ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 49

3

ސާޅީސްނުވަވަނަ ބައި

"އަހަރެންނަށް އެވަރަށް ސިހުރު ނުޖައްސަބަލަ.... ވައިފް....." އަނާރްގެ ކަންފަތް ދަށުގައި ސިއްރެއް ބުނެލާހެން ޝުހޭލް ބުނެލިއެވެ. އޭނާ ކޮށްލި އަވަސް ހަރަކާތަކާއެކު އަނާރް އޭނާ އާ ވީ ދިމާލަށް އަނބުރާލިއެވެ. އެހިނދު އޭނާއަށް ފެނުނީ އަނާރްގެ މެރިފައިވާ ދެލޮލެވެ. ޝުހޭލްގެ ކެތްމަދުވެފައިވާ ނަޒަރު އަނާރްގެ ލޮލުން ފެށިގެން ތިރިއަށް އައިސް ހުއްޓުނީ މަޑު ރަތްކަމެއް އެކުލެވިގެންވާ އަނާރްގެ ތުންފަތަށެވެ. އެހިނދު އޭނާގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔައެވެ.

"މިއީ ދެވަނަ ފަހަރު. މިފަހަރުވެސް އަހަރެން ދުރުކޮށްލާނީތަ؟" އަނާރަށް ޝުހޭލްގެ އަޑު އިވުނީ އޭނާ އާ ނުހަނު ގާތުންނެވެ.

"ތިދެލޯ ހުޅުވާލަބަލަ" ޝުހޭލް ބުނެލިއެވެ. ލަސްލަހުން އެސްފިޔަތައް އުފުލާލާފައި އަނާރް ޝުހޭލްއަށް ބަލައިލިއެވެ. ޝުހޭލް ދޫކޮށްލީ އަނާރް ލަދުގަންނުވާކަހަލަ ލުއިލުއި ހިނިތުންވުމެކެވެ. އެވަގުތު އަނެއްކާވެސް އަނާރް ނަޒަރު ބަދަލުކޮށްލިއެވެ. އަނާރްގެ އުނަގަނޑުމަތީގައި އެއް އަތް އަޅުވާލާފައި ގާތަށް ދަމައިލުމާއެކު ޝުހޭލްގެ މޫނު އަނާރްގެ މޫނާ އިތުރަށް ގާތްވިއެވެ. އަނާރްގެ އަތްތިލަ ޝުހޭލްގެ މޭގައި ވިއްދާލާފައި އޭނާ ޝުހޭލްއަށް ހަތަރުކަޅި ހަމަކޮށްލިއެވެ. އެއީ އަނާރްގެ ފަރާތުން މީގެކުރިން ލިބިފައިނުވާ ދައުވަތަކަށް ވާތީ ޝުހޭލް ހިތް އުފަލުން ނަށާލިއެވެ. އަނާރްގެ މޫނާ ނޭވާ އިހުސާސްވާހާ ގާތްވެލާފައި އަނާރްގެ ނޭފަތު ކޮޅުގައި ބޮސްދިނެވެ. އަނާރްގެ ތުންފަތުގައި އޭނާގެ އިނގިލިން ބީހިލީ އެލޯތްބަށް އޭނާ ފެންބޮވައިގަނެފައި ހުރި މިންވަރު އަނާރަށް އަންގައިދިނުމަށެވެ.

***

ގޭތެރެއަށް ވަދެގެން އައި ޒައިނާއަށް ސޯފާގައި ކޮފީބޯން ތިބި މަންމަ އާ ބައްޕަ ފެނި ހިނިތުންވެވުނެވެ. ހުރަހަށް އަޅުވައިގެން ހުރި ދަބަސް ގަޔާ ވަކިކޮށްލާފައި އޭނާ މިހުނާ އާ ޖެހިގެން އިށީނެވެ.

"މިއަދު ކިހިނެއްވީ؟" ހީލަމުން މިހުނާ އަހައިފިއެވެ.

"ހަމަ ބެސްޓް. ހީކުރި ވަރަށް ވުރެ މާ މޮޅު ޒައި" އެތެރެއަށް ވަދެގެން އައި އާކާޝް ބުނެލިއެވެ.

"އެހެންތަ. ކިހާ ހިސާބަކަށް ދެވުނީ" ފަޔާޒް އެހިއެވެ.

"އަދި ކިރިޔާ މިއަދު ވަށާ ބުރެއް ޖެހުނީ" ޒައިނާ ބުނެލިއެވެ.

"އާލްމެންނަށް ވުރެ މާބޮޑަށްވެސް އެހެންވީމަ ރަނގަޅެއްނު އެހެންވީމަ" މިހުނާ ބުނެލިއެވެ.

ފަޔާޒް ޒައިނާގެ އުފަންދުވަހުގެ ހަދިޔާއަކަށް ދިނީ އޭނާ އެންމެފަހުން ގަތް ރޯޔަލް ބްލޫ ކުލައިގެ ކާރެވެ. އެކާރު ދުއްވަން ޒައިނާއަށް ދަސްކޮށްދޭން ހަވާލުކުރީ އާކާޝްއާއެވެ. އެހަދިޔާ ޤަބޫލުކުރަން އެންމެ ފުރަތަމަ ޒައިނާ ދެކޮޅުހެދިއެވެ. އެއީ އެހާ އަގުބޮޑު އެއްޗިއްސާއެކު ދިރިއުޅެން އޭނާ އާދަވެފައި ނެތުމުންނެވެ. އެހެންނަމަވެސް ފަޔާޒް ދަރިފުޅަށް ވިސްނައިދިނެވެ. އެއީ ބައްޕަގެ ފަރާތުން އަންހެން ދަރިފުޅަށް ދޭ ހަދިޔާއެއް ކަމުގައި ބުންޏެވެ. މާތްﷲ ގެ ހެޔޮރަހްމަތްފުޅާއެކު އޭނާގެ އަތްމަތި ތަނަވަސް ކަމުގައި އަންހެންދަރިފުޅަށް ބުނެދިނެވެ. މުދަލާ ފައިސާ އޭނާ ބޭކާރު ގޮތުގައި ހޭދަ ނުކުރާކަމަށް ބުނެދިނެވެ. އަދި ބައްޕަ ފަދައިން އަމަލުތައް ބެހެއްޓުމަށް އަންހެން ދަރިފުޅަށް ނަޞޭޙަތްތެރިވިއެވެ.

***

މާގަނޑު ދަށުގައި ފެންވަރަން ހުރި އަނާރް ފެންތަކުގެ ތެރޭގައި ދެލޯމަރާލައިގެން ހުއްޓެވެ. އޭނާގެ ސިކުނޑި ތެރޭގައި ޝުހޭލާއެކު ހޭދަވި ވަގުތުތައް ރޯލްވަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު އޭނާއަށް ކުރެވިގެން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލުއިކަމެއް އިހުސާސް ވެއްޖެއެވެ. ދެވަނަ ފަހަރަށް އެ އިހުސާސްތަކަށް އެދެވެން ފަށައިފިއެވެ. ފިރިއެއްގެ ފަރާތުން ލިބެންވާ ލޯބި އޭގެ އިންތިހާއަށް ޝުހޭލް އޭނާއަށް ދީފިއެވެ. އޭނާއަށް ވަރަށް ގިނަދުވަހު ފިރިމީހާގެ ފިރުމުންތަކަށް ފިލައިގެން އުޅެވިއްޖެއެވެ. ނޫނެކޭ ބުނެ ފާއިތުވި ހަމަސްދުވަސް ތެރޭގައި ފިރިމީހާ މާޔޫސް ކޮށްލެވިއްޖެއެވެ. ކުރިން ލޯތްބަށް އެދުނީ ޝުހޭލްއެވެ. އެލޯބި ޤަބޫލުކޮށްފައިވެސް ބޭވަފާތެރިވީ ހުދު އޭނާއެވެ. އޭނާގެ ފަސްފަހަތުން އޭނާ ހުރިތަނެއް ހޯދައިގެން އެލޯބި އައެވެ. ފާޅުގައި އޭނާ އިންކާރު ކުރީ އޭނާ ހިތްއެދޭ ކަހަލަ ޒުވާނެއް ފެނުމުންނެވެ. މުޅި ދުނިޔެއަށް ފަޟީހަތްވެ ގިނަވާން ތައްޔާރުވެފައި ވަނިކޮށް އޭނާއަށް ސަލާމަތުގެ އަތެއް ދިއްކޮށްލީ ޝުހޭލްއެވެ. އޭގެފަހުން ދުވަހަކުވެސް ފާޅުގައި ޝުހޭލް އޭނާގެ ލޯތްބަށް އެދިފައެއް ނެތެވެ. ދިއްކޮށްލީ އެކުވެރިކަމުގެ އަތެކެވެ. ދަރިފުޅު ދުނިޔެއަށް އައިތާ ތިންމަސް ނުވަނީސް ކައިވެންޏަށް އެދުނީ އޭނާ އަމިއްލަ އަށެވެ. ހަޔާތުގައި އިހުސާސް ކުރެވުނު އެންމެ ބޮޑު ހިތި ތަޖުރިބާއަށްފަހު އެއްވެސް ގުޅުމެއްނެތި ފިރިހެނަކު ގާތްކޮށްގެން އުޅެން ބޭނުންނުވީއެވެ. ބަފައެއްގެ ލޯބިން ދަރިފުޅު މަހުރޫމު ވާން ނޭދޭތީއެވެ. އެކުވެރިޔާއަށް އޭނާގެ ހިތުން ދެވިފައިވާ އިއްޒަތަކާ ޤަދަރެއްގެ ސަބަބުންނެވެ. އެއީ ދުވަހަކުވެސް އޭނާގެ އަތުން ދޫކޮށްނުލާނެ އިންސާނެކޭ ތަކުރާރުކޮށް ހިތް ބުނާތީއެވެ. ކައިވެންޏަށް އެދުނު ފަހުންވެސް ޝުހޭލް އަވަސް އަރުވައި ނުލިއެވެ. އަނާރަށް އެވިސްނުން ބަދަލުކުރަން ފުރުސަތު ދިނެވެ. ގަދަކަމުން ލޯބި ހާސިލްކުރަން ބޭނުންނުވާކަމަށް ބުންޏެވެ. އަނާރް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެކުވެރިއެއްގެ މަގާމުގައި އެންމެ ގާތުގައި ހުންނާނެކަމަށް ވައުދުވިއެވެ. ދުވަހެއްގައިވެސް ދަރިފުޅުގެ ބައްޕަ އާ ގުޅެން ބޭނުންވެއްޖެނަމަ އެފުރުސަތު އޮތްކަމަށް ބުންޏެވެ. އެކަމަށް އޭނާ އެހީތެރިވާނެ ކަމަށްވެސް ބުންޏެވެ. އެހުރިހާ ކަމަކަށްފަހު އަނާރް އިސްތިޚާރާ ނަމާދު ކުރިއެވެ. ދިރިއުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުކުރިއެވެ. ހެދުން އަޅާގޮތް ބަދަލުކޮށް އަޅުކަން ކުރުމުގައި މަސްޢޫލުވިއެވެ. ބޭކާރު އަނގަ ތެޅުމުންނާއި، ބޭކާރުގޮތުގައި ވަގުތު ހޭދަކުރުން ހުއްޓާލިއެވެ. އިސްތިޚާރާ ނަމާދަށް ފަހު އޭނާ ގެއްލުން ލިބިދާނެ ކޮންމެ ކަމަކުން އޭނާގެ ވެރި ރައްބު އޭނާ ރައްކާތެރިކުރައްވާނެ ކަން ކަށަވަރުކޮށް ދެވަނަ ފަހަރަށް ޝުހޭލްގެ ކައިރިން ކައިވެންޏަށް އެދުނެވެ. އެފަހަރު އޭނާގެ އަތުގައި ޝުހޭލް ހިފީ ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށް ވަޢުދުވަމުންނެވެ. އެހެންނަމަވެސް ކައިވެންޏަށްފަހު އަންބެއްގެ ވާޖިބު އަދާކުރަން އޭނާއަށް ފަސޭހަނުވިއެވެ. އެކަން އެންމެ ފުރަތަމަ ރޭވެސް ފިރިމީހާ ދެނެގަތެވެ. ކެތްތެރިކަން އިސްކޮށް އޭނާ ބޭނުންވާ ވަގުތު ފިރިމީހާ ދިނެވެ. ހަ މަސް ފާއިތުވެގެން ދިޔައިރު ފިރިއަކު އަންބެއްގެ ލޯތްބަށް ބޭނުންވާނެ މިންވަރު އެންމެ ހިނދުކޮޅަކަށްވެސް އޭނާ ހަނދާން ނުނެތެއެވެ. ދުވާލެއް ނިމިގެންދަނީ އޭނާއަށް އޭނާގެ ނަފްސު ކުށްވެރިވާކަން ހަނދާންކޮށްދީފައެވެ. މީގެ ތިންމަހެއްހާ ކުރިން އޭނާ އާ ދާދި ގާތަށް ފިިރިމީހާ އައީ ނޭނގުމުގެ ތެރެއިން އޭނާއަށް ދައުވަތެއް ދެވުނީމައެވެ. ފަހުވަގުތު އިންކާރު ކުރެވުނީ އޭނާ އަށެވެ. ފިރިމިހާގެ ހިތުން އެހަނދާން ނުފިލާކަން އޭނާއަށް އިނގުނީ މިރޭ ފިރިމީހާ އޭނާއަށް އެކަން ހަނދާންކޮށްދިނީމައެވެ. ދެވަނަ ފަހަރަށް ފިރިމީހާ ދުރަށްލާން އޭނާ ބޭނުންނުވީ އެހެންވެއެވެ. އޭނާގެ ހިތުގައި ފިރިމީހާއަށްޓަކައި ލޯތްބޭ މިކިޔާ ޖަޒްބާތު އުފެދިފައިވާކަމެއްވެސް ނުވަތަ ނޫންކަމެއްވެސް އޭނާއަށް ނޭނގޭއެވެ. އޭނާއަށް އިނގެނީ ދަރިފުޅުގެ ބައްޕަގެ ހަނދާންތައް އޭނާގެ ހިތުގެ ހަމަޖެހުމަށް ހުރަސްއަޅާ ކަމެވެ. ފިރިމީހާ އާ ދުރަށްދާން އޭނާ ބޭނުންނުވާ ކަމެވެ. އެދެމެދުގައި ލޯތްބެއް ވިޔަސް އެލޯބި ބޮޑަށް ބުރަވެފައިވަނީ ކޮންފަރާތަކަށް ކަމެއް ކަނޑައަޅާ ވަރަށް ވުރެ އޭނާގެ ހިތާ ސިކުނޑި ބަލިކައްޓެވެ.

ކުއްލިއަކަށް އަނާރް ސިހުނީ ކޮޓަރި ތެރެއިން ބިނާންގެ ރުއިމުގެ އަޑު ޖެހުމުންނެވެ. އޭނާއަކީ ފަތިހު ފަހެއް ޖެހިއިރު ފެންވަރަން ވަން މީހާ ކަން ހަނދާންވެ ހަރަކާތްތައް އަވަސްކޮށްލިއެވެ.

"އަރޫ...!" ކޮޓަރި ތެރެއިން ޝުހޭލް ގޮވާލި އަޑު އިވުނެވެ.

"މި ނިކުންނަނީ" އަނާރް ބުނެލިއެވެ.

ފެންވަރައި ނިމިގެން އެނބުރިލާފައި ދެފަރާތަށް ބޯހޫރާލައިފިއެވެ. އަވަސްކުރަން ވެގެން ވަދެވުނީ ތުވާލި ނުލާކަން ހަނދާންވެއްޖެއެވެ. އެހުރި ގޮތަށް ބޭރަށް ނިކުންނަން އޭނާއަށް ނުކެރުނެވެ. އަދިވެސް އޭނާގެ ހަފަރާތުން ވަށާލާފައި ވަނީ ލަދުގެ ފަރުދާއެކެވެ. އިހުސާސްތައް އޮބިނޯވެގެން ދިޔަ ވަގުތުކޮޅު ލަދުވެތިކަމުގެ ފަރުދާ ކެހިގެން ގޮސްފައި ވިޔަސް އަދިވެސް އެލަދުވެތިކަން އިހުސާސް ކުރެވެއެވެ.

ޝުހޭލް ބަލައިލީ ފާހާނާއިގެ ދޮރު ހުޅުވާލި އަޑަށެވެ.

"އެއްޗެއް ބޭނުންވީތަ؟" ދޮރުހުޅުވުމަށް ފަހުވެސް އަނާރް ބޭރަށް ނުނިކުންނާތީ ޝުހޭލް ބުނެލިއެވެ.

"ތުވާލި ނުލާ ވަދެވުނީމަ" ދޮރުން އެތެރޭގައި ހުރި އަނާރް ބުނެލިއެވެ.

ނިދިފައި އޮތް ބިނާން އަލުން ތަންމަތީގައި ބާއްވާފައި ޝުހޭލް ތުވާލި އަޅުވާ ހަރާ ދިމާލަށް ދިޔައެވެ. އެދިޔަ ދިޔުމުގައި އޭނާ ފާހާނާ ދޮރާ ދިމާލަށް ބަލައިލިއެވެ. އަނާރް ފެންނަން ނެތެވެ. އެހެންނަމަވެސް ލައިޓްގެ އަލި އެޅިފައިވާ ގޮތުން އަނާރްގެ ބަނިޔާދަން ހަށިގަނޑުގެ ހިޔަނި ފާރަށް އެޅިފައި ހުއްޓެވެ. ޝުހޭލްގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

"އަރޫ ފޮރުވައިގެން އުޅުނު ހުރިހާ އެއްޗެއް އަހަރެންނަށް ފެނިއްޖެ. ކީއްވެތަ އަދިވެސް ފޮރުވަން ތިއުޅެނީ" އަނާރް އަތަށް ތުވާލި ދިއްކޮށްލަމުން ޝުހޭލް ބުނެލިއެވެ.

"އަހަރެން ނުވައްދާނަންތަ؟" އަނާރް ތުވާލީގައި ހިފުމުން ޝުހޭލް ބުނެލިއެވެ. އޭނާ ބޭނުންވީ އަނާރް ލަދުން އުޅޭތީ ލޯބި ސަމާސާއެއް ކޮށްލާށެވެ.

އަނާރް ގައިގައި ތުވާލި އޮޅާލައިގެން ނިކުތުމުން ޝުހޭލް އަނާރްގެ ބޮލުން ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. އަނާރް ހީލާފައި ކުރިއަށް ފިިޔަވަޅެއް އަޅައިލިއެވެ.

"ނާނު..." އަނާރް ބުނެލިއެވެ. ފިރިމީހާގެ ނަޒަރުން ސަލާމަތްވުމަށް އޭނާ އުޅުނުކަން އިނގި ޝުހޭލްއަށް ހެވުނެވެ.

"ނިދައިފި" ޝުހޭލް ބުނެލިއެވެ. ޝުހޭލްގެ އުނުގައި ތުވާލި އޮތްކަން އިނގުމުން އަނާރް ބޭނުންވީ އަވަހަށް ފިރިމީހާގެ ލޯމަތިން ގެއްލޭށެވެ. ފައި އެޅުނު ގޮތަކުން ކަންނޭނގެއެވެ. އޭނާ ކައްސާލިއެވެ. ޝުހޭލް ކިތަންމެ ހުޝިޔާރުވި ނަމަވެސް އަނާރް ފާޑަކަށް ވެއްޓުނެވެ. އެހެންނަމަވެސް އޭނާ ތަދެއް ނުވެއެވެ. ޝުހޭލް އަނާރް ނަގާ ކޮޅަށް ބެހެއްޓީ އެހާ އަވަހަށެވެ.

"ތަދުވިތަ؟" ޝުހޭލް އެހިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލިއެވެ.

"ނަސީބެއްނު ތުވާލި ނުވެއްޓުނުކަން. ވެއްޓުނު ނަމަ އަނެއްކާވެސް ރޭގަ ވީހެން ކަންނޭނގެ ވާނީ" ހީލުމަކާއެކު ޝުހޭލް ބުނެލިއެވެ. ލަދުގަނެފައި ހުއްޓަސް އެކަން ދައްކަން އަނާރް ބޭނުންނުވިއެވެ. ދިރިއުޅެން ނިންމައިގެން ހުރީ ޝުހޭލާއެކުއެވެ. ވީއިރު އަބަދު ލަދުގަަނެގެން އުޅުމުގެ ބޭނުމެއްނެތޭ އޭނާގެ ހިތަށް އެރިއެވެ.

"މިދަނީ ސައިހަދަން. ޝުހޭލް ފެންވަރައިގެން އާދޭ" އަނާރް ބުނެލިއެވެ. ހިނގައިގަތް ވަގުތު ޝުހޭލް އަނާރްގެ އަތުގައި ހިފިއެވެ.

"ސޮރީ" އަނާރް ބަލައިލުމާއެކު ޝުހޭލް ބުނެލިއެވެ.

"ވައި ސޮރީ...؟" އަނާރް ބުނެލިއެވެ.

"ރޭގަ..."

"އެހެން ނުބުނޭ. ވީކަމެއް ވީ އަހަރެންގެވެސް ރުހުމުގަ. މިހުރިހާ ދުވަހު އަހަރެން ދުރުން އުޅުނީ. ދެން އެހެންނުވާނެ. ފިރިމީހާގެ އެއްވެސް އެދުމަކަށް އަހަރެން ނޫނެކޭ ނުބުނާނަން" އަނާރް ބުނެލިއެވެ. ޝުހޭލްގެ ހިތް އުފަލުން ފުރިއްޖެއެވެ. އޭނާ އަނާރް ގަޔާ ކައިރިކޮށްލިއެވެ. ލޯތްބާއެކު އަނބިމީހާގެ ނިތްކުރިއަށް ބޮސްދިނެވެ.

***

ހަފްތާ ބަންދުގައި އަނާރް ރުޝްދާ ދިރިއުޅޭ އެޕާޓްމަންޓަށް ދިޔައެވެ. އެދުވަހަކީ ޖައިޝްގެ އާއިލާ ރުޝްދާ އާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދުވަހަށްވާތީ ޑިޔުޓީ ނިންމާފައި ގެއަށް ނުގޮސް ޝުހޭލް ދިޔައީ އެގެއަށެވެ. އެންމެން ސައި މޭޒުދަށުން ބައްދަލުކޮށް ރުޝްދާގެ ކައިވެންޏާ ގުޅިގެން ވާހަކަދެއްކިއެވެ. ޖައިޝްގެ މައިންބަފައިންނަށް ރުޝްދާ ކަމުދިޔައެވެ. ޒުވާން އުމުރުގައި ޖައިޝް ދޮންބައްޕައަކަށް ވިޔަސް އެކަމުގެ ޝަކުވާ އެދެމަފިރިން ނުކުރެއެވެ. ރިޔާ އާއި ރުޝްދާ ބަލައިގަތީ އަމިއްލަ ދަރިން ފަދައިންނެވެ.

***

ގެއަށް ދިޔުމަށް އަނާރް މަގުމައްޗަށް ނިކުތް ވަގުތު އެއީ ކައިރި މިސްކިތުން މަޣްރިބް ނަމާދަށް ބަންގި ދިން ވަގުތެވެ. ދުރުގައި ޕާކްކޮށްފައި އޮތް ކާރު ނަގަން ޝުހޭލް ހިނގައިގަތެވެ. އިމާރާތުގެ ދޮރާ ދޮރު ކުރިމަތީގައި ބިނާން އަތްމައްޗަށް ލައިގެން ދަރިފުޅާ މަޖާ ސަމާސާ ކުރުމުގައި އަނާރް ހުއްޓެވެ. ކަނާތްފަރާތަށް ވީ ދިމާލަށް އޭނާ ބަލައިލި ވަގުތު ގޯޅިއެއްގެ ކަންމައްޗަށް ވާގޮތަށް ހުރި މީހަކު ނިވާވެލި މަންޒަރު އަނާރަށް ފެނުނެވެ. އެއީ އަބާންކަން ފުރަތަމަވެސް އޭނާ އިނގިއްޖެއެވެ. ހިތަށް އުނދަގޫ ގޮތެއް ވެއްޖެއެވެ. އަނެއްފަރާތަށް އެނބުރިލީ ޝުހޭލް އާދޭތޯ ބަލައިލުމަށެވެ. ދެވަނަ ނަޒަރު އަބާން ހުރި ދިމާލަށް ދިންއިރު އެތަނުން އޭނާއަށް ސައިފް ފެނިއްޖެއެވެ. އެވަގުތު އެތަނުން ކުރިން ފެނުނު މީހަކީ އަބާންކަން އޭނާއަށް ޔަގީންވިއެވެ. ކާރުގެ ބަރުގޮނުގެ އަޑު އަނާރަށް އިވުނީ ދާދި ކައިރިންނެވެ. ކާރަށް ބަލައިލާފައި އަނެއްކާ އަބާން ހުރި ދިމާލަށް ބަލައިލިއިރު އޭނާ އާ ދިމާލަށް ސައިފް އާ އަބާން ހިނގާފައި އާދެއެވެ. އެތައް ދުވަހަކަށްފަހު އަބާން ފެނި އޭނާގެ ނަފްސު ކޮންޓްރޯލުން ގެއްލިދާނެތީ ހިތުގައި ބިރުވެރިކަމެއް ހިފައިލިއެވެ. ހިތަކީ ބައެއްފަހަރު ނުބައި ބޭހެއް ކަހަލަ އެއްޗެކެވެ. ފަހުވަގުތު ލަނޑުދޭނީ ނުވިސްނާ ހުއްޓައެވެ. އެހެންކަމުން އަމިއްލަ ހިތަށް އެފުރުސަތު ދޭން އަނާރް ބޭނުމެއްނުވިއެވެ. އޭނާއަކީ ނުހަނު އޯގާތެރި ފިރިއެއްގެ އަންބެއްކަން ސިކުނޑި އަންގައިދީފިއެވެ. ފިރިމީހާއަށް ވަފާތެރިވުމަށް ހިތް މަޖުބޫރު ކުރުވިއެވެ. ކުއްލިއަކަށް އަނާރް ސިހިގެން ދިޔައީ ކާރު ތެރޭގައި އިން ޝުހޭލް ލޯގަނޑު ތިރިކޮށްލާފައި ގޮވައިލުމުންނެވެ. އަނާރް ހިނގައިގަތެވެ. އޭނާ ފިޔަވަޅު އެޅީ ދުރުދުރުގައެވެ. އަބާން އޭނާ އާ ކުރިތިލާނެ ހަނި ފުރުސަތެއް ދޭންވެސް އޭނާ ބޭނުންނުވާ ކަހަލައެވެ. އަނާރް އަރާ ހަމަޖެހިލުމާއެކު ޝުހޭލް ކުރިއަށް ކާރު ދުއްވައިލިއެވެ. އަބާން ހުއްޓި ބަލަހައްޓައިގެން ހުރިތަން ލޮލުގެ ކުޑަކޮޅުން އޭނާއަށް ފެނުނެވެ.

"އެއީ އަބާން ތަ؟" ތަންކޮޅަކަށް ދުއްވާލާފައި ޝުހޭލް އެހިއެވެ. އަނާރް ޙައިރާންކަމާއެކު ޝުހޭލްއަށް ބަލައިލިއެވެ. އެއީ އަބާންކަން ޝުހޭލްއަށް އެހާ ފަސޭހައިން ދެނެގަނެވުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.

"އަރޫ ކީއްވެ މަޑުނުކުރީ. އަހަރެން އޯކޭ އޭ" ޝުހޭލް ބުނެލިއެވެ. އަނާރް ބަހެއްވެސް ނުކިޔައެވެ. ޝުހޭލް ކައިރީގައި އަނާރްގެ ވާހަކަދެއްކުމަކީ އޭނާ ކުރާހިއްވާކަމެއް ނޫނެވެ. އެހެންކަމުން އޭނާ ހިމޭނުން އިނެވެ.

"އޭނަ އަދިވެސް ހުރީ ބަލަހައްޓައިގެން. ބޭނުންތަ ދާން" ޝުހޭލް އެހިއެވެ. ބަހެއް ނުކިޔާ އަނާރް އިނެވެ. އޭނާ ވިސްނަމުން ދަނީ ކޯޗެއްކަމެއް ނޭނގެއެވެ.

"ޝުހޭލް ބޭނުމީ އަހަރެން އަބާނާ ހަވާލުކުރަންތަ؟" ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަމަށްފަހު އަނާރްގެ އަޑު އިވިލިއެވެ. އުންމީދުނުކުރާ ފަދަ އެއްޗެއް އަނާރްގެ ދުލުން ބޭރުވީތީ ޝުހޭލްއަށް ކާރު ހުއްޓައލެވުނީ ހަމަ ކުއްލިއަކަށެވެ. އޭނާ އަނާރްގެ މޫނަށް ބަލައިލިއެވެ. ސުވާލު އެކުރީ އެސުވާލުގެ ޖަވާބު އަނާރަށް ނޭނގޭތީ ހެއްޔެވެ؟ ޝުހޭލްގެ ހިތުގައި ސުވާލު އުފެދުނެވެ. އަނާރްގެ މޫނަށް ހިނދުކޮޅަކު ބަލަހައްޓައިގެން އިނދެފައި ޝުހޭލް ކާރު ކުރިއަށް ދުއްވަން ފެށިއެވެ. ފާއިތުވެގެންދިޔަ ވަގުތުތަކުގައި ދެމީހުން ކުރެ އެކަކުވެސް ބަހެއް ނުކިޔައެވެ.

***

އާކާޝް ގޭތެރެއަށް ވަނުމާއެކު ރާހިލް އާ އާހިލްއަށް ހުއްޓުމެއް އަތުވެއްޖެއެވެ. ޒައިނާގެ ކޮޓަރި ބާރަކަށް ލައްޕައިލި އަޑުވެސް އެވަގުތު އިވިއްޖެއެވެ. އަކާޝް ދެކުދިންނަށް ވަކިވަކިން ބަލައިލިއެވެ.

"ދޮންތަގެ ކޮޓަރިން ކުރަތްޕެއް ފެނުނީ" ރާހިލް ބުނެލިއެވެ.

"ކުރަފިދެކެ ޒައި ވަރަށް ބިރުގަންނާނެ" އާކާޝް ބުނެލިއެވެ.

"ފިހިގަނޑުން ތަޅަމުން ނެރެދީފިން. އަނެއްކާ ވަދެދާނެތީ ދޮރުލެއްޕި އަޑު އެ އިވުނީ. އައްކިބެ ތިއުޅެނީ ތަނަކަށް ދާންތަ؟" އާކާޝް ތައްޔާރުވެފައި ހުރިގޮތް ފެނުމުން އާހިލް އެހިއެވެ.

"ހަމަ އައީ" އާކާޝް ސޯފާގައި އިށީނދެފައި ފޯނު ނެގިއެވެ.

"ދޮންތަ ނިކުންނަންވާއިރަށް ހިނގާބަލަ މެޗެއް ޖަހާލަން" ޓީވީ އާ ކަނެކްޓް ކޮށްފައި އިން ޖޮއިސްޓިކް އާކާޝް އަތަށް ދެމުން ރާހިލް ބުނެލިއެވެ.

"ދެން މިގަޑިއަކު ނޫން. ކޮބާ ދޮންބެމެން" އާކާޝް ބުނެލިއެވެ.

"އެބައުޅޭ. ދެން ހިގާބަލަ" އާހިލް ދުލެއް ނުކުރިއެވެ. އެދެކުދިން އުޅޭގޮތުން ގަސްދުގައި އާކާޝް ހިފަހައްޓަން މަސައްކަތްކުރާ ކަހަލައެވެ. އާކާޝް ޒައިނާގެ ކޮޓަރި އާ ދިމާލަށް ބަލަމުން ދާތީ ދެކުދިންނަށް ހެވިއްޖެއެވެ. އެކޮޓަރި ތެރެއަށް އާކާޝް ވަންނަން ބޭނުންވެފައި ހުރި މިންވަރު ދެކުދިންނަށް އިނގުނެވެ. އެހެންނަމަވެސް ދެކކުދިން މަޑުކޮށްލައިގެން ތިބީ އިޝާރާތަކަށެވެ.

"އެ އުޅެނީ ބަލިވެދާނެތީ. ނޯ ވަން ކޭން ޑިފީޓް މީ ފްރޮމް ފުޓްބޯލް" ސޯފާގެ ލޭގޭބައި މަތީގައި އިށީނދެގެން އިން ރާހިލް ބުނެލިއެވެ. ކުއްލިއަކަށް އާހިލް އަތުގައި އޮތް ފޯނު ރާހިލްއަށް ދައްކައިލިއެވެ. އެވަގުތު ރާހިލް ކުޑަކޮށް ގުދުވެލާފައި އާކާޝް އަތުގައި ޖޮއިސްޓިން އަތުލިއެވެ.

"ތިނުދެވިގެން އުޅޭ ތަނަށް ދެން ދޭބަލަ" އާހިލް ބުނެލިއެވެ. އެވަގުތު ހެމުން ހެމުން އާކާޝް ހިނގައިގަތެވެ.

އާކާޝް ޒައިނާގެ ކޮޓަރި ދޮރުހުޅުވާލީ ދެތިން ފަހަރަކު ޓަކި ޖަހާފައި އެތެރެއިން ހަބަރެއް ނުވުމުންނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ޒައިނާއަށް ގޮވާލާފައި ޖަވާބެއް ނައުމުން ސްވިޗްތައް ޖައްސަން ފާރާ ދިމާލަށް ދާން ފޯނުން ލައިޓް ޖައްސަަން ޖީބަށް އަތް ކޮށްޕާލީ ފޯނު ނަގާށެވެ. އެހެންނަމަވެސް އަތުގައި ފޯނު ނުޖެހުނެވެ. ސޯފާ މަތީގައި ބޭއްވުނީކަން ހަނދާންވެ ހިތުގެ ލަފަޔަށް ފާރާ ދިމާލަށް ދިޔައެވެ.

ކޮޓަރިތެރެ އަލިވެގެން ދިޔުމުން ފުން ނޭވައެއް ލާފައި އޭނާ އެނބުރިލިއިރު ފެނުނު މަންޒަރަކުން ހުއްޓެން މަޖުބޫރުވިއެވެ. ފެންނަމުން ދިޔައީ ހަގީގަތް ކަން ޤަބޫލުކުރަން ދަތިވެ ދެތިންފަހަރު އެސްފިޔަ ޖަހައިލިއެވެ. މަންޒަރު ބަދަލުނުވިއެވެ. ފަހަތުން ވަދެގެން އައި އާހިލް އާ ރާހިލް އަދި މިހުނާ ފެނުމުން އާކާޝް ލަދުގަތެވެ. އެވަރުގެ ކަމެއް ޒައިނާ ކޮށްފާނެކަމަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ.

"ވިލް ޔޫ މެރީ މީ" އާކާޝްގެ ކުރިމަތީގައި ކުރުކަކޫ މައްޗަށް އިން ޒައިނާ އެޖުމްލަ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟