ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 56

5

ފަންސާސްހަވަނަ ބައި

"އައި ނޯ. ބުނަން މިއުޅެނީ އަނާރް އަހަރެންދެކެ އަދިވެސް ވަރަށް ލޯބިވެޔޭ" އަބާން ބުނެލިއެވެ. ޝުހޭލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ އެހިސާބުންނެވެ.

***

"އަސްލު އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެން މިހާރު އެކަމާ ދެރަވޭ. އަހަރެން އަނާރް ކައިރިން މައާފަށް އެދުނިން. ޝުހޭލްއާ އަނާރަށް މެރީކުރަން ޖެހުނު ސަބަބަކީ އަހަރެންގެ ފަރާތުން އޭނާއަށް އެއްބާރުލުން ނުލިބުނީމަ. މިހާރު އަހަރެން މިހުރީ އަހަރެންގެ އާއިލާ ފުރިހަމަކުރަން ތައްޔާރަށް" އަބާން ވާހަކަދެއްކިއެވެ.

"ތިދައްކަނީ އަހަރެންނަށް ނޭނގޭ ވާހަކަތަކެއް ނޫން. އަނާރް އަހަރެންނާއެކު އުޅެން ހުރިހާ ދުވަހަކު އަހަރެން ހުންނާނީ އަނާރާއެކު" ޝުހޭލް ބުނެލިއެވެ.

"އަނބިމީހާ އެހެން މީހަކު ދެކެ ލޯބިވާކަން އިނގި އެކުގައި އުޅެން ފަސޭހައޭ ބުނި ފުރަތަމަ ފިރިހެނާ ތިއީ" އަބާން ބުނެލިއެވެ. އޭނާގެ އަޑުގައިވި މަލާމާތުގެ އަސަރު ޝުހޭލްއަށް ފާހަގަވިއެވެ. ހިތުގައި ޖެހުނު ނަމަވެސް އެކަން އަނާރްގެ ކުރީގެ ލޯބިވެރިޔާ ކުރިމަތީގައި ފާޅުކުރަން އޭނާ ބޭނުމެއްނުވިއެވެ.

"ބައެއް ކަހަލަ ކަންތައްތަކަކީ ދުލުން ބުނުމަށް ވުރެ ހިތުގައި ފޮރުވާލައިގެން ހުރުން ރަނގަޅު ކަންތައްތައް. އަނާރާ އެންމެ ގާތުގައި ޝުހޭލް ހުއްޓަސް އޭނާގެ ހިތުގައި ވަނީ އަދިވެސް އަހަރެން. އެކަން ޝުހޭލްއަށް ފާހަގައެއް ނުވޭތަ؟ އެހެންވިއްޔާ ބުނެބަލަ އަނާރް ދުވަހަކުވެސް ބުނިތަ ޝުހޭލް ދެކެ އޭނާ ލޯބިވާ ވާހަކަ. ބުނިތަ ޝުހޭލާ ނުލައި ނޫޅެވޭނެ ވާހަކަ. ނުބުނޭދޯ. އޭނާގެ ދެލޯ އަހަރެންނަށް ސިއްރުކޮށްގެން އުޅެނީ. އެކަމަކު އޭނާ އަހަރެން ދެކެ ލޯބިވާވަރު އަހަރެންނަށް އިހުސާސްވޭ" އަބާން ވާހަކަދެއްކިއެވެ.

"ދައްކަން ބޭނުންވި ވާހަކަތައް ނިމުނިއްޔާ އަބާން ދިޔަޔަސް ހެޔޮ. އަހަރެންގެ އަނބިމީހާގެ ވާހަކަ ހިލޭ ފިރިހެނުން ކައިރީގައި ދައްކަން އަހަރެން ބޭނުމެއް ނުވޭ" ޝުހޭލް ބުނެލިއެވެ. އަބާން މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

"އަހަރެން ދިޔަސް ހަގީގަތް ބަދަލެއްނުވާނެ. އަހަރެން ދެމީހުން ގުޅުވައިދީފިއްޔާ ޝުހޭލްއަށް ކުރެވުނީ ވަަރަށް ރަނގަޅު ކަމަކަށްވާނެ" އަބާން ބުނެލިއެވެ.

"ކޯޗެއް ތިވިސްނަނީ؟ އަހަރެންގެ ދަރިފުޅަށް ބައްޕަގެ ލޯބި ދެވޭނީ ހަމައެކަނި އަހަރެންނަށް. އަހަރެމެން ތި މީހުން އެކައްޗަކަށް ވާނީ އަހަރެމެންގެ ދިރިއުޅުމުން ޝުހޭލް ދުރަށްދިޔަ ދުވަހަކުން" އަބާން ބުނެލިއެވެ. ޝުހޭލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ބުނަން ބޭނުންވާ އެތައް އެއްޗެއް އޭނާ ވަރުގަދަ ހަތަރުފާރުގެ އެތެރޭގައި ފޮރުވާލިއެވެ. މީހުންނާ ޒުވާބުކޮށް ހެދުމަކީ އޭނާ އެއްވެސް އިރެއްގައި ކޮށްއުޅުނު ކަމެއް ނޫނެވެ. އަމުދުން އަނާރާ ގުޅިގެން އެއްވެސް މީހެއް ކައިރީގައި ވާހަކަދައްކަން އޭނާ ބޭނުމެއް ނުވެއެވެ.

"އަހަރެން އަނާރް ދެކެ ލޯބިވޭ. އަހަރެން އަނާރް ދެކެ"

އެހިސާބަށް އަބާނަށް ބުނެވުނުތަނާ ޝުހޭލް ފުންމައިގެން ތެދުވިއެވެ. އޭނާ އިތުރަށް އަބާންގެ ކުރިމަތީގައި އިންނަން ބޭނުމެއް ނުވިއެވެ. މޭޒުމަތީގައި ހުރި ފެންތަށި އެއްނޭވައިން ދަމާލާފައި ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. މޭޒުމަތީގައި ތަށި ބެހެއްޓުނީވެސް ފުދޭ ވަރަކަށް ބާރަށެވެ. އެ އަޑަށް ކައިރީގައި ތިބި މީހުންގެ ސަމާލުކަން އެ ދެމީހުން ތިބި މޭޒަށް ހުއްޓުނެވެ. އެހެންވިޔަސް ޝުހޭލްގެ އެއްވެސް ފަރުވާލެއް ނެތެވެ.

"އަނާރްގެ ކުރިމަތީގައި ކަލޭގެ ލޯބީގެ އެއްވެސް އަގެއް އޮތްނަމަ މިއަދު އަހަރެންގެ އަންބެއްގެ ގޮތުގައި އަނާރް ނުހުރީސް. އަދި އެ ތުއްތު ދަރިފުޅު އަހަރެންނަށް ބައްޕަވެސް ނުކީސް" އެންމެފަހު ވަގުތު އެތަނުން ނުކުންނަމުން ޝުހޭލް ދޫކޮށްލީ ވަރުގަދަ ތީރެކެވެ. އަބާންގެ މޫނުމަތީގައިިވި އުފާވެރިކަން ޝުހޭލްގެ އެ ޖުމްލައާއެކު ފިލައިގެން ދިޔައެވެ. އޭނާގެ ޖުމްލަތަކުން ޝުހޭލްގެ ހިތް ދެފަޅިކޮށްލެވުނުކަމުގެ އުފާވެރިކަން ލިބުނުތާ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ.

***

ކުއްލިއަކަށް ޝުހޭލް ސިއްސައިގެންދިޔައީ އޭނާގެ ކޮނޑުގައި ފިނި އަތްތިލައެއް ޖެހުމުންނެވެ. ބަލައިލިއިރު ކުރިމަތީގައި ހުރީ އަނާރެވެ. އަނާރްގެ މޫނުމަތީގައިވީ ސުވާލު މާކެކެވެ. ޝުހޭލްގެ ދެލޮލުން އޭނާ އެންމެފަހުން ކަރުނަ ދުށީ ސަބީހާ ނިޔާވި ދުވަހުއެވެ. ރަތްކަމެއް ވެރިވެފައިވި ޝުހޭލްގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފެނި އަނާރް ހިތަށް ތަދުވެލިއެވެ. އެކަމުގެ ފަހަތުގައިވި ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ. އެހެންނަމަވެސް ޝުހޭލް ނުބުނާހާ ހިނދަކު އޭނާ އަހާކަށް ބޭނުމެއްނުވިއެވެ.

"ލަސްވެގެން މިއައީ" އަނާރަށް ދެލޯ ފޮރުވުމަށްޓަކައި ޝުހޭލް ތެދުވި ވަގުތު އަނާރް ބުނެލިއެވެ.

"މިދަނީ" ކަރުނަތަކާއެކު ޝުހޭލްގެ އަޑަށްވެސް ބަދަލު އައިސްފައިވާކަން އަނާރަށް އެނގުނެވެ. އަނާރް ނިކުމެގެން ދިޔުމުން ޝުހޭލް ދޮރާ ދިމާލަށް ބަލައިލިއެވެ. އަނާރްގެ އަތުގެ ފިރުމުން ނުލިބި އެގޮތަށް އޭނާ ފަސްދީ ދިޔުމުން އިތުރަށް ހިތުގައި ޖެހުނެވެ. އޭނާ ރޮނީކަން އަނާރަށް އިނގޭއިރުވެސް ކުޑަމިނުން ވީ ކީއްތޯ އަހާނުލުމުން ހިތުގައި ޝަކުވާ އުފެދުނެވެ. އަބާން ބުނި ފަދައިން ގަދަކަމުން ލޯބި ހޯދަން މަސައްކަތް ކުރެވެނީ އޭނާއަށްކަން އިހުސާސްވިއެވެ. އަނާރް ލޯބިވާކަމަށް ހީކުރެވުނުކަން އެއީ އޭނާގެ މޮޔަކަމޭ ހިތަށް އެރިއެވެ.

***

ޝުހޭލް ސައިބޯން ދިޔައިރު އަނާރް ގޮނޑީގައި އިނެވެ. ބިނާން ކޮށީގައި ކުޅެން އިނެވެ. އޭނާ ވިސްނުމެއްގައި އިންކަން ޝުހޭލްއަށް ފާހަގަވިއެވެ. އަނާރްގެ އެ ވިސްނުން ގުޅިފައިވަނީ އަބާނާ އޭ ހިތަށް އަރާފައި ހިތުގައި ރިއްސާލިއެވެ. އޭނާ ކުރިއަށް އައިސް ކޮށީގައި އިން ބިނާން ނަގާފައި އުރާލިއެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި އެ ދަރިފުޅު އޭނާގެ ލޯމަތިން ގެއްލެނީއޭ ހީވެ އެ ކުޑަކުޑަ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ. އަނާރް ސިއްސައިގެންދިޔައީ ބިނާންގެ އަނގައިން އަޑެއް ލައްވައިލި އަޑަށެވެ. އޭނާ ބަލައިލިއިރު ޝުހޭލް ބިނާންގެ ގައިގައި ބައްދައިގެން ދެލޯ މަރައިގެން ހުރިތަން ފެނި ކޮޅަށް ތެދުވެވުނެވެ. އޭނާއަށް ބަލައިލެވުނީ ޝުހޭލްގެ ފައިން ފެށިގެން ތިރިއަށެވެ. އޭނާ ލައިގެން ހުރީ އަނާރް ނަގައިދިން އަންނައުނެއް ނޫނެވެ.

"ބޭރަށް ދަނީތަ؟" އަނާރް ވާހަކަދެއްކި އަޑަށް ޝުހޭލް ބަލައިލިއެވެ. އަދި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވާފައި ބިނާން ކޮށީގައި ބޭންދިއެވެ.

"އާނ. މިއަދު އެބައިން ޑިޔުޓީއެއް" ޝުހޭލް ބުނެލިއެވެ. އޭނާ މޭޒު ވަށާލާފައި އައިސް ގޮނޑީގައި އިށީނެވެ. ތައްޓަށް ރޮށި ފިލުވައިދޭން އަނާރް ކައިރިވެލުމާއެކު ޝުހޭލް އަމިއްލައަށް ރޮށި ނަގައިގެން ފިލުވަން ފެށިއެވެ. ޝުހޭލްގެ އެ އަމަލުން އަނާރް ހުއްޓުން އެރިއެވެ. ކައިވެނިކުރި ފަހުން އޭނާ ދުވަހަކުވެސް ޝުހޭލް އަތަށް ތައްޓަށް ބަތް ސަމްސަލެއް އަޅަންވެސް ނުޖައްސައެވެ. މިއަދު ޝުހޭލް އެގޮތަށް ކަންތައްކުރުމުން އަނާރަށް ހައިރާންކަމެއް ލިބުނެވެ. ޝުހޭލްއަށް އައިސްފައިވާ ބަދަލުތަކުގެ ފަހަތުގައި ވަނީ އޭނާ އޭ ހިތަށް އެރިއެވެ.

"މިއަދު މިގެއަށް ބަޔަކު އެބައާދޭ" އަނާރް އިށީނީ ޝުހޭލާ ދިމާލުން މޭޒުގެ އަނެއް ފަރާތުގައެވެ.

"ކޮންބައެއް؟" ތައްޓަށް އެންމެ ރޮއްޓެއް ކޮށާފައި އެއަށް ރިހަ ސަމްސަލެއް އަޅަމުން ޝުހޭލް ބުނެލިއެވެ.

"އަބާންގެ ފެމެލީ" އަނާރް ބުނެލިއެވެ. އަނާރް ބުނެލި ޖުމްލައާއެކު ޝުހޭލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އަނާރްގެ ދުލުން އަބާންގެ ނަން ކިޔައިލުމުންވެސް އޭނާއަށް އުނދަގޫވެއްޖެއެވެ. ސަމްސަލުން ނަގާފައި އަނގައަށް ލި ކާއެތިކޮޅު ދިރުވާލަން ޖެހުނީ ފެންފޮދަކާ އެކުގައެވެ.

"އަހަރެންނާ ވަރަށް މުހިންމު މީހަކު ބައްދަލުކުރުވަން ބޭނުމޯ އަބާންގެ މަންމަ ބުނީ" ޝުހޭލް އިތުރަށް ސުވާލެއް ނުކުރުމުން އަނާރް ބުނެލިއެވެ.

"ކިހާއިރަކު؟" ޝުހޭލް އެހިއެވެ.

"ހަވީރު. އެގަޑީގައި ގޭގަ ނުހުރެވޭނެދޯ" އަނާރް އެހިއެވެ.

"ހިއެއްނުވޭ. އެކަމަކު ބަލާނަން އާދެވޭތޯ" ޝުހޭލްގެ ހަރަކާތްތައް ވަރަށް އަވަހެވެ. ފެންތަށި ބޯލި ގޮތަށް ދާން ތެދުވިއެވެ. އޭނާ ފަހަތް ބަލައިލީ އޭނާގެ އަތުގައި އަނާރް ހިފެހެއްޓުމުންނެވެ.

"ބަލީތަ؟" ޝުހޭލް ބަލައިލުމާއެކު އަނާރް ބުނެލިއެވެ. ޝުހޭލް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. ވޮލެޓާ ތަޅުދަނޑި ހިފައިގެން ނިކުތްއިރު އަނާރް ބަލަހައްޓައިގެން ހުއްޓެވެ. އަނާރްގެ އެ ނަޒަރުން އޭނާއަށް ކަމެއް ބުނެދޭން އުޅޭ ކަހަލައެވެ. އެހެންވިޔަސް އެއްޗެއް ވިސްނައިގަނެވޭ ވަރަށް ވުރެ ބޮޑަށް އޭނާގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ. އަބާންގެ އާއިލާ އެގެއަށް އަންނައިރު އެގޭގައި އޭނާ ހުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނޭ ހިތް ބުނެލިއެވެ. ދޮރާ ދިމާލަށް ހިނގައިގަނެފައި ޝުހޭލް ހުއްޓިއްޖެއެވެ. ފަހަތް ބަލައިލިއިރު އަދިވެސް އަނާރް ހުރީ ބަލަހައްޓައިގެންނެވެ.

"ކަމޯން ޝުހޭލް. ކަމެއް ހަނދާން ނެތުނީތަ؟ އެހެން ފަހަރުފަހަރުވެސް ބޭރަށް ދަމުން އަހަރެންނަށް ހަގެއް ދެމެއްނު. މިތަނަށް ކިސްއެއް ދެމެއްނު. ނާނު އާ ލޯބިކޮށްލަމެއްނު. ބަލައިގެން އުޅޭށޭ ބުނަމެއްނު. ކަމެއް ބޭނުމިއްޔާ ގުޅައްޗޭ ބުނަމެއްނު. ވެއާރ އިޒް މައި ހަޒްބަންޑް؟" ޝުހޭލަށް ބަލަހައްޓައިގެން ހުރެ އަނާރް އަމިއްލަ ހިތާ ވަހަކަދައްކަމުން ދިޔައެވެ.

"ކަމެއް ބޭނުމިއްޔާ ގުޅާ އިނގޭ" ޝުހޭލް ބުނީ އެކަނި އެވަރަށެވެ. އޭނާ ނިކުމެގެން ހިނގައްޖެއެވެ.

އަނާރަށް ދުވެފައި ދޮރާ ދިމާލަށް ދެވުނެވެ. ކުއްލިއަކަށް ޝުހޭލްއަށް އެއައި ބަދަލަމުން އަނާރްގެ ހިތް މުޅިން މާޔޫސްވެއްޖެއެވެ. އެދުރުކަން އޭނާއަށް ބަރުދާސްތު ކުރަން ދަތި ވެއްޖެއެވެ. އެއީ ދުވަހަކުވެސް އޭނާ ވަކިވާން ނޭދޭ މިތުރެވެ. ސޯފާގައި އިށީނދެވުމާއެކު އަނާރަށް ރޮވިއްޖެއެވެ. ބޭރަށް އަޑު ނިކުމެދާނެތީ އަނގަ މަތީގައި އަތް އެޅިއެވެ. އެހެންނަމަވެސް ހިމޭންކަން ވެރިވެފައިވާ ސިޓިންރޫމުން އޭނާގެ އަޑު ފާޅުވެއްޖެއެވެ. ވޭނީ ރުއިމަކުން ރޮމުން ދިޔައީ ފިރިމީހާ އޭނާ ދުރުކޮށްލައިފިއޭ ހިތަށް އަރާ ވަރުންނެވެ. އެހެންނަމަވެސް އެ އަޑު އަހަން ދޮރުން ބޭރުގައި ހުރި ޝުހޭލަށް ވިސްނައިގަނެވުނީ އޭގެ ދިމާ އިދިކޮޅަށެވެ. އޭނާގެ ސަބަބުން އަނާރް ހޮހޮޅައެއްގައި ބަނދެވިފައި ހުރި ކަމުގެ އިހުސާސް ކުރެވި އަމިއްލަ ނަފްސު ކުއްވެރި ކުރެވިއްޖެއެވެ. އަނާރަށް އޭނާ ލޯބިވާ މީހާ ލިބެންޖެހޭ ކަމުގައި ސިކުނޑި އިންޒާރު ދީފިއެވެ. ހަމަ އެއާއެކު އަނާރް ދޫކޮށް އޭނާގެ އެ ދިރިއުޅުމުން ދުރަށް ޖެހިލަންވެސް ސިކުނޑި އިންޒާރު ދިނެވެ. ދެލޯ ކައިރިން ފާޅުވެލި ކަރުނަ ތިކި އަތުގެ ބޮޑުވައި އިނގިލިން ފޮހެލާފައި އޭނާ ކުރިއަށް ހިނގައިގަތީ ހިތުގައި އުފެދުނު އުދާސްތައް މަތީގައި އަތްއަޅައިގެން ހުރެއެވެ.

***

ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ޒައިނާގެ ފުރަގަހުން މީހަކު ބައްދައިލިއެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ފަހަތުގައި ހުރި އާކާޝްގެ މޫނުގައި އަތް ޖައްސައިލިއެވެ.

"ތެންކިޔު" އާކާޝް ބުނެލިއެވެ. ޒައިނާ އެނބުރިލާފައި އާކާޝްގެ ކަނދުރާގައި ދެއަތް އަޅުވާލިއެވެ. އަދި ދެފައިގެ ފުންނާބު ހިއްލާލާފައި އާކާޝްގެ ނިތުގައި ބޮސްދިނެވެ.

"އެނީތިންގ ފޯރް ޔޫ މައި ލަވް" އާކާޝްގެ ނޭފަތުގައި ނޭފަތް ހާކައިލަމުން ޒައިނާ ބުނެލިއެވެ.

އާކާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އިތުރަށް ޒައިނާ ގަޔާ ކައިރިކޮށްލިއެވެ. ފަހަތަށް ދޫކޮށްލާފައި އޮތް ޒައިނާގެ އިސްތަށިގަނޑު މޫނު ހިންގާލިއެވެ. އަދި އެއްފަރާތަކަށް އިސްތަށިގަނޑު ގެންގޮސް ހާމައަށް ފެންނަން އޮތް ޒައިނާގެ ކަނދުރާގައި ތުންފަތް ޖައްސައިލިއެވެ. އެވަގުތު ޒައިނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ފިރިމީހާއާ ދުރަށް ޖެހިލަން ބޭނުންވިޔަސް އެކަމެއް ނުކުރެވުނެވެ. އާކާޝް ހިފަހައްޓައިގެން ހުރީ އެއަށް ވުރެ ބާރަށެވެ. ކައިރިވަމުން ގޮސް ފިރިމީހާ ދެން ނުހުއްޓުވޭނެކަން އެނގުމުން ޒައިނާ ހަތިޔާރު ބެހެއްޓިއެވެ.

"ކޮންކަމެއް ބޭނުންވަނީ؟" އެންމެފަހުން ޒައިނާ ބުނެލިއެވެ.

"ޒައި ކާލަން" މަސްތުން ފުރިގެންވި ބެލުމަކުން ޒައިނާއަށް ބަލައިލަމުން އާކާޝް ބުނެލިއެވެ.

"އަހަރެން ހީކުރީ ރޭގަ ކާލެވުނުކަމަށް" ހިނިތުންވެލަމުން ސަމާސާ ރާގެއްގައި ޒައިނާ ބުނެލިއެވެ.

"ހެހެހެ... ޒައި ނުހިފެހެއްޓީމަ އެވަރުވީސް ކަންނޭނގެ" ޒައިނާ އޭނާގެ ދެއަތުގެ ތެރޭގައި ގައިދުކޮށްލަމުން އާކާޝް ބުނެލިއެވެ.

"އަހަރެން ވަރަށް އަވަހަށް ބޭނުން މި ބަނޑު އުފުލިފައި ހުއްޓައި ދެކިލަން" ޒައިނާގެ ބަނޑުގައި އަތްޖައްސައިލަމުން އާކާޝް ބުނެލިއެވެ.

"އަހަރެން ދުއާ ކުރާނަން އައްކިގެ ހުރިހާ އެދުމެއް ފުރިހަމަކޮށްދެއްވުމަށް އެދި" ޒައިނާ ބުނެލިއެވެ. އޭނާ އާކާޝްގެ މޭގައި ބޯއަޅާލާފައި ދެލޯ މަރައިލިއެވެ. ފިރިމީހާގެ ތަނަވަސް މޭގެ ހޫނު މުޅި ހަށިގަނޑަށް އިހުސާސްވެގެން ދިޔުމާއެކު އޭނާއަށް ހީވީ ދުނިޔެމަތީގައި ސުވަރުގެއަށް ނޭވާ ލެވުނު ހެންނެވެ. ކައިވެންޏަށްފަހު އޭނާއަށް އާކާޝް ދެކެ މާބޮޑަށް ލޯބި ވެވިއްޖެއެވެ. އަދި އޭނާގެ ހަށިގަނޑު ފިރިމީހާގެ ކުރިމަތީގައި ކަޝްފުވެގެން ދިޔަ ހިނދުން ފެށިގެން އެ ލޯބި އިތުރުވެއްޖެއެވެ.

ޒައިނާ އަކީ އަހްލާގް ރަނގަޅު ކިޔަމަންތެރި ކުއްޖެއްކަން ކުރިންވެސް އާކާޝްއަށް އެނގެއެވެ. އޭނާ ޒައިނާ ދެކެ ލޯބިވީ އޭނާގެ ހުރިއްޔާ ހުރި އުނި ސިފަތަކާ އެކުގައެވެ. ކުރިން މީހަކާ އިނދެފައި ހުރި ނަމަވެސް އޭނާ ހުރީ ޒައިނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެންމެ ފުރަތަމަ ޒައިނާ ފެނުނު ދުވަހުން ފެށިގެންވެސް އޭނާގެ ހިތުން ޒައިނާ އަންބަކަށް ހެދިއެވެ. ކައިވެންޏަށްފަހު ޒައިނާ އަކީ ދުވަހަކުވެސް މާބުރެއް ބީހިފައިނުވާ މަލެއްކަން އެނގުނު ހިނދުން ފެށިގެން އޭނާގެ ކުރިމަތީގައި ޒައިނާގެ ގަދަރު އުފުލިއްޖެއެވެ. ކުޑައިރުން ފެށިގެން އަމިއްލަ މައިންބަފައިންގެ ލޯބިން މުހުރޫމްވެ ހުރެ ޒައިނާ ތަރުބިއްޔަތު ކުރި ދެމަފިރިންނަށް ހިތުން ސާބަސް ދިނެވެ.

***

ހަވީރު އުމެއިރާއާ ޝެޒާ، އަނާރް އުޅޭ އެޕާޓްމަންޓަށް ދިޔައީ އަނާރްގެ އެދުމަކަށެވެ. އަބާންގެ އާއިލާ އަންނަ ވަގުތު ޝުހޭލް ހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އޭނާއަށް ނެތެވެ. އެ އާއިލާ ކައިރީގައި އެކަނި ހުންނަން ބޭނުންނުވާތީ އޭނާ މާމަ ގެންނަން ބޭނުންވީއެވެ.

ބިނާން ރީތިކޮށްލައިގެން ނިކުތް އަނާރް ސޯފާގައި އިން އުމެއިރާ އަތަށް ބިނާން ދީފައި ގޮސް ވަނީ ބަދިގެއަށެވެ. ޝެޒާ މޭޒުމަތި ތައްޔާރުކުރުުމުގައި ހުއްޓެވެ. އަނާރް އެކަނި އެހާ ބައިވަރު ހެދިކާ ހަދާފައި ހުރިތަން ފެނުމުން ޝެޒާ ހައިރާންވިއެވެ.

"ބިނާން އެމީހުންނާ ހަވާލުކުރަން ބުނެފިއްޔާ ކިހިނެއް ހަދާނީ؟" ޝެޒާ އެހިއެވެ.

"ވަން ދޮރު ދައްކާނީ" އަނާރް ބުނެލިއެވެ.

އުންމީދާއާ ނަސީމްގެ އެއްފަރާތުގައި ހުރި އަބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އުމެއިރާ އަތުގައި އިން ބިނާން ފެނުމުންނެވެ. އޭނާ ބިނާން އުރާލާފައި ދޮނެއް ނެގިއެވެ. މައިންބަފައިން ކައިރިއަށް އައިސް ބިނާން އެމީހުން އަތަށް ދީފިއެވެ. އެމަންޒަރު ބަލަން އަނާރް ހުރިއިރު އޭނާ ހުރީ މާބޮޑު ހިތްހަމަޖެހުމެއް ލިބިފައެއް ނޫނެވެ.

"އާދޭ އެތެރެއަށް" އަނާރް ބުނެލިއެވެ. އޭނާ އެ އާއިލާއަށް އިހްތިރާމް ކުރިއެވެ. ފަހަތުގައި ހުރި ޝުބާއާ އެއްހަމައެއްގައި ހުރެ އައި ފިރިހެންމީހާގެ ނަޒަރު އޭނާއަށް ހުއްޓިފައިވިތަން ފެނުމުން އަނާރަށް އުނދަގުލެއް ވިއެވެ. އެއީ ކާކު ކަމެއް އޭނާއަށް ނޭނގުނެވެ.

ސައީދުގެ ނަޒަރު އުމެއިރާއަށް އަމާޒުވި ވަގުތު އޭނާގެ ދެފައި ބިންމަތީގައި ތަތްލިހެން ހީވިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް ނުކެރުނެވެ. އާއިލާ ދޫކޮށްލާފައި ދިޔަ ދުވަހު އެ އަންހެންމީހާ އޭނާ ކައިރީގައި ރޮއެފައި ދެއްކި ވާހަކަތައް ހަނދާނަށް އައެވެ. އެދުވަހު އެގެއިން ނިކުތް ގޮތަށް މިއަދާ ހަމައަށްވެސް އޭނާ އެއީ ދުނިޔޭގައި ތިބި ބައެއްތޯ ވެސް ބަލައިނުލައެވެ. އޭރު އެމީހުންނާ މެދު އޭނާގެ ހިތުގައިވީ ފޫހިކަމެވެ. އުމެއިރާ ސައީދަށް ބަލަހައްޓައިގެން ހުރި ގޮތުން އުންމީދާއަށް ހުރިހާ އެއްޗެއް އެނގުނެވެ.

"އާދެބަލަ" ދުރުގައި ހުރި އަނާރަށް އުންމީދާ ބުނެލިއެވެ. އުމެއިރާއަށް ބަލައިލާފައި އަނާރް ގޮސް އުންމީދާ ކައިރީގައި ހުއްޓިއްޖެއެވެ. ބިނާން އުރައިގެން އިން އަބާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަނާރްގެ މޫނުން ނުނެއްޓެއެވެ.

"އެނގޭތަ މީނީ ކާކުކަން" އަނާރަށް ބަލައިލާފައި ސައީދު ދައްކައިލަމުން އުންމީދާ ބުނެލިއެވެ. އަނާރް ސައީދަށް ބަލައިލާފައި ދެފަރާތަށް ބޯހޫރާލިއެވެ.

"މިއީ..."

"އެއީ ނަމެއްގައި ދަރިފުޅުގެ ބައްޕަ. ތިދެމައިން ބުރައަކަށްވެ ފިލައިގެން ރައްކާވި މީހާ އަދި ލޮލަށް ފެނުނީ އެ" އުންމީދާ ދެއްކި ވާހަކަތައް ފުރިހަމަކުރީ އުމެއިރާއެވެ. އެ ޖުމްލައާއެކު އަނާރަށް ސިހުން ލިބުނެވެ. ކުރިމަތީގައި އެ އިނީ އޭނާގެ ބައްޕަ ހެއްޔޭ ހިތަށް އެރިއެވެ. ހިތުން 'ބައްޕަ' އެ ލަފްޒު ކިތަންމެ ވަރަކަށް ކިޔުނަސް އޭނާގެ ދުލު ކުރިއަށް އެނަން ނައެވެ. އެ ނަން ކިޔަން އޭނާއަށް ނުވެސް އެނގެއެވެ. އެ ނަމަކީ އޭނާއާ ބީރައްޓެހި ނަމެކެވެ.

"މަރުވުމުގެ ކުރިން ބައްޕައެއް ދުނިޔޭގައި ހުރިކަން އެނގުނީތީ އުފާކޮށްފިން. އަހަރެންގެ ދިރިއުޅުމަކަށް ބައްޕައެއް ބޭނުމެއް ނުވޭ. އަހަރެންނަށް ބަފަޔަކާއެކު އުޅެން ދަސްވެފައި ނެތް" އަނާރް ބުނެލިއެވެ. ސައީދު އިސްޖެހިއެވެ. އޭނާ ދެލޮލުގެ ކަރުނަވަޅަށް ކަރުނަތަކުގެ ބާރު ބޮޑުވެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

"ސައީދު ބަދަލުވެއްޖެ. ތައުބާވެއްޖެ. ސައީދު ބޭނުންވަނީ ދުނިޔޭގައި ހުރި އޭނާގެ ދަރިފުޅުގެ ހިތްހަލާލު" އުންމީދާ ބުނެލިއެވެ.

"އަހަރެންގެ ހިތް ސާފު. މައާފްވެސް ކޮށްފިން. ދުވަހަކުވެސް އަހަރެންގެ އެހީތެރިކަމެއް ބޭނުމިއްޔާ އުފަލާއެކު އެހީތެރިވެދޭނަން" އަނާރް ބުނެލިއެވެ.

"އެވަރުން އަހަރެންނަށް ފުދޭ" ރޮވިފައިވި އަޑަކުން ސައީދު ބުނެލިއެވެ.

***

ކޮޓަރިއަށް ވަންގޮތަށް ޝުހޭލްގެ ހަބަރެއް ނުވާތީ ރުޝްދާއާ ފިޔާޒާ ކަންބޮޑުވިއެވެ. ގެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަނީވެސް މީހަކާ ވާހަކަދެއްކުމެއްނެތިއެވެ. ހޮސްޕިޓަލަށޭ ބުނެ ޝުހޭލް ރުޝްދާގެ އެޕާޓްމަންޓަށް އައީ އަނާރް ކުރިމަތީގައި ހުރުން އޭނާއަށް ވޭނަކަށް ވީމައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟