ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 57

8

ފަންސާސްހަތްވަނަ ބައި

ކޮޓަރިއަށް ވަންގޮތަށް ޝުހޭލްގެ ހަބަރެއްނުވާތީ ރުޝްދާ އާ ފިޔާޒާ ކަންބޮޑުވިއެވެ. ގެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަނީވެސް މީހަކާ ވާހަކަދެއްކުމެއް ނެތިއެވެ. ހޮސްޕިޓަލަށޭ ބުނެ ޝުހޭލް ރުޝްދާގެ އެޕާޓްމަންޓަށް އައީ އަނާރް ކުރިމަތީގައި ހުރުން އޭނާއަށް ވޭނަކަށް ވީމައެވެ.

"އެމަންޖެއަށް ގުޅުނުތަ؟" ބަދިގޭގައި ހުރި ފިޔާޒާ އެހިއެވެ.

"ދެ ފަހަރު ގުޅިން. ނުއެއް ނަގާ" ރުޝްދާ ބުނެލިއެވެ. އޭނާ އުޅުނީ ބަދިގޭގައި ރިޔާގެ ބުއްފުޅި ތައްޔާރު ކުރުމުގައެވެ.

"ކޮންމެސް ކަމެއްވެއްޖެ. އެހެންނޫނީ އެގޮތަށް ކޮޓަރީގައި ތަޅުލެވިގެނެއް އޭނާ ނޯންނާނެ" ފިޔާޒާ ބުނެލިއެވެ.

"ރިޔާ ނިދީމަ ދާނަން ކޮއްކޮ އާ ވާހަކަދައްކާލަން" ރުޝްދާ ބުނެލިއެވެ.

***

ހުރިހާ މީހުން ގެއިން ދިޔުމުން އަނާރާ ބިނާން އެކަނިވިއެވެ. އޭނާ ހަޑިވެފައި ހުރި ތަށިތައް ނެގުމުގައި އުޅުނުއިރު ބިނާން އޭނާއަށް ހާއްސަކޮށްފައި ހުންނަ ގޮނޑިއަށް ލާފައި އިނެވެ. ޝުހޭލް އަންނަން ދެން އުމެއިރާ މަޑުކުރާނަމޭ ބުންޏަސް އެގޮތާ އަނާރް ނުރުހުނެވެ. ޝުހޭލް ލަހެއްނުވެ އަންނާނަމޭ ބުނެ އުމެއިރާ ގެއަށް ފޮނުވިއެވެ. ޝުހޭލް ގެއަށް ނާންނާނެކަން ޔަގީންވާއިރު އުމެއިރާ އެހާ ގިނައިރު އެގޭގައި ބައިންދަން އޭނާ ބޭނުންނުވީއެވެ. އެއްވެސް މީހެއްގެ ސުވާލަކާ ކުރިމަތިލާން އަދި އޭނަ ތައްޔާރެއް ނޫނެވެ. ޝުހޭލަށް އައިސްގެން އުޅޭ ބަދަލެއް ހުދު އޭނާއަށް ވެސް ނޭނގއޭވެ. ދެލޯ ފުރިގެން އައީ ހުދު އޭނާއަށް ވެސް ނޭނގިއެވެ.

ބަދިގޭ ހުރިހާ ކަމެއް ނިންމާފައި ކޮޓަރިއަށް ދިޔުމަށް ނިކުތްއިރުވެސް އޭނާގެ ހިތް އިންތިޒާރުކުރީ ޝުހޭލް އަންނާނެ އިރަކަށެވެ. ކެބިނެޓް މަތީގައި އޮތް ފޯނު ނަގާފައި ބަލައިލީ ޝުހޭލްގެ މެސެޖެއްހާ ހިސާބުވެސް އޮތް ކަމަށެެވެ. ނެތްކަން އިނގުނު ހިނދު އަނާރް ކަރު އެލިގެން ދިޔައެވެ. ރުޝްދާގެ ދެ ކޯލު މިސްވެފައި އިނަސް އެވަގުތު ގުޅަން އޭނާ ބޭނުމެއް ނުވިއެވެ.

ބިނާން އުރާލައިގެން ކޮޓަރިއަށް ދިޔަ ވަގުތު ދޮރުގައި ބެލް އަޅައިލި އަޑު އިވުނެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބުޖެހީ ދޮރާ ދިމާލަށެވެ. ދެނަމާދޭތެރޭގެ ވަގުތު ކަމަށްވާތީ އެވަގުތު އެގެއަށް އެއްވެސް މީހަކު ނާންނާނެކަން އަނާރަށް އިނގެއެވެ. ޝުހޭލް އޭ ހިތަށް އަރާފައިވެސް ޝުހޭލް ނަމަ ކާޑު އޮންނާނެކަން އޭނާ ހަނދާންވިއެވެ. މަޑުމަޑުން ދޮރުހުޅުވާލުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރީ އަބާނެވެ. ވަގުތުން ދޮރުލައްޕަން އަނާރް އުޅުނެވެ. އަބާން ދޮރުގައި ހިފެހެއްޓީ ވަރަށް ހުޝިޔާރުވެ ހުރެއެވެ.

"ކީއްވެ ތިހެން ތިހަދަނީ؟" އަބާން ބުނެލިއެވެ. އަނާރް ވަގުތުން އަބާނަށް ފުރަގަސްދިނެވެ.

"ގެއަށް ދިޔުމުގެ ކުރިން އަދި އެއްފަހަރު ދެކުދިންގެ މޫނު ދެކިލަން މިއައީ" އަބާން ބުނެލިއެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަރެން ހަމަޖެހިގެން އުޅުނަދީބަލަ. އަހަރެން މިއީ މީހެއްގެ އަންބެކޭ" ޝުހޭލް ދުރުކަން އިހުސާސްވެ އެކަން ހިތުން ނުފިލާ ހުރުމުން އަނާރަށް ވަރަށް ފަސޭހައިން ރޮވިއްޖެއެވެ. އަނާރް ސިހުނީ އޭނާ ނުވިސްނާ ހުއްޓާ އަބާންގެ ދެއަތުގެ ތެރެއަށް އަނާރާ ބިނާނު އެއްކޮށް ގެނެސް ބައްދައިލި ވަގުތުގައެވެ. އެއް އަތުން އަބާންގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލުމަށްފަހު އަނާރް ފަހަތަށް ޖެހުނެވެ.

"ޑޯންޓް ޓަޗް މީ" އަނާރް ބުނެލިއެވެ.

"ސޮރީ. އަނާރް ރޯތަން ފެނުނީމަ ކެތްނުވީ. އަހަރެންނަށް މައާފްކޮށްބަލަ. ހެޔޮނުވާނެ. ކޮންމެ އިންސާނަކަށްވެސް ދެވަނަ ފުރުސަތެއް ލިބެންޖެހޭ. އަހަރެންވެސް އަނާރްދެކެ ލޯބިވެޔޭ. ވަރަށް ބޮޑަށްވެޔޭ. ހީނުކުރާހާ ލޯބިވަން. އޭރު އެގޮތަށް އަހަރެންނަށް ކަންތައް ކުރެވުނީ މާޒީގައި އަހަރެންނާ މެދުވެސް ކަންތައްތައް ހިނގާފައިވާ ގޮތުން ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުން. ތި ހަށިގަނޑުގައި އަހަރެން ނޫން އެހެން މީހަކު އިނގިލި ކުރި ޖައްސަންވެސް ނޭދޭތީ. ޒައިނާ އާ މެދު އެގޮތަށް ކަންތައް ކުރެވުނީވެސް ހަމަ އަނާރްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން. އަހަރެންގެ ދިރިއުޅުމަށް އެހެން އަންހެންކުއްޖަކު ގެންނަން ބޭނުންނުވާތީި. އަނާރް! އަހަރެންގެވެސް އިހުސާސްތަކެއްވެޔޭ. މި މޭގަވެސް ހިތެއްވޭ. ދެރަވާ ކަންތައްތައް ވީމަ ރޮވޭ. ހިތުންވެސް ކަރުނައަޅާ. އާދޭ އަހަރެންގެ ކައިރިއަށް. ތިގޮތަށް އަހަރެން ބާކީ ނުކުރޭ. އަހަރެންނަށް އަދަބު ލިބިއްޖެ" އަބާން އަނާރާ ގާތަށް ފިޔަވަޅު އަޅަމުންދަ ވަރަކަށް އަނާރް ދިޔައީ ފަހަތަށް ޖެހެމުންނެވެ. އަބާންގެ ވާހަކަތަކުން އޭނާގެ ހިތަށް އަސަރެއް ކޮށްފިއެވެ. އެހެންނަމަވެސް އަބާނަށް ހިތްވަރުގެ އެންމެ ބަހެއް ބުނަންވެސް ބޭނުމެއްނުވިއެވެ. އެވަގުތުވެސް އަނާރްގެ ހިތަށް އަރަމުން ދިޔައީ އެންމެ ނަމެކެވެ. ޝުހޭލްގެ ނަމެވެ. އެވަގުތު ގޭތެރޭގައި ޝުހޭލް ނެތުމުން އޭނާގެ ދެރަވިއެވެ. ޝުހޭލް ހުރިނަމަ އެގޮތަށް އަނާރާ ދިމާކޮށްލަން އަބާނަށް ނުކެރުނީސްކަން ޔަގީނެވެ. ހިމާޔަތް ބޭނުންވި ވަގުތު ފިރިމީހާ ކައިރީގައި ނެތުމުން ޝުހޭލާ މެދު އަނާރްގެ ހިތުގައި ޝަކުވާ އުފެދުނެވެ.

"މިގެއިން ދޭ. އަހަރެން އަބާން ބޭނުމެއްނޫން. އަހަރެން ބޭނުމީ ޝުހޭލް" އަނާރް ބުނެލިއެވެ. ބިނާން ގައިގައި އަނާރް ބައްދައިގެން ހުރިގޮތުން ހީވީ އެކުއްޖާ އާ އިންޗިއެއްހާ ތަން އަބާން ކައިރިވާންވެސް އޭނާ ނޭދޭ ހެންނެވެ.

"އަހަރެން ހިނގައިދާނަން. އެކަމަކު ވަރަށް އަވަހަށް އަނާރް އަހަރެންގެ އަތުތެރެއަށް އަންނާނެ. އެދުވަހަކުން އަހަރެން އަނާރް ދޫކޮށެއްނުލާނަން" ލޮލުން އައި ކަރުނަތައް ފޮހެލާފައި އަބާން ވަން ދޮރުން ނިކުމެގެން ދިޔައެވެ. ބިނާން ގޮވައިގެން ކޮޓަރި އާ ދިމާލަށް އަނާރަށް ދެވުނީ ދުވެފައެވެ. އެނދުމަތީގައި ބިނާން ބޭންދިގޮތަށް އޭނާއަށް ރޮވިއްޖެއެވެ. އެ މަންޒަރު ބަލަން ތުއްތު ބިނާން އިނީ ހިމޭންވެފައެވެ.

***

ރުޝްދާ ކޮޓަރިއަށް ވަންއިރު ޝުހޭލް އެނދުގައި އިށީނދެގެން އިނެވެ. ރުޝްދާ ކައިރީގައި އިށީނުމުންވެސް ޝުހޭލްގެ ސަމާލުކަން ނުލިބުނެވެ. އޭނާ ޝުހޭލްގެ އަތްމަތީގައި އަތް ބޭއްވިއެވެ. އެހިނދު ޝުހޭލްގެ ލޮލުން ވެއްޓުނު ކަރުނަތިކި އައިސް ޖެހުނީ ރުޝްދާގެ އަތްމަތީގައެވެ. އެވަގުތު ޝުހޭލް ރޮނީކަން ޔަގީންވެ ރުޝްދާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

"އަނާރާ ދެކުދިން މައްސަލައެއް ޖެހުނީތަ؟" ރުޝްދާ އެހިއެވެ.

ރުޝްދާ ވާހަކަދައްކަމުން ދިޔަ ވަރަކަށް ޝުހޭލްގެ ނޭވާގެ އަޑު އަވަސްވަމުން ދިޔައެވެ. ކަރުނަތައް ކޮންޓްރޯލް ކުރުމަށް އަމިއްލަ ނަފްސާ ވަރުގަދަ ހަނގުރާމައެއް ކުރަމުން އޭނާ ދިޔައެވެ.

"މިހުރިހާއިރު ކޮޓަރިން ނުނިކުމެ އޮވެފައޮ ކޮންތާކަށް ގޮސްފަ ތިއައީ. ކާން ބުނީމަ ކެއީކީވެސް ނޫން. ވީގޮތެއްވެސް ނޭނގޭ. ގޭގަ ތިބޭނީ އަނާރާ ކުޑަމީހާ އެކަންޏެއްނު" ރުޝްދާ ވާހަކަދެއްކިއެވެ. އޭނަ ޝުހޭލްގެ ބޮލުގެ އިސްތަށިގަނޑު ރީތިކުރަމުން ދިޔައެވެ.

"ތިކަން އިނގޭތީ ގެއަށް ދިޔައީ. އެކަމަކު އަނާރް އެކަންޏެއްނުވޭ" ދެބަސް ދޭތެރެއަށް ދުރުކަމެއް ގެނެސްފައި ޝުހޭލް ބުނެލިއެވެ.

"ކީކޭ ތިކިޔަނީ؟" ރުޝްދާގެ ދެބުމަ ގޮށްޖެހުނެވެ. ޝުހޭލް އެދައްކާ ވާހަކައެއް އެއްގޮތަކަށްވެސް އޭނާއަށް ނޭނގުނެވެ.

ޝުހޭލް އިތުރަށް ވާހަކައެއް ނުދައްކައެވެ. ދާދި ދެންމެއަކު ގޭތެރެއިން ފެނުނު މަންޒަރާއެކު އޭނާގެ ހިތުގެ ހިނގުން ހުއްޓިފައިވީ ކަހަލައެވެ. އެ ހިތް މަސައްކަތްކުރަމުން ދާތީ އެކަމާވެސް އޭނާ ވިސްނަން ޖެހިއްޖެއެވެ. މޭގައި ތޫނު ރިހުމެއް އުފެދި ނޭވާލަންވެސް އުނދަގުވެއްޖެއެވެ. އެނދުން ތެދުވެ ދެކޮޅަށް ހިނގަންފެށީ ކޮޓަރީގެ ހަތަރުފާރުގެ އެތެރޭގައި އޭނަ ނޭވާ ހާސްވާންހެން ހީވާން ފެށުމުންނެވެ. އެމަންޒަރު ބަލަހައްޓައިގެން އިން ރުޝްދާއަށް އަނާރާ ޝުހޭލާ ދެމެދުގައި ޖެހުނު މައްސަލައަކީ ކުޑަކަމެއް ނޫންކަން އިނގުނެވެ.

***

ބިނާން ނިދުމުން އަނާރް އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެގިލިއެވެ. ޝުހޭލާ މެދު ވިސްނާ ވިސްނާ އޭނާގެ ބޮލުގައި ނުފިލާ ރިހުމެއް އުފެދިއްޖެއެވެ. ކެތްތެރިކަން ކޮޅުންލައިފިއެވެ. ޝުހޭލް ގެއަށް އަންނާނެ އިރަކަށް އިންތިޒާރުކުރަން ފެށުނީ ދެމީހުންގެ ދެމެދަށް ވެރިވެގެން އުޅޭ ދުރުކަމާ ގުޅިގެން ޝުހޭލާ ސުވާލުކުރަން ބޭނުންވެފައި ހުރުމުންނެވެ. ޝުހޭލް އެއްޗެއް ނުބުނާނެކަން އޭނާއަށް އިނގެއެވެ. އެހެންނަމަވެސް ދިިރިއުޅުމެއް ކުރިއަށް ގެންދެވޭނީ ކޮންމެސް އެއްފަރާތަކުން ގޮތްދޫކޮށްގެން ކަންވެސް އިނގުނެވެ.

ހެޑްބޯޑުގައި ލެގިލައިގެން އިނދެފައި ސައިޑްކަބަޑް މަތީގައި އޮތް ފޯނު ނަގާފައި ޝުހޭލްގެ ނަންބަރަށް ގުޅާލިއެވެ. ހެނދުނު ގެއިން ދިޔަފަހުން އެންމެ ފަހަރަކުވެސް ޝުހޭލް ގުޅާނުލައެވެ. ފޯނު ކަންފަތުގައި ޖަހައިގެން އިނދެފައި ދުރުކޮށްލީ ފޯނު އެތައް ފަހަރަކު ރިންގުވެފައި ކެނޑުމުންނެވެ. ދެވަނަ ފަހަރަށްވެސް އޭނާ ގުޅިއެވެ.

ކުއްލިއަކަށް އަނާރްގެ މުޅި ނަފްސަށް ހަރުކަމެއް ވެރިވެގެން ދިޔައީ ޝުހޭލްގެ ފޯނަށް އަންހެނަކު ޖަވާބު ދިނުމުންނެވެ. އޭނާ ހިމޭންވެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ.

"އަނާރް...!" އިވިގެންދިޔަ ރުޝްދާގެ އަޑުން އަނާރް ތެޅިގަތެވެ. ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ފިރިމީހާ އާ މެދު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ނުބައި ޝައްކެއް ހިތުގައި ހިނގީތީ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ.

"ދޮންތާ، ކޮބާ ޝުހޭލް؟ ތިގޭގަތަ؟ ޑިޔުޓީ ނިންމިގޮތަށް ތިގެއަށްތަ ދިޔައީ؟" އަނާރް އެހިއެވެ.

"ޑިޔުޓީއަށް ނުދޭ. ހެނދުނު އައި ގޮތަށް މިގޭގަ އެ އޮންނަނީ. އެއްފަހަރު ބުނި ތިގެއަށް ދިޔައިމޭ. ބުނި އަނާރް އެކަންޏެއްނޫނޭ ގޭގައި ހުރީ. މިހާރު އޮތީ ނިދިފަ. ކިހިނެއްވެގެންތަ އަނެއްކާ ތިއުޅެނީ؟" ރުޝްދާގެ ވާހަކަތައްފަހު އަނާރް ގަބުވިއެވެ. އޭނާ ހީކޮށްގެން ހުރީ މިހުރިހާއިރު ޝުހޭލް ހޮސްޕިޓަލުގައި ހުރި ކަމަށެވެ. އެގޮތަށް އޭނާ ކައިރީގައި ބުނީވެސް ޝުހޭލްއެވެ. އަނާރް ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. އެވަރުގެ ބޮޑު ދޮގެއް ޝުހޭލް ހަދަންޖެހުނު ސަބަބީ ކޮބާ ހެއްޔެވެ؟ އަނެއްކޮޅުން މިގެއަށް އައި ވަގުތު ޝުހޭލްއަށް ގޭތެރެއިން އަބާން ފެނުނީ ނޫންބާއެވެ؟ ދޮންތަ ކައިރީގައި އެގޮތަށް ޝުހޭލް ބުނާނީ އެހެންވެއެވެ. އަނާރް ސިކުނޑި ސުމަކަށް ދިޔައެވެ. ދެލޮލުން ކަރުނަ އޮހިގަތީ އިންޒާރަކާވެސް ނުލައެވެ. ކަންތައްތައް ވަރަށް ގޯސްވެއްޖެއެވެ. ވަގުތުން ޝުހޭލާ ބައްދަލުކުރަން އެގެއަށް ދާން ބޭނުންވިއެވެ. ނިދާފައި އޮތް ދަރިފުޅަށް ބަލައިލާފައި އޭނާ މަޑުޖެހުނެވެ. ބޭނުންވިޔަސް ހާލަތު ނިޔާކުރާ ގޮތުން ދެވެންނެތީތީ އޭނާ މާޔޫސްވިއެވެ. ފެނުނު ނުބައި މަންޒަރާއެކު ޝުހޭލް އޭނާ އާ މެދު ހީކޮށްފާނެ އެއްޗެއް ނޭނގޭތީ އިންތިހާއަށް ކަންބޮޑުވިއެވެ. ދުވަހަކުވެސް ހިތަށް ނުލިބޭހާ ނުތަނަވަސްކަން ލިބިއްޖެއެވެ.

***

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިން އަބާންގެ ތުންފަތްމަތިން ހިނިތުންވުން ފިލައި ނުދެއެވެ. އުންމީދާގެ އަތުގައި ކޮށްޓާލާފައި ނަސީމް އެމަންޒަރު އުންމީދާއަށް ދައްކާލިއެވެ. އުންމީދާވެސް ހައިރާންވިއެވެ. އަބާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވާން ހުއްޓެވެ.

"އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން" އުންމީދާއަށް އަބާނާ ސުވާލެއް ކޮށްނުލެވިގެން އުޅެނިކޮށް އަބާން ބުނެލިއެވެ.

"އަޅުގަނޑު ވަރަށް އަވަހަށް މެރީކުރާނަން" ހީލަމުން އަބާން ބުނެލިއެވެ.

"ކޮންކުއްޖަކާ" މާޒީގައި އަބާންގެ ފަރާތުން ކަންތައްވެފައި އޮތްގޮތުން ދެމަފިރިންނަށްވެސް އުފާވެރިކަމެއް ނުލިބުނެވެ. ދެވަނަ ފަހަރަށް އަބާންގެ ފަރާތުން އެފަދަ ކަމެއް ތަކުރާރު ވެދާނެތީ އެކަމުގެ ބިރުވެރިކަން ދެމަފިރިންގެ ހިތުގައިވެސް ވިއެވެ.

"އަނާރް. ދުވަސްކޮޅަކުން އަނާރްވެސް ބިނާންވެސް ހުންނާނީ މިގޭގަ" އަބާން ބުނެލިއެވެ. މިފަހަރު އުންމީދާ އާ ނަސީމް އެކަކު އަނެކަކަށް ނަޒަރެއް ދިންއިރު ދެމަފިރިންގެ މޫނުމަތިންވެސް ހާސްކަން ފެނިއްޖެއެވެ.

"އަނާރަކީ މީހެއްގެ އަންބެއް. ދަރިފުޅާ، ދިރިއުޅުމެއް ހަލާކުކޮށްލައިގެން ދިރިއުޅުމެއް ހޯދަން ނުވިސްނާ. ފަހުން ކުރަންޖެހޭ ހިތާމަ މާ ބޮޑުވާނެ" އުންމީދާ އަބާނަށް ނަޞޭޙަތްތެރިިއެވެ. އެހިނދު އިވުނީ އަބާންގެ ހީލުމުގެ އަޑެވެ.

"ހަލާކެއް ނުކުރަން. އަނާރަށް މަޖުބޫރެއްވެސް ނުކުރަން. ޝުހޭލާ އޭނަ އިނދެގެން އުޅެނީ މަޖުބޫރުވެގެން. އަދިވެސް އަނާރް އަޅުގަނޑުދެކެ ލޯބިވޭ. އެކީގަ އުޅެންވެސް ބޭނުންވޭ. ހިތްހަމަނުޖެހިފަ ހުރީމަ ނުވިސްނިގެން އެއުޅެނީ" އަބާން ބުނެލިއެވެ. އުންމީދާ އިތުރަށް އެއްޗެއް ނުބުނެއެވެ. އަބާން ދެއްކި ވާހަކަތައް އޭނާގެ ސިކުނޑި ޤަބޫލެއްނުކުރިއެވެ. ދެވަނަ ފަހަރަށް އަބާނަށް ޅަ އެއްޗެއް އެޅިދާނެތީ އެކަމުން ދަރިފުޅުން ދުރުކުރަން އޭނާ އަތުކުރި އޮޅާލިއެވެ. ހުރިހާ ވަގުތެއްގައި އަބާނަށް ސަމާލުވެގެން ހުންނަން ހިތާހިތުން އޭނާ ނިންމިއެވެ.

***

އަނާރަށް ނިދުނު އިރެއްވެސް އޭނާއަށް ނޭނގެއެވެ. އިނގޭ އެއްޗަކީ މެންދަމު ތިނެއް ޖެހިއިރުވެސް އޭނާގެ ދެލޮލުން ކަރުނަ ހުސްނުވާކަމެވެ. ޝުހޭލް މަތިން ހަނދާންވެ އެގެއަށް ދާންބޭނުންވި ވަރުން އޭނާއަށް ރަނގަޅަށް ހަމަނޭވާވެސް ނުލެވޭ ކަމެވެ. ދެމަފިރިންގެ ދޭތެރޭގައި ލެވިފައިވާ ބޯ ފާރު ބިމާހަމަކޮށްގެން ނޫނީ ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެކަން އިނގޭތީ އޭނާ އެތައް މެސެޖެއް ޝުހޭލްއަށް ފޮނުވިއެވެ. އަބާން އައިސް ދެއްކި ވާހަކަތަކާ، އެވާހަކަތަކަށް އޭނާ ދިން ޖަވާބުތައްވެސް ލިޔެފައި ފޮނުވިއެވެ. ޝުހޭލް އެގޮތަށް ކަންތައްކުރާތީ އޭނާ ދެރަވާ މިންވަރާ ގެއަށް އައުމަށް އެދި އާދޭސްކޮށްފައި އޮތެވެ. ކުޑަދަރިފުޅާ އޭނާގެ ދިރިއުޅުން ޝުހޭލާ ނުލާ ފުރިހަމަނުވާނޭ ކަމުގައި ތަކުރާރުކޮށް ބުންޏެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އޭނާއަށް ފިރިމީހާ މުހިންމު ކަމުގައި ބުންޏެވެ.

ނަމަވެސް އެއިން މެސެޖަކަށް ޝުހޭލަށް ޖަވާބުދެވޭނީ އެ މެސެޖްތައް އޭނާއަށް ފެނިގެންނޫން ހެއްޔެވެ؟ ދެރަވެ ހިތުގައިޖެހިފައިވި ވަރުންނާ ގޭތެރެއިން ފެނުނު މަންޒަރު އަދިވެސް ސިކުނޑީގައި ނުފިލާ ހުރުމުން އޭނާ ދެލޯ ހުޅުވާވެސްނުލައެވެ. ބޮލުގެ ރިހުން ހިނދަކަށްފަހު ހިނދެއް ދަނީ ގަދަވަމުންނެވެ. ވިސްނާ ވިސްނާ އޭނާ ދުނިޔެއިން މޮޔަވާން ކައިރިވެއްޖެއެވެ. ހީނުކުރާހާ ލޯބި ވެވިފައިވާ އަންހެންކުއްޖަކީ އެއީ ކަމަށްވާތީ އަނާރް ދޫކޮށްލަން ހިތް އެއްބަހެއް ނުވެއެވެ. ގަދަކަމުން އޭނާގެ ހަޔާތުގައި އަނާރް ބަހައްޓަންވެސް ހިތް އެއްބަހެއް ނުވެއެވެ. އޭނާއަށް ގޮތެއް ނިންމަން ނޭނގި ވިސްނުމާ ފިކުރުތަކެއްގެ ކަނޑަކަށް ޣަރަޤުވަމުން ދިިޔައެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނީ ދެވަނަ މީހަކާ ސިކުނޑި ތެރޭގައި ހިނގާ ކަންތައްތައް ހިއްސާކޮށްގެން ވިޔަސް އެކަންވެސް ކުރެވޭކަށް ނެތެވެ. ސަބަބަކީ އަނާރްގެ ވާހަކަ މީހުން ކައިރީގައި ދެއްކުމަކީ އޭނާ ކުރާހިއްވާކަމެއް ނޫނެވެ. އަދި އޭނާ އިތުބާރުކުރެވޭ ގާތް އެކުވެރިއެއްވެސް ނެތީއެވެ.

އާދައިގެ މަތިން ފަތިސްނަމާދުގެ ބަންގިއާއެކު އަނާރަށް ދެލޯ ހުޅުވިއްޖެއެވެ. ލަހުން ނިދުމުގެ ސަބަބުން އޭނާގެ ދެލޮލުގައި އޭރުވެސް ނިދީގެ އަސަރު ވަރަށް ބޮޑަށް ހުއްޓެވެ. އެހެންނަމަވެސް ނިންޖަށް ވުރެ ނަމާދުގެ ހެޔޮކަން ބޮޑުކަން ހަނދާންވެއްޖެއެވެ. ނިންޖަކީ އެމީހަކު ގެންގުޅުނު ގޮތަކަށް ގެންގުޅެވޭނެ އެއްޗެއްކަން ހަނދާންވެ ތެދުވަން އުޅުނެވެ. އެހިނދު އޭނާގެ ބަނޑުމަތިން ބަރުކަމެއް އިހުސާސްވެ ހިތް ތެޅިލިއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު ރަތްކަމުގެ ތެރެއިން އޭނާ ބަލައިލިއެވެ. ކައިރީގައި މީހަކު އޮތްތަން ފެނުނީ ދެނެވެ. އޭނާގެ ބަނޑުމަތީގައި އޮތީ އެމީހެއްގެ އަތްކަން އިނގުމުން ތެޅިގަތެވެ. ފުންމައިގެން އެނދުން ތެދުވިގޮތަށް ކުއިލްޓް ދަމައިގަނެފައި ހަށިގަނޑުން ކަޝްފުވެފައިވާ ބައި ނިވައިކޮށްލިއެވެ. އޭރުން އޭނާގެ ދެލޮލުން ސިހުމެއް ފެންނަން ހުއްޓެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟