"ޒައިން އަހަރެން މަރާލާފައި ވިއަސް ޝެރީން އާއި ހަމަޔަށް ދާނެ" ހިމްނާގެ އަޑު ބިރުން ތުރުތުރުއަޅާ ކަހަލައެވެ. އޭގެ އިތުރުން ވެސް ހިމްނާ އެހެން އެއްޗެއް ބުނިހެން ހީވެ އެވެ. އެކަމަކު އޭގެ ކުރިން އޭނާގެ އަތުން ފޯނު ސޮއްސާލައިގެން ތިރިއަށް ވެއްޓުނެވެ. ޒައިންގެ ނަމާއެކު ޝެރީންއަށް ހީވީ މަރުގެ ރަހަ އަރުތެރޭގައި ލީހެންނެވެ.
** **
ސާރިމް ގޭތެރެއަށް ވަންއިރު ގޭތެރެ އޮތީ އަނދިރިކޮށެވެ. ޝެރީން ގޭގައި ހުރިނަމަ އިރުއޮއްސުމުގެ ކުރިން ގޭތެރެ ދިއްލާނެކަން ޔަޤީނެވެ. މިހާއިރު ވީއިރު ގެއަށް ނައިސް ޝެރީންވީ ކޮންތާކު ކަމެއް ނޭނގެއެވެ. ސާރިމް އެންމެ ހައިރާންވެފައި ހުރީ ޝެރީން ފޯނު ނުނަގައިގެން ފަރީނާ އޭނާގެ ފޯނަށް ގުޅީމައެވެ. މަންމަގެ ކޯލެއް މިސްކޮށްލުމަކީ ޝެރީން ކުރާނެ ކަމެއް ނޫނެވެ. ގޭތެރެއަށް ވަންނަމުން ސްވިޗު ދިއްލާލިއެވެ. ދުވާލުގެ އަލިފަދައިން ގޭތެރެ އަލިވެގެން ދިޔައިރު ސާރިމް ހައިރާންވީ ސޯފާގައި ނިދިފައި އޮތް ނޫރާ ފެނިފަ އެވެ. ސޯފާގެ އަރިމަތީ ނޫރާ ގެންގުޅޭ ދެ ބެއާ އޮތެވެ. ތިރީގައި ވެސް ބައެއް ކުޅޭ އެއްޗެހި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ކުޅެން އިނދެފައި ފޫހިވެގެން ނިދީހެންނެވެ.
"ޝެރީން"
ސާރިމް ގޮވައިލީ ޝެރީންއަށެވެ. ނޫރާ އެކަނިއޮވެ ނިދިއިރު ޝެރީން ކޮބައިބާއޭ ހިތަށް އެރިއެވެ. ނޫރާ އެކަނި ބަހައްޓާފައި ޝެރީން އެއްވެސް ފަރާތަކަށް ނުޖެހޭނެކަން ސާރިމްއަށް އެނގެއެވެ. ކޮޓަރި އާއި ދިމާލަށް ދިޔައިރު އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލެއް އަރައި ފައިބަމުން ދިޔައެވެ.
ކޮޓަރި ތެރެ ދިއްލާލުމުން އެނދުމަތީ ބަންޑުން އޮށޯވެލައިގެން އޮތް ޝެރީން ފެނުނެވެ. ހީވަނީ ޝެރީން ވެސް ނިދާފައި އޮތް ހެންނެވެ. އިރުއޮއްސުނުއިރު ވެސް ޝެރީންއަށް ހޭނުލެވުނީ ކަމަށްވެދާނެއެވެ. ޝެރީން ނިދާފައި އޮތުމުން ފޫހިވެގެން ނޫރާ ވެސް ނިދީ ކަމަށް ވެދާނެއެވެ. ސާރިމް އައިސް އެނދުކައިރީ ހުއްޓުނެވެ. އެނދުގެ އެއްފަރާތުގައި އޭނާ އިށީނެވެ. ޝެރީންއަށް ނުގޮވާ ބާއްވަން ވެސް ހިތަށް އެރިއެވެ. އެކަމަކު ފަރީނާ ލަސްވެގެން ގުޅާފާނެކަމުގެ ބިރަށް ސާރިމް އަތްޖައްސައިލީ ޝެރީންގެ ކޮނޑުގައެވެ.
"ބަލީތަ؟"
ޝެރީން ލޯ ހުޅުވައިލިތަން ފެނިފައި ސާރިމް އަހާލިއެވެ. ޝެރީން ބަލައިލީ ކޮޓަރި ތެރެއަށެވެ. ރޭގަނޑުވެއްޖެކަން އޭނާއަށް ވެސް އެނގުނެވެ. ހާދަ ގިނައިރަކު ޝެރީންއަށް އެހެން އޮވެވިއްޖެއެވެ. ސާރިމް އަންނަންވީއިރު އޭނާ ހަމައަކަށް އެޅިފައިވީކަން އެއީ ނަޞީބެވެ. ނުނިދި ނަމަވެސް ޝެރީން އޮތީ ލޯ މަރައިގެންނެވެ.
"ބޮލުގައި ރިއްސަނީ"
ގިނައިރު ރުއިމުގެ ސަބަބުން ބޮލުގައި ރިއްސައެވެ. ނިތްކުރި ވަނީ ރިހުމުގެ ސަބަބުން ހޫނުވެފައެވެ. ސާރިމްގެ ފިނި އަތް އޭނާގެ ނިތްކުރީގައި ބާއްވައިދިނީ ލޯބިންނެވެ. ޝެރީން ބުނުމަކައި ނުލައި އެއަތުން އޭނާގެ ބޯ މޮޑެދެންފެށިއެވެ.
"އަރާމުކޮށްލާ، އެނގޭތަ ނޫރާ އެބައޮތް ސިޓިންރޫމްގައި ނިދާފައި." ސާރިމް ބުނެލިއެވެ. ޝެރީން އަނެއްކާ ވެސް ދެލޯ މަރާލިއެވެ. ސާރިމްގެ ދެލޮލުން ފެންނަމުން ދިޔަ ލޯތްބާއި ކުލުނު ފެނި އޭނާއަށް އިހްސާސްވީ އޭނާ ކުށްވެރިވެފައިވާ މިންވަރެވެ. އެއީ ލިބުމަށް އެދުނަސް އޭނާއަށް ހައްޤުވާ އެއްޗެއް ނޫނޭ ހިތަށް އެރިއެވެ. އޭނާގެ ހިތް މޮޅިވެގެން ދިޔައެވެ. ސާރިމް އެއްޗެއް ނުބުނެ ހިމޭންވެގެން ދިޔައެވެ. އިރުކޮޅެއް ފަހުން ސާރިމް ވާހަކަ ދައްކަން ފެށިއެވެ.
"ޝެރީންގެ މަންމަ ގުޅި، ފޯނު ނުނަގާ ވާހަކަ ބުނީމައި މިއައީ، ހިމްނާ ގެއަށް އައި ވާހަކަ ބުނި، އޭނަ ގެއްލިގެންތަ އުޅުނީ؟" ސާރިމްގެ ޖުމްލަތަކުން ޝެރީންއަށް ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ހެންނެވެ.
"ހިމްނާ ގުޅާފައި ބުނި ގެއަށް އައި ވާހަކަ." އެކަން އާދައިގެ ކަމަކަށް ހަދަން ޝެރީން ބޭނުންވިއެވެ. ސާރިމްގެ ކަންފަތަށް ދާނީ އެ ހަޤީޤަތް އޭނާ ގެންދަން ބޭނުންވި ގޮތަކަށެވެ. ދޭތެރެއަކުން މަންމަ އާއި ޒުވާބުކޮށްފައި އައިސް އެގޭގައި ހިމްނާ ހުންނަކަން ސާރިމްއަށް އެނގެއެވެ.
ހިމްނާގެ ކޯލުގައި ހުއްޓާ ޝެރީންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ޝެރީންގެ ނަމުން ގޮވާލާފައި އަޑެއް ނީވުމުން އެ ކޯލް ހިމްނާ ކަނޑާލިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ގުޅިއެވެ. ގިނައިރު ވަންދެން ދެމީހުން ވާހަކަ ދެއްކި އެވެ. ހިމްނާއަށް ރައްކާތެރިކަމެއް ނެތްކަން ޝެރީންގެ ގާތުގައި ބުންޏެވެ. ޝެރީންގެ މައުލޫމާތު ކިޔައިދެން ހިމްނާއަށް މަޖުބޫރުވިއެވެ.
ޝެރީންގެ ކިބައިން ހިމްނާ ތަކުރާރުކޮށް މަޢާފަށް އެދުނެވެ. އެއްވެސް ބާރެއް ނެތް އަންހެންކުއްޖަކު ދައްކާނެ އިތުރު ހިތްވަރެއް ނެތެވެ. ޒައިން އަކީ ކާކުކަން އެނގޭ އެއްވެސް މީހަކަށް އޭނާގެ ކުރިމަތީ ދެކޮޅުހަދާކަށް ނުކެރޭނެއެވެ. އޭގައި ހިމްނާގެ ކުށެއް ނެތްކަން ޝެރީންއަށް ވިސްނެއެވެ.
"ކިހިނެއްވީ؟"
ޝެރީންގެ ބޯ މޮޑެދެމުން ދިޔަ ސާރިމްގެ ހަރަކާތްތައް ހުއްޓުމަކަށް އައީތީ އޭނާއަށް އަހައިލެވުނެވެ. ދެލޯ ހުޅުވައިލި ވަގުތު ފެނުނީ ދެލޯ މަރައިގެން އިނދެ ސާރިމް ތުންތަޅުވަމުން ދިޔަތަނެވެ. ދެން ކަނާތަށް ފުމެލާފައި ޝެރީންގެ ބޮލުގައި ފިރުމާލަދިނެވެ.
"ކުޑައިރުކޮޅަކުން ރަނގަޅުވެދާނެ." ސާރިމް އެކުރީ ކީއްކަން ޝެރީންއަށް އެނގުނެވެ. އޭނާގެ ތުންފަތް ފުޅާވެގެން ދިޔައީ ހިނިތުންވުމަކުންނެވެ. އޭނާގެ ބޮލުގައި ރިއްސާ ކޮންމެ ފަހަރަކު އެފަދައިން ސާރިމް ދުޢާކޮށްދެއެވެ. އަދި އެފަދައިން އަމިއްލައަށް ދުޢާކުރުމަށް ވެސް ބުނެއެވެ. އެކަމަކު ޝެރީންއަށް ޝިފާ ލިބޭ ކަމަށްވަނީ ސާރިމްގެ އަތުގެ ފިރުމުންތަކެވެ.
** **
އޭގެ ދެ ދުވަހެއް ފަހެވެ. ނުސްރާ އާއެކު ހަވީރު ބޭރަށް ނިކުން ދުވަހަކު ރަމްލާ އެކަނި އިންތަން ޝެރީންއަށް ފެނުނެވެ. ރަމްލާ އާއެކު އަންނަ ކުޑަ ފިރިހެން ކުއްޖާ މިއަދު ފެންނާކަށް ނެތެވެ.
"ނުސްރާއަށް އެނގޭތަ އެމީހާ؟" ލޮލުގެ އިޝާރާތުން ރަމްލާ ދައްކާފައި ޝެރީން އަހާލިއެވެ. ނުސްރާ ބަލައިލިއެވެ. ދެން މޫނަށް އެރި ކުލަވަރާއި ތުންފަތް ހަދައިލިގޮތުން އެއީ މާ ޚާއްސަ މީހެއް ނޫންކަން އެނގެއެވެ.
"ޝެރީންއަށް އެއްޗެއް ބުނީތަ؟" ނުސްރާ ކުރީ ސުވާލެކެވެ. އޭގެ ޖަވާބުގައި ޝެރީން ކިޔައިދިނީ ކުރީ ދުވަހު ނަސްރުމެންގެ ގެއިން އަންނަނިކޮށް ދިމާވި ކަންތަކެވެ. ޝެރީންގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވަނީ ރަމްލާ އެދުވަހު ބުނި ބަސްތަކެވެ. ފަޤީރުންގެ އެކުވެރިންނެއް ނުތިބެޔޭ ބުނި އަޑު ހީވަނީ ރަމްލާ ފެނުމުން އަލުން ކަންފަތުގައި ގުގުމައިގަތް ހެންނެވެ.
"އެއީ ދޮގެއް، އޭނަގެ ފިރިމީހާ އާމިރުގެ ދުނިޔޭގައި އުޅުނީ އެންމެ ފުދިގެން، އެއީ ރަށުގެ އެންމެ ފުދުންތެރިގެ، އެކަމަކު އޭރު އެގޭގެ ދޮރު ހުރީ ބަންދުވެފައި، ކައިރި އަވަށްޓެރިއަކާއި އަނގައިން ބުނީކީ ނޫން، އޭރު އެމީހުންނަށް ހީވަނީ މީހަކު ހިނިތުންވެލިއަސް އެމީހުންގެ ފަރާތުން ކަމެއް ބޭނުންވަނީއޭ، އެހެންވެ ފަހުން އެހެން މީހުން ވެސް އަޅައެއް ނުލާ، މިހާރު ފިރިމީހާ މަރުވެ އެކަނިވެރިވި ދުވަހު އަނގައިން ބުނާނެ މީހަކު ނެތް، އެކަމަކު ފަޤީރަކުނަމަ ކުޑަކުއްޖަކު ގެނެސްގެން ނުބަލާނެ،" ނުސްރާ ކިޔައިދެމުން ދިޔައެވެ. އެދުވަހު ރަމްލާ ބުނީ ވަކި ދޮގެއް ނޫނެވެ. އުމުރު ދޮށިވި ދުވަހު އަޅާލާނެ ޔާރެއް ނެތް ތަނުގައި ހިތުން ރުހުމުން ބަލައިލާނެ މީހަކު ވެސް ނެތީއެވެ.
"އެކުއްޖާ އަކީ އެމީހާ ބަލަން ގެނެސްގެން އުޅޭ ކުއްޖެއްތަ؟" ޝެރީން ހިތުގައި ކުލުނު އުފެދިގެން ދިޔައެވެ. އޭނާގެ މާޒީ އާއި މިހާރުގެ އުޅުން އެނގުމަކުން ވަކި ރުޅިވެރިކަމެއް ނެތެވެ. ނުސްރާ ކިޔައިދިނެވެ. އެކުއްޖާ އަކީ އާމިރު ނިޔާވުމުން ރަމްލާ އެކަނިވެރިކަން ފިލުވުމަށް ގެނައި ކުއްޖެކެވެ. މާބޮޑު ތަފްސީލެއް ނޭނގުނު ކަމުގައިވިއަސް އެއީ ކުރިން ދައުލަތުން ބަލަމުން އައި ކުއްޖަކަށްވިއަސް މިހާރު ބެލެނިވެރިކަން ރަމްލާގެ ނަމަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެއީ ވަރަށް އުދަނގޫ މަރުހަލާ އަކަށް ވާނޭކަން ޔަޤީނެވެ.
"ފަހަރެއްގައި އޭނާގެ މިޒާޖަށް އެކުއްޖާގެ ސަބަބުން ވަރަށް ބޮޑު ބަދަލެއް އަތުވެދާނެ، މުދަލުގެ ދަހިވެތިކަން އޭނާގެ ހިތުން ނެތި ދިޔައީ ކަމަށް ވެސް ވެދާނެ، ކޮންމެ ކަމަކީ ވެސް ވިސްނައިފި ބަޔަކަށް އިބުރަތެއް، ކުޑަކުއްޖަކު ބަލައި ބޮޑުކުރުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަން ޔަޤީން، އޭނާގެ އަތުގައި އެވަރަށް ފައިސާ ހުންނާނެތަ؟ ނުސްރާ، އަހަރެން ބޭނުން އެހީވާން." ޝެރީން ފަސް އެނބުރި ބަލައިލިއިރު އެތަނުގައި ރަމްލާއެއް ނެތެވެ. ގެއަށް ދިޔައީ ކަމަށް ވެދާނެއެވެ. އެގެއަށް ދާން ޝެރީންގެ ހިތަށް އަރަމުން ދިޔައެވެ.
"ޝެރީން، އޭނަ އެއްވެސް މީހަކު ދޭ އެއްޗެއްގައި ނުވެސް އަތްލާނެ. އެގެއަށް އަހަންނަކަށް ނުކެރޭނެ ދާކަށް،" ނުސްރާ ދެކޮޅު ހަދަނީ ކަމެއް ނޫނީ ކަމުގެ ހަޤީޤަތް ކިޔައިދެނީ ކަމެއް ނޭނގެއެވެ. ނުސްރާގެ ޖަވާބުން މާޔޫސްވެފައި ޝެރީންއަށް ބަލައިލެވުނެވެ. މިވަގުތު ނޫނަސް އޭނާ އެގެއަށް ވަންނަން ބޭނުމެވެ.
** **
ސާރިމް މަސައްކަތް ނިންމާފައި މިއަދު މާއަވަހަށް އައިސް ވަންތަން ފެނި ނޫރާ ދުވެފައި ގޮސް ބައްދާލިއެވެ. ޝެރީން އާއެކު ކޮފީ ބޯން އިން ނުސްރާ ކައިރީ މަޑުކޮށްލަން ބުނެފައި ޝެރީން ތެދުވެ ސާރިމް ކައިރީ ސައިބޯން އަންނަން ބުނެލިއެވެ. ސާރިމް މިއަދު ވެސް އައީ ނަސްރު އާއެކު ހޮޓަލުން ސައިބޮއިގެންނެވެ.
ޝެރީން އެނބުރި އާއިރު ނުސްރާ އިނީ ފޯނުން މެސެޖެއް ލިޔާށެވެ. ނުސްރާގެ ފޯނު ވައިބްރޭޓްވާ އަޑު މެދުނުކެނޑި އިވެމުން ދިޔައެވެ. ހީވަނީ އޭނާ ރައްދު ދިނުމާއެކު އަނެއްކާ ވެސް މެސެޖުތަކެއް އަންނަނީ ހެންނެވެ. މަޑުމަޑުން އިނދެ ޝެރީން ކޮފީ ތަށި ބޮއި ހުސްވިއިރު ނުސްރާގެ ތަށި ހުރީ ހުރިގޮތަށެވެ.
"ނުސްރާ" ޝެރީން ގޮވާލީ ކޮފީ ތަށި ހިހޫވެ އިސްރާފު ވެދާނެތީއެވެ. ސިހިފައި ނުސްރާ ބަލައިލިއެވެ. އޭނާ ޝެރީންގެ މޫނަށް ބަލައިލާފައި ހިނިތުން ވެލަން މަސައްކަތް ކުރިއެވެ. އެކަމަކު މާ އަވަހަށް ފަނޑުވެގެން ދިއުމުން ޝެރީންއަށް މާނަ ނެގުނީ މިވަގުތު ނުސްރާ ޒުވާބެއްގެ ތެރޭގައި އުޅޭހެންނެވެ.
މިރަށަށް އައި ފަހުން ވީ ހަފްތާއެއްހާ ދުވަސް ތެރޭ ނުސްރާ އާއި އެކުވެރިކަން އުފެދިއްޖެއެވެ. އެކަމަކު އެއްވެސް މީހަކު އިސްވެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ހިއްސާއެއް ނުކުރެއެވެ. ނުސްރާއަކީ ކިޔަވައިގެން ހުހަށް ހުރި ކުއްޖެކެވެ. ވަޒީފާއަކަށް ވެސް ނުދެއެވެ.
"ބޯއީ ފްރެންޑާ ދެމީހުން ފައިޓް ކުރަނީތަ؟" ޝެރީން އަހާލި އެވެ. ނުސްރާ ފޯނު ބޭއްވީ މޭޒުމަތީ ބަންޑުންނެވެ.
"ވަރަށް އާއްމު ކަމެއް." ނުސްރާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނެތެވެ. އޭނާ ކޮފީތަށި ނަގައި ކޯވަރެއް ބޯލީ ޝެރީން އާއި މޫނު ހަމަކުރަން ނުކެރިގެންނެވެ. އުމުރުން އަށާވީސް އަހަރުވެ އުމުރު ހުސްވާއިރު މައިންބަފައިން އަބަދު ކުރާ ޝަކުވާއަކީ އަވަހަށް ކައިވެނި ނުކުރާތީ އެކަމުގެ ޝަކުވާއެވެ. ނުސްރާގެ ޚިޔާލާއި ވިސްނުމުގައި ހަރުދަނާ ފިރިހެނަކު ލިބޭއިރަށް ކައިވެނިކުރަން ރޭވިފައި އޮތް ނަމަވެސް އޭނާގެ ލޯބިވެރިޔާއަކީ އެފަދަ ވިސްނުމެއް ގެންގުޅޭ މީހެއްހެން ހިއެއް ނުވެއެވެ.
ނުސްރާ ދިން ޖަވާބާމެދު ވިސްނަން ޝެރީންއަށް އިނދެވުނެވެ. އާއްމުކޮށް އަރާރުންވާނަމަ އެ ދިރިއުޅުމުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ. ތަކުރާރުކޮށް އެއްކަމަކާ ރޯންވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމަކާ ދުރުވެ ހުރުމެވެ. އެއީ ޝެރީން ތަހައްމަލުކުރި ކަންތައްތަކެކެވެ.
"ޝެރީން އާއި ސާރިމް ރައްޓެހިވެގެން އުޅުނީ ކިތައް އަހަރު؟" ނުސްރާ ވެސް ކުރީ ޒާތީ ސުވާލެކެވެ. ޝެރީން އަށް ބަލައިލެވުނީ ސިޓިން ރޫމުގައި ނޫރާ އާއެކު ކުޅެން ހުރި ސާރިމްއަށެވެ. އެއީ އޭނާގެ ހިތުގެ ދިރުމެވެ.
"ސާރިމް އެހީ ކައިވެންޏަށް، ނުވާނެ މަހެއް ވެސް، ކައިވެނި ކުރީ، އެންމެން ވެސް ބުނޭ ދަސްނުވަނީސް ކައިވެނިކުރީމަ ޖެހޭނީ މައްސަލައޭ، އެކަމަކު އަލްހަމްދުލިﷲ، ނުޖެހޭ އެއްވެސް މައްސަލައެއް." ޝެރީން ގެ ނަޒަރު ހުރީ ސާރިމްއަށެވެ. އެއީ އޭނާއަށް ލިބުނު ނަޞީބެކެވެ. ދިރިއުޅުމުގެ އުފާވެރިކަން އިހްސާސްވެ ދަސްވާން ފެށީ ސާރިމް އާއި ގުޅުނު ފަހުންނެވެ.
"އިރާދަކުރެވިއްޔާ ނުސްރާއަށް ވެސް ސާރިމް ފަދަ ފިރިއަކު ލިބޭނެ، ހުރިހާ ވެސް ކަމަކީ އެމީހެއްގެ ހިތްވަރު، ބައެއް ފަހަރު އެމީހަކާނުލައި ނޫޅެވޭނެހެން ހީވާ މީހާ އާއި ދުރުގައި އުޅެން ޖެހުމުން އެނގޭނެ އެއީ އެންމެ ރަނގަޅު ގޮތްކަން." ނުސްރާއަށް ވިސްނައިދެން ޝެރީން މަސައްކަތް ކުރީ އުފާވެރިކަމާއި ދިމާލަށް ހިނގަން ޖެހޭނީ އެމީހަކު އަމިއްލައަށް ކަމެވެ. އެއީ ކިތަންމެ އުދަނގޫ މަގަކަށްވިއަސް ފަހުން އެކަމާމެދު ފަޚުރުވެރިވާނެ ކަމެވެ.
ޝެރީންގެ ފޯނު ރިންގުވީ އެވަގުތެވެ. ސްކްރީނުން ފެންނަން އިން މަންމަގެ ނަން ފެނިފައި ނުސްރާއަށް އިޝާރަތް ކޮށްލެވުނީ މަޑުކޮށްލާށެވެ. އެތަނުން ތެދުވެ ބަދިގެ ފަރާތުން ބޭރަށް ނިކުންނަމުން ފޯނަށް ޖަވާބު ދިނެވެ.
"ދަރިފުޅު ކީއްވެތަ ރައްޓެއްސަކު ފޮނުވަމުން މަންމަ ކައިރީ ނުބުނީ؟" އޭނާގެ މަންމަ ކުރީ ހީނުކުރާ ކަހަލަ ޝަކުވާއެކެވެ. ޝެރީން ހައިރާންވީ އޭގެ އެއްވެސް ކަމެއް އޭނާއަށް އެނގިފައި ނެތުމުންނެވެ.
"ކާކު؟" ޝެރީން ކުރި ސުވާލާއެކު ފަރީނާއަށް ޖަވާބު ދޭން ނޭނގިގެން އުޅުނެވެ. ކުޑައިރުކޮޅެއް ފަހުން އިވުނީ އެމީހަކު ކައިރީ ޝެރީން އާއި ވާހަކަ ދައްކާށޭ ބުނެލި އަޑެވެ. އެހުރިހާ ކަމަކަށް ސަމާލުކަން ދީގެން ހުއްޓާ ޝެރީންގެ ކަންފަތުގައި ޖެހުނީ އެ އަޑެވެ. އެއާއެކު އޭނާއަށް ހީވީ ގަދަ ފަދަ ތޫފާނަކާއެކު އޭނާގެ ބޮލަށް ހޮނު އެޅިހެންނެވެ. (ނުނިމޭ)