދާނަން. ތިއީ އަހަރެންދެކެ ލޯބިވާ މީހެއްނޫން" އަނާރް ބުނެލިއެވެ.

"ތިހެން ނުބުނޭ ލޯބިވާ. ހެއްދެވިފަރާތް ހެކިކޮށް އަހަރެން ބުނާ ތެދެއް މިއީ. އަހަރެން ތިނޫން އަންހެނެއްދެކެ ލޯތްބެއްނުވޭ. އަހަރެން ކުރި ހުރިހާކަމެއް ކުރީ އަރޫގެ އުފަލަށްޓަކައި. އަރޫ އާ ނުލާ މިވީ ވަގުތުކޮޅުގެ ތެރޭގައި އަހަރެން ދުނިޔެއިން މޮޔަނުވީ ކިރިޔާ. އަހަރެންނަށް ތިކަހަލަ އަދަބު ނުދީ" ޝުހޭލް އަނާރް އަތުގައި ހިފިއެވެ.

"އެހެންވިއްޔާ ކީއްވެ؟ ކީއްވެތަ އަހަރެން ހިލޭ ފިރިހެނަކާ ހަވާލުކުރީ. އެންމެފަހަރަކުވެސް އަހާލިނަމަ އަހަރެން ބޭނުންވަނީ ކޮންގޮތެއްތޯ. އަމިއްލައަށް ގޮތް ނިންމިއިރު އަޅެ އަހަރެން ހިތަށް ކުރާނެ އަސަރު ވިސްނާލިނަމަ" ރޮވިފައިވި އަޑަކުން ވާހަކަދައްކަމުން ގޮސް އަނާރަށް ތިރީގައި ކުރުކަކޫ ޖެއްސިއްޖެއެވެ. ރޮއެރޮއެ އޭނާ ވަރުބަލި ވެއްޖެއެވެ. ކޮޅަށް ހުންނާނެހާ ހަކަތައެއް ހަށިގަނޑުގައި ނެތެވެ. އެހިނދު ޝުހޭލް ތިރިވެ އަނާރް ނަގަން އުޅުނެވެ. ބިނާން އުނގަށް ލައިގެން އިނދެ އަނާރް ރޯ މަންޒަރު ބަލަން އޭނާއަށް ކެތްނުވިއެވެ. ބިނާންވެސް ހޭލައިގެން ރޯން ފެށީ އެވަގުތުއެވެ. ދުރުގައި ހުރި ރުޝްދާ އައިސް އަނާރް އުނގުގައި އިން ބިނާން އުރާލައިގެން ދުރަށް ޖެހުނެވެ.

"އަހަރެންވެސް ހީނުކުރާހާ ލޯބިވެޔޭ. ޝުހޭލްދެކެ. އަހަރެން ހާދަ އުފަލުންނޭ އެރޭ ބައްދަލުކުރީ. އަހަރެންނަށް ކިިނެއް އިނގޭނީ އަހަރެންގެ ފިރިމީހާ އަހަރެން އެހެން ފިރިހެނަކާ ހަވާލުކުރާނެކަމެއް. ވަރަށް ދެރަވި. ވަރަށް ވަރަށް ދެރަވި" އިސްޖަހައިގެން އިނދެ އަނާރް ކިޔަމުން ދިޔައެވެ.

"އައިމް ސޮރީ ލަވް. އަހަރެން ކިހިނެއްހަދަންވީ؟ ބުނެބަލަ؟ ބުނި ކޮންމެ ކަމެއް ކުރާނަން. މަރުވާންވީތަ؟ އަރޫ ބުނެފިއްޔާ އަހަރެން މަރުވެސް...." އަނާރް ވަގުތުން ޝުހޭލްގެ އަނގަމަތީގައި އަތް އަޅައިފިއެވެ.

"އެއަށްވުރެ މާބޮޑަށް އަހަރެން ލޯބިވޭ. އަހަރެން ބޭނުންވަނީ މަރުވަންދެން ޝުހޭލާއެކު އުޅެން" އަނާރް ބުނެލިއެވެ. ޝުހޭލްއަށް ހެވުނެވެ. އަނާރް ގެނެސް އުނގުގައި ފޮރުވާލީ ހިތްހަމަޖެހުނު ވަރުންނެވެ.

"އަރޫގެ ދުލުން ތިހެންބުނެލާ އަޑުއަހަން އަހަރެން ހާދަ އިންތިޒާރެއްކުރީމޭ. ތެންކިޔު މައި ލަވް. އަހަރެންވެސް ހީނުކުރާހާ ލޯބިވޭ" ޝުހޭލް އަނާރްގެ ދެލޮލުގައި ބޮސްދިނެވެ. ދެއަތުގައި ބޮސްދިނެވެ. ބޮލުގައި ބޮސްދިނެވެ. މޫނުގައި ބޮސްދީފައި ތުންފަތާ ހަމައަށް ދާންވާއިރަށް އަނާރް ހިފަހައްޓައިފިއެވެ. ޝުހޭލް ބަލައިލުމާއެކު ކަރުނަތަކާއެކު ހީލާފައި މޫނު ދެފަރާތަށް ހޫރާލައިފިއެވެ. ހީވީ ބޮސްދިނުންތައް ގިނަކުރަން އެއީ އެންމެ ރަނގަޅު މަންޒިލެއް ނޫނޭ ބުނެލި ހެންނެވެ.

ދަންވަރުގެ އެވަގުތު ތަނަށް ވެރިވެފައިވި އޮރެންޖް އަލީގެ ތެރޭގައި ޝުހޭލް އަނާރް ގޮވައިގެން ހިނގައިގަތެވެ. މީގެއިރުކޮޅެއް ކުރިން ދެހިތަށްވެސް ވެރިވެފައިވާ ބާރުގަދަ ތޫފާނުން އުފެދުނު ކޮޅިގަނޑުތައް ސާފުވެ މިސްރާބު އަމާންވެއްޖެއެވެ. ހިތުގައިވާ ޝަކުވާތައް ފިލައިގެން ގޮސް ދެހިތް ގުޅާލަދީފިއެވެ. ދެހިތުންވެސް ލޯތްބަށް އެދެމުން ދިޔައީ ހީނުކުރާހާ މިންވަރަށެވެ. ފެރީ އާ ދިމާލަށް ދެކުދިން ދިޔައިރު ދުރުގައި އެމަންޒަރު ބަލަން ހުރި ކޮންމެ މީހެއްގެވެސް ހިތް އުފަލުން ފުރޭނެކަން ކަށަވަރެވެ.

އަނާރާ ޝުހޭލްއަށް އުފާ ފާގަތި، ބާއްޖަވެރި ދުވަސްތަކަށް އެެދެމުން މިހާހިސާބުން ލިޔުންތެރިޔާގެ ގަލަން ބާއްވާލާނަމެވެ.

(ނިމުނީ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟