"އެއީ އަހަރެންގެ ދަރިފުޅުގެ ނަން." ރަމްލާއަށް ބުނެވުނީ އިހުތިޔާރަކާ ނުލައެވެ. އެކަން ފޮރުވަން ރަމްލާއަށް އަނގަމަތި އަތުން ފޮހެލެވުނީ ތުންފަތުގައި ކާ އެއްޗެއް ހުރެގެން އަތް ފޮހެލާ ގޮތަށެވެ. ރަމްލާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ޝެރީންއަށް ތެދުވެވުނެވެ. ރަމްލާ ދިއްކުރި ހުސްތަށީގައި ހިފަމުން ފަރުވާތެރިވެ އެ މޫނަށް ބަލައިލެވުނެވެ. ހަރުކަށިކަން ބޭރުފުށުން ފެންނަން ހުއްޓަސް އެ ދެލޮލުގައި ރިހުމެއްހުރިކަން އޭނާއަށް ފާހަގަވިއެވެ.
"ނޫރާ ކިޔައިފިއްޔާ ވަރަށް ރީތިވާނެއޭ ބުނޭ"
ޝެރީން ހީކުރީ އޭނާގެ ޖުމްލައިން ރަމްލާގެ މޫނު އުޖާލާވެގެން ދާނެ ކަމަށެވެ. ފަނޑު ހިނިތުންވުމެއް ނަމަވެސް ފެންނާނެ ކަމަށެވެ. އެކަމަކު ރަމްލާ ތުންފިއްތާލިގޮތުން އޭނާއަށް ބުނެވުނީ ހިތްހަމަޖެހޭ އެއްޗެއް ނޫންކަން އެނގުނެވެ.
"މައުސޫމްކަން." ރަމްލާގެ ނަޒަރު ނޫރާގެ މޫނަށް ހުއްޓުނެވެ. އެއީ ޝެރީންގެ ދަރިފުޅަށް ބަލާލާފައި ބުނި އެއްޗެއް ކަމެއް ނޫނީ ރަމްލާ އަމިއްލަ ދަރިފުޅުމަތިން ހަނދާންކޮށްފައި ބުނި އެއްޗެއްކަން ނޭނގިފައި އޭނާއަށް ހުރެވުނެވެ. ރަމްލާ ދިއްކުރި ތަށީގައި ހިފަމުން ޝެރީން ނޫރާއަށް ބަލައިލީ އެމީހުން އައި ބޭނުން ނިމި ދާންވެއްޖެކަން ހަނދާންކޮށްދެމުންނެވެ.
"ސާރިމް އާއެކު ކުޅެން މަޑުކުރަންތަ؟" ނޫރާ ނިޔަނެތިގޮތަކަށް އަހާލިއެވެ. އޭރު ސާރިމްވެސް ހުރީ ހަމަ އެކަމަށް އެދޭ ފަދަ މައުސޫމްގޮތަކަށް ބަލަހައްޓައިގެންނެވެ. ޝެރީން ހައިރާންވީ ސާރިމްގެ ނަން ކިޔަން ނޫރާއަށް ފަރިތަވިލެއް އަވަސްކަމުންނެވެ.
"އޯކޭ" ޝެރީންގެ އިޒުނަ އާއެކު ދެކުދިންގެ މޫނު އުޖާލާކޮށްލަދިން ހިނިތުންވުމަކީ އޭނާއަށް ލިބުނު ފިނިކަންކަމުގައިވިއެވެ. ފެންޑާއާ ދިމާލަށް ނޫރާގެ އަތުގައި ހިފައިގެން ސާރިމް ދުއްވައިގަތެވެ.
ރަމްލާ އަނެއްކާވެސް ޝެރީން ކައިރީ އިށީނުމަށް ބުނެލިއެވެ. އޭނާ ކުރިއެކޭ އެއްފަދައިން މަދު ބިންނަން ފެށި މަންޒަރަށް ޝެރީންއަށް އިނދެވުނީ ބަލާށެވެ. އެއްފަރާތުގައި ހުރީ ކަނަމަދު އަޅަން ބަހައްޓާފައި ހުރި ފަން މުޅޯއްޓެކެވެ. އަނެއްފަރާތުގައި އޮތީ ފަތުރާފައި އޮތް ގޯނި ފަޅިއެކެވެ. ކުންޏަށްވާ ބައި ދަނީ އެ ގޯނި މައްޗަށެވެ.
މުށެއްހާ ކަނަމަދު ހަމަވުމުން އެއްކޮށްލާފައި ދިއްކޮށްލީ ޝެރީންއަށެވެ. ރަހަ ބަލާލާށޭ ބުނެލިއެވެ. ޝެރީން އޭގައި ހިފައި އެތިކޮޅެއްކާލިއެވެ.
"ވަރަށް މީރު އެއްޗެއް.. ކިހިނެއް އުޅެނީ އަގު؟" ޝެރީން ވިސްނައިގެން ހުރީ އޭނާ އަމިއްލައަށް ރަމްލާ ކައިރީ ޒާތީ އެއްވެސް ވާހަކައެއް ނާހާށެވެ. އެމީހުންގެ ދިރިއުޅުމަކީ އެމީހުންގެ އަމިއްލަ އެއްޗެކެވެ. އެންމެންގެ ލޯތަކާއި ދޫތަކަށް ފާޅުކުރަން ބޭނުންނުވާ އެތައް ކަމެއް ހުންނާނެއެވެ.
"ހަތްދިހައަށް ލާއްސެއް، ފަންގި ފަސްދޮޅަހަށް." ރަމްލާ ކިޔައިދިނެވެ. ރަމްލާ ވިނެފައި ހުރި ފަންގިބޮޑިތަކެއް ކުކުޅު ކޮށި ކައިރީ ބަހައްޓާފައި ހުއްޓެވެ. ރަމްލާގެ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ޝެރީންއަށް ބަލައިލެވުނެވެ. އުމުރުން ފަސްދޮޅަސް ފަސް އަހަރު ނުވާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. އެކަމަކު މުރާލިކަމާއި މަސައްކަތްކުރުމުގައި ވަރުބަލިކަން ނެތުމުން އެއީ އެ އުމުރުގެ އަންހެނެކޭ ނުބުނެވޭނެއެވެ.
** **
ޝެރީން ގެއަށް އައީ ނޫރާ އަމިއްލައަށް ގެއަށް ދާން ބުނެގެންނެވެ. އެދެކުދިން ކުޅެން ގަޑިއިރެއްހާއިރު ތިއްބެވެ. އަސުރަށް ގޮވަން ތައްޔާރުވާކަމަށް ރަމްލާ ބުނުމާއެކު ސާރިމް ތެދުވެ ކުޅެ ނިމުނީކަމަށް ބުނީ އަދަބުވެރިކަމާ އެކުގައެވެ. އެއީ ރަމްލާ ދެމުން އައި ތަރުބިއްޔަތުގެ ހަރުދަނާކަމެވެ. ހަ އަހަރުގެ ސާރިމް ފެންވަރައި މިސްކިތަށް ދާންވެއްޖެކަމަށް ނޫރާ ކައިރީ ބުނުމުން ނޫރާ ހުރީ އެކަން މުޅިން އާ ކަމަކަށްވެފައެވެ.
ޝެރީންއަށް ހިމްނާ ގުޅީ ހަވީރެވެ. މިއީ ހިމްނާ ގެއްލިފައި ފެނުނު ފަހުން އޭނާއަށް ގުޅާ ދެވަނަ ފަހަރެވެ.
"ހަނދާންވީ؟" ފޯނު ނެގިގޮތަށް ޝެރީން އަހާލިއެވެ. އޭނާ ހީކުރީ ދުރަށް އައުމުން ހިމްނާގެ ކޯލެއް ނުލިބޭ އެންމެ ދުވަހެއްވެސް ނުދާނެ ކަމަށެވެ. އެކަމަކު ހިމްނާއަށް އޭނާގެ މަތިން ހަނދާންވާހެން ހިއެއް ނުވެއެވެ. ދެދުވަހެއްކުރިންވެސް ޝެރީން ހިމްނާއަށް ހާލު އަހައި މެސެޖުކުރިއެވެ. އެކަމަކު އޭގެ ޖަވާބު ނުލިބި ފަހުން ޝެރީންއަށް ހުރެވުނީ ޝަކުވާ ގިނަވެފައެވެ.
"މިއުޅެނީ ތި ރަށަށް ދާން." ހިމްނާ ބުނެލިއެވެ. ހުރިހާ ޝަކުވާއެއް އެއްފަރާތްވި ކަހަލައެވެ. އަވަސް އަވަހަށް އޭނާ އަހައިލީ ހިމްނާ އަންނަނީ ކޮން އިރަކުންތޯއެވެ.
"ތިގޭން ޖާގަ ލިބުނިއްޔާ ހަމަ ދާންވީ." ހިމްނާގެ ޖަވާބު ނުނިމެނީސް ޝެރީންއަށް ޕިސް ޖަހާލެވުނީ ދެތިން ހަތަރު ފަހަރެވެ.
"ތިއީ ހިމް އަހަންޖެހޭ ސުވާލެއްވެސް ނޫނެއްނު، އަހަރެން އުޅޭ ތާކު ހިމް އަށް އުޅެވޭނެ، އަވަހަށް އާދޭ ދަބަހަށް އެތިކޮޅު އަޅައިގެން." ޝެރީން ބުނެލިއެވެ. އެގޭގައި އިތުރު ކޮޓަރިއެއް ހުސްކޮށް އެބަހުއްޓެވެ.
** **
ނިދާ ގަޑި ޖެހުމާއެކު މިރޭ ނޫރާ ބޮޑާ ހޭކީ ސާރިމް އާއެކު ނޫނީ ނުނިދާށެވެ. ޝެރީން ބުނުމަކާ ނުލައި ސާރިމް އައިސް ނޫރާ އުރާލައިގެން ގޮސް އެނދުމައްޗަށް ވެއްޓުނުއިރު ނޫރާއަށް އޮވެވުނީ ސާރިމްގެ ބަނޑުމަތީގައެވެ.
"ބައްޕީ. ސުވާލެއްކުރަންތަ؟" ނޫރާ އަހާލިއެވެ. ނިދަން ބާއްވާފައި އޮންނަ އިރު ނޫރާގެ ސުވާލުތައް ވަކިން ގިނަވާނެއެވެ. އެހެންވެ ސާރިމް ހަދާ ގޮތަކީ އަބަދުވެސް ހުއްދަ ދެނީ އެންމެ ސުވާލެއް ކުރާށެވެ. އެހެންވިޔަސް ދުވަހަކުވެސް އެކަން އެގޮތަކަށް ނުވެއެވެ. ހިނިއައިސް އޮވެފައި ސާރިމް ހުއްދަ ދިނެވެ. ނޫރާ ކުރާ ސުވާލު އަޑު އަހަން ޝެރީން ޖައްސައިލީ ސާރިމްގެ ކައިރީގައެވެ.
"ކޮބާ ބައްޕަގެ ޕޭރެންޓްސް؟" ސާރިމްގެ ނޭވާ ހުއްޓުމަކަށް އައެވެ. ކުއްލިއަކަށް ނޫރާ އެހެން އެހި ސަބަބަކާ މެދު ވިސްނާލެވުނެވެ. އެއަށްވުރެ އުނދަގޫވީ އޭގެ ޖަވާބު ދޭން ހިތަށް އަރުވާލިޔަސް މޭގައި ރިހުމެއް އުފެދޭތީއެވެ. މައިންބަފައިން ވަކިވެ ދިޔައީ ވަރަށް ކުޑައިރެވެ. ފަހުން އުޅެ ބޮޑުވީ އާއިލާގެ އެކި މީހުންގެ ކައިރީގައެވެ. އެއްވެސް ގެއަކު އޭނާ މާގިނަ ދުވަހަކު ނުބަހައްޓައެވެ.
"ކިހިނެއްވީ؟" ސާރިމްގެ އަޑު އައީ ފިނިވެގެންނެވެ.
"ސާރިމް ބުނީ ހުރިހާ އެންމެންގެ ޕޭރެންޓުންނެއް ނުތިބެޔޯ، އެ ތެދެއްތަ؟ " ނޫރާގެ ޖަވާބު އަހާފައި ޝެރީންގެ މޫނަށް އޭނާއަށް ބަލައިލެވުނެވެ. ނޫރާ މި ދައްކާ ވާހަކަ އޭނާއަށް ނަގައިގަނެވުނީ ޝެރީން ކިޔައިދިނީމައެވެ. މިއަދު ކުޅެން އުޅުނު ކުޑަކުއްޖާއަކީވެސް ސާރިމްއެވެ. ނަން އެއްގޮތްވީމައި ކިޔަންވެސް އުނދަގޫވެއެވެ.
"އެންމެންގެވެސް މައިންބަފައިން ތިބޭނެ،. އެކަމަކު ކައިރީގައި ނުތިބެނީ،" ޝެރީން ޖަވާބު ދިނީ ނޫރާގެ ބޮލުގައި ފިރުމާލަމުންނެވެ. ސާރިމްގެ ކައިރީ ނޫރާ އެ ސުވާލުކުރި ސަބަބު ޝެރީންއަށް ވިސްނުނެވެ. ނޫރާއަށް އަބަދުވެސް ފެނުނީ ޝެރީންގެ މައިންބަފައިންނެވެ.
ނޫރާ ކައިރީ ޝަހާދަތް ކިޔައިގެން ނިދާލާށޭ ޝެރީން ބުންޏެވެ. އޭނާ ބަލާލިއިރު ސާރިމް އޮތީ ދެލޯ މަރައިގެންނެވެ. ނިތްކުރީގައި އެއް އަތް ގެންގޮސް ބާއްވާފައި އޮތެވެ. ނިދިފައި ނޫންކަން ޝެރީންއަށް އެނގުނީ އޭރު މަޑުމަޑުން ސާރިމް ދެފައި ތަޅުވާތީއެވެ. ސާރިމްއަށް ގޮވަން އުޅެފައި އެ ޚިޔާލު ދޫކޮށްލީ ސާރިމް ނިދަން ބޭނުންވެފައި އޮތްހެން ހީވާތީއެވެ. ޝެރީން އެނބުރުނީ އޭނާގެ ފޯނު ހިފައިގެންނެވެ. މީސްމީޑިޔާ ބަލަން ޝެރީން އޮތެވެ.
ދެލޯ މަރައިގެން އޮތަސް މުޅި ރޭ ސާރިމް ހޭދަކުރީ ނުނިދައެވެ. އޭނާގެ ލޯ ކުރިމަތިން ހިތަށް ދަތިކުރުވި އެތައް މަންޒަރެއް ސިފަވެގެން ދިޔައެވެ. މަހަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް ނިޔާވެގެން ބައްޕަ ގެނައި ދުވަހަކީ ސާރިމް ދަނޑުތެރޭ ފުޓްބޯޅަ ކުޅެން ހުރި ދުވަހެކެވެ. ދެމީހަކު ކޮނޑުމަތީ އުފުލައިގެން އަށިގަނޑެއްގައި ގެންދިޔަ ހަށިގަނޑަކީ އޭނާގެ ބައްޕަކަން އެނގުމާއެކު އޭނާ ޚަބަރު ހުސްވެ ވެއްޓުނެވެ. ދެން ހޭއެރިއިރު ގޭތެރެ ގުގުމަމުން ދިޔައީ މަންމަ ރޮއި ހޭރޭ އަޑަށެވެ.
ބައްޕަގެ ޖަނާޒާ ކަންތައް ކުރިއަށް ދިޔައިރު އޭނާ ހުރީ ކޮޅަށް ޖަހާފައި ހުރި ބުދެއް ފަދައިންނެވެ. ހިނަވަން ފެން އަޅައި ކަފުންކުރިއިރު ހުރިހާ މަންޒަރެއް އޭނާއަށް ފެނުނެވެ. މޫނު ކަފަ އެޅުމުގެކުރިން އެންމެ ފަހު ފަހަރު މޫނުގައި އަތް ޖައްސާލަން ލިބުނު ވަގުތަކީ ފުރަތަމަ ފަހަރަށް ރުއިމުގެ އަޑު އޭނާގެ ހަށިން ނިކުތް ވަގުތެވެ. އެވަގުތު އޭނާގެ ކަންފަތުގައި ހިފާ ބޮޑުބޭބެ ކިޔައިގެން އެއްޗެހި މަތިން އުމުރުގައި ހޭހުއްޓާވެސް އޭނާ ހަނދާނެއް ނުނެތޭނެއެވެ. ރުއިމާއި ހިތާމަކުރުމަކީ ފިރިހެނުންގެ ސިފައެއް ނޫނޭ ކިޔައި ބަވައިގަތުމުން ވަގުތުން އެ އިހުސާސް އޭނާގެ ކިބައިން ނެތި ދިޔައީއެވެ. އެދުވަހަށްފަހު އެއްވެސް މީހެއްގެ ކުރިމަތީ ސާރިމް ލޮލުން ކަރުނަ ތިއްކެއް ވައްޓައެއް ނުލައެވެ.
އޭގެފަހުން މަންމައަށް އައި ބަދަލު އޭނާއަށް ފެނުނެވެ. ބަލިވެގެން އެނދުން ނުތެދުވެވޭ ދުވަސްތައް ގިނަވަމުން ދިޔައެވެ. އެކަމަކު ބައްޕަ ނެތުމުން މަންމައަށް އަޅާލާނެ މީހަކު ނެތެވެ. މަންމަ ބަލިވެ އޮންނަ ދުވަހަކު އޭނާ ހުންނަނީ ބަނޑަށެވެ. އެއްދުވަހަކު އޭނާ މަދަރުސާއިން އައިއިރު މަންމަ އޮތީ ގޭތެރޭ ބަންޑުން ވެއްޓިފައެވެ. އޭނާ މަންމަގެ ކުރިމަތީ ދެކަކޫ ޖަހައި މަންމަ ނަގައި އުނގަށްލީ ވަގުތު ހޯސްލާފައި އަނގައާއި ނޭފަތުން އައީ ލެޔެވެ. މަންމަގެ ފަހު ނޭވާ ދޫކުރީ އޭނާގެ އުނގުތެރޭގައެވެ. މަންމަ ދައްކަން ބޭނުންވި ކިތަންމެ ވާހަކައެއް ހުރިކަން އެދުވަހު އޭނާއަށް އެނގުނެވެ. އެކަމަކު އެކަންތައް މަންމަގެ ފުރާނައާއެކު ވަކިވެ ދިޔައީއެވެ.
މަންމަ މަރުވި ދުވަހުވެސް އޭނާ ހުރީ ހިމޭންވެފައެވެ. މަންމަގެ ބައްޔާ ބެހޭގޮތުން އޭނާއަށް އެނގުނީ އެދުވަހު މީހުން ދެއްކި ވާހަކައިންނެވެ. މަންމަ ކައިރީ ދެން ނާންނާނަންހޭ އަހަން ހިތަށް އެރިއެވެ. އޭނާ ކައިރީ ނުބުނީ ކީއްވެތޯ އަހަން ބޭނުންވިއެވެ. ބައްޕައަށްވެސް މަންމަ އެކަން ސިއްރުކުރީކަން އޭނާއަށް އެނގެއެވެ. އެހެންނަމަ ބައްޕައަށް ވީ ވަރަކުން ފަރުވާ ކޮށްދިނީހެވެ. އެކަމަކު މޫނު ދައްކަން ވެއްދިއިރު އޭނާ ހުރީ ބަސްބުނުމުގެ ހައްގު ނެތް މީހެއް ފަދައިން ދޫ ބަންދުވެފައެވެ. ދެލޮލުން ކަރުނަ ހިލިފައިވެސް އެކަން އޮބިގެން ދަނީއެވެ. އޭގެފަހުން އޭނާގެ މިޒާޖުން އުފާވެރިކަން ނެތި ދިޔައެވެ. އެކުވެރިންގެ ތެރެއިންވެސް އެންމެ ހިމޭންވެފައި ހުންނަ މީހަކީ އެއީއެވެ.
ބޮޑުވަމުން އައީ އަމިއްލަ މައިންބަފައިންގެ ކައިރީގައި ނޫންކަން އެނގުމާއެކު އަމިއްލަ އިހުސާސްތައް ބެހެއްޓީ ރައްކާކޮށްފައެވެ. ދުވަހަކުވެސް ކަމެއް ބޭނުންވެގެން ބުނި ހަނދާނެއް ނެތެވެ. އޭނާއަށް އޮތީ ރުހުމާއެކު ދިން އެއްޗެއްގައި ހިފުމެވެ. ނުލިބޭ އެއްޗަކާ މެދު ހިތާމަކުރުމެއް ނެތެވެ.
** **
ޖެހިގެން އައި ދުވަހު ސާރިމްއަށް ނިކުމެވުނީ ގަޑިޖެހި ބޮޑުވިފަހުންނެވެ. ނޫރާ ސައިބޯން އިނދެގެން އޭނާއަށް ލިބުނު އެކުވެރިޔާގެ ވާހަކަ ދެއްކީ ހުއްޓާނުލައެވެ. ސާރިމްއަށް ލަސްވެފައި ހުރި އަވަހަށް ނިކުންނަނިކޮށް ދޮރުމަތިން މީހެއްގެ ގައިގައި ޖެހުނެވެ.
"ސޮރީ ނުސް..ރާ" ސާރިމް އިސްއުފުލާލިއިރު ކުރިމަތީގައި ހުރީ ނުސްރާއެއް ނޫނެވެ. މުސްކުޅި އަންހެނެކެވެ. އެއީ ރަމްލާކަން އެނގުނީ ޝެރީން ނިކުމެ ގޮވާލީމައެވެ. ރަމްލާގެ އަތުގައި ކޮތަޅެއް ހުރިތަން ފެނުނެވެ. ސާރިމް ލަސްވާތީ ނިކުމެގެން ދިޔައިރު އެއީ ދަންނަ މީހެކޭވެސް ހިތަށް އެރިއެވެ. އެކަމަކު ހަނދާނެއް ނުވިއެވެ.
ޝެރީންއަށް ކޮތަޅުގައި ހުރި ކަނަމަދުކޮޅާއި ފެޝަން ފުރުޓްކޮޅު ހަވާލުކޮށްފައި ރަމްލާ ދާން ހިނގައިގަތެވެ. އެގޭގެ ދޮރުން ނިކުތްއިރު އޭނާއަށް ސިފަވީ ދެންމެ ސާރިމްގެ ކޮނޑުގައި ޖެހުނު މަންޒަރެވެ. އެންމެ ކައިރިން ސާރިމްގެ މޫނު ފެނިފައި ރަމްލާގެ ނޭވާ ހީވަނީ ކުރުވެއްޖެހެންނެވެ. އެއީ އޭނާ ދަންނަ މީހެކޭ ހިތް ބުނެއެވެ.
ގެއަށް ދިޔަގޮތަށް އޭނާ ވަނީ އެގޭގައި ތަޅުލައިގެން ހަމައެކަނި ގެންގުޅޭ ކޮޓަރިއަށެވެ. އެއީ އޭނާގެ ދަރިފުޅު ނޫރާ ވަކިވެގެން ދިޔަފަހުން ތަޅުލައިގެން ގެންގުޅޭ ތަނެކެވެ. އެތަނަށް އެއްވެސް މީހަކަށް ވަނުމުގެ އިޒުނައެއް ނެތެވެ. ރަމްލާ އެތެރެއަށް ވަދެ ހުއްޓުނީ ފާރުގައި ހުރި ތަސްވީރަށް ބަލަމުންނެވެ. ހިރަފުހުން ފުރިފައިވާތީ އޭނާގެ އަތުން ފްރޭމް ފޮހެލިއެވެ. ނޫރާ އާއެކު ހެވިފައި ހުރީ ދެންމެ އޭނާއަށް ފެނުނު ސާރިމްއެވެ. ނޫރާ އާއި ސާރިމް އޮތީ ކޮންގުޅުމެއް ކަމެއް ނޭނގެއެވެ. އެއީ ނޫރާއަށް ވަރަށް ޚާއްސަ ފަރާތަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. އެ ތަސްވީރު އޭނާއަށް ފެނުނީ ނޫރާ ފިލައިގެން ދިޔަފަހުން އެކޮޓަރި ތެރެ ހާވަނިކޮށް އެނދާއި ގޮދަޑީގެ ދޭތެރޭގައި ފޮރުވާފައި އިންދައެވެ. އެގޭތެރޭގައި ނޫރާގެ ތަސްވީރަކަށް އިން ހަމައެކަނި ގަނޑަކީ އެއީ ކަމަށްވާތީ އެއިން ގޮތަށް ރަމްލާ ހަރުކުރީ މިދުވަސް ފެންނާނެ ކަމަކަށް ނޫނެވެ.
ދަރިއަކު ގެއްލުމުން މަޔަކު ކަންބޮޑުވާނެވަރު އެއީ އެއްވެސް މީހަކަށް ވިސްނުމަށް ގެންނަން ކުޅަދާނަކަމަކަށް ނުވާނެއެވެ. ނޫރާ އެގޭ ދޫކޮށް ދިއުމުގެ ފަހަތުގައި އެތައް ބައިވަރު ސަބަބުތައް ހުރިކަން ރަމްލާއަށް އެނގެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ހަމަ އޭނާއެވެ. ނޫރާ ފިލައިގެން ދިއުމުގެ ކުރިން ރަމްލާއަށް ލިޔެފައިވާ ސިޓީ ފެނިފައި އޭނާއަކީ ކުށްވެރިއެއްކަން ވިސްނުނެވެ. ނޫރާ އެދުނީ އޭނާ އުޅޭތަނެއް ދުވަހަކުވެސް ނުބެލުމަށެވެ. ދުވަހަކުވެސް މަންމަގެ ކައިރިއަށް ނޫރާ އެނބުރި ނާންނަން ވައުދުވެފައި އޮތެވެ. ރަމްލާއަށް އެއީ ކީއްވެކަންވެސް އެނގެއެވެ. މައިމީހާގެ ފަރާތުން ރައްކާތެރިކަން ފިޔަވައި އަންހެން ދަރިއަކު ބޭނުންވާނެ އެހެން އެއްޗެއް ނުވެއެވެ. އެކަމަށް އޭނާ ނުކުޅެދިފައިވާކަން އެނގުމުން ރަމްލާ އެވާހަކަ ހުރީ ސިއްރުކޮށްގެންނެވެ.
ރަމްލާގެ ފަހަތުން އައިސް ސާރިމް ހުރީ ދޮރުމަތީގައި ބަލަހައްޓައިގެންނެވެ. އޭނާއަކަށް އެއްވެސް ކަމެއް ނުވިސްނެއެވެ. އެކޮޓަރި ތެރޭ އަލަށް ފެނިގެން ސާރިމް ދެލޯ ހިންގަމުން ދިޔައީ އެތަނުގައި އޭނާއަށް ބޭނުން ހިފޭ އެއްޗެއް ފެނޭތޯއެވެ.
ފްރޭމް ނަގައި އޭގައިވާ ތަސްވީރު ވަކިކޮށްލިއެވެ. ސާރިމް އިން ބައި ރަމްލާ އިރާ ކުދިކުދިކޮށްލިއެވެ. ދެން ނޫރާ އެކަނި އިން ފަޅި ފްރޭމްގެ ތެރެއަށްލައި ފާރުގައި ހަރުކޮށްލިއެވެ. އެ ކޮޓަރިން ނިކުމެ ކުރިއެކޭ އެއްފަދައިން އެކޮޓަރީގެ ދޮރު ލައްޕާލާ ތަޅުލިއެވެ.
(ނުނިމޭ)