ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 48

4

ސާޅީސްއަށްވަނަ ބައި

އަހަރެން އަބާން ބޭނުމެއްނޫން.... ބޭނުމެއްނޫން...." އަނާރް ބުނެލިއެވެ. އެވަގުތު ވީގޮތް ޝުހޭލްއަށް ވިސްނައިގަނެވިއްޖެއެވެ. އަނާރްގެ ބޮލުގައި އޭނާ ބޮސްދިންއިރު އޭނާގެ ދެލޮލުން ރިހުމެއް ފެންނަން ހުއްޓެވެ. ޝުހޭލް އަނާރްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އަނާރްގެ ނަފްސަށް ހަމަޖެހުން ލިބި ރުއިން މަޑުވަންދެން ޝުހޭލް ހުއްޓެވެ. އޭނަ އަނާރް ގެނެސް އެނދުގައި ބޭންދީ ކުޑައިރުކޮޅެއް ފަހުންނެވެ.

"ފެން ބޯން ބޭނުންތަ؟" ޝުހޭލް އެހިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލިއެވެ.

"ބޮލުގަ ރިއްސަނީ" އަނާރް ބުނެލިއެވެ.

"އަހަރެން މަސާޖްކޮށްލަދޭނަން އޮށޯވެލާ" ބާލީސް މަތީގައި އަނާރް ބާއްވާލާފައި ޝުހޭލް ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަނާރް އޮތެވެ.

"ބުރުގާ ބާލަންވީނުން. އޭރުން އަރާމުވާނެ. ފަސޭހައިން ނިދާލެވޭނެ" ޝުހޭލް އަނާރްގެ ބުރުގަލުގައި ހިފިއެވެ. އެހިނދު އަނާރް ޝުހޭލްގެ އަތުގައި ހިފެހެއްޓިއެވެ.

އަނާރް މަޑުމަޑުން އެސްފިޔަތައް ތިރިކޮށްލިއެވެ. ބުރުގާ އަނާރްގެ ބޮލުން ވަކިކޮށްލާފައި ޝުހޭލް އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ލޯތްބާއެކު މަސާޖްކޮށްދިނެވެ. އެގޮތުގައި އަނާރަށް ނިދެންދެން އޭނާ އިނެވެ.

އަނާރަށް ނިދުނުކަން ޔަގީންވުމާއެކު ޝުހޭލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާ ވިސްނުމަކަށް ގެއްލުނެވެ. އަނާރްގެ ނަން މަޑުމަޑުން ކިޔާލާފައި އެމޫނަށް ނަޒަރު ހުއްޓާލައިފިއެވެ. މަޑުމަޑުން ގުދުވެ އަނާރްގެ ނިތުގައި ބޮސްދީފިއެވެ. އިސްތަށިގަނޑުގައި ފިރުމާލާފައި ކުއިލްޓް އަޅައިދިނެވެ. ބިނާން ހޭލައިފިކަން އިނގުނީ ކޮޓަރިން ނިކުންނަން އުޅެނިކޮށެވެ. އަނާރަށް އުނދަގުވެދާނެތީ އޭނާ ކޮޓަރިން ނިކުތީ ބިނާން އުރާލައިގެންނެވެ.

***

ކައިނިމިގެން ހުރިހާ މީހުން މޭޒު ކައިރިން ތެދުވި ވަގުތު މިހުނާ އަވަސްވެލީ ތަށިތައް ނަގާށެވެ. އެހިނދު ޒައިނާ އައިސް މިހުނާގެ އަތުގައި ހިފެހެއްޓިއެވެ.

"އަދިވެސް މަންމަ އިނގިލީގަ ރިއްސައެއްނު. މަންމަ ދޭބަލަ. ޒައި ތިކަންކަން ކޮށްލަފާނަމޭ" ޒައިނާ ބުނެލިއެވެ.

"ރަނގަޅުވާނެ. ބޭސްގަނޑު ނައްޓާލީމަ ކުޑަކޮށް ފަސޭހަ" މިހުނާ ބުނެލިއެވެ.

"ނޫނޭ. ކަމަކުނުދާނެ. ބަސްއަހާބަލަ މަންމާ. ތިއީ މާބުރަކަމެއް ނޫނޭ. އެހެންނޫނަސް މާދަމާ މީހަކާ އިންނަން ކިޔާއިރު ގޭތެރޭގެ މަސައްކަތެއް ނުކޮށް ހުންނަންވެއްޖިއްޔާ އަޅުގަނޑު މާބޮޑަށް ކަންނެތް ވެދާނެ" ޒައިނާ ބުނެލިއެވެ.

"އެންމެ ރަނގަޅު. މަންމަ އެބައަންނަން ބައްޕަ އާއެކު މިތާ ކައިރި ފިހާރައަކަށް ވަދެލާފަ. ޒައި އެއްޗެއް ބޭނުންތަ؟" ޒައިނާގެ މޫނުގައި ފިރުމާލާފައި މިހުނާ އެހިއެވެ.

"ނޫން. ބޭނުންވިއްޔާ ބުނާނަން" ޒައިނާ ބުނެލިއެވެ.

ޒިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި ޒައިނާ ސިހިގެން ދިޔައީ އޭނާގެ ފުރަގަހުން މީހެއްގެ ބީހުން އިހުސާސްވާން ފެށުމުންނެވެ. ނޭފަތުގައި ޖެހުނު ސެންޓްގެ ވަހާއެކު އޭނާގެ ނަފްސަށް ދިރުން ލިބިގެން ދިޔައެވެ. އެތެރެއަށް ނޭފަތް ދަމައިލެވުނީ ބޭއިހްތިޔާރުގައެވެ. ފަހަތް ބަލައިނުލެވި އުޅެނިކޮށް ފަހަތުން އޭނާގެ ގައިގައި އެމީހަކު ބައްދާލައިފިއެވެ. ޒައިނާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލަދުރަކި ހިނިތުންވުމެކެވެ.

"މީހަކު އައިސްދާނެ" ލަދުން ހުރެ ޒައިނާ ބުނެލިއެވެ.

***

ކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަން އުންމީދާއަށް ކޮޓަރިން އަބާން ނުފެނުނެވެ. އޭނާ ބެލްކަންޏާ ދިމާލަށް ދިޔައީ އެތަނުގައި އަބާން ހުންނާނެކަން އިނގޭތީއެވެ. ވީވެސް އެހެންނެވެ. އަބާން ބެލްކަނީގައި ފޯނެއްގައި ހުއްޓެވެ. ފޯނު ކަންފަތާ ދުރުކޮށްލާފައި އިރުކޮޅަކާ ބަލައިލައެވެ. އުންމީދާ ކައިރީގައި ހުއްޓުނުއިރުވެސް އަބާން ހުރީ އެގޮތަށެވެ.

"ފޯނަށް ނުގުޅެނީތަ؟" އުންމީދާ ވާހަކަދެއްކި އަޑަށް އަބާން ބަލައިލިއެވެ. އަދި އުންމީދާ ދިއްކޮށްލި ކޮފީތަށީގައި ހިފައިފިއެވެ.

"ކީއްވެތަ އަނާރް އަޅުގަނޑަށް ނުގުޅޭ ގޮތް ހަދާފަ އޭނީ" އަބާން އެހިއެވެ. އޭނާ ކޮފީތަށި ހިފައިގެން ގޮސް ކޮފީ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

"އެމަންޖެގެ ކިބައިން މަޢާފަށް އެދުނިންތަ؟" އުންމީދާ އެހިއެވެ.

"ކިހާވަރަކަށް. ނުކުރިއޭ. ވަރަށް ރުޅިއައިއްސަ ހުރީ" އަބާން ބުނެލިއެވެ.

"ރަނގަޅު ގޮތެއްވާން މިންވަރުފުޅުގައި ހުރިއްޔާ އެކަމެއް ވާނީ ރަނގަޅަކަށް. އެކަމަކު މަންމަގެ ބަސް ޤަބޫލުކުރަންޏާ ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް އަބީ ޖެހޭނެ ހަގީގަތް ޤަބޫލުކުރަން" އަބާންގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އުންމީދާ ބުނެލިއެވެ.

"މިހާރު މާލެވެސް އައިސްފި. އަދި ދަރިފުޅު ލޮލުން ނުދެކެން" އަސަރާއެކު އަބާން ބުނެލިއެވެ. އެ ހަބަރާއެކު އުންމީދާ އައިސް އަބާން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

"ނާ ހަމަ ތެދެއްތަ. އެމަންޖެ ހުރީ މާލޭގަތަ؟ ތިހެން ވިއްޔާ ކުޑަމީހާ ދެކިލަން މަންމަވެސް ބޭނުން. ބައްޕަވެސް ބޭނުންވާނެ. އެއީ މަންމަގެ ފުރަތަމަ މާމަ ދަރިފުޅު. ކޮންމެ ގޮތަކަށް ދުނިޔެއަށް އައި ކުއްޖެއް ނަމަވެސް އެއީ މަންމަގެ ލޭ" ޖަޒުބާތީ ވެވުނު ވަރުން އުންމީދާގެ ދެލޮލުން ކަރުނަ ހިލުނެވެ.

"އަހަރެން ކިހިނެއް އަނާރް ކައިރީގަ ތިހެން ބުނާނީ" އަބާން ބުނެލިއެވެ.

"މަންމައަށް ދީބަލަ ނަންބަރު" ކެތްތެރިކަން ކުޑަވެފައިވާ ހާލު އުންމީދާ ބުނެލިއެވެ.

***

އަނާރަށް ހޭލެވުނުއިރު މުޅި ތަނަށް ވެރިވެފައިވަނީ އަނދިރި ކަމެވެ. އެނދުމަތީގައި އަތް ހާކަމުން ގޮސް ފޯނު އަތުގައި ޖެހުމާއެކު ނަގާފައި ގަޑިން ވީއިރެއް ބަލައިލިއެވެ. އިރުއޮށްސިއްޖެއެވެ. ފާރުގައި އަތް ޖައްސަމުން ގޮސް ލައިޓްތައް ޖައްސައިފިއެވެ. އެނދުގައި ބިނާންވެސް ނެތެވެ. އެނދުމަތީގައި އޮތް ބުރުގާ ބޮލަށް ހެޔޮވަރުކޮށްލާފައި ކޮޓަރިން ނިކުތުމާއެކު ނޭފަތުގައި ޖެހުނީ ފިޔާ މީރު ކުރާ ވަހެވެ. އޭނާ ހަށީފުރާ ނޭވައެއް ލާފައި ހިނިތުންވެލިއެވެ. ބަދިގެ އާ ދިމާލަށް ދިޔައިރު އެއްޗެހި ތަޅުވާ އަޑު އިވުނެވެ.

ޝުހޭލްއަށް އަނާރް ފެނުނީ ބަދިގޭ ދޮރުމައްޗަށް އެރި ތަނާއެވެ. އަނާރާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ކޮށީގައި އިން ބިނާން އުރާލިއެވެ. އެހާ ގިނައިރު ފަހުން މަންމަ ފެނުމުން އެ ތުއްތު ކުއްޖާ ހިތް އުފަލުން ފުރިއްޖެއެވެ. އަނގަ ފުޅާ ހިނިތުންވުމެއް މަންމައަށް ދިނީ އެހެންވެއެވެ.

"ކޯޗެއް ކައްކަނީ؟ އަހަރެންނަށް ގޮވިނަމައެއްނު" އަނާރް ބުނެލިއެވެ.

"މީދެން އެވަރު ކަމެއްތަ؟ އަރޫ ބޮލުގަ ރިއްސާތީ އިރުކޮޅަކު ނިދަން ބޭއްވީއެއްނު" ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލަމުން ޝުހޭލް ބުނެލިއެވެ.

"ސޮރީ...." އިސްޖަހައިލަމުން އަނާރް ބުނެލިއެވެ.

"އެއްކަލަ އަރޫ... އާދެބަލަ މިކޮޅަށް" އަނާރް އަތުގައި ހިފައިގެން އައިސް ގޮނޑީގައި ބޭންދިއެވެ.

"އަހަރެން ފެނުނީމަ އަބަދު ސޮރީ ތިކިޔަނީ ކީއްވެ؟" ޝުހޭލް އެހިއެވެ. އޭނާ އިނީ އަނާރާ ޖެހިގެން އިން ގޮނޑީގައެވެ.

"އަހަރެންގެ ސަބަބުން މިއަދުވެސް ޝުހޭލްގެ ވަޒީފާއަށް ބުރޫ އަރައިފި. ބުނި ހަނދާން އެބަހުރި މިރޭ ގެއަށް ނާދެވޭނެ ވާހަކަ" އަނާރް ބުނެލިއެވެ.

"އެހެން ބުނީ މިއަދު ކުޑަ ކަމެއްވެސް ހޮސްޕިޓަލްގަ އޮތީމަ. އެހެންނޫނަސް އަރޫއަށް އިނގެއެއްނު އެހެން ހުރިހާ ކަމަކަށް ވުރެ އަހަރެންނަށް އަރޫ މުހިންމު ވާނެކަން. އަރޫ ރޯތީވެ އަހަރެންނަށް އެތަނުގައި ނުހުރެވޭނެކަން އިނގޭތީ ގެއަށް އައީ. އަދިވެސް ކޯލެއް އައިއްސިއްޔާ ދާންޖެހިދާނެ" ޝުހޭލް ބުނެލިއެވެ.

"މިހާރު އޯކޭތަ؟ ބޮލުގަ ރިއްސާތަ؟" އުނގުގައި އިން ބިނާންގެ އަތްމަތީގައި އޮތް އަނާރްގެ އަތުގައި ހިފައިލަމުން ޝުހޭލް އެހިއެވެ. އަނާރް ދެފަރާތަށް ބޯހޫރާލިއެވެ.

"ދެންވެސް ނަމާދުކޮށްގެން ނާނުގެ ކަންތައް ނިންމާލާފަ އާދޭ. ވަރަށް މީރުކޮށް ސްޕެގެޓީ ކައްކާފަ ހުންނާނެ" ޝުހޭލް ބުނެލިއެވެ.

"ޝުހޭލް ނަމާދު ނުކުރަންތަ؟" އަނާރް އެހިއެވެ.

"ނޫނޭ އަހަރެން މިދަނީ މިސްކިތަށް ދާން" ޝުހޭލް ބުނެލިއެވެ.

***

ދޮރުހުޅުވާލުމާއެކު ރުޝްދާއަށް ދޮރުމަތީގައި ހުރި ޖައިޝް ފެނިއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވީ ގަދަކަަމުންނެވެ. ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާފައި ޖައިޝް ވަންނަން ތަން ދެއްކިއެވެ. ދޮރުން އެތެރެއަށް ވަނުމަށްފަހު ޖައިޝް އަތުގައި އޮތް ފިނިފެންމާ ބޮނޑި ރުޝްދާއަށް ދިއްކޮށްލިއެވެ. ޝުކުރުއަދާކޮށްފައި އޭނާ ޖައިޝްއަށް އިށީންނަން ތަން ދެއްކިއެވެ.

"ކޮބާ ޔާއްކޮ" އިށީންނަމުން ޖައިޝް އެހިއެވެ.

"ދެންމެ ނިދީ" ރުޝްދާ ބުނެލިއެވެ.

"އެބައަންނަން" ރުޝްދާ ހިނގައިގަންނަން އުޅުނު ވަގުތު މަޑުޖެހުނީ އޭނާގެ އަތުގައި ޖައިޝް ހިފެހެއްޓުމުންނެވެ. އޭނާ ލަސްލަހުން ޖައިޝް އާ ދިމާލަށް އެނބުރިލިއެވެ.

"އަހަރެން އުންމީދުކުރަން އަހަރެން ހިތްހަލާކުވާ ކަހަލަ ޖަވާބެއް ރުޝް ނުދޭނެކަމަށް" ކޮޅަށް ތެދުވެލާފައި ރުޝްދާގެ މޫނަށް ނަޒަރު ހުއްޓައިލަމުން ޖައިޝް ބުނެލިއެވެ.

"މިރޭ އަހަރެން މިއައީ ވަރަށް އުންމީދާއެކު. ރުޝް ދޭ ޖަވާބަކުން ފަހަރެއްގަ އަހަރެންނަށް ބޮޑު ބައްޔެއްވެސް ތަޙައްމަލްކުރަން ޖެހިދާނެ" އިސްޖަހައިގެން ހުރި ރުޝްދާގެ ދަތްދޮޅި އެއް އިނގިލިން އުފުލާލައިފައި ޖައިޝް ބުނެލިއެވެ.

"އަހަރެން މިއަންނަނީ ކޮފީއެއް ހިފައިގެން" ރުޝްދާ ބުނެލިއެވެ.

"އެއްވެސް އެއްޗެއް ބުއިމުގެ ކުރިން އަހަރެން ބޭނުންވަނީ ރުޝްގެ ޖަވާބު. އޭގެކުރިން އަހަރެންނަށް އެއްކަމެއްވެސް ނުކުރެވޭނެ" ޖައިޝް ބުނެލިއެވެ.

"އަހަ....އަހަރެންގެ ޖަވާބަކީ އާއެނކޭ..." ހުއްޓަ ހުއްޓަމުން ރުޝްދާ ބުނެލިއެވެ. އެވަގުތު ޖައިޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ރުޝްދާގެ މޫނުގެ ދެފަރާތުގައި އޭނާ ހިފިއްޖެއެވެ. މޫނު އުފުލާލައިފައި ނިތުގައި ބޮސްދީފިއެވެ.

"އަދި އެއްފަހަރު ބުނެބަލަ" ޖައިޝް ބުނެލިއެވެ.

"އަހަރެން އާއެނކޭ ބުނީ" ރުޝްދާ ބުނެލިއެވެ. އެވަގުތު ޖައިޝް ރުޝްދާ އުރާލިއެވެ. އެނބުރިލުމާއެކު އޭނާގެ ހީލުމުގެ އަޑު އިވިއްޖެއެވެ.

"އަހަރެން ބަހައްޓާ. ދައްތަ ކޮޓަރިން ނިކުމެދާނެ" އަވަސް އަވަހަށް ރުޝްދާ ބުނެލިއެވެ.

***

ޝުހޭލް ބުނިގޮތަށް އެމެޖެންސީ ކޯލެއް އައުމާއެކު އޭނާ ދާން ޖެހިއްޖެއެވެ. އަނެއްކާވެސް އަނާރް ގޭތެރޭގައި އެކަނިވިއެވެ. ބިނާންވެސް ނިދައިފިއެވެ. ބޭކާރު ކަންތައްތަކާ ނުވިސްނަން ވެގެން ލެޕްޓޮޕް ހުޅުވައިގެން އެނދުގައި އޮށްވާ ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ. ދެން ފެނުނީ ދުވެފައި ކޮޓަރިން ނިކުތް ތަނެވެ. ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝެޒާގެ ގައިގައި އަނާރް ބައްދައިލިއެވެ. ޝެޒާވެސް އަނާރްގެ ގައިގައި ހިފައިގެން ހުރީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވެފައެވެ.

"އާދޭ އެތެރެއަށް" ޝެޒާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން އަނާރް ބުނެލިއެވެ.

"ކޮބާ ނާނު؟ ނިދީތަ؟" އެތެރެއަށް ވަންނަމުން ޝެޒާ އެހިއެވެ. އަނާރް ބޯޖަހައިލިއެވެ.

"އަހަރެން އަންނަ އެންމެ ރެއަކުވެސް އެސޮރު ހޭލާ ނޯންނާނެ. އަން. މިއީ އަހަރެން އެސޮރަށް ގެނައި އެއްޗެއް" އަތުގައި އޮތް ބޮޑު ކޮތަޅު އަނާރަށް ދިއްކޮށްލަމުން ޝެޒާ ބުނެލިއެވެ.

ދެކުދިން ވާހަކަދައްކަމުން ގޮސް އިށީނީ އެނދުގައެވެ. ޝެޒާ ނިދާފައި އޮތް ބިނާންގެ ދޮން ކޮލަށް ބޮސްދިނެވެ. ބިނާންގެ ފަންއިސްތަށިކޮޅުގައި ފިރުމާލިއެވެ.

"އަހަރެންނަށް ވައްތަރީ އަރޫ އާ" ޝެޒާ ބުނެލިއެވެ. އަނާރް ހިނިތުންވެލިއެވެ.

"މާމަ ކިހިނެއް؟" އެއްވެސް އަސަރެއް ނެތް ގޮތަކަށް އަނާރް އެހިއެވެ.

"ގޯހެއް ނޫން. އަރޫގެ ވާހަކަ ނުދައްކާ. އެކަމަކު އިނގޭ މާމަ ވަރަށް މިސްނާކަން. އަބަދުވެސް އިންނަނީ ފިކުރެއްގަ. އެހެންވެ އަހަރެން ވަރަށް ކަންބޮޑުވޭ" ޝެޒާ ވާހަކަދެއްކިއެވެ. އަނާރަށް ރޮވިއްޖެއެވެ. މާމަ މަތިން މާބޮޑަށް ހަނދާން ވެއްޖެއެވެ.

"އަހަރެން މާމަ މަތިން ވަރަށް ހަނދާންވޭ. އަބަދު މާމަ އާ މެދު ފިކުރުކުރެވޭ. މާމަ ދެކިލަން ބޭނުން. ޝެޒް ބުނެބަލަ މާމަ ކައިރީގަ އަހަރެންނަށް މަޢާފްކުރާށޭ. އަހަރެންނަށް ކުއްކުރެވުނީއޭ" އަނާރް ބުނެލިއެވެ.

"އަހަރެން ކިހާ ވަރަކަށް ކިޔާނީ. ހަމަ އެހެން ކިޔާއިރަށް ރޯންފަށާނެ" ޝެޒާ ބުނެލިއެވެ.

"އަރޫ ނުރޮއިބަލަ. މާމަ އޯކޭވާނޭ އަދި" އަނާރްގެ ދެލޯ ކައިރި ފޮހެލަމުން ޝެޒާ ބުނެލިއެވެ.

"މާމަ މިހާރު އަބަދު ކިޔަނީ އަހަރެންވެސް މާމަ ދޫކޮށްލާފަ ހިނގައިދާނޭ. މާމަ މަރުވާނީ އެކަނި އުޅެނިކޮށޭ" ޝެޒާ ބުނެލިއެވެ.

"ކީއްވެތަ މާމަ އެގޮތަށް ވިސްނަނީ" އަނާރް ބުނެލިއެވެ.

"އެއީ އަރޫ އެކޮޅުގަ ހުއްޓަ އަހަރެންގެ ބައްޕަ ފަރާތު އާންޓެއް ގެއަށް އަންނަނީ. ބުނަނީ އަހަރެން ހޯދާތާ ދުވަސްތަކެއް ވެއްޖެއޭ. އަހަރެންގެ ބައްޕަ ވަރަށް ބަލިވެ އުޅެފަ ނިޔާވެއްޖެއޯ. ހިނގާށޯ އޭނަ އާ އެކު ދާން" ޝެޒާ ވާހަކަދެއްކިއެވެ.

"ދެން ޝެޒް ކީކޭ ބުނީ؟" އަނާރް އެހިއެވެ.

"ތެދަށް ބުނަންޏާ ބައްޕަ ނިޔާވި ހަބަރުދިނީމަ އަހަރެންނަށް އެއްވެސް އަސަރެއް ނުކުރި. ދުވަހަކުވެސް ނުދެކޭ މީހަކު ނިޔާވެއްޖެއޭ ބުނީމަ އެހެން ދޯ ވާނީ. އަހަރެން ބުނިން މާމަ ދޫކޮށްލާފަ އަހަރެން ދާނެ ތަނެއް ނޯންނާނޭ" ޝެޒާ ވާހަކަދެއްކިއެވެ.

"ޝެޒް މާމަ ރަނގަޅަށް ބަލައްޗެ. މާމަ ރުޅިއައިސްފަ ހުއްޓަސް އަހަރެން ދާނަން ނާނު ގޮވައިގެން. މާމަ އަހަރެން ގައިގައި ތަޅައިގަނެފައި ގެއިން ނެރުނަސް ދާނަން" އަނާރް ބުނެލިއެވެ.

***

ފާހާނާއިގައި ފެންވަރަން ހުރި އަބާނަށް އުންމީދާ ގޮވާ އަޑު އިވެން ފެށުމުން އަތްމަތި އަވަސްކޮށްލިއެވެ. ބޮޑުކަމަކު ނޫނީ މަންމަ އެހާ ވަރަށް ނުގޮވާނެކަން އޭނާއަށް އިނގެއެވެ. މާގަނޑު ބާރުކޮށްފައި ހަރުގައި އޮތް ތުވާލި ނަގައިގެން ފެންހިއްކާލާފައި އެތުވާލި އުނުގައި އޮޅާލިއެވެ. އޭރުވެސް ބޮލުގެ އިސްތަށިތަކުގެ ކޮޅުން ބުރަކައްޓާ ކަންފަތް ކައިރިއަށް ފެން ފައިބަމުން ދިޔައެވެ.

"ފެންވަރަން ހުއްޓަ ދޯ މަންމައަށް ގޮވުނީ" އަބާން ފެނުމުން އުންމީދާ ބުނެލިއެވެ.

"ލައްބަ. ކިހިނެއްވީ އަނެއްކާ" އަބާން އެހިއެވެ.

"ތައްޔާރުވެލައިގެން އާދެބަލަ ތިރިއަށް. އަވަސްކޮށްލައްޗެ އިނގޭ" އުންމީދާ ހިނގައިގަތެވެ.

***

ޖޫސްތައްޓެއް ހިފައިގެން އުންމީދާ ސިޓިންރޫމަށް ދިޔައެވެ. އޭރު ސޯފާގައި އިން ނަސީމް އޭނާ ކައިރީގައި އިން ފިރިހެނަކާ ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އުންމީދާ ގޮސް އެމީހާއަށް ޖުސްތަށި ދިއްކޮށްލިއއެވެ. އެމީހާ ޖޫސްތަށީގައި ހިފަފައި އެއް ނޭވައިން ޖޫސްތަށި ބޯލައިފިއެވެ. އެމީހާގެ އެ އަމަލުން އޭނާ އިނީ ވަރަށް ބަނޑުހައިވެފަ ކަން އުންމިދާއަށް އިނގުނެވެ.

"އުމުރަކީ ކުރު އެއްޗެއް. ނޭވާލެވޭހާ ހިނދެއްގައި އެއީ ފުރުސަތެއް ކަމަށް ދެކެންޖެހޭނެ. މިހާރު މިވަގުތުވެސް ދުނިޔެ ދޫކޮށް ދާންޖެހިދާނެ. އެހިސާބުން އިންސާނާގެ ހަގީގީ ދުނިޔެ އެފެށުނީ. ކުރެވުނު ފާފައެއް ވިއްޔާ ފުއްސަވައިދެއްވުމަށް އެދި ދަންނަވާ. އަދިވެސް ވަގުތު އެބައޮތް. އެކަލާނގެ އެއީ ހުރިހާ އަޅުތަކުންގެ ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެ" ނަސީމް ކުރިމަތީގައި އިން އޭނާ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ކަމަށް ދެކުނު ސައީދަށް ވިސްނައިދެމުން ދިޔައެވެ. ސައީދު އިސްޖަހާލައިގެން އިނެވެ.

"މަންމާ!" ކައިރިން އަބާންގެ ނަން އިވުމުން އުންމީދާ ބަލައިލިއެވެ.

"އަނހަ ދަރިފުޅު އައީތަ؟ އިނގޭތަ މީނީ ކާކުކަން" އުންމީދާ ކައިރީގައި އަބާން އިށީނުމުން ނަސީމް ބުނެލިއެވެ. އަބާން ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށް ދެފަރާތަށް ބޯހޫރާލިއެވެ.

"މިއީ ބައްޕަގެ ކޮއްކޮ. ކުޑައިރު އުޅުނީ އެކީގަ. ކުޅެހެދީ އެކީގަ. ސްކޫލަށް ގޮސް ކިޔެވީ އެކީގަ. މިއީ ދަރިފުޅުމެންގެ ސައީދުބެ. ކާފަ، ދަރިއެއްހެން އެންމެ ކުޑައިރުން ފެށިގެން ގެންގުޅުނީ" ނަސީމް އޮޅުންފިލުވައިދިނެވެ. އަބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މިއީ އަނާރްގެ ބައްޕަވެސް މެ" އެޖުމްލައާއެކު އަބާންގެ މޫނުމަތިން ޙައިރާންކަމެއް ފާޅުވެލިއެވެ.

"އިނގޭތަ ސައީދަށް ކާފަ ދަރިއަކު ލިބިއްޖެކަން. އެދަރީގެ ބައްޕައަކީ މިއީ. އަބާން" ނަސީމް ބުނެލިއެވެ. ސައީދު އަބާނަށް ބަލައިލިއެވެ.

"އެދެކުދިން ކޮންއިރަކު އިނީ؟" ސައީދު އެހިއެވެ. އެހިނދު އުންމީދާ އާ ނަސީމް އެކަކު އަނެކަކަށް ބަލައިލިއެވެ.

"އަދި ނުއިނދޭ. އެއީ ޒުވާންކަމުގެ ޖޯޝުގައި އެދެކުދިންނަށް ކުރެވުނު ކަމެއް. މިހާރު އެދުވަސް ފާއިތުވެއްޖެ" ނަސީމް ބުނެލިއެވެ.

"އެހެންވީމަ ދަރިފުޅު ކުރަންވީ ކަމަކީ ސައީދުބެއަށް އޭނަ ބޭނުންވާގޮތަށް ކުޑަ ވިޔަފާރިއެއް ފެށޭނެ ގޮތެއް ހަމަޖައްސައިދޭންވީ. މައްސަލައެއްނެތް ބަޔަކު އަތުން ކުޑަ ތަންކޮޅެއް ކުއްޔަށް ނެގިޔަސް. މޭވާ އާ ތަރުކާރީ ވިއްކޭ މާހައުލެއް ތައްޔާރުކޮށްލާނީ. ވިޔަފާރި ފަށައިގެން ކުޑަދުވަސްކޮޅެއް ވަންދެން އަހަރެން ހުރިހާ ހަރަދެއް ކުރާނަން. އޭގެފަހުން ހުރިހާ ކަމެއް ކުރާނީ ސައީދު އަމިއްލައަށް. މީހާގެ ސިފައަށްވެސް އެބަޖެހޭ ބަދަލު ގެންނަން. ތިގޮތަށް ހުރުމުން މީހުން ދެކޭނީ އެހެން ގޮތަކަށް. މުޖްތަމައު ބަލައިގަންނަ މީހަކަށް ވާން އެބަޖެހޭ" ނަސީމް ވާހަކަދެއްކިއެވެ. ސައީދު ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ ގަދަކަމުންނެވެ.

***

ގޭތެރެއަށް ވަންއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަދިގެ ތެރެއިން އަޑެއް އިވުމުން އަނާރް ވީ އެތަނުގައި ކަން ޝުހޭލްއަށް އިނގުނެވެ. އޭނާ ކޮޓަރި އާ ދިމާލަށް ދިޔައީ ފްރެޝްވެލާށެވެ. އިރުއޮށްސުނު ވަގުތު ވެހެންފެށި ވާރޭއަށް އަދިވެސް ބަދަލެއް ނާދޭއެވެ.

ކޮޓަރި ދޮރުުޅުވާލުމާއެކު ޝުހޭލްއަށް ފެނުނު މަންޒަރާއެކު އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށް ނުލެވުނެވެ. ސިހިގެން ދިޔަވަރުން އަނާރް އަތުން ގައިގައި އޮޅާލާފައި އޮތް ތުވާލި ވެއްޓިއްޖެއެވެ. ޝުހޭލް ބަލަހައްޓައިގެން ހުރި ގޮތުން އަނާރްގެ ހަށިގަނޑަށް ގުޑުމެއް އަރުވާލަންވެސް ނުކެރުނެވެ. ހިނދަކަށް ފަހު ހިނދެއް ފާއިތުވެގެން ދާ ވަރަކަށް އަނާރާ ގާތަށް ޝުހޭލް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނާގެ ނަޒަރު އަނާރްގެ ލަދުވެތި މޫނުން އެންމެ ހިނދުކޮޅަކަށްވެސް ނުނެއްޓެއެވެ. ކައިރިވެލާފައި އަނާރްގެ ބަނޑުގައި ޝުހޭލްގެ އިނގިލިތައް ބީއްސާލަމުން އެހަށިގަނޑު އޭނާގެ ދެއަތުގެ ތެރެއަށް ގެނައިރު އޭނާގެ ފިރިހެންވަންތަ އިހުސާސްތައް ހޭލައިގަނެފިއެވެ. މުޅިން ތަފާތު ވިންދެއްގެ އަޑު އިވިގެން ދިޔައެވެ. އަނާރް ލަދުގަނެފައި ހުރިވަރު އޭނަގެ މޫނުމަތިން ފާޅުވާން ހުރުމުން ޝުހޭލް ތިރިވެލާފައި ތުވާލި ނަގައި އަނާރްގެ ގައިގައި ވަށާލިއެވެ. އަދި އަނާރްގެ ފަހަތުގައި ހުއްޓުމަށްފަހު އޭނާގެ ދެއަތުގެ ތެރޭގައި އަނާރް ފިއްތާލިއެވެ. ކަންފަތް ކައިރިން އިސްތަށިތައް އެއްފަރަތާކޮށް އޭނާގެ އަނާރްގެ ކަންފަތް ދަށުގައި ބޮސްދީފިއެވެ. އެހިނދު އަނާރްގެ ދެލޯ މެރިގެން ދިޔައެވެ.

"އަހަރެންނަށް އެވަރަށް ސިހުރު ނުޖައްސަބަލަ.... ވައިފް....." އަނާރްގެ ކަންފަތް ދަށުގައި ސިއްރެއް ބުނެލާހެން ޝުހޭލް ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟