ފަންސާސްއެއްވަނަ ބައި
"ތިއީ އަބާންގެ ދަރިއެއް ނޫން. ތިއީ އަޅުގަނޑުގެ ދަރިއެއް" ނަސީމް އުނގުގައި އިން ބިނާން އަބާން އުރާލިތަނާ އަނާރް ބުނެލިއެވެ. އަނާރް ކޮޅަށް ތެދުވަން އުޅުމުން އޭނާގެ އަތުގައި ޝުހޭލް ހިފެހެއްޓިއެވެ. އެމަންޒަރު އަބާނަށް ރަނގަޅަށް ފެނުނެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ އަނާރްގެ ކާކު ހެއްޔެވެ؟ ރުޅިވެސް އައެވެ. އެގޮތަށް އަނާރްގެ އަތުގައި ބީހުމުގެ ހައްގު އޮތީ އޭނާއަށް އެކަންޏޭ ހިތް ބުނެލިއެވެ.
"އަނާރް ތިހެން ބުނީމަ ހަގީގަތް ބަދަލުވާނެތަ؟ މިއީ އަހަރެންގެ ހަލާލު ދަރިންކަން ޔަގީންވާ ފަދައިން އަހަރެންނަށް ޔަގީން އެއީ އަބާންގެ ދަރިއެއްކަން" އުންމީދާ ބުނެލިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއްވެސް ނުރުހުމެއްވެސް ނުވެއެވެ. ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.
ބިނާން އުނގަށް ލައިގެން އިނދެ ސަމާސާ ކުރަމުންދިޔަ އަބާން ފެނުމުން އަނާރަށް އުނދަގޫވަމުން ދިޔައެވެ. އެއީ އޭނާ ބަލަން ބޭނުންވި މަންޒަރެއްނޫނެވެ. އުންމީދާގެ ފޯނުކޯލު ނުލިބުނުނަމަ ދުވަހަކުވެސް ބިނާނާ އަބާން ބައްދަލުވިޔަ ނުދޭނެއެވެ. އަބާނަކީ ބިނާންގެ އެއްވެސް މީހެއް ނޫނެވެ. ބިނާނަކީ ހަމައެކަނި އޭނާގެ ދަރިއެކެވެ. އެދަރިފުޅު ބައްޕަ ކިޔަނީ އޭނާގެ ފިރިމީހާއަށެވެ.
"ވަރަށް ލަސްވެއްޖެ. ދާންވެއްޖެ" އަނާރް ކޮޅަށް ތެދުވީ ބިނާނާއެކު އަބާން ސެލްފީ ނަގަން ފެށުމުންނެވެ.
"އަހަރެން މިގެއަށް އައީ މިދަރިފުޅުގެ މާމާ އާ ކާފަ އާ މިދަރިފުޅު ދެކިލަން ބޭނުންވެގެން އެދުނީމަ" ޝުހޭލް ހިފައިގެން ހުރި އަތުން ދޫކޮށްލާފައި އަނާރް ކުރިއަށްގޮސް އަބާން އަތުން ބިނާން އަތުލިއެވެ. އެވަގުތު އަބާންގެ އަތުގައި އަނާރްގެ އަތްތިލަ ބީހިލައިގެން ދިޔައެވެ. އަޅައިގެން ހުރި ޝޯލްގެ ކުރިމައްޗަށް އެލިފައި އޮތް ބައިން ބައެއް އަބާންގެ އަތުގައި ޖެހިޖެހި އޮތެވެ. އަނާރްގެ ގައިން ދުވި މީރުވަސް އަބާންގެ ހިތް ފުރިގެން އައެވެ. އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނީ ބޭއިހްތިޔާރުގައެވެ. ބިނާން އުރައިގެން އަނާރް ހިނގައިގަތްއިރު އަބާންގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ.
"އަހަރެންގެ ނަޒަރުގަ އެމަންޖެ ގޯހެއް ނޫން" ނަސީމް ބުނެލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން އުންމީދާ ބޯޖަހައިލިއެވެ.
"އަޅުގަނޑު ވަރަށް އަވަހަށް އެބަ އަންނަން" އަނާރާ ޝުހޭލް ނިކުތްތާ ކުޑައިރުކޮޅެއް ފަހުން އަބާން ބުނެލިއެވެ. އުންމީދާ އާ ނަސީމް އެކަކު އަނެކަކަށް ބަލައިލިއެވެ.
"ކޮންތާކަށް" އުންމީދާ އެހިއެވެ.
"ސައިފް ކައިރިއަށް" މައިންބަފައިންގެ ފަރާތުން އިތުރު ސުވާލެއް އައުމުގެ ކުރިން އަބާން ހިނގައިގަނެއްޖެއެވެ.
ބާރު ހިނގުމުގައި އޭނާ ގޭޓުން ނިކުމެ ދެފަރާތް ބަލައިލިރު ގެއާ މާދުރުނޫން ހިސާބެއްގައި ޕާކްކޮށްފައި އޮތް ކާރެއް ކައިރީގައި އާނާރު ހުއްޓިގެން ހުއްޓެވެ. ބިނާން އިނީ ޝުހޭލް އަތްމަތީގައެވެ. ޝުހޭލްގެ އަތުން އަނާރްގެ ދެލޯ ކައިރި ފޮހެލި މަންޒަރު ފެނުމުން އަބާނަށް ދެއަތް މުއްކެވިއްޖެއެވެ. ޝުހޭލް އާ އަނާރްގެ އޮތީ ކޮން ގުޅުމެއްކަން އިނގެން އޭނާ ބޭނުންވެއެވެ.
ކާރު ފަހަތުން އަބާން މާލެ އައިކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އޭނާ ބޭނުމަކަށް ވީ އަނާރްގެ އެޑްރެސް ހޯދުމެވެ. އަނާރް ގެއަށް ވަންކަން ޔަޤީންވުމާއެކު އޭނާ ސައިކަލް ޕާކްކޮށްފައި އަނާރް ވަން ގެއަށް ވަދެއްޖެއެވެ. ބޭނުންވީ އުޅެނީ އަނާރް ކިތަންވަނަ ފަންގިފިލާ ތޯ ބެލުމެވެ. އޭނާ ދުވެފައި ސިޑިން އެރީ ލިފްޓު ނުހިފެހެއްޓުނީމައެވެ. ފުރަތަމަ ފަންގިފިލާއަށް އަރާފައި ތަނބަކާ ނިވާވެގެން ހުއްޓާ ލިފްޓު ހުޅުވުނު އަޑު އިވިއްޖެއެވެ. މާގިނަ އިރެއް ނުވެ އަނާރް ނިކުތްތަން ފެނިއްޖެއެވެ.
ސައިކަލަށް އެރި ގޮތަށް އަބާން ޖީންސުގެ ޖީބަށް އަތްލާފައި ފޯނު ނެގިއެވެ. ކޯލް ލޮގުން ސައިފްގެ ނަންބަރު ހޯދާލާފައި ގުޅާލިއެވެ.
"ވަރަށް މުހިންމު ކަމަކު" އަބާން ބުނެލިއެވެ.
ސައިފް އާބަސް ބުނުމާއެކު އޭނާ ކުރިއަށް ސައިކަލް ދުއްވާލުމުގެ ކުރިން އަދި އެއްފަހަރު އިމާރާތަށް ނަޒަރު ހިންގާލިއެވެ.
***
ފިރާއަކަށް ދާން ތައްޔާރުވެގެން ނިކުންނަން އައި މަރިޔަމްއަށް ދޮރުމައްޗަށް އެރި އަބާން ފެނި ހިނިތުންވެލިއެވެ.
"ކޮން ވަޑާމެއް. އަހަރެން ހީކުރީ އޮޅިގެންވެސް މިގެއާ ދިމާލަށް ބަލައި ނުލާނެކަމަށް" މަރިޔަމް ބުނެލިއެވެ.
"ދެން އެހެނެއްނުވާނެއްނު. ކޮބާތަ ސައިފް؟" އަބާން ބުނެލިއެވެ.
"ކޮޓަރީގަ. އަލަމާރީގެ ދޮރުފަތް ހަލާކުވެގެން އެ ހަދާ އުޅެނީ" މަރިޔަމް ބުނެލިއެވެ.
އަބާން ސައިފްގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.
"ސައިބޮއެގެން ދާން މަޑުކުރައްޗެ އިނގޭ. މަރިއްތަ ވަރަށް އަވަހަށް އަންނާނަން" ގެއިން ނިކުތުމުގެ ކުރިން މަރިޔަމް ބުނެލިއެވެ.
އަބާން ކޮޓަރިއަށް ވަންއިރު މޮހޮރަކާ މަރުތޭލެއް ހިފައިގެން އުޅުނު ސައިފް ފެނިއްޖެއެވެ. އެއްވެސް ތަރުތީބެއްނެތް އެ ކޮޓަރި އަކީ ކުޑަ ކޮޓަރިއެކެވެ. ސިންގަލް ބެޑެއް ހުރިއިރު އަލަމާރި އެނދަށް ވުރެ ބޮޑެވެ.
"ކޮންކަމެއް ލައިގަތީ އަނެއްކާ. އަނާރް ރަންކިޔަން އެއްބަސްވީތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި ސައިފް އެހިއެވެ.
"ކަލޭ މަށަށް މަލާމާތް ކުރަނީތަ؟ އަދި ތި ދުވަސްވެސް ފެންނާނެ" އެނދުގައި އިށީންނަމުން އަބާން ބުނެލިއެވެ.
"ދެންމެ ގެއަށް އައި. އޭނަ ކައިރީގަ ހުރި ފިރިހެނެއް. އެއީ ކާކުތޯ ބަލައިދީބަލަ" އަބާން އެހިއެވެ.
"އާނ. މިރޭ ދާނަން އެގެއަށް ކެއުމަކަށް. ގޮސް އަހާނަން ތިއީ އަނާރްގެ ކާކުހޭ" މޮހޮރުގައި ހިފަހައްޓާލައިގެން ހުރެ މަރުތޭލުން އެއްވަރަކަށް ތަޅަމުން ސައިފް ބުނެލިއެވެ.
"އަހަރެން ވަރަށް ސީރިޔަސްކޮށޭ މިބުނީ. ސައިފް ކައިރީގަ މިބުނީ ތިނޫނީ އަހަރެން ޓްރަސްޓް ކުރާ އެހެން މީހަކު ނެތީމަ. އަހަރެން އެގެވެސް ހުންނަ ތަން ބަލައިފިން" އަބާން ވާހަކަދެއްކިއެވެ.
"އެންމެ ރަނގަޅޭ. އަބާން ޖަލަށް ދާން ޖެހުނިއްޔާ ފުލުހުންނާ ތަޅާފޮޅަންވެސް އަހަރެން ދާނަން. މާދަމާ ހޮނިހިރެއްނު. މާދަމާ ތިކަމާ އުޅޭނަން" ސައިފް ބުނެލިއެވެ.
"އެކަމަކު ބުނަން. އަހަރެން މަގުކޮށައިދިނީމަ ކަލޭ ވާނީ އެތެރެއަށް ވަދެ އެއީ ކާކުތޯ ބަލަން. ސީރިޔަސްކޮށް މިބުނީ ކަލޭ އެގޮތަށް ކަންތައްކުރީމަ އަނާރް ކުރިމައްޗަށް އަރަން އަހަރެން ލަދުގަންނަނީ" ސައިފް ވާހަކަދެއްކިއެވެ.
***
ޖެހިގެން އައި ދުވަހު ހޮސްޕިޓަލް ތެރެއިން އަބާނަށް ޝުހޭލް ފެނިއްޖެއެވެ. ޝުހޭލްއަކީ ޑޮކްޓަރެއްކަން އަބާނަށް އިނގުނީ އޭނާ ހެދުން އަޅާފައި ހުރި ގޮތުންނެވެ. އޭނާ ކައިރީގައި ހުރި ސައިފްއަށް ޝުހޭލް ދެއްކިއެވެ.
"މިހާރު އަނާރް އިންނާނީ ގޭގަ އެކަނި ކަންނޭނގެ. ލެޓްސް ގޯ" ސައިފް އަތުގައި ހިފައިގެން ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އަބާން ބުނެލިއެވެ.
"އެހެންދެވޭތަ؟ ކުރަން އައި ކަންތަކޯ" ސައިފް އެހިއެވެ.
"އެކަންތައް ބަހައްޓާ" އަބާން ހިނގައިގަތެވެ. ދެފަރާތަށް ބޯހޫރާލާފައިވެސް ސައިފް އަބާން ފަހަތުން ދިޔައެވެ.
***
ސިޓިންރޫމުގައި އަނާރް އިނީ ކުރިމަތީގައި ހުރި ޓީވީ ހުޅުވައިގެންނެވެ. ހިންދީ ފިލްމެއް ބަލަން އިންއިރު ކުރިމަތީގައި ހުރި ކުޑަ އެނދެއްގައި ބިނާނު ނިދާފައި އޮތެވެ. ކުޝަންއެއް ބޯދަަށަށް ލައްވާލައިގެން ދިގު ސޯފާގައި އޮށޯތްތަނާ ފޯނު ރިންގުވާން ފަށައިފިއެވެ. ބަލައިލިއިރު ގުޅަނީ ޝުހޭލްއެވެ.
"ވައިފީ! ކީއްކުރަނީ ދޫންޏާ" ޝުހޭލްގެ އަޑުގައިވީ ސަމާސާއެވެ. އަނާރުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ނާނު ނިދީމަ ފޫހިވެފަ. އޮތީ ފިލްމެއް ބަލަން" އަނާރް ވާހަކަދެއްކިއެވެ.
"އިރުކޮޅެއްފަހުން ބިޒީވާނެ. ނުގުޅިދާނެ. އެކަމަކު ކަމެއްވިއްޔާ މެސެޖް މީ އިނގޭ" ޝުހޭލް ބުނެލިއެވެ. ކަމެއް ނެތިއްޔާ އަވަހަށް ގެއަށް ދާނެކަމަށް ބުނެލިއެވެ. ލަސްވިޔަސް ކައިގެން ހުންނަން ހަނދާންކޮށްދިނެވެ. އޭނާ އެންމެފަހުން ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. އަނާރްގެ ފުށުން ޖަވާބެއްލިބޭނެ ކަމަށް ހިތާ ހިތް އިންތިޒާރު ކޮށްލިއެވެ. ނަމަވެސް އަނާރްގެ ހުނުމުގެ އަޑު ނޫން އެހެން އަޑެއް ނީވުނެވެ.
ބަދިގެއަށް ވަދެ ފެންފުޅިއެއް ހިފައިގެން އައިރު ދޮރު ބެލްއަޅާ އަޑު އިވިއިވި ހުއްޓެވެ. ހުއްޓާނުލާ ބެލް އަޑު އިވެން ފެށުމުން ނިދާފައި އޮތް ބިނާންވެސް ހޭލައިފިއެވެ.
"ކާކުބާ؟" އަނާރް ހިތަށް އެރިއެވެ.
ވަގުތަކީ ހަވީރުގެ ވަގުތެވެ. އެގެއަކީ މާގިނަ މީހުން އައިސް އުޅޭ ގެއެއް ނޫނެވެ. ޝެޒާ ވިއްޔާ އައުމުގެ ކުރިން ގުޅާނެއެވެ. ދޮރު ކައިރިއަށް ގޮސް ހުއްޓިފައި މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ކުރިމަތިން އަބާން ފެނުމާއެކު އަނާރްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަބާންގެ މޫނުމައްޗަށް ދޮރުލައްޕަން ބޭނުންވިއެވެ. އެންމެ މިނިޓެއްވެސް ލަސްކުރަން ބޭނުމެއްނުވިއެވެ. ދޮރުފަތުގައި އަތް ޖެހުމާއެކު ކޮށްޕާލިއެވެ. އެއާއެކު ލެއްޕެންދިޔަ ދޮރުގައި އަބާން އަތް އަޅާ ހުއްޓުވިއެވެ. އަނާރްގެ ޖަވާބެއް ނުލިބެނީސް އޭނާ އެތެރެއަށް ދެމިގެންފިއެވެ. ހިތްހަމަނުޖެހިފައި ހުރި އަނާރް އެތެރެއަށް ވަންނަން އުޅެނިކޮށް ބޭރުން ސައިފްވެސް ފެނިއްޖެއެވެ. އެއީ އަބާންގެ އެހީތެރިޔާކަން އިނގުމުން އަނާރް ރުޅިއައެވެ.
ހުރި ތަނުގައި އަނާރްގެ ދެފައި ތަތްލެވީ ބިނާން އުރާލައިގެން ކުޑައެނދު ކައިރީގައި ކޮޅަށް ހުރި އަބާން ފެނިފައެވެ. އޭނާ ބިނާންގެ ކޮލުން ދޮން ނަގަމުން ދިޔަ މަންޒަރުން ހިތް މަޑުވެލައިފިއެވެ. އެހެންނަމަވެސް ހިލޭ ފިރިހެނަކާއެކު އެއް ފުރާޅެއްގެ ދަށުގައި ހުރެވުނުކަން އޭނާ ސިކުނޑި ހަނދާންކޮށްދިނުމާއެކު ތެޅިގަތެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ހުއްޓުނީ އަބާންގެ ކުރިމަތީގައެވެ. ރުޅި އައިސްފައިވާ ސިންގާއެއް ފަދައިން އަބާން އަތުން ބިނާން ޖަހައިގަނެފައި ފަހަތަށް ޖެހުނެވެ.
"އަނާރް...!" އަބާންގެ ތުންފަތަށް ވެރިވެގެން ދިޔަ ލުއިލުއި ހިނިތުންވުމާއެކު އޭނާ އަތް އުފުލައިލީ އަނާރްގެ ކޯތާފަތުގައި ފިރުމާލާށެވެ.
"ޑޯންޓް ޓަޗް މީ. ގެޓް އައުޓް" އަނާރް ބުނެލިއެވެ. އޭނާ އާ އަބާނާ މެދު ހުރަހަކަށް އޭނާ ހެދީ ކަނާއަތުގެ ޝަހާދަތް އިނގިއްޔެވެ. އެ އިނގިއްޔަށް ބަލައިލާފައި އަބާންގެ ނަޒަރު ލަސްލަހުން އަނާރްގެ މޫނަށް ހުއްޓިއްޖެއެވެ.
"އަހަރެން ކިހިނެއްހަދަންވީ؟ ބުނި ކޮންމެ ކަމެއް ކޮށްފާނަން. އަހަރެންނަށް މަޢާފްކުރޭ" އަބާން ބުނެލިއެވެ. އަބާންގެ އަޑުގައި ރިހުމެއް ވިއެވެ. އެކަން އަނާރަށް އިހުސާސްވިއެވެ. އެހެންނަމަވެސް އޭނާ މާބޮޑު އެއްޗެއް ހިތަށް ނޭރިއެވެ. ވަގުތުން އަނާރްގެ ނަޒަރު އަބާނާ ދުރަށް އަނބުރާލިއެވެ. ބަހެއް ނުކިޔާ ހިނދުކޮޅެއް ފާއިތުވިއެވެ. އަބާން އަނާރާ ގާތަށް ފިޔަވަޅެއް އެޅިއެވެ. ބިނާން ގައިގައި ބައްދާލައިގެން ހުރެ އަނާރް ފަހަތަށް ޖެހެމުން ގޮސް ޑައިނިން އާ ސިޓިންރޫމް ވަކިކުރަން ޖަހާފައި ހުރި ތަނބުގައި ޖެހި ހުއްޓެން މަޖުބޫރުވިއެވެ.
"ކީއްވެ އަހަރެންނާ ވާހަކަނުދައްކަނީ. މިހާރު ލޯބިނުވަނީތަ؟ އެއްދުވަހު ލޯބިވެފަ އަނެއްދުވަހު އެލޯބި ފިލައިގެންދާ ކަހަލަ ލޯތްބެއްތަ އަހަރެން ދެކެ ވީ" އަސަރާއެކު އަބާން ބުނެލިއެވެ.
"ވާހަކަދައްކަބަލަ" މޫނު އަނެއްފަރާތަށް އަނބުރައިގެން ހުއްޓަސް އަބާންގެ އަތްތިލަ އަނާރްގެ މޫނާ ހަމައަށް ފޯރައިފިއެވެ.
"އަދިވެސް އެރީތިކަން. އަހަރެން މޮޔަކޮށްލި އަންހެންކުއްޖާ. ދުވަހަކުވެސް ތި ލޯތްބާ ވައްކެއް ނުވެވޭނެ" އަބާން ވާހަކަދެއްކިއެވެ.
"އަަހަރެންގެ ބޭރުފުށުން ފެނުނު ރީތިކަމަށް ބަލާފައޭ ކަލޭ މަށާ ގާތްވީ. ކަލޭއެއްނު ބުނީ އަހަރެންގެ ބަނޑުގައި އޮތީ ކަލޭގެ ދަރިއެއް ނޫނޭ. މިހާރު އަހަރެންގެ ދަރިފުޅު ފެނިފަ މޮޔަވެގެން ތިއުޅެނީ ކީއްވެ؟ އަހަރެންގެ ހަޔާތަށް މިހާރު ކަލޭ ބޭނުމެއްނުވޭ. ބޭނުންނަމަ މާލެ ފަސްގަނޑުގައި ފައި ޖެހުމާއެކު އަހަރެން ކަލޭ ހޯދަން ދުއްވައިގަތީމުސް" ހިތްހަމަނުޖެހިފައި އަނާރް ވާހަކަދެއްކިއެވެ. އޭނާ ހުރީ އަބަނާ ތަނބާ ދެމެދު ތާށިވެފައެވެ. ބޭރަށް ނިކުމެވޭނެ އެއްވެސް ގޮތެއް ނެތެވެ. ދެފަރާތުން ތަނބުގައި އަބާންގެ އަތް ވިއްދާފައި ހުއްޓެވެ.
"ނުވިސްނުނީ. ފަހުން ދެރަވި. ކުއްކުރެވޭނީ އިންސާނުންނަށް. ދެފައިގަ ހިފާފަ އަދޭސްމިކުރީ އަހަރެންނަށް މަޢާފްކޮށްފަ އަހަރެން ކައިރިއަށް އާދޭ" އަބާން ބުނެލިއެވެ. ބިނާންގެ ބުރަކަށިން ވަށާލާފައި އޮތް އަނާރްގެ އަތްމަތީގައި އަބާން އަތް ބޭއްވިއެވެ. އެހިނދު ކުޅަނދުރެއް ކައްޓެއްޖެހިހެން ހީވެ އަބާންގެ އަތް ދުރަށް ފޮޅުވާލިއެވެ.
"ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން. އަހަރެންގެ މައުސޫމްކަމުގެ ފައިދާ ނަގާފައި ޒިންމާނަގަން ވީ ވަގުތު ބޮލާލާ ޖެހީތީ ދުވަހަކުވެސް އަހަރެންގެ ހިތް ހެވެއްނުވާނެ" އަނާރް ޖަވާބުދިނެވެ. އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
"ހީނުކުރައްޗެ އިރެއްގަ ތި އަބާންދެކެ މޮޔަވެފަ ހުއްޓަސް މިހާރު އަހަރެންގެ އިހުސާސްތައް ހުރީ ހަމަ އެގޮތަށޭ. ހުރިހާކަމެއް ބަދަލުވެއްޖެ" އަނާރް ވާހަކަދެއްކިއެވެ.
"ތިއުޅެނީ އަހަރެންގެ ކެތްތެރިކަން ކޮޅުން ނުލައިގެންތަ؟ އަހަރެންނަށް އިނގެޔޭ އަހަރެން ކައިރިއަށް އަނާރް އަންނަން ބޭނުންނުވާ ސަބަބު. ބުނޭ އެއީ ކާކު؟ އެއީ ކާކުހޭ؟" ލިބުނު ނުތަނަވަސްކަމުގައި އަބާނަށް ވާހަކަދެއްކުނީ ބާރަށެވެ. އެ އަޑަށް ބިނާންވެސް ރޯން ފަށައިފިއެވެ. ދަރިފުޅު މަސަލަސް ކުރެވޭތީ އަބާން ދެއަތަކަށް ހެލެމުން ދިޔައެވެ.
"ނުޖެހޭނެ ބަލާކަށް. އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭ" އަނާރް ބުނެލިއެވެ. އިސާހިތަކު އަނާރަށް ރޮވެން ފެށިއެވެ. އަބާނާ ހަނގުރާމަކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނި އަބާނަށް އުންމީދެއް ލިބުނު ކަހަލައެވެ.
"ތި ހިތުގަ އަހަރެންނަށް އެއްވެސް އިހުސާސެއް ނެތްނަމަ، ތި ހިތް އަދިވެސް އަހަރެން ބޭނުންނުވާނަމަ މިއީ ކޮން ކަރުނައެއް. މީހެއްގެ ދުލުން ދޮގުތަކެއް ބޭރުވެގެން ދާހިނދު އެއީ އަނެއް މީހާއަށް ދައްކާ ދަޅައެއްކަން ނޫނީ އެހަދަނީ ދޮގެއްކަން ބުނެދެނީ މިކަހަލަ ކަރުނަތައް" އަނާރްގެ ދެލޯ ކައިރިން ފޭދިފައިވާ ކަރުނަތަކުގައި އިނގިލި ބީއްސައިލަމުން އަބާން ވާހަކަދެއްކިއެވެ.
"ހެހެ.. ހަނދާންނައްތާނުލާ. އުފާވެރިކަމުގެ ވަގުތުގައިވެސް އިންސާނާގެ ލޮލުން ކަރުނަ އާދޭ" އަނާރް ބުނެލިއެވެ.
"ބޭކާރު ވާހަކަ އަޑުއަހަން އަހަރެން ބޭނުމެއްނުވޭ. ހަމަ މިހާރު މިވަގުތު އަބާން މިގެއިން ނުނިކުތިއްޔާ އަހަރެން ގުޅާނީ..."
"ގުޅާނީ ކާކަށް؟ ތިއުޅެނީ އަހަރެންނަށް ބިރުދައްކަންތަ؟" އަބާން ބުނެލިއެވެ.
"އަހަރެން ގުޅާނީ އަހަރެންގެ ފިރިމީހާއަށް. ކޮންމެ ތަނެއްގައި ހުއްޓަސް އަހަރެންގެ އެންމެ ފޯނު ކޯލަކާއެކު އޭނަ ހުންނާނީ އަހަރެން ކައިރީގަ" އަނާރް ބުނެލިއެވެ.
"ވަޓް...؟ ފިރިމީހާ އޭ. އެއީ ފިރިމީހާ ތަ؟" އަބާން ހިމޭންވިއެވެ.
"އާނ. ފިރިމީހާ. ޝުހޭލް. އިނގިއްޖެތަ؟ އަދިވެސް ޤަބޫލުކުރަންތަ އަހަރެން މިހުރީ ކަލެއަށްޓަކައޭ. ކުއްހީތައް ތި ހިތުން ފިލުވާލާ. އަވަހަށް މިގެއިން ދޭ. ދުވަހަކުވެސް އަހަރެން ފެންނަ ހިސާބަށްވެސް ނައިއްޔާ ރަނގަޅީ. ބަޔަކު ޤަބޫލުކުރިޔަސް އަހަރެން ޤަބޫލެއްނުކުރަން ތިއީ އަހަރެންގެ ދަރިފުޅުގެ ބައްޕަ ކަމަކަށް" ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު އަބާންގެ ނަފްސުވެސް ހިމޭން ކޮށްލައިފިއެވެ. އަނާރްގެ ދުލުން އެބަސްތައް އިވުމުގެ ކުރިން އޭނާގެ ދެ ކަންފަތް ބީރުވިނަމައޭ ހިތަށް އަރައިފިއެވެ. ލަސްލަހުން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަނާރުގެ މޫނަށެވެ. އަބާންގެ ދެލޮލުން ކަރުނައިގެ އަސަރު ނެތަސް އެތެރެހަށީގައި އޮތް ހިތް ކަރުނައަޅަން ފަށައިފިއެވެ. އެކަން އޭނާގެ މޫނުމައްޗަށް ވެރިވަމުންދާ އަސަރުތަކުން ބަލައިލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ކުރެވުނީ އެންމެ ކުށެކެވެ. ހީނުކުރާހާ ލޯބިވެވުނު އަންހެންކުއްޖާ މުށުތެރެއިން ދޫވެއްޖެ ކަމުގެ އިހުސާސް ކުރެވި ހަށިގަނޑުން ވިންދު ކެނޑިގެންދިޔަހެން ހީވިއެވެ. އިވުނު ހިތްދަތި ހަބަރާއެކު މަރު އައިސް ޖެހުނީހޭ ހިތަށް އަރައިފިއެވެ.
ހިމޭންކަމާއެކު ކުރިއަށް ހިނގާފައި ދިޔަ އަބާން ހުއްޓުވަން ސައިފް މަސައްކަތް ކުރިއެވެ. އަތުގައި އޮތް ލިޔެކިޔުންތަކާއެކު ވާރޭ ތެރެއަށް ނުނިކުމެ އަބާނަށް ގޮވަން ސައިފް ހުއްޓެވެ. އަބާނަށް ކޮންމެސް ކަމެއްވެއްޖޭ ސައިފް ހިތަށް އެރިއެވެ. ދެމީހުން އެކުގައި އައި ސައިކަލަށް އަރައިގެން އަބާން ދުއްވާލިއިރުވެސް ސައިފް ހުރީ ބަލަހައްޓައިގެންނެވެ. އަބާން ހުއްޓުވަން އޭނާ އިތުރަށް މަސައްކަތް ނުކުރީ ސައިކަލްގެ ދުވެލި އާދައިގެ ވަރަކަށް ހުރީމައެވެ. ހަގީގަތް ޤަބޫލުކޮށް ދުނިޔެ އާ ކުރިމަތިލަން އަބާނަށް ވަގުތު ދޭން ބޭނުންވުމުންނެވެ.
ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި އަބާން ދުއްވާފައި ދިޔައެވެ. އިރުއޮއްސި އަނދިރިވެއްޖެއެވެ. ވައިޖެހެމުން ދިޔައީ ގެތަކުގެ ފުރާޅުތައް ވިއްސައިގެންދާހާ ބާރަށެވެ. ވިދާލާ ވިދުވަރާއެކު އިންސާނުންގެ ލޮލުގެ ފެނުމަށްވެސް ލޮޅުން އަރައިގެންދާވަރު ވެއެވެ. އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި އަބާން ސައިކަލް މަޑުކޮށްލީ ހުޅުމާލޭ މީހުން މަދު ސަރަހައްދަކަށެވެ. ދުނިޔެއަށް ވަރުގަދަ ތޫފާނެއްގެ އަސަރު ކުރަމުންދާއިރު އޭނާގެ ހިތަށް ވެރިވެފައިވާ ތޫފާން އެއަށް ވުރެ ބާރުގަދައެވެ. ދެފަރާތުން ފެންނަން ހުރީ ވިނަތަކާ ގަސްތަކެވެ. އެ މުޅި ސަރަހައްދުގައިވެސް އަބާން ނޫން އެހެން ދިރުމެއް ނުވާ ފަދައެވެ. މޫދު ފެންނަ ހިސާބުގައި ހުއްޓުމަށްފަހު އޭނާގެ ހިތްދަތި ނަޒަރު ހުއްޓާލީ އުޑަށެވެ. ވާރޭ ތިކިތައް އެއްވެސް ރަހުމެއްނެތި އޭނާގެ މޫނު މައްޗަށް ހަމަލާ ދެމުން ދިޔައެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާ ވާރޭ ތިކިތައް އެކުވެ އަނގައިން އާހެއްގެ އަޑު އިވިގެން ދިޔައެވެ. ހިތަށް ކެތްކުރަން ދަތިވެގެންދިޔަ ވަގުތު އަނާރް އެންމެ ފަހުން ބުނެލި ޖުމްލަތައް އޭނާގެ ކަންފަތްދަށުގައި ގުގުމާލިހެން ހީވެއްޖެއެވެ. އިރުކޮޅަކުން އަޑުހަރުކޮށް އަނާރުގެ ނަމުން ގޮވާލައިފިއެވެ. ވަޔާ ވާރޭގެ އަޑުގެ ތެރެއަށް އަބާންގެ އަޑު އެކުވެގެން ދިޔައެވެ.. އެގޮތަށް އެތައް ފަހަރަކު އަނާރަށް ގޮވަމުން ދިޔައެވެ. ދުނިޔެއިން ބާކީވެއްޖެ ކަމުގެ އިހުސާސް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ދެކަކުލުން ވާގި ދޫވެ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން ހުރި ދިމާލަށް ތިރިއަށް ސޮހިގެން ދިޔައެވެ.
(ނުނިމޭ)