ރަމްލާގެ ދެލޯ ފުރެމުން ދިޔައެވެ. އޭނާގެ އުނަގަނޑާއި ހަމަޔަށް އަންނަ ދަރިފުޅުގެ ބޮލުގައި ރަމްލާ ފިރުމާލިއެވެ. އޭނާ ސިހުނީ ޝެރީން ފެނިގެންނެއް ނޫނެވެ. "ނޫރާ" އެ ނަން އަހާފައެވެ.
ވިޔަން އިން ފަންގަނޑު ނަގައި ކިހިލި ޖަހަމުން އަނެއް އަތުން އެކުއްޖާގެ އަތުގައި ހިފައިގެން ރަމްލާ ހިނގައިގަތެވެ.
** **
ސާރިމް މަސައްކަތުން އެނބުރި އައިސް ދޮރުން ވަންތަނާއި ނޫރާ ދުވެފައި އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. ގުދުވެފައި ނޫރާ ނަގައި އުރާލަމުން ސާރިމް ނޫރާގެ މޫނަށް ބަލައިލިއިރު ފެނުނީ ބައްޕަ ފެނިގެން ހިނި އައިސް އިން ތަނެއް ނޫނެވެ. ކަމަކާއި ހިތްހަމަނުޖެހި ތުންކޮޅު އޫކޮށްލައިގެން އިންތަނެވެ.
"ކިހިނެއްވީ ދޫނީ؟" ސާރިމް ގޮސް ސޯފާގައި އިށީންނަމުން އަހާލިއެވެ. ކޮޓަރިން ނިކުމެ ޝެރީން މަޑުކޮށްލައިގެން ހުރީ ނޫރާ ބުނާ އެއްޗެއް އަޑުއަހާށެވެ. ނޫރާ ކިޔައިދިނީ މިއަދު ރައްޓެއްސަކާއި އެކު ކުޅެން ހުއްޓާ ކުއްލިއަކަށް މަންމަ ގެއަށް ގެނައި ވާހަކައެވެ.
"މަންމަ ކައިރީ ދަރިފުޅު އެހިންތަ އެހެން ހެދީ ކީއްވެގެންތޯ؟" ޝެރީންގެ މޫނަށް ބަލާލައިފައި ސާރިމް ސަމާލުކަން ދިނީ ނޫރާއަށެވެ. ނޫރާ އިސްޖަހައިލިގޮތުން އެ ސުވާލު ނުކުރާކަން އެނގެއެވެ. ނޫނީ އޭގެ ޖަވާބުވެސް އެނގެއެވެ.
"އެއީ މަންމަ ކައިރިން ހުއްދަ ނުހޯދައި ނޫރާ ބީޗަށް ދިޔާމަ" ޝެރީން އައިސް ސާރިމްގެ ކައިރީ އިށީނެވެ. ޝެރީންގެ އަޑުގައި ނުރުހުންވުމެއް ނެތެވެ. މިހާރު ޝެރީންގެ ރުޅި ވަނީ މަޑުވެފައެވެ. ގެއަށް އައިސް އިރުގަނޑަކު ނޫރާ ރުޔެވެ. އޭނާ ކުޅެ ނުނިމެނީސް ގެއަށް ގެނެސްގެން އެކަމާއެވެ.
"ފުޅިއަށް ފެން އަޅަން ދިޔައީ، ގޭގައި ކުޅެން ނެތް ޓޯއީއެއްވެސް" އެންމެ ފަހުން ނޫރާގެ ޝަކުވާތައް ހުރީ ޝެރީން ކުށްވެރިކުރުވާ ގޮތަށެވެ. އެމީހުން އަންނަމުން ނޫރާއަށް ބައެއް ތަކެތި ގެނައެވެ. އޭގެތެރޭގައި ނޫރާ އެންމެ ކުޅޭ ހިތްވާ އެއްޗެހިވެސް ހުންނާނެއެވެ.
ޝެރީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ނޫރާ ހިތްހަމަޖައްސައިދެން ސާރިމްއަށް އެނގޭނެއެވެ. ސާރިމްއަށް ވަގުތުކޮޅެއްދޭން ޝެރީން ބޭނުންވިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ފެނުނީ ސާރިމް އައިސް ވަންތަނެވެ. ސާރިމް އައިސް ޝެރީންގެ ގާތުގައި އިށީނެވެ.
"ކިހިނެއްވީ؟" ސާރިމް އިށީދެފައި ކަރު އެލުވައިލިގޮތުން ޝެރީން އަހާލިއެވެ. ސާރިމްގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އޭނާ އިސްއުފުލައި ޝެރީންގެ މޫނަށް ބަލައިލަން ގަސްތުނުކުރާ ކަހަލައެވެ.
"މިތަނުގައި އަހަރެމެންގެ ދަރިފުޅު ވަރަށް އެކަނިވާނެ، އާއިލާގެ މީހަކުވެސް ހުރިތަނެއް ނޫން މިއީ." ސާރިމް ހިތުގަ ޖެހިފައިވީ ނޫރާގެ ލޮލުން އައި ކަރުނަ ފެނިފައެވެ. ޝެރީން ހީކުރީ ނޫރާ ރުއްސަން ސާރިމްއަށް އެނގޭނެކަމަށެވެ. އެކަމަކު ސާރިމްގެ ފަރާތުން ފެންނަނީ ނޫރާގެ ބަހަށް ހެއްލި ކަރު އެލުވައިލިތަނެވެ.
"ނޫރާ ސްކޫލަށް ފޮނުވުމުގެ ކަންތައް އަހަރެން އެބަ ކުރިއަށް ގެންދަން، އޭރުން ނޫރާއަށް އެކަނިވެރިކަން އިހްސާސްވުން ކުޑަވާނެ، އެކުވެރިންވެސް ލިބޭނެ. ސާރިމް، އެއްވެސް އިންސާނަކު މިތާގައި ބާކީއެއް ނުވާނެ." ޝެރީން އަށް ބުނެވުނެވެ. ސާރިމްގެ ހިމޭންކަން ފެނި އޭނާގެ ދޫ ވެސް ހިމޭންވެގެން ދިޔައެވެ. އަދި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
ނޫރާ އާއި ސާރިމް މިތަނަށް އައީ އެމީހުންގެ ހިތާއި ދެކޮޅަށެވެ. ހަމައެކަނި ޝެރީންގެ ނުފޫޒުންނެވެ.
"އަހަރެން ޝުކުރުވެރިވަން ސާރިމް އަހަންނާއި އެކު މިރަށަށް ދިރިއުޅުން ބަދަލުކުރަން އައީތީ." ޝެރީންއަށް ބުނެވުނެވެ. އޭނާގެ މޭ ފިތިގެން ދިޔަ އިހްސާސްވިއެވެ. އެތައް ވާހަކަތަކެއް އެތަނުގައި ރައްކާރެވިފައި ވިއެވެ. އެއީ މިއަދު ބުރައަކަށް ނޫނީ ނުވެއެވެ. އެކަމަކު ބައެއް ކަންތައްތައް ރަނގަޅީ ވަންހަނާ ވުމެވެ.
ޝެރީން ތެދުވަން ގަސްތުކުރީ ދެލޯ ފުރެމުން އަންނާތީއެވެ. އޭނާ ތެދުވި ވަގުތު ސިހުނީ ސާރިމް އޭނާގެ އަތުގައި ހިފުމުންނެވެ. ސާރިމްއަށް ފުރަގަސްދީގެން ހުރެވުނުކަން ނަޞީބެވެ. ހިންދިރުވާލެވުނީ އެއާއި އެކު އޭނާގެ ކަރުނަތައްވެސް ހިނދިގެން ދޭތޯ ދުޢާކުރަމުންނެވެ.
"އެނީތިން ފޮރ ޔޫ" ސާރިމްގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އަބަދުވެސް އެ ސިފަ ނޫނީ ޝެރީންއަކަށް ނުފެނެއެވެ.
ސާރިމް ތެދުވެފައި އައިސް ހުއްޓުނީ ޝެރީންގެ ފުރަގަހުންނެވެ. ސާރިމް އެއްޗެއް ބުނަން އުޅޭހެން ހީވެ ޝެރީން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެކަމަކު ބަސްބުނުން ދޫކޮށްލާފައި ސާރިމް ކައިރިވެފައި ބައްދައިލީ ޝެރީން ބަނޑާއި ދިމާލުންނެވެ. ޝެރީންގެ ކޮނޑުގައި ދަތްދޮޅި ވިއްދާލިއެވެ. ސާރިމްގެ ހޫނު ނޭވާ އާއި އޭގައިވި މީރުވަސް އޭނާގެ ނޯށުގައި ޖެހުނެވެ.
"ސާރިމް" އަރުތެރެ ހިކިވެ ޝެރީންގެ ދެތުންފަތުން ސާރިމްގެ ނަން ބޭރުވީ ކިރިޔާއެވެ. މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ސާރިމް ދެއަތް ތިރިކޮށްލާފައި ޝެރީންގެ ހަށިގަނޑު އޭނަ އާއި ދިމާލަށް އަނބުރައިލިއެވެ. އެސްފިޔަޖަހާލައިފައި ލޯ ހުޅުވިއިރު ސާރިމްގެ ދެއަތްތިލަ ގެނެސް ޝެރީންގެ މޫނު ދެފަރާތުގައި ހިފަހައްޓާލިއެވެ. އަނެއްކާވެސް އޭނާގެ ދެލޯ މެރުނީ ސާރިމް އޭނާގެ ތުންފަތުގައި ބޮސްދިނުމުންނެވެ.
ދެހަފްތާވަންދެން ނުރުހުމާއި ހިތްހަމަނުޖެހުމުގައި އޮތް ދެހިތުގައި އެކަކު އަނެކަކަށް އިހްސާސްތަކެއްވާކަން ހާމަވީ ދެމީހުންގެ އަމަލުންނެވެ. މަޑުމަޑުން މަރުވަމުން ދިޔަ ލޯބީގައި ކުރިލައި ހެދިގެންފަދައެވެ. ނޫނީ ކަރުހިއްކައިގެންފައިވާ ދެ ނަފްސު ފަދައެވެ. ދުރަށް ދާން ނޫނީ އެކަމުން މަނާވެގަންނަން ދެމީހުންވެސް ބޭނުން ނުވާފަދައެވެ.
** **
ޝެރީންގެ ފޯނު ރިންގުވި އަޑަށް ސާރިމް އާއި ދުރަށް ޖެހިލައި ޝެރީންއަށް ބަލައިލެވުނެވެ. ސާރިމް އޮތީ ހަށިގަނޑަށް ލިބުނު ލޮޑުކަމާއި އެކު ފުން ނިންޖެއްގެ ތެރޭގައެވެ. ގައިމަތީ އޮތް ރަޖާ އެއްފަރާތްކޮށްލަން އުޅެފައި ޝެރީންއަށް ބަލައިލެވުނެވެ. އޭނާ ތެދުވީ ރަޖާ ގެނެސް ކޮނޑާއި ހަމަޔަށް އޮޅާލައިގެން ކަހަލަ ގޮތަކަށެވެ. ފޯނުގެ ރިންގު ކެނޑިދާނެކަމުގެ ބިރާއި އެކު ޝެރީން އަވަސްކުރަމުން ދިޔައީ އެތަން މިތަނުގައި ހުރި އަންނައުނުތައް ހޮވާ ގެނެސް ހަށިގަނޑު ރައްކާތެރިކުރެވޭތޯއެވެ.
"ހަލޯ" ފޯނު ނަގައި ކަންފަތުގައި ޖަހަމުން ޝެރީންއަށް ބުނެވުނެވެ.
"ދަރިފުޅު އެންމެ ފަހުން ހިމްނާއަށް ގުޅީ ކޮންއިރަކު؟" ފަރީނާ ކުރި ސުވާލާއި އެކު ޝެރީން ކަންބޮޑުވިއެވެ. އޭނާ މިރަށަށް އައިފަހުން އަދި ހިމްނާ އާއި ވާހަކަ ދެއްކުމުގެ ނަޞީބެއް ނުލިބެއެވެ. ހިމްނާ ގުޅާފައި އޮތްތަން ފެނި ޝެރީން ގުޅާލި ނަމަވެސް ހިމްނާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭގެފަހުން މި ދެދުވަހަކު އެކަމާއި އަދި ނޫޅެވެއެވެ.
"އޭނަ ފޯނު ނަގައިގެންނު ގުޅޭނި. ކިހިނެއްވީ މަންމާ؟" ޝެރީންއަށް ކަމެއް ގޯސްހެން ހީވާން ފެށިއެވެ.
"މިގޭގައި އެބައިން ޝިރުނީމާ އައިސް،، ހިމްނާގެ ޚަބަރެއް ނުވެގެން." ފަރީނާ ގެ ޖަވާބު އަހާފައި ޝެރީންއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ހިމްނާގެ ފޯނު ނިއްވާލާފައި އޮތުމާއި ގެއަށް އެނބުރި ނައުމުން ޝިރުމީނާ އިނީ ކަންބޮޑުވެފައެވެ. ހިމްނާގެ މައުލޫމާތު އެނގޭ އެންމެންގެ ކައިރިއަށް ޝިރުމީނާ ހިނގަމުން ދަނީ އުއްމީދާއި އެކުގައެވެ. އޭނާ ފުލުހުންނަށް ހިމްނާ ގެއްލިގެން ރިޕޯރޓްވެސް ކޮށްފިއެވެ.
** **
ފޯނު ތިރިކޮށްލާފައި އެނދުމަތީ ޝެރީން އިށީނެވެ. ޝިރުމީނާ އެދުނީ ހިމްނާއަށް ޝެރީން ގުޅުމަށެވެ. އެ މަންމަ ދެކެ ރުޅި އައިސް ހުއްޓަސް ޝެރީންއަށް ޖަވާބު ދީފާނެކަމުގެ އުއްމީދު އޮތީމައެވެ. ގެއިން ނިކުމެގެން ހިމްނާ އެތައް ފަހަރަކު ދެއެވެ. އެއިން ކޮންމެ ފަހަރަކު ހިމްނާ އައިސް ވަންނަނީ ޝެރީންގެ ގެއަށެވެ. މަޔަކާއި ދަރިއެއްގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ޤަދަރެއް އެމީހުންގެ ކިބައިން ނުފެނެއެވެ. އޭނާގެ ގޭގައި ހިމްނާ ދެތިންދުވަސްވަންދެންވެސް ހުރެއެވެ. ޝިރުމީނާ ގުޅާނީ ހިމްނާ ހުރިތޯ ޔަޤީންކުރާށެވެ. އޭގެފަހުން ހިމްނާ ހުރީ ކައިގެންތޯވެސް ނުބަލާނެއެވެ.
މިފަހަރުވެސް ކަމަކާއި ޒުވާބެއް ކުރުމަށްފަހު ނޫނީ ހިތްހަމަނުޖެހިގެން ދިޔައީ ކަމަށް ވެދާނެއެވެ. އެކަމަކު ޝެރީންއަށް ނުގުޅީ ކީއްވެކަމެއް ނޭނގެއެވެ. އެދުވަހު ފޯނު ނުނެގުނީތީ އެކަމާއި ހިމްނާ ރުޅި އައީ ނޫންކަމެއް ނޭނގެއެވެ. ޝެރީން ތަކުރާރުކޮށް ހިމްނާގެ ފޯނަށް އެތައް ފަހަރަކު ގުޅިއެވެ. އެކަމަކު މާޔޫސްވެ ހުއްޓާލީ އެ ފޯނު ނިއްވާލާފައި އޮތީމައެވެ.
** **
ހުކުރު ދުވަހުގެ މެންދުރު ކެއުން ހަމަޖެހިފައިވަނީ ނަސްރުމެންގެ ގޭގައެވެ. އެކަމަކު ކައި ނުނިމި އުޅެނިކޮށް ސާރިމްއަށް ފޯނެއް އައިސްގެން ދާންޖެހުނެވެ. ސާރިމް ކަންބޮޑުނުވެ ދިއުމަށް ނަސްރު އެދުނެވެ. އޭނާ ޝެރީން އާއި ނޫރާ ގެއަށް ގެންގޮސްދޭނަމޭ ބުންޏެވެ. އެގޭގެ ކުދިންނާއި އެކު ނޫރާ ގުޅިގެން ކުޅެން އުޅޭތަން ފެނުމުން އަވަހަށް ގެއަށް ދިއުމުގެ ޚިޔާލެއް ޝެރީންގެ ނެތެވެ.
ނަސްރު ކައިރީ ކަންބޮޑުނުވުމަށް ޝެރީން ބުންޏެވެ. ގެއާއި ހަމަޔަށް ދާން އެނގޭނެކަމަށް ޝެރީން ބުންޏެވެ. ނުސްރާ އާއި އެކު ރަށުތެރެއަށް ބައެއް ދުވަސްތަކުގައި ނުކުމެވޭތީ މިހާރު އެކަނި އުޅެލަން އެނގޭނެކަމުގެ ޔަޤީންކަން އޮތެވެ.
ނަސްރުގެ ދައުވަތަށް އެގެއަށް ގޮސް އައި ދުވަހަކު އަނެއްކާވެސް ނޫރާއަށް ގަސްދޮށުގައި ކުޅެން އިންދާ އެ ފިރިހެންކުއްޖާ ފެނުނެވެ. ނޫރާ ފެނުމާއި އެކު ކުރީ ދުވަހެކޭ އެއްފަދައިން އެކުއްޖާގެ ސަމާލުކަންވެސް ހުރީ ނޫރާއަށް ހުސްވެފައެވެ. މިއަދުވެސް އެ ފިރިހެންކުއްޖާއާ ކައިރީގައި ފަންގި ވިންނަން ރަމްލާ އިނެވެ.
ނޫރާ ފެނުމާއި އެކު ރަމްލާ ތެދުވި ގޮތުން ޝެރީން ހިތްބިރުގަތެވެ. އެކުއްޖާ އާއި ހަމަޔަށް ނޫރާއަށް ނުދެވެނީސް ރަމްލާ ގޮސް އެކުއްޖާގެ އަތުގައި ހިފައި ދާން އަންނާށޭ ބުނެލިއެވެ. ޝެރީން އަށް އެ މަންޒަރު ފެނި އަސަރުކުރިއެވެ.
"ދައްތާ"
ރަމްލާގެ ފިޔަވަޅު ހުއްޓުނުތަން ފެނި ޝެރީންއަށް ހިތްވަރު ލިބުނެވެ. ކުދިންގެ އުފަލަށް ހުރަސް އަޅާ ބަޔަކު ކަމުގައި ވާން ޝެރީން ބޭނުމެއް ނޫނެވެ. އެދުވަހު އެކުއްޖާ އާއި އެކު ކުޅެން ހުއްޓާ ނޫރާ ގަދަކަމުން ގެންދިއުމުން ދެރަވާނެ ވަރު ވިސްނުނީ އެ އަސަރު މިއަދު ނޫރާގެ މޫނުމަތިން ފެންނަން ހުރީމައެވެ.
"އެދުވަހު ކަންތައް ކުރެވުނު ގޮތުން އަހަރެން މިހުރީ ދެރަވެފައި،" ޝެރީން ގެ މޫނަށް ރަމްލާ ފަސްއެނބުރި ބަލައިލިއެވެ. އޭނާ ބުނަން އުޅެނީ ކީކޭކަން ރަމްލާއަށް ފަހުމްވެގެން ދިޔައެވެ.
"އަހަރެން މިއުޅެނީ އެދުވަހުގެ ބަދަލު ހިފާކަށް ނޫން." ރަމްލާ ގެ އަޑު އައީ މަޑުމައިތިރިކޮށެވެ. އެއަޑުގައި ފޮރުވިފައި ރިހުމެއްވިއެވެ. އޭނާގެ ދެލޮލުން ފެންނަންހުރި ރުޅިވެރިކަމުގެ ނިވަލުގައި ހިތާމަ އާއި ހިތްދަތިކަން ވެއެވެ. ސުވާލު އުފެދިފައި ޝެރީންއަށް ހުރެވުނެވެ.
"ފަގީރުންގެ އެކުވެރިންނެއް ނުތިބޭނެ،" ރަމްލާގެ ބަސްތަކުން ޝެރީންއަށް ހީވީ އެއީ ރުވާފައި ދޫކޮށްލި ތީރުތަކެއްހެންނެވެ.
ބަސްހުއްޓިފައި ޝެރީންއަށް ހުރެވުނެވެ. އޭނާގެ ލޯކުރިމަތިން ގޮސް ރަމްލާ ގެއްލުނުއިރުވެސް ޝެރީންއަށް ހުރެވުނެވެ. ރަމްލާ ބުނި ޖުމްލަ އޭރުވެސް އޭނާގެ ކަންފަތްތެރޭ އިވިއިވި ހުރި ފަދައެވެ.
ނޫރާގެ އަތުގައި ހިފައިގެން ޝެރީން މަޑުމަޑުން ހިނގައިގަތެވެ. ނޫރާ ވެސް ހުރީ ފެނުނު މަންޒަރަށްފަހު ހިމޭންވެފައެވެ. އޭނާގެ ލޯކުރިމަތިން އެކުއްޖާ ގެންދިޔަތަން ފެނި ޖެހިލުންވެފައެވެ.
ގެއަށް އައިތަނުން ލިބުނީ ހިމްނާގެ ފޯނު ކޯލެކެވެ. އެއީ މި ދެދުވަހު އެއްވެސް ޚަބަރެއް ނުވެ ހުރެފައި ހިމްނާގެ ފަރާތުން އައި ފުރަތަމަ ކޯލެވެ. ޝެރީން ހަލޯއޭ ބުނެލާފައި ހިމްނާއަށް ގޮވާލެވުނެވެ. ހިމްނާގެ ފަރާތުންވެސް އިވުނީ ޝެރީންގެ ނަމުން ތަކުރާރުކޮށް ގޮވާލިއަޑެވެ. ހިމްނާ ހުރީ ކޮންތާކުތޯ ޝެރީން އަހާލިއެވެ. އޭގެ ޖަވާބު ދިނުމުގެ ބަދަލުގައި ހިމްނާ ބުނި އެއްޗަކުން ޝެރީން އަށް ހުރެވުނީ ނޭވާލާން ނޭނގިފައެވެ.
"ޒައިން އަހަރެން މަރާލާފައި ވިއަސް ޝެރީން އާއި ހަމަޔަށް ދާނެ" ހިމްނާގެ އަޑު ބިރުން ތުރުތުރުއަޅާ ކަހަލައެވެ. އޭގެ އިތުރުންވެސް ހިމްނާ އެހެން އެއްޗެއް ބުނިހެން ހީވެއެވެ. އެކަމަކު އޭގެކުރިން އޭނާގެ އަތުން ފޯނު ސޮއްސާލައިގެން ތިރިއަށް ވެއްޓުނެވެ. ޒައިންގެ ނަމާއި އެކު ޝެރީންއަށް ހީވީ މަރުގެ ރަހަ އަރުތެރޭގައި ލީހެންނެވެ.
(ނުނިމޭ)