ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 58

13

ފަންސާސްއަށްވަނަ ބައި

ކައިރީގައި މީހަކު އޮތްތަން ފެނުނީ ދެނެވެ. އޭނާގެ ބަނޑުމަތީގައި އޮތީ އެމީހެއްގެ އަތްކަން އިނގުމުން ތެޅިގަތެވެ. ފުންމައިގެން އެނދުން ތެދުވިގޮތަށް ކުއިލްޓް ދަމައިގަނެފައި ހަށިގަނޑުން ކަޝްފުވެފައިވާ ބައި ނިވައިކޮށްލިއެވެ. އޭރު އޭނާގެ ދެލޮލުން ސިހުމެއް ފެންނަން ހުއްޓެވެ.

އޭނަގެ ދެލޮލުން ފާޅުވަމުންދިޔަ ސިހުން ފިލައި އިސާހިތަކު ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު ރަތްކަމުގެ ތެރެއިން އޭނާއަށް ލޯބިވާ ފިރިމީހާގެ މޫނު ފެނިއްޖެއެވެ. ކުރިން އޭނާ ސިހުނީ ނިދިިއިރު ޝުހޭލް ނެތްކަން އިނގި ކައިރީގައި އޮތީ އެހެން މީހެއް ކަމަށް ހީކުރެވުމުންނެވެ. އެނދާ ކައިރިވަމުން އައިސް ޝުހޭލްގެ މޫނާ ދިމާލުން އެނދުގެ ކަނެއްގައި އިށީނެވެ. އެހާ ގިނައިރު ފިރިމީހާ ނުފެނި ހުރެފައި ފެނުމުން އެމޫނަށް ހިތް ފުރެންދެން ބަލަން ބޭނުންވިއެވެ. ޝުހޭލްގެ މޫނާ އޭނާގެ މޫނު ގާތްކުރަމުންދިޔަ ވަރަކަށް އިވެމުންދިޔަ މަޑުމަޑު ނޭވާގެ އަޑުން ޝުހޭލް އޮތީ ގަދަ ނިދީގައިކަން އަނާރަށް އިނގުނެވެ.

ބަދިގެތެރޭގައި ރޮށި ފިހަން ތައްޔާރުކުރަމުން ދިޔަ އަނާރް ކުއްލިއަކަށް ސިހުނީ މޭޒު މައްޗަށް ނަގާފައި ހުރި ފިޔާ އާއި މިރުސް ކޮށަން ހުރި ޝުހޭލް ފެނުމުންނެވެ. ޝުހޭލް ހުރީ އޭނާއަށް ފުރަގަސްދީގެންނެވެ. އެހެންނަމަވެސް އަނާރް ހިތްހަމަޖެހުނެވެ. ފާއިތުވެދިޔަ ދެ ވަރަކަށް ދުވަހު ހެދިފައި ހުރިި ގޯސްތައް ޝުހޭލް ރަނގަޅުކުރަން އުޅެނީއޭ އަނާރަށް ހީވިއެވެ. އެހެންނަމަވެސް ގޭތެރެއިން އަބާނާއެކު އޭނާ ފެނުމުން އިތުރު ސުވާލެއް ނުކުރާތީ އަނާރް ހައިރާންވިއެވެ. އޭނާ އެވާހަކަ ނުދައްކާހާ ހިނދެއްގައި ޝުހޭލް އެވާހަކަ ނުފަށާނެކަން އޭނައަށް އިނގެއެވެ. ފަހަރެއްގައި އޭނާ ކުރިން ބުނަންދެން ޝުހޭލް މަޑުކުރަނީއޭ ހިތާ އޭނާ ޝުހޭލާ ގާތަށް ހިނގައިގަތެވެ. ޝުހޭލަށް ބަލައިލެވުނުއިރު އަނާރް ހުރީ ދާދި ގާތުގައެވެ. ހަތަރުކަޅި ހަމަވުމާއެކު އަނާރަށް ހިނިތުންވުމެއް ދީފިއެވެ. ފިރިމީހާއަށް ނޭނގޭ ކަމެއް އޭނާގެ ފޫޓުން އެތެރޭގައި ވާކަށް ނޭދޭއެވެ.

"ނާނު ހާދަ ގިނައިން ނިދާ ދުވަހެކޭ ދޯ" ކައިރީގައި އަނާރް ހުއްޓުނުކަން އިނގުމުން ޝުހޭލް ބުނެލިއެވެ. ކުރީގެ ޝުހޭލަށް ފިރިމީހާ އިއާދަވެއްޖެކަން އަނާރަށް އިހުސާސްވިއެވެ. އެ ގާތްކަން އޭނާއަށް ޝުހޭލްގެ ދެލޮލުން ފެނިއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.

"ހާދަ ވަރަކަށޭ ތިބަލަނީ" އަނާރް ބަލަހައްޓައިގެން ހުންނަން ފެށުމުން ޝުހޭލް ބުނެލިއެވެ.

"ނުބަލަންވީތަ؟" އަނާރް ބުނެލިއެވެ.

"އާނ... އަނާރް ތިގޮތަށް ބަލަންޏާ މާދަމާ އަހަރެން ކިހިނެއް ކެތްކުރާނީ" ޝުހޭލް ބުނެލިއެވެ. އަނާރްގެ ތުންފަތުގައިވި ފަނޑު ހިނިތުންވުން ފިލިއެވެ.

ޝުހޭލް އެބުނި ޖުމްލައިގެ މާނައަކީ ކޮބާ ހެއްޔެވެ؟ ވިސްނަންވީ ކޮން ގޮތަކަށް ހެއްޔެވެ؟ ކެތްކުރަންޖެހޭނީ އޭނާ އާ ނުލާ އުޅެން ޖެހިއްޖެ ދުވަހެއް އައިއްޔާއެއް ނޫންހެއްޔެވެ؟ އަދި އޭނާ އެހުރީ ޝުހޭލްގެ މީހެއްގެ ގޮތުގައެވެ. އެންމެފަހުގެ ނޭވާވެސް އޭނާ ދޫކޮށްލަން ބޭނުންވަނީ ފިރިމީހާގެ އުނގުތެރޭގައި އޮވެއެވެ. ވީއިރު އެފަދަ އެއްޗެއް ޝުހޭލް އެބުނީ ކީއްވެގެން ހެއްޔެވެ؟ އެހެންވިޔަސް ވަގުތުގެ ގޮތުން އެމައުޟުއަށް ވާހަކަދައްކަން އޭނާ ބޭނުމެއްނުވިއެވެ. އެ ވިސްނުން ސިކުނޑިން ނެރެލާފައި އޭނާ ހަމަޖެހިލިއެވެ. އަނެއްކާވެސް ހިނިތުންވެލާފައި ފިރިމީހާ މޫނަށް ލޯތްބާއެކު ބަލައިލިއެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" އަނާރް ބުނެލިއެވެ.

"އަވަހަށް ބުނޭ" ޝުހޭލް ބުނެލިއެވެ.

"އިއްޔެގަ އަބާން..."

"ޝްޝްޝް..." އެހިސާބަށް އަނާރަށް ބުނެވުނުތަނާ ޝުހޭލް އަނާރްގެ ދެތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލިއެވެ. ދެމަފިރިންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަނާރަށް ޝުހޭލްގެ އަތުގައި ހިފައިލެވިއްޖެއެވެ. އޭނައަށް ކަޅިޖަހައިނުލާ ބެލެމުން ދަނީ ފިރިމީހާގެ މޫނަށެވެ.

"އަނާރް އެއްވެސްކަމެއް އޮޅުންފިލުވައިދޭކަށް ނުޖެހޭނެ" ޝުހޭލް ބުނެލިއެވެ. އަދި އަނާރްގެ ތުންފަތުން އިނގިލި ނައްޓުވާލާފައި މަސައްކަތަށް އަވަސްވެލިއެވެ.

"އެހާ އިތުބަރުކުރަންތަ؟" އަނާރް އެހިއެވެ.

"ހޫމް. ވަރަށް ބޮޑަށް. އަނބިމީހާއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން" ޝުހޭލް ބުނެލިއެވެ. އަނާރް ދައްކާ ކޮންމެ ވާހަކައަކާ ގުޅުވައިގެން ވާހަކަދެއްކި ނަމަވެސް އަދިވެސް އޭނާގެ މޭތެރޭގައި އޮތް ހިތް އޮތީ ހަލާކުވެފައެވެ. ދިރިއުޅުމުގައި ފިރިހެނަކު ނިންމާމެ އެންމެ މުހިންމު ނިންމުން ނިންމަން އޭނާ އެދަނީ ތައްޔާރުވަމުންނެވެ. އޭނާއަށް ވިސްނޭ ގޮތުގައި އަނާރްގެ އުފާވެރިކަން ގެނެސްދެވޭނީ އޭނާ އެ ނިންމުން ނިންމައިގެންނެވެ. އޭނާގެ ސިކުނޑި ނިންމުމަކަ ހަމައަށް ދިޔައީ އޭނާގެ މުޅި ނަފްސު ބަލިކަށިވި ފަހުންނެވެ.

***

ދުވަހުގެ މެންދުރުފަހު އަނާރް އުޅުނީ އެއްޗެހި ދޮވުމުގައެވެ. ސޯފާގައި ބިނާން ގޮވައިގެން އިން ޝުހޭލްއަށް އިރުކޮޅަކާ އަނާރް ބަލައިލައެވެ. ދުވަހުގެ ހުރިހާ ވަގުތެއް ޝުހޭލް ހޭދަކުރަމުން އެދަނީ އާއިލާ އާ އެކުގައެވެ. ގޭތެރެ ފޮޅާ ސާފުކޮށް ހެދީ ޝުހޭލްއެވެ. ދޮވެފައި ހުރި އެއްޗެހި އަވީގައި އަޅަން ހުރި އަނާރް ހަރަކާތްކޮށްލި ގޮތުން އެތެރޭގައި ބިނާނާ އެކު ސަކަރާތްޖަހަން އިން ޝުހޭލަށް އޭނާގެ ނަޒަރު ހުއްޓުނީ ބެލްކަނީގެ ބިއްލޫރި ދޮރުންނެވެ. ހިނިތުންވަމުން ދިޔަ ޝުހޭލް ފެނި އޭނައަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްނުލެވުނެވެ. ފާއިތުވެދިޔަ ދެ ދުވަހުގައި ޝުހޭލްގެ ދުރުކަން އޭނާ ބޮޑު ބައްޔަކާ ދިމާލަށް ގެންދިޔައެވެ. ނުވެސް އިނގިހުއްޓާ ޝުހޭލްގެ ކޮންމެ ހަރަކާތެއް އޭނާއަށް ކަމުގޮސްފިއެވެ. ނިދާފައި އޮންނަ ވަގުތުގައިވެސް އަދި ދެލޯ ހުޅުވައިގެން އޮންނަ ވަގުތުގައިވެސް އޭނާއަށް އެހެން ސޫރައެއް ނުފެނެއެވެ. ސައުވީސްގަޑިއިރު ފާއިތުވެގެންދާއިރު އޭނާއަށް އެހެން މީހަކާ މެދު ވިސްނާ ނުލެވެއެވެ. ހީނުކުރާހާ ލޯބި އޭނާއަށް ވެސް ޝުހޭލްދެކެ ވެވުނީ ހެއްޔެވެ؟ ޝުހޭލް ހީލައިގެން ހުއްޓާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އުފަލުން ފުރެއެވެ. ޝުހޭލްގެ މޫނުމަތިން ހިތްހަމަނުޖެހުމެއް ނުވަތަ މާޔޫސްކަމެއް ފެންނަން ހުރިނަމަ އޭނާގެ ހިތް މާޔޫސް ކުރުވައެވެ. މުޅި ދުވަސް ހަރާބުވެއެވެ. ހިތްދަތިވެއެވެ. ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ޝުހޭލްއަށެވެ. އިތުރު ވަގުތުތަކެއް ނަގައިނުލާ އޭނާ ޝުހޭލްގެ ކުރިމަތީގައި ހިތް ހުޅުވައިލަން ބޭނުންވިއެވެ. ރަނގަޅު ފުރުސަތަކަށް ބަލާނީއޭ ހިތާ އަމިއްލަ ނަފްސަށް ވާހަކަދައްކައިލިއެވެ.

"އިނގޭތަ އަހަރެންގެ ބައްޕަ ކަމަށް ދައުވާކުރާ މީހަކު އެދުވަހު އައީ. އެއީ ނާނުގެ މާމަމެންނާ ތިމާގެ މީހެއް. އަހަރެންނާ ބައްދަލުކޮށްލަން އައީ" އެއްޗެހި ހުސްކުރި ބާސްކެޓް ދުރުގައި ބަހައްޓާފައި އަނާރް އައިސް އިށީނީ ޝުހޭލް ކައިރީގައެވެ. އެހާ ކައިރީގައި އަނާރް އިށީނުމުން އެމޫނަށް ޝުހޭލް ބަލައިލިއެވެ. އެ ބަލައިލުމުގައިވާ ރިހުން އަނާރަށް ނުފެނެއެވެ.

"ޝެޒާ ކިޔައިދިން" ޝުހޭލް ބުނެލިއެވެ. އަނާރް ޝުހޭލްގެ މޫނަށް ބަލައިލާފައި ޝުހޭލްގެ ކޮނޑުގައި ބޯއަޅާލިއެވެ. ޝުހޭލް ދުރަށް ޖެހެން އުޅެފައިވެސް ހިޔާލު ބަދަލުކޮށްލިއެވެ. އަނާރްގެ އަތްތިލައިގައި ހިފައިލިއިރު މޭތެރޭގައި އޮތް އޭނާގެ ހިތް ރޮމުން ދިޔައެވެ.

"އަހަރެން މިރޭ އަރޫ މީހަކާ ބައްދަލުކޮށްދޭން ބޭނުން. މިރޭ މިއީ އަރޫގެ މުޅި ދުނިޔެ ބަދަލުވެގެންދާނެ ރެއެއް" ޝުހޭލް ބުނެލިއެވެ.

"ސީރިޔަސްލީ. ކާކު؟ އަނެއްކާ ސެލެބްރިޓީއެއްތަ؟" އަނާރް މަޖާވިއެވެ.

"އައެމް ސީރިޔަސް. ހަގީގީ އުފާވެރިކަމަކީ ކޮބާކަން މިރޭ އަރޫއަށް އިނގޭނެ. މިރެއަށްފަހު އަރޫ ނުޖެހޭނެ ހިތާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް. ހުރިހާކަމެއް ރަނގަޅުވާނެ" ޝުހޭލް ބުނެލިއެވެ. އަނާރް ހިނިތުންވެލިއެވެ. އެހެންނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ހިނގާލީ ކީއްވެގެންކަމެއް ނޭނގެއެވެ.

"އަހަރެން ހިތާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން" އަނާރް ބުނެލިއެވެ. ޝުހޭލް އަނާރްގެ ނޭފަތު ކުރީގައި ހިފައިލަފައި ހީލިއެވެ.

"އަހަރެންވެސް ވާހަކައެއް ބުނަން ބޭނުން. އެކަމަކު ޝުހޭލް ތިބުނާ މީހަކާ ބައްދަލުކުރުމަށްފަހު" އަނާރް ބުނެލިއެވެ.

"މިހާރު ބުނަންވީނުން. ފަހަރެއްގަ އެމީހަކާ ބައްދަލުކުރުމަށްފަހު އަހަރެން ކައިރީގައި ތިވާހަކަ ބުނަން އަރޫއަށް ޗާންސެއް ނުލިބިދާނެ" ޝުހޭލް ބުނެލިއެވެ. އޭނާގެ އަޑު ހިމޭންވަމުން ދިޔައެވެ.

"އެއީ ކީއްވެ ނުލިބޭންވީ. ނިދާ ގަޑިވެސް އޮންނާނެއްނު" އަނާރް ބުނެލިއެވެ. ޝުހޭލް ކުރަން އުޅޭ ކަމެއްގެ ހިލަމެއްވެސް ނުވާ ހާލު އަނާރް ފިރިމީހާއަށް ލޯބި ހުށަހަޅާނެ ގޮތަކާމެދު އެތައް ގޮތަކަށް ވިސްނަމުން ދިޔައެވެ.

***

ބަދިގޭ ތެރޭގައި އުޅުނު އުންމީދާ ބޯއަރިކޮށްލާފައި ބަލައިލީ ސިޓިންރޫމުން އަޑުތަކެއް އިވޭތީއެވެ. އޭރު ހުޅުވާލާފައި ހުރި ބޮޑު ދޮރުން އަބާން ވަދެގެން އަންނަނީއެވެ. ފޮށިތަކެއްގައި ބަންދުކޮށްފައި ހުރި އެއްޗެހިތަކެއް ވައްދާތީ އުންމީދާ ދެބުމަ ގޮށްޖެހުނެވެ. ބަދިގެއިން ނިކުމެ ސިޓިންރޫމުގައި މަޑުކޮށްލައިގެން ހުރީ އަބާންގެ ހަރަކާތްތަކަށް ބަލާށެވެ. އެއްޗެހިތައް ވެއްދި މީހުން ނިކުމެގެން ދިޔުމުން އުންމީދާ އަބާނަށް ގޮވާލިއެވެ. އެ އެއްޗެހިތައް ވެއްދި މީހުންނާ އެއްބައިވުމުގެ ސަބަބުން އޭނާގެ ނިތްމަތިން ދާތިކިތައް ފާޅުވާން ހުއްޓެވެ. ވަރުބަލިވެފައި ހުރުމުގެ ސަބަބުން އަދިވެސް ނޭވާ ހަމަޔަކަށް ނޭޅެއެވެ. އުންމީދާ އިތުރު ސުވާލެއް ކުރުމުގެ ކުރިން އަބާން އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ. އަދި އުންމީދާގެ ދެއަތްތިލައިގައި ހިފައިލާފައި ހީލައިފިއެވެ. ތަފާތު ހިނިތުންވުމެއްކަން އުންމީދާއަށް ފާހަގަވިއެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ކޮޓަރިއަށް ބޭނުންވާ ތަކެތި. ވަރަށް ވަރަށް ރީތިކޮށްލަން ބޭނުން" އަބާން ބުނެލިއެވެ. އުންމީދާ ކަންބޮޑުވިއެވެ. އަނާރާ ބިނާން ލިބޭނެކަމަށް އަބާން ބޭކާރު އުންމީދުތަކެއް ކުރާކަން އިނގި ދެރަވެސް ވެއްޖެއެވެ. ދަރިފުޅާ މެދު ހިތުގައި ހަމްދަރުދީވެސް އުފެދިއްޖެއެވެ.

"ދަރިފުޅާ، ތި ވިސްނުން ދޫކޮށްލާ. ތިއީ ރަނގަޅު ވިސްނުމެއްނޫން. އަނާރާ ކުޑަސޮރު ހުރިތަނެއްގަ ބައިތިއްބާ. އަނާރްގެ ކައިވެނި ރޫޅާލަން މަސައްކަތްނުކުރޭ. އެމަންޖެ ދަރިފުޅު ބޭނުންނަމަ މިހާރު ހުންނާނީ ދަރިފުޅާ އެކުގަ" އުންމީދާގެ އަޑުގައި ކަންބޮޑުވުން ވިއެވެ. އަބާން އަތުން ގޯހެއް ހެދިދާނެތީ އޭނާ އިންތިހާއަށް ބިރުގަނެއްޖެއެވެ.

"މަންމާ މަންމާ، އަނާރް އަންނާނީ ރުހުމުގަ. އަޅުގަނޑު ނުކުރަން އެއްވެސް ކަމެއް" އަބާން ބުނެލިއެވެ.

"އެހެންވިއްޔާ މަންމަ އެމަންޖެ އާ ވާހަކަދައްކަން ބޭނުން. އެމަންޖެގެ ފޯނަށް ގުޅައިދީ" އުންމީދާ ބުނެލިއެވެ. އަބާން ކަންބޮޑުވިއެވެ. މަންމަ އެދުނު އެދުން އޭނާ ފުއްދައިފިއްޔާ އޭނާ ބޭޒާރުވަނެއެވެ. އަނާރް ހިތުން ރުހުމުން ނާންނާނެކަން އިނގުނިއްޔާ މަންމަ އޭނާ ދުލެއް ނުކުރާނެއެވެ. އެކަން އުންމީދާއަށް ވިސްނުނީ ކަންނޭނގެއެވެ. ހިމޭންވެފައި ހުރި އަބާންގެ އަތުގައި ހިފާ ތަޅުވައިލިއެވެ.

"މަންމައަށް ފެންނަނީ ތި ވިސްނުން ދޫކޮށްލާފައި ސިކުނޑި ހަމަޖައްސާލަން ސައިފް އާއެކު ފުރަން. ސައިފް ހުރިހާކަމެއް އެކުރަނީ ދަރިފުޅު ގޮވައިގެން ދާން. ދަތުރާ ހުރިހާ ކަމެއް ހަމަޖެހިފަ ހުރީ. އެކަމުގަ މަންމަ އާ ބައްޕަގެ އެއްވެސް އިއުތިރާޒެއްނެތް" އުންމީދާ ވާހަކަދެއްކިއެވެ. އުންމީދާގެ އަތުން ދޫކޮށްލާފައި އަބާން ގޮސް އިށީނީ ސޯފާގައެވެ. އަނާރާ ވަކިވެ ދުރަށްދާން މަންމަ އެދެމުންދާތީ އޭނާ ހިތްހަމަނުޖެހުނެވެ. ލޯބިވާ މީހެއް އޭނާގެ ހަޔާތަށް އައުމުގެ ހައްގު ނެތީބާއޭ ހިތަށް އެރިއެވެ.

***

ރީތިވެގެން ސިިޓިންރޫމަށް ނިކުތް އަނާރްގެ ފައިން ފެށިގެން ބޮލާ ހަމައަށް ޝުހޭލް ބަލައިލިއެވެ. ކަޅުކުލައިގެ އަބާޔާ އާއެކު މެރޫން ކުލައިގެ ޝޯލްއެއް އަޅައިގެން ހުރުމުން ވަރަށް ރީތި ގޮތެއް ހުއްޓެވެ. މޫނުމަތީގައި މޭކަޕެއް ނެތްއިރުވެސް އެހާ ފުރިހަމައެވެ. ތުންފަތުގައި ލިޕް ގްލޮސްއެއް ހާކަފައި ހުރިއިރު މިއިން ދުވަހަކުވެސް ނުފެންނަ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ވިއެވެ. އެ ހިނިތުންވުން އިތުރަށް ފުޅާވެލީ ދުވަހުގެ އިރުއޮއްސެން އުޅުނު ވަގުތު އޭނާއަށް ލިބުނު ހަބަރަކަށް ފަހުގައެވެ.

"ނާނު ނިދީތަ؟" ޝުހޭލް އެހިއެވެ.

"އާނ. ވަރަށް އުޅުނު ނުނިދަން. އެސޮރަށްވެސް އިނގެޔޭ މަންމިއަށް ވަރަށް ހާއްސަ ރެއެއްކަން" ހީލަމުން އަނާރް ބުނެލިއެވެ. ޝުހޭލްގެ ތުންފަތަށް ވެރިވީ އެއްވެސް އަސަރެއްނެތް ހިނިތުންވުމެކެވެ.

"ހަގީގަތުގައިވެސް މަންމިއަށް ވަރަށް ހާއްސަ ރެއެއް" ޝުހޭލް ހީލިއެވެ.

"އަހަރެން ރީއްޗެކޭވެސް ނުބުނާނެތަ؟" ޝުހޭލްގެ ގާތަށް ޖެހިލަމުން އަނާރް ބުނެލިއެވެ. ޝުހޭލް އަނާރްގެ މޫނަށް ބަލައިލިއެވެ. އަނާރްގެ މޫނުމަތިން އޭނާއަށް ތަފާތުކަމެއް ފާހަގަވިއެވެ. އެހެންޏާ ނުހުންނަ އުފާވެރިކަމަކާ ޖޯޝެއް އަނާރްގެ އަޑުގައި ވިއެވެ.

"ވަރަށް ރީތި. މާޝާﷲ. ތިއަށް ވުރެ ފުރިހަމަ އެއްވެސް އަންހެނެއް އަހަރެންގެ ދެލޮލަކަށް ދުވަހަކުވެސް ނުފެންނާނެ" ޝުހޭލް ބުނެލިއެވެ. އަނާރް ހިނިތުންވެލިއެވެ.

"އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހައްޗެ. ކޮންމެ ކަމެއް ކުރިޔަސް އަހަރެން ކުރާނީ ތިދެމައިންނަށްޓަކައި. ތިދެމައިންގެ އުފަލަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވާން ޖެހުނަސް އަހަރެން އެކަމެއް ކުރާނަން" އަނާރްގެ މޫނުގައި ދެއަތުން ހިފައިލަމުން ޝުހޭލް ބުނެލިއެވެ.

"އިނގެޔޭ" ޝުހެލްގެ އަތްތިލައިގައި ހިފާލާފައި އަނާރް ބުނެލިއެވެ.

"ހާލަތު ކޮންމެ ގޮތަކަށް ބަދަލުވިޔަސް އަބަދުވެސް ހަނދާންކުރައްޗެ. އަހަރެންނާ ކިތަންމެ ދުރުގައި އަރޫ ހުއްޓަސް އަބަދުވެސް އަހަރެންނާ އެންމެ ކައިރީގައި ހުންނާނީ އަރޫކަން" ޝުހޭލް ބުނެލިއެވެ. އަނެއްކާވެސް ޝުހޭލް ބުނެލި ތަފާތު ޖުމްލައާއެކު އަނާރްގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ހައިރާންކަމާއެކު ޝުހޭލްގެ މޫނަށް ބަލަންހުއްޓާ އޭނާގެ ނިތުގައި ބޮސްދީފައި އޭނާގެ މޭގައި އަނާރް ފޮރުވާލިއެވެ.

"އިޓްސް ލައިކް ހެވެން" އަނާރްގެ ހިތަށް އެރިއެވެ.

***

ދޮރުގައި ބެލްއަޅައިލި އަޑަށް އަނާރް ދުރުކޮށްލާފައި ޝުހޭލް ހިނގައިގަތެވެ. އޭނާގެ ދެލޮލުން ވެއްޓެން ތައްޔާރުވެފައި ހުރި ކަރުނަތައް ފޮހެލީ އަނާރަށް ފުރަގަސްދިނުމަށް ފަހުގައެވެ. ހުޅުވާލި ދޮރުން އެތެރެއަށް ވަން އަބާން ފެނުމާއެކު އަނާރްގެ ޠަބީޢަތު ބަދަލުވެއްޖެއެވެ. މޫނުމަތި ބަނަވެއްޖެއެވެ. އޭނާ އާ ބައްދަލުކުރަން އަބާން އަންނަން ޖެހުނު ސަބަބެއް ވިސްނަންވެސް ބޭނުމެއްނުވިއެވެ.

"އަރޫ! އަހަރެން އަބަދުވެސް އެންމެ އިސްކަމެއް ދިނީ އަރޫގެ އުފަލަށް. އިއްޔެވެސް. މިއަދުވެސް. އަދި ފުރުސަތެއް ލިބިއްޖިއްޔާ މާދަމާވެސް އަހަރެންނަށް އަރޫގެ ކޮންމެ ކަމެއް މުހިންމުވާނެ" އަބާނާ އެކު އަނާރާ ދާދި ގާތުގައި ހުއްޓުނު ޝުހޭލް ބުނެލިއެވެ. ޙައިރާންކަމާއެކު އަނާރް ޝުހޭލްއަށް ބަލަމުން ދިޔައެވެ.

"މިހުރިހާ ދުވަހު އަރޫ އުޅެމުން އައީ ދިރިއުޅުން އަހަރެންނަށް އިނގޭ. ދެން އެހެންވާކަށް ނުޖެހޭނެ. ކޮންމެ މީހަކަށްވެސް އެމީހަކު ލޯބިވާ މީހަކު ލިބެންޖެހޭ. އަހަރެންނަށް ވިސްނިއްޖެ. އަރޫ ބޭނުންވިގޮތަށް އަހަރެން އަބަދުވެސް ހުންނާނީ އަރޫގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ. އަރޫ ތިއީ......" އެހިސާބަށް ވާހަކަދައްކާފައި ޝުހޭލް ހުއްޓާލިއެވެ. ލިބުނު ޝޮކްގައި އަނާރްގެ ދުލު ކުރިއަށް އެންމެ ޖުމްލައެއްވެސް ނައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟