"ކާކު؟" ޝެރީން ކުރި ސުވާލާއެކު ފަރީނާއަށް ޖަވާބު ދޭން ނޭނގިގެން އުޅުނެވެ. ކުޑައިރުކޮޅެއް ފަހުން އިވުނީ އެމީހަކު ކައިރީ ޝެރީންއާ ވާހަކަ ދައްކާށޭ ބުނެލި އަޑެވެ. އެހުރިހާ ކަމަކަށް ސަމާލުކަން ދީގެން ހުއްޓައި ޝެރީންގެ ކަންފަތުގައި ޖެހުނީ އެ އަޑެވެ. އެއާއެކު އޭނާއަށް ހީވީ ގަދަ ފަދަ ތޫފާނަކާއެކު އޭނާގެ ބޮލަށް ހޮނު އެޅި ހެންނެވެ.
"ޝެރީން ބުނީމެއްނު ތިމަންނަގެ ގެއަކީ ހަމަ އަހަރެންގެވެސް ގެއޭ." ޒައިން އެހެން ބުނެފައި ކުޑަކޮށް ހީލިއެވެ. އެ އަޑުން އުފާވެރިކަމުގެ ބަދަލުގައި ސިހިފައި ޝެރީންއަށް ހުރެވުނެވެ. ޒައިން އޭނާގެ ގެއަށް ދިއުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ރޭވުމެއް ކަމެއް ނޭނގެއެވެ.
"އައި ވިލް ސްޓޭ ހިއަރ އަންޓިލް ޔޫ ކަމް" ހަމަ އެ ނޭވާފައި ޒައިން ބުނެލިއެވެ. ޝެރީންއަށް ދަތް ވިކައިގަނެވުނެވެ. ނުސްރާއާ ދުރަށް އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ފަރާތް ފަރާތަށް ލޯ ހިންގައިލެވުނީ ވައްކަމެއް ކުރަން އުޅޭއިރު ފަޅާ އަރާފާނެކަމުގެ ބިރަށް މީހަކު އުޅޭފަދަ ގޮތަކަށެވެ.
"ޒައިން، ހަމަ މިހާރު ތި އައި ތަނަކަށް އެނބުރި ދޭ." ޝެރީންގެ ލޭ ކެކިގަތެވެ. ބާރަށް ހަޅޭއްލަވައިގަތުން ފިޔަވައި އޭނާއަށް ކުރެވޭނެކަމެއްވެސް ނެތެވެ.
"އަހަންނަށް ދައުވަތު ދީފިނަމަ ތިރަށަށްވެސް ދެވިދާނެ،" ޒައިން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ. ހީވަނީ އޭނާއަށް ވާހަކަދައްކަން ފުރުސަތު ދީފައި އެތަނުން ފަރީނާވެސް ދިޔައީހެންނެވެ.
ޝެރީންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅިގަތެވެ. މިހާރު އޭނާ ހުރިތަނެއް ޒައިންއަށް ވަންހަނާވެފައެއް ނޯންނާނެއެވެ.
"އަހަރެން ފަރާތުން ކޮންކަމެއް ބޭނުންވަނީ؟" ޝެރީންއަށް އިހުސާސްވީ އޭނާއަށް ހުރިހާ މަގެއް ބަންދުވަމުންދާހެންނެވެ. ޒައިންގެ ނުފޫޒުން އޭނާގެ ހިތާއި ހަށި ބަނދެވިގެންދިޔަ ނުދޭން ކުރާ ހުރިހާ މަސައްކަތެއް ބޭކާރުވާން އުޅޭހެންނެވެ. މުޅި ދުނިޔެއަށް ފިލުނަސް ޒައިންއަށް ފިލައިގެން ދިއުމަކީ ކުރެވޭނެކަމެއް ނޫނެވެ.
"ގެސްކޮށްލަބަލަ." ޒައިންގެ ޖަވާބާއެކު ޝެރީންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ސިކުނޑިއަށް ބާރުލައި ވިސްނަން ފެށުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ސިކުނޑި ފުރިގެން ދިޔައީ ޒައިންއާއެކު ހޭދަވި ދުވަސްތަކުގައި ޒައިން ބާރުއަޅާ މުޑުދާރުކަންތަކެވެ. ހުދުފާރަކަށް ޖަހާފައިވާ ތަސްވީރުތަކެއް ފަދައިން އެ ދުވަސްތައް ލޯމަތިން ސިފަވިއެވެ. ކޮލެޖުގެ ފާހަނާ ތެރޭގައި ޒައިން ހިތްހަމަޖައްސައިދިން ދުވަސްތަކާއި އަމިއްލަ ކޮޓަރީގެ ހަތަރު ފާރު އެތެރޭގައި ޒައިން ބުނެގެން ކުރި ހުރިހާ ކަމެކެވެ. ޝެރީންއަށް ދެލޯ މަރާލެވުނެވެ. އަމިއްލަ ނަފްސާ މެދު އޭނާ ލަދުގަންނަ ގޮތްވިއެވެ.
"ޝެރީން"
ފަހަތުން އިވުނީ ސާރިމްގެ އަޑެވެ. މިފަހަރުވެސް ބިރުވެރި ހުވަފެނަކުން ހޭލެވޭއިރު ހިތް ނެގިނެގިފައި ޖެހޭވަރަށް އެ ހިތަށް ބަދަލުއައެވެ. ފޯނު ތިރިކޮށްލަމުން ސާރިމްއާ ދިމާލަށް ޝެރީން އެނބުރުނެވެ.
"ކާކު؟" ސާރިމްގެ ނަޒަރު ހުއްޓިފައިވަނީ ޝެރީންގެ މޫނަށެވެ. ބިމަށް ޖަހާފައި ހުރި ހިލައިގެ ބުދެއް ފަދައިން ޝެރީންއަށް ހުރެވުނެވެ. ސާރިމްގެ މޫނަށް ބަލައިލެވުނުއިރު އޭނާގެ އަރުތެރެ ހިކިގެންދިޔައެވެ. އޭނާގެ ދުލުން އެންމެ ލަފްޒެއް ބުނުމުގެ ބާރުވެސް ނެތެވެ.
"މަންމަ ދޯ، އަސްލު ނުސްރާ ގެއަށް ދިޔަތަން ފެނި ބަލައިލެވުނީ ޝެރީން ކޮބައިތޯ، އޯކޭ.. ފޯނު ނިންމާލާފައި އަންނައްޗޭ، އެބައޮތް ވާހަކައެއް ބުނަންވެފައި." ސާރިމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ މަންޒަރު ފެނިފައި ޝެރީންއަށް ކުށްވެރިކުރެވުނީ އޭނާގެ ނަފްސެވެ. އޭނާގެ ހަގީގަތް އެނގޭނަމަ އޭނާއާ ދިމާލަށް ހިނިތުންވުމަކީ ސާރިމް ކުރާނޭ ކަމެއް ނޫނެވެ.
ކުރިންވެސް ހުރި ފަދައިން ޝެރީންއަށް ހުރެވުނެވެ. ސާރިމް އެއްއަތުން ޝެރީންގެ ކޮލުގައި ފިރުމާލަމުން ކޯލު ކުރިއަށް ގެންދާށޭ ބުނެލިއެވެ. ދެން ހިނގައިގަތެވެ. ސާރިމް އެޅި ކޮންމެ ފިޔަވަޅެއް ޝެރީންއަށް އަދަދު ކުރެވުނެވެ. އޭނާގެ ލޯކުރިމަތިން ގެއްލެންދެން ހުރެވުނެވެ. ޒައިން ކަރުކެހިލި އަޑަށް ޝެރީން ފޯނު ކަންފަތުގައި ޖަހާލިއެވެ.
"މިހާރު އެނގިއްޖެއެއްނު އަހަރެމެން ބަސްޓް ނުވާނީ ކިހިނެއްކަން. މިރޭ އަހަރެން ގުޅާނަން، އަހަރެންގެ ނަންބަރު ސޭވްކުރަންވީ ކޮން ނަމެއް ޖަހައިގެންކަން މިހާރު ޝެރީންއަށް އެނގޭނެ، އަވަހަށް ދޭ ފިރިމީހާއަށް ޝައްކުނުވަނީސް.." ޒައިން އެ ކޯލު ކުރުކޮށްލިއެވެ. ޝެރީންގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ޒައިން އޭނާގެ މަންމަ ކައިރީ ބުނީ ކީކޭކަމެއްވެސް ނޭނގެއެވެ. އެކުވެރިއެކޭ ބުންޏަސް އޭނާ ސަލާމަތްވާނީ ކިހިނެއްކަމެއް ނޭނގެއެވެ. އެ ނަން ކިޔާ އެކުވެރިއަކު ހުންނަކަންވެސް ސާރިމް ކައިރީ ބުނެވިފައެއް ނެތެވެ.
** **
ގޭތެރެއަށް ވަންއިރު ނޫރާގެ ހުނުމުގެ އަޑުން ގޭތެރެ ގުގުމައިގެން ދެއެވެ. ސޯފާގައި ސާރިމް އިނީ ނޫރާ އުނގަށްލައިގެންނެވެ. ސާރިމް އަތުގެ އިނގިލިތަކުން ނޫރާގެ ބުރަކަށީގައި އެކި ގޮތްގޮތަށް ޖައްސާލުމުން ނޫރާގެ އަޑު ބޭރުވަނީ ހުނުމާ އެކުގައެވެ. ބައެއްފަހަރު ސާރިމްވެސް ހޭން ފަށައެވެ.
އެ މަންޒަރު ބަލަން ޝެރީންއަށް ހުރެވުނެވެ. އޭނާގެ ނުތަނަވަސްކަން ވަގުތުކޮޅަކަށް ނަމަވެސް ފިލައި ދިޔައެވެ. އޭނާ މަޑުމަޑުން އައިސް ސޯފާ ކައިރީ ހުއްޓުނެވެ. ޝެރީންގެ ހިޔަނިވެގެން ސާރިމް ބަލައިލިއެވެ. ސޯފާގައި އެއްއަތުން ޖަހާލަމުން އިޝާރަތްކުރީ އެ ޖާގައިގައި އިށީނުމަށެވެ. ޝެރީން އިށީނުމުން އެ ސަމާސާ އިތުރަށް ފޯރިގަދަވެގެން ދިޔައެވެ. ބައެއް ފަހަރު ސާރިމް އަތުގެ އިނގިލިތައް ގެންގޮސް ޝެރީންގެ ކަރުގައިވެސް ޖައްސާލައެވެ. ތިން މީހުންގެ ހުނުމުގެ އަޑުން މުޅި ތަން ގުގުމައިގެން ދެއެވެ.
** **
"އަހަރެން ބުނީމެއްނު ވާހަކައެއް ބުނަން އޮތް ވާހަކަ." އެ ވާހަކަ އަލުން ސާރިމް ފެށީ ރޭގަނޑު ކާން ތިބެފައެވެ. ސާރިމް ދައްކާ ވާހަކައަށް ޝެރީންގެ ސަމާލުކަން ހުއްޓުނެވެ.
"މިއަދު ރާފިލް އެއްކަލަ ފައިސާކޮޅު ޖަމާކޮށްފި،" ސާރިމް ބުނެލިއެވެ. ރާފިލް އަކީ ސާރިމްގެ އެކުވެރިއެކެވެ. ރާފިލްއާ ހަވާލުކުރީ ޔަތީމު ކުއްޖަކަށް ރައްދުކުރުމަށް ދިން ހަރަދެވެ. އެއީ އެއް އަހަރު ދުވަހަށް އެކުއްޖެއްގެ ހުރިހާ ބޭނުމެއް ފުދޭ ވަރަށް މަދުނުވާވަރެވެ.
"އެ ކިހިނެއްވީ؟" ޝެރީންއަށް އަހާލެވުނެވެ.
"ނޭނގެ، ބުނި އެކުއްޖާއާ ހަވާލުކުރެވޭނެ ގޮތެއް ނެތީމައޭ، ކުރިން ހިޔާގައި ހުރީ، މިހާރު މީހަކު ހަވާލުވެއްޖެކަމަށް ބުނި." ސާރިމް އޮޅުންފިލުވައިދިނެވެ. އެއީ ޝެރީންއާ ހިއްސާކުރުމަށްފަހު ސާރިމް ކުރަން ފެށި ކަމެކެވެ. އޭނާ ބޭނުންވީ އެއީ ވަރަށް ސިއްރުންކުރެވޭ ޞަދަގާތަކަށް ހަދާށެވެ. ރާފިލްގެ އެހީތެރިކަން ހޯދީ އެހެންވެއެވެ.
"އެމީހުންނަށް އެނގެންޖެހޭނެ އެކުއްޖާއާ ހަވާލުވި މީހަކުވެސް، ލިޔެކިޔުންތަކުން ނޭނގެނީތަ؟" ޝެރީން ވިސްނަމުން ދިޔައެވެ. ސާރިމް ގަސްތުކުރަނީ އެހީވާ ކުއްޖާގެ އުމުރުން އަށާރަ އަހަރުވަންދެން އެހީވާށެވެ.
"އެ މައުލޫމާތު ރާފިލް ބުނި ހޯދާނަމޭ، ކޮންމެ ބަޔަކު ހަވާލުވިޔަސް އަހަރެން އެހީވާނަން." ސާރިމްގެ އަޒުމަށް ބަދަލެއް ނާދެއެވެ. މޭޒުމަތީގައި އޮތް ސާރިމްގެ އަތްތިލައިގައި ޝެރީންއަށް ފިރުމާލެވުނެވެ. އެންމެ މާތް މީހަކީ ހިތުގައި ބަތީލްކަން ނެތްމީހާއޭ ބުނެއެވެ. ސާރިމްއަށް ލިބޭ މަދު މުސާރައިންވެސް ހެޔޮކަމެއްކުރަން ބޭނުންވެ އެވާހަކަ ޝެރީންއާ ހިއްސާކުރިއެވެ. އަދި އެވާހަކަ ޝެރީންގެ މައިންބަފައިންނާ ހަމަޔަށް ގެންދިއުމުން އެމީހުންގެ ކުރިމަތީގައިވެސް ސާރިމް ގަދަރު ދިޔައީ އުފުލިގެންނެވެ.
** **
ނޫރާ ނިދަންދެން ކައިރީގައި އޮތްއިރު ޝެރީންއަށް ބެލެނީ ފޯނަށެވެ. އެނދުގެ އެއްފަރާތުގައި ސާރިމް އޮށޯވެލައިގެން އޮތީ އޭނާގެ ފޯނާ ކުޅޭށެވެ.
"މަންމީ ލޯ މަރާބަލަ" ޝެރީންގެ ދަތްދޮޅީގައި އަތްޖައްސާލަމުން ނޫރާ ގޮވާލިއެވެ. ނޫރާ ނިންދުވުމަކީ ބައެއް ފަހަރު ހަނގުރާމައަކުން މޮޅުވުން ފަދަ އުދަނގޫ ކަމަކަށްވެއެވެ. ޝެރީން އާއި ސާރިމްއަށް ބައެއް ފަހަރު އޮންނަން ޖެހެނީ ލޯމަރައިގެންނެވެ. ނޫނީ ނޫރާ ބޭއްވުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އެހެން އޮވެ އެންމެ ކުރިން ނިދެނީ ކާކަށްތޯ ބަލާ ފަހަރު ފަހަރު ނޫރާއަށްވުރެ ކުރިން ޝެރީންއަށް ނޫނީ ސާރިމްއަށްވެސް ނިދެއެވެ.
ފޯނު ބާލީސްދަށަށްލާފައި ޝެރީން އޮށޯތެވެ. ނޫރާ އެދުނުގޮތަށް ލޯމަރައިގެން އޮއްވައި އެންމެފަހުން އޭނާއަށް ނިދުނީއެވެ. ކުއްލިއަކަށް ހޭލެވުނީ ފޯނު ވައިބްރޭޓްވެގެންނެވެ. ތެދުވަން ބެލިއިރު ސާރިމްގެ އަތް އޮތީ އޭނާގެ ބަނޑުމަތީގައި ބާއްވާލައިފައެވެ. ސާރިމްއަށް ނުހޭލެވޭނެހާ ލަސްލަހުން އަތް ދުރުކޮށްލާފައި ފޯނު ނަގައި ބަލާލިއިރު އިނީ ސޭވް ނުކޮށް އިން ނަންބަރެކެވެ. އެއީ ޒައިންކަން އޭނާއަށް އެނގެއެވެ.
"ހަލޯ"
ކޮޓަރިން ނިކުމެފައި ޝެރީން އެ ކޯލަށް ޖަވާބު ދިނެވެ. ފުރަތަމަވެސް ޒައިން އަހައިލީ ސާރިމް ނިދީތޯއެވެ.
"އެއީ ޒައިން ބަލަންޖެހޭކަމެއްތަ؟" ފިނިވެފައިވާ ހަށިގަނޑުގައި ރުޅިވެރިކަމުގެ ތޫފާނެއް އުފެދިގެން ދިޔައެވެ. ޒައިން ހީނގެން އަޑާއެކު އެ އިހުސާސް އިތުރުވެގެން ދިޔައެވެ.
"އިތުރު ސުވާލަކާ ނުލައި ޒައިން ބުނެދެންވީ އަހަރެން ހޯދަން ޒައިންއަށް އަންނަން ޖެހުނު ސަބަބު." ޝެރީންގެ ބިރު ފިލައި ދިޔައެވެ. އޭނާގެ ދޫ ހަރަކާތްކުރަން ފެށުމާއެކު އަމުނައިލެވުނީ އޭނާ ހިތުގައި އޮތް ގޮތަށެވެ.
"އައި މިސްޑް ޔޫ." ޒައިންގެ އަޑުގައިވީ މަސްތީ އަސަރެކެވެ. ޝެރީން ރޫރޫ އަރައިގަތެވެ. ފޯނު ކޯލު ދިގުދެމިގެން ހިނގައިދާނެކަމުގެ ބިރު އުފެދުނެވެ. އޭނާ ނެތިގެން ސާރިމް ހޭލަފާނެތީ އެކަމާވެސް ކަންބޮޑުވިއެވެ.
"އިތުރަށް ކޮންކަމެއް؟" ޝެރީންއަށް އެއް ފިޔަވަޅުމަތީ ކޮޅަށް ނުހުރެވިގެން ދެކޮޅަށް ހިނގަން ފެށުނެވެ.
"އަހަރެން މާލެ އައީ އެއް މަސްދުވަހުގެ ޗުއްޓީއަށް، އެނބުރި ދިއުމުގެ ކުރިން އެންމެ ރެއަކަށް ނަމަވެސް އަހަރެން ޝެރީން ބޭނުން، ޔޫ ޝުޑް ކަމް އެންޑް މީޓް މީ." ޒައިންގެ ރާގަށް ވަކި ބަދަލެއް ނައެވެ.
"ޒައިން، އަހަންނާ ދުރުގައި ޒައިންއަށް ފަސް އަހަރު ހުރެވުނު." ޝެރީންގެ އަޑު ކުރަކިވިއެވެ. ރުޅި އައިސް ތުރުތުރުލަމުން ދިޔަ ވަގުތު އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ކުއްލިއަކަށް މި ކުރިމަތިވީ ކޮންފަދަ އިމްތިހާނަކާ ކަމެއް ނޭނގެއެވެ. ޒައިންއާ ވަކިވި ފަހުން އޭނާ ހުރީ ދިރިއުޅުން މަތިން ފޫހިވެފައެވެ. ސާރިމް ފެނުނީ އޭނާގެ އަނދިރިވެފައިވާ ދިރިއުޅުމަށް އައި ނޫރެއް ފަދައިންނެވެ. ޒަހަމްވެ ކުދިކުދިވެފައިވާ ހިތް އޭގެ މަގާމަށް ގެނެސް ދިރިއުޅުން ކުރިއަށްދާން ފެށިތަނާ ކުއްލިއަކަށް ޒައިން އަންނަ ހަބަރާއެކު އޭނާ ބޭނުންވީ އެތަނުން ފިލާށެވެ.
"އަހަރެން ޝެރީންއާ ދުރުގައި ފަސް އަހަރު ހޭދަކުރިން، ދެ ކައިވެނި ކުރިން، އެކަމަކު އެއްވެސް ހަމަޖެހުމެއް ނެތް. އަހަންނަށް އިހުސާސްވެއްޖެ އަހަންނަށް އެންމެ ކަމުދަނީ ޝެރީންކަން، އެކަމަކު މިއަދު ޝެރީން ދިރިއުޅުމެއް ފަށައިގެން އުޅޭތީ އުނދަގޫނުކޮށް ހުންނަންވެސް ބޭނުން، އެކަމަކު އައި މިސް ޔޫ ބޭޑްލީ، ހިނގާ ޑީލްއެއް ހަދަން، އަހަރެން ޝެރީންއަށް އުނދަގުލެއް ނުކުރާނަން، ގޯހެއްވެސް ނުހަދާނަން، ހަމައެކަނި އަހަރެން ބޭނުންކަމެއް ކޮށްދެންވީ، އަހަރެންގެ އަތުގައި އެބަހުރި ޝެރީންގެ ދިރިއުޅުން ހަލާކުކޮށްލެވޭވަރުގެ އެތައް އެއްޗެއް." ޒައިންގެ ޖުމްލަތައް އަހާފައި ޝެރީންއަށް ރުއިން ނޫން ކަމެއް ނުކުރެވުނެވެ. ޒައިން ކައިރީ އޭނާ އެދުނީ އެފަދަ ފާފައަކަށް އަރައިގަންނަން ދައުވަތު ނުދިނުމަށެވެ. އަދި މަޖުބޫރު ނުކުރުމަށެވެ. އޭގެ ސަބަބުން ބަދަލުގައި ޒައިންއަށް ލިބޭނެ ވަކި މޮޅެއް ނެތްކަން ހަނދާންކޮށްދިނެވެ.
"އަހަރެން މިގުޅަނީ ސާރިމްއަށް." ކުއްލިއަކަށް ޝެރީން ކުރަމުން ދިޔަ އާދޭސްތައް އަޑު ނާހަން ޒައިން ބުނެލިއެވެ. އެއީ އޭނާ ދިން އިންޒާރަކަށް ފުދެއެވެ. އިތުރު ބަހަނާއަކާ ނުލައި ޝެރީން އެއްބަސްވީ އެންމެ ރެއަކަށް ޒައިންގެ ކައިރިއަށް އޭނާ އައުމަށެވެ. އެކަމަކު އޭގެފަހުން ދުވަހަކުވެސް ޒައިން އޭނާއަށް އުނދަގޫ ނުކުރަން ޝެރީން އެދުނެވެ.
(ނުނިމޭ)