ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 47

3

ސާޅީސްހަތްވަނަ ބައި

އަނާރް މަގުމައްޗަށް ނިކުތްއިރު އަނެއްފަރާތުގައި އޮތް ކާރުގައި ލެގިލައިގެން ޝުހޭލް ހުއްޓެވެ. އަނާރް މަގުހުރަސްކުރުމުގެ ކުރިން ޝުހޭލްއަށް ބަލައިލިއެވެ. އެވަގުތު ޝުހޭލް އިޝާރާތުން މަޑުކުރަން ބުނެލިއެވެ. މަގު ހުރަސްކޮށް އަނާރް ހުރި ހިސާބަށް ޝުހޭލް އައެވެ. އަދި އަނާރް އަތުގައި އިން ބިނާން އުރާލާފައި ކޮލުގައި ބޮސްދިނެވެ. އަނާރްގެ އުނގަނޑުގައި އަތްއަޅުވާލައިގެން ހުރެ އޭނާ ކާރާ ހަމައަށް އައެވެ.

ކުރީ ޝީޓަށް އަރާ އަނާރް ހަމަޖެހިލުމާއެކު ޝުހޭލް ކާރު ދުއްވާލިއެވެ. ވަކި ހިސާބަކަށް ދެވުމުން އޭނާ އަނާރަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"ދޮންތަ އެކަހަލަ ވާހަކައެއް ދެއްކިތަ؟" ޝުހޭލް އެހިއެވެ.

"ނުދައްކާ. އެކަމަކު އަހަރެން ދެއްކިން. ބުނި އެބަ ވިސްނަމޭ. ލައިފެއް ފެށުމަކީ ދޮންއަށް ފަސޭހަކަމެއް ނޫނޭ" އަނާރް ވާހަކަދެއްކިއެވެ.

"އަހަރެން ނުދައްކާނަން ދޮން ކައިރީގަ. އަހަރެން އެވާހަކަ ދެއްކީމަ ދޮންއަށް ހީވަނީ އަހަރެންނަށް ދޮން އާ ހެދި އުނދަގުވަނީއޭ. އެކަހަލަ އިހުސާސެއް ދޮންއަށް ކުރެވެން ބޭނުމެއްނޫން" ޝުހޭލް ވާހަކަދެއްކިއެވެ.

"ޖައުޝްއަކީ ގޯސް ކުއްޖެއްނޫން. އާނ ދޮންއަށް ވުރެ އުމުރުން ހަގު. އެކަމަކު ބަލާބެލުމަކަށް އެތަފާތެއް ފަހާގައެއްނުވޭ. އަނެއްކާ ޖައުޝްގެ އާއިލާއަކީ ނުލާހިކު ރަނގަޅު އާއިލާއެއް. ހަފްތާއަކު އެއްފަހަރު ދޮން އުޅޭ އެޕާޓްމަންޓަށް އެބަދޭ. އަނެއްކާ ދުވާލަކު އެއްފަހަރު ދޮންއަށް ގުޅައިގެން ހާލުބަލާ. ޔާއްކޮއަށް އެހާ ކެއަރކުރޭ. ޔާއްކޮ ބައްޕަ ފެމެލީ އަށް ވުރެ އެތައް ގޮތަކުން ރަނގަޅު" އަނާރް ވާހަކަދެއްކިއެވެ.

"އާނ އަހަރެންވެސް ތިހެން ބުނިން ދޮން ކައިރީގަ. ޖައުޝް އެންމެ ފުރަތަމަ ދޮންގެ ވާހަކަ އަހަރެން ކައިރީގަ ދެއްކި ދުވަހުވެސް އަހަރެންނަށް އިނގިއްޖެ ޖައުޝްއަކީ ހަރުދަނާ ޒިންމާދާރު ޒުވާނެއްކަން. އެހާ އުމުރުން ޅައިރު ބިޒްނަސްއެއް ހިންގަން އިނގޭނީ ހާދަ ސިކުނޑި ތަނަވަސް މީހަކަށޭ" ޝުހޭލް ވާހަކަދެއްކިއެވެ. ވާހަކައިގައި ތިބެ ގެއާ ހަމައަށް ދެވުނުއިރު އަނާރްގެ އުނގުގައި އޮތް ބިނާނަށް އޮތީ ނިދިފައެވެ.

ކޮޓަރިއަށް ވަންގޮތަށް ޝުހޭލް ވަނީ ފާހާނާއަށެވެ. އަނާރް އެނދުގައި އިށީނދެފައި ބިނާން ބާލީސް މަތީގައި ބޭއްވުމާއެކު އެކުއްޖާ ދެލޯ ހުޅުވައިފިއެވެ. ޝުހޭލް ފާހާނާއިން ނިކުތްއިރު އަނާރް އުޅުނީ ބިނާންގެ ޓީޝާޓްކޮޅު ބޭލުވުމުގައެވެ.

"ވަރަށް ބަނޑުހައި. ކޯޗެއް ހެދީ މިއަދު" އަނާރާ ދިމާލުން ބިނާން ކައިރިން އިށީންނަންމުން ޝުހޭލް ބުނެލިއެވެ.

"ރިހަ ކައްކާފަ ދިޔައީ. ކުޑަ ރޮށިކޮޅެއް ފިހެލަން ޖެހޭނީ. މަޑުުކޮށްލާ. އަހަރެން ވަރަށް އަވަސްކޮށްލާނަން" އަނާރް ބުނެލިއެވެ.

"އަރޫ ދޭ ބަދިގެއަށް. އަހަރެން ނާނުގެ ކަންތައް ކޮށްލާނަން" ޝުހޭލް ބިނާން ނަގާ އުރާލުމުން އަނާރް ތެދުވިއެވެ. އޭނާ ދޮރާ އަލަމާރި އާ ދިމާލަށް ގޮސް ގޭތެރޭ ލައި އުޅޭ ހެދުމަކާ ބުރުގަލެއް ނެގިއެވެ. ފާހާނާއަށް ގޮސް ބަދަލުކޮށްލައިގެން ނިކުމެ އެނދުގައި އިން ޝުހޭލްއަށް ބަލައިލިއެވެ. އޭރު ބިނާން ނަގައިގެން އެކުއްޖާ އާ ސަމާސާ ކުރަމުން ޝުހޭލް ފާހާނާއަށް ވަދެއްޖެއެވެ.

"ބައްޕި ދޫނި ހިނގާ ދޯ ތިއްތިވެލަން އަވަހަށް" ބިނާން ގޮވައިގެން ފާހާނާއިން ނިކުތް ޝުހޭލްއަށް ބަލަން އަނާރަށް ހުރެވުނެވެ. ޝުހޭލްގެ އޯގާތެރިކަން ފެނި އަނާރްގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވިއްޖެއެވެ. މާބޮޑަށްވެސް އޭނާ ހުރީ ޝުހޭލްއަށް ދަރަނިވެރިވެފައޭ ހިތް ބުނެލައިފިއެވެ. އޭނާ ކޮޓަރިން ނިކުތީ ޝުހޭލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެފައެވެ.

"އަރޫ..!" ކޮޓަރިން ނިކުމެ ނިކުމެ ހުރި އަނާރް ޝުހޭލްގެ އަޑަށް ހުއްޓުނެވެ.

"ޓީޝާޓަކާ ސޯޓެއް ނަގާފަ ދޭބަލަ. ނާނު ނިދީމަ ޗޭންޖްކޮށްލައިގެން ދާނަން ހެލްޕްވާން" ޝުހޭލް ބުނެލިއެވެ. ހިނިތުންވުމަކާއެކު އަނާރް ކޮޓަރިއަށް ވަނެވެ. އަލަމާރި ހުޅުވާލާފައި ޝުހޭލް އެދުނު ފަދައިން ކަންތައް ކުރިއެވެ. އޭނާ ކޮޓަރިން ނިކުތްއިރު ބިނާން ނިނެދުވުމަށް ޝުހޭލް އަނގައިން ނާނާއެއް އަޅުވަމުން ދިޔަ އަޑު އިވިއިވި ހުއްޓެވެ.

***

އޮފީސް ތެރޭގައި އަނގައަށް ގަލަން ލައިގެން އަބާން އިނެވެ. އޭނާ އިނީ ނުރަސްމީ ހެދުމެއްގައެވެ. ކުރިމަތީގައި ފައިލެއް ހުޅުވާފައި އޮތަސް އޭނާގެ ސަމާލުކަން އެ ފައިލަށް ދެވިފައި ނުވެއެވެ. އޭނާގެ ހިތާ ސިކުނޑި ގުޅިފައިވަނީ މުޅިން އެހެން ކަމަކާއެވެ. ކުރިމަތީގައި އިން ސައިފް އަބާނަށް ބަލަހައްޓައިގެން އިނދެފައި ދެފަރާތަށް ބޯހޫރާލިއެވެ.

"ކޮން ވިސްނުމެއްގަ" ސައިފް ތަންކޮޅެއް ބާރަށް އެހިއެވެ.

"ހިތަށް މިއަރަނީ މި މައްސަލަ ވިން ކުރާނީ ކިހިނެއްބާއޭ. ވަރަށް ޓައިމް އެބަ ބޭނުންވޭ މީތި ސްޓަޑީ ކޮށްލަން" އަބާން ބުނެލިއެވެ.

"ހަމަ ތިކަމާ ތަ ތި ވިސްނަނީ. އަހަރެންނަކަށް ހިއެއްނުވޭ" ސައިފް ބުނެލިއެވެ.

"ނޭނގެ އަހަރެންގެ ބޯގޮވައިފި. އަހަރެން ކުޑަކޮށް ބިޒީ ވާންވެގެން މިގަޑީގަ އޮފީސް ހުޅުވީ"" ފައިލް ލައްޕައިލަމުން އަބާން ބުނެލިއެވެ.

"ހިނގާބަ ކޮފީއަކަށް އަރަން" ސައިފް ބުނެލިއެވެ.

"އިނގޭތަ އަނާރް އަހަރެންގެ ދަރިފުޅު ގޮވައިގެން މާލެ އައިއްސި. މިހާރު ހަފްތާއެއް ވެއްޖެ. އަހަރެންނަށް އަނާރާ ބައްދަލުވާނެ ގޮތެއް ހަދައިދީބަލަ. ފޯނުން ވާހަކަދައްކަން އުޅެއުޅެ ނުދެއްކި. އަހަރެންނަށް ޔަގީން އަހަރެން ކުރިމައްޗަށް އަރައިފިއްޔާ އޭނަ އެއްވެސް ކަމަކަށް އިންކާރެއް ނުކުރާނެކަން" އަބާން ވާހަކަދެއްކިއެވެ.

"މަށަކަށް ނުވާނެ ތިކަމެއް" ސައިފް ވަގުތުން އިންކާރު ކުރިއެވެ.

"ޕްލީޒް. ސައިފް ބުނާނީ މަންމަ އާ ބައްޕަ ބޭނުންވެޔޭ ދަރިފުޅު ދެކިލަން" އަބާން ބުނެލިއެވެ.

"ސީރިއަސްކޮށް. މިފަހަރު ތިކަމުގަ އަހަރެންނަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތް. އަބާންގެ ވާހަކަތައް ހިފައިގެން އަހަރެން އަނާރް ކުރިމައްޗަށް ދާކަށް ބޭނުމެއްނޫން. އެހެންނޫނަސް މިހާރު އަނާރް މޭރީޑް ނޫންކަމެއްވެސް ނޭނގޭ. ވަގުތުފާއިތުވެއްޖެ. ކަލޭ ރަނގަޅުވާނީ މިހާރު އެކަމާ ނޫޅުނިއްޔާ. އެސްފިޔަޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އަހަރު ދުވަސް ނެއްޓިގެން އެދިޔައީ. މިހާ ކުޑަކުޑަ ދުވަސްކޮޅަކަށް ކަލެއަށް ކެތްނުކުރެވުނު. ދެން މިހާރު މާ އަނާރްވެގެން އުޅޭނެކަމެއް ނެތް" ސައިފް ވާހަކަދެއްކިއެވެ. އަބާން އިސްތިރިކޮށްލައިގެން އިންއިރު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ސައިފްގެ ވާހަކަތަކުން އޭނާގެ ހިތުގައި ރިހެމުން ދިޔައެވެ.

***

ކައިގެން ނިކުމެ ޝުހޭލް އާ އަނާރް މަޑުކޮށްލައިގެން ތިބީ ބެލްކަނީގައެވެ. ކުރިމަތީގައި ހުރި ކޮފީތަށިން ޝުހޭލް ބޮމުން ދިޔަސް އަނާރް އޭނާގެ ކޮފީތަށީގައި އަތް ޖައްސައިވެސްނުލައެވެ. އޭނާގެ ސިކުނޑި ވަނީ ފިކުރުތަކުން ބަރާވެފައެވެ.

"އަދިވެސް އެކަމާތަ ތި ވިސްނަނީ. ތި ވިސްނުން ދެން ހުއްޓާލަބަލަ. ދުނިޔެ އަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެ" ޝުހޭލް ބުނެލިއެވެ.

"ނުވިސްނަން އުޅުނަސް ވިސްނެނީ. ދެރަވަނީ. ބައެއްފަހަރު ހިތުގައިޖެހި ރޮވޭ. ހިތާ ދުލުގަ އަބަދު ވަނީ ޝަކުވާ" އަނާރް ބުނެލިއެވެ. ފަޒާގެ ތެރެއަށްފުން ނޭވައެއް ދޫކޮށްލާފައި ތެދުުވެގެން ގޮސް ރެއިލިންގ ކައިރީގައި ހުއްޓިއްޖެއެވެ. އޭނާގެ ނަޒަރު އަނދިރިކަން އެކުލެވިގެންވާ އުޑަށް ހުއްޓާލިއެވެ.

"ދެންމެއަކުވެސް ހަނދު ހުރި. އެހާ އަވަހަށް ގެއްލިއްޖެ" އަނާރް ބުނެލިއެވެ. ޝުހޭލް ތެދުވެގެން ގޮސް އަނާރް ކައިރީގައި ހުއްޓިއްޖެއެވެ.

"ވިއްސާރަ އަންނަނީ ކަންނޭނގެ" ޝުހޭލް ބުނެލިއެވެ. މަޑުމަޑުން ވައިރޯޅީގެ ހިލަން ވާން ފަށައިފިއެވެ. ވާރޭގެ ފުރަތަމަ ތިކިވެސް އައިސް އަނާރްގެ މޫނުގައި ޖެހުނީ އޭނާ އުޑަށް ބަލަން ހުއްޓައެވެ.

"މިހެރީ ދުނިޔޭގެ ކުލަ ބަދަލުވާގޮތް. ހާދަ އަވަހޭ. މި ވިއްސާރައިންވެސް ހިތްހަމަޖެހޭނެ ކިތަންމެ މީހަކު ތިބެދާނެ ދޯ" އަނާރް ބުނެލިއެވެ. އޭނާ ޝުހޭލްއަށް ބަލައިލިއެވެ.

"ޝުހޭލް ބުނީ ތެދެއް. މިދުވަސްވެސް މާޒީ އާ އެކުވެގެން ހިނގައިދާނެ" އަނާރް ބުނެލިއެވެ. ޝުހޭލް ހީލިއެވެ. ދުރަށް ނަޒަރު ހުއްޓާލި ވަގުތު ވިދާލި ވިދުވަރާއެކު މުޅި ދުނިޔެ ރޯޝަންކޮށްލައިފިއެވެ. އަނާރްގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. އެމަންޒަރުތައް އޭނާއަށް ސިފަވެގެން ދިޔައީ ބިރުވެރިކަމެއް ފަދައިންނެވެ. ވިދުވަރާ ގުޅިގެން އައި ބާރު ގުގުރިއެއްގެ އަޑާއެކު އަނާރަށް ޝުހޭލްގެ ގައިގައި ބައްދައިގަނެވިއްޖެއެވެ.

"އަހަރެން ބުނީމެއްނު. ހިނގާ އެތެރެއަށް. ނާނު ހޭލަފާނެ" ޝުހޭލް ބުނެލިއެވެ.

***

ބިނާން ހޭލައިގެން ރޯން ފެށުމުން އަނާރާ ޝުހޭލާ އެކު އެނދަށް އަރާ ބިނާން މަސަލަން ކުރެވޭތޯ ބެލިއެވެ. މާގިނައިރު ނުވަނީސް ކޮޓަރިތެރެ ހިމޭންވިއެވެ. ޝުހޭލް އަނާރަށް ބަލައިލިއެވެ. އޭރު އަނާރަށްވެސް އޮތީ ދެލޯމެރިފައެވެ. އޭނާގެ އެއް އަތް އޮތީ އަނާރްގެ ބޯދަށުގައެވެ. އަނާރްގެ ނިދި ހަލާކުވެދާނެތީ އޭނާ އޮތް ގޮތަށް އޮތެވެ. އެ ހަށިގަނޑަށް ކުޑަވެސް ލޮޅޫމެއް ނުގެނެސް އޮތީ އެ އަންހެންކުއްޖާ ނިދި ގެއްލިދާނެތީއެވެ. އަނާރްގެ މޫނަށް ބަލަހައްޓައިގެން އެތައް އިރަކު އޭނާ އެގޮތަށް އޮތެވެ.

ކުއްލިއަކަށް އަނާރަށް ދެލޯ ހުޅުވާލެވުނީ ބިނާންގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނާ ފުންމައިގެން ތެދުވެފައި ބިނާން ނަގައިފިއެވެ. ގަޑިން ވީއިރެއް ބަލަން ފޯނު ހޯދާލަން އެއްފަރާތަކަށް އެނބުރިލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އަނެއްފަރާތުގައި ނިދާފައި އޮތް ޝުހޭލްއެވެ. ހިނދުކޮޅަކު ޝުހޭލްގެ މޫނަށް ބަލަން އޭނާއަށް އިނދެވުނެވެ. އެމޫނުމަތީން އޭނާއަށް ފެނުނީ ހިތްހެޔޮކަމާ އަޅާލުމެވެ. ކޮންފަދަ މަތިވެރި އިންސާނެއް ހެއްޔެވެ؟ ހިތްތިރިކަމުގެ ލާމަސީލު މިސާލެކެވެ. އަމިއްލަ އެދުމެއްނުވާ ސާފުސީދާ އިންސާނެކެވެ. ކެތްތެރިކަމުގެ އިންތިހާއެވެ. ޝުހޭލްއަށް ގޮވަން އުޅެފައިވެސް އޭނާ އެހިޔާލު ދޫކޮށްލިއެވެ. ސައިޑްކަބަޑް މަތީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއިރު ހެނދުނު އަށެއް ޖަހަން ގާތްވެއްޖެއެވެ. އަނާރްގެ ދެލޯ ބޮޑުވިއެވެ. ކޮޓަރި ތެރެއިން ދުވާލު ވެއްޖެކަން އިނގޭކަށް ނެތެވެ. ބިނާން އުރާލައިގެން ހުރެ އަނާރް ކުޑަދޮރު ކައިިރިއަށް ގޮސް ދޮރުފޮތިގަނޑު ހިއްލާލާފައި ބަލައިލިއެވެ. ތުނިތުނިކޮށް ވާރޭ ވެހެމުންދިޔައިރު ކަޅު ފުސްތަކުން މުޅި ދުނިޔެ ވަނީ ބައްދާލާފައެވެ. އަނާރް އައިސް އެނދުގައި އިށީނެވެ. ފަތިސް ނަމާދަށް ހޭނުލެވުނީތީ ދެރަވެ ކަރު އެލުވައިލިއެވެ. އަނާރް ތެދުވެގެން ގޮސް ބިނާންގެ ކަބަޑު މަތީގައި ހުސްވެފައި ހުރި ބުއްފުޅި ހިފައިގެން ބަދިގެއަށް ދިޔުމަށް ކޮޓަރިން ނިކުތެވެ.

ބިނާންގެ ހުރިހާ ކަމެއް ނިންމާލާފައި އޭނާ އަވަސްވެލީ ޝުހޭލް ހޭލަންވާއިރަށް ހެނދުނުގެ ސައި ތައްޔާރުކުރުމަށެވެ. މަސައްކަތްކުރަން ހުރިއިރުވެސް އިރުކޮޅަކާ އޭނާގެ ނަޒަރު ކޮށީގައި އިން ދަރިފުޅަށް ހުއްޓެއެވެ. މޭޒުމަތި ތައްޔާރުކޮށްލާފައި އަނާރް ކޮޓަރިއަށް ވަންއިރު ޝުހޭލް ފެންނާކަށް ނެތެވެ. އޭނާ އަލުން ކޮޓަރިން ނިކުންނަން އުޅުނު ވަގުތު ބަދިގެއިން ފޯނު ރިންގުވާ އަޑު ކަންފަތުގައި ޖެހިއްޖެއެވެ. ބަލައިލިރު އަރާފައި ދޮންތަގެ ނަމެވެ. ރުޝްދާ އާ ވާހަކަދައްކަން ފަސްމިނެއްޓެއްހާއިރު ހުރެފައި އެނބުރިލިއިރު ޓީޝާޓަކާ ސޯޓެއްގައި ހުރި ޝުހޭލް ކޮޓަރިން ނިކުމެއްޖެއެވެ. ޝުހޭލްގެ މޫނުމަތިން ފެންނަން ހުރީ ތާޒާކަމެވެ. ޝުހޭލް ކައިރިއަށް ނާންނަނީސް އަނާރްގެ ނޭފަތުގައި މޮޔަވާހާ ފޮނި ސެންޓެއްގެ ވަސް ޖެހިއްޖެއެވެ.

"އަނާރް...! ސޮރީ..." އަނާރާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝުހޭލް ބުނެލިއެވެ.

"ކޮންކަމަކަށް...؟" އަނާރް އެހިއެވެ.

"އިނގެއެއްނު. ރޭގަ. އަހަރެން ގަސްތަކުނޫން" ޝުހޭލް ބުނެލިއެވެ.

"ޑޯންޓް ފީލް ސޮރީ. އެވަރު ކަމެއް ނޫން އެއީ. އައި އޭމް ސޮރީ. ފަތިސްނަމާދަށްވެސް ނުގޮވުނު. ޑިޔުޓީ ގަޑިވެސް ކެޓީ. އޭނީވޭސް. ހިނގާ ސައި ބޯން" އަނާރް ބުނެލިއެވެ. ހީލާފައި ބަދިގެ އާ ދިމާލަށް ދިޔަ އަނާރްގެ ފަހަތުން ޝުހޭލް ހިނގައިގަތެވެ.

ދެމީހުން ސައިބޮމުން ދިޔައިރު ބިނާންގެ އަޑުން މުޅި ސަރަހައްދު ފަޅުފިލުވައިދެމުން ދިޔައެވެ. ބައެއްފަހަރު މަޖާވެގެން އަނާރަށްވެސް ހެވެއެވެ.

"މާދަމާ ތަ ނާނުގެ ވެކްސިން އިނީ" ޝުހޭލް އެހިއެވެ. އަނާރް ބޯޖަހައިލިއެވެ.

"މާދަމާ އަނެއްކާ ބައްޕިގެ ޕްރިންސް ބަލިވާނެ ދޯ" ޝުހޭލް ބުނެލިއެވެ.

"އެއީ އެންމެ ދުވަހެއްގެ ކަމެއްނު. ރަނގަޅުވާނެ" އަނާރް ބުނެލިއެވެ.

"އެގަޑިއަށް ވަގުތުކޮޅެއް އަހަރެން ހޯދާނަން އިނގޭ. ރެޑީވެގެން ހުންނައްޗެ" ޝުހޭލް ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ.

"ދޮންތަ ގުޅި. ބުނި މި ވީކެންޑްގަ އެގޭގަ އޯވަރނައިޓް ހަދަން އަންނާށޭ" އަނާރް ބުނެލިއެވެ.

"އަރޫ ބުނީ ކީކޭ؟" ޝުހޭލް އެހިއެވެ.

"އަދި ނުބުނަން. ކީކޭ ބުނަންވީ؟" އަނާރް އެހިއެވެ.

"ހެހެ... އެވަރު އެއްޗެއްވެސް އަރޫއަށް އަހަރެން ކައިރީގަ ނާހާ ނުބުނެވޭތަ؟" ހީލާފައި ޝުހޭލް ބުނެލިއެވެ.

"ޔަގީނެއްނު. ތީއެއްނު އަހަރެމެންގެ ދެމައިންގެ ބެލެނިވެރިއަކީ" އަނާރް ބުނެލިއެވެ. ޝުހޭލް ހީލިއެވެ.

"މެންދުރުފަހު ޑިޔުޓީ މިއަދު އިނީ. ފަހަރެއްގަ މިރޭ ނާދެވިދާނެ. މާދަމާ ކަންނޭނގެ އާދެވޭނީ. އެހެންވީމަ ހުރިހާ ތަނެއް ރަނގަޅަށް ތަޅުލައިގެން ނިދާތި އިނގޭ. ކަމަކަށް ބޭނުންވިއްޔާ އަހަރެންނަށް ލަސްނުކޮށް ގުޅާތި" ޒިންކު ކައިރިއަށް ގޮސް އަތް ދޮޮވެލަމުން ޝުހޭލް ވާހަކަދެއްކިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ ކޮށީގައި އިން ބިނާން ގޮވައިގެންނެވެ.

"އަރޫ...!" ބަދިގެއިން ނިކުމެ ނިކުމެ ހުރި ޝުހޭލް ގޮވާލިއެވެ. ތަށިތައް ނަގަން އުޅުނު އަނާރް ޝުހޭލްއަށް ބަލައިލާފައި އަލުން ގޮނޑީގައި އިށީނެވެ.

"އަހަރެން ވަރަށް އުފާވާނެ ކަމަކު ނޫނަސް އަރޫ އަހަރެންނަށް ގުޅާލިއްޔާ. މަސައްކަތުގައި އުޅޭއިރު ތިއަޑު ޖެހުނަސް އަހަރެންނަށް ހިތްވަރު ލިބޭ" ޝުހޭލް ބުނެލިއެވެ. އަނާރް ބޯޖަހައިލި މަންޒަރު ފެނުމުން އޭނާ ހިނގައިގަތެވެ. ބަދިގެެ ތެރެއިން ޝުހޭލް ނިކުތުމާއެކު އަނާރްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

***

މެންދުރުފަހު ބިނާން ނިދުމުން ގޭތެރޭގައި އަނާރް އެކަނިވިއެވެ. ޓީވީ ހުޅުވާފައިވެސް އޭނާ ފިލްމެއް ބަލާހިތެއް ނުވިއެވެ. ލެޕްޓޮޕް ހުޅުވައިގެން އޮންލައިން ނޫސްތަކުގައި ހުރި ވާހަކަތައް ކިޔަން ފެށިއެވެ. ވާހަކަތައް ކިޔަމުން ދިޔައިރުވެސް އޭނާއަށް އެކަމަށް މާބޮޑު ޝައިގުވެރިކަމެއް ނުދެވުނެވެ. ލެޕްޓޮޕް ދުރުކޮށްލާފައި ފޯނު ނަގާފައި ފޭސްބުކް ހާވަން ފެށިއެވެ. ވާހަކަދައްކާލަން ޝުރޫކް އޮންލައިންގަ އިންތޯ ބަލައިލިއެވެ. ޝުރޫކްގެ ހަބަރެއް ނުވުމުން އޭނާ އަނގަ ހަދައިލިއެވެ. އެވަގުތު އަބާން ހިތަށް އައިސް ވަނީ ކުއްލިއަކަށެވެ. އަބާންގެ ނަން ޖަހާލާފައި އޭނާގެ ޕްރޮފައިލް ބަލައިލަން ހިތަށް އެރިއެވެ. ޕީޕީގައި އިން ފޮޓޯ ފެނި އެއީ އަބާންކަން އޭނާއަށް ދެނެގަންނަން އުނދަގުވިއެވެ. ފޮޓޯ އެޑިޓްކޮށްފައިވާ ގޮތުންނެވެ. ތިރިއަށް ސްކްރޯލް ކޮށްލި ވަގުތު މީގެ ވިއްސަކަށް މިނިޓް ކުރިން އަބާން ޖަހާފައިވާ ސްޓޭޓަސްއެއް ފެނި އަނާރްގެ އިނގިލިތަކަށް ހުއްޓުމެއް އައެވެ. އެތަންކޮޅު އެތައް ފަހަރަކު ކިޔާލިއެވެ.

"ސިކް ކްރައިން ޓަޔަޑް އޮފް ޓްރައިން ޔެސް އައިމް ސްމައިލިން ބަޓް އިންސައިޑް އައިމް ޑައިން" އަނާރްގެ ދެލޯ ފުރިގެން އައީ ކީއްވެގެން ކަމެއް އޭނާއަށް ނޭނގުނެވެ. އަބާން ޖަހާފައިވާ އެ ސްޓޭޓަސްއަށް އެތައް ބަޔަކު ކޮމެންޓްކޮށްފައި އޮތެވެ. ބައެއް މީހުން ހިތްވަރާއެކު ކުރިއަށް ދާށޭ ބުނެފައި އޮތެވެ. އަނެއްބައި މީހުން އެމީހުންގެ ދުއާތައް އަބާނާ އެކު އަބަދުވެސް ވާނޭ ބުނެފައި އޮތެވެ. އަނެއް ބަޔަކު މާޒީގައި ހިނގާ ކަންތައްތައް މަތިން ހަނދާން ނައްތާލުމަށް ބުނެފައި އޮތެވެ. ތިން ސަތޭކައެއްހާ ކޮމެންޓްގެ ތެރެއިން އަނާރްގެ ހިތަށް ތަދުވެލީ އެންމެ ކޮމެންޓެއް ފެނިފައެވެ. އެއީ ކުއްޖަކު ލިޔެފައި އިން ކޮމެންޓަކަށް އަބާން ދީފައި އިން ރިޕްލައި އެކެވެ.

"އަހަރެން ދަރިފުޅާ އެދަރިފުޅު މަންމަދެކެ ވަރަށް ލޯބިވޭ. ވަރަށް ހަނދާންވޭ" އެހިނދު އަނާރް ވަގުތުން އޭނާ އާ ފޯނު ދުރުކޮށްލައިފިއެވެ. އިތުރަށް ބަލަންވެސް އޭނާ ބޭނުމެއްނުވިއެވެ. ސޯފާއިން ތެދުވެގެން ކޮޓަރީގައި ހިނގަން ފެށިއިރު ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. އިހްތިޔާރަކާނުލާ އެނދުގައި ނިދާފައި އޮތް ދަރިފުޅަށް ބަލައިލެވިއްޖެއެވެ. އެދަރިފުޅުގެ މޫނުމަތިން އޭނާއަށް އަބާންގެ މޫނު ސިފަވެއްޖެއެވެ. މީގެކުރިން އެއީ އޭނާއަށް ފާހަގަވެފައި ނުވާ ކަމެކެވެ. ދެކަންފަތް މަތީގައި އަތްއަޅާފައި އޭނާ އެނދުގައި އިށީނދެއްޖެއެވެ. އޭރުވެސް އަބާންގެ ފަރާތުން އިވުނު ލޯބީގެ ފޮނި ބަސްތައް އޭނާއަށް އިވޭ ކަހަލައެވެ. އެގޮތަށް ދެލޯ މަރައިގެން އިރުކޮޅަކު އިނދެފައި އޭނާ ކަންފަތްމަތިން އަތް ނަގައިފިއެވެ. ފުންނޭވާއެއް ލާފައި މީހާ ހަމަޖެހިލިއެވެ.

"އަބާން ކިތަންމެ ބޭނުމަސް ދެން އަހަރެން ނުލިބޭނެ. އަހަރެންގެ ދަރިފުޅުވެސް ނުލިބޭނެ" މަޑުމަޑުން އަނާރް ބުނެލިއެވެ.

"އަހަރެން އަބާންދެކެ ލޯތްބެއްނުވޭ.." އެޖުމްލަ ދުލުން ބޭރުވެގެން ދިޔުމާއެކު އޭނާ ހިތުގެ ހިނގުން ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ހީވީ ގަދަކަމުން ދުލުން ބޭރުކޮށްލި ޖުމްލައެއް ހެންނެވެ. ރޮވިއްޖެއެވެ. ހިތުގައިވާ ހުރިހާ ޝަކުވާތަކާ އިހުސާސްތައް ކަރުނައިގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ. ކައިރީގައި އޮތް ޝުހޭލްގެ ކޯލް އަންނަން ފެށީ އަނާރް ރޯން އިންދައެވެ. އޭނާ ކަންފަތުގައި ފޯނު ޖެހިއިރުވެސް ރޮވެމުން ދިޔައެވެ. އެކަން ޝުހޭލްއަށް ފާހަގަވެސްވިއެވެ. ސުވާލު ކުރުމުން އަނާރްގެ ފަރާތުން ޖަވާބު ނައެވެ. އޭނާއަށް އިނގެނީ އަނާރް ރޯ ކަމެވެ. އެގޮތަށް އަނާރަށް ގޮވަގޮވާ ދިހަވަރަކަށް މިނިޓް ވަންދެން ޝުހޭލް ހުއްޓެވެ.

ކުއްލިއަކަށް ފެނުނީ ކޮޓަރި ދޮރުހުޅުވާލާފައި ޝުހޭލް ވަންތަނެވެ. އޭނާ ކަންފަތަށް ޖަހާފައި އިން އެއަރޕޮޑް ނައްޓާލީ އޭނާގެ ދެލޮލަށް އަނާރް ފެނުމަށް ފަހުގައެވެ. އަނާރް އިން ގޮތް ފެނި ޝުހޭލަށް ހިންދިރުވައިލެވިއްޖެއެވެ. ވަގުތުން އެ އަންހެންކުއްޖާ ގެނެސް ދެލޮލުގައި ބޮސްދޭން ބޭނުންވިއެވެ. ސުވާލެއް ނުކުރެވިގެން އުޅެނިކޮށް އަނާރް އައިސް ޝުހޭލްގެ ގައިގަައި ބައްދައިގަނެފިއެވެ. އަނާރްގެ ހަށިގަނޑުގައި ޝުހޭލް ދެއަތް ވަށައިލީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިންނެވެ.

"އަހަރެން އަބާން ބޭނުމެއްނޫން.... ބޭނުމެއްނޫން...." އަނާރް ބުނެލިއެވެ. އެވަގުތު ވީގޮތް ޝުހޭލްއަށް ވިސްނައިގަނެވިއްޖެއެވެ. އަނާރްގެ ބޮލުގައި އޭނާ ބޮސްދިންއިރު އޭނާގެ ދެލޮލުން ރިހުމެއް ފެންނަން ހުއްޓެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟