އިރު އަރައި ދުނިޔެ އަލިވިލެން ފެށި ވަގުތެވެ. ފަތިހުގެ އަނދިރިކަމުގެ މައްޗަށް އިރުގެ އޮރެންޖު އަލި ގަދަވަމުން އައިސް މުޅިން އަލިވެ ރޭގެ ހިމޭންކަން ފިލައިފިއެވެ. އެއްވެސް ހުރަހެއްނެތި ޖެހެމުން ދިޔައީ ކަނޑުން އައި ފިނި ރޯޅިތަކެވެ. އޭގައިވި ފިނިކަމާއި ތާޒާކަމުން ތަބީއަތަށް ހެޔޮ ބަދަލެއް ގެނުވިއެވެ. މާލޭގެ ހަލަބޮލިކަމާއި ދުރަށް ދުއްވަމުން ދިޔަ ލޯންޗުގެ އެންމެ ފަހަތު ޝީޓްގައި އިން ޝެރީން ފަސްއެނބުރި ބަލައިލީ ލޮލަށް ގެއްލެމުން ދިޔަ މާލެ އާއި ދިމާލަށެވެ. އެއީ ދުނިޔެއަށް ލީ ފުރަތަމަ ނޭވާ އާއި އެކު އުމުރުގެ މިހާ ދުވަސް ހޭދަވި ފަސްގަނޑެވެ. ހުރިހާ ހަނދާނެއް ވަނީ އެތަނުގައެވެ. އެކަމަކު މިއަދު އެތަނާއި ދުރަށް ދާން ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި އަމިއްލައަށެވެ. އެއީ އޭނާގެ މާޒީ އާއި ފިލަން އޭނާއަށް ކުރެވޭނެ ހަމައެކަނި ކަންތަކެވެ.
"މަންމީ، ބަލާބަލަ އެ ފެންނަނީތަ ރަށް؟" ޝެރީން ސިހުނީ އޭނާގެ އަތުގައި ހިފާ ނޫރާ ވާހަކަ ދެއްކުމުންނެވެ. އޭނާ ސިހިގެން ދިޔައީ ދެންމެ ގިނަވި ކަރުނަތައް އެއްވެސް މީހަކަށް ފާހަގަވެދާނެތީ އެކަމަށެވެ. ނޫރާއަށް ބަލާލައިފައި ކަޅި ހިންގައިލިއިރު ސާރިމް އިނީ މާދުރަށް ބަލަހައްޓައިގެންނެވެ. ނަސީބެކެވެ. ފަސް އަހަރުގެ ނޫރާއަށް ފާހަގަނުވިއަސް ސާރިމް އަށް ފެނުނު ނަމަ ފާހަގަވީހެވެ.
ނޫރާ އިޝާރަތްކޮށްފައި ދެއްކީ އަދި ދާންވީ މަންޒިލެއް ނޫނެވެ. މިއީ ގަޑިއިރެއްހާއިރުގެ ކުރު ދަތުރެކެވެ. ނޫރާ ކުރި ސުވާލަށް ނޫނެކޭ ބުނުމުން ދެން އަހަންފެށީ ފެންނަން ހުރި ހުރިހާ ރަށެއްގެ ނަމެވެ. ޝެރީން މެޔަށް ފިނިވެގެން ދިޔައީ ނޫރާގެ ސުވާލަށް ސާރިމް ޖަވާބު ދޭންފެށީމައެވެ. ދުލުގެ ފަރިތަކަމާއި މައުލޫމާތުގެ މުއްސަނދި ކަމަކީ ސާރީމްއާ އެއްހަމައަށް އާދެވޭނެ ކަންކަމެއް ނޫނެވެ. ނޫރާ ފަދައިން ޝެރީންވެސް އަހަން އިނީ ޝައުޤުވެރިވެފައެވެ. އަމިއްލަ ވަޒަނަށްވެސް ކިހާ ބީރައްޓެހިކަން މިއަދު އިހްސާސްވެގެން ދިޔައެވެ.
ސާރިމްގެ އުނގުމައްޗަށް ނޫރާ ނަގާފައި ޝެރީންއާ ކައިރިއަށް ސާރިމް ޖެހިލިއެވެ. އެދެމެދުގައިވި ދުރުމިން ކައިރިވިތަން ފެނި ޝެރީންއަށް ބަލައިލެވުނީ ސާރިމްގެ މޫނަށެވެ. އެއީ އިޚްތިޔާރުގައި ކުރި ކަމެއްތޯ އަހާފަދަ ބެލުމަކުންނެވެ. ސާރިމް އަތް ފުޅާކޮށްލާފައި ގެންގޮސް ޝެރީންގެ ފުރަގަހުން އެއްކޮނޑުގައި ހިފާ ކައިރިއަށް ލަފާލިގޮތުން އޭނާއަށް ތެޅިގަނެވުނެވެ. އެހުރިހާ ހަރަކާތެއް ސާރިމްއަށް އިހްސާސްވާކަން ޔަޤީނެވެ. އެންމެ ސިކުންތަކަށްވިއަސް ޝެރީންގެ މޫނަށް ބަލައި ނުލި ކަމުގައި ވިއަސް އިހުނަށްވުރެ ބާރަށް ޝެރީންގެ ކޮނޑުގައި ހިފަހައްޓާލީ އޭނާ ތެޅިގެންފައި ހިނގައިދާނެކަމުގެ ބިރަށެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހު އެދެމަފިރިންގެ މެދުގައި ޒުވާބުކުރުން އިތުރުވީ ކުއްލިއަކަށް ޝެރީން މާލެ ދޫކޮށް ދާން ބުނި ހިސާބުންނެވެ. ސަބަބެއް ނެތި އެހާ ބޮޑު ނިންމުމެއް ނުނިންމާނެކަމުގައި ސާރިމް ބުނަމުން ދިޔައެވެ. އެއީ ހަޤީޤަތް ކަމުގައި ވިއަސް އެކަން ދުލާއި ހަމަޔަށް ގެންނާކަށް ޝެރީންއަކަށް ނުކެރުނެވެ. މާލެ މަތިން ފޫހިވެއްޖެއޭ ބުނުމުން އެކަންވީ އޭނާގެ މައިންބަފައިންނަށްވެސް ޖޯކަކަށެވެ. ޝެރީން އުޅެ ބޮޑުވީ މި ހަލަބޮލިކަމުގެ ތެރޭގައެވެ. މިހާރު ހުންނާނީ މާހައުލަށް ހޭނިފައެވެ. ކުއްލިއަކަށް ރަށްފުށުގެ ހިމޭންކަން ފެނި ލޯބި އުފެދިދާނެހެން އެއްވެސް މީހަކަށް ހީނުވަނީއެވެ. އެކަމަކު އެ ނޫން ސަބަބެއް ބުނާކަށް ޝެރީން ބޭނުމެއް ނޫނެވެ.
ދެވަނަ ކަމަކީ އޭނާ ޚިޔާރުކުރި ރަށެވެ. އެއީ ބައްޕަގެ އުފަން ރަށެވެ. ބައްޕަގެ ގެސްޓް ހައުސް ވިޔަފާރި ބަލަހައްޓަން ސާރިމް ފޮނުވަން އެދުނީ އަމިއްލައަށެވެ. އޭރު ސާރިމް ހުރީ އަމިއްލަ ވިޔަފާރިއެއް ފަށައި ތެދުވަން ބޭނުންވެފައެވެ. ބޭނުންވަނީ ވަޒީފާއެއް ނޫނެވެ. އެކަން އެނގުނު ހިސާބުން އިތުރު ސުވާލަކާއި ނުލައި ގެސްޓް ހައުސް ޝެރީންގެ ނަން މައްޗަށް ބައްޕަ ބަދަލުކޮށްދިނެވެ. ސާރިމްއަށް މަޖުބޫރުވީ އެ ވިޔަފާރި އާއި ހަވާލުވާށެވެ. އެ މުދަލަށް ރައްކާތެރިވާށެވެ. އެއީ އަމިއްލަ ވިޔަފާރިކަމުގައި ދެކޭށެވެ. އެންމެންވެސް ބުނަނީ އެއީ ނަޞީބުކަމުގައެވެ. ދާ އޮހޮރުމެއްނެތި އޭނާގެ އަތްމައްޗަށް އައީ އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތެކެވެ. އުފާނުކުރަންވީ ސަބަބެއް ނެތެވެ.
އެކަމަކު އެއީ ސާރިމް ދެކޭ ގޮތެއް ނޫނެވެ. ބޭނުންވާ ގޮތެއް ނޫނެވެ. އެއް ސަބަބަކީ އެއީ ޝެރީންގެ ވިޔަފާރިއެވެ. އޭނާއަށް އޮތީ ހިންގައިދިނުމެވެ. ދެވަނަ ސަބަބަކީ އެ ރަށެވެ. އެއީ އެނބުރި ދުވަހަކުވެސް ނާންނަން ވައުދުވެފައި ފުރައިގެން ދިޔަ ރަށެވެ. އޭގައި ފޮރުވިފައިވާ ހަޤީޤަތް ކިޔައިދޭންވެސް ބިރުގަނެއެވެ. އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހައިލާނެކަން ޔަޤީނެވެ.
ރަށުން ފުރައިގެން މާލެ އައިއިރު އެނބުރި ދާންޖެހޭނެކަމަކަށް ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ ދުނިޔެ ހިނގަމުންދާނީ އޭނާ ބޭނުންވާ ގޮތަށް ކަމަށެވެ. އުމުރު ދުވަހުވެސް އެ ކަންތައް ވަންހަނާ ކުރެވިދާނެކަމަށެވެ. މާލެ އައިތަނުން ޝެރީން އާއި ކައިވެނި ކުރެވުނެވެ. ހަ އަހަރު ފާއިތުވެގެން ދިޔައީއެވެ. އެއްވެސް މީހަކަށް އޭނާގެ މާޒީއެއް ނޭނގެއެވެ. އޭނާވެސް މަޑުމަޑުން ހަނދާން ނެތިއްޖެއެވެ. ވަށައިގެންވި ދުނިޔޭގައި އަމިއްލަ އަތުން ބޭނުން ކުލައެއް ޖައްސައި ޖަރީކުރަމުން ދިޔައެވެ. އެކަމަކު ހަ އަހަރުން ބިނާކުރި ހުވަފެންތައް އަލުން ފުނޑުފުނޑުވެގެން ދަނީއެވެ.
ކަނޑުގެ ރާޅުތަކުގެ ތެރޭ ފުމެމުންދިޔަ ލޯންޗަށްވުރެ އޭނާގެ ހިތުގެ ތެޅުން ބާރެވެ. ޝެރީންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. ފިރިހެނަކަށްވިއަސް ޖަޒްބާތުތައް ކޮންޓްރޯލްކުރެވެނީ ވަރަށް ހިތްވަރުންނެވެ. ޝެރީންގެ މޫނަށް ބަލަން އިނީ އެހެންވެއެވެ. ޝެރީންގެ ގޮތް ދޫނުކުރުމުގެ ސަބަބުން އޭނާއަށް ދެން ކުރިމަތިވާނީ ކޮންކޮން ކަންތައްތަކެއްކަމެއްވެސް ނޭނގެއެވެ. ހިތްވަރު އެލުވައިލަންޖެހޭނީ ކިހާ ހިސާބަކުން ކަމެއް ނޭނގެއެވެ.
** **
ލޯންޗުގެ ދުވެލި މަޑުކޮށްލީ ފަޅަށް ވަދެފައެވެ. ސާރިމްގެ އުނގުމަތިން ނޫރާ ފުންމާލިއެވެ. ލޯންޗުން ފައިބައިގެން ދާން ނޫރާ ހުރީ ކެއްތެރިކަން ކުޑަވެފައެވެ. ބަނދަރު މަތިން ފެންނަން ހުރި ހިޔާދޭ ބޮޑެތި ގަސްތައް ފެނި ނޫރާ ހުރީ އަޖައިބުވެފައެވެ. ނޫރާގެ ފަހަތުން ގޮސް ސާރިމްއަށް ލޯންޗުން ފޭބުނެވެ. ޝެރީން ކޮބައިތޯ ބަލައިލިއިރު ޝެރީން ފައިބައިގެން އަންނަނީއެވެ.
އެމީހުން ބަލާ އައިސް ހުރީ ސާރިމްގެ އެކުވެރިޔާ ނަސްރެވެ. ނަސްރުގެ ކުޑަ ޕިކަޕުގައެވެ. ނޫރާ ދުވަމުން ގޮސް ފުނަތައް ހޮވަންފެށިއެވެ. ބަނދަރުމަތީގައި ހުރެ ނޫރާ އުޅޭ ގޮތް ޝެރީންގެ ފޯނަށް ރައްކާކުރަމުން ދިޔައެވެ ދެން ނޫރާއާ ކައިރިއަށް ހިނގައިގަތެވެ. ގެއަށް ދާން ނޫރާ ބޭނުމެއް ނުވިއެވެ. ބިންމަތި ފޮރުވޭވަރަށް ފައިބާފައި ހުރި ހިކިފަތްތަކާއި ފިތުރޯނު މާތަކުގެ ތެރޭ ނޫރާ އުޅޭ ގޮތް ޝެރީންއަށް މަޖާވިއެވެ. ސާރިމް އައިސް ހުއްޓުނީ ނަސްރުގެ ކައިރިއަށެވެ.
"އޭނަ ކޮބާ މިހާރު؟" ސާރިމްގެ ނަޒަރުހުރީ އަދިވެސް ނޫރާއަށެވެ. ބައެއް ފަހަރު ޝެރީންއަށެވެ. އޭނާ ހިތާއި ހިތުން ދުޢާކުރަމުން ދިޔައީ އެމީހުން ދުރުގައި އިރުކޮޅަކު ތިބުމަށެވެ.
"ބުނީމެއްނު ރަށަކު ނޫނޭ އުޅެނީކީ، ސާރިމް ރަށް ދޫކޮށްފައި ދިޔަފަހުން އޭނަވެސް ދިޔައީ، ތި ދެމީހުން މާލެއިން ދިމަލެއް ނުވޭތަ؟" ނަސްރު އަހައިލިއެވެ. އޭނާ ކައިރީ ރަށަށް އަންނަ ވާހަކަ ސާރިމް ބުނީ މީގެ ދެދުވަސްކުރިންނެވެ. އެކަމަކު އޭރުވެސް އެކަހަލަ ވާހަކައެއް ނާހައެވެ.
"ކުރިއަކުން އަހަންނަކަށް ނޭނގެ މާލެ އެއީ އެހާ ބޮޑު ތަނެއް ކަމެއް." ސާރިމް އަށް މަޑު މަޑުން ބުނެވުނެވެ. ހަ އަހަރުވީއިރު އެކަކު އަނެކަކަށް ނުފެނި އެއް ފަސްގަނޑެއްގައި އުޅެވުނީތީ ހިތްހަމަޖެހުނެވެ.
"ސާރިމް އައިކަން އެނގިގެން އޭނަ އަތުވެއްޖެއްޔާ ކިހިނެއް ހަދާނި؟" ނަސްރު ގެ ސުވާލާއި އެކު އަނެއްކާވެސް ނެތި ދިޔައީ އޭނާއަށް ލިބުނު ހިތްހަމަޖެހުމެވެ.
"އަހަރެން ދިރިހުއްޓާ ވަޅުލައިދެއްޗެ." އެކުވެރިޔާއަށް ވަސިއްޔަތެއްކުރާ ފަދައިން ސާރިމް ބުނެލިއެވެ. ނަސްރު ބަލައިލިއިރު އެ މޫނުން ފެނުނީ ސީރިއަސްކަމެވެ. ސަމާސާއަކަށް ހަދާފައިވެސް ބުނާ ކަހަލަ އެއްޗެއް ނޫންކަން އެނގުމުން ނަސްރު ހިތްބިރުގަތެވެ.
އޭނާ އުޅެ ބޮޑުވީ ސާރިމްއާ އެކުގައެވެ. ސާރިމް ލާ ކޮންމެ ނޭވާއެއްގެ ޚަބަރުވެސް އެނގިގެންނެވެ. އެކަމަކު ކުއްލިއަކަށް ސާރިމް ބަދަލުވަމުން ދިޔައެވެ. ހާސްވެ ކަންބޮޑުވެފައި ހުއްޓާ ފެންނަން ފެށިއެވެ. ގެއިން ނިކުމެ ދާތަނެއް ނޭނގެއެވެ. ކުއްޖަކާއި ރައްޓެހިވިކަން އެނގުނީ އެކަންތައް ވެ ނިމުމުންނެވެ. ކުއްލިއަކަށް ރަށް ދޫކޮށް ސާރިމް ދާން ބޭނުންވި ހިސާބުންނެވެ. ކަމެއް ހިނގައިފިކަން އެނގެއެވެ. އެކަމަކު ތަފްސީލެއް ނޭނގެއެވެ. ހަމައެކަނި ފުރަމުން ދިން ސިޓީއެއް ރައްދުކުރަން ޖެހުމުން އެއީ ކޮން ކުއްޖެއްކަން އެނގުނެވެ. އަދި އަދަށް ދާންދެންވެސް އެ ސިޓީގައި އޮތީ ކީކޭކަމެއް ނޭނގެއެވެ. ނަސްރު ކައިރީ ބުނީ ރައްދުކުރުމަށެވެ. އެކަން އޭނާ ކުރިއެވެ. އަމާނާތްތެރިކަމާއި އެކުގައެވެ.
** **
ދޮރާށިން އެތެރެއަށް ވަންއިރު ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ޝެރީންއަށް ލިބުނެވެ. ފެންނަ ފެނުމަށް ބޭރު ފާރާއި ދޮރާށި ބައުވެފައި ހުއްޓަސް ގޭ ފެންނަނީ އާކޮށެވެ. ދޮރާށިން ފެށިގެން ގެއާއި ހަމަޔަށް އޮތް ހުސްބައި އޮތީ އަކިރި އަޅައި ރީތިކޮށްފައެވެ. ގޯތިތެރޭގައި ވީ ވަރަކުން ގަސްހައްދާފައި ހުއްޓެވެ. ދުވާލުވެސް ހާމަ އުޑުނުފެންނަ ވަރަށް ބިޔަކޮށް ގަސްހައްދާފައި ވިއެވެ.
އެލުވާފައި ހުރި އުނދޯލިތައް ފެނިފައި ގޭތެރެއަށް ވަނުމުގެ ޚިޔާލުވެސް ނޫރާ ދޫކޮށްލިއެވެ. ސާރިމް ނޫރާގެ ފަހަތުން ދިޔަތަން ފެނި ޝެރީން ވަނީ އެތެރެއަށެވެ. އޭނާގެ އަތް ދަބަސް ބަހައްޓާފައި ފޯނު ހިފައިގެން އެނބުރުއިރު އޭގައި މިސްކޯލެއް އިނެވެ.
ހަމްދާ ގުޅާފައި އޮތުމުން ޝެރީން ގުޅާލިއެވެ. އެކަމަކު ރިންގުގެ އަޑު ކެނޑުނީ އެކޮޅުން ޚަބަރެއް ނުވެއެވެ. ޝެރީން ފޯނު ނުނެގުމުން ހަމްދާވެސް އަމިއްލަ ކަމެއްގައި ބިޒީވީކަމުގައި ވެދާނެއެވެ.
"ކާން ތައްޔާރުވެފައި." ޝެރީން އިސްއުފުލައިލިއިރު އޭނާ އާއި އެއްވަރުގެ އަންހެނެއްކުއްޖަކު އައިސް ހުއްޓެނީއެވެ. އެއީ ނަސްރުގެ ކޮއްކޮ ނުސްރާއެވެ. ރަށަށް އަންނަންވެގެން އެންމެ ބޮޑަށް ތެޅިގެންއިރުވެސް ޝެރީން ހަނދާނުގައި ބެހެއްޓީ ގޭގައި ގެންގުޅޭނެ ކުއްޖަކު ހޯދުމެވެ.
"އެބަ ދަން." ޝެރީންގެ މޫނުމަތިން ހިތްހެޔޮކަން ފެނުނެވެ. އޭނާއަށް އުފާވެރިކަން ލިބުނީ ނުސްރާގެ މޫނުމަތިން ފެންނަން ހުރި ގާތްކަމުންނެވެ.
** **
ރަށަށް އައިސް ޖެހިގެން އައި ދުވަހު ސާރިމް މަސައްކަތާއި ހަވާލުވެއްޖެއެވެ. ޝެރީންގެ ބައްޕަ ދާއޫދު ހުރީ ސާރިމް އަށް ގުޅާލަ ގުޅާލައެވެ. ދުވަސްކޮޅަކު މަޑުކުރަން ސާރިމް ބޭނުންވިއަސް ދާއޫދު އެގޮތާއި ޤަބޫލެއް ނުވިއެވެ. ސާރިމް ނިކުން ފުރަތަމަ ދުވަހު ނޫރާ ފޫހިވެގެން ރޮއި ރޮއި ހީވީ އެހެން ކަމެއް ހެންނެވެ. ނޫރާ ޝަކުވާކުރާނެ އެތައް ބައިވަރު ކަންތައްކެއް ހުއްޓެވެ. ފުރަތަމަ ކަމަކީ ފެންވަރާއިރު ބާތު ޓަބެއް ނެތުމެވެ. ފެންވެރުމަށްވުރެ ނޫރާ އާދަވެފައި ހުރީ ފެނުގައި އިނދެ ކުޅުމަށެވެ. ގޭގެ ފާޚާނާ ކުޑަކަމުން އާދައިގެ ބާތުޓަބެއްވެސް ބެހެއްޓޭނެ ޖާގައެއް ނެތެވެ.
ގޯތިތެރޭގައި ނޫރާއަށް ފެނާއި ކުޅެވޭނެ ގޮތެއް ހަދައިދެން ޝެރީން އެދުނެވެ. ސާރިމް އަޅައިނުލީ ނޫރާ ބޮޑާ ދައްކައިގެންވިއަސް އެރަށުން ފައިބައިގެން ދާން ޝެރީން ބުނާނެ ކަމުގެ އުއްމީދުގައެވެ. ފޫހިވެގެން ނޫރާ ރުއީ ގޭގައި ކުޅޭނެ އެއްޗެއް ނެތިގެންނެވެ. ފޮށިތަކާއި އެކު ގެނެވުނީ ނޫރާގެ ބައެއް އެއްޗިއްސެވެ. އެވަރު ނޫރާއަށް ނުފުދުނެވެ. އެކަމަކު ޝެރީންއަށް މާލެއިން އެއްޗެހި ގެނެވިދާނެކަމުގެ ޔަޤީންކަން އޮތެވެ. ނޫރާ ހިތްހަމަޖައްސައިދިނުމަކީ މާ ބޮޑުކަމެއް ނޫނެވެ.
ހަވީރު ނުސްރާ ކައިރީ ބުނެގެން ޝެރީން ބޭރަށް ނިކުތެވެ. ރަށުތެރެ ބަލާލަން ދާތީ ނޫރާ ހުރީ ހިތްހަމަޖެހިފައެވެ. އެމަގުން ނިކުމެ އަތިރިމައްޗަށް އެޅިވަގުތު ގަހެއްގެ ހިޔަލުގައި ކުޅެން އިން ކުޑަ ފިރިހެންކުއްޖަކު ނޫރާއަށް ފެނުނެވެ. އެވަރުގެ ކުދިންނަށް ނޫރާ ފޯރި ހުންނާތީ ޝެރީން ހިފަހައްޓާކަށް ނުހަދައެވެ. ދުވެފައި ގޮސް އެކުއްޖާގެ ކައިރީ ހުއްޓުމުން ޝެރީން އާއި ނުސްރާ އިށީނީ ހޮޅު އަށީގައެވެ. އެކުދިން ކުޅެން ތިބިތަން ފެންނަ ހިސާބުގައެވެ. އޭރު އެ އަށީގެ އަނެއްފަރާތުގައި މުސްކުޅި އަންހެނަކު ފަންގިވިންނަން އިނެވެ.
ބައްޕަގެ ރަށަށް ވިއަސް ޝެރީންއަށް ރަށަކީ ބީރައްޓެހިތަނެކެވެ. ނުސްރާ ކައިރިން ރަށުގެ އާއްމު މައުލޫމާތު ޝެރީން އަހަމުން ދިޔައެވެ. އެދެމީހުން އަމިއްލަ ވާހަކައިގައި ތިބެފައި ބަލައިލިއިރު ގަސްދޮށުގައި ކުޅެން އިން ނޫރާއެއްނެތެވެ.
"ނޫރާ"
ޝެރީންގެ އަޑަށް އެ އަންހެންމީހާ ސިއްސައިގެން ދިޔައެވެ. އޭނާގެ އުނގުމަތީ އޮތް ފަންބުރި ތިރިއަށް ވެއްޓުނެވެ. ޝެރީން ބަލަމުން ދިޔައީ ނޫރާ ފެންނަން ނެތިގެން ކަންބޮޑުވެހުރެއެވެ. ޝެރީން ނޫރާގެ ނަމުން ގޮވަމުން ދިޔައެވެ. އެ ގަސްދޮށާއި ދިމާލަށް ހިނގައިގެންތަނާއި މަންމާއޭ ކިޔައި ނޫރާ ގޮވާލިއެވެ. އެކުދިން އަތިރިމައްޗަށް ފައިބާފައި އެނބުރި އައީ ފުޅިއަކަށް ފެންއަޅައިގެންނެވެ.
ޝެރީން ގޮސް ނޫރާގެ އަތުން އެ ފުޅި އަތުލައި އެއްލާލިއެވެ. ގެއަށް ދާން އަންނާށޭ ބުނެލިއެވެ. އޭނާ ބިރުގަތީ ނޫރާ އިރުކޮޅަކަށް ނަމަވެސް އޭނާގެ ލޯ ކުރިމަތިން ގެއްލުނީމައެވެ. ނޫރާގެ އަތުގައި ހިފައި ހިނގައިގަތުމުން ނޫރާ އާއި އެކު ކުޅެން ހުރި ފިރިހެންކުއްޖާ ބަލަހައްޓައިގެން ހުއްޓެވެ. ދެން މަޑު މަޑުން ހިނގާފައި އައިސް ހުއްޓުނީ އެ މުސްކުޅި އަންހެންމީހާގެ ކައިރީގައެވެ.
ރަމްލާގެ ދެލޯ ފުރެމުން ދިޔައެވެ. އޭނާގެ އުނަގަނޑާއި ހަމަޔަށް އަންނަ ދަރިފުޅުގެ ބޮލުގައި ރަމްލާ ފިރުމާލިއެވެ. އޭނާ ސިހުނީ ޝެރީން ފެނިގެންނެއް ނޫނެވެ. "ނޫރާ" އެ ނަން އަހާފައެވެ.
(ނުނިމޭ)