ފަންސާސްވަނަ ބައި
"ވިލް ޔޫ މެރީ މީ" އާކާޝްގެ ކުރިމަތީގައި ކުރުކަކޫ މައްޗަށް އިން ޒައިނާ އެޖުމްލަ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ. ޒައިނާގެ ތުންފަތްމަތީގައިވީ ލުއިލުއި ހިނިތުންވުމެކެވެ. ޒައިނާގެ ނަޒަރު އާކާޝްގެ މޫނުން ނުނެއްޓެއެވެ.
"ސާބަހޭ. އެއީ މަންމަމެން ތިބީމަ ކަންނޭނގެ. ހިނގާ ހުރިހާކުދިން ބޭރަށް. އެހެންނޫނީ ދޮންތަ އަތަށް ވަރުބަލިވެގެން އަތުން އަނގޮޓި ދޫވެގެން ވެއްޓިދާނެ" މިހުނާ ބުނެލިއެވެ. އިތުރަށް އާކާޝް ލަދުގަތެވެ. ރަކިވީވަރުން ބޮލުގެ ފުއްކިބައިގައި އޭނާއަށް އަތް ހާކާލެވިއްޖެއެވެ.
"ޔެސް..." އާކާޝް ބުނެލިއެވެ. އާކާޝް ދިއްކޮށްލި އަތުގައި ހިފާފައި އަތުގައި އޮތް ރިހި އަނގޮޓި އާކާޝްގެ އިނގިލީގައި ޒައިނާ އަޅުވައިލިއެވެ. އެމަންޒަރުގެ ފޮޓޯތައް ރާހިލްގެ އަތުގައި އޮތް ކެމެރާގައި ރައްކާކުރަމުން ދިޔައެވެ. އާކާޝް ހުރީ ޒައިނާ ގެނެސް އޭނާގެ މޭގައި ބޮނޑިކޮށްލަން ނުހަނު ބޭނުންވެފައެވެ.
***
ސައިފް އަލަށް ހުޅުވި ގަރާޖު ތެރޭގައި އަބާން އިނެވެ. އޭނާ އިނީ އޭނާގެ ސައިކަލު މަތީގައި އިށީނދެގެންނެވެ. ހަދަން ގެނެސްފައިވާ ސައިކަލުތައް ކައިރީގައި އުޅުނު ދެތިން ބިދޭސީންނަށް އެހީވުމުގައި އުޅުނު ސައިފް ކުޑަ ތުވާލިކޮޅަކުން ދެއަތް ފޮހެމުން އައިސް އަބާން ކައިރީގައި ހުއްޓިއްޖެއެވެ. އަބާން އޭނާ އާ ވާހަކަދައްކަން ބޭނުންވެފައި ހުރިކަން އޭނާއަށް އިނގެއެވެ.
"ދާންވީތަ؟" އަބާން ބުނެލިއެވެ.
ދެއެކުވެރިން މަޑުކޮށްލީ ކެފޭއެއްގައެވެ. އަބާން ވާހަކައެއް ނުދައްކައެވެ. އަނާރްގެ ވާހަކަ ފަށަންވީ ކޮޅެއް އޭނައަށް ނޭނގުނެވެ. ވެއިޓަރަކު އައިސް ބެހެއްޓި ފެންފުޅި ކަނޑާލުމާއެކު އަނގައަށް އަޅައިލިއެވެ. އޭނާ ނޭވައެއްލީ އެއްކޮށް ފެންފުޅި ހުސްވީމައެވެ. ހީވީ ވަރަށް ބޮޑަށް ކަރުތެރެ ހިއްކާލާފައި ހުރި ހެންނެވެ. އަރުން އެތެރެއަށް ދިޔަ ފިނި ފެންފޮދުގެ ބާރުގައި އޭނާ ވާހަކަދައްކަން ހިތްވަރު ހޯދި ކަހަލައެވެ.
"ކިޔާބަލަ" ސައިފް ބުނެލިއެވެ.
"އެއީ ކާކުތަ؟" އަބާން އެހިއެވެ.
"ވެދާނެއްނު އަނާރްގެ ފިރިމީހާ ކަމަށްވެސް" ސައިފް ބުނެލިއެވެ.
"އެހެނެއްނުވާނެ. އަނާރް އަހަރެން މަތިން އެހާ ފަސޭހައިން ހަނދާން ނައްތައެއްނުލާނެ" ޔަޤީންކަމާއެކު އަބާން ބުނެލިއެވެ.
"ނޭނގެ މަށަކަށް. އަހަރެން ނުދާން ހުއްޓަވެސް އަނާރާ ހަމައަށް އަހަރެން ގެންގޮސްފީމެއްނު. ނުވިއެއްނު ކަމެއް. ދެން ކިހިނެއްހަދަން ވިސްނަނީ" ސައިފް އެހިއެވެ.
"މަންމަ ލައްވާ މިރޭ ގުޅުވާނަން. އެންމެފަހަރަކު ނަމަވެސް އަހަރެން ދަރިފުޅު އުރާލަން ބޭނުން" އަބާން ބުނެލިއެވެ.
***
ކާން ހަދައިގެން އަނާރް އިނީ މޭޒު ކައިރީގައި އިށީނދެގެންނެވެ. ޝުހޭލްއަށް ގޮވަންދާން އޭނާ ހަނދާނެއް ނެތެވެ. އަބަދުވެސް ފިކުރެއްގައި އިނދެވޭ ކަހަލައެވެ. ސިޓިންރޫމު ސޯފާގައި އިން ޝުހޭލް ބަދިގެ އާ ދިމާލަށް އައީ އަނާރްގެ ހަބަރެއް ނުވެގެންނެވެ. މޭޒު ކައިރީގައި ވިސްނުމަކަށް ގެއްލިފައި އިން އަނާރް ސިހުނީ އޭނާގެ އަތުގައި ފިނި އަތެއް ޖެހިގެންނެވެ. ސިހިފައި ބަލައިލިއިރު ޝުހޭލް ހުރީ ދާދި ގާތުގައެވެ.
"ކީއްވެ ގޮވާވެސްނުލާ ތި އިންނަނީ" ޝުހޭލް ބުނެލިއެވެ. އޭނާ އުޅުނީ އަނާރް ވަށާލާފައި ގޮސް އަނެއްފަރާތުން އިށީންނާށެވެ. ހުއްޓެން ޖެހުނީ އަނާރް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"ރޭގަ ވީ ކަންތަކަށް ސޮރީ" ކޮޅަށް ތެދުވެ އަނާރް ބުނެލިއެވެ. އޭނާގެ ދެލޮލުން ކަރުނައެއް ފެނުނުހެން ޝުހޭލްއަށް ހީވިއެވެ. އޭނާ އަނާރާ ކުރިމަތިލިއެވެ. އޭނާގެ ދެއަތްތިލައިން އަނާރްގެ މޫނުގެ ދެފަރާތުގައި ހިފައިލިއެވެ.
"އެކަމާތަ ތި ވިސްނަނީ. އެއީ އެވަރު ކަމެއްނޫން" ލޯތްބާއެކު ޝުހޭލް ބުނެލިއެވެ.
"އެކަމާ އެކަންޏެއްވެސް ނޫން. މާމަ މަތިން މާބޮޑަށް ހަނދާންވަނީ. މާމަގެ ނަފްރަތާއެކު އަހަރެންނަށް ހީވަނީ ހަމައަށް ނޭވާވެސް ނުލެވޭހެން" އަނާރް ބުނެލިއެވެ.
"ހިނގާ މާދަމާ އެގެއަށް ދަމާ. އަހަރެން މާމަ އާ ވާހަކަދައްކާނަން" ޝުހޭލް ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ.
"އަދި އެއްވާހަކަ" ޝުހޭލް އެނބުރިލަން އުޅޭހެން ހީވުމުން އަނާރް ބުނެލިއެވެ.
"އަހަރެން އަބާން ބޭނުމެއްނޫން. އޭނާގެ ވާހަކަދައްކަންވެސް އަދި އަހަންވެސް ބޭނުމެއްނޫން" އަނާރް ބުނެލިއެވެ.
"އޯކޭ. އައިމް ސޮރީ" ޝުހޭލް ބުނެލިއެވެ. އަދި އަނާރް ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.
***
ނިދަން ތައްޔާރުވެގެން ފާނާނާއިން ނިކުތްގޮތަށް އަނާރް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ލައިގެން ހުރި ތުނި ޓީޝާޓްގެ މަތިން ޖެކެޓެއް ލައިގެން ހުރިއިރު ތިރިން ލައިގެން ހުރީ ދޫ ހަރުވާޅެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅަން ހުރެ އޭނާ ފަހަތް ބަލައިލިއެވެ. ބެލްކަނީގައި ޝުހޭލް ހުރީ ފޯނެއްގައެވެ.
"މާދަމާ އޮފް" ކޮޓަރި ތެރެއަށް ވަންނަމުން ޝުހޭލް ބުނެލިއެވެ.
"ނިދަން ދޯ ތިއުޅެނީ" އެނދުގައި އިށިން އަނާރަށް ޝުހޭލް ބުނެލިއެވެ. އަނާރް ބޯޖަހައިލުމުން އޭނާ ވަރަށް އަވަހަށް ފާހާނައިން ނިކުންނަނީ ކަމަށް ބުނެ ފަނާހާއަށް ވަނެވެ.
އެނދުގައި އިން އަނާރް ވިސްނާލިއެވެ. އޭނާ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބޮޑު ކަމެއް ހިތުއަޅައިފިއެވެ. އެކަމަށް އަމަލީ ސިފައެއް ގެންނަން އޭނާ އިނީ ބޭނުންވެފައެވެ. ތެދުވެ އެނދުމަތި ރީތިކޮށްލިއެވެ. ފާހާނާއިން ނިކުތްގޮތަށް ޝުހޭލް ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ޝުހޭލް ލައިގެން ހުރި އަންނައުނުތައް ބާލާފައި ނިދާ ހެދުމަށް ބަދަލުކުރާ މަންޒަރު ބަލަން އަނާރަށް ނުކެރުނެވެ.
"ގުޑްނައިޓް" ބާލީހާ ރަޖާ ނަގައިގެން ޝުހޭލް ހިނގައިގަތެވެ.
"ވެއިޓް" އަނާރް ބުނެލިއެވެ. ޝުހޭލް ހުއްޓުނެވެ. އަދި އޭނާއަށް ބަލަހައްޓައިގެން ހުރި އަނާރާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.
"އަހަރެމެންނަކީ ދެމަފިރިން. ކިހާ ދުވަހަކު އަނބިމީހާ އާ ވަކިން ނިދާނީ" ޝުހޭލް އަރާ ހަމަވުމާއެކު އަނާރް އެހިއެވެ. ޝުހޭލްއަށް ޤަބޫލެއްނުކުރެވުނެވެ. އެކަމަކީ ހުދު އޭނާވެސް އެދިއެދި ހުރި ކަމެކެވެ. މަޑުއެކުރަނީ ހަމައެކަނި އަނބިމީހާގެ އެންމެ އިޝާރާތަކަށެވެ.
"އަހަރެމެން ނިދަން މި އެނދު ކުޑަތަ؟" ޝުހޭލް ހިނިއައިއްސަ ބަލަން ހުރުމުން އަނާރް އެހިއެވެ.
"ނޫން. ކުޑައެއްނޫން. ނާނުއަށް...."
"ނާނު ކުޑައެނދަށް ލާން ހިނގާ" އަނާރް ބުނެލިއެވެ. ޝުހޭލް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
އެއްފަރާތުގައި ހުރި ކުޑައެނދު ދަމާލާފައި ގެނެސް ބޮޑު އެނދާ ޖެހިގެން ބެހެއްޓިއެވެ. އަލަމާރިން ނެގި ކުދި ބާލީސް އުރަތަކާ ރަޖައާއެކު އެނދުގެ ތަންމަތި ބަދަލުކޮށްލިއެވެ. އެކަމުގައި ޝުހޭލް އަނާރަށް އެހީވިއެވެ. އަނާރްގެ އަތްމަތި ވަރަށް އަވަހެވެ. ބިނާން ނަގާފައި ކޮލުގައި ބޮސްދިނުމަށްފަހު ތަންމަތީގައި ބޭއްވިއެވެ. ޝުހޭލް އެނދުގައި އިށީނެވެ. އަލަމާރި ކައިރިއަށް ދިޔަ އަނާރްގެ ހަރަކާތްތަކަށް ބަލަން އޭނާ އޮތެވެ. ލައިގެން ހުރި ޖެކެޓް ބާލައިގެން އެނދަށް އައިސް އެރި އަނާރް ފެނި ޝުހޭލަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އުނދަގުވިއެވެ. ފިރިމީހާގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އިނގޭއިރުވެސް އަނާރް ހިތްވަރު ކުރިއެވެ. ލަދުގަތްނަމަވެސް ހިތުގައި އޮތް ގޮތަށް އަމަލުތައް ބެހެއްޓިއެވެ. އެދެމެދުގައިވާ ދުރުކަން ނައްތާލައިގެން ނޫނީ ފިރިމީހާގެ ފަރާތުން އޭނާ އެދޭ ދިރިއުޅުން ނުލިބިދާނެއެވެ.
އަނާރް އެނދުގައި އޮށޯތުމާއެކު ޝުހޭލް ވަރަށް ލޯބިން އަނބިމީހާ އޭނާގެ ދެއަތުގެ ތެރެއަށް ލައިފިއެވެ. ކޮލުގައި ބޮސްދީފައި ކުއިލްޓުން ދެމީހުންގެ ގައި މަތީގައި އެޅިއެވެ.
"އަރޫ މިހާރު ވަރަށް ޗޭންޖްވެއްޖެ" ޝުހޭލް ބުނެލިއެވެ.
"އަހަރެން، އަހަރެންގެ ފިރިމީހާ އާ އެކު ދިރިއުޅެން ބޭނުން" އަނާރް ބުނެލިއެވެ. އެހެން އޮތްއިރު އޭނާގެ ދެލޮލުން ނުފިލާ ރިހުމެއް ފާޅުވާން ހުއްޓެވެ.
"އަރޫ އަހަރެންދެކެ ލޯބިވޭތަ؟" ޝުހޭލް އެހިއެވެ. އެސުވާލާއެކު އަނާރަށް ބާރަށް ދެލޯ މެރުނުކަމެއް ޝުހޭލްއަށް ނޭނގެއެވެ. އަނާރްގެ ފަރާތުން ޖަވާބެއް އާދޭތޯ އޭނާ އިންތިޒާރުކުރިއެވެ. ޖަވާބު ނުލިބޭނެކަން އިނގުމުންވެސް އަނބިމީހާ އާ މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުއުފެދުނެވެ. ލޯބިވާކަން ދުލުން ހާމަނުކުރިޔަސް އިންސާނާގެ އަމަލުތަކުގައިވެސް ވިސްނައިފި މީހަކަށް އޮޅުންފިލާނެ ބަސްމޮށުންތެރިކަމެއް ވެއެވެ. އަނާރް އޭނާއަށް އެދޭކަން އޭނާ ޤަބޫލުކުރީ ލަސްލަހުން ބަދަލުވަމުންދާ އަނާރްގެ އަމަލުތަކުންނެވެ. ހިތުގައި އެއްވެސް އިހުސާސެއް ނެތް ބައިވެރިޔަކާއެކު ދިރިއުޅުން ހިއްސާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އިންސާނާއަށް އެކަން ފަސޭހަވެގެން ދަނީ ލޯތްބޭ މިކިޔާ ޖަޒުބާތު ކޮންމެވެސް ސިފައެއްގައި އިންސާނާގެ ހިތަށް އިހުސާސްވަަމުން ދާތީއެވެ. ޝުހޭލް ޤަބޫލުކުރާ ގޮތުގައި އޭނާދެކެ ލޯބިވާކަން އަނާރްގެ ދުލުން ފާޅުވާން އަދިވެސް ވަގުތު ބޭނުންވެއެވެ. އެހެންކަމުން އަދިވެސް އޭނާ އެވަގުތު އަނާރަށް ދޭނެއެވެ. އޭނާ އަނާރާ ގާތްވާނީ އޭނާ އާ ގާތްވަން އަނާރް މަސައްކަތްކުރާ ވަރަކުންނެވެ. އެހެނީ ކެތްތެރިކަމުގެ މޭވާއަކީ ފޮނި އެއްޗެކެވެ. އެ ފޮނިކަން އިހުސާސް ކުރެވޭނީ ޝުހޭލް ފަދައިން ކެތްތެރިވާން ދަސްވެފައިވާ މީހަކަށެވެ.
"އައި ލަވް ޔޫ މައި ލަވް...." އަނާރްގެ ނިތުގައި ބޮސްދީފައި ޝުހޭލް ބުނެލިއެވެ. ދުުވަހަކުވެސް ހިތަށް ނުލިބޭހާ ހިތްހަމަޖެހުން އޭނާގެ ހިތަށް ލިބިއްޖެއެވެ.
***
ސޯފާގައި އުންމީދާ އާ ނަސީމްގެ އިތުރުން އަބާން އިނެވެ. ސްކޫލު ޔުނީފޯމުގައި ޝުބާވެސް އިނެވެ. އުންމީދާ އަތުގައި އޮތް ފޯނުގައި އަބާން ކިޔަމުން ދިޔަ ނަންބަރު ޖަހަމުން ދިޔައެވެ.
"ޔަގީންތަ މިއީ ކަން އެމަންޖެގެ ނަންބަރަކީ. އެހެންނޫނީ މަންމަ އުމެއިރާއްތައަށް ގުޅައިގެންވެސް ނަންބަރު ހޯދަފާނަން" އުންމީދާ ބުނެލިއެވެ. އޭރު އޭނާ އިނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.
"ތީ ރަނގަޅު ނަންބަރޭ" އަބާން ބުނެލިއެވެ.
އެކޮޅުން ފޯނު ނެގުމާއެކު އުންމީދާ ކަންފަތާ ފޯނު ދުރުކޮށްލާފައި އެންމެންނަށް އަޑު އިވޭނެހެން ސްޕީކަރަށްލިއެވެ.
"އައްސަލާމް އަލައިކުމް" އަނާރްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަބާންގެ ދެލޯ ވިދައިގަތެވެ. އަނާރްގެ އަޑު އޭނާއަށް އިވިގެން އެދިޔައީ ވަރަށް ގިނަ ދުވަސްފަހުންނެވެ. ފަހަކަށް އައިސް އަބާންގެ ކޯލަކަށްވެސް އަނާރް ޖަވާބުދީފައެއް ނުވެއެވެ.
"އަބާންގެ މަންމަ އިނގޭ" އުންމީދާ ބުނެލިއެވެ. އަނާރް ޖަވާބެއް ނުދިނެވެ. އެހެންވިޔަސް އޭނާ ފޯނުގައި އިނެވެ. އުންމީދާއަށް ވާހަކަދައްކަން އުނދަގުވީ އަނާރްގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނާތީއެވެ.
"ކުޑަމީހާ ކިހިނެއް؟" އުންމީދާ އެހިއެވެ.
"ރަނގަޅު" އަނާރް ބުނެލިއެވެ.
"ކުޑަމީހާ އާ ބައްދަލުކޮށްލަން ބޭނުންވެގެން" އުންމީދާ ބުނެލިއެވެ. އަނާރް ޖަވާބެއް ނުދިނެވެ. އުންމީދާ އެތައް ވާހަކައެއް ދެއްކިއެވެ. އަބާނާ ޖެހުނު މައްސަލައެއްގައި ކުޑަދަރިފުޅު މާމަ އާ ކާފަގެ ލޯބިން މަހުރޫމު ނުކުރުމަށް އެދުނެވެ. އެދެމަފިރިން ތިބީ ބިނާންއާ ގުޅުންބަދަހިކުރަން ތައްޔާރަށް ކަމުގައި ބުންޏެވެ.
"އަހަރެންގެ ދަރިފުޅަށް ކިޔަނީ ބިނާން ތަ؟" ހިތާހިތުން އަބާން ކިޔާލިއެވެ. އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.
***
އަނާރް ފޯނުކޯލް ނިންމާލާފައި ކައިރީގައި ސައިބޯން އިން ޝުހޭލްއަށް ބަލައިލިއެވެ. އެކޮޅުން ދެއްކި ވާހަކައެއް ނޭނގުނަސް ދެމެދުގައި ދެކެވުނީ ކޮންކަހަލަ ވާހަކައެއްކަން އޭނާއަށް އަންދާޒާ ކުރެވުނެވެ. ބަސްމަދުވެފައި އިން ޝުހޭލް އަނާރަށް ބަލައިލިއެވެ. އަދި އަނާރްގެ ކޮނޑުގައި ހިފާލާފައި ގަޔާއި ކައިރިކޮށްލިއެވެ.
"އެމީހުން އަހަރެންގެ ދަރިފުޅާ ބައްދަލުކުރަނީ ކީއްކުރަން؟ ކޮބާ ބޭނުމަކީ؟" އަނާރް ބުނެލިއެވެ.
"އެއީ ނާނުގެ މާމަ އާ ކާފަ. އެކަން އަރޫ ހަނދާންނައްތާނުލާ" ޝުހޭލް ބުނެލިއެވެ.
"އެެންވިޔަސް..." އަނާރް ބުނެލިއެވެ. ޝުހޭލް އަނާރްގެ އަތުގައި ހިފައިލިއެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް އަނާރުގެ އެންމެ ކައިރީގައި ހުންނަން ބޭނުންވާ ކަހަލައެވެ.
"އެމީހުން ބުނި ތަނަށް ނާނު އާ ބައްދަލުކުރާއިރު އަހަރެން ބޭނުން އަހަރެން ގާތުގައި ޝުހޭލް ހުންނަން" އަނާރް ބުނެލިއެވެ.
"ޔަގީނެއްނު" އަނާރް ޝުހޭލްގެ ކޮނޑުގައި ބޯއަޅާލިއެވެ.
ޒައިނާ އާ އަކާޝްގެ ކައިވެންޏާ ގުޅިގެން ދެފަރާތުގެ އާއިލާ ވާހަކަދައްކަމުން ދިޔައެވެ. ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެކެވެ. އަކާޝްގެ ގޯތީގައި ޔުސްރާ ބަގީޗާ ހައްދަން ހުސްކޮށްފައިވާ ތަނުގައި ހުރި ބޮޑު މޭޒަށް ހަވީރުގެ ސައި އަރުވާފައި ހުއްޓެވެ. ޖެހޭ ނަލަނަލަ ވައިރޯޅިން ހިތްތަކަށް އުފާވެރިކަން ގެނުވައެވެ.
"ދޮންބެމެން އަންނާނެ ދެ ދުވަސްތެރޭގަ" ފަޔާޒް ކުރި ސުވާލުގެ ޖަވާބުގައި ޒައިނާ ބުނެލިއެވެ.
ޒައިނާ އާ އާކަޝްގެ އިތުރުން އާހިލް އާ ރާހިލް ތިބީ މޭޒުގެ އެއްފަރާތުގައެވެ. އަނެއްފަރާތުގައި ތިބީ އާއިލާގެ ބޮޑެތި މީހުންނެވެ.
"ދަރުބާރު ގެއަށް ދޯ ހަދާނީ" މިހުނާ ބުނެލިއެވެ. އެގޮތާ ހުރިހާ މީހުން ރުހުނެވެ.
"ޒައި ވާނެ އިނގޭ މަންމައާއެކު އެގެއަށް ދާން" ޔުސްރާ ބުނެލިއެވެ.
ކައިރީގައި އިން އާކާޝް ޒައިނާގެ މޫނަށް ބަލައިލިއެވެ. ޒައިނާ އިނީ ހީލައިގެން އިންއިރު އިރުކޮޅަކާ ކޮންމެސް ވައްތަރެއްގެ ހެދިކާއެއް ކާލައެވެ.
"އާއިލާގަ ހުރި ހަމައެކަނި އަންހެންކުއްޖާ. ޕާޓީގެ ހުރިިހާކަމެއް ކުރިއަށްދާންޖެހޭނީ އޭނަ ބޭނުންވާގޮތަށް" ފަޔާޒް ބުނެލިއެވެ.
"ޒައި! މަންމައަށް އުލެއް ދީބަލަ" އަނެއްފަރާތުގައި އިން މިހުނާ ބުނެލިއެވެ.
ޒައިނާއަށް ހައިރާންކަމެއް ލިބުނީ އޭނާ މައްޗަށް ނަގަން އުޅުނު އަތުގައި އަކާޝް ހިފެހެއްޓީމައެވެ. އެވަރުގެ ކަމެއް އާކާޝް ކޮށްފާނެ ކަމަށް ނުވިސްނާ އިން ޒައިނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. މިހުނާގެ ނަޒަރު އެކަނި އޭނާއަށް ހުއްޓިފައި ވިއެވެ. ޒައިނާ ބަލައިލި ގޮތުން މިހުނާ ލޮލުން އިޝާރާތެއްކޮށް ކަމެއްވީހޭ އަހައިލިއެވެ.
"މަންމާ! ދޮންތަގެ އެއް އަތް ހަނދާންނެތި ގޭގަ ބާއްވާފަ އައީ" އަނގަ ގަދަ ރާހިލް ބުނެލިއެވެ. އެހިނދު ހުރިހާ މީހުންގެ ސަމާލުކަން ޒައިނާއަށް ހުއްޓުނެވެ. ޒައިނާ ރާހިލްއަށް ދެލޯ އަޅައިލިއެވެ.
"އަތަށް ކިހިނެއްވީ؟" ވާނުވާ ނޭނގި ޔުސްރާ އެހިއެވެ. އޭރުވެސް އާކާޝްގެ އަތު ތެރެއިން އަތް ސަލާމަތްކުރަން ޒައިނާ މަސައްކަތް ކުރަމުން ދިޔައެވެ.
"ކަމެއްނުވޭ. މަންމަ ބުނީ އުލެއްދޭށޭ. އަން" ޒައިނާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ދުރުގައި އޮތް އަތުން އުލެއް މިހުނާއަށް ދިއްކޮށްލިއެވެ. މިހުނާއަށް ވިސްނިއްޖެއެވެ. އާކާޝްގެ ލާނެއް ސަމާސާއެއްގެ ސަބަބުން ޒައިނާ ކަންބޮޑުވެފައި އިންކަން އޭނާއަށް އިނގިއްޖެއެވެ. ޒައިނާ ލަދުގަނެދާނެތީ އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް އޭނާ ނުބުނެއެވެ.
"އަޅުގަނޑުވެސް ހިތަށްއަރާ އައްކިބެ ގޮތަށް ސައިބޯން އިންނަ ގަޑީގަ އަޅުގަނޑަށްވެސް އަންހެންކުއްޖެއްގެ އަތުގަ ހިފާލަން ލިބޭނެނަމައޭ" ރާހިލްގެ އެ ޖުމްލަ އާއެކު އާކާޝްއަށް ޒައިނާގެ އަތުން ދޫކޮށްލެވުނީ ކުއްލިއަކަށެވެ. އެހިނދު ޒައިނާ އަނެއް އަތުން އާކާޝް ދޫކޮށްލި އަތުގައި ހިފާ ގެނެސް މެއާ ކައިރިކޮށްލިއެވެ.
"ކިހިނެެއް ތިހެދީ؟" ޔުސްރާ އެހިއެވެ.
"އައްކިބެ ދޮންތަގެ އަތުން ދޫކޮށްލީނު" ފެންތަށި ނަގަމުން ރާހިލް ބުނެލިއެވެ. ލަދުން އިނދެވުނު ތަނެއްވެސް ޒައިނާއަށް ނޭނގުނެވެ. އޭނާ ގޮނޑިން ތެދުވެގެން ގެއާ ދިމާލަށް ދުއްވައިގަތެވެ.
"އަޅުގަނޑު މިއަންނަނީ ޓޮއިލެޓަށް ވަދެލާފަ" އާކާޝްއަށް ވެސް އެތަނުގައި އިންނަން ނުކެރުނެވެ. ބައްޕަ އާ ދޮންބެގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވުމުން އިތުރަށް ލަދުގަތެވެ. ވަކި ހިސާބަކަށް ގޮސް އެނބުރިލާފައި ހޭން އިން ރާހިލްއަށް ބަލައިލާފައި އިނގިލިން އިޝާރާތެއް ކޮށްލިއެވެ. ހީވީ ރާހިލް ކުރި ކަންތަކުގެ ބަދަލުހިފުން ކުރިއަށް އެބައޮތޭ ބުނެލި ހެންނެވެ.
"ސަބަހޭ ރާލްއަށް..." މިހުނާ ބުނެލިއެވެ. ހުރިހާ މީހުންނަށްވެސް ތިބީ ހެވިފައެވެ.
***
ދަގަނޑު ގޭޓޭއްލީ ގެއެއްގެ ކުރިމައްޗަށް ކާރު ހުއްޓާލުމާއެކު ޝުހޭލް އަނާރަށް ބަލައިލިއެވެ.
"މީތަ އެގެއަކީ" ޝުހޭލް އެހިއެވެ. އަނާރް ބޯޖަހާލިއެވެ.
ޝުހޭލް ކާރުން ފައިބައިގެން ގޮސް އަނާރް އިން ދިމާ ދޮރު ހުޅުވައިދިނެވެ. އަދި އަނާރަށް އެހީވުމުގެ ގޮތުން ބިނާން އުރާލިއެވެ. ބިނާން ލަވްއާފައި އިން ގަދަ ފެހިކުލައިގެ ޓީޝާޓްކޮޅާއި އަނާރް އަޅައިގެން އިން ހަމައެކުލައިގެ ޝޯލް އިން އެދެމައިން ފެންނަނީ ތަފާތު ގޮތަކަށެވެ.
"އަހަރެން ވަދޭތަ؟" ވަކި ހިސާބަކަށް ގޮސްފައި ޝުހޭލް އެހިއެވެ.
"ބުނީމެއްނު ޝުހޭލް އެތަނުގައި އިންނަން ބޭނުމޭ. އެމީހުން ނާނު ގޮވައިގެން އުޅޭ ގަޑީގަ އަހަރެން އިންނާނީ ބާކީވެފަ" އަނާރް ބުނެލިއެވެ.
ގޭޓުން އެތެރެއަށް ވަނުމާއެކު އުންމީދާގެ އާއިލާ އަނާރަށް ފެނިއްޖެއެވެ. ފެހި ވިނަތަކުގެ މެދުގައި ހުރި ވަށްމޭޒެއް ދޮށުގައި ހަތަރު މީހުން ތިބިއިރު ވަކިންވެސް ދެތިން ގޮނޑި ހުއްޓެވެ. އެމޭޒު ދޮށުގައި އިން އަބާން އަނާރަށް ނުފެންނަ ކަހަލައެވެ. އަނާރާއެކު ފިރިހެނެއް ވަދެގެން އަންނަ މަންޒަރު ފެނުމުން އަބާނަށް ކޮޅަށް ތެދުވެވިއްޖެއެވެ. އެހިސާބަށް އަނާރަށް އާދެވުމުގެ ކުރިން އުންމީދާ އަނާރާ އަރައި ހަމަކޮށްފިއެވެ. ޝުހޭލްގެ އަތްމަތީގައި އިން ބިނާން އުރާލިއިރު އުފާވެރިކަމުގެ ކަރުނައެއް އުންމީދާގެ ދެލޮލުން ވެއްޓިއްޖެއެވެ. ނުދަންނަ މީހުންނާ ރައްޓެހިނޫން ބިނާން ޙައިރާންކަމާއެކު އެކިދިމާ ބަލަމުން ދިޔައެވެ. ރޯންނުރޯން އުޅޭ ކަހަލަ ގޮތަކަށް އުންމީދާގެ މޫނަށް ބަލަމުން ދިޔައެވެ.
"އާދޭ އިށީންނަން" ފަހަތަށް އެނބުރި އަނާރަށް ބަލައިލަމުން އުންމީދާ ބުނެލިއެވެ. ޝުހޭލްގެ މޫނަށް ބަލައިލާފައި އަނާރް ހިނގައިގަތެވެ.
ބިނާނާ އެތައް ވާހަކައެއްދައްކާ ހިތްފުރޭ ވަރަށް ލޯބިކުރުމަށްފަހު ނަސީމް އަތަށް ދިނެވެ. ޝުބާވެސް ބިނާންގެ ކޮލުގައި ކޮށްޓާލިއެވެ. ވަކިން ހުރި ގޮނޑިއެއްގައި އިށިން އަނާރަށް ހިނިތުންވުމެއް ދިނެވެ. ކުއްލިއއަކަށް ހާލަތު ބަދަލުވެފައިވާތީ ޝުބާއަށް އަނާރާ ވާހަކަދައްކަން ނުކެރުނެވެ.
"މިއީ އަބާންގެއެއްނު. އުރާލާކަށްވެސް ބޭނުމެއްނޫންތަ؟" އުންމީދާ ބުނެލިއެވެ. އެގެއަށް އަނާރް ވަންފަހުން އަބާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަނާރްގެ މޫނުން ނުނެއްޓެއެވެ. އެސްފިޔަ ޖަހައިލަންވެސް ބޭނުންނުވެފައި އިނީ އެވަގުތުކޮޅުގައި ވެސް އޭނާގެ ލޯމަތިން އަނާރް ގެއްލިދާނެ ކަމުގެ ބިރު ހީވެފައެވެ.
"ތިއީ އަބާންގެ ދަރިއެއް ނޫން. ތިއީ އަޅުގަނޑުގެ ދަރިއެއް" ނަސީމް އުނގުގައި އިން ބިނާން އަބާން އުރާލިތަނާ އަނާރް ބުނެލިއެވެ. އަނާރް ކޮޅަށް ތެދުވަން އުޅުމުން އޭނާގެ އަތުގައި ޝުހޭލް ހިފެހެއްޓިއެވެ. އެމަންޒަރު އަބާނަށް ރަނގަޅަށް ފެނުނެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ އަނާރްގެ ކާކު ހެއްޔެވެ؟ ރުޅިވެސް އައެވެ. އެގޮތަށް އަނާރްގެ އަތުގައި ބީހުމުގެ ހައްގު އޮތީ އޭނާއަށް އެކަންޏޭ ހިތް ބުނެލިއެވެ.
(ނުނިމޭ)