ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 59

6

ފަންސާސްނުވަވަނަ ބައި

"މިހުރިހާ ދުވަހު އަރޫ އުޅެމުން އައީ ދިރިއުޅުން އަހަރެންނަށް އެނގޭ. ދެން އެހެންވާކަށް ނުޖެހޭނެ. ކޮންމެ މީހަކަށްވެސް އެމީހަކު ލޯބިވާ މީހަކު ލިބެންޖެހޭ. އަހަރެންނަށް ވިސްނިއްޖެ. އަރޫ ބޭނުންވިގޮތަށް އަހަރެން އަބަދުވެސް ހުންނާނީ އަރޫގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި. އަރޫ ތިއީ......" އެ ހިސާބަށް ވާހަކަދައްކާފައި ޝުހޭލް ހުއްޓާލިއެވެ. ލިބުނު ޝޮކްގައި އަނާރްގެ ދުލު ކުރިއަށް އެންމެ ޖުމްލައެއްވެސް ނައެވެ. އޭނާ ހުރެވުނީ ކަޅިޖަހައިވެސް ނުލައި ޝުހޭލްއަށް ބަލަހައްޓައިގެންނެވެ. ސިކުނޑީގެ މަސައްކަތް ހުއްޓިފައިވީ ކަހަލައެވެ.

***

"އަރޫ ތިއީ ހަމައެކަނި އަބާންގެ މީހެއް. އަދި އަބާނަކީ އަރޫގެ. އަހަރެން އެދެނީ ތިދެމީހުންނަށް އުފާވެރި ހަޔާތެއް. އަބާން، އަރޫއަށް އުނިވި ލޯބި އޭނާއަށް ފުރިހަމައަށް ދޭތި. ނާނުއަށް ބައްޕައެއްގެ ލޯބި އުނިނުކޮށް ދޭތި. އަމާނާތަށް ހިޔާނާތްތެރިނުވާތި" ޝުހޭލްގެ އަޑު ކުރެހިއްޖެއެވެ. އަބާން ކުރިއަށް ޖެހިލައި އަނާރްގެ އަތުގައި ހިފުމާއެކު އެ އަތަށް އަނާރަށް ބަލައިލެވިއްޖެއެވެ. ކުރިމަތިން ނިއުޅެމުންދިޔަ މަންޒަރުތައް އަދިވެސް އޭނާއަށް ގަބޫލުކުރަން ދަތިވެފައި ހުރި ކަހަލައެވެ. ހިލޭ ފިރިހެނަކާ އޭނާ ހަވާލު އެކުރީ ހަމަ އޭނާ ދެކެ ނިހާޔަތަށް ލޯބިވާ ފިރިމީހާ ހެއްޔެވެ؟

"އަރޫ، އަހަރެން ހުއްޓުވަބަލަ. ތިހެން ގާވެފަ ނުހުރޭ...." އެ ބަސްތައް ވީ ޝުހޭލްގެ ހިތު ތެރޭގައެވެ. އޭނާ އަނާރްގެ މޫނަށް ބަލައިލީ އެފަދަ ބެލުމަކުންނެވެ. އެހެންނަމަވެސް ޝަކުވާތަކުން ފުނިޖެހިފައިވި އަނާރްގެ ހިތް ސިކުނޑިއަށް ކިޔަމަން ނުވިއެވެ.

"ކޯޓުން ނިންމަންޖެހޭ ހުރިހާ ކަމެއް އަހަރެން ނިންމާނަން. ދަނީ" ޝުހޭލް އަނާރްގެ ލޮލަށް ބަލަމުން ދިޔައީ ކަރުނުން ފުރިފައިވި ދެލޮލަކުންނެވެ. އޭރުވެސް އޭނާ އިންތިޒާރުކުރީ އަނާރް އޭނާ ހުއްޓުވާނެ އިރަކަށެވެ. އަނާރްގެ ހިމޭންކަން އޭނާއަށް ވިސްނައިދިނީ އޭނާއަށް ކަންތައް އެކުރެވުނީ އަނާރް ބޭނުންވާގޮތަށް ކަމެވެ. އެގޮތަށް ކަންތައްކުރަން އޭނާ މަޖުބޫރުވީ އަނާރަށްޓަކައެވެ. މިހާތަނަށް ދުވަހަކުވެސް އަނާރް އޭނާ ދެކެ ލޯބިވާ ވާހަކަ ބުނެފައި ނެތެވެ. އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައީ އަނާރްގެ ހިތުގައި އަދިވެސް ވަނީ އަބާންކަމެވެ. ދެލޯބިވެރިން ދޭތެރޭގައި ހުރަހަކަށް ވާން އޭނާ ބޭނުންނުވީއެވެ. ހިތް ހަލާކުވެފައި ހާލު ރޮމުން ގިސްލަމުން އޭނާ އަނާރަށް ފުރަގަސްދީފައި ހިނގައިގަތެވެ. އަމިއްލަ ހިތް ދުރުގައި ބައްވާފައި ކުރިއަށް ހިނގުން އޭނާއަށް ދަތިކަަމަކަށްވެ ފިޔަވަޅު އަޅަން ޖެހުނީ ގަދަކަމުންނެވެ. ދޮރުން ބޭރުވެވުމާއެކު އޭނާގެ ހަށިގަނޑުން ހަކަތު ހުސްވެއްޖެއެވެ. ބިމުން ކަނޑާލި ވައްޓައިލި ރުކެއްހެން މުށިތަކުގެ މައްޗަށް ސޮހިއްޖެއެވެ. ހިތުގައި އުފެދިފައިވާ ކެކުޅުންތައް އަމިއްލަ ހިތު ތެރޭގައި ފޮރުވައިގެން ހުންނަން އޭނާއަށް ދަތިކަމަކަށް ވެއްޖެއެވެ. ހިމޭންކަމާއެކު ރޮމުން ދިޔަ ރުއިން ސިކުންތަކަށް ފަހު ސިކުންތެއް ގަދަވަމުން ގޮސް އެ އަޑު ކޮރިޑޯ ތެރޭގައި ހިފާލައިފިއެވެ. މޭގައިވި ރިހުންގަނޑު ގަދަވެގެން ގޮސް ނޭވާ ހުއްޓެން އުޅޭހެން ހީވެއްޖެއެވެ. އުންމީދުނުކުރާ ވަރަށް އޭނާގެ ހާލަތު ގޯސްވެއްޖެހެން ހީވާން ފެށުމުން އަމިއްލައަށް ތެދުވެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހަށިގަނޑު އަމިއްލަ ބާރުގައި ބިމުން އުފުލައިލަން އޭނާ ނުކުޅެދުނެވެ. ސިކުނޑީގެ ބާރު ކެނޑި ހިތުގެ ވިންދު ހުއްޓިފައިވީ ކަހަލައެވެ. އަނާރް ދޫކޮށް ދާން ބޭނުންނުވާތީ އެޕާޓްމަންޓްގެ ދޮރާ ދިމާލަށް ބަލަމުން ދިޔައެވެ.

***

އަނާރްގެ އަތުގައި ހިފައި ގާތަށް ދަމައިލުމާއެކު ގޮސް ޖެހުނީ އަބާންގެ މޭގައެވެ. އޭނާއަށް ހިނިތުންވެލެވުނީ ހިތް އެދުނު ބައިވެރިޔާ އޭނާއާ ދާދި ގާތުގައި ހުރުމުންނެވެ. ހީވެސްނުކުރާ ކަހަލަ ގޮތަކަށް އަނާރް ލިބުމުން އޭނާ ކައިރިން ހިތް ފުރެންދެން އަނާރަށް ބަލައިލަން ބޭނުންވިއެވެ. އޭނާގެ ހިތް އިންތިޒާރުކުރަމުން ދިޔައީ އަނާރްގެ އެންމެ ބީހިލުމަކަށެވެ. އަނާރްގެ އުނަގަނޑުމަތީގައި އަބާންގެ އަތް އަޅުވާލި ވަގުތު އަނާރަށް ހީވީ ވިހަދަގަ ހަރުފައެއްގެ ވިހަ އޭނާގެ މުޅި ހަށިގަނޑަށް ފެތުރިގަތްހެންނެވެ. ތެޅި ގަނެވުނުއިރު ފާއިތުވެ މިދިޔަ މަދު ސިކުންތުކޮޅުގައި އޭނާގެ ހށިގަނޑާ ދުރަށް ދަތުރުކުރަމުންދިޔަ އިހުސާސްތައް މިސްރާބު ބަދަލުކޮށް އޭގެ މަގާމުތަކަށް އިއާދަވެއްޖެއެވެ. ރަނގަޅަށް ސިކުނޑި މަސައްކަތްކުރަން ފެށިއިރު ޝުހޭލް ފެންނަންވެސް ނެތެވެ. ކުރިމަތީގައި ހުރީ ހިނިތުންވެގެން ހުރި އަބާނެވެ. ހިލޭ ފިރިހެނެއްގެ އަތުތެރޭގައި ހުރެވުނުކަން އެނގުމާއެކު އަނާރްގެ ހިތުގައި އުފެދުނު ބިރުވެރިކަމުގެ އަސަރު މުޅި ހަށިގަނޑަށް ކޮށްފިއެެވެ. ހަށިގަނޑުގެ ކޮންމެ ނާރެއްގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް އުފެދިއްޖެއެވެ.

"ފައިނަލީ...." އަބާން ބުނަން އުޅުނެވެ. ޖުމްލަ ފުރިހަމަ ނުކުރެވުނީ އަނާރް ވާހަކަދައްކަން ފެށުމުންނެވެ.

"ﷲ އަށްޓަކައި. އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ. މާތްﷲ ގަންދީ ހުވާކޮށްފަ މިބުނަނީ. އަހަރެން އަބާން ދެކެ ލޯތްބެއް ނުވޭ. އަހަރެންގެ ދިރިއުޅުން ހަލާކުނުކުރޭ. އަހަރެން އަބާނަށް މައާފުކޮށްފިން. އަހަރެންގެ ދަރިފުޅުގެ ބައްޕަ ކަމުގައިވެސް ގަބޫލުކޮށްފިން. އަހަރެން ޝުހޭލާއެކު އުޅުނަދީ" އަބާނާ ދުރަށްޖެހި ދެއަތް ޖޯޑުކޮށްގެން ހުރެ ވާހަކަދައްކަމުން ދިޔައެވެ. އޭނާއަށް ހުއްޓާނުލައި ރޮވެމުން ދިޔައެވެ.

"އަނާރް.... ޝުހޭލް ހިނގައްޖެ. އަނާރް ދޫކޮށްފަ އެދިޔައީ. ހަވާލުކުރަންޖެހޭ މީހާއާ ހަވާލުކޮށްފަ އެދިޔައީ" އަބާން ބުނެލިއެވެ. އަބާން އަނާރާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

"އަހަރެން އެއްވެސް އެއްޗެއް އަޑުއަހަން ބޭނުމެއް ނޫން. އަހަރެންގެ ހަޔަތުން އަބާން ދުރަށްދޭ. އަހަރެންނަށް އުނދަގޫނުކުރޭ. އަހަރެން ލޯބިވަނީ.... ލޯބިވަނީ ހަމައެކަނި ޝުހޭލް ދެކެ. އަހަރެންނަށް ލޯބި ދަސްކޮށްދިނީ ޝުހޭލް. ދުނިޔެވެސް އަހަރެންނަށް ދަސްކޮށްދިނީ ޝުހޭލް. އޭނާ އަހަރެންނަށް ދަސްނުކޮށްދެނީ އެންމެ ކަމެއް. އެއީ އޭނާއާ ނުލައި ދިރިއުޅެން. އާދޭސްކޮށްފައި މިބުނީ އަހަރެންގެ ލޯމަތިން އަބާން ދުރަށްދޭ. ތިއީ އަހަރެން އެކުވެރިއެއްގެ ގޮތުގައިވެސް ބަހައްޓަން ބޭނުންވާ މީހެއް ނޫން" އަނާރްގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ޖުމްލައަކާއެކު އަބާންގެ ހިތް ފޫއަޅުވަމުން ދިޔައެވެ.

"ތިހެން ނުބުނޭ އަނާރް. އަހަރެންވެސް ހާދަ ލޯތްބެކޭ މިވަނީ. އާދޭ އަހަރެން ކައިރިއަށް. އަހަރެމެންގެ ލޯތްބަށް ހުރަސްއަޅާނެ މީހަކު މިހާރު ނެތް" އަބާން ވާހަކަދެއްކިއެވެ. އަނާރްގެ އަތުގައި ހިފަން މަސައްކަތްކުރަމުން ދިޔަ ވަރަކަށް އަނާރް ދިޔައީ އަބާންގެ އަތް ދުރަށް ފޮޅުވާލަމުންނެވެ.

"ޝުހޭލް.... ޝުހޭލް އަހަރެން ދޫކޮށްފައެއް ނުދާނެ. އޭނާއަށް އަހަރެން ދޫކޮށްފަ ދާން ފަސޭހައެއް ނުވާނެ. އޭނާ އަހަރެން ބަލައި އަންނާނެ. އަހަރެން ވަރަށް މުހިންމު ވާހަކައެއްވެސް ބުނަންވެފައި އެބައޮތް ޝުހޭލް ކައިރީގައި" ބުއްދި ފިލައި ގޮސް ހުރި މީހެއް ފަދައިން ދެފަރާތް ހޯދައި ބަލަމުން ކިޔަމުން ދިޔައެވެ. ޝުހޭލް އޭނާ ދޫކޮށްލާފައި ދިޔަކަން ގަބޫލުކުރަން އޭނާ ބޭނުންނުވާ ކަހަލައެވެ.

"އަނާރް!" އަނާރްގެ ދެކޮނޑުގައި ހިފާ ބާރަށް ތަޅުވާލަމުން އަބާން ގޮވައިލިއެވެ. އޭނާގެ އަޑު ބާރެވެ. އަނާރް ދިޔައީ ސިއްސައިގެންނެވެ. ސިކުނޑި ހަމަޖެހިގެން ދިޔުމާއެކު އަނާރަށް ބާރަށް ރޮވިއްޖެއެވެ.

"ކީކޭ ތިކިޔަނީ؟ ވިސްނާލަބަލަ އެއްޗެއް ބުނުމުގެ ކުރިން. އަނާރް ލޯބިވަނީ އަހަރެން ދެކެ. ކީއްވެތަ އެކަން ގަބޫލުނުކުރެވިގެން ތިއުޅެނީ؟ ބިނާނަކީ އަހަރެމެން ދެމީހުންގެ ދަރިއެއް. އެއީ އަހަރެމެންގެ ދެމެދުގައިވާ ލޯބީގެ ނިޝާން. ތިދެމައިންނަށް އެންމެ މުހިންމު މީހަކީ އަހަރެން" އަބާން ވާހަކަދެއްކިއެވެ. އޭނާގެ އަޑު ބާރެވެ.

"މިބުނީނު އަހަރެން އަބާން ބޭނުމެއްނޫނޭ. ބޭނުމެއްނޫން. ޝުހޭލް އަހަރެން ދޫކޮށްފައެއް ނުދާނެ. ނުދާނެ" އަބާންގެ އަތުތެރެއިން ސަލާމަތްވުމަށް ގަދަހަދަމުން ދިޔަ އަނާރް ބުނެލިއެވެ.

"އޯކޭ...އޯކޭ... ރިލޭކްސް... ބްރީތް....ބްރީތް.... ހިނގާ ކޮޓަރިއަށް ދާން. ހަމަޖެހިގެން ވާހަކަދައްކާނީ" އަނާރްގެ ދެކޮނޑުގައި ހިފައި ގާތަށް ދަމައިލަމުން އަބާން ބުނެލިއެވެ.

"ކިހާ ދެރަކަމެއް. އަޑެއް ނީވޭތަ؟ ބީރުވެފަތަ ތިހެރީ؟ ނޫނީ މޮޔަވެފަތަ؟ ސާފު ދިވެހި ބަހުން މިބުނަނީ އަހަރެން އަބާން ބޭނުމެއް ނޫނޭ. ލޯތްބެއް ނުވެޔޭ. ތި މޭގެ ތެރޭގައި އޮތް ހިތް ގާވި ގޮތަށް ދިވެހިބަސް ވެސް ހަނދާން ނެތުނީތަ؟ އަހަރެން ދުވަހަކުވެސް އަބާން ކައިރިއަކަށް ނުދާނަން. ތިއީ އަހަރެންގެ ދަރިފުޅުގެ ބައްޕަ ކަމުގައި ވިޔަސް ދަރިފުޅުގެ ކަމެއްގަވެސް ނުދާނަން. އަހަރެންގެ ދަރިފުޅަށްވެސް އަބާންގެ ލޯތްބެއް ބޭނުމެއްނުވޭ. ޝުހޭލް އަހަރެން ދޫކޮށްފަ ދިޔަސް އަހަރެން އަބާން ކައިިރިއަކަށް ނުދާނަން" އަނާރް ހަޅޭއްލަވަމުން ދިޔައެވެ. ދުވަހަކުވެސް އަނާރްގެ ފުށުން ފެނިފައިނުވާ ސިފައެއް ފެންނަމުންދަތީ އަބާން ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އިތުރަށް އެންމެ ބަހެއް ބުނާނެ ހިތްވަރެއްވެސް އޭނާއަށް ނުލިބުނެވެ. ދެލޮލުގައި ކަރުނައެއް ނެތަސް އޭނާގެ ހިތް ކުދިކުދި ވެއްޖެއެވެ. ލޯބިވާ އަންހެންކުއްޖާ ލިބޭނެކަމަށް ކުރެވުނު އުންމީދު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑު ވެއްޖެއެވެ. އަރުތެރެ ބެދި ކޮށިއަރަން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުން މެއާ ދިމާލުން ހިތާ ވީ ފަޅީގައި ފިރުމައިލެވިއްޖެއެވެ. އެއްވެސް ކަމެއް އިތުރަށް އަނާރް އޮޅުންފިލުވައިދޭން ނުޖެހޭ މިންވަރަށް އޭނާއަށް ކަންތައްތައް ފަހުމް ވެއްޖެއެވެ. އަނާރްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއީ އޭނާ ޝުހޭލް ދެކެ ވާ ތެދުވެރި ލޯބިކަން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން އަބާނަށް ގަބޫލުކުރެވިއްޖެއެވެ. އަނާރްގެ މޫނަށް ބަލަހައްޓައިގެން ހުރެ ލަސްލަހުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ދޮރުން ބޭރަށް ނިކުމެއްޖެއެވެ.

***

ޖީބުގައި އޮތް ފޯނު ނަގާފައި ނަންބަރަކަށް ގުޅާލާފައި އަބާން ކަންފަތުގައި ފޯނު ޖެއްސިއެވެ. ދެރަވެ ހިތުގައި ޖެހުނަސް ދުނިޔެ ދެއްކި ހަގީގަތް އޭނާއަށް ބަދަލުކުރެވޭކަށް ނެތެވެ.

"އަހަރެން ފުރާނަން. މިދަނީ އެއާޕޯޓަށް ދާން" ސައިފް ފޯނު ނެގުމާއެކު އަބާން ބުނެލިއެވެ.

***

ސޯފާގައި ތިބި ރުޝްދާ އާއި ފިޔާޒާ ތިބީ ކަންބޮޑުވެފައެވެ. އިރުކޮޅަކުން ރުޝްދާގެ ރަންކިޔުމުގެ ހަފްލާ ފެށޭނެއެވެ. ޖައިޝްގެ އާއިލާ މެންބަރުން ގޭތެރެއަށް ޖަމާވާނެއެވެ. އުފާވެރި މާހައުލެއް ވެރިވެފައި ވަނިކޮށް ކުއްލިއަކަށް ޝުހޭލް އައިސް ދިން ހަބަރާއެކު މާހައުލު ބަދަލުވެއްޖެއެވެ. ޝުހޭލް އަނާރް ދޫކޮށްލަން ވިސްނަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް ދެމައިންނަކަށް ނޭނގުނެވެ.

"ރޭގަވެސް އަނާރާ ފޯނުން ވާހަކަދެއްކިން. ކޮއްކޮވެސް އިން އެގަޑީގައި. ވަރަށް ހަމަޖެހިފައި ދެމީހުންވެސް ތިބީ. ކުއްލިއަކަށް ކިހިނެއްވީބާ؟" ރުޝްދާ ވާހަކަދެއްކިއެވެ.

"ނޭނގެ. ދައްތަގެ ހިތް ވަރަށް ބިރުގަނޭ. ތިއިން އެއްވެސް ކުއްޖަކަށް ދެރައެއް ލިބެން ދައްތަ ނޭދެން" ފިޔާޒާ އިނީ ކަންބޮޑުވެފައެވެ.

"ކުރިން ދުވަހު ކޮއްކޮ ބުނި ވަރަށް ފާޑެއްގެ އެއްޗެއް. އަނާރާ އެހެން ފިރިހެނެކޭ ކިޔާފަ. އޭނަ މާބޮޑު ތަފްސީލެއް ނުދޭ" ރުޝްދާ ބުނެލިއެވެ.

"އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. އެއީ ތަފާތު އަންހެންކުއްޖެއް. ދިރިއުޅުމެއް ކުރިއަށް ގެންދެވޭނީ ދެފަރާތުންވެސް އިތުބާރު ދަމަހައްޓައިގެން. ދައްތަ އެބަ އަންނަން ޝުހޭލް ކައިރިއަށް ކޮޓަރިއަށް ވަދެލާފަ. ރުޝްދާ ގުޅާބަލަ އެމަންޖެއަށް" ފިޔާޒާ ތެދުވެގެން ހިނގައިގަންނަން އުޅުނު ވަގުތު މައި ދޮރުގައި މީހަކު ހިފިހެން ހީވެ މަޑުޖެހިލިއެވެ.

ކުއްލިއަކަށް ދެމައިންގެ ނަޒަރު ހުއްޓުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އަނާރް ފެނިފައެވެ. އަނާރް ހުރިގޮތް ފެނުމުން ރުޝްދާ އާއި ފިޔާޒާއަށް އެކީގައި ކޮޅަށް ތެދުވެވިއްޖެއެވެ. ރޮމުންދިޔަ އަނާރާ ގާތަށް ދެމައިންނަށް އެއްކޮށް ފިޔަވަޅެއް އެޅިއްޖެއެވެ. އަނާރްގެ އަތްމަތީގައި ނިދާފައި އޮތް ބިނާން ފިޔާޒާ އުރާލިއެވެ. އަދި ލޯތްބާއެކު އަނާރްގެ ބުރަކަށީގައި ފިރުމާލިއެވެ. އަނާރް ހުރިގޮތް ފެނި ރުޝްދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ޝުހޭލް" ރޮވިފައިވި އަޑަކުން އަނާރް ބުނެލިއެވެ. ރުޝްދާ ކޮޓަރިއާ ދިމާލަށް އިޝާރާތްކޮށްލުމުން އެދިމާލަށް އަނާރް ހިނގައިގަތެވެ. އަނާރަށް ކޮށްފައި ހުރި އަސަރު ފެނި އިތުުރު ސުވާލެއްކުރަން އެކަކުވެސް ބޭނުމެއްނުވިއެވެ.

"ދޮންތަ ދަންތަ އަރޫ އާ އެއްކޮށް" ރުޝްދާ ހިނގައިގަތް ވަގުތު އޭނާގެ އަތުގައި ފިޔާޒާ ހިފެހެއްޓިއެވެ.

"ނޫން. އެދެކުދިން ދެމެދުގައި ޖެހުނު މައްސަލައެއް ހައްލުކުރެވޭނީ އެދެކުދިންނަށް. އަހަރެމެން ވަންނާނެކަމެއް ނެތް" ފިޔާޒާ ބުނެލިއެވެ.

***

އަބާން އަނާރް ބަލައޭ ބުނެ ގެއިން ނިކުތް އިރުން ފެށިގެން އުންމީދާ އިނީ ހާސްކަމެއްގެ ތެރޭގައެވެ. ނަސީމްގެ ފޯނަށްވެސް އެވަރަށް ގުޅިއްޖެއެވެ. ސިޓިންރޫމު ދެފަރާތަށް ހިނގަ ހިނގާ ހުއްޓައި އެތެރެއަށް ވަދެގެން އައި އަބާން ފެނިއްޖެއެވެ. އުންމީދާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވި ހިތްދަތިކަން މަންމައަށް ފޮރުވާލި ކަހަލައެވެ. އުންމީދާއަށް އަބާންގެ ފަހަތުން އަނާރް އާދޭތޯވެސް ބެލިއްޖެއެވެ. އޭނާއަށް ފެނުނީ ވަދެގެން އައި ނަސީމެވެ.

"ދެމައިން ކިހިނެއްވެފަ" ނަސީމް ބުނެލިއެވެ.

"ދަރިފުޅު ކޮންކަމަކާ ގުޅާފަ ބައްޕަ ކައިރީގައި ގެއަށް އަންނަން ބުނީ" ނަސީމް ބުނެލިއެވެ.

"އަޅުގަނޑު ނިންމުމެއް ނިންމައިފިން. މަންމަ އާ ބައްޕަ ބޭނުންވި ގޮތަށް މިއަދު ސައިފް އާއެކު ފުރާނަން. އިންޝާﷲ" އަބާން ބުނެލިއެވެ. އުންމީދާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އަބާންގެ ވިސްނުން ބަދަލުވީތީ އޭނާ ހިތާހިތުން ހެއްދެވިފަރާތަށް ހަމްދު ކުރިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ދަރިފުޅުގެ މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލު މައިންބަފައިންނަށް ފާހަގަނުވިއެވެ.

"ކޮންއިރަކު ފުރަނީ؟ ސައިފް ގުޅި. ބުނި އެއާޕޯޓްގަ ހުރި ވާހަކަ. އަބީ ކޮބާހޭވެސް ބުނި" އުންމީދާ ބުނެލިއެވެ.

"މިހާރު ދާން މިދަނީ" އަބާން ބުނެލިއެވެ.

"އެއްޗެއް ކައިގެން ދާންވީނުން. ކޮފީ ތައްޓެއް ގެނެސްދެންތަ؟" އުންމީދާ އެހިއެވެ. ވަގުތުން އަބާން ދެފަރާތަށް ބޯހޫރާލައިފިއެވެ. ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތްއިރު އަނާރް ދެއްކި ވާހަކަަތައް ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ.

***

މޫނުމަތީގައި ދެއަތް އަޅައިގެން އެނދުގައި އިން ޝުހޭލް ދޮރާ ދިމާލަށް ބަލައިލީ ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އެތެރެއަށް ވަން އަނާރް ފެނި ޝުހޭލްއަށް އެނދުން ތެދުވެވިއްޖެއެވެ. ރޮމުން އޭނާއާ ގާތަށް ފިޔަވަޅު އަޅަމުން ދިިޔަ އަނާރާ ގާތަށް ޝުހޭލްއަށް ވެސް ފިޔަވަޅެއް އެޅުނެވެ. ގަބޫލުކުރަން ދަތިވިޔަސް އޭނާގެ ކުރިމަތީގައި ކޮޅަށް ހުރި އަނާރް ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އަނާރް އޭނާ ނަޒަރު ވަކިކޮށް އިސްޖެހުމުންނެވެ.

"އަނާރް..." ޝުހޭލް މަޑުމަޑުން ގޮވައިލިއެވެ.

"ތި ދުލުން އަހަރެންގެ ނަން ނުކިޔާތި. ތިމާގެ އަމިއްލަ އަނބިމީހާ ހިލޭ ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލާފައި އައިރު ހަމަ އެކައްޗެއްވެސް ހިތަށް ނާރާތަ؟ ތީތަ ޝުހޭލް އަހަރެންދެކެ ވި ލޯތްބަކީ؟ ކީއްވެތަ ތި އެންމެން އަހަރެންނަކީ ބޭނުންހާ ގޮތަކަށް އަނބުރަން ގެންގުޅޭ ރޮބަޓަކަށް ހަދައިގެން ތިއުޅެނީ؟ ކޮބާތަ އަހަރެންގެ ކުށަކީ؟ ތިއިން ކޮންމެ މީހެއްދެކެ އަހަރެންގެ ހިތުގެ ފުން މިނުން ލޯބިވުންތަ؟" އަނާރް ފަހުން ބުނެލި ޖުމްލައާއެކު އިސްއުފުލައި ޝުހޭލް އަނާރަށް ބަލައިލިއެވެ. އޭނާއަށް އަޑު އިވުނު ގޮތް ހެއްޔެވެ؟ ނޫނީ ހަގީގަތުގައިވެސް އަނާރްގެ ދުލުން އެ ބޭރުވީ އޭނާއަށް އިވުނު ގޮތަށް ހެއްޔެވެ؟

"އަނާރް...." އަނާރްގެ އަތުގައި ހިފައިލަން ޝުހޭލް އަތް ދިއްކޮށްލި ވަގުތު އެ އަތް އަނާރް ފޮޅުވާލިއެވެ.

"ކޮން ހައިސިއްޔަތަކުން އަހަރެން ގައިގައި އަތްލަން ތިއުޅެނީ؟" އަނާރް ބުނެލިއެވެ. ހިނދަކަށްފަހު ހިނދެއް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ގިނަވަމުން ދިޔައެވެ.

"އަދިވެސް އަހަރެންގެ އަނބިމީހާ. އަހަރެން ލޯބިވާ"

"ހުއްޓާލާ. ތިލޯތްބަށް ކުރިން އަހަރެން އިތުބާރުކުރިން. މިހާރު އެއްވެސް އިތުބާރެއްނެތް. އޭނާވެސް އަހަރެންގެ އިހުސާސްތަކަށް ގަދަރެއް ނުކުރި. ޝުހޭލްވެސް އަހަރެންގެ އިހުސާސްތަކާއެކު ކުޅުނީ. ލޯބިވެޔޭ ކިޔާ އޮޅުވާލީ. ކީއްވެ؟ ލޯބިނުވާއިރު މިހާ ދުވަހު އަހަރެންނަށް ރީތި ހުވަފެންތައް ދެއްކީ ކީއްވެ؟ ޝުހޭލްގެ ކުރިމަތީގައި އަހަރެންނަކީ ފައިސާއަށް ހަށި ވިއްކަން އުޅޭ މަގުމަތީ އަންހެނެއް. އެހެންވެ އަހަރެން ހިލޭ ފިރިހެނެއްގެ އަތް މައްޗަށް ދޫކޮށްލާފަ އަންނާނީ. އަނބިމީހާއަށް ދޭންޖެހޭ ހިމާޔަތެއް ނުދެވުނެއްނު" އަނާރް ވާހަކަދައްކަމުން ދިޔައެވެ. އޭނާ ހުރީ ދުވަހަކުވެސް ހިތުގައިނުޖެހޭ މިންވަރަށް ހިތުގައި ޖެހިފައެވެ.

"ތިހެން ނުބުނޭ މަގޭ ޖާނާ. އަހަރެން އެދުވަހު ވި ލޯބި މިހާރުވެސް ވޭ. އަހަރެން ކޮންމެ ތަނަކަށް ގެންދިޔަސް މިހެން ބުނާނަން" ކުރިއަށް ޖެހިލާފައި ޝުހޭލް ބުނެލިއެވެ. އަނާރް ރޯ މަންޒަރު ފެނި އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަރެންނާ ދުވަހަކު އިންނާނެ މީހަކު ނުވިޔަސް އަބާނެއް ބޭނުމެއް ނޫން. ޝުހޭލްވެސް ނުޖެހޭނެ އަހަރެން އޭނާއަށް ހަވާލުކުރާކަށް. އަހަރެންގެ ދިރިއުޅުމަށް ގޮތް ނިންމަން އަހަރެންނަށް އެނގޭ. އަހަރެންނަކީ ތަސައްރަފު ފުދިފައި ހުރި ބޮޑު އަންހެނެއް. ބޭނުންނުވާއިރު ވަރިކޮށްލާފަ ތި ދިރިއުޅުމުން އަހަރެން ބޭރުކޮށްލިނަމަ....."

އެހިސާބުން އަނާރްގެ އަނގަމަތީގައި ޝުހޭލް އަތް އަޅައިފިއެވެ. އަނާރް ބަލައިލުމާއެކު ދެފަރާތަށް ބޯހޫރަމުން އެ ބަސް ތަކުރާރު ނުކުރުމަށް އެދެމުން ދިޔައެވެ.

"އަހަރެން އެގޮތަށް ކަންތައްކުރީ އަރޫ ދެކެ ލޯބި ނުވާތީއެއް ނޫން. އަރޫ އަބާން ދެކެ އަދިވެސް ލޯބިވާކަމަށް އަހަރެން ހީކުރީ. އެތައް ދުވަހަކު އަހަރެން ދުށިން އަރޫ އެކަނި އިނދެ ރުއި މަންޒަރު" ޝުހޭލް ވާހަކަދެއްކިއެވެ. އޭނާގެ ދެލޯ ކައިރިންވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ދެލޮލުގައި ރަތްކަމެއްވިއެވެ.

"އަހަރެން ލޯބިވަނީ ޝުހޭލް ދެކެ. އެކަން ޝުހޭލްއަށް އިހުސާސްވާނެ ކަމަށް އަހަރެން ހީކުރީ. އެކަމަކު އެހެނެއް ނުވި. އަހަރެން ހިލޭ ފިރިހެނެކާ ހަވާލުކުރިއިރު އަހަރެންގެ ބަނޑުގައި ޝުހޭލްގެ ދަރިއެއް ބޮޑުވަމުން އެބަދެޔޭ. އަހަރެން މިރޭ ޝުހޭލްއަށް ދޭން އުޅުނު އުފާވެރި ހަބަރަކީ އެއީ" އަނާރް ބުނެލިއެވެ. އަނާރް ޝުހޭލާ ދުރަށް ޖެހުނެވެ.

"ހަމަ ތެދެއްތަ؟ އަހަރެންގެ ދަރިއަކު..... އަނާރްގެ ޕްރެގްތަ؟ ކީއްވެ ނުބުނީ؟" ހިތަށް ލިބުނު ހިތްހަމަޖެހުމުގެ އަސަރު ޝުހޭލްގެ މޫނުމަތިން ފާޅުވާން ހިނދުކޮޅެއްގެވެސް ނުނެގިއެވެ. އޭނާއަށް ހަމަހޭވެރިކަން ވިއިރު އަނާރް އޭނާއާ ދުރަށް ޖެހެމުން ދިޔައެވެ.

"އެކަމަކު އަހަރެން މިދަނީ... ޝުހޭލް ބޭނުންވިގޮތަށް ތި ދިރިއުޅުމާ ދުރަށް. އަހަރެން ގަބޫލުކުރާ ގޮތުގައި ޝުހޭލް އަހަރެން ހިލޭ ފިރިހެނަކާ ހަވާލުކުރާނީ އަހަރެން ބޭނުންނުވާތީ. ދުވަހެއްގަވެސް އަހަރެން ހޯދަން މަސައްކަތް ނުކުރާތި. ދެ ދަރިން ބޮޑުކުރާނެ ހިތްވަރު އަހަރެންގެ ހަށިގަނޑުގައި އެބަހުރި" ދޮރާ ހަމައަށް ގޮސް އަނާރް ހުއްޓުމާއެކު ޝުހޭލް ކުރިއަށް ޖެހުނެވެ.

"އަހަރެން ފަހަތުން ނާންނާތި. މުޅިންވެސް ތިބީ އަމިއްލަ އެދުމުން ފޯވެފަ ތިބި މީހުން" ދޮރާ ހަމައަށް ގޮސްފައި އަނާރް ބުނެލިއެވެ.

"ނޯ... ނުދޭ ބޭބީ...." ޝުހޭލްއަށް އެހެން ބުނެވުނީ އަނާރް ކޮޓަރިން ނިކުމެގެން ދުއްވައިގަތް ފަހުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟