ފަންސަޔާޅީސްވަނަ ބައި
މާޔޫސްކަމާއެކު ފޯނު ތިރިކޮށްލަން ޖެހުނީ އޭނާގެ ހިތުގެވެރިޔާ އާ ހަމައަށް ކޯލު ނުދިޔަކަމަށް ލިބުނު މެސެޖާއެކުގައެވެ. ދެވަނަ ފަހަރަށްވެސް ތިންވަނަ ފަހަރަށްވެސް ގުޅިއެވެ. ލިބުނީ އެއް ޖަވާބެކެވެ. އެތައް ފަހަރަކު އެއީ އަނާރް ގުޅާ ނަންބަރު ތޯ ޗެކް ކުރިއެވެ. އަނާރާ ހަމައަށް އޭނާއަށް ވާސިލްވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތީބާއޭ ހިތަށް އެރިއެވެ. އެންމެފަހުން ފޯނު އޮތްތަނުގައި ބޭއްވިއިރު ރަނގަޅަށްވެސް އޭނާ ރޮއްވާލައިފިއެވެ.
***
ޝުހޭލްގެ ދުލުން އިވިގެންދިޔަ ހަގީގަތާއެކު ތިއާއަށް ޝޮކެއް ލިބުނު ކަހަލައެވެ. އޭނާއަށް ޤަބޫލެއްނުކުރެވުނެވެ. އޭނާ އެހާ ދިގު ދަތުރެއްކޮށްފަ އެހިސާބަށް އައީ ހަމައެކަނި ޝުހޭލަށްޓަކައެވެ. އެލޯބި އޭނާއަށް ލިބިދާނެކަމުގެ އުންމީދުގައެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ ލޯތްބަށް ޝުހޭލް ނުރުހުން ފާޅުކޮށްފައި ވީނަމަވެސް މިހާ ދުވަސްވާއިރު ޝުހޭލްގެ ހިތް ބަދަލުވެފައި އޮވެދާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ކަންތައްވީ އޭނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ޝުހޭލްގެ ހިތް އެހެން މީހަކަށް ދީފިއެވެ. އޭނާ ދިރިއުޅުމެއް ފަށައިގެން އެހެން އަންހެނަކާއެކު ލޯބީގެ ގަނޑުވަރެއް ބިނާކޮށް އެ ގަނޑުވަރުގައި ދިރިއުޅެން ފަށައިފިއެވެ. ލޯބީގެ ދުނިޔެއިން ދެވަނަ ފަހަރަށް އޭނާ ބާކީވެއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ.
"އަނާރް. މައި ވައިފް" ތިއާ ގޮސް އަނާރް ކުރިމަތީގައި ހުއްޓުމާއެކު ދެވަނަ ފަހަރަށް ޝުހޭލް ބުނެލިއެވެ. ތިއާގެ ނަޒަރު ލަސްލަހުން އަނާރްގެ ހަތަރުމަހުގެ ބަނޑަށް ހުއްޓިއްޖެއެވެ. ހުރިހާ އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ތިއާ އަށެވެ.
"ނޫން.. ތިއީ ދޮގެއް. ޝުހޭލްއަކީ ހަމައެކަނި އަހަރެންގެ މީހެއް. އަނާރް ޖެހޭނީ ޝުހޭލްގެ ހަޔާތުން ދުރަށްދާން...." ދެފަރާތަށް ބޯހޫރަމުން ތިއާ ވާހަކަދައްކަމުން ދިޔައެވެ.
"އަހަރެން މިއީ ޝުހޭލްގެ....." އަނާރަށް ޖުމްލަ ފުރިހަމަނުކުރެވުނީ އޭނާގެ އަތްތިލައިގައި ޝުހޭލް ހިފާ އެ އަތްތިލައަށް ބާރުކޮށްލުމުންނެވެ.
"ތިއާ ހަގީގަތް ގަބޫލުކުރޭ. އަހަރެން ލޯބިވަނީ" ޝުހޭލް އަނާރާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ހަމައެކަނި އަނާރްދެކެ" އޭނާ ޖުމްލަ ފުރިހަަމަކުރީ އަނާރްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އެތައް ދުވަހަކަށްފަހު އަނާރްގެ ކުރިމަތީގައި ޝުހޭލް އޭނާގެ ހިތް ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ. ބަސްހުއްޓިފައިވާ މީހަކު ފަދައިން އަނާރަށް ހުރެވުނީ ޝުހޭލްގެ ދެލޮލުގެ ތެެރެއަށް ގެއްލިފައެވެ.
"ތިއާ! ހަމަޖެހިބަލަ. އާދެބަލަ އިށީނދެލަން. އަދި މިއުޅެނީ ހާލުވެސް އަހާނުލެވިގެން" ތަނުގެ މަސްލަހަތު ގެއްލިދާނެކަމުގެ ބިރަށް ރުޝްދާ ވާހަކަދެއްކިއެވެ.
"ދަރިފުޅާ! އާދޭ އިށީންނަން" ތިއާގެ މަންމަ ގޮސް އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އެކަހަލަ ގޮތަކަށް ދަރިފުޅުގެ ހިތްހަލާކުވީތީ އޭނާގެ ހިތަށް ވަރަށް ފުންއަސަރުތަކެއް ކުރުވައިފިއެވެ. އެލޯތްބަށްޓަކައި އޭނާގެ ދަރިފުޅު ކުރި ދިގު އިންތިޒާރު އެންމެ ގާތުން ދުށީ އޭނައެވެ.
"އަނހަ ކޮންބައެއް؟" ވިޔަފާރިކޮށްގެން ބޭރުން އައިސް ވަން ފިޔާޒާ ވާހަކަދެއްކިއެވެ. އަތުގައި ހުރި ކޮތަޅުތަކާއެކު ހިނިތުންވެފައި ހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދަނިކޮށް އޭނާގެ ނަޒަރު ހުއްޓުނީ ވަކިން ހުރި ސޯފާގައި އިން ފިރިހެނާގެ މޫނަށެވެ. އެމީހާގެ މޫނުމަތީގައި ވަށައިގެން އެއްވަރަށް ކޮށާފައި ހުރި ތުންބުޅިއެއް ހުއްޓަސް އެ ސޫރަ ފިޔާޒާއަށް އޮޅުވައެއް ނުލެވުނެވެ. ނަންބަރު އައިނެއްގެ ފަހަތުގައިވާ އެދެލޮލަކީ އެ އަނިޔާވެރި އިންސާނާގެ ދެލޯކަަން އޭނާއަށް އިނގިއްޖެއެވެ. ފިނިން ސަލާމަތްވުމަށް ކިތަންމެ ބޯ އެއްޗެއް ލާފައި ރަސްމީކޮށް ހުރިކަން އެހެން މީހުންނަށް ދައްކަން ބޭނުންވިޔަސް އެއީ ކިހާ ފެންވަރެއްގެ ކާކުކަން ފިޔާޒާއަށް އިނގިއްޖެއެވެ. އެ ފިރިހެންމީހާއަށް ފިިޔާޒާއަކީ ކާކުކަން އިނގުނު ހިނދު އިން ގޮނޑިން ތެދުވެވިއްޖެއެވެ. ނަންބަރު އައިނު ނަގާފައި ފިޔާޒާގެ ނަޒަރުން ސަލާމަތްވުމަށް އިސްއޮބާލި މަންޒަރު ފެނުމުން ފިޔާޒާއަށް ދަތްކުނޑި ވިކާލެވިއްޖެއެވެ. ފާރު ކައިރީގައި އެއްފަރާތުގައި ހުރި ރެކެއްގެ މަތީގައި ބޭރުން ގެނައި ކޮތަޅުތައް ބަހައްޓާފައި އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
***
ވާހަކަފޮތެއް ހިފައިގެން އެނދުގައި އިން ޒައިނާ ބަލައިލީ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އެނާ ފޯނަށް ބަލަން އިރުކޮޅަކު އިނެވެ. އެއީ ކާކުގެ ނަންބަރެއްކަން އޭނާ ހަނދާނެއް ނުނެތެއެވެ. ފޯނު ހިފައިގެން އިނީ ދެވިސްނުމެއްގައެވެ. އެންމެފަހުން ފޯނު ނަގާފައި ކަންފަތުގައި ޖަހައިފިއެވެ. ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ވާހަކައެއްނުދައްކައެވެ. ދެފަރާތުންވެސް ހިމޭންކަން އިހްތިޔާރު ކުރިއެވެ. އެންމެފަހުން ޒައިނާގެ ދެލޮލުން ކަރުނައެއް ވެއްޓިއްޖެއެވެ. ފޯނު ކަނޑާލަން އުޅެފައިވެސް އެފަރާތަށް އޭނާގެ ހިތުން ދެވިފައިވާ އިއްޒަތަކާ ގަދަރެއްގެ ސަބަބުން އެގޮތަށް ކަންތައްކުރަން ނުކެރުނެވެ. އެހެންކަމުން އިސްނަގާ އޭނާ ވާހަކަދެއްކިއެވެ.
"އުންމިއްތަ ކީއްވެ އަނގައިން ނުބުނެ ތި ހުންނަނީ" ޒައިނާ ބުނެލިއެވެ.
"ޒައިވެސް ނުކިޔަމެއްނު" އުންމީދާ ބުނެލިއެވެ.
"ހެހެ... އުންމިއްތަ ރަނގަޅުތަ؟ ނަސީމްބެ އާ ޝުބް ރަނގަޅުތަ؟" ޒައިނާ އެހިއެވެ. އުންމީދާ ހިތަށް އެރިއެވެ. އިންސާނެއްގެ ހިތް ރަނގަޅުވާނީ މިހާކަންހާވަރަށެވެ.
"އަލްހަމްދުލިއްލާހް. އުންމިއްތަ ހިއެއް ނުކުރަން ޒައި އާ މިގޮތަށް ވާހަކަދައްކާލަން އިތުރު ފުރުސަތެއް ލިބިދާނެކަމަކަށް. ހުރިހާ ޝުކުރެއް ހެއްދެވިފަރާތަށް. ޒައި ހޮސްޕިޓަލުގައި އޮތްއިރު ދާންބޭނުންވި. އެކަމަކު މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާތީ ދާން ނުކެރުނީ. ޒައި އުންމިއްތައަށް މަޢާފްކުރައްޗެ" އުންމީދާ ވާހަކަދެއްކިއެވެ.
"އުންމިއްތަ އެއްވެސް ކަމަކަށް މަޢާފަށްއެދޭކަށް ނުޖެހޭނެ. ހުރިހާ އެންމެންނަށްޓަކައި އަޅުގަނޑުގެ ހިތްސާފު. އަޅުގަނޑަށް އަނިޔާވެރިވި މީހާއަށްވެސް. އެހެންނޫނަސް އެކަން އަޅުގަނޑުގެ ހަނދާނުން ފޮހެވިއްޖެ. އެއްދުވަހު އަންނާތި އިނގޭ ޝުބް ގޮވައިގެން އަޅުގަނޑު ފުރުމުގެ ކުރިން ބައްދަލުކޮށްލަން" ޒައިނާ ވާހަކަދެއްކިއެވެ.
"ފުރާށޭ. ކޮންތާކަށް. ރަށަށް ދަނީތަ؟" އުންމީދާ އެހިއެވެ.
"ނޫނޭ. ބައްޕަ ބެނުންވޭ ރާއްޖެއިން ބޭރަށް އަޅުގަނޑު ގެންގޮސްގެން ޗެކަޕެއް ހަދަން. އެހެންވެ. އަލްހަމްދުލިﷲ. މުސީބާތަކުން ސަލާމަތްވިއިރު އަޅުގަނޑަށް ބައްޕަ ލިބިއްޖެ" ޒައިނާ ވާހަކަދެއްކިއެވެ.
"ޒައިއަށްޓަކައި އުންމިއްތަ ވަރަށް އުފާކޮށްފިން. މާތްﷲ ހުރިހާ އުފާވެރިކަމެއް ޒައިއަށް ދެއްވާށި. ޝުބްގެ ޓެސްޓްތައް ނިމުނުހާ އަވަހަކަށް އުންމިއްތަވެސް މިއުޅެނީ ޝުބް ގޮވައިގެން މެލޭޝިޔާއަށް ދާން. މިދުވަސްކޮޅު އަމިއްލަ ވަޒަނާ ދުރުގަ ހުންނަން ބޭނުންވަނީ" އުންމީދާ ވާހަކަދެއްކިއެވެ.
"އެހެންވިއްޔާ ކޮންމެހެންވެސް މިގެއަށް އަންނަންވާނެ" ހިނިތުންވުމަކާއެކު ޒައިނާ ބުނެލިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ދާނަން. ދަރިއެއްގެ ވިޔާނުދާކަމުން އުންމިއްތަގެ އަތުން ކައްސާލި ދަރިއެއް ތީ. އެގޮތަށް އެކަންވިޔަސް އުންމިއްތަ އަދިވެސް ދެކެނީ ތިއީ އުންމިއްތަގެ އަމިއްލަ ދަރިއެއްގެ ގޮތުގަ. ހިތަށް ކެތްނުވެގެން ސަމީރަށް ގުޅައިގެން ނަންބަރު ހޯދައިގެން މިގުޅީ. ކުރީގަ ނަންބަރަށް ގުޅިއިރު ނިވާލާފަ އޮތީމަ އިނގިއްޖެ ނަންބަރު ބަދަލުވީކަން" އުންމީދާ ވާހަކަދެއްކިއެވެ.
***
"ކަލޭ... ކަލެއަށް ހިތްވަރު ލިބުނީ ކިހިނެއް މިގެއަށް އަންނަން" ފިޔާޒާގެ އަޑަށް ހުރިހާ މީހުންނަށް އޭނާއަށް ބަލައިލެވިއްޖެއެވެ. ހިތްވަރުގަދަ އަންހެނެއް ފަދައިން އޭނާ ގޮސް ހުއްޓުނީ ސީދާ ފިރިހެންމީހާ ކުރިމަތީގައެވެ. ޝުހޭލް ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް ހުއްޓުނީ ފިޔާޒާގެ އެއްފަރާތުގައެވެ. ފިޔާޒާގެ ވާހަކަތައް ހުރިގޮތުން އެ ފިރިހެންމީހާ އަކީ ފިޔާޒާ އާ ކޮންމެސް ގުޅުމެއް އޮތް މީހެކޭ އޭނާގެ ހިތް ބުނެލައިފިއެވެ. އެހެންކަމުން އޭނާ ހުރީ ފިޔާޒާގެ ހަށިފާރަވެރިޔާއަށް ވެގެނެވެ.
"ކަލޭގެ ހަށިގަނޑަށް ކިތަންމެ ބަދަަލެއް ގެނެސްފައި ހުއްޓަސް އަހަރެންނަށް ކަލޭ ނޯޅޭނެ" ފިޔާޒާ ބުނެލިއެވެ. ފިރިހެންމީހާ ފިޔާޒާއަށް ބަލަން ނުބަލަން އުޅޭ ކަހަލަ ގޮތަކަށް އިސްއޮބަމުން ދިޔައެވެ. ތިއާ އާ އޭނާގެ މަންމަ އައިސް ފިރިހެންމީހާ ކައިރީގައި ހުއްޓިއްޖެއެވެ.
"ބައްޕާ! މި އަންހެމީހާ ދަންނަންތަ؟" ފިރިހެންމީހާގެ އަތުގައި ހިފަމުން ހައިރާންވެފައި ތިއާ އެހިއެވެ.
"ބައްޕައަށް ނޭނގެ" ލަދުން ސަލާމަތްވުމަށްޓަކައި ތިއާގެ އަތުގައި ހިފައިލަމުން ފިިިހެންމީހާ ބުނެލިއެވެ.
"ނޭނގުނޭ. މީނަ އިނގޭނެ ހަމަ ޔަޤީނުންވެސް" މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ކައިރީގައި ހުރި ޝުހޭލް އަތުގައި ހިފައިގެނެސް ފިރިހެންމީހާގެ ކުރިމައްޗަށް އަރުވަމުން ފިޔާޒާ ބުނެލިއެވެ. އެވަގުތު ޝުހޭލްގެ މޫނުމަތިން ހައިރާންކަމެއް ފާޅުވެލިއެވެ. އޭނާގެ ހިތުގައި ސުވާލުއުފެދުނެވެ. އެމީހާއަށް އަހަރެން އިނގެންވީ ކީއްވެ ހެއްޔެވެ؟ ކަންތައްތައް ރަނގަޅު ނޫންކަން އިނގުމުން ޝުރޫކް އަތަށް ރިޔާ ދީފައި ފިޔާޒާގެ އަނެއްފަރާތުން ރުޝްދާ ގޮސް ހުއްޓުނެވެ.
"ކީއްވެ މިސޮރަށް ނުބަލަން ތިއުޅެނީ. ބަލާލަބަލަ. އޭރުން ކަލެއަށް އިނގިދާނެ އަހަރެން މިއީ ކާކުކަން" ފިޔާޒާ ބުނެލިއެވެ. ފިރިހެންމީހާ އިސްއުފުލާ ޝުހޭލްއަށް ބަލައިލިއެވެ. ހަމައެހިނދުގައި އޭނާ ނަޒަރު ބަދަލުކޮށްލައިފިއެވެ.
"ރުޝްދާއްތާ! އަހަރެމެން ލަދުގަންނަވަން ނޫޅޭ. އަހަރެމެން މިދަނީ. ޝުހޭލް އާ ގުޅުމެއް އުފައްދަން އުޅުނީ އަހަރެން. މިތަނަށް އައި އަންހެންމީހެއް އަހަރެންގެ ބައްޕަ ލަދުއެގަންނަވަނީ ކީއްވެގެންކަމެއް ނޭނގޭ. އަހަރެންގެ ބައްޕައަކީ ނުލާހިކު ރަނގަޅު މީހެއް. މީހުންނަށް ހެޔޮ ދުރުވިސްނޭ މީހެއް. އަހަރެންނާ މަންމަދެކެ އިންތިހާއަށް ލޯބިވޭ" ތިއާ ވާހަކަދެއްކިއެވެ.
"ހުއްޓާލާ. ތިބުނާ ހެޔޮލަފާ ބައްޕަގެ ހަގީގަތް ބުނެދޭން މިއުޅެނީ" ފިޔާޒާގެ ބާރު އަޑަށް ތިއާ ހިމޭންވިއެވެ. ފިރިހެންމީހާ ހާސްވާން ފެށިއެވެ. އެތަނުން ދާން ބޭނުންވިޔަސް އޭނާ ދެފައި ހަރަކާތެއް ނުކުރިއެވެ. ވަގުގަވަގަށް ޝުހޭލްގެ މޫނަށް ބަލައިލިއެވެ. އެއީ ފަސްއަހަރުގެ އެކުޑަ ކުއްޖާކަން އޭނާއަށް އިނގިއްޖެއެވެ. އޭނާ ހުރިހާކަމެއް ހަނދާން އެބަހުއްޓެވެ. މިހުރިހާ ދުވަހު އަނބިމީހާ އާ ހުރި ހަމައެކަނި ދަރިފުޅަށް ސިއްރުކޮށްގެން ހުރި ކަންތައްތައް ފަޅާއަރަމުން އެދަނީ އޭނާ ދުވަހަކުވެސް ހީކުރި ގޮތަކަށް ނޫނެވެ.
"މަންމަ ކީކޭ ތިކިޔަނީ؟" ޝުހޭލް އެހިއެވެ.
"ދަރިފުޅާ މިއީ އެ އަނިޔާވެރިޔާއަކީ. ދަރިފުޅުގެ މަންމަ އާ ބައްޕަ..... މައިންބަފައިންނަށް ތި ދެކުދިން އެންމެ ބޭނުންވި ދުވަހު މި ނުބައި ނުލަފާ މީހާގެ ސަބަބުން އެލޯބިން ދަރިފުޅުމެން މަހުރޫމްކޮށްލީ. އެންމެ ފަސްއަހަރުގައި ދަރިފުޅުމުންގެ ދެކުދިން ޔަތީމްކޮށްލީ. މިއީ ސަބީހާގެ މުޅި ދިރިއުޅުމަށް ޒަހަރުލި މީހަކީ. ބަޔަކަށް ފައިސާދީގެން ޒާހިދު އެކްސިޑެންޓް ކުރުވީ މި ނުލަފާމީހާ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ކަލެއަށް މިދެކުދިންގެ ކުރިމައްޗަށް އަންނަން ކެރިދާނެކަމަކަށް" ފިޔާޒާގެ ވާހަކަތަކުން ޝުހޭލްގެ ލޭ ހޫނުވެއްޖެއެވެ. ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދިޔަސް އޭނާގެ ހަށިގަނޑުގައިވާ ލޭތައް ކެކި އަރަން ފަށައިފިއެވެ. އެކަމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފާޅުވާން ފަށައިފިއެވެ. ނިތްމަތިން އޮށްދާހިއްލަން ފަށައިފިއެވެ. ކަތުރުކަށިގަނޑު ތުރުތުރު އަޅަން ފަށައިފިއެވެ. ދެއަތް މުށްކެވިގެން ދިޔަ މަންޒަރު ފަހަތުގައި ހުރި އަނާރަށް ފެނިއްޖެއެވެ. މިވަގުތު ޝުހޭލް އަތުން އެ ފިރިހެންމީހާ މަރުވެސްވެދާނޭ އަނާރްގެ ހިތަށް އެރިއެވެ. ރޯމަންއަށް އޭނާ ހޭއަރުވާލީ އަނާރްގެ ކުރިމަތީގައެވެ.
"ކަލޭ ހީކުރީ އަދިވެސް އަހަރެންނަކީ ރާއްޖެތެރޭގެ ގަމާރު އަންހެންމީހާ ކަމަށްތަ؟ އަޅާލާނެ ޔާރެއް އިޔާރެއްނެތް ނިކަމެތި މީހާ ކަމަށްތަ؟ އެދުވަހު ކަލޭ ބަދިގެއަށް އައިސް އަހަރެން ކޮލުގެ ދެފަރާތުގައި ތި އަނިޔާވެރި އަތުން ހިފާ ފިއްތާ އަހަރެންގެ އަނގަ ބަންދުކުރަން މަސައްކަތް ކުރިގޮތަށް މިއަދުވެސް ކަންތައް ކުރެވިދާނެ ކަމަށްތަ؟ އަހަރެންގެ ކުރިމަތީގައި މިއަދު ނިކަމެއްޗަކީ ތިއީ. ކަލޭގެ އަމިއްލަ ނަފްސަށް ކަލޭ ރަހުމު ހުރިއްޔާ އަހަރެންގެ މިދަރިފުޅުގެ ލޯމަތިން ކަލޭ ދުރަށްދޭ" ފިޔާޒާ ހަޅޭއްލަވައިގަތެވެ.
"ހިނގާ ދާން މިތަނުން" ޖެހިލުންވެފައި ހުރި ނިޒާރު ބުނެލިއެވެ.
"މަޑުކުރޭ. އެމީހުން އެއްޗެއް ބުނާއިރަށް ބިރުން ކުޑަވެގެން ދާކަށްނުޖެހޭ. ކޮންކަހަލަ ނުބައި އިލްޒާމެއް އަހަރެންގެ ބައްޕަގެ ބޮލުގަ ތިއަޅުވަނީ" ނިޒާރު އަތުގައި ހިފާ ހުއްޓުވަމުން ތިއާ ވާހަކަދެއްކިއެވެ.
"އިލްޒާމޭ. ކަލޭގެ ބައްޕަ ކަނާއަތުގެ މުލައްދަނޑީގަ އިން ލަކުނަށް ބަލާފަ އަހާބަލަ އެއީ ކިހިނެއްވެފަ އިން ތަނެއްތޯ" ފިޔާޒާ ބުނެލިއެވެ.
"ނުޖެހޭ ބަލާކަށް. އަހަރެމެންނަށްވެސް ދެއްކޭނެ ވާހަކަތައް ހުންނާނެ. ރަނގަޅަކަށް ވިއްޔާ ތި އަންހެންމީހާ ތިހުރީ އަހަރެންގެ ބައްޕަ އާ ހިތާވެފަ"
"ތިއާ..." ޝުހޭލްގެ އަޑު ފަޅައިގެން ދިޔައީ އެހިސާބުންނެވެ. އޭނާ ކޮންޓްރޯލުން ނައްޓައިފިއެވެ. އަނާރަށާ ތިއާއަށް ކަންފަތްމަތީގައި އަތް އެޅިއްޖެއެވެ. ރިޔާ ބަރަށް ރޯން ފެށުމާއެކު ޝުރޫކް އެކުއްޖާ ގޮވައިގެން ކޮޓަރިއަށް ދެމިގަތެވެ. އެވަގުތު އެއީ ހޮސްޕިޓަލުން އަނާރްގެ ފޯނަށް ގުޅަމުން ދިޔަ ވަގުތެވެ. ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިނގިއްޖެއެވެ.
"މިއަދު ކަލޭ އަހަރެން އަތުން މަރުވާނެ. އެދުވަހުވެސް މީހުން އަހަރެން ނުހިފެހެއްޓިނަމަ އަހަރެންގެ ދަތްތަކުން ކަލޭ ވީދާ ނޮޅާ ކާލީމުސް" ޝުހޭލް އެއްލި އަތުން ހިފުނީ ނިޒާރު ލައިގެން ހުރި ސްވެޓަރުގެ ކަރުވަޅުގައެވެ. ބިމުންކަނޑާ ވައްޓާލި ރުކެއްހެން ކާޕެޓްމައްޗަށް ނިޒާރު ވައްޓާލައިފިއެވެ. ޝުހޭލް މަސައްކަތްކުރީ ނިޒާރުގެ ބޯމައްޗަށް އޭނާ އަރައިގެން ހުރި ބޫޓުން ފައިންއަރާ ބޯ ޗިސްޗިސް ކޮށްލާށެވެ. ތިއާގެ ދެމައިންނަށް ރޮވެމުން ދިޔައެވެ.
"ކޮއްކޯ! އޭނަ ދޫކޮށްލާ. ތިހެން ނަހަދާ. ހިނގާ ހޮސްޕިޓަލަށް ދާން" ބިރުން ވިރިވިރި ހުރި ރުޝްދާ ޝުހޭލް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އެކަކުވެސް އަހަރެން ނުހިފަހައްޓާ. އަހަރެން މިއަދު އޭނާ މަރާލާނަން. އެމީހާގެ ސަބަބުން މިއަދު އަހަރެންގެ މަންމަ ދިރިއުޅުމާ މަރާ މެދު ހަނގުރާމަ ކުރަމުން އެދަނީ. އޭނަ ޖެހޭނީ މަންމައަށް ވުރެ ކުރިން މަރުވާން" ނިޒާރުގެ ބޯމަތިން ފައި ނަގާފައި ޝުހޭލް ހިނގައިގަތެވެ. ޓީވީ ރެކްމަތީގައި ހުރި ހިލައިގެ ބޮޑު ވާސް ނަގައިގެން އެނބުރުނު ޝުހޭލް ފެނި އަނާރް ތެޅިގަތެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ. މިވަގުތު ޝުހޭލް ހުއްޓުވޭނީ އޭނާއަށޭ ހިތް ބުނެލި ކަހަލައެވެ. އޭނާ އެދިޔަ ބާރިމުނުގައި ގޮސް އެންމެންގެ ތެރޭގައި ޝުހޭލްގެ ގައިގައި ބައްދައިފިއެވެ. އެހިނދު ޝުހޭލަށް ހުއްޓެން މަޖުބޫރު ވެއްޖެއެވެ. އޭރުވެސް އޭނާ ފުންނޭވާތަކެއް ލަމުން ދިޔައެވެ. ތަންވަޅު ބަލާފައި ތިއާ ތިރީގައި އޮތް ނިޒާރު އަތުގައި ހިފައި ނަގައިގެން ގެއިން ނިކުންނަން ހިނގައިގަނެއްޖެއެވެ. އޭނާއަށް ހުރީ ރޮވިފައެވެ.
"އަހަރެން އޭނަ މަރާނަން. މަރާނަން" ތަކުރާރުކޮށް ޝުހޭލް ކިޔަމުން ދިޔަ ޖުމްލަ އަނާރަށް އިވެމުން ދިޔައެވެ.
"އަހަރެންނަށް އެއްވެސްކަމެއް ނޭނގޭ. އެއީ އަހަރެންގެ އަލަތު ފިރިމީހާ. ނިޒާރުގެ އެއްވެސް ކުށެއް ނެތްނަމަ ތި އެންމެންނަށް އޭނާގެ އަތުގައި އެވަރުގެ ބޮޑު ލަކުނެއް ހުރިކަމެއް ނޭނގޭނެ. އަހަރެން ވަރަށް ލަދުގަނެއްޖެ" ތިއާގެ މަންމަ ހިނގައިގަތެވެ. ހަގީގަތުގައިވެސް އޭނާއަށް ހުރީ ފެނުނު މަންޒަރުތަކުންނާ އިވުނު ވާހަކަތަކުން ވަރަށް އަސަރުކޮށްފައެވެ.
"ރިލޭކްސް.... ރިލޭކްސް....." ޝުހޭލްގެ ގައިގައި ބައްދާލައިގެން ހުރި އަނާރް ޝުހޭލަށް އިވޭވަރަށް ކިޔަމުން ދިޔައެވެ. އިސާހިތަކު ޝުހޭލްގެ ހަށިގަނޑަށް އެރި ވަރުގަނޑު ކެނޑެމުން ދިޔައެވެ. އަތުގައި އޮތް ވާސް ތިރިއަށް ދޫވެއްޖެއެވެ. ހަށިގަނޑު އެއްވެސް ވަރެއް ނެތް އިންސާނެއް ފަދައިން ތިރިއަށް ސޮހިގަތެވެ. އަނާރަށް ނުހިފެހެއްޓެނީސް ތިރީގައި ޝުހޭލްއަށް އިށީނދެވިއްޖެއެވެ. ރުޝްދާ އައިސް ޝުހޭލްގެ ގައިގައި ބައްދައިގަތީ އެހިސާބުންނެވެ. އަނާރު ދުރަށް ޖެހިލިއެވެ. އޭނާ ގޮސް ހުއްޓުނީ ރޮވިފައި ހުރި ފިޔާޒާ ކައިރީގައެވެ. ދެކުދިން އެކަކު އަނެކަކު ގައިގައި ބައްދައިގެން ތިބެ ރޯމަންޒަރު ބަލަން ދެމައިންނަށް ތިބެވުނީ ފެންކަޅިވެފައިވާ ހާލުގައެވެ.
***
އަބާން ކާން ނުފައިބާތީ މިފަހަރުވެސް ސައިފަށް ޖެހުނީ އޭނާ ބަލާ ދާށެވެ. އެހެންފަހަތުތަކާ ޚިލާފަށް މިފަހަރު އަބާން އޮތީ ކޮޓަރި ދޮރު ހުޅުވައިގެންނެވެ. ކޮޓަރީ ދޮރަށް އެރިއިރު އެނދުގައި އަބާން އޮތީ ވިސްނުމެއްގައެވެ. ސައިފް ގޮވައިލުމާއެކު އޭނާއަށް ހަމަހޭވެރިކަން ވެއްޖެއެވެ. އެނދުގައި އިށީނދެއްޖެއެވެ.
"ކާން އަންނަން ސިޓީއަކުންތަ ދަންނަވަންވީ" ސައިފް ބުނެލިއެވެ.
"އަހަރެން ނުކާނަން" އަބާން ބުނެލިއެވެ.
"އަހަރެން މިއުޅެނީ ފުރަން" ސައިފް އިތުރު އެއްޗެއް ބުނުމުގެ ކުރިން އަނެއްކާވެސް އަބާން ބުނެލިއެވެ.
"ކޮންތާކަށް" އެނދުގައި އިށީންނަމުން ސައިފް އެހިއެވެ.
"އަނާރް ކައިރިއަށް" އަބާން ބުނެލިއެވެ. ސައިފް ހައިރާންވިއެވެ. ހިނިވެސް އައެވެ.
"މޮޔަވީތަ؟" ސައިފް އެހިއެވެ.
"އާނ. ސައިފްގެ ކޮއްކޮ ބުނި އޭނަ މެރީކޮށްފިއޭ. އަހަރެން ޤަބޫލެއްނުކުރަން. އަހަރެން ބޭނުން އޭނަ ކައިރިއަށް ދާން" އަބާން ބުނެލިއެވެ.
"އަހަރެންނަށް މިއިވެނީ ރަނގަޅަށްތަ؟" ސައިފް ބުނެލިއެވެ.
"އަހަރެން ރޭގަ ނުނިދަން. ވަރަށް ވިސްނައިފިން. އަނާރް ކަހަލަ އަންހެންކުއްޖެއް ދެން ދުވަހަކުވެސް އަހަރެންނަށް ނުލިބޭނެ. އަހަރެން ދާނަން. އޭނައަށް ނޭނގި ދިޔައިމަ ވަރަށް އުފާވާނެ ކަންނޭނގެ" އަބާން ބުނެލިއެވެ.
"ސީރިޔަސްކޮށް އަހަރެންނަށް ޤަބޫލެއްނުކުރެވޭ" ސައިފް ބުނެލިއެވެ.
"ކަލެއަށް ދުވަހަކުވެސް އަހަރެން ދައްކާ ވާހަކައެއް ޤަބޫލެއްނުކުރެވޭނެ" ސައިފާ ދިމާލަށް ބާލީސް އެއްލަމުން އަބާން ބުނެލިއެވެ. ސައިފް ހިނިގަނޑެއް ޖަހައިލިއެވެ.
***
ދުވެފައި ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ގޮސް ޝުހޭލް ހުއްޓުނީ ސަބީހާ އޮތް ކޮޓަރި ދޮރުމަތީގައެވެ. ފަހަތުން ރުޝްދާވެސް އައެވެ. އަނާރާ ފިޔާޒާވެސް ތިއްބެވެ. ޝުހޭލް ވަންއިރު ސަބީހާގެ ވަށައިގެން ޑޮކްޓަރުންނާ ނަރުހުން ތިއްބެވެ. ޑޮކްޓަރުން ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައި ދުރަށް ޖެހިލިއެވެ. ޝުހޭލް ސަބީހާގެ މަގަތުން އިށީނެވެ. ކުޑަކުއްޖެއް ފަދައިން ރޯން ފެށިއެވެ. ސަބީހާގެ އަތްތިލަގައި އޭނާ ހިފަހައްޓަލިއެވެ. ސަބީހާގެ ފަހު ވަގުތުކޮޅު ގުނަމުން ދިޔައިރު އޭނާ މަރުވުމުގެ ކުރިން ދެކިލަން ބޭނުންވި ވަގުތުކޮޅު ދެލޯ ހުޅުވައިގެން އޮވެ ބަލަމުން ދިޔައެވެ. ކުރިމަތީގައި އިން ލޯބިވާ ދަރިފުޅަށް ވިސްނައިދޭން ބޭނުންވިޔަސް އެއަށްވުރެ އޭނާގެ ހަށިގަނޑު ބައްޔެވެ. ދެފައިކޮޅުގައި ފުރާނައެއް ނެތެވެ.
"މްމްމް...މަންމާ...... އަޅުގަނޑަށް މަޢާފްކުރޭ...." ރޮމުންދިޔަ ޝުހޭލް ބުނަމުން ދިޔައެވެ. އެވަގުތު ސަބީހާގެ ނަފްސަށް ލުއިކަމެއް އިހުސާސްވެގެން ދިޔައެވެ. ހިތްހަމަޖެހިގެން ދިޔައެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޝުހޭލްގެ މޫނުގައި ފިރުމައިލަން އޭނަ އުފުލާލި އަތް އޭނާގެ ފަހުނޭވާ އާއެކު ތިރިއަށް ސޮހިއްޖެއެވެ.
(ނުނިމޭ)