ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 46

9

ސަޔާޅީސްވަނަ ބައި

"މްމްމް...މަންމާ...... އަޅުގަނޑަށް މަޢާފްކުރޭ...." ރޮމުންދިޔަ ޝުހޭލް ބުނަމުން ދިޔައެވެ. އެވަގުތު ސަބީހާގެ ނަފްސަށް ލުއިކަމެއް އިހުސާސްވެގެން ދިޔައެވެ. ހިތްހަމަޖެހިގެން ދިޔައެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޝުހޭލްގެ މޫނުގައި ފިރުމައިލަން އޭނަ އުފުލައިލި އަތް އޭނާގެ ފަހުނޭވާ އާއެކު ތިރިއަށް ސޮހިއްޖެއެވެ. ސަބީހާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެކަން އިނގުނު ހިނދު ޝުހޭލްގެ ކަރުނަތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ފުން ހިމޭންކަމެއް އޭނާގެ ހަފަތާރުން ވަށާލައިފިއެވެ. ވެއްޓިގެންދިޔަ ސަބީހާގެ އަތަށް ބަލައިލާފައި ދެން ބަލައިލީ ސަބީހާގެ މޫނަށެވެ. ސަބީހާ އޮތީ ޝުހޭލްއަށް ބަލަން އޮތްގޮތަށް ކަޅި ޝުހޭލްގެ މޫނަށް ހުއްޓިފައެވެ. ތުންފަތްމަތީގައި އޭރުވެސް ހިނިތުންވުމެއް ވިއެވެ. ސަބީހާގެ ހަށިގަނޑުގައި އޮޅުލަމުން ބައްދަމުން ރޮމުންދިޔަ ރުޝްދާގެ އަޑު އޭނާއަށް ނީވޭ ކަހަލައެވެ. ޑޮކްޓަރުން ސަބީހާގެ ހަށިގަނޑާ ކައިރިވެލާފައި އެމީހުންގެ މަސައްކަތް ފެށުމާއެކު ފިޔާޒާ ކައިރިވެލާފައި ރުޝްދާ އަތުލަފިކޮށްލައިގެން ހިނގައިގަނެއްޖެއެވެ. އޭރުވެސް ޝުހޭލް އިނީ ގަބުވެފައެވެ. އަނާރް ޝުހޭލް އާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ސަބީހާގެ މޫނަށް ބަލަހައްޓައިގެން އިން ޝުހޭލްގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްލައްވާލާފައި އުފުލައިލިއެވެ. ވަރަށް ފަސޭހައިން ތެދުވެގެން އަނާރާއެކު ޝުހޭލް ހިނގައިގަތެވެ.

***

ހަދިޔާއަކަށް ފަޔާޒް ދިން ލެޕްޓޮޕް ހުޅުވާލައިގެން ޒައިނާ އިނީ އެނދުގައެވެ. އުނގުމަތީގައި އޮތް ހުދުކުލައިގެ ބާލީސްމަތީގައި ލެޕްޓޮޕް އިންއިރު އޭނާ ދިޔައީ އާކާޝް އާ ޗެޓް ކުރަމުންނެވެ. ދުވާލު އެއްކޮށް އާކާޝް ނުފެންނާތީ އޭނާ ޝަކުވާ ކުރަމުން ދިޔައެވެ.

"ވަރަށް ވޯކްތައް އެބަހުރި. ހުރިހާ އެއްޗެއް މިއަދު ނިންމާލީ މި. ޒައިގެ ފޮތްތަކަށް ހުރިހާ ފިލާވަޅުތަކެއް އެބަ ނަގަން. މާދަމާ ޒައި ދެލޯ ހުޅުވާލާއިރު ޔަޤީން ހުންނާނަން ކައިރީގަ" އާކާޝް ލިޔެލާފައި ފޮނުވާލިއެވެ.

"ގޭތެރޭގަ އެކަނި އިންނަންވީމަ ފޫހި. އާލް އާ ރާލް ވެސް ގިނަ ވަގުތު ކޮލެޖްގަ އުޅެނީ" ޒައިނާ ލިޔެލާފައި ފޮނުވާލިއެވެ.

"ޖަސްޓް ވެއިޓް. އަހަރެން ކައިރިއަށް އެއްކޮށް ޒައި ގެންނާނަން" ސަމަސާ އިމޯޖީއަކާއެކު އާކާޝް ފޮނުވާލިއެވެ. އެތަންކޮޅު ދެފަހަރަކު ޒައިނާ ކިޔާލިއެވެ. އޭނާ އިތުރު އެއްޗެއް ނުލިޔަނީސް އާކާޝް އަނެއްކާވެސް އެއްޗެއް ފޮނުވާލިއެވެ.

"އެކަމަކު އެއީ ޒައި ރުހުނިއްޔާ. ގަދަކަމުން ކިހިނެއް ގެންނާނީ ދޯ" އާކާޝް ބުނެލިއެވެ.

"ހޫމް...." ޒައިނާ ލިޔެލީ ހަމައެކަނި އެވަރަށެވެ.

"އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ޖަވާބުދޭނަންތަ؟" އާކާޝް އަހައިލިއެވެ. އަނެއްކާވެސް 'ހޫމް' ޖަހާލާފައި ޒައިނާ ފޮނުވާލިއެވެ. އަކާޝްގެ ވާހަކަތަކުގެ މިސްރާބު މަޑުމަޑުން ބަދަލުވާހެން ހީވެ އޭނާގެ ހިތް އަވަސްވެލިއެވެ.

"އަހަރެން ބަލައި ދިޔައިއްޔާ ޒައި އަންނާނަންތަ؟ މިބުނީ އެއްކޮށް މިގެއަށް ގެންނަން" އާކާޝް ލިޔެލިއެވެ. އާކާޝާގެ އެސުވާލުގެ މާނަ އޭނާއަށް އިނގުނެވެ. އޭނާއަށް ނޭނގުނީ އެއަށް ދޭނެ ޖަވާބެކެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟" ޒައިނާގެ ހިލަމެއް ނުވުމުން އާކާޝް އެހިއެވެ.

"ޒައި... އަރ ޔޫ ދެއަރ" އާކާޝް އެހިއެވެ.

"ނިދިއައިއްސި" ޒައިނާ ލިޔެލާފައި ފޮނުވާލިއެވެ.

"ހެހެ... އަވަހަށް ނިދާ ގުޑްނައިޓް މައި ސްލީޕިން ބިޔުޓީ" އާކާޝް ލަވް ސްޓިކަރއަކާއެކު ފޮނުވާލިއެވެ. ޒައިނާގެ ތުންފަަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބަދަލުގައި ރޭގަނޑުގެ ފަހު ސަލާންކޮށްލާފައި ލެޕްޓޮޕް ލައްޕައިލިއެވެ. ކްއީން ސައިޒްގެ އެނދާ ގުޅިފައި ހުރި ސައިޑް ކަބަޑްމަތީގައި ލެޕްޓޮޕް ބަހައްޓާފައި ބާލީސްމަތީގައި އޭނާ ބޯއަޅައިލިއެވެ. އަނެއްފަރާތުގައި އޮތް މިހުނާއަށް އޭނާ ބަލައިލިއެވެ. މިހުނާއަށް އޮތީ ނިދިފައެވެ. އެގެއަށް އައިފަހުން އޭނާއަށް ދުވަހަކުވެސް ނުލިބޭހާ އުފާވެރިކަމާ ރައްކާތެރިކަން ދަނީ ލިބެމުންނެވެ. މިހުނާގެ ފަރާތުން މައެއްގެ ލޯބީގެ އިންތިހާ އޭނާއަށް ލިބެމުން ދިޔައެވެ. އޭނާގެ ފައިގެ ބޭސްގަނޑުނަގާ މީހެއްގެ އެހީތެރިކަމާނުލާ އެއްތަނުން އަނެއްތަނަށް ދެވޭވަރު ވަންދެން މިހުނާ ބޭނުންވީ އޭނާ ކައިރީގައި ނިދާށެވެ. އެކަމާ ޒައިނާ ދެކޮޅެއް ނަހަދައެވެ. މިއަދު އޭނާގެ މައެއްގެ މަގާމުގައި ހުރި މީހަކީ އެއީއެވެ. ދޮންމަންމަ ކަމުގައި ވިޔަސް އޭނާއަށް އެ އިހުސާސެއް ނުކުރެވެއެވެ. މިހުނާ އޭނާއަށް ދެރަގޮތެއް ނުވަތަ ނުބައި ނަޞޭޙަތެއްދީފާނެ ކަމަކަށް އޭނާ ޤަބޫލެއްނުކުރެއެވެ.

ހިނިތުންވުމަކާއެކު ކަންނެޔޮގައި ބައްދާލާފައި އަނެއްފަރާތަށް އެނބުރިލި ވަގުތު އޭނާ ސިކުނޑީގައި ކޮށްޓާލީ ރޭގަނޑުގެ ކެއުމަށްފަހު މިހުނާ އޭނާ ކައިރީގައި ދެއްކި ވާހަކަތަކެވެ. އިސާހިތަކު އޭނާގެ ސިކުނޑި ތެރޭގައި އެމަންޒަރުތަކާ އަޑުތައް ދައުރުވާން ފަށައިފިއެވެ.

"މަންމަ ވާހަކައެއް ދައްކައިފިއްޔާ ޒައި ހިތްހަމަނުޖެހިދާނެތަ؟" ޒައިނާގެ އަތަށް ބޭސްކާޑުން ވަކިކޮށްލި ބޭސްގުޅަ އާ ފެންތަށިދެމުން މިހުނާ އެހިއެވެ.

"ނޫން. ނާންނާނަން. ހަމަ ދައްކަންވީ" ޒައިނާ ބުނެލިއެވެ.

"ޒައި އަދިވެސް އެސޮރު ބޭނުންތަ؟ މިބުނީ އަބާންގެ ވާހަކަ" މިހުނާ ބުނެލިއެވެ. އަދި މޭޒުކައިރިން ގޮނޑިއެއް ދުރުކޮށްލާފައި ޒައިނާ އާ ޖެހިގެން އިށީނެވެ.

"ބޭނުމެއްނޫން. ދުވަހަކުވެސް ބޭނުމެއްނޫން" ޒައިނާ ބުނެލިއެވެ.

"އެއީ؟ ޒައި ވަރަށް ލޯބިވީމެއްނު" މިހުނާ އެހިއެވެ.

"ލޯބިވީން. އެކަމަކު ވާރޭ ވެހޭވަގުތު ބިންމައްޗަށް ޖަހާ ވާރޭތިކިތައް ގެނބިގެން ނެތިގެންދާ ފަދައިން އަހަރެންގެ ހިތުން އަބާންއަށްޓަކައި ވި ލޯބި ނެތިގެން ހިނގައްޖެ. އިންސާނުންގެ ހިތުގައި ލޯބިޖައްސަވާ ފަރާތުން އަހަރެން ހިތުން ބޭކާރު ލޯތްބެއް ބޭރުކޮށްފި. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށް. އެކަމަކު އަދި އެއްފަހަރު އޭނަ އާ ބައްދަލުކުރަން ބޭނުން" ޒައިނާ ވާހަކަދެއްކިއެވެ.

"އިނގޭތަ އޭނަ ގެއިން ފިލައިގެން ހިނގައްޖެ" މިހުނާ ބުނެލިއެވެ.

"އައި ޑޯންޓް ކެއަރ" އަތުގައި އޮތް ބިއްލޫރި ތައްޓަށް ބަލަން އިނދެ ޒައިނާ ބުނެލިއެވެ. މިހުނާ ދިޔައީ ޒައިނާ ދޭ ޖަވާބުތަކާ ޒައިނާގެ މޫނަށް އަރާ ކުލަވަރުތައް ކައިރިން ބަލާ ދިރާސާ ކުރަމުންނެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަތަކާ ހަމައަށް އަދިވެސް ނުދެވޭތީ ފުންނޭވައެއް ބޭރުކޮށްލިއެވެ.

"އެންމެ ރަނގަޅު. ކަމަކަށް ޒައިގެ ހިޔާލު އެބަބޭނުންވޭ" މިހުނާ ބުނެލިއެވެ. އަދި ޒައިނާ އަތުގައި އޮތް ތަށި ނަގާފައި މޭޒުމަތީގައި ބެހެއްޓިއެވެ.

"މިސާލަކަށް ޒައި އަނެއްކާވެސް ކުއްޖަކު ދެކެ ވަރަށް ބޮޑަށް ލޯބިވީ. އެކުއްޖާ ޒައިދެކެ ލޯބިވާކަމެއްވެސް ނުވާކަމެއްވެސް ޒައިއަކަށް ނޭނގޭ. ހަމަ އެގޮތަށް ޒައި ދެކެ ލޯބިވާ ކުއްޖަކު ހުރި. އެކުއްޖާއަށް އިނގޭ ޒައި ލޯބިނުވާކަންވެސް. އެދެކުދިންގެ ތެރެއިން ކުއްޖަކު އިހްތިޔާރުކުރަން ޖެހިއްޖެނަމަ ޒައި އިހްތިޔާރުކުރާނީ ކޮންކުއްޖެއް؟" ހިޔާލު ހޯދަން މިހުނާ ދައްކަމުންދިޔަ ވާހަކަތައް ނިންމާލަމުން ސުވާލެއް ޒައިނާ އާ ކުރީ އޭނާ ބޭނުންވި މިސްރާބަށް ވާހަކަ ބަދަލުކޮށްލުުގެ ބޭނުމުގައެވެ.

"އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑު ލޯބިވާ މީހާ ކައިރިއަށް ދާކަށް. އަޅުގަނޑު ހޮވާނީ އަޅުގަނޑުދެކެ ލޯބިވާ މީހާ. އަޅުގަނޑު ހިތް ބޭނުންވި ގޮތަށް އުޑުން ތަރިއެއް ހޮވައިގެން ނިކުތް ނަތީޖާ ވަރަށް ހިތި. ކަރުބުޑުގައި ލައްވާލި ހިތިރަހައިގެ އަސަރު ދާއިމަށް ދެމިހުންނާނެ. އެއްވެސް ކުށެއްނެތި ހިތަށް ލިބުނު އަނިޔާ އަބަދުވެސް ހަނދާންހުންނާނެ. އެހެންވެ އެކަހަލަ މަޅިއެއްގައި ދެވަނަ ފަހަރަށް ޖެހެން ބޭނުމެއްނޫން. އެހެންވެ އަޅުގަނޑު ޗޫޒް ކުރާނީ އެއްކަލަ އަޅުގަނޑުދެކެ ލޯބިވާ މީހާ. ދިރިއުޅުމެއް ފަށައިފިއްޔާ އެމީހަކުދެކެ އަޅުގަނޑަށްވެސް ލޯބިވެބިދާނެއްނު" ޒައިނާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.

"އަދި އެމީހަކީ ތިމާއަށް އެހީތެރިވާ އަޅާލާ އޯގާތެރި މީހަކަށް ވިއްޔާ އެމީހާއަށްޓަކައި ތިމާގެ ހިތުގައި ލޯބީގެ ކުލަޖެހެން މާގިނަ ދުވަހެއް ނުނަގާނެ" މިހުނާ ބުނެލިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

"އެހެންވީމަ މައެއްގެ ހައިސިއްޔަތުން މިއަދު މަންމަ ދަރިފުޅަށް ނަޞޭޙަތެއްދޭން ބޭނުން. ތިިއީ ފަޔާގެ ދަރިއެއްކަން އެންމެ ފުރަތަމަ އިނގުނު ހިސާބުން ދަރިފުޅު ލޮލަށް ނުފެންނަނީސް މި މަންމަގެ ހިތުން ދަރިފުޅަށްޓަކައި މަގާމެއް ހުސްވެއްޖެ. މަންމަ އަބަދުވެސް އެދޭނީ ދަރިފުޅުގެ އުފަލަށް. މަންމަ މިހުރިހާ ވާހަކައެއް މިދެއްކީ ހަމަ އެންމެ ކަމަކު. އެއީ ދައްކަން އުޅުނު ވާހަކައަށް ޒައިގެ ހިޔާލު ހޯދުން. ޒައިގެ ހިޔާލު ހޯދަން ދެއްކި ވާހަކަތަކުން މިވާހަކަ ޒައި ކައިރީގަ ދައްކަން މަންމައަށް ފަސޭހަވެއްޖެ" މިހުނާ ވަހަކަދެއްކިއެވެ.

"ކޮންވާހަކައެއް؟" ޒައިނާ އެހިއެވެ. އޭނާ އިންގޮތުން ޕްލާސްޓަރ އަޅާފައިވާ ފަޔަށް ވަރުބަލިވެގެން އުޅޭހެން ހީވެގެން މިހުނާ އެއްފައި ހިއްލާލައިފައި އޭނާ އުނގުގައި ބެއްވިއެވެ. އަދި ޒައިނާއަށް ގޮނޑީގައި ލެގިލައިގެން އިނުމަށް ބުނެލިއެވެ.

"އައްކި ޒައި ދެކެ ވަރަށް ލޯބިވޭ. ކައިރިން ތިމާގެ ހަޔާތް އުޖާލާކޮށްދޭނެ ބައްތި ލިބެން ހުއްޓަ މާދުރުން އެ އަލިކަން ހޯދަން ދަރިފުޅު މަސައްކަތް ނުކުރައްޗެ. އަބާނާ ކައިވެނިކުރަން އުޅެގެން އެއްފަހަރު އައްކިގެ ހިތް ހަލާކުވެއްޖެ. މަންމައަށް ޔަގީން ދެވަނަ ފަހަރަށް އޭނަ ދުނިޔޭގަ ހުއްޓަ ޒައި އެކަހަލަ ކަމެއް ކޮށްފިއްޔާ އެސޮރު ދުނިޔެއިން މޮޔަވެސްވެދާނެ. އިހުސާސްތައް ހިތުގައި ފޮރުވައިގެން އުޅެން ކުޅަދާނަ ކުއްޖެއް އެއީ. އެހެންވިޔަސް ހިތަށް ކުޅަދާނަވާވަރު ނުވީމަ ފަޅައިގެންވެސްދޭ. މިފަހަރު ޒައިގެ ކައިވެނި ކުރެވެން އުޅުނުއިރު އައްކިއަށް އައި ބަދަލުތައް ވަރަށް ކައިރިން މަންމަ ދުށިން. ހަމަ އެގޮތަށް ޒައި އެކްސިޑެންޓްވި ދުވަހު އެސޮރު އުޅުނުގޮތްވެސް ފެނިފަ މީހުންތައް ތިބީ ޙައިރާންވެފަ. އެއީ ދަރިފުޅުގެ ނަސީބު ކަމުގައިވެސް ވެދާނެ. ދަރިފުޅުގެ ހިތުގައި އައްކިއަށް އެއްވެސް ހާއްސަކަމެއް ނެތަސް ދިރިއުޅުމެއް ފަށަން އެ އަތުގައި ނޫނީ ނުހިފާތި. އަމިއްލަ އެދުމެއްނުވާ ސާފު ތެދުވެރި ލޯތްބެއް މިޒަމާނު ހޯދުމަކީ ފަސޭހަކަމެއްނޫން. އިތުބާރާ ޔަގީންކަމަކީ މިހާރު އޮންނަ އެއްޗެއް ނޫން. ވަފާތެރި އެކަކު ފަރާތުން ހޯދަން އުޅުނިއްޔާ ލިބުން ފަސޭހައެއްޗެއް އިތުބާރަކީ. އައްކި ދަރިފުޅުދެކެ ހިތާ ފުރާނައިން ލޯބިވޭ. ދަރިފުޅަށް އިހުސާސް ނުވިޔަސް ދަރިފުޅުގެ ފަރާތުން އައްކި ވަރަށް އުންމީދުތަކެއް ކުރޭ. މިހެން ބުންޏަސް ހަޔާތުގެ ބައިވެރިއަކަށް ވަކި މީހަކު ހަދަން ބައްޕަވެސް އަދި އާއިލާ އެހެން މީހަކުވެސް ދަރިިފުޅަށް މަޖުބޫރެއް ނުކުރާނެ. އެކަމަކު ރަނގަޅު ގޮތް ބުނެދިނުމަކީ މަންމަމެންގެ ވާޖިބެއް އަދި ޒިންމާއެއް ކަމުގަ މަންމަ ދެކެނީ" މިހުނާ ވާހަކަދެއްކިއެވެ. ކަޅިޖަހާވެސްނުލާ އެވާހަކަތައް އަހަން ޒައިނާ އިނެވެ. އޭނާ މިހުނާ މޫނުން ނަޒަރުވަކިކޮށް އިސްޖަހައިލިއެވެ.

މިހުނާގެ ވާހަކަތައް އަހާފައި އޭނާގެ ހިތުގައި އާކާޝްއަށްޓަކައި އިއްޒަތާ ގަދަރު އުފުލިގެން ދިޔައެވެ. އާކާޝް އޭނާދެކެވާ ލޯބި އިތުރު މީހެއްގެ ދުލުން އޭނާއަށް ކިޔައިދޭން ނުޖެހޭވަރަށް އެއީ އޭނާއަށް ޔަގީންވެފައި އޮތް ކަމެކެވެ. އާކާޝްގެ ހިތުގައި އޭނާއަށްޓަކައި އޮތް ތެދުވެރި ލޯތްބަށް އޭނާ ގަދަރު ކުރެއެވެ. ދެވަނަ ފަހަރަށް އެލޯތްބަށް ފުރަގަސްދޭކަށް އޭނާ ނުވިސްނައެވެ. އާކާޝްގެ ވާހަކަތަކުންނާ އަމަލުތަކުން އޭނާގެ ހިތުގައި އުފެދެމުން އަންނަ ޖަޒްބާތަށް އަދި ނަމެއް އޭނާ ނުދެއެވެ. އެއީ ލޯބިކަމުގައި ވުމަށް އޭނާ އުންމީދު ކުރެއެވެ.

ވިސްނުންތަކުން ޒައިނާއަށް ނިކުމެވުނީ ދަމުނަމާދަށް މިހުނާ ތެދުވި ވަގުތުގައެވެ. ނިދާފައި އޮތްކަން އަންގައިދިނުމަށް އޭނާ އަވަސް އަވަހަށް ދެލޯމެރިއެވެ.

***

ފަތިހު ފަހެއް ޖެހިއިރު އަބާން އިނީ ގޭ ކައިރި މިސްކިތެއްގައެވެ. އެތައް ދުވަހަކަށްފަހު ޖަމާޢަތެއްގައި ބައިވެރިވުމަށް އޭނާ މިސްކިތަށް ވަން މިއީ ފުރަތަމަ ފަހަރެވެ. ނަމާދުކޮށް ނިމިގެން އޭނާ ދެއަތް އުފުލާ އެތައް އިރަކު ދުޢާ ކުރުމުގައި އިނެވެ. ޒިކުރުކޮށް ކުޑައިރުކޮޅަކު ޤުރުޢާން ކިޔަވަން މިސްކިތުގައި މަޑުކޮށްލިއެވެ. އަބާނަކީ މިސްކިތުން އެންމެފަހުން ފޭބި މީހާއެވެ. ބޮލުގައި އައްސާފައި އިން ބޮޑު ރުމާ ނައްޓާލާފައި ލައިގެން ހުރި ޖީންސުގެ ޖީބަށް ލިއެވެ. އެއަށްފަހު ސިޑިން ފައިބައިގެން ގޮސް ފައިވާން ހުރި ހިސާބުގައި މަޑުކޮށްލިއެވެ. ފައިވާން ނެތްކަން އިނގުމުން ދެފަރާތަށް ބޯހޫރާލިއެވެ. ފައިވާން ވަގަށް ނެގުމުގެ އާދަކާދަ ދިވެހިންގެ ތެރޭގައި އަދިވެސް އޮތްކަން އޭނާ ހަނދާންވިއެވެ. ހުސްފައިގައި މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައިގެން ދުއްވާލިއެވެ. ފަތިހުގެ ހިތްގައިމު އެވަގުތު މާލޭގެ މަގުމަތި ފެންނަނީ ހަމަހިމޭން އަމާން ތަނެއްގެ ގޮތުގައެވެ. މަދު މީހަކު ނޫނީ ނުފެނެއެވެ. ބޮޑުތަކުރުފާނު މަގަށް އެޅިގޮތަށް އޭނާ މިސްރާބުޖެހީ ހުޅުމާލެއަށް ދާށެވެ. އޭނަ ބޭނުންވީ ހެދުނު ގޯސްތައް ހިތުންގެ އަޑިން ޤަބޫލުކޮށް ތައުބާވި ފަދައިން މައިންބަފައިންގެ މަޢާފް ހޯދާށެވެ. ބުރިޖަށް އަރާ ސްޕީޑް ހައިކޮށްލުމާއެކު އޭނާގެ މޫނުގައި ބީހޭންފެށި އަރާމު ވައިރޯޅިތަކުން ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުމާ އުފާވެރިކަން އޭނާގެ ހިތަށް ލިބިއްޖެއެވެ.

ގޭތެރެއަށް ވަދެވުމާއެކު އޭނާއަށް ލިބުނީ ޙައިރާންކަމެކެވެ. ސިޓިންރޫމް ސޯފާ ކައިރީގައި ތިން ފޮށި ހުއްޓެވެ. ސޯފާއާއި ޓީވީތަކާއި އަދި އެހެނިހެން ފަރުނީޗަރި ތަކުގައި ހުދު ފޮތި އަޅާފައި ހުރި މަންޒަރު ފެނުމުން އަބާންގެ ދެބުމަ ގޮށްޖެހުނެވެ. ބަދިގެއިން ފޯނާ ކުޅެމުން ނިކުތް ޝުބާ އޭނާއަށް ފެނުނީ ތަންކޮޅަކަށް އެތެރެއަށް ވަން ފަހުންނެވެ.

ޝުބް...!" އަބާން ކިތަންމެ މަޑުން ގޮވާލި ނަމަވެސް އެ އަޑު ޝުބާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ.

"ދޮންބެތަ؟" ޝުބާއަށް ބުނެވުނެވެ.

ނަސީމާ އުންމީދާ ކޮޓަރިން ނިކުތީ އެކީގައެވެ. އެވަގުތު އެދެމަފިރިންނަށް ހުރި ހިސާބުގައި މަޑުޖެހެވުނެވެ. ކުރިމަތީގައި ފެންނަން ހުރީ އެމީހުންގެ ދަރިފުޅުކަމެއް ނުވަތަ އެހެން މީހެއްގެ ދަރިއެއްކަމެއް ވަކިކުރަން އެމީހުންނަށް ދަތިވިއެވެ. އަބާންގެ ސިފައަށް ހުރީ އެހާ ވަރަށް ބަދަލު އައިސްފައެވެ.

"އަބާން...!" އުންމީދާ ގޮވާލިއެވެ. އަބާން މަޑުމަޑުން މަންމަ އަ ބައްޕަ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ ގޮސް ހުއްޓުނީ އުންމީދާގެ ކުރިމަތީގައެވެ. އަބާން ދެލޮލުން ކަރުނަ ފެނުމުން އުންމީދާގެ ލަގޮނޑިއަށް ބާރުވިއެވެ. ދެތުންފަތް ފިއްތާލެވުނުއިރު އޭނާގެ ދެލޮލުން ކަރުނަ އޮހިގަނެއްޖެއެވެ. ހިތްވަރު އެލުނީ އޭނާގެ ދެފައި ދަށަށް އަބާން ތިރިވި ހިސަބުންނެވެ.

"މަންމާ! ބައްޕާ! އަޅުގަނޑަށް މަޢާފްކުރޭ. ހިނގާދިޔަ ހުރިހާ ކަމެއްގައި އަޅުގަނޑު ކުއްވެރިވާކަމަށް އަޅުގަނޑު ޤަބޫލުކޮށްފިން. އަޅުގަނޑު ހަމަހޭގައި ހުރެ ދުވަހަކުވެސް މަންމަ އާ ބައްޕަ ލަދުގަންނާނޭ ފަދަ އެއްވެސް ކަމެއް ނުކުރާނަން. މާތްﷲ ގަންދީ ހުވާކޮށް އަޅުގަނޑު ވާ ވައުދެއް މިއީ" އަބާން ވާހަކަދެއްކިއެވެ. ނަސީމް އަބާންގެ ދެކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ. އޭނާ އާ އެއް އިސްކޮޅެއް ހުރި ޒުވާން ދަރިފުޅު ގައިގައި ބައްދައިލިއެވެ.

"މަންމާ!" އުންމީދާގެ އަތުގައި އަބާން ހިފައިލިއެވެ. ބައްޕަގެ އެ ފިރުމުމުން އޭނާގެ ހިތް ނުފުރެއޭ ބުނާ ކަަހަލައެވެ.

""މަންމަ އަބީއަށް މަޢާފްކޮށްފިން" އަބާންގެ ބުރަކަށީގައި މޫނު ޖައްސާ ބާރުކޮށްލަމުން އުންމީދާ ބުނެލިއެވެ. އަބާން ފަޅައިގެންދިޔައީ އެހިސާބުންނެވެ. ދުވަހަކުވެސް އޭނާ ނުރޯ ވަރަށް ރޮވިއްޖެއެވެ.

"މިދަނޑިވަޅުގައި އަޅުގަނޑު މަންމަމެންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާނަން. މަންމަމެންނަށް މާމަ ކާފަ ދަރިއަކު ލިބެން އެބައުޅޭ" އަބާންގެ އެ ޖުމްލައިން ނަސީމާއި އުންމީދާއަށް ޝޮކެއް ލިބުނު ކަހަލައެވެ. ޝުބާއަށް ވެސް އަނގަމަތީގައި އަތް އެޅިއްޖެއެވެ.

"ޒައިނާ...!" އުންމީދާއަށް ބުނެވުނެވެ.

"ޒައި އެއް ނޫން. އަނާރް. އަޅުގަނޑުގެ ވިޔާނުދާކަމުން އަނާރަށްވެސް ބޮޑު ދެރައެއް ދެވުނީ. އަނާރް ކައިވެނިކުރަން ބޭނުންވެގެން ބުނީމަވެސް އަޅުގަނޑު ޤަބޫލެއްނުކުރިން. މަންމާ! އެ ގޯސް އަޅުގަނޑަށް ހެދިއްޖެ. އަޅުގަނޑު ބޭނުންވަނީ އަނާރާ އަޅުގަނޑުގެ ދަރިފުޅާއެކު ރީތި ދިރިއުޅުމެއް އުޅެން. މީހުން ކިޔާފާނެ އެއްޗަކަށް ބިރުން އިތުރަށް ގޭތެރޭގައި ބަންދުވެގެން އޮންނަން ބޭނުމެއްނޫން" އަބާން ވާހަކަދެއްކިއެވެ. އުންމީދާއަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ކުރެވުނު ހުރިހާ ކަމަކަށް ފިރިހެން ދަރިފުޅަށް މަޢާފް ދިންއިރު ވަކި އެކަމަށް މަޢާފް ނުކުރެވެންވީ ސަބަބެއް ނެތޭ ހިތް ބުނެލައިފިއެވެ.

"މަންމަމެންނާ އެކު ފުރަން ތައްޔާރުވޭ" ކަރުނަތައް ފޮހެލާފައި އުންމީދާ ބުނެލިއެވެ. އަބާން އެކަމަށް ދެކޮޅު ނަހަދައެވެ.

***

ދޮޅުއަހަރު ފަސް

މޫސުން ރީތި ނަލަނަލަ ދުވަހެކެވެ. އަށްވަނަ ބުރީގެ ކޮޓަރިއެއްގެ ބެލްކަނީގައި މާލޭގެ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އަނާރް ހުއްޓެވެ. ކަޅު ކުލައިގެ އަބާޔާގައި ހުރިއިރު އޭނާ އަޅައިގެން ހުރި ޑީޕް ބްލޫ ކުލައިގެ ޝޯލް ޖެހެމުންދިޔަ ވަޔާ ދެފަރާތަށް ވިހުރެމުން ދިޔައެވެ. ފަނޑު މެރޫން ކުލައެއް ވެރިވެފައިވާ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ. އޭނާ ހުރީ ފިކުރެއްގައެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމާއެކު ބަލައިލިއެވެ. އަރާފައި އިން ޝުހޭލްގެ ނަން ފެނުމާއެކު އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ.

"ފައިބަންވީތަ؟" ކަންފަތުގައި ފޯނު ޖައްސާލާފައި އަނާރް ބުނެލިއެވެ.

"އާނ. ނާނު ކޮބާ...؟" ޝުހޭލް އެހިއެވެ.

"ދޮންތަ އަތުގަ. މިދަނީ ގޮވައިގެން" އަނާރް ބުނެލިއެވެ.

ފޯނު ބާއްވާފައި އޭނާ ގޮސް ވަނީ ރުޝްދާގެ ކޮޓަރި އަށެވެ. ޓައިލްސްތަކުގެ މަތީގައި ހުރި ބްލޮކްސްތައް ނަގަން އުޅުނު ރުޝްދާ އަނާރަށް ބަލައިލިއެވެ.

"މިދަނީ ދެން. އަދި އަންނާނަން މިގެއަށް" އެނދުމަތީގައި އޭސީ ރިމޯޓް އަނގައަށް ލައިގެން ކުޅެން އިން ބިނާން އުރާލަމުން އަނާރް ބުނެލިއެވެ.

"ޔާއްކޮއަށް ނިދުނީ ދޯ" ނިދިފައި އޮތް ރިޔާއަށް އަނާރް ބަލައިލިއެވެ.

"އާނ. ވަރަށް ފަތިހާ އޭނަ ހޭލައިފި. އެހެންވެ ނިދުނީ. ނާނު އުޅެފި ވަރަކަށް އެ މަންޖެ ހޭލައްވަން. ނާކާމިޔާބުވެގެން އެކަން ހުއްޓާލި ގަޑީގަ އަނާރް ތިއައީ. ކޮއްކޮ ބަލާ އައީތަ؟" ރުޝްދާ ބުނެލިއެވެ.

"އާނ... ހިނގާ އަވަހަށް މަންމި ދޫނި. ބައްޕި އެބަހުރި ތިރީގަ. އަވަހަށް ބައި ކިޔާ ދޮންއަށް" ބިނާންގެ އަތް އުފުލާލައިފައި ދެފަރާތަށް ތަޅުވާލަމުން އަނާރް ބުނެލިއެވެ. އަދި ރުޝްދާއަށް ހިނިތުންވުމެއް ދިނުމަށްފަހު ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟