"އަހަރެން މިގުޅަނީ ސާރިމްއަށް." ކުއްލިއަކަށް ޝެރީން ކުރަމުން ދިޔަ އާދޭސްތައް އަޑު ނާހަން ޒައިން ބުނެލިއެވެ. އެއީ އޭނާ ދިން އިންޒާރަކަށް ފުދެއެވެ. އިތުރު ބަހަނާއަކާ ނުލައި ޝެރީން އެއްބަސްވީ އެންމެ ރެއަކަށް ޒައިންގެ ކައިރިއަށް އޭނާ އައުމަށެވެ. އެކަމަކު އޭގެފަހުން ދުވަހަކުވެސް ޒައިން އޭނާއަށް އުނދަގޫ ނުކުރަން ޝެރީން އެދުނެވެ.
"ކިހިނެއް ދިރިއުޅޭނި ޝެރީންއާ ނުލައި؟" ޒައިން އިންކާރުކުރީ ޝާއިރީ ބަސްތަކުންނެވެ. ޝެރީންއަށް ދެލޯ މަރާލެވުނެވެ. އޭނާ ފުންނޭވާއެއް ލިއިރު އެ ނޭވާގައިވީ އެތެރޭގައި ހިނގަމުން ދިޔަ ރުޅީގެ ހޫނުކަމެވެ. ދެލޮލަށް ގިނަވި ކަރުނަތައްވެސް ހަމަ އެފަދައެވެ.
** **
ޝެރީން ކޮޓަރިއަށް ވަންގޮތަށް މިސްރާބުޖެހީ ފާހާނާއަށެވެ. އޭނާގެ ފިޔަވަޅުތައް އަވަސްވެފައި ހަލުވިއެވެ. ފާހާނާގެ ދޮރު ލެއްޕުނު އަޑަށް ސާރިމް ލޯ ހުޅުވައިލިއެވެ. ކޮޓަރި ތެރެއަށް ބަލައިލީ ޝެރީންގެ ފޯނު ކޮބައިތޯއެވެ. ޝެރީން އެނދުން ފޭބި ފަހަތުން ސާރިމްއަށް ހޭލެވުނެވެ. ފުރަތަމަ ހީކުރީ ޝެރީން ފެންފޮދެއް ބޯން ދިޔައީ ކަމަށެވެ. އެކަމަކު ފަސްވަރަކަށް މިނެޓްވީފަހުން ސާރިމް ބަލާލިއިރު ޝެރީން ހުރީ ފޯނު ކަންފަތުގައި ޖަހައިގެން ދެކޮޅަށް ހިނގާށެވެ.
ޝެރީންގެ ފޯނު ބަލައިލިއިރު އެންމެ ފަހުން ގުޅާފައި އިން ކޯލުގައި ޖަހާފައި އިނީ ޝެރީން މަންމަގެ ނަމެވެ. މި ދަންވަރު މަންމަ ގުޅާނީ ކަމެއްޖެހިގެންކަމަށް ވެދާނެއެވެ. ބޮޑު ކަމެއްނުވާނަމަ ގުޅާނެހެން ހިއެއް ނުވެއެވެ. ފޯނު ބާއްވާފައި ސާރިމް އައިސް އެނދުގައި އޮށޯތެވެ. އޭނާގެ ހިތުގައި ޝެރީންއާ މެދު އޮތީ ޔަގީންކަމެވެ. އާއިލީ ކަމެއްވިޔަސް ޝެރީން ސިއްރުނުކުރާނެކަން އޭނާ ގަބޫލުކުރެއެވެ.
** **
ސާރިމްއަށް ހޭލެވުނީ ފޯނުގެ އެލާމަށެވެ. އޭނާ ހައިރާންވީ ނިދުނީތީއެވެ. އޭނާ ހީކުރީ ޝެރީން ފާހާނާއިން ނިކުންނަންދެން ހޭލާ އޮވެވޭނެ ކަމަށެވެ. ޝެރީން އައިސް އޭނާ ނިދާފައި އޮތުމުން ނުގޮވާ ނިދީކަމަށްވެދާނެއެވެ. ފޯނުގެ އެލާމް ނިއްވާލާފައި އެނބުރުއިރު އެނދުގައި ޝެރީންއެއް ނެތެވެ. ސާރިމްއަށްވުރެ ކުރިން ޝެރީން ހޭލާނީ މަދު ފަހަރަކުއެވެ.
ސާރިމް ތެދުވެ ކޮޓަރިން ބޭރު ބަލާލިއިރު ބަދިގޭގައި ޝެރީން އުޅެއެވެ. އޭނާ މަޑުމަޑުން ހިނގާފައި ދިޔައިރު ކަންފަތުގައި ޖެހުނީ އޭނާ ހީނުކުރާ އަޑެކެވެ. ރޮށި ދަމަން ރޯލް ދަމާ އަޑެވެ.
ބަދިގޭގެ ދޮރާ ހަމައަށް ގޮސް ހުއްޓުނުއިރު ޝެރީން ހުރެ ރޮއްޓެއް ދެމޭތޯ މަސައްކަތްކުރެއެވެ. މުޅި ޝީޓްމަތީ އޮތީ ހިކިފުށެވެ. ގޮނޑިމަތީގައި ހިކިފުށް ކިތަންމެ ގިނަޔަސް ރޯލް ދަމާލާފައި ހިއްލާލާއިރު ފުށްގުޅަ އޮންނަނީ ތަތްވެފައެވެ.
"ޝެރީން"
ސާރިމްގެ އަޑަށް ޝެރީން ބަލައިލިއެވެ. އޭނާގެ މޫނު ފެނުމާއެކު ސާރިމް ހީލީ ކޮލުގައި ހުރި ހުރިހާ ދަތެއްވެސް ފެންނަ ވަރަށެވެ. އުދާސްވެ ވަރުބަލިވެފައި ހުރެ އެއްއަތުން ނިތްކުރި ފޮހެލަމުން ކިހިނެއްވީހޭ އަހާލިއެވެ.
"ނުސްރާ ވަޒީފާ ދޫކޮށްލީތަ؟" ސާރިމް އެތެރެއަށް ހިނގައިގަތީ ދެނެވެ. ޝެރީން ލައިގެން ހުރީ ނިދަން ލީ ޓީޝާޓާއި ދޫ ހަރުވާޅެވެ. ނިދައި ހޭލިގޮތަށް ދުވެފައި އައިސް ބަދިގެއަށް ވަނީ ކީއްވެކަމެއް ސާރިމްއަކަށް ނުވިސްނެއެވެ.
"އިއްޔެ ނުސްރާ ރޮށި ދަމަން ހުރެފައި ބުނީ މިއީ އެހާ އުނދަގޫކަމެއް ނޫނޭ." ޝެރީން ބަލައިލީ އޭނާ މޮޑެ ބައިކޮށްފައި ހުރި ފުށްގުޅަތަކަށެވެ. އެއިން ކޮންމެ ގުޅައެއް މާފުށް ގުޅައެކޭ އެއްވަރެވެ.
"ހައު ވޯޒް އިޓް." ސާރިމް ނުހޭން ހިތްވަރުކުރިއެވެ.
"ޓަފް ލައިކް ހެލް" ޝެރީން އެންމެފަހުން ރޮށި ދަމާ ރޯލް ބޭއްވިއެވެ.
ޝެރީން ބޮޑުކުރީ ރާނީއެއް ފަދައިން އެއްވެސް މަސައްކަތެއް ނުކޮށެވެ. އަދި އެއީ ޒަވާޖީ ހަޔާތަކަށްފަހުވެސް މާ މުހިއްމުކަމެއް ނޫނޭ ދާއޫދު ބުނީ ސާރިމް ކައިވެނީގެ ވާހަކަ ދެއްކި ދުވަހެއްގައެވެ. ފިރިހެނުން ކުރާ ހުރިހާ މަސައްކަތެއް ފައިސާ ދީފައި ކުރެވެންޏާ އަންހެނުންކުރާ މަސައްކަތްވެސް އޮންނާނީ ހަމަ އެފަދައިންނޭ ދާއޫދު ބުނީ ޖީބުގައި އަތްޖަހާލަމުންނެވެ. އެބުނި ބަހާ މެދު ސާރިމް ދެބަހެއް ނުވެއެވެ. މިޒަމާނުގައި ކިރިޔާ ފުދޭމީހާވެސް ގޭގައި ކައްކާނެ މީހަކު ގެންގުޅެއެވެ. ދެމަފިރިން ވަޒީފާއަށް ދާ ނަމަ ގޭގެ ބަދިގެ ހުންނަނީ ހަމައެކަނި ކޮފީއެއް ގިރާލާށެވެ.
"އެކި މީހުންގެ ހުނަރު ހުންނާނީ އެކި ކަންކަމަށް، އާދޭ ތި ބަހައްޓާފައި، ތިއީ ޝެރީންގެ މަސައްކަތެއް ނޫން." ސާރިމް ޝެރީންގެ އަތުގައި ހިފައި ގެންގޮސް ބެހެއްޓީ ސިންކުގެ ކައިރީގައެވެ. ޝެރީން އަތްދޮންނަން ހުއްޓައި މޭޒުމަތީގައި އޮތް ފޯނު ރިންގުވިއެވެ.
ޝެރީން ފަދައިން ސާރިމްގެ ސަމާލުކަންވެސް ރިންގުވަމުން ދިޔަ ފޯނަށް ހުއްޓުނެވެ. ޑިސްޕްލޭއިން ފެންނަން އިން "މަންމަ" ގެ ނަން ފެނިފައި ޝެރީން ހިންދިރުވާލިއެވެ. އެ ނަމުގައި ޒައިންގެ ނަންބަރު ސޭވްކޮށްފައި އިންނާނެކަން ހަނދާނުގައި ހުރުމުން އޭނާ ބިރުގަތީ ފަޟީހަތް ވެދާނެތީއެވެ. އިސްކުރު ބަންދުކޮށްފައި އެ ދިމާލަށް ދާން އުޅެނިކޮށް އޭގެކުރިން ސާރިމް އެ ފޯނު ނެގިއެވެ. ލާން އުޅުނު ނޭވާ ހިފަހައްޓާލައިގެން ޝެރީންއަށް ހުރެވުނެވެ. ފޯނު ނަގާފައި ސްޕީކަރަށް ލަމުން ސާރިމް ދިއްކޮށްލީ ޝެރީންގެ އަތުގައި ފެން ހުރުމުން އަތް ހިއްކަން އިޝާރާތްކުރަމުންނެވެ.
"ހަލޯ"
ފަރީނާގެ އަޑު އިވިފައި ޝެރީންއަށް ނޭވާ ދޫކޮށްލެވުނެވެ. ޒައިންގެ ވާހަކަ ފަރީނާ ފަށާފާނެކަމުގެ ބިރު އޮތުމުން އޭނާގެ ހިތް ތެޅިގަތީ މޭފަޅާފައި ނިކުންނަހާ ބާރަށެވެ. ދެއަތް ހަރުވާޅުގައި ފޮހެލާފައި ފޯނު އަތުލައި ސްޕީކަރުވެސް ކަނޑާލާފައި ދާން ހިނގައިގަނެވުނެވެ.
"އޭނާ އެ އައީ ކިތައް ދުވަހަށްތަ؟" ފަރީނާ އެހީ ޒައިންގެ ވާހަކައެވެ. ރޭގައި ޝެރީން ޒައިންގެ ކިބައިން ދެކަމަކަށް އެދުނެވެ. އެއްކަމަކީ އެގެއިން ނިކުމެ ޒައިން ބޭނުންތަނަކު ހުރުމެވެ. އެކަމަކު ޒައިން އެއްބަހެއް ނުވިއެވެ. ޝެރީންއަށް ހަފްތާއެއްގެ މުއްދަތު ދީފައި ޒައިން އެދުނީ އޭނާއާ ބައްދަލުކުރަން އައުމަށެވެ. ނޫނީ އޭނާ އަތުގައި ހުރި ފޮޓޯތައް ޝެރީންގެ މައިންބަފައިންނަށް ދައްކަން އޭނާ ފަސްނުޖެހޭނެކަމެވެ.
"މަހެއްހާ ދުވަސް ނަގާނެ." ޝެރީންގެ ޖަވާބު ނުނިމެނީސް ފަރީނާ ހިތްހަމަނުޖެހިފައި ޗޮކެއް ކަނޑާލި އަޑު އިވުނެވެ.
އެ ފޯނު ކުރުކޮށްލާފައި އެނބުރުނުއިރު ސާރިމް ހުރީ ބަލަހައްޓައިގެންނެވެ. އޭނާ ބަލައިލުމުން ބުމަ އުފުލައިލިގޮތުން މަންމައާ ދެކެވުނު ވާހަކަ އެނގެން ބޭނުންވެގެން ގެނައި އިޝާރާތެއްކަން ޝެރީންއަށް ނަގައިގަނެވުނެވެ.
"އަހަރެންގެ ކުރީގެ ފްރެންޑެއް މާލެ އައިސް ހުންނާނެ ތަނެއް ނެތިގެން ދުވަސްކޮޅަކަށް އަހަރެމެންގެ ކޮޓަރި ދޭން ބުނެގެން އެކަމާ މަންމަ ހިތްހަމަނުޖެހިގެން އެ އުޅެނީ." ޝެރީން ގަސްތުކުރީ މަތިމަތިން ކުޑަކޮށް ކިޔައިދޭށެވެ. ސާރިމްއަށް ބައްޕަ ކޮންމެ ދުވަހަކު ގުޅާއިރު ބައްޕަގެ ފަރާތުން އެކަން އެނގިއްޖެނަމަ މަސްލަހަތު ގޯސްވެދާނެކަމުގެ ބިރު އޮތީމައެވެ.
"މަންމަ ހިތްހަމަނުޖެހެންޏާ ޝެރީން އެހެން ގޮތެއް ހޯދައިދެންވީނު، ކުލި ދައްކާގޮތަށް ބަދަލުވާށޭ ބުނޭ، އަހަރެން ޕޭކޮށްފާނަން." ސާރިމް ލަފާ ދިނީ އެއްވެސް ސުވާލެއް ކުރުމަކާ ނުލައެވެ. އެއީ ކާކުތޯވެސް ނާހައެވެ. ކުއްލިއަކަށް ރައްޓެއްސަކު އައިކަން އެނގުމުން އެމީހެއްގެ ފަތިފުށް އެހެން މީހަކު ނަމަ އަހާނެކަން ޔަގީނެވެ.
"އަޅާނުލާ ސާރިމް، ދެދުވަހަކަށް ކީއްކުރަން،" ޝެރީން އަވަހަށް ބުނެލިއެވެ. ސާރިމް އެބުނި ފަދައިން ޒައިންގެ ގާތު ޝެރީންވެސް ބުންޏެވެ. ގެއިން ނިކުންނާނެ އެތައް ގޮތެއް ހޯދައިދިނެވެ. އެކަމަކު ޒައިން ކަންތައްކުރާނީ އޭނާ ބޭނުންވާގޮތަށެވެ.
** **
ނުސްރާއަށް އާދެވުނީ ސާރިމް މަސައްކަތު ދިޔަފަހުންނެވެ. ނުސްރާއަށް ޝެރީން މޮޑެފައި ހުރި ފުށްގަނޑު ދެއްކުމުން ބަލަން ހުރެފައި އަހައިލީ ޝެރީން ދަސްކުރަން ބޭނުންތޯއެވެ. ޝެރީން މަސައްކަތާ ގަޔާވެވުނީ ނުސްރާގެ ފަރާތުން އެހީތެރިކަން ލިބޭނެކަން އެނގުނީމައެވެ.
"ތެންކިޔު ނުސްރާ، ކުރިއަކުން އަހަރެން ހިއެއް ނުކުރަން މިއީ އެހާ ފަސޭހަކަމެއް ކަމަކަށް." ޝެރީން ތަށިތައް ދޮންނަން ހުރެފައި ބުނެލިއެވެ. އޭގެ ކުޑައިރުކޮޅެއްކުރިން ޝެރީން އެކަނި ރޮށި ދަމައި ފިހެ ހެދިއެވެ.
"އާން، ޝެރީން ބުނީމެއްނު ހިތްވަރެއް ހުރިއްޔާ އެއްވެސް ކަމަކީ އެހާ އުނދަގޫކަމެއް ނޫނޭ، އެނގޭތަ ރޭ ވެގެން ދިޔައީ އަހަންނަށް އެންމެ ފަސޭހައިން ނިދުނު ރެޔަށް،" ނުސްރާއާ ދިމާލަށް ޝެރީންއަށް ބަލައިލެވުނެވެ.
ނުސްރާ ކިޔައިދެން ފެށީ އިއްޔެ ހަވީރު ޝެރީންއާ ވާހަކަ ދައްކާލުމަށްފަހު އޭނާއަށް ވަކި ގޮތެއް ނިންމަން ފަސޭހަވި ވާހަކައެވެ. އަދި ގެއަށް ގޮސް ނުސްރާ އޭނާގެ ލޯބިވެރިޔާއާ އޮތް ގުޅުން ކަނޑައިލީއެވެ. އޭނާ އެކަން އެންގީ މެސެޖެއްކޮށްލާފައެއް ނޫނެވެ. ގުޅާފައި ދިމާލަށް ބަވާލީއެވެ.
"ނުސްރާއަށް ޔަގީންތަ ތި ދެން މިނިވަންވީކަން؟" ޝެރީން އައިސް ހުއްޓުނީ ނުސްރާގެ ކައިރީގައެވެ. އޭނާ މިނިވަންކަން މާނަކުރީ އުމުރުގައިވެސް އެމީހެއްގެ އުނދަގުލާ ނުޖެހި އުޅެވޭނެކަމުގެ ޔަގީން ކަމަށެވެ.
"އޭނާ އަހަންނަށް ބިރު ދައްކާނީ ކީކޭ ކިޔާފައި، ރައްޓެހިވި ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ހަނދާން ބެހެއްޓިން އަހަރެންގެ މަންމަ ދިން ނަސޭހަތް، މަންމަ އަބަދުވެސް ބުނޭ، އިއްފަތްތެރިކަމަކީ ނީލަމުގައި ވިއްކާ އެއްޗަކަށް ނުހަދާށޭ، އޭނަވެސް އަހަރެންގެ ކައިރީން އެކަހަލަ ކަމެއް ނުކިޔާ، މައްސަލައަކީ އިތުބާރު ނުކުރާތީ، ގޭ މީހަކާ އެކުވެސް ނުދެވޭނެ ތަނަކަށް ހުއްދަ ނުހޯދާ." ނުސްރާ ކިޔައިދިނެވެ. އެވާހަކަތައް އަޑު އިވުމާއެކު ޝެރީންއަށް ފީނައިގަނެވުނީ އަމިއްލަ ދިރިއުޅުމުގެ ތެރެއަށެވެ. އޭނާ ފުރާވަރަށް އަރައި ކުދިންނާ ރައްޓެހިވާން ފެށިއިރު އެވާހަކަ މަންމަ ކައިރީ ބުނި ހަނދާންވެއެވެ. އެދުވަހު އޭނާގެ މަންމަ ދިނީ ރައްޓެހިންނާއެކު ބޭރުގައި އުޅޭއިރު ހޭދަވާނެ ހަރަދެވެ. މިނިވަންކަމެވެ. އެއީ އެންމެންވެސް ކުރާ ކަންތަކޭ މަންމަ ބުނި ހަނދާން އިއްޔެވީ ކަމެއްހެން އެބަހުއްޓެވެ. ޝެރީން ރައްޓެހިކަން އޮތީ ކޮންބަޔަކާތޯ މަންމަ ނުބަލައެވެ. ޝެރީން ހީކުރީ އޭނާގެ މަންމައަކީ އެންމެ ހެޔޮ މަންމަ ކަމުގައެވެ. އެކަމަކު މިއަދު ނުސްރާގެ ވާހަކައިން އެ މަންމައަށް ތަރުބިއްޔަތާއި ޒިންމާ އޮޅިފައިވާކަން އެނގެއެވެ. ފުރާވަރަށް އެރިއިރު އަންހެން ދަރިއަކަށް މަންމަ ދޭންވާ އިރުޝާދުތައް ދީފައި ހުރިނަމަ އޭނާއަށްވެސް އެފަދަ ގޯހެއް ނުހެދުނީހެވެ.
** **
މެންދުރުގެ ކެއުމަށް ބިރިޔާނީ ތައްޔާރުކުރީ ނުސްރާގެ އެހީއާއެކު ޝެރީންއެވެ. ދެމީހުންވެގެން މޭޒުމަތި ތައްޔާރުކޮށްފައި އިތުރު ތައްޓަކަށް ބިރިޔާީ އަޅައި ޝެރީން ބޭނުންވީ ރަމްލާގެ ގެއަށް ދޭން ދާށެވެ. ނުސްރާ މާ ގަޔާނުވާ ކަމަކަށްވާތީ ޝެރީން ނިކުތީ ނޫރާ ގޮވައިގެންނެވެ.
އެގޭގެ ދޮރާށި ހުޅުވާލާފައި ޝެރީން ބަލައިލިއެވެ. ގޯތިތެރޭގައި ބަރިއަކަށް ހަދާފައި ހުރި ދެކޮޓަރި ހުއްޓެވެ. ބޭރަށްވާގޮތަށް ދެކޮޓަރިއާ ގުޅުވާލާފައި ހުރި ފެންޑާގަނޑުގައި ބޮޑު އުނދޯއްޔެއް ހުއްޓެވެ. ގޯތިތެރެ ހިޔާވެފައިވަނީ ބިޔަކޮށްހެދިފައި ހުރި ބަނބުކެޔޮގަހުގެ ސަބަބުންނެވެ. އެގަހުގެ ވަށައިގެންވެސް ބައިވަރު އުނދޯލި ހުއްޓެވެ. ފެންޑާމަތީ ކުނަލެއް ފަތުރައިގެން ކުޅެން އިން ކުއްޖާ ޝެރީންއަށް ފެނުނެވެ. ޝެރީން ސަލާމް ގޮވައިލީ ގަސްދޮށުގައި މަދު ބިންނަން އިން ރަމްލާ ފެނިފައެވެ.
ސަލާމް ގޮވާލި އަޑަށް ކަނަމަދު ބިންނަން އިނދެފައި ރަމްލާ ބަލައިލިއެވެ. އޭރު ދޮރާށި ހުޅުވާލާފައި ޝެރީން އެތެރެއަށް ވަންނަނީއެވެ. ކަތިވަޅި ބާއްވާފައި ރަމްލާ ތެދުވިއިރު ދެބުމަ ހުރީ ގޮށްޖެހިފައެވެ. ޝެރީންގެ އަޑަށް ފެންޑާގެ ތެރޭ ކުޅެން އިން ކުޑަ ފިރިހެންކުއްޖާވެސް ބަލައިލިއެވެ. ނޫރާ އާއި ދެކުދިން އެކަކު އަނެކަކަށް ހިނިތުންވެލާފައި ދުރުގައި ތިބީ އެކުދިންނަށް ހުއްދަ ލިބެންދެންނެވެ.
ރަމްލާ ސަލާމް ބަލައިގަތީ އެހުރިހާ މަންޒަރެއް ސިކުނޑީގައި ނޯޓްކޮށްލަމުންނެވެ. ޝެރީން އެތެރެއަށް ވަދެގެން އައިސް ރަމްލާއަށް ބޯތަށި ދިއްކޮށްލިއެވެ. މަތިޖަހާފައި ހުރިއިރުވެސް އޭގެން މީރުވަސް ހުއްޓެވެ.
"މިތާ އިށީނދޭ." ރަމްލާ އިޝާރާތްކުރީ އެލުވާފައި ހުރި އުނދޯލިތަކާ ތަންކޮޅެއް ދުރުގައި ވަކިން ހުރި ޖޯލިފައްޗަށެވެ. އެ ގަސްދޮށުގައި ބޮޑު ކޮއްޓެއް ފުރައި ކުކުޅު ހުރިތަން ފެނިފައި ނޫރާ ޝެރީންގެ އަތުގައި ހިފަހައްޓާލިއެވެ. ޝެރީން އިށީންނަމުން ބަލައިލީ އެދެމައިންނަށް ބަލަން ހުރި ކުއްޖާއަށެވެ. އަތުގެ އިޝާރާތުން އަންނާށޭ ބުނުމާއެކު އެކުއްޖާ ދުވެފައި އައެވެ.
"ކޮންނަމެއް ކިޔަނީ؟" ޝެރީންއަށް ހިނިތުންވެލައިގެން ހުރެފައި އެކުއްޖާ ނަން ބުނެލިއެވެ. ޝެރީންއަށް ހައިރާންވިވަރުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"އެއީ އަހަރެންގެ ބައްޕަގެވެސް ނަން" ސާރިމްއާ ދިމާލަށް އެނބުރިފައި ނޫރާ ބުނެލިއެވެ. އަދި ނޫރާ އަމިއްލައަށް ތައާރަފުވި ވަގުތަކީ ހުސްތަށި ހިފައިގެން ރަމްލާއަށް ނިކުމެވުނުވަގުތެވެ.
"އެއީ އަހަރެންގެ ދަރިފުޅުގެ ނަން." ރަމްލާއަށް ބުނެވުނީ އިހުތިޔާރަކާ ނުލައެވެ. އެކަން ފޮރުވަން ރަމްލާއަށް އަނގަމަތި އަތުން ފޮހެލެވުނީ ތުންފަތުގައި ކާ އެއްޗެއް ހުރެގެން އަތް ފޮހެލާ ގޮތަށެވެ. ރަމްލާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ޝެރީންއަށް ތެދުވެވުނެވެ. ރަމްލާ ދިއްކުރި ހުސްތަށީގައި ހިފަމުން ފަރުވާތެރިވެ އެ މޫނަށް ބަލައިލެވުނެވެ. ހަރުކަށިކަން ބޭރުފުށުން ފެންނަން ހުއްޓަސް އެ ދެލޮލުގައި ރިހުމެއްހުރިކަން އޭނާއަށް ފާހަގަވިއެވެ.
(ނުނިމޭ)