ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 52

5

ފަންސާސްދެވަނަ ބައި

އެގޮތަށް އެތައް ފަހަރަކު އަނާރަށް ގޮވަމުން ދިޔައެވެ. ދުނިޔެއިން ބާކީވެއްޖެ ކަމުގެ އިހުސާސް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ދެކަކުލުން ވާގި ދޫވެ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން ހުރި ދިމާލަށް ތިރިއަށް ސޮހިގެން ދިޔައެވެ.

***

ޝުހޭލް ގެއަށް ވަންއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ސިޓިންރޫމަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނާގެ ނޭފަތުގައި އައިސް ޖެހުނީ ބަނޑުފުރިގެންދާ ކަހަލަ މީރު ވަހެކެވެ. އެތެރެއަށް ނޭފަތް ދަމައިލިއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ބަދިގޭގައި އުޅުނު އަނާރަށް އެއްވެސް އަޑެއް ނީވޭނެހެން އަރައިގެން ހުރި އިސްޓަކީނު މަތިން މުށިތަކުގެ މަތީގައި އިނގިލިތަކުގެ ކުރި ޖައްސަމުން ބަދިގެއާ ދިމާލަށް ދިޔައެވެ.

ބަދިގެ އާ އަރާ ހަމަވެފައި އޭނާ ސިއްރުން އެތެރެއަށް ބޯދިއްކޮށްލިއެވެ. މޭޒުކައިރީގައި ހުރި ގޮނޑީގައި އަނާރް އިނެވެ. ޝުހޭލްއަށް ފެންނަނީ އަނާރްގެ ފުރަގަހެވެ. އެހެންކަމުން އަނެއްކާވެސް ސިއްރުން ގޮސް އޭނާ ހުއްޓުނީ އަނާރްގެ ފުރަގަހުގައެވެ. އޭނާ ގެއަށް އައިރު އަނާރަށް ގަނެގެން ގެނައި ބާބަކިޔު ސަބްމެރީން މޭޒުމަތީގައި ބާއްވާފައި އިރުކޮޅަކު މަޑުކޮށްލިއެވެ. އޭނާ އުންމީދު ކުރީ އޭގެ ވަސްޖެހުމާއެކު އަނާރް އުފަލުން ފޮޅޭނެ ކަމަށެވެ. ނަމަވެސް އަނާރްގެ ހަބަރެއް ނުވިއެވެ.

އެއްފަރާތަކަށް ބޯއަރިކޮށްލާފައި އަނާރަށް ޝުހޭލް ބަލައިލިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އިންއިރު އެތަނުގައި ކަމެއް ވާހެންވެސް އަނާރަށް ހިއެއް ނުވެއެވެ. ޝުހޭލް ވިސްނާލިއެވެ. އަނާރް އެހާ ފުން ވިސްނުމެއްގައި އިނީ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟ އޭނާ މަޑުމަޑުން އަނާރްގެ ދެކޮނޑުމަތީގައި ދެއަތް ބޭއްވިއެވެ. އެހިނދު އަނާރް ޝުހޭލްގެ ދެއަތް ފޮޅުވާލާފައި ފުންމައިގެން ތެދުވިއެވެ. މޭޒުގެ އަނެއްފަރާތަށް ދިޔަގޮތަށް ހަޅޭއްލަވަން ފެށިއެވެ.

"އަޑެއް ނީވުނުތަ؟ މިބުނީނު އަހަރެން ކުރިމައްޗަށް ނަންނާށޭ. ކިހާ ދެރަކަމެއްތަ؟" އަނާރްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ޝުހޭލްއަށް ހުރެވުނީ ގަބުވެފައެވެ. އަނާރާ ގާތަށް ފިޔަވަޅެއް އޭނާއަށް އަޅައިލެވުނީ ބޭއިހްތިޔާރުގައެވެ.

"އަނާރް..." ރޮމުން ރޮމުން މޭޒު ކައިރިއަށް އަނާރް ތިރިވުމާއެކު ޝުހޭލް ގޮސް އަނާރް ގާތުގައި އިށީނދެ އަނާރްގެ މޫނުގެ ދެފަރާތުގައި ހިފާލާފައި އުފުލާލައިފިއެވެ. ކަރުނަ ފައިބަމުންދިޔަ ދެލޯ ކައިރި ލޯތްބާއެކު ފޮހެދިނެވެ.

"ކިހިނެއްވީ؟ ބޭނުންތަ ކޮޓަރިއަށް ދާން" އޯގާތެރިކަމާއެކު ޝުހޭލް އެހިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލައިފިއެވެ. ޝުހޭލް ނުވިސްނާ އިންދާ އޭނާ ޝުހޭލްގެ މޭގައި ލައްވެލައިފިއެވެ. ގިސްލާ ރޯން ފެށީ އޭނާގެ ހިތަށް ވެރިވަމުންދާ ޝުއޫރުތައް ނުހިފެހެއްޓުމުންނެވެ. އަނާރް އިސްތަށިގަނޑުގައި ޝުހޭލް ފިރުމަމުން ދިޔައިރު އޭނާގެ ހިތާ ސިކުނޑިވެސް ފިކުރުތަކަށް ގެނބެމުން ދިޔައެވެ.

"އަބާން ކައިރީގަ ބުނެދީ އަހަރެން ހޯދަން މިގެއަށް ނާންނާށޭ. އަހަރެންގެ ކެތްތެރިކަން އިމްތިހާންކުރަން ނޫޅޭށޭ" ރޮއެރޮއެފައި އަނާރް ކިޔަމުން ދިޔައެވެ. ވީގޮތް ޝުހޭލްއަށް ވިސްނުނީ އަދި ކިރިޔާއެވެ. ޝުހޭލް ހިތަށް އެރިއެވެ. އަބާން މިގެއާ ހަމައަށް އައީ ހެއްޔެވެ؟ އަނާރަށް އެ ރޮވެނީ އެހެންވެގެން ހެއްޔެވެ؟

***

ކޮޓަރިއަށް ވަންގޮތަށް އަބާން ގޮސް ވަނީ ފާހާނާއަށެވެ. މާގަނޑު ދޫކޮށްލައިގެން ހުރީ ލައިގެން ހުރި އަންނައުނާ އެކުގައެވެ. އަދިވެސް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވަނީ އަނާރް ދެއްކި ވާހަކަތަކެވެ. އެހާ ފަސޭހައިން އަނާރް މީހަކާ އިނދެފާނެކަމަށް އޭނާ އުންމީދުކޮށްފައެއްވެސް ނެތެވެ. ފެން ބޮއެފަ ވައިލާހާ ފަސޭހައިން އަނާރްގެ ހިތުގައި އޭނާއަށް އޮތް ލޯބި ފޮހެލީ ހެއްޔެވެ؟ އަބާންއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ހެއްޔެވެ؟ ފާރުގައި އެއް އަތް ވިއްދާލައިގެން ހުރިއިރު އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފެންތަކާ އެކުވަމުން ދިޔައެވެ. އެގޮތުގައި އެތައް އިރަކު ހުރެ އޭނާ އެކިގޮތްގޮތަށް ވިސްނިއެވެ. އެހާ ފަސޭހައިން އަނާރް ދޫކޮށްލަން އޭނާ ހިތް އެއްބަހެއް ނުވިއެވެ. ކޮންމެ އިންސާނަކަށްވެސް ދެވަނަ ފުރުސަތެއް ހެއްގެވެ. އޭނާއަށް ކުރެވުނީ ނުފުއްސަވާ ފާފައެއް ނޫނެވެ. މަޢާފަށްވެސް އެދެފީމެވެ. އަދިވެސް ދިން ކޮންމެ އަދަބެއް ލިބިގަންނަން ތައްޔާރެވެ. އަނާރަށް ޖެހޭނީ މަޢާފްކުރާށެވެ. ޝުހޭލްއަށް ޖެހޭނީ އަހަރެންނާ އަނާރް ހަވާލުކުރާށެވެ. މުޅި އުމުރަށެވެ. އެތައް ގޮތަކަށް އަބާންގެ ހިތާ ސިކުނޑި ވާހަކަދައްކަމުން ދިޔައެވެ.

***

ނިދާފައި އޮތް ޝެޒާއަށް ހޭލެވުނީ މީހެއްގެ ކުކުރުމުގެ އަޑަށެވެ. ކައްޓެއްހެން ތެދުވެ އިށީންގޮތަށް އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ ކައިރީގައި ނިދާފައި އޮތް މާމައަށެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއަށް ލޯ ހާނުވަމުން ގޮސް މާމަ އޮތް ދިމާލަށް ދިޔައެވެ. މާމަގެ މަގަތުން އިށީނުމަށްފަހު އުމެއިރާގެ ގައިގައި އަތް ޖައްސައިލިއެވެ.

"މާމާ...!" ޝެޒާ ގޮވައިލިއެވެ. ގައި މަތީގައި އަޅާފައި އޮތް ކުއިލްޓް މަތިންވެސް ހޫނުކަން ޝެޒާއަށް އިހުސާސްވިއެވެ. އެވަރު ވީއީރު އުމެއިރާ އޭނާ ކައިރީގައި ނުބުނާތީ ޝެޒާ ދެރަވިއެވެ. އަނާރު ސިއްރުކޮށްގެން ހުރި ކަންތައްތައް އިނގުނު ދުވަހުން ފެށިގެން އުމެއިރާގެ ހާލު ގޯސްކަން އެންމެ މިނިޓަކަށްވެސް ޝެޒާ ހަނދާންނައްތާ ނުލައެވެ.

"މާމައަށް އެއްވެސް ކަމެއްނުވޭ. ދަރިފުޅު ދޭ ނިދަން" ކުރަކިވެފައިވާ އަޑަކުން އުމެއިރާ ބުނެލިއެވެ.

"އުނހު. ތެދުވޭ. ސޮރީ. މިގަޑީގަ މާމަގެ ބަސް ޤަބޫލުކުރެވޭކަށް ނެތް" ޝެޒާ ދުލެއް ނުކުރިއެވެ. ކޮޓަރި ލައިޓްވެސް ޖެއްސިއެވެ. އުމެއިރާ އޮތީ ހުމާ ފިހިފިހިކަން ޝެޒާއަށް އިނގުނީ ނިތުގަ އާ ކަރުދޮށުގައި އަތް ޖައްސައިލުމުންނެވެ. އެތައް ބަހަނާއެއް ދައްކާފައި ޝެޒާ ގެ ބަސް ޤަބޫލުކޮށް އުމެއިރާ ތެދުވެ އިށީނެވެ.

"މިކަމެއްގެ އުނދަގުވާތީ ދޯ މިރޭ ނުކެއީ" ޝެޒާ ބުނެލިއެވެ.

އުމެއިރާ އެނދުގައި ބައިންދާފައި ޝެޒާ ނިކުތީ ބަދިގެއަށް ބޯލާނެ އެއްޗެއް ބަލައެވެ. ހުސްބަނޑާ ހުރެ ފާޑުފާޑުގެ ބޭސްކެއުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ. އެހާ އަވަހަށް ކޮޓަރިއަށް ވަންއިރު އުމެއިރާ ތެދުވެގެން ފާހާނާއާ ދިމާލަށް ދަނީއެވެ. ޝެޒާ ސައިޑް ކަބަޑްމަތީގައި ގެނައި ޖޫސްތަށި ބަހައްޓާފައި ބަލައިލިއިރު އުމެއިރާ އަރި އަޅާލަނީއެވެ. ޝެޒާއަށް ދުވެފައި އެހިސާބަށް ދެވެންވާއިރަށް އުމެއިރާ ވެއްޓި މުށިތަކުގެ މަތީގައި ޖެހިއްޖެއެވެ.

***

ސައިފްގެ ފޯނުކޯލް އަބާނަށް ލިބުނީ ނިދަން އުޅެނިކޮށެވެ. ފުރަތަމަ ރިންގާއެކު އަބާން ފޯނު ނަގާ ކަންފަތުގައި ޖަހައިފިއެވެ. ސައިފް އެކަނި ބަހައްޓާފައި އޭނާއަށް ދެވުނުކަން ހަނދާންވެ ސައިފްގެ ހިތްހެޔޮ ކުރުމާވެސް އެކުގައެވެ.

"މިގަޑީގަތަ؟" އަބާން ބުނެލިއެވެ.

"އާނ. ވަރަށް މުހިންމު ކަމަކުއޭ" ސައިފް ބުނެލިއެވެ.

"އެކަމަކު. އަހަރެން ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ" އަބާން ބުނެލިއެވެ.

އެންމެފަހުން ސައިފް އާ އެކު ބޭރަށް ދާން އަބާން އެއްބަސްވިއެވެ. ލައިގެން ހުރި ޓީޝާޓް ބަދަލުކޮށްގެން ނިކުތް ވަގުތު އުންމީދާ އާ ދިމާވެގެން ސުވާލު ކުރިއެވެ. ސައިފްގެ ކޯލެއް ލިބިގެނޭ ބުނެ އަބާން ގޮސް ހުއްޓުނީ ފައިވާން ހަރު ކައިރީގައެވެ.

ކެފޭއަށް ވަދެ ސިޑިން މައްޗަށް އަރައިގެން ދިޔައިރު ސައިފް އިނެވެ. ވަގުތުގެ ގޮތުން މާގިނަ މީހުނެއް ނެތެވެ. އެއީ އަބާން އަލަށް އައި ތަނަކަށް ވުމުން ވަށައިގެން ބަލައިލިއެވެ. ބޮޑުތަކުރުފާނު މަގުގެ އެންމެ ހިތްފަސޭހަ ދިމާލަށް ވުމުން ހިތަށް ހަމަޖެހުން ގެނުވައެވެ. ބުރިޖާ ލޮނުޒިޔާރަތް ޕާކް ހާމައަށް ފެންނަން އޮތުމުން ހިތަށް ލިބުނު ހިތްހަމަޖެހުމުގެ އިތުރުން ދެލޮލަށްވެސް އަރާމު ގެނުވިއެވެ. ސިކުނޑި ތާޒާވިއެވެ.

"މިއީ އޮފީސް ފްރެންޑެއްގެ ތަނެއް. ބަންދުކުރާނެ އިރުކޮޅަކުން" އަބާން އައިސް އިށީނުމާއެކު ސައިފް ބުނެލިއެވެ.

ފެނާ ކޮފީ ގެނެސް ބެހެއްޓުމާއެކު ސައިފް ވާހަކަދައްކަން ފެށިއެވެ. ފުރަތަމަވެސް އޭނާ ފެށީ އޭނާ ދައްކަން ބޭނުންވި ވާހަކައިންނެވެ.

"ދިރިއުޅުމުގެ ކަންތައްތަކާ ބޯގޮއްވަން މިތަނުގަ ހުރުމަށްވުރެ ރަނގަޅެއްނު ކޮންމެސް އެހެން ކަމަކާ ވިސްނައިފިއްޔާ" ސައިފް ބުނެލިއެވެ.

"ބައްޕަ އެބަ އެދޭ އަހަރެން އެކޮޅަށް ކިޔަވަން ފުރަން. ކޮއްކޮވެސް ހުންނާނެއްނު" ސައިފް ބުނެލިއެވެ.

"ދެން ކޮންގޮތަކަށް ވިސްނީ؟ ދާންތަ؟ އޭރުން މަރިއްތައަށް ކިހިނެއްވާނީ؟" އަބާން ބުނެލިއެވެ.

"އަހަރެން ދާނީ މަންމަވެސް ގޮވައިގެން. މަންމަ އަދި އެއްބަހެއްނުވޭ. އެކަމަކު އަހަރެން މަންމަ އެއްބަސް ކުރުވާނަން. މާލޭގަ ކުޑަކުޑަ ތަންކޮޅެއްގަ ކުއްޔަށް އުޅުމަށް ވުރެ އަތުން މަދު ލާރިކޮޅެއް ހަރަދުކޮށްގެން އެކަހަލަ ތަނެއްގަ ދިރިއުޅެން މާ ރަނގަޅު. ކޮންމެ ތަނެއްގަ އުޅުނަސް އަހަރެމެންގެ އަގީދާ ވަރުގަދަވިއްޔާ އެނިމުނީނު" ސައިފް ވާހަކަދެއްކިއެވެ.

"ހިނގާ ދާން. ސިކުނޑި ހަމަޖައްސާލާ ދިރިއުޅުމަށް ހެޔޮ ބަދަލެއްވެސް އައިސްދާނެއްނު" ސައިފް ބުނެލިއެވެ. އަބާން ބަހެއް ނުކިޔައެވެ.

"އަބީ އެކުގަ ދާނޭ ބުނީމަ ކޮއްކޮ ހުރީ ވަރަށް އުފަލުން" ކޮފީތަށިން ކޯވަރެއް ބޯލަމުން ސައިފް ބުނެލިއެވެ.

"އަހަރެން ނުދާނަމެކޭ ނުބުނާނަން. އެކަމަކު ދިޔުމުގެ ކުރިން އަދި އެއްކަމެއް ކުރަން ބޭނުން. ގޮތެއް ނިންމާނީ އޭގެފަހުން" އަބާން ބުނެލިއެވެ. އޭނާ އެެބުނި އެއްޗެއް ސައިފަށް ނުވިސްނުނެވެ. އެެހެންކަމުން ދެލޯ ވަށްކޮށްފައި އަބާނަށް ބަލައިލިއެވެ.

"އަނާރާ ވަކިން އުޅެން އަހަރެންނަށް އުނދަގުވާނެ. އަހަރެން ޓްރައިކުރަން ބޭނުން. އަހަރެންގެ ހިތް އަދިވެސް ބުނޭ އަނާރް އަހަރެންދެކެ ލޯބިވެޔޭ" އަބާން ބުނެލިއެވެ.

"އަދިވެސް ނުވޭތަ ހަގީގަތް ގަބޫލުކުރާކަށް" ސައިފް ބުނެލިއެވެ.

"އަނާރް މިވަގުތު ހުރީ އަހަރެންދެކެ ރުޅިއައިސްފަ. އޭނަ އަހަރެންނަށް ނަފްރަތެއް ނުކުރޭ" އަބާން ބުނެލިއެވެ.

***

ޝުުހޭލަށް ހޭލެވުނީ ވަރަށް ބޮޑަށް ކަރުތެރެ ހިކިގެންނެވެ. ފެންޖަގާ ދިމާލަށް ބަލައިލުމުގެ ކުރިން އޭނާއަށް ބަލައިލެވުނީ އަނާރް އޮތް ދިމާލަށެވެ. އަނާރް ނެތްކަން އިނގުމާއެކު އޭނާ ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ސަޖިދައިގައި އޮވެފައި އައްތަހިއްޔާތަށް ތެދުވެ އަނާރް ފެނުމާއެކު ޝުހޭލަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ ތެދުވެގެން ގޮސް ފާހާނާއަށް ވަންއިރު އަނާރް ސަލާން ދީފިއެވެ.

އޮފީހަށްދާން ތައްޔާުވުމުގެ ކުރިން ޝުހޭލް ކޮޓަރިން ނިކުތީ ސައި ތައްޔާރުކުރުމަށް އަނާރަށް އެހީވެދިނުމަށެވެ. ގޭތެރޭގައި ހުންނަންޏާ އެއީ އޭނާގެ އާދައެވެ. ގޭތެރޭގެ މަސައްކަތުގައި އަނާރަށް އެހީވެދިނުމަކީ ޝުހޭލްގެ އުފަލެކެވެ.

ބިނާން ގޮވައިގެން ޝުހޭލް އައިސް ބަދިގެއަށް ވަންއިރު އަނާރް ފިޔާކޮށަން ހުއްޓެވެ. ޝުހޭލް ވަދެގެން އައިތަން ފެނުމާއެކު ހީލިއެވެ. އަދި ލޯބިން ފުރިގެންވީ ބެލުމަކުން ބިނާނަށް ބަލައިލިއެވެ. ދަރިފުޅާ ސަމާސާ ކޮށްލުމުގެ ގޮތުން ލޮލަށް ގޮތެއް ހަދައިލިއެވެ. އެހިނދު ބިނާނަށްވެސް ހެވިއްޖެއެވެ.

"އިށީނދޭ. ކޮފީ ތައްޔާރުކޮށްލަދޭނަން" އަނާރް ބުނެލިއެވެ.

"ތިކޮށަން މަގޭ އަތަށް ދީފަ ނާނުއަށް ފީޑްކޮށްބަލަ" ޝުހޭލް ބުނެލިއެެވެ. އަނާރް ވަޅި ބާއްވާފައި ޒިންކު ކައިރިއަށް ގޮސް ދެއަތް ދޮވެލިއެވެ. އަތް ފޮހެލާފައި އިރުކޮަޅަކުން އައިސް ޝުހޭލް އަތުގައި އިން ބިނާން އުރައިފިއެވެ. މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނދެފައި ލައިގެން ހުރި އަތްދިގު ޓީޝާޓްގެ މަތިން އިން ތިން ގޮށް ނައްޓާފައި ބިނާންގެ ބަނޑުހައިހޫނުކަން ފިލުވައިދޭން ފެށިއެވެ.

"މިއަދުވެސް އާފްޓަރނޫން ޑިޔުޓީތަ؟" އަނާރް އެހިއެވެ.

"ނޫން. ހެނދުނު" ހަލުވިކަމާއެކު ފިޔާ ކޮށަން ހުރި ޝުހޭލް ބުނެލިއެވެ.

"އަރޫ! މިހާރު އޯކޭތަ؟" ޝުހޭލް އެހިއެވެ. އަނާރް ބޯޖަހައިލިއެވެ.

"އަސްލު ވީގޮތަކީ އަބާން....."

"އަބާން މިގެއަށް އައީނު. އޯކޭވާނެ އިތުރަށް ކިޔައިނުދިނަސް. އަހަރެން އަރޫއަށް ވަރަށް އިތުބާރުކުރަން. އަރޫގެ ދިރިއުޅުމުގަ ކޮންމެ ކަމެއް ނިންމުމުގެ އިހުތިޔާރު އަހަރެން އޮންނާނީ އަރޫއަށް ދީފަ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް އައިމް އޯލްވޭސް ވިދް ޔޫ" ޝުހޭލް ބުނެލިއެވެ. އަނާރް އިނީ ޝުހޭލަށް ބަލަހައްޓައިގެންނެވެ. ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އެއަށް ވުރެ ހެޔޮ ރަނގަޅު ފިރިއަކު ދުވަހަކުވެސް އޭނައަށް ލިބިދާނެ ހެއްޔެވެ؟ ނޭނގުމެއްގެ ތެރެއިންވެސް ޝުހޭލަށް ހިޔާނާތްތެރި ވެވިދާނެކަމުގެ ބިރުވެރިކަން އަނާރްގެ ހިތުގައި ވިއެެވެ.

"އެކަމަކު އަރޫގެ ނުރުހުމުގައި އޭނަ މިގެއަށް އައިސް އުނދަގުކޮށް ހަދަންޏާ އަހަރެންނަށް ޖެހޭނީ ފިޔަވަޅެއް އަޅަން. އަހަރެން ފިޔަވަޅެއް އެޅުމުގެ ކުރިން އަރޫ ކައިރީގައި ބުނާނަން" އިތުރަށް ޝުހޭލް ބުނެލިއެވެ. ކަބަޑު ހުޅުވާލާފައި ނެގި އަންގި ފޮށިން އަންގިއެއް އަތަށް ހެޔޮވަރު ކޮށްލުމަށްފަހު މަސްގަނޑު މޮޑެން ތައްޔާރުވިއެވެ.

ޝުހޭލް އަތް ލައިގެން ހުރި ތަށި ކައިރީގައި އޮތް އަނާރްގެ ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއެވެ. އަރާފައި އިން ޝެޒާގެ ނަން ފެނުމުން އަނާރަށް ދައްކާލިއެވެ. އަނާރް ކަންފަތުގައި ފޯނު ޖެހުމާއެކު އެކޮޅުން ޝެޒާ ރޮއެގަތް އަޑު އިވިއްޖެއެވެ. އަނާރަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދެމިގަތް ދިޔަހެންނެވެ.

***

"ހަތް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ހަތް ލާރި" އެންމެންގެ ތެރޭގައި ލަދުން އިން ޒައިނާ ކައިވެނީގެ ރަން އެންމެންނަށް އިވޭ ވަރަށް ބުނެލިއެވެ. ކައިރީގައި އިން އާކާޝް ޒައިނާގެ މޫނަށް ބަަލައިލިއެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން އޭނާ ޒައިނާގެ އަތްތިލައިގައި ހިފާލިއެވެ. އެހިނދު ޒައިނާ އާކާޝްއަށް ސިއްރު ނަޒަރެއް ދިނެވެ.

"ހަތް ދުވަސްފަހުން ކައިވެނި. އަލްހަމްދުލިﷲ. ބައްޕަގެ ބެލުމުގެ ދަށުގައި ހުންނަން ދަރިފުޅަށް ލިބުނީ ހާދަ މަދު ދުވަސްކޮޅެކޭ ދޯ" ޒައިނާގެ ބޮލުގައި ފިރުމައިލަމުން ފަޔާޒް ބުނެލިއެވެ.

"ފިރިއެއްގެ އަތްދަށަށް ދިޔަސް ދުވަހަކުވެސް ބައްޕަގެ މި ހިތުން ދަރިފުޅު ދުރުކޮށެއް ނުލާނަން" ފަޔާޒް ބުނެލިއެވެ. ޒައިނާ ފަޔާޒްގެ ކޮނޑުގައި ބޯއަޅައިލިއެވެ.

ޒައިނާ އާއެކު އެކަހެރި ވެލުމަށް އާކާޝް ވަގުތުކޮޅެއް ބޭނުންވެފައި ހުއްޓާ އެވަގުތުކޮޅު އޭނާއަށް ހޯދައިދިނީ އާހިލް އާ ރާހިލްއެވެ. ފަހާނާއަކަށް ދާން ޒައިނާ ކޮޓަރިއަށް ވަނުމުން އާހިލް އަދި ރާހިލް އާކާޝް ގޮވައިގެން ދިޔައީ އެއްޗެއް ދައްކާލުމަށް ބުނެއެވެ. ދެކުދިންގެ ކޮޓަރި އާ ހަމައަށް ދެވުމުން އާކާޝް ޒައިނާގެ ކޮޓަރިއަށް ވައްދާފައި ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.

ފާހާނާއިން ނިކުތް ޒައިނާއަށް ކޮޓަރި ތެރޭގައި ހުރި އާކާޝް ފެނުމުން ސިހުނެވެ. އޭނާ ހިނިތުންވުމެއް ދީފައި ކުރިއަށް ހިނގައިގަތެވެ.

"އައްކި! ކަމަކުތަ؟" ހިނިތުންވުމަކާއެކު ޒައިނާ އެހިއެވެ.

"އަހަރެން އަންނާނީ ކޮންކަމަކުކަން ޒައިއަށް އިނގޭނު" ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އާކާޝް ބުނެލިއެވެ. ޒައިނާ ހުއްޓުނީ އާކާޝްގެ ބެލުމުގައި ހުރި ތަފާތުކަން އޭނާއަށް ފާހަގަވުމުންނެވެ. އާކާޝް ކުރިއަށްދާ ވަރަކަށް ފަހަތަށް ޖެހެމުން ގޮސް އެންމެފަހުން ޑްރެސިންޓޭބަލްގައި ޖެހި ހުއްޓެވިއްޖެއެވެ. ދެކުދިން ދެމެދުގައި އޮތް ޖާގަ ހަނިކޮށްލަމުން އާކާޝް ހުއްޓުނީ ޒައިނާ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ.

"އައްކި ކީއްކުރަން ތިއުޅެނީ" ޒައިނާ ގެންފައި ހުރި ބިރެއްގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. އެ އަޑު މިހާރު އޭނާއަށް އިވެންވެސް ފަށައިފިއެވެ.

"އެންމެ ކަމަކު" ޒައިނާގެ ދެއަތްތިލައިގެ ތެރެއަށް ދެއަތް ލައްވައިލަމުން އާކާޝް ބުނެލިއެވެ.

"މަންމަ އައިސްދާނެ" ޒައިނާ ބުނެލިއެވެ.

"ނާންނާނެ. ބޭރުގަ އެބަތިބި ބޮޑީގާޑުން" އާކާޝް ބުނެލިއެވެ. ޒައިނާއަށް ހެވުނެވެ. އެއީ އާހިލް އާ ރާހިލް ކަން ވަގުތުން އޭނާއަށް އިނގިއްޖެއެވެ.

"އެންމެން ހޯދާނެ. ހިނގާ ދާން" އާކާޝް އެއްފަރާތުން ދުރުކޮށްލާފައި ނިކުންނަމުން ޒައިނާ ބުނެލިއެވެ. އެހިނދު އާކާޝް ޒައިނާގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ. އޭނާގެ ގައިގައި ޒައިނާ ޖެހުމާއެކު ދުރަށް ނުދެވޭހާ ބާރަށް ބައްދާލިއެވެ. ޒައިނާގެ ކޯތާފަތުގައި ބޮސްދީފައި ބަލައިލިއިރު އޭނާއަށް ފެނުނީ ޒައިނާގެ މެރިފައިވާ ދެލޮލެވެ. ޒައިނާ އިތުރަށް ގާތްވެލުމަށް އޭނާގެ ހިތްއެދުނެވެ. އެ އަންހެންކުއްޖާ ދުރަށްލުމަށް އޭނާ ހިތް ދެކޮޅުހަދަމުން ދިޔައެވެ. އޭނާ ޝަހާދަތް އިނގިލި ޒައިނާގެ ތުންފަތުގައި ހާކާލިއެވެ. ޒައިނާ ދެލޯ ހުޅުވާ ބަލައިލުމާއެކު އެ އިނގިލި އޭނާ ޖައްސާލީ އަމިއްލަ ތުންފަތުގައެވެ.

"މިކަހަލަ ކަންތައްތަކަށް އަހަރެންނަށް ޓްރަސްޓް ނުކުރޭ. ގޯހެއް ވެދާނެ" ސިއްރު ސިއްރުން ޒައިނާގެ ކަންފަތާ އަނގަ ގާތްކޮށްލާފައި އާކާޝް ބުނެލިއެވެ. އެހިނދު ޒައިނާ އާކާޝްގެ އަތު ތެރެއިން ވީއްލިގަނެގެން ދުރަށް ޖެހުނެވެ.

"ހަނދާންނެތުނީ. ތޭންކްސް ފޯރ ރިމައިންޑިންގް މީ" ދޮރާ ދިމާލަށް ދަމުން ޒައިނާ ބުނެލިއެވެ. ބޮލުގެ ފުއްކިބައިގައި އަތުން ޖަހައިލަމުން އާކާޝް ހީލިއެވެ.

"މި ތިބީނު. ދޮންތަގެ ބަލަދުވެރިންނޯ މީ. އެކަމަކު ދޮންތަ ކޮޓަރިއަށް ފިރިހެނަކު ވެއްދީނު" ޒައިނާ ނިކުތްއިރު ދޮރު ކައިރީގައި ފާރައަށް ތިބި އާހިލް އާ ރާހިލް ފެނުމުން ބުނެލިއެވެ.

"އެވަރުކަމެއްތަ. އެއީ ދޮންތަގެ ހަޒްބެންޑެއްނު" ރާހިލް ބުނެލިއެވެ.

"އަދި ނުވެއެއްނު. އަދި ވަން ވީކް އެބައޮތް" ޒައިނާ ބުނެލިއެވެ. އޭރު އާކާޝް ކޮޓަރިން ނިކުމެގެން އައިސް ހުއްޓިއްޖެއެވެ.

"އެހެންވިޔަސް މިހާރު ދޮންތަގެ ދެއަތް އައްކިބެއަށް ހައްގުވާނެ" ރާހިލް ބުނި އެއްޗަކުން ޒައިނާ ދެލޯ ބޮޑުވިއެވެ.

"އެހެންތަ. ވަރަށް އެއްޗެހި އިނގޭ ދޯ" ރާހިލްގެ ކަންފަތުގައި ހިފަމުން ޒައިނާ ބުނެލިއެވެ. އާހިލް އަމިއްލަ އަނގަމަތީގައި އަތް އަޅައިގެން ހުރީ ބުނަން ނުވާ ކަހަލަ އެއްޗެއް ބުނެވިދާނެތީއެވެ. އެމަންޒަރު ޒައިނާއަށް ފެނުމުން ހެވިއްޖެއެވެ.

***

"ހުރިހާ އެއްޗެއް އެއްކޮށް މައްޗަށް ގޮސްފަ ހުރީ. ހާރޓް އެޓޭކެކޯ ބުނީ" ޝެޒާގެ ޖުމްލަ އާއެކު އަނާރަށް ހީވީ މޫނުމަތީގައި ކޮކާފިޔަ ބުރާލި ހެންނެވެ. އިންތަނުން ތެދުވެގެން ޝެޒާ އާ ދުރަށް ހިނގައިގަނެއްޖެއެވެ.

"އޯލް އޮފް ދެޓް ހެޕެންޑް އޮންލީ ބިކޯޒް އޮފް މީ" ފަހަތުގައި ހުރި މީހާގެ ގައިގައި ޖެހިފައި އަނާރް މަޑުޖެހުނެވެ. އެހިނދު އެނބުރިފައި އަނާރް އެމީހަކުގެ މޭގައި ބޯއަޅައިފިއެވެ. އޭނާއަށް އެކަން އެގޮތަށް ކުރެވުނީ އެވަގުތު ފިރިމީހާގެ އޯގާތެރިކަމަށް ބޭނުންވެފައި ހުރި ވަރުންނެވެ. ހިތަށް ކުރި އަސަރުތަކެއްގެ ސަބަބުން އެއީ ކާކުތޯ ބަލައިލަން އޭނާ ހަނދާންނެތުނީއެވެ.

ދުރުދުރުގައި ފިޔަވަޅު އަޅަމުން އެދިމާލަށް އައި ޝުހޭލަށް އެމަންޒަރު ފެނުމާއެކު ހުއްޓެވިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟