ފަންސާސްތިންވަނަ ބައި
"އޯލް އޮފް ދެޓް ހެޕެންޑް އޮންލީ ބިކޯޒް އޮފް މީ" ފަހަތުގައި ހުރި މީހާގެ ގައިގައި ޖެހިފައި އަނާރް މަޑުޖެހުނެވެ. އެހިނދު އެނބުރިފައި އަނާރް އެމީހަކުގެ މޭގައި ބޯއަޅައިފިއެވެ. އޭނާއަށް އެކަން އެގޮތަށް ކުރެވުނީ އެވަގުތު ފިރިމީހާގެ އޯގާތެރިކަމަށް ބޭނުންވެފައި ހުރި ވަރުންނެވެ. ހިތަށް ކުރި އަސަރުތަކެއްގެ ސަބަބުން އެއީ ކާކުތޯ ބަލައިލަން އޭނާ ހަނދާންނެތުނީއެވެ.
ދުރުދުރުގައި ފިޔަވަޅު އަޅަމުން އެދިމާލަށް އައި ޝުހޭލަށް އެމަންޒަރު ފެނުމާއެކު ހުއްޓެވިއްޖެއެވެ.
ލަސްލަހުން ފިޔަވަޅު އަޅަމުން އައި ޝުހޭލް ހުއްޓުނީ އަނާރާ ދާދި ގާތުގައެވެ. އަނާރް ބޯއަޅައިގެން ހުރި މީހާގެ މޫނަށް ބަލައިލާފައި ޝުހޭލް ބަލައިލީ ރޮމުންދިޔަ އަނާރްގެ މޫނަށެވެ. އެތަން ފެނިގެން ޝެޒާވެސް އައިސް އަނާރާ ދާދި ގާތުގައި ހުއްޓިއްޖެއެވެ. އަނާރްގެ ކޮނޑުގައި ދެއަތުން ޝުހޭލް ހިފަހައްޓައިލީ އެމީހާ އަނާރްގެ ބުރަކަށީގައި ދެއަތް ވަށައިލި ވަގުތުއެވެ. ޝުހޭލާ ހަތަރުކަޅި ހަމަވުމާއެކު އަނާރް އެމީހަކާ ދުރަށް ޖެހިއްޖެއެވެ. ޝުހޭލްގެ ދެއަތުގެ ތެރެއަށް ވަންގޮތަށް ވަގުތުގެ ބޭނުންހިފި ޒުވާނާއަށް ބަލައިލައިފިއެވެ. އެހިނދު އަނާރްގެ ރުއިމަށްވެސް ހުއްޓުމެއް އައި ކަހަލައެވެ. ވިސްނާނުލާ ކުރެވުނު ކަމަކުން އަމިއްލަ ނަފްސު ކުއްވެރި ކުރެވިއްޖެއެވެ.
"ސޮރީ" އަނާރްގެ ބަދަލުގައި އަބާންގެ ކިބައިން މަޢާފަށްއެދުނީ ޝުހޭލްއެވެ. ދެޖީބަށް އަތް ޖަހާލާފައި އަބާން އެތަނާ ދުރަށް ޖެހިލައިފިއެވެ. އޭނާ ގޮސް މަޑުޖެހުނީ އަނާރް ފެންނާނެހެން ތަންކޮޅެއް ދުރުގައެވެ.
"ސޮރީ. އަހަރެން ހީކުރީ" އަނާރަށް އިތުރަށް ރޮވިއްޖެއެވެ.
"ހުރިހާކަމެއް ރަނގަޅުވާނެ. ދެރަނުވޭ" އަނާރްގެ ބޮލުގައި ބޮސްދެމުން ޝުހޭލް ބުނެލިއެވެ. އަނާރްގެ ހާލަތު އޭނާއަށް އިހުސާސް ކުރެވެއެވެ.
***
ޒައިނާ އާ އަކާޝްގެ ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައެވެ. ކައިވެނީގެ ހަފްލާ އޮތީ ދަރުބާރުގޭގައެވެ. ޒައިނާގެ ހެދުމާ އެހެނިހެން ހުރިހާ ހަރަދުތަކެއްގައި ހިފީ ޔުސްރާއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ކުރުވަން އޭނާ ބޭނުންވަނީ ނިކަން ކުލަގަދަކޮށެވެ. އެއި މާކުރިންވެސް އޭނާ ދެކެމުން އައި ހުވަފެނެކެވެ.
އާއިލާ މެންބަރުންނަށާ އެކުވެރިންނާ ހަވާލުކުރުމަށް ދައުވަތު ކާޑު ހިފައިގެން ދިޔައީ ޒައިނާ އާ އާކާޝް އެކީގައެވެ. ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ކާރުގެ ދުއްވަން އިނީ ޒައިނާއެވެ. ކައިރީގައި އިން އާކާޝް އިރުކޮޅަކާ ލާނެއް ސަމާސާއެއް ޒައިނާ އާ ކޮށްލައެވެ. އަތުގައި ހިފާލާނެއެވެ.
"ކައިވެނީގެ ފަހަށްވެސް ސަމާސާކޮޅެއް ބަހައްޓަބަލަ" ހީލަމުން ޒައިނާ ބުނެލިއެވެ. އާކާޝް ހީލިއެވެ. ކައިވެނި ކުރެވޭ ދުވަހަަށް އޭނާ ކެތްމަދުވެފައިވާ ކަމަށް ބުނެލިއެވެ. އޭނާ އެތައް ދުވަހަކު ކުރި ދިގު އިންތިޒާރެއްގެ ނިމުން ގާތްވެއްޖޭ ބުނެލިއެވެ. ދުވަހަކުވެސް ޒައިނާ ނޫން އެހެން އަންހެނެއް ހަރާމޭ ބުނެލިއެވެ. އާކާޝްގެ އެހުރިހާ ބަސްތަކުން ޒައިނާއަށް ހިތްހަމަޖެހުން ލިބެމުން ދިޔައެވެ.
"މިރޭ އައްކި ބިޒީވާނެތަ؟" ޒައިނާ އެހިއެވެ.
"ނުވާނެ. ކިހިނެއްވީ؟" އަކާޝް އެހިއެވެ.
"އަހަރެން މީހަކާ ބައްދަލުކޮށްލަން ބޭނުންވެގެން" ޒައިނާ ބުނެލިއެވެ.
"ޒައިގެ ކަމަކު ވިއްޔާ އަމުދުން އަހަރެން ބިޒީ ނުވާނެއްނު. އަވަހަށްބުނޭ. ކޮންތާކަށް ދަނީ" އާކާޝް ބުނެލިއެެވެ.
"އަހަރެން ބޭނުން އަބާނާ ބައްދަލުކޮށްލަން. އެންމެފަހަރަކު" ޒައިނާ ބުނެލިއެވެ. އާކާޝްއަށް ޒައިނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުއްލިއަކަށް ޒައިނާ އަބާނާ ބައްދަލުކުރަން ބޭނުންވާންވީ ކީއްވެގެން ހެއްޔެވެ؟ އަދިވެސް ޒައިނާގެ ހިތުގައި އަބާނަށް ޖާގައެއް ހުސްވެފައި ވަނީ ހެއްޔެވެ؟
"ތިކަހަލަ ވިއަރޑް ލުކް ނުދީބަލަ" އާކާޝް ބަލަހައްޓައިގެން އިންގޮތުން ޒައިނާ ބުނެލިއެވެ.
"ވައި؟ އަހަރެންނަށް އަހާލެވިދާނެތަ؟ މިހާ ދުވަސްފަހުން ޒައި ކޮންބޭނުމަކު އަބާނާ ބައްދަލުކުރަނީ؟" ހިތުގައި އުފެދުނު ސުވާލު އާކާޝް ޒައިނާ އާ ކުރިއެވެ.
"އައި ޕްރޮމިސް. މިފަހަރު އަހަރެން އަބާނާ ބައްދަލުކުރަން އައްކި ދެކޮޅު ނަހަދައްޗެ. ދިސް އިޒް ލާސްޓް ޓައިމް. ދެން ދުވަހަކުވެސް ނުުބުނާނަން މިކަހަލަ އެއްޗެއް" ޒައިނާ ބުނެލިއެވެ. އާކާޝްގެ ނިތަށް ރޫ އެރިއެވެ. ޒައިނާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
"ކިހާ އިރަކު؟" އާކާޝް އެހިއެވެ.
"ހެހެ... އަހަރެން ބުނާނަން" ޒައިނާ ބުނެލިއެވެ. އޭނާ އާކާޝްއަށް ސިއްރު ނަޒަރެއް ދިންއިރު އާކާޝްގެ މޫނުމަތިން ފެނުނު ކަންބޮޑުވުން ފެނި ހިނިއައެވެ. އަދިވެސް އޭނާގެ މައްޗަށް އާކާޝްގެ ހިތުގައި އިތުބާރެއް ނެތީބާއޭ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ހިތާހިތުން އާކާޝްއަށް ވައުދެއްވިއެވެ. ފަހު ވިންދާ ހަމައަށް އާކާޝްގެ މީހެއްގެ ގޮތުގައި ހުރުމަށް އޭނާ އަމިއްލަ ހިތުން ވައުުދުވިއެވެ. ލޯބިވާ ވާހަކަ ނުބުނެވޭކަން އޭނާއަށް އިނގެއެވެ. އެހެންނަމަވެސް އޭނާ ބުނާނެއެވެ. އެވަގުތު އާކާޝްގެ ވާގޮތް ބަލާހިތުން މިހާރުވެސް އޭނާއަށް ހުރެވެނީއެއް ނޫނެވެ.
***
އަބާންގެ އާއިލާ ހަވީރުގެ ސަޔަށް އިންސާފު ކުރަމުންދިޔަ ވަގުތެވެ. ދެ ހަފްތާއެއްހާ ދުވަހު ކައިރި ރިސޯޓެއްގައި ހުރެފައި ސައީދުވެސް އައިސް އުޅޭ ދުވަހެކެވެ. ތަނަށް ވެރިވެފައިވަނީ އުފާވެރި މާހައުލެކެވެ. ހިމޭނުން އިނީ އެކަނި އަބާނެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދަނީ ކޯޗެއް ކަމެއް ނޭނގެއެވެ.
"ކޮންއިރަކު ފުރުން އޮތީ؟" ނަސީމް ސުވާލުކުރީ ސައީދު އާއެވެ.
"މިފަހަރު ދާނީ ދަރިފުޅު ދެކިލާފަ" ސައީދު ބުނެލިއެވެ.
ނަސީމް ޙައިރާންކަމާއެކު އުންމީދާއަށް ބަލައިލިއެވެ. މިނޫނީ މީގެކުރިން ދުވަހަކުވެސް ސައީދު ދަރިފުޅުގެ ވާހަކަ ދައްކާފައެއް ނެތެވެ. އެހެންކަމުން ނަސީމްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ސައީދުގެ މިޒާޖާ ސިފައަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. އިސްތަށިގަނޑާ ތުނބުޅި ރީތިވަރަކަށް ކޮށާފައި ހުރިއިރު މޫނުމައްޗަށް ވެސް އުޖާލާ ކަމެއް ވެރިވެއްޖެއެވެ. ކަޅު އިސްތައްޓަށް ވުރެ ހުދު އިސްތަށި ގިނަޔަސް މިހާރު ޝަހްސިއްޔަތެއް ހުރި މީހެއް ހެން ހީވެއެވެ. އިސްކޮޅާ ރޫފަ އެއްވަރަށް ހުރިއިރު މޫނުމަތިން ޒުވާންކަން ފެންނަން ހުއްޓެވެ. ބަލާބެލުމަށް އެއްވެސް މީހަކު އޭނާގެ ބޮޑު އަންހެންދަރިއަކު ހުންނާނޭ ނުބުނާނެއެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ކުރިން އެއްވެސް މީހަކު އަތުން ފަހުން ދައްކާގޮތަށް ފައިސާ ނަގަން އޭނާ ބޭނުމެއްނުވިއެވެ. ބޮޑުބޭބެގެ އެހީތެރިކަމާއެކު ރިސޯޓެއްގެ އިންޖީނު ގެއިން ވަޒީފާ ހޯދީ އޭނާ އަމިއްލަ ވިޔަފާރިއެއް ފަށަންވާއިރަށް ބޭނުންވާވަރަށް ފައިސާ އެއްކުރުމުގެ ބޭނުމުގައެވެ. އެހުރިހާ ކަމެއްގެ ތެރޭގައި އުޅޭއިރުވެސް އޭނާ ރެއަކާ ދުވާލު ފަސްފަހަރު ގޮވާލާ ގޮވައިލުމަށް އިޖާބަ ނުދޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ހަގީގީ ބާއްޖަވެރިކަމަކީ އެއީކަން އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.
"ބޭބެ އެމަންޖެ މިގެއަށް ގެނެސްގެން ވިޔަސް އެންމެފަހަރަކު އަހަންނަށް ދައްކާލަންވީނުން" ސައީދު ބުނެލިއެވެ.
"ތިކަން އަހަރެންނަށް ވުރެ ފަސޭހައިން ވާނީ އުންމިއަށް" ނަސީމް ބުނެލިއެވެ. އުންމީދާ ސައީދަށް ބަލައިލާފައި އެކަންވޭތޯ މަސައްކަތްކުރާނެ ކަމުގައި ބުނެލިއެވެ. އެކަންތައް ވުމަށް ވުރެ ނުވުން ގާތްކަމުގައި އުންމީދާ ބުނުމުން ސައީދު ދެރަވިއެވެ. އެހެންނަމަވެސް ކޮންމެގޮތަކަށް ކަންތައްވި ނަމަވެސް އޭނާ ހެއްދެވިފަރާތަށް ވަކީލުކުރާނަމޭ ބުނެލިއެވެ.
***
އެނދުގައި އޮތް އުމެއިރާ ބަލި ގޮތަކަށް ގާތުގައި އިން އަނާރަށް ބަލައިލިއެވެ. ދެލޯ ހުޅުވާލިތަނާ އޭނާއަށް ފެނުނީ ދެކިލަން އެންމެ ބޭނުންވެފައި ހުރި މީހާގެ މޫނެވެ. ލޯބިވާ ދަރިފުޅު ފެނުމާއެކު އޭނާގެ ހިތަށް ޝިފާ ލިިބިއްޖެއެވެ. އައިސީޔޫ އިން ވޯޑަށް ބަދަލުކުރީވެސް އޭނާގެ ހާލަތު ރަނގަޅުވުމުންނެވެ. އެކަން އޭނާއަށް އިހުސާސްވީ އަނާރްގެ މޫނު ފެނުމަށް ފަހުގައެވެ. އުމެއިރާގެ މޫނަށް ބެލުމެއްނެތި އަނާރް ނެގީ މޭޒުމަތީގައި ހުރި ސޫޕް ތައްޓެވެ. އެއީ ފިޔާޒާ ގެނެސްދިން އެއްޗިއްސެވެ. ޝެޒާ ގެއަށް ނިދަން ފޮނުވާލީ އަނާރެވެ. އޭނާ އެތަނުގައި އިރުއޮށްސެންދެން މަޑުކުރަން ބޭނުންވިއެވެ. ބިނާން ހުރީ ރުޝްދާ ކައިރީގައެވެ.
"މާމާ! ސޫޕް ފޮދެއް ބޯލަންވީނުން" ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވައިލަމުން އަނާރް ބުނެލިއެވެ. އުމެއިރާގެ ހާލަތަށް ބަދަލު އައިސްދާނެ އެއްވެސް ކަހަލަ ވާހަކައެއް ދައްކަން އޭނާ ބޭނުމެއްނުވެއެވެ. މިހާރުވެސް އުންމީދާގެ ކުރިމަތިވެފައިވާ ހުރިހާ ބަލިމަޑުކަމެއްގެ އަސްލަކީ އޭނައެވެ.
"ދަރިފުޅާ!" އެތައް ދުވަހަކަށްފަހު ބަލި އަޑަކުން އުމެއިރާ ގޮވާލިއެވެ. އެދަރިފުޅާ ނުލާ އެތައް ދުވަހަކު އޭނާ ކެތްކޮށްފިއެވެ. އޭނާގެ ބަލި ބޮޑެވެގެން ދިޔައީ ކެތްތެރިކަން ކޮޅޫންލީމައެވެ. އުމެއިރާ ގޮވައިލި ގޮތުން ލަސްލަހުން އަނާރް މާމަ އަށް ބަލައިލިއެވެ. އޭރު އޭނާގެ ދެލޮލުގައި ފުރިފައިވީ ތާޒާ ކަރުނައެވެ. އެ ވަގުތުކޮޅަށް އޭނާ ކިހާ އިންތިޒާރެއް ކޮށްފި ހެއްޔެވެ؟ މާމަ 'ދަރިފުޅާ' އޭ ކިޔާފައި ގޮވާލާ އަޑުއަހާހިތުން އޭނާގެ ދެކަންފަތް ވަނީ ބޭގަރާރު ވެފައެވެ. ކެނިއުލާ ގުޅާފައި އޮތް އަތް އުމެއިރާ ހިއްލާލިއެވެ. ސޫޕްތަށި ކަބަޑްމަތީގައި ބަހައްޓާފައި އަނާރް އުމެއިރާ ހިއްލާލި އަތުގައި ހިފައިލިއެވެ. އޭނާ މާމަގެ އަތުގައި ލޯތްބާއެކު ބޮސްދިނެވެ.
"މާމާ! އަހަރެންނަށް މަޢާފްކުރޭ" އަނާރް ބުނެލިއެވެ. އުމެއިރާ ތުންފަތް ފިއްތާލިއެވެ. ލޯތްބާއިއެކު އަނާރްގެ ބޮލުގައި ފިރުމައިލަން ނެގި އަތް ތިރިކޮށްލަން ޖެހުނީ ހަށިގަނޑަށް ލޮޑުކަމެއް އިހުސާސްވެފައި ހުރުމުންނެވެ. އެހެންނަމަވެސް އަނާރް ހިފާފައި އޮތް އަތުން އޭނާ އަނާރްގެ އަތަށް ފިތާލިއެވެ. އޮކްސިޖަން މާސްކުގެ ތެެރެއިންވެސް އުމެއިރާގެ ތުންފަތަށް ވެރިވި ހިނިތުންވުން އަނާރަށް ފެނުނެވެ.
***
އަބާން ބޭރަށްދާން ތައްޔާރުވެގެން ހުރިއިރު އަނގައިން ދިވެހި ލަވައެއްގެ ރާގު އަޅުވަމުން ދިޔައެވެ. ފައިވާން ހަރުގަނޑު ކައިރީގައި ހުރެ ޖީބުގައި އޮތް ފޯނު ނަގާފައި އަނާރް ފޮނުވާފައި އިން މެސެޖް ކިޔާލިއެވެ. އޭނާ ހިތް އުފަލުން ފުރިއްޖެއެވެ. އަނާރް ކުއްލިއަކަށް ބައްދަލުކުރަން ބުނާނީ އާދައިގެ ކަމަކު ނޫންކަން އޭނާއަށް އިނގެއެވެ. އަނާރް ބައްދަލުކުރަން ބުނި ގަޑީގެ ތިރީސް މިނިޓް ކުރިން އޭނާ އެދަނީ އެތައް އުންމީދަކާ އެކުގައެވެ.
"ދަރިފުޅާ! ނުވެސް ކައި ކޮންތާކަށް" ބަދިގެއިން ނިކުތް އުންމީދާއަށް ތައްޔާރުވެގެން ނިކުންނަން ދިޔަ އަބާން ފެނި އަހައިލިއެވެ.
"މަންމާ! ބޭރުން ކާނީ. އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދެއްޗެ. މިދަނީ އަނާރް ބައްދަލުކުރަން އެދުނީމަ" އަބާން ބުނެލިއެވެ. އުންމީދާއަށް އަބާނަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ ދަރިފުޅު ހިތުން އަދިވެސް މޮޔަ ހިޔާލު ކުރާތީއެވެ.
"ވަރަށް އަވަހަށް އަންނާނަން" އުންމީދާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އަބާން ބުނެލިއެވެ. ވާހަކަދައްކާނެ ފުރުސަތެއްވެސް ނުދީ އަބާން ނިކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އުންމީދާއަށް ހުރެވުނީ ކިޔާނެ ބަހެއް ނޭނގިފައެވެ.
***
ރަސްފަންނު ކައިރިއަށް ސައިކަލް މަޑުކޮށްލިއިރު ތަންކޮޅެއް ދުރުގައި އޮތް ކާރު އަބާނަށް ނުފެނެއެވެ. އޭނާ ސައިކަލުން ފައިބައިގެން ގޮސް މަޑުކޮށްލީ މީހުން މޫދަށް އެރެން އޮންނަ ހިސާބާ ތަންކޮޅެއް ދުރުގައި ކަނޑު ފެންނާނެހެން އެއްގަމަށް ފުރަގަސްވާގޮތަށެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލިރު އަދި ވިހިމިނެޓް ބާކީ އޮތެވެ. އެގޮތުގައި މާގިނައިރު ހުންނަން ނުޖެހުނެވެ. އޭނާގެ ނޭފަތުގައި މީރު ސެންޓެއްގެ ވަސް ޖެހިއްޖެއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އެއީ އަނާރްކަން އޭނާއަށް އިނގިއްޖެއެވެ. ފަހަތަށް އެނބުރިލިއިރު ދާދި ކައިރީގައި ހުރީ އޭނާ ދެލޯ ނޭދި އެދޭ ލޯބިވެރިޔާއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލީ އަނާރާ ގާތަށެވެ.
"އަހަރެންނަށް އިނގޭ އަނާރަށް އަހަރެންނާ ދުރުގަ ނުހުރެވޭނެކަން" އަބާން ބުނެލިއެވެ.
"އަހަރެން މިއައީ އަބާނާ މާގިނަ ވާހަކަތަކެއް ދައްކާކަށް ނޫން. އަދި ދުރުގައި ނުހުރެވިގެނެއްވެސް ނޫން. އަހަރެން އަތުގައި އޮތް އަބާންގެ އެއްޗެއް ހަވާލުކުރަންވެގެން" އަނާރް ބުނެލިއެވެ. ވަގުތުން އަބާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
"އަން. މިއީ އެއް އިރެއްގަ އަބާން އަތުން ގެއްލުނު ފޯނު. މި ފޯނު ފެނުނީ އަހަރެންގެ ފިރިމީހާގެ ދައްތައަށް. އަހަރެން ދަނީ. ތި ފޯނު އޭގެ ހައްގުވެރިޔާއަށް ހަވާލުކުރެވުނީތީ އެ ހިތްހަމަޖެހުން އަހަރެންނަށް ލިބިއްޖެ" އަނާރް ބުނެލިއެވެ.
"އަދި އެއްވާހަކަ. ތިފޯނުގަ ހުރި އަހަރެންގެ ހުރިހާ ފޮޓޮއެއް ހުންނާނީ ޑިލީޓްކޮށްފަ. އެއީ އަބާން އަތުގަ އަހަރެންގެ ފޮޓޯ ބަހައްޓަން އަހަރެން ބޭނުމެއްނޫން" ފަހަތަށް އެނބުރިލާފައި އަނާރް ބުނެލިއެވެ.
"އެހެންވިއްޔާ އަހަރެންގެ ހިތުގައިވާ އަނާރްގެ ތަސްވީރަށް ކިހިނެއް ހަދާނީ. ތިހާ ކުޅަދާނައިއްޔާ ނިކަން ވީދާލަބަލަ" އަބާން ބުނެލިއެވެ. އަނާރް ހުއްޓިފައިވެސް އަބާން ބުނި އެއްޗަކަށް ރައްދު ދިނުމެއްނެތި ކުރިއަށް ހިނގައިގަތެވެ.
ހިތަށް ލިބުނު މާޔޫސްކަމުގައި ސައިކަލް ދުއްވާފައި ދަނިކޮށް ފޯނަށް މެސެޖެއް އައިކަން އިނގި ސައިކަލް އެއްފަރާތަކަށް މަޑުކޮށްފައި ބަލައިލިއެވެ. ޒައިނާގެ ނަން އަރާފައި އޮތުމުން އޭނާ ހަނދާންވިއެވެ. ޒައިނާވެސް ބައްދަލުކުރަން ބޭނުންވެގެން ބުނިކަން އޭނާ ހަނދާންވިއެވެ. އަނާރާ ބައްދަލުކުރާހިތުން ހުރިވަރުން ހަނދާނުން ކައްސާލީއެވެ. ގެއަށް ދިޔުމުގެ ކުރިން ޒައިނާ ބުނި ދިމާލަށް ދާން އޭނާ ސައިކަލް އަނބުރާލިއެވެ.
***
ކާުރު ތެރޭގައި އިން އަނާރަށް އިރުކޮޅަކާ ޝުހޭލް ބަލައިލިއެވެ. އަބާނާ ދެކެވުނި ކޮންވާހަކައެއްތޯ އަހަން އުޅެފައިވެސް އޭނާ އެއްޗެއް ނުބުންޏެވެ. އެކަން އަނާރަށް އިނގުނީ ކަންނޭނގެއެވެ.
"ފޯނުން އަހަރެންގެ ހުރިހާ ފޮޓޮއެއް ޑިލީޓް ކުރި ވާހަކަ ބުނީމަ ބުނީ އޭނަގެ ހިތުގައިވާ އަހަރެންގެ ތަސްވީރަށް ކިހިނެއްހޯ ހަދާނީ" އަނާރް ވާހަކަދެއްކިއެވެ. އެހިނދު އޭނާއަށް އިވުނީ ޝުހޭލް ހީލި އަޑެވެ.
"އެކަހަލަ މީހުންގެ ވާހަކަތައް ވަރަށް މޮޅުވާނެ. ދެރައީ މައުސޫމް އަންހެންކުދިންނަށް އެކަން ނުވިސްނޭތީ" ޝުހޭލް ބުނެލިއެވެ. ފަހަރެއްގައިވެސް އެއީ އޭނާ އަނާރަށް ރައްދުކުރި ބަހެއް ނޫނެވެ.
"އަހަރެން އޭނަދެކެ އޭރު ވަރަށް ލޯބިވީން. ގޯސް ހެދުނީ ލޯބިވީވަރުން" ޝީޓުމަތީގައި ބޯއަޅައި ދެލޯ މަރައިލަމުން އަނާރް ބުނެލިއެވެ. ޝުހޭލްއަށް އެމަންޒަރު ފެނުމުން ނެގުނީ އެހެން މާނައެކެވެ. ހިތާ ދެކޮޅަށް އަނާރް ނިންމުންތަކެއް ނިންމާހެން އޭނާއަށް ހީވެއްޖެއެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވި ކާރުގެ ދުވެލި އޭނާއަށް ތަންކޮޅެއް ބާރުކޮށްލެވުނެވެ. މަޖުބޫރީ ކައިވެންޏެއްގައި އެއްވެސް މީހަކު ބަނދެވިގެން ހުންނަން ޝުހޭލް ބޭނުމެއްނުވިއެވެ. އަދި އަމުދުން އަނާރް ފިއްތައިގެން ގެންގުޅުމަކީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. އެއްވެސް އިންސާނަކު ހީނުކުރާހާ ލޯބި އޭނާ އަނާރްދެކެ ވެއެވެ.
***
އާޓިފިޝަލް ބީޗާ ދިމާލުން އަބާން މަޑުކޮށްލައިގެން ހުރީ މަޖީދީ މަގާ ކުރިމަތި ވާނެހެންނެވެ. ވަގުުތުގެ ގޮތުން މަގުމަތި ހަލަބޮއްޔެވެ. އާކާޝްގެ ސައިކަލް ފަހަތުގައި އައި ޒައިނާ މަޑުކޮށްލީ އަބާން ކުރިމަތީގައެވެ. ޒައިނާ ފޭބުމުން އާކާޝް ތަންކޮޅެއް ދުރަށް ސައިކަލް މަޑުކޮށްލިއެވެ. ކުރިމަތީގައި އައިސް ހުއްޓުނު އަންހެންކުއްޖާއަކީ ޒައިނާ ކަން އަބާން ހުރީ ގަބޫލުނުކުރެވިފައެވެ. ނުފެންނަތާ އަހަރެއްހާ ދުވަސް ފަހުން ފެނުނުއިރު ޒައިނާގެ ހަށިގަނޑަަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ކުރިން ޗަބީކޮށް ހުރި އަންހެންކުއްޖާ ހިކިފައި ހުރީ ހާދަ ބޮޑަކަށެވެ.
"އަބާން! ކިހިނެއްތަ؟" އަބާނަށް ސިހުން ގެނުވީ ޒައިނާގެ އަޑުންނެވެ.
"ރަނގަޅު. ޒައި ކިިހިނެއްތަ؟" އަބާން އެހިއެވެ.
"ރަނގަޅު. އެއްޗެކޭ ހީނުކުރައްޗޭ. އަހަރެން މިއައީ އަބާނަށް ޝުކުރުއަދާކުރަން. އިނގޭ ފޯނުންވެސް މެސެޖަކުންވެސް އަހަރެންނަށް ކުރެވޭ ވަރުގެ ކަމެއްކަން. އެގޮތް އަހަރެން ބޭނުންނުވީ" ޒައިނާ ވާހަކަދެއްކިއެވެ.
"ބުނޭ" ފަރުވާކުޑަ ގޮތަކަށް އަބާން ބުނެލިއެވެ.
"ތިންދުވަސް ފަހުން އަހަރެންގެ ކައިވެނި. އަހަރެން އަބާނަށް ޝުކުރުއަދާކުރަން ބޭނުންވީ އަބާން އަހަރެންނަށް ދުނިޔެ ދަސްކޮށްދިނީތީ އެކަމަށް. ތެންކިޔު ސޯ މަޗް. ހަގީގީ ލޯބިވާ މީހުންނާ އަމިއްލަ އެދުމެއްނެތި ހެޔޮކަމެއް ކޮށްނުދޭނެ މީހުން އަހަރެންނަށް ދައްކައިދިނީ އަބާން. އަހަރެންގެ ދެލޯ ހުޅުވައިދިނީވެސް އަބާން. އަބާންދެކެ އަހަރެންނަށް ވެވުނީ ލޯތްބެއް ނޫން ކަންނޭނގެ. ހިތްޖެހިފަ ހުރީ. ދުނިޔެއަކީ ކިހާ ވަރެއްގެ ތަނެއްކަން އަހަރެންނަށް އިނގުނީ އަބާންގެ މަކަރުވެރި ދަލުގައި އަހަރެން ޖައްސާ ކައިވެނީގެ ހެދުން އަހަރެންގެ ހަށިގަނޑަށް ހެޔޮވަރުކޮށް މަރުގެ ތުންފަތްމައްޗަށް އަހަރެން ދިޔަ ފަހުން. އަހަރެންނަށް ދެލޯ ހުޅުވައިލެވުނީ މުޅިން އެހެން ދުނިޔެއަކަށް. އަހަރެން ދިޔުމުގެ ކުރިން ބުނެލަން ބޭނުން. އައްކި ދެކެ އަހަރެން ވަރަށް ލޯބިވޭ. އަދިވެސް އަބާންދެކެ އަހަރެން ލޯބިވާކަމަށް ހީނުކުރައްޗޭ. އައްކި އަކީ އަހަރެންގެ މުޅި ދުނިޔެ. އިނގޭތަ! އައްކިއަށް ވުރެ ވެސް ކުރިން އަހަރެން ލޯބިވާކަން ހާމަމިކުރީ އަބާން ކައިރީގަ. އެއީ. ދެންދަނީ" ޒައިނާ ހިނގައިގަތެވެ.
ޒައިނާ އަބާނާ ދުރަށް ޖެހިފައި ދަބަހުގައި އޮތް ފޯނު ނަގާފައި އާކާޝްއަށް ގުޅިއެވެ. އަބާނަށް ހުރެވުނީ ރައްދުގައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ މިއީ މުޅިންވެސް އަންހެންކުދިންނާ މެދު ކުރިން ކަންތައްތައް ކުރެވުނު ގޮތްތަކުގެ ނަތީޖާ ހެއްޔެވެ؟ ހަގީގަތުގައިވެސް އޭނާ ހީކޮށްގެން ހުރީ މިރޭ އަނާރްގެ ފަރާތުން އޭނާއަށް އުފާވެރި ހަބަރެއް ލިބޭނެ ކަމަށެވެ. އަދި ޒައިނާގެ ފަރާތުން އަނެއްކާވެސް ލޯބީގެ އިތުރު ހުށަހެޅުމެއް ލިބިދާނެ ކަމަށެވެ. އެކަމަކު ކަންތައްތައް މިވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޒަމާނާ ހާލަތު ބަދަލުވެއްޖެއެވެ. އޭނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ބަދަލުވަމުންދާ ހާލަތު އިއާދައެއް ނުކުރެވޭނެއެވެ. އެއީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ލޯމަތިން ހުރިހާކަމެއް ގެއްލެން އުޅޭހެން ހީވެ މޫނު ދެފަރާތަށް ތަޅުވާލިއެވެ.
"އަހަރެން އެހާ ފަސޭހައިން ގިވްއަޕް އެއް ނުކުރާނަން. އަނާރް ހާސިލްކުރާނަން" ހިތާހިތުން އަބާން ބުނެލިއެވެ.
(ނުނިމޭ)