ސާޅީސްހަތަރުވަނަ ބައި
"އަހަރެން ހުއްޓަވެސް ޒައި ބިރުގަނޭތަ؟ ހިފާ އަތުގަ. އަހަރެން މިއަތުން ދޫކޮށްލިއްޔާތާ ވެއްޓޭނީ" ޒައިނާގެ އަތުގައި ހިފާ ކޮޅަށް ނަގަމުން އާކާޝް ބުނެލިއެވެ. އެހިނދު ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވެލިއެވެ.
އާކާޝްގެ އެހީތެރިކަމާއެކު ޒައިނާ ގޮސް ހުއްޓުނީ ކޭކު ކުރިމަތީގައެވެ. ވަށްބުރެއްގެ ބައްޓަމަށް އޮތް ޗޮކްލޭޓް ކޭކު ފެނިފައި ޒައިނާ ކުޅުދިޔާވިއެވެ. ވަޅީގައި ހިފާފައި ކޭކުގައި ޖެއްސުމުގެ ކުރިން އޭނާ އަކާޝްގެ މޫނަށް ބަލައިލީއެވެ. ހީވީ ފަޅަންވީހޭ އާކާޝް ކުރެން އަހައިލިހެންނެވެ. ކޭކުން ޒައިނާ ވަކިކޮށްލި ތަންކޮޅާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއއެވެ. އާހިލް އާ ރާހިލް ތުންފަތުގައި ދޫހާކާލި މަންޒަރު ފެނުމުން ޒައިނާ ހިނިއައެވެ. އެންމެންނަށް އެއްފަހަރާ ހެވުނީ ކޭކުކޮޅު އެކަކަށްވެސް ނުދީ އޭނާ އަމިއްލަ އަނގައަށް ލީމައެވެ.
***
ކްލާހުގައި އިން އަނާރް އިނީ ޝުހޭލް ކައިރީގައެވެ. ޝުރޫކް އިނީ ތަންކޮޅެއް ދުރުގައެވެ. އަނާރް ބަނޑުބޮޑުކަން ޓީޗަރުންނަށް އިނގި އޭނާއަށް މަރުހަބާ ކިއިއެވެ. އަދި ހުރިހާ ޓީޗަރުންނަށް ޕާޓީ ދޭންވާނެ ކަމުގައި ބުނެލިއެވެ. ބަލައިގެން އުޅުމަށާ އަބަދުވެސް ދެކުދިން އެކުގައި އުފަލުގައި ތިބުމަށް ނަޞޭޙަތްތެރިވިއެވެ. އެހިނދު އަނާރާ ޝުހޭލް އެކަކު އަނެކަކަށް ބަލައިލިއެވެ. ޓީޗަރުންނަށް ހަގީގަތް ހާމަކޮށްދޭން ބޭނުންވިޔަސް ހާލަތު ނިޔާކުރާ ގޮތުން ދެކުދިންގެ ދުލުގައިވެސް ވަނީ ތަޅުލެވިފައެވެ.
"ކާކުގެ ފޯނު. އަރޫގެތަ؟" މޭޒުމަތީގައި އޮތް އަނާރްގެ ދަބަސް އޮތްތަނުން ވައިބްރޭޓްވާން ފެށުމުން ޝުހޭލް އަހައިލިއެވެ. ދަބަސް ހުޅުވާލާފައި އޭނާ ފޯނު ބަލައިލިތަނާ ކޯލު މިސްވެއްޖެއެވެ. އަލުން ދަބަސް ތެރެއަށް ފޯނު ލާން އުޅެނިކޮށް ދެވަނަ ފަހަރަށް ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ.
"މާމަ! މިތަނަށް އަންނަނިކޮށް ގުޅިން މާމައަށް. އެހެންވެ އެގުޅަނީ" އަނާރް ބުނެލިއެވެ. އޭނާ ފޯނު ހިފައިގެން ބޭރަށް ނިކުމެފައި ފޯނަށް ޖަވާބުދިނެވެ.
"މާމާ! ކްލާހުގައޭ. ނިންމާފަ ގުޅާނަން އިނގޭ" އަނާރް އެތެރެއަށް ވަންނަން އުޅުނު ވަގުތު ކްލާހުން ނިކުންނަން އައި ރޯމަން އާ މުޑިއަރައިފިއެވެ.
"ސޮރީ" އަވަސް އަވަހަށް އަނާރް ބުނެލިއެވެ.
ރޯމަން ބަލާލައިފައި ދިން ނުލަފާ ހިނިތުންވުން ފެނި އަނާރްގެ ގައިން ހީބިހި ނަގައިގަތެވެ. އޭނާގެ ފަރާތުން ގޯނާއެއް ކުރިމަތިވާން އުޅޭހެން ހީވެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ.
***
ޖެހެމުންދިޔަ ވައިގެ ތެރޭގައި ހުއްޓިގެން އަބާން ހުރީ އަތޮޅުތެރޭގެ ރަށެއްގެ ޖެޓީކޮޅުގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޖެހެމުންދާ ވަޔާ އެއްވަރަށް ބަދަލު އަންނަމުންދިޔަ ކަނޑުގެ ލޮނުގަނޑަށެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ ހުރިހާ ގޮށްތަކެއް ހުރީ ނައްޓާފައެވެ. ގޮޅިއަރާފައިވާ ދޮން ހަށިގަނޑާ މާ ދުރަށް ލައިގެން ހުރި ގަމީހުގެ ދެފަރާތުގެ ފަސްބައި ވިހުރެމުން ދިޔައެވެ. އިރުއޮށްސުމުގެ ނިޝާންތައް ދުނިޔެމަތިން ފާޅުވާން ފަށައިފިއެވެ. އުޑުމަތިން އޮރެންޖް ކުލައިގެ ވިލާތައް އިރާއެކު އޮށްސެން ކައިރިވެއްޖެއެވެ. މާދުރުން ދަތުރުކުރަމުން ދިޔަ ރިޔަލު ދޯންޏަކަށް ނަޒަރު ހުއްޓުނީ އެކަހަލަ މަންޒަރެއް އޭނާއަށް ނުފެންނަތާ އެތައް ޒަމާނެއްވެފައި ވާތީއެވެ. ގެއަށް ދިޔުމަށް އަނބުރާލީ ދުނިޔެމަތި އަނދިރިވެ ވައިބާރުވާން ފެށުމުންނެވެ. މާދުރަށް ނުހިނގެނީސް ހިރަފުސްތަކާ ކުނޑިތައް ބިމުން ކެނޑިގެން މައްޗަށް އަރަން ފަށައިފިއެވެ. ކަނޑުގެ ރާޅުތައް ހުޅިނަގާފައި މައްޗަށް އަރަން ފަށައިފިއެވެ. ފުސްވަމުން ދިޔަ ދެލޯ މަތީގައި އަތް އަޅަމުން ކުރިއަށް ދަނިކޮށް ދިމާ ކުރިމަތިން ހިނގާފައި އަންނަ އަންހެންކުއްޖެއް އޭނާގެ ދެލޮލުގައި އަޅައިގަނެއްޖެއެވެ. އެކުއްޖާ އާ ކައިރިއަށް ފިޔަވަޅު އެޅުމުންދާ ވަރަކަށް އެއީ އޭނާގެ ހިތުގެ މަލިކާ ކަން ކަށަވަރު ވެއްޖެއެވެ. ހުދު ހެދުމުގައި ހުރި އަންހެންކުއްޖާ ފިނިން ސަލާމަތް ވުމަށްޓަކައި ގައިގައި ރަތް ފިނިފެންމާޖެހި ބޮޑު ފޮތިގަނޑެއް ކަހަލަ އެއްޗެއް އޮޅާލާފައި ހުއްޓެވެ. ޖެހެމުންދިޔަ ވަރާ އެއްވަރަށް އޭނާގެ ފަހަތަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު ނަށަމުން ދިޔައެވެ.
"އަބާން...!" އަބާން ކައިރިއަށް ހުއްޓުމާއެކު އަންހެންކުއްޖާ ގޮވާލިއެވެ.
"އަނާރް...! މިހުރިހާ ދުވަހު ކޮންތާކު އުޅެފަ ތިއައީ. އަހަރެން ވަރަށް ހަނދާންވި" އަބާން ބުނެލިއެވެ. އަނާރް ހީލައިފިއެވެ. އެހިނިތުންވުމުގެ ޖާދޫގައި އަބާން ޖެހިއްޖެއެވެ. މޫސުމް ބަދަލުވެގެން ދިޔައިރު ދުނިޔެއަށް އައިސްފައިވާ ބަދަލާ މެދު އޭނާ ވިސްނާނުލައެވެ. އަނާރްގެ ދޮން މޫނުގައި ފިރުމާލަން އޭނާ އަތް އުފުލާލިއެވެ. މަޑުމަޑުން އަނާރްގެ މޫނާ ގާތަށް އެ އަތް ކައިރިކޮށްލިއެވެ. އެހިނދު އެ އަތުގައި އަނާރް ހިފެހެއްޓިއެވެ.
"އަހަރެން ދިޔައީ އަހަރެންގެ ހުވަފެންތަކުގަ ކުލަޖެއްސުމަށްޓަކައި ފެށި ވަރަށް ބޮޑު މަސައްކަތެއް ކާމިޔާބުކަމާއެކު ނިންމާލަން. އަހަރެން އެނބުރި މިއައީ އަބާން ކައިރިއަށް. އެވެސް އަބާނަށް ވަރަށް ބޮޑު ހަދިޔާއެއް ހިފައިގެން" އަނާރް ބުނެލިއެވެ. ގައިގައި އޮޅާލައިގެން ހުރި ފޮތިގަނޑު ނެގުމާއެކު އަބާންގެ ލޮލުގައި އަޅައިގަތީ އަނާރްގެ ހަށިގަނޑާ ގުޅިގެން ބޭރަށް ނިކުމެފައި ހުރި ބަނޑު ފެނި އަބާން ހައިރާންވިއެވެ. ހިތުގައި ސުވާލު އުފެދި އަނާރަށް ބަލައިލެވިއްޖެއެވެ. ހަމަ އެހިނދު ހިނިތުންވެފައި ހުރި އަނާރް އަބާންގެ އަތްތިލަ ގެންގޮސް އޭނާގެ ނުވަ މަހުގެ ބަނޑުގައި ޖެއްސިއެވެ. އެވަގުތު ވެގެން ދިޔައީ ދަރިފުޅު ތޮޅިލި ވަގުތަކަށެވެ.
"މިއީ އަހަރެންގެތަ؟" އަބާން އަހައިލިއެވެ.
"ތިއީ އަހަރެން މި ދުނިޔެއިން އެންމެ ބޮޑަށް ލޯބިވި އިންސާނާކަން ޔަގީންވާ ފަދައިން އަހަރެންނަށް ޔަގީން ތިއީ އަހަރެންގެ މިދަރިފުޅުގެ ބައްޕަ ކަން. އާނ. އަބާން. އަބާން ބައްޕައަކަށް ވަނީ. އަހަރެންނަށް ރަނގަޅީ މިދަރިފުޅު އަބާން އާ ވައްތަރުވިއްޔާ" އަނާރް ވާހަކަދައްކަމުން ދިޔައެވެ. އަނާރްގެ ބަނޑުގައި އަތްޖައްސާލައިގެން ހުރި އަބާން އެއްވެސް ބަހެއް ނުކިޔައެވެ.
"އަބާން ! ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ. ޤަބޫލުނުކުރެވެނީތަ؟ އެހެން ނުބުނައްޗޭ. މިއީ އަބާންގެ ދަރިއެއް. އަބާނަށް ޤަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަމަ އަބާންގެ ދަރިއެއް. ކޮންމެސް އެއްޗެއް ބުނެބަލަ" އަނާރަށް ރޮވެން އުޅުނެވެ. އަބާން ބަހެއްވެސް ނުކިޔާ ހުރީ އަނާރްގެ މޫނަށް ބަލަހައްޓައިގެންނެވެ.
"އަބާން! ޤަބޫލެއްނުކުރެވުނު ދޯ. އަޅާނުލާ. އަހަރެން ދަނީ. ދުވަހަކުވެސް އަބާން ނުފެންނަހާ ދުރަށް. ދުވަހަކުވެސް އަބާނަށް މިދަރިފުޅު ނުދައްކާނަން. މިދަރިފުޅު ބޮޑުވާނީ ހަމައެކަނި އަހަރެންގެ ދަރިއެއްގެ ގޮތުގަ. އަބާން ދުވަހަކުވެސް މަސައްކަތް ނުކުރާތި މިދަރިފުޅު ހޯދަން" އަނާރް ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އަބާން އަނާރް ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ހަތަރެސްފައި ގަނޑުވެފައި ހުރި ކަހަލައެވެ. އަނާރަށް ގޮވަން އަނގަ ހަރަކާތްކުރަމުން ދިޔައެވެ. އޭނާގެ އަޑު ބޭރުނުވަނީ ކީއްވެގެން ހެއްޔެވެ؟
"އަބާން! އަހަރެން މިދަނީ ވަރަށް ދުރަށް. އަހަރެން ހިފަހައްޓަބަލަ. ބުނެބަލަ ނުދާށޭ. އޭރުން ދުވަހަކުވެސް އަހަރެން ނުދާނަން. އަބާން! އޭނަ ފަހަތުގަ އެބަހުރި އަހަރެން ބަލާ އައިސް. އޭނަ ހުރީ އަހަރެންގެ ރުހުން ލިބޭނެ އިރެއްގެ އިންތިޒާރުގަ. އަހަރެން މިއައީ އަބާން ބޭނުންވާވަރުން އޭނާގެ ހިތްހަލާކުކޮށްލާފަ. ތިހާ ހިތްހަރުވެގެން ތިއުޅެނީ ކީއްވެ؟ އަބާން! އަހަރެން ހުއްޓުވާ ހެޔޮނުވާނެ..." ދުނިޔެމަތި އަނދިރިވެ ވައިމަޑުވިއިރު އަނާރް ފެންނަން ނެތެވެ. އަބާނަށް ތެޅިގަނެވުނީ އެހިސާބުންނެވެ. ހިކިފައިވާ އަރުތެރެއިން އަނާރަށް ގޮވައިވެސް ލެވިއްޖެއެވެ. އެނދުގައި އިން މީހާ ފުންނޭވާތަކެއް ލަމުން ދިޔައެވެ. އަތުގައި އޮތް ބާލީސް އަތުތެރެއަށް ބޮނޑިވަމުން ދިޔައިރު ދެންމެ ފެނުނު ހުވަފެނާ މެދު ވިސްނެމުން ދިޔައެވެ. މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ. އޭސީވެސް ހުރީ އެންމެ ބާރުކޮށްފައެވެ. ތިރިއަށް ދެފައި ބާލާފައި މޫނުމަތީގައިވާ އުދާސްތައް ދެއަތުން ފޮހެލާފައި ސައިޑް ކަބަޑް މަތީގައި އޮތް ފޯނު ނަގާފައި ގަޑިން ވީއިރެއް ބަލައިލިއެވެ. ރޭގަނޑު ނުވައެއް ޖެހީއެވެ. އޭނާ އެއީ ބޮލުގައި ރިހޭވަރުން ހަވީރު ނިދަން ޖައްސާލި މީހާ ކަން ހަނދާންވެއްޖެއެވެ. ބަނޑުހައިހޫނު ކަމުގެ އިހުސާސްވެސް ކުރެވެން ފަށައިފިއެވެ. ފޯނު ހުޅުވާލިއިރު އެތައް ފަހަރަކު ސައިފް ގުޅާފައި އޮތެވެ. ދޮރުގައި ޓަކިދޭ އަޑު އިވުނީ އޭނާ އެވިސްނުމުގައި އިންދައެވެ. ހަށިގަނޑަށް ވެރިވެފައިވި ކަންނެތްކަމުގައި ހިނގާފައި ގޮސް ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ސައިފްއެވެ.
"ނަސީބެއްނު ދުނިޔޭގަ އޮތްކަން. މަންމަ އެބައުޅޭ ފުލުހުންނަށް ގުޅަން" ދޮރުކަނީގައި އަތްވިއްދާލަމުން ސައިފް ބުނެލިއެވެ.
"އެއީ ކިހިނެއްވީ އަނެއްކާ" އަބާން ބުނެލިއެވެ. މާގިނައިރު ނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި ހުރީ ރިހުމެއް އުފެދިފައެވެ.
"މިތާ އެވަރަށް ތެޅީމަވެސް އެއްވެސް ހަބަރެއްނުވި. މަންމަ ބުނީ މަންމައަށް ކިރިޔާއޭ ފެންލައިޓުން ނުވަދެވުނީ" މަތީގައި ހުރި ކުޑަކުޑަ ފެންލައިޓެއް ދައްކައިލަމުން ސައިފް ބުނެލިއެވެ.
"މާގިނައިރު ނިދުނީ ދޯ" ކަނދުރާގައި އަތްއަޅުވާލާ އާފުރިލަމުން އަބާން ބުނެލިއެވެ.
"އުނހު. މާގިނައިރަކު ނޫން. ވަރަށް ކުޑަ އިރުކޮޅެއްވީ. ދެންވެސް އާދޭ ކާންދާން. މަންމަ އެބަހުރި ޕާސްތާ ހަދާފަ" ސައިފް ބުނެލިއެވެ. މިދަނީ އޭ ބުނެ އަބާން އެތެރެއަށް ވަނެވެ.
***
ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިން ޒައިނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އަދިވެސް އޭނާގެ ބޮލުގެ ބޮޑުބައެއް ވަނީ ބޭސްއަޅާ ބަންދުކޮށްފައެވެ. ހާމައަށް ފެންނަން ހުރި ހިސާބުގައިވެސް އިސްތައްޓެއްނެތެވެ. އޭނާ ހިތުގައިޖެހުނީ އެހެންވެއެވެ. އޭނާގެ ގޭތެރޭގައި އަޅުވާ ކުޑަ ބުރުގާކޮޅު ހިފައިގެން އައި މިހުނާއަށް އޭނާގެ ދެލޮލުގައިވި ކަރުނަ ފެނި ކައިރިއަށް ޖެހިލިއެވެ. ލޯތްބާއެކު ދެލޯކައިރި ފޮހެދިނެވެ.
"ދެން މިގަޑިއަކު ނޫން. ބައްޕަމެން އެބަތިބި ޒައި އަންނަންދެން ކާން ނުފަށާ" ޒައިނާގެ ބޮލުން ބުރުގާ ތިރިކޮށްލަމުން މިހުނާ ބުނެލިއެވެ.
"އައްކި އަންނާނެތަ؟" ޒައިނާ އެހިއެވެ. އެވަގުތު މިހުނާގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.
"ޒައި ބޭނުންތަ އައްކި ހުންނަން" މިހުނާ އެހިއެވެ. ޒައިނާ ބޯޖަހައިލިއެވެ.
"މަންމަ ވާހަކައެއް އަހަންތަ؟ ޒައި ކީއްވެތަ މިހާރު އަބަދު އައްކިގެ ވާހަކަތިދައްކަނީ. އައްކި އެއީ ޒައިގެ ކާކު" ގޮނޑި ދޮރާ ދިމާލަށް އަނބުރާލަމުން މިހުނާ އެހިއެވެ.
"އެއީ ހަމައެކަނި ހުރި އަޅުގަނޑުގެ އެކުވެރިއަކީ. އައްކި ހުރިއްޔާ އަޅުގަނޑު ހިތާމަ އާ ދެރަކަންތައްތައް މަތިން ހަނދާނެއްނުހުރޭ. އައްކި ނުވެސްދޭނެ އެކަހަލަ ކަމަކާ އަޅުގަނޑު ވިސްނާނެ ފުރުސަތެއް" ޒައިނާ ވާހަކަދެއްކިއެވެ.
"ހަމައެކަނި އެކުވެރިއެއްތަ؟ ނޫނީ ޒައި ގެ...." ޒައިނާ މޫނުމަތީގައި އަތްއަޅައިފިއެވެ. މިހުނާ އެކަހަލަ ވާހަކައެއް ބުނުމުން ހަގީގަތުގައިވެސް ޒައިނާ ލަދުގަނެއްޖެއެވެ.
"ދެން އެކަހަލަކަމެއް އަދި ނޫޅޭޔޭ" ލަދުން އިން ޒައިނާ ބުނެލިއެވެ. މިހުނާއަށް ހެވިއްޖެއެވެ.
***
ޔުނިވަރސިޓީން އައިގޮތަށް ޝުހޭލް ކާމޭޒު ކައިރީގައި އިށީނދެގެން އިނެވެ. ކޮޓަރިއަށް ދަބަސް ލާފައި ނިކުތް އަނާރް ބަދިގެއަށް ވަންއިރު ފިނިފެންފުޅިއަކާ ތައްޓެއް ހިފައިގެން އިން ޝުހޭލް ފެނި ހިނިތުންވެލިއެވެ. އޭނާ ގޮސް ޝުހޭލް ކުރިމަަތީގައި ހުއްޓިއްޖެއެވެ.
"ކޯޗެއް ތިވިސްނަނީ؟" ޝުހޭލް އިންގޮތުން އަނާރް އެހިއެވެ.
"މިދަނީ މަންމަ ކައިރިއަށް ދާން. ވޯޑަށް ނެރުނުފަހުން އަދި ނުފެނޭ. ދޮންތަ ގޮތަށް އަހަރެން ހިތަށް ވަރަށް ނުބައި އެއްޗެހިއަރާ. ރޭގަ ވަރަށް ނުލަފާ ހުވަފެނެއްވެސް ފެނިއްޖެ" ޝުހޭލް ވާހަކަދެއްކިއެވެ.
"ތީގަ އޮންނާނީ ޝުހޭލް ވިސްނާގޮތެއް. ފެންނަ ހުވަފެންތަކާ މެދު ނުވިސްނަބަލަ. ހުވަފެނަކީ ބިލާހެއް" އައިސްއަލަމާރިން ފުރުޓްތަށި ނަގައިގެން އައިސް މޭޒު ކައިރީގައި އިށިން އަނާރް ވާހަކަދެއްކިއެވެ.
"އެއްކަލަ ޝުރޫ އައިގޮތަށް އެބައޮތް ރަޖާ އަޅައިގެން. ތިމަންނަ ނިދި އަންނަނީޔޯ... ހެހެ... ކްލާހުގަވެސް އިނީ ދެލޯ ކުޑަވެފަ. ދެން ޝުހޭލް ދިޔައިމަ އަހަރެން ވަރަށް ފޫހިވާނެ. އަހަރެން ގެންދާނަން ދޯ ދާއިރު" އަނާރް ވާހަކަދެއްކިއެވެ.
"ނޯ... އަރޫ ރެސްޓްކުރޭ. ތިއީ މާބަނޑު މީހެކޭ. ކިހާ ދުވަހަކު މިކަމުގެ ތެރޭގަ އުޅެފިން. އަރޫ މިއަދު އެއްކޮށް ބެޑްރެސްޓް ކުރޭ" ޝުހޭލް ވާހަކަދެއްކިއެވެ.
"އަހަރެން ފިޓޭ" އަނާރް ބުނެލިއެވެ. އޭނާ ގޭގައި މަޑުކުރަން ބޭނުންނުވާ ކަހަލައެވެ.
"އުނހު. މިއަދު އަނާރް ގޭގަ ހުރޭ. ފިޓޭ ކިޔާފަ ތިހެން އަރާމުކުރުމެއްނެތި އުޅޭކަށް ނުވާނެ" ބަދިގެއަށް ވަދެގެން އައި ފިޔާޒާ ވާހަކަދެއްކިއެވެ. މިފަހަރު އަނާރަށް އެއްޗެއް ބުނަން ނުކެރުނެވެ.
ހަވީރު ހޮސްޕިޓަލަށް ދާން ތައްޔާރުވެގެން ނިކުތް ޝުހޭލް ބޫޓަށް އަރަން ހަރު ކައިރީގައި ހުއްޓާ ދޮރުގެ ބެލްއަޅާލި އަޑުއިވިއްޖެއެވެ. އެވަގުތު އެއީ ރުޝްދާވެސް އޭނާގެ ދަރިފުޅު ރިޔާ ގޮވައިގެން ނިކުތް ވަގުތެވެ.
"އެއައީ ތިއާ ކަންނޭނގެ. ބުންޏޭ ހަވީރު އަންނަ ވާހަކަ. ކޮއްކޮ ކައިރީގަ ބުނަން ދޮންތަ ހަނދާންނެތުނީ" ރުޝްދާ ބުނެލިއެވެ.
"އެކަމަކު އަހަރެންނަށް މަޑުކުރެވޭކަށްނެތް. ދޮންތަ އާ މަންމަ ހުރޭ އޭނަ ކައިރީގަ" ޝުހޭލް ބުނެލިއެވެ.
"އެންމެރަނގަޅު. އެކަމަކު ދޮރުހުޅުވަބަލަ" ރުޝްދާ ބުނެލިއެވެ. އަތުގައި އޮތް އައިނު ލޮލަށް ހެޔޮވަރު ކޮށްލާފައި އޭނާ ދޮރު ހުޅުވާލިއެވެ.
ކުރިމަތީގައި ތިބި ހަރުފުރާގެ ދެމަފިރިއެއްގެ ފަހަތުން ނިކުތް އަންހެންކުއްޖާގެ ތުންފަތަށް ޝުހޭލް ފެނުމާއެކު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޝުހޭލްވެސް ހީލިއެވެ. އޭނާ ބެލީ މެހެމާނުން ދޮރު ކައިރިން ތަންދިންހާ އަވަހަކަށް އެތަނުން ނިކުމެވޭތޯއެވެ.
"ޝުހޭލް....!" ޝުހޭލްގެ ސަމާލުކަން ނުލިބުމުން ތިއާ ކުރިކަމަކުން އޭނާ ލަދުގަތެވެ. ތިއާގެ މައިންބަފައިން ކުރިމަތީގައިވެސް ޝުހޭލްގެ ގައިގައި ބައްދާލައިފިއެވެ. ކޮލުގައި ބޮސްދީފިއެވެ.
"ތިއާ! ކީއްތިކުރަނީ؟" ތިއާ ދުރުކޮށްލާފައި ޝުހޭލް ބުނެލިއެވެ.
"ތިތަނުގަތަ ތިބެނީ. ވަދެބަލަ އެތެރެއަށް" ރުޝްދާ ބުނެލިއެވެ. ތިއާގެ އަމަަލުތައް ހުރިގޮތުން ޝުހޭލްގެ ރުޅިގަނޑު ބޭރަށް ފާޅުވެދާނެތީ އޭނަ މަސައްކަތްކުރީ އެމީހުން އެތެރެއަށް ވެއްދުމަށެވެ.
"ކޮންބައެއްތަ؟" ކޮޓަރި ދޮރުމަތީގައި ތިބި ޝުރޫކަށް އަނާރް އަހައިލިއެވެ. ޝުރޫކް ދެކޮނޑު އަރުވާލަމުން ނޭނގެއޭ ބުނެލިއެވެ.
"ކޮންތާކަށް ދާން ތިއުޅެނީ؟ ވަރަށް ވާހަކަ އެބަހުއްޓޭ" ޝުހޭލްގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް އެތެރެއަށް ވަން ތިއާގެ ފައިން ފެށިގެން ބޮލާ ހަމައަށް އަނާރް ބަލައިލިއެވެ. ހަޑިކުއްޖެއް ނޫނެވެ. ބުރުގާ އަޅާފައި ހުރިއިރު ރަނގަޅު އަޚްލާގެއްގެ ކުއްޖެއްނޫނޭ އޭނާގެ ހިތް ބުނެލީ ކީވެގެންކަމެއް ނޭނގެއެވެ. ތިރިން ލައިގެން ހުރި ކަޅު ކުލައިގެ ސްކިނީ ހުރީ ކަށިމައްޗާ ހަމައަށެވެ. ފައިގެ ތަނބިކަށިން ތިރި އެއްކޮށް ހާމައަށެވެ. އެގޮތް އަނާރަށް ކަމުނުދިޔައެވެ. އޭނާގެ ނަޒަރުގައި ބުރުގާ އަޅައިފިއްޔާ ދެއަތްތިލަ އާ މޫނު ފިޔަވައި ހުރިހާ ތަނެއް ހުންނަންވާނީ ފޮރުވިފައެވެ.
"ދެން ކޮއްކޮވެސް އާދެބަލަ އިރުކޮޅަކު މަޑުކޮށްލަން. ދެކުދިންވެސް ތިތަނުގަ ނުތިބެ އާދެބަލަ. މެހެމާނުންނާ ބައްދަލުކޮށްލަންވާނެއްނު" ހީލައިގެން ހުރި ރުޝްދާ ވާހަކަދެއްކިއެވެ. ރުޝްދާ މަސައްކަތްކުރީ ޝުހޭލްގެ ކައިރީގައި ހުރި ތިއާ ދުރަށްލެވޭތޯއެވެ. ތިއާގެ އަމަލުތައް ހުރިގޮތުން ޝުހޭލްއަށް ބަދަލުތަކެއް އަންނާނީ ކޮންއިރަކުންކަމެއް ނޭނގެއެވެ.
"ތިއާގެ މަންމަ އާ ބައްޕަތަ؟ އާދެބަލަ މިކޮޅަށް" ރުޝްދާ ތިއާއަށް ބުނެލިއެވެ.
ތިއާ ބޯޖަހާލަފައި ރުޝްދާ ކައިރިއަށް ދާން އުޅުނީ ޝުހޭލްގެ އަތުގައި ހިފައިގެންނެވެ. އެހިނދު ތިއާގެ އަތުތެރެއިން ޝުހޭލްއަށް އަތް ދަމައިގަނެވިއްޖެއެވެ. އަނާރަށް އެމަންޒަރުތައް ފެންނަން އޭނާ ބޭނުމެއްނުވިއެވެ.
"އަހަރެން....." ތިއާއަށް އިންޒާރެއްދޭން އުޅުނު ޝުހޭލްއަށް އޭނާގެ އެއް އަރިމަތީގައި ހުރި އަނާރަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު އަނާރް އިޝާރާތުން ޝުހޭލްއަށް ހަމަޖެހުމަށް ބުނެލިއެވެ. އަނާރްގެ އެންމެ އިޝާރާތަކާއެކު ޝުހޭލްގެ ނަފްސު ހަމައަކަށް އެޅިއްޖެއެވެ.
"އަހަރެން ވަރަށް މުހިންމު ތަނަކަށް ދާން ނިކުތީ. އެކަމަކު އިރުކޮޅަކު މަޑުކޮށްލެވިދާނެ" ޝުހޭލް ބުނެލިއެވެ. ތިއާ ހިނިތުންވެލާފައި ގޮސް ރުޝްދާގެ އަތުތެރޭގައި އޮތް ރިޔާ އުރާލައިފިއެވެ.
"އެންމެ ފުރަތަމަ ތިއާއަށް އަހަރެން މީހަކު ތައާރަފްކޮށްދެން ބޭނުން" ޝުހޭލް ބުނެލިއެވެ. ހީލާފައި ތިއާ ޝުހޭލްއަށް ބަލައިލިއެވެ.
"މީޓް މައި ވައިފް އަނާރް. ފޯރ މަންތްސް ޕްރެގްނެންޓް މިހާރު" އަނާރް ކައިރިއަށް ހުއްޓި އުނގަނޑުގައި އަތް އަޅުވައިލަމުން ޝުހޭލް ބުނެލިއެވެ. އަނާރަށް ޤަބޫލުކުރަން ދަތިވެ ޝުހޭލްއަށް ނަޒަރެއް ދެވިއްޖެއެވެ. ރުޝްދާއަށްވެސް ވީ އެވަރެވެ.
***
ކުރިމަތީގައި ހުރި ކޮފީތައްޓެއް ބަލަހައްޓައިގެން އަބާން އިނީ ވިސްނުމެއްގައެވެ. އޭނާ އެގޮތަށް އިންނަތާ ސާޅީސް ފަސް މިނިޓް ވެއްޖެއެވެ. އޭނާގެ ވިސްނުމާ ގުޅިފައިވަނީ ފެނުނު ހުވަފެނެވެ. އަނާރް ދެއްކި ވާހަކަތަކެވެ. އަނާރްގެ ދެލޮލުން އޭނާ އެބުނެދިނީ ހަގީގަތްކަން ހުވަފެނުގެ ތެރެއިންވެސް އޭނާއަށް އިހުސާސްވިއެވެ. އަނާރަށް އެހަދިޔާ ދިނީ ހުދު އޭނާއެވެ. އަނާރާ އޭނާ ގާތްވިއިރު އަނާރަކީ ދުވަހަކުވެސް މީހަކު ބީހިފައި ނުވާ ގަހުގައި އިން ތާޒާ މަލެކެވެ. އެ މާ ކަރުގަނޑުން ލުހެލީ އޭނާއެވެ. ވިސްނާ ވިސްނާ އޭނާ ބޮލުގައި ނުފިލާ ރިހުމެއް އުފެދިއްޖެއެވެ. ކޮފީތަށި މަތިންވެސް ފޫހިވެއްޖެއެވެ. އަނާރަށް ދުށުމަށް އޭނާ ހިތް އެދި ގޮވަން ފަށައިފިއެވެ. އެންމެ ފަހަރަކު ނަމަވެސް އެ އަޑު އަހާލާހިތުން އޭނާގެ ދެ ކަންފަތް ކޮޅަށް ޖެހިއްޖެއެވެ. ކޮފީތަށި ކައިރީގައި އޮތް ފޯނު ނަގާފައި އަނާރް އާންމުކޮށް އޭނާއަށް ގުޅާ ބޭރު ނަންބަރަށް ޑަޔަލް ކޮށްލާފައި ކަންފަތުގައި ޖެހިއެވެ. އެހިނދު އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ދެލޮލުން ކަރުނައެއް ވެއްޓުނުކަން ވެސް އޭނާއަށް ނޭނގެއެވެ.
(ނުނިމޭ)