ތެޔާޅީސްވަނަ ބައި
އާކާޝްގެ އަތްތިލަ މަތީގައި އަތް އެޅިފައި އިންކަން ޒައިނާއަށް އިނގުނީ މާފަހުންނެވެ. އޭނާ ހިނިތުންވުމަކާއެކު ލަސްލަހުން އަތް ދަމައިގަތެވެ.
"ތެންކިޔު" ޒައިނާ ބުނެލިއެވެ.
"އައްކި! ހާދަ ލަހުންނޭ ތިއައީ. އަހަރެން ހީކުރީ އޮޕަރޭޝަންގެ ކުރިން އައްކި ނުފެންނާނެ ކަމަށް" ޒައިނާ ވާހަކަދެއްކިއެވެ. އަދި އެނދުމަތީގައި ބޮޑު މާބޮނޑި ބޭއްވިއެވެ.
"އަހަރެން ހާދަ އުފަލުންނޭ މީނީ. އަހަރެންގެ ކުރިމަތީގައި ޒައި ދެލޯހުޅުވައިގެން ހިނިތުންވެފައި އިނީމަ" އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނީންނަމުން އާކާޝް ބުނެލިއެވެ. ޒައިނާ އިސްޖަހައިލިއެވެ. އޭނާ ވެންޓިލޭޓަރުގައި އޮތް ދުވަސްތަކުގައި އާކާޝް ވަދެ ދެއްކި ވާހަކަތައް އަދިވެސް ވަރަށް ތާޒާކޮށް އޭނާ ހަނދާނުގަ އެބަހުއްޓެވެ. އޭނާއަށް އާކާޝް ނުފެނުނެއްކަމަކު އޭނާ ރުއި ރުއިން އިހުސާސް ކުރެވުނެވެ. ކައިރި ކުރަންޖެހޭ މީހާ ދުރުކޮށްފައި، ދުރުކުރަންޖެހޭ މީހާ ކައިރި ކުރެވުމުން ނިކުތް ނަތީޖާ މިހާރު އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ. ޒައިނާއަށް އާކާޝްއަށް ބަލަހައްޓައިގެން އިނދެވުނުކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނީ އޭނާގެ ދެލޯ މަތީގައި އާކާޝް އަތްތިލަ ހޫރާލުމުންނެވެ.
"ކޮންކަމަކަށް ގެއްލިފަ" އާކާޝް ބުނެލިއެވެ. ސިހިގެންދިޔަ ޒައިނާ ހިނިތުންވެލައިފިއެވެ.
"އަހަރެންނާ ބައްދަލުކުރަން ވަދެފަ އައްކި ދެއްކި ހުރިހާ ވަހަކަތަކެއް އަޑުއިވުނު" ޒައިނާ ބުނެލިއެވެ. އާކާޝް ހީލިއެވެ.
"އަޑުއިއްވަން ކިއި އެއްޗެއް އެއީ" އާކާޝް ބުނެލިއެވެ.
"އައިމް ސޮރީ" ޒައިނާ ބުނެލިއެވެ.
"އެ ކިހިނެއް އިންނަ އެއްޗެއް؟" ސަމާސާ ރާގެއްގައި އާކާޝް ބުނެލިއެވެ. ޒައިނާ ހީލައިފިއެވެ.
"އަސްލު ކީއްވެ ސޮރީ ތިބުނީ؟" އާކާޝް އެހިއެވެ.
"އިނގޭނެ ފަހުން" ޒައިނާ ބުނެލިއެވެ.
މިހުނާ އައިސް ވަނުމުން އާކާޝް ތެދުވެލިއެވެ. އޭނާ ޒައިނާ ކައިރިއަށް ޖެހިލާފައި ގެއަށް ދާންވީ ކަމުގައި ބުނެލިއެވެ. ޒައިނާ މޫނުމަތި މިލާލިއެވެ. އާކާޝް ފޮނުވާލަން އޭނާ ބޭނުންނުވިއެވެ. އެހެންނަމަވެސް އިރުއަރަންދެން އާކާޝްއަށް ނީނދެވޭނެކަން އިނގޭތީ އޭނާ ބޯޖަހާލިއެވެ.
"ވެއިޓް..." އާކާޝް ހިނގައިގަތުމާއެކު ޒައިނާ ބުނެލިއެވެ. އާކާޝް ހިނިތުންވެލާފައި އައިސް ޒައިނާ ކައިރީގައި ހުއްޓިއްޖެއެވެ.
"އަހަރެން ތިއޭޓަރަށް ވައްދާއިރު އައްކި ހުންނާނަންތަ؟" ޒައިނާ އެހިއެވެ.
"ޒައި ބޭނުމީ ކޮންގޮތެއް؟" އާކާޝް ބުނެލިއެވެ.
"އައްކި ހުރިއްޔާ ވަރަށް އުފާވާނެ. ތިއީ އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔަކީ" ޒައިނާ ބުނެލިއެވެ.
"ހީވޭތަ އަހަރެން ނުހުންނާނޭ. އަހަރެންނަށް ވަންޏާ ޒައި އާ އެކު ތިއޭޓަރ ތެރޭގައިވެސް ހުންނާނަން" ހީލަމުން އާކާޝް ބުނެލިއެވެ.
"ދަނީ ދެން. ފޯނު ކައިރީގަ ބާއްވައިގެން އޮންނައްޗޭ. އަހަރެން ގެއަށް ދެވުނީމަ ހަބަރެއް ވެލާނަން" އާކާޝް ބުނެލިއެވެ. އޭނާ ދިޔުމުގެ ކުރިން ވަރަށް ފުން ނަޒަރަކުން ޒައިނާގެ މޫނަށް ބަލައިލިއެވެ. އަދި ޒައިނާގެ ކޯތާފަތުގައި ފިރުމާލިއެވެ.
***
ތިންދުވަސް ފަހުން ރުޝްދާ ގެއަށް ދޫކޮށްލައިފިއެވެ. ސަބީހާ ކައިރީގައި ހޮސްޕިޓަލުގައި ގިނަ ވަގުތު ހޭދަކުރަނީ އަނާރާ ޝުހޭލްއެވެ. ޝުހޭލް ސަބީހާ ދެކިލަން އެތެރެއަށް ވަނީ އެންމެ ފަހަރަކުއެވެ. އެވެސް ސަބީހާއަށް ނިދިފައި އޮތް ގަޑިއެއްގައެވެ. ސަބީހާ އާ ކުރިމަތިލާން އޭނާއަށް ނުކެރެއެވެ. އޭނާ މާބޮޑަށް ދެރަވެ ހިތުގައި ޖެހެނީއެވެ. ކުށެއްނެތް އެ މަންމައަށް ގޮވުނު އެއްޗިއްސާ ކަންތައްތައް ކުރެވުނު ގޮތްތަ ހިތަށްއަރާ އަމިއްލަ ނަފްސު ކުއްވެރި ކުރެވެނީއެވެ.
"މިއަދުވެސް ސަބީހާއްތަ އަހަރެން ކައިރިން ޝުހޭލްގެ ހަބަރު އޮޅުންފިލުވި" ހޮސްޕިޓަލް ކައިރީގައި ހުރި ކެފޭއެއްގައި އިން އަނާރް ކުރިމަތީގައި އިން ޝުހޭލްއަށް ބުނެލިއެވެ.
"ނުކެރޭ ހޭލާ އޮންނަ ގަޑިއެއްގަ ދާކަށް" ޝުހޭލް ބުނެލިއެވެ.
"ކުރިން އަހަރެން ހީކުރީ ސަބިހާއްތަ ދެލޯވެސް ނުހުޅުވާނެކަމަށް. ﷲ އިރާދަކުރެއްވިއްޔާ މިހާރު ދެލޯ ހުޅުވައިފި. ޝުހޭލްގެ އެންމެ ކުޑަކުޑަ ހިނިތުންވުމަކީވެސް ސަބީހާއްތައަށް ލިބޭނެ އެންމެ ބޮޑު ފަރުވާ ކަމުގައި ވެދާނެ. އަނގައަށް ގުޅާފައި އޮތް ހޮޅިއާއެކު އަހަރެންނަށް ބަލާލާފަ ޝުހޭލްގެ ވާހަކަބުނެލީ" އަނާރް ވާހަކަދެއްކިއެވެ.
"އަހަރެން މަންމަ ކުރިމައްޗަށް އަރާނަން. މަންމަ ވަރަށް ރޯނެ. އުފަލުން މަރުވެސްވެދާނެ" ޝުހޭލް ބުނނެލިއެވެ.
"އަލްޙަމްދުﷲ. އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން ސަބީހާއްތަ ކައިރީގައި ވީ ވައުދު ފުއްދިއްޖެ" އަނާރް ބުނެލިއެވެ.
"އެ ކޮން ވައުދެއް؟' ޝުހޭލް އެހިއެވެ.
"އަހަރެން ބުނިން ސަބީހާއްތައަށް ފިރިހެން ދަރިފުޅުގެ ހިތްހެޔޮކޮށްދޭނަމޭ. އަހަރެންނަށް އިނގޭ އަހަރެންނަށް އެކަން ވާނެކަން. އަހަރެންނަށް އިނގޭ ޝުހޭލް އަހަރެންނަށް އިތުބާރު ކުރާނެކަން" އަނާރް ވާހަކަދެއްކިއެވެ. ޝުހޭލް ހީލިއެވެ.
"އަނާރަކަށް ނޭނގޭނެ ކުރީގަ ކަންތައްތައްވެފަ ހުރި ގޮތެއް. އަސްލު އެހާ ރުޅިގަދަ މީހަކަށްވީވެސް އެކަންތަކާ ހެދި. ޑޮކްޓަރަށްވެސް ދެއްކިން. މިހާރުވެސް ބޭސްކަން. އެދުވަހު ރޯމަންއަށް އެވަރު ކޮށްލެވުނީވެސް ރުޅިގަނޑު ކޮންޓްރޯލް ނުވެގެން. އަހަރެން ލޯބިވާ މީހުންނަށް މީހުން ގޯނާ ކުރަން އުޅެންޏާ ދެން އަހަރެންނަށް ވާގޮތެއްވެސް" ޝުހޭލް ވާހަކަދެއްކިއެވެ. ވިސްނުމަކަށް ގެއްލިފައި އިންނަ ކަހަލަ ގޮތަކަށް ޝުހޭލްގެ މޫނަށް ބަލަހައްޓައިގެން އަނާރް އިނެވެ. ކުރިން އޭނާއަށް ވިސްނިފައިވަނީ ޝުހޭލާ މެދު ގޯސްކޮށެވެ. އޭނާއަށް ކަންތައްކުރެވުނީވެސް ރަނގަޅަކަށް ނޫނެވެ. ޝުހޭލް މިވީ އޭނާ ހީކުރި ވަރަށް ވުރެ މާ މާތް އިންސާނެކަށެވެ. ޝުހޭލް އޭނާއަށް ލޯބި ހުށަހެޅުމުން އޭނާ އެކަން ޤަބޫލުކުރީ އެއްވެސް މަޖުބޫރު ކުރުމަކާ ނުލައެވެ. ހިތުން ރުހުމުގައެވެ. ޝުހޭލާ އެކު ހޭދަވި ކުޑަ މުއްދަތު ތެރޭގައި އޭނާގެ ނުރުހުމުގައި އިނގިއްޔެއްގައިވެސް ބީހިފައެއް ނެތެވެ. ބޭވަފާތެރިވީވެސް އޭނައެވެ. އެވަރުންވެސް ޝުހޭލް އޭނައަށް ނަފްރަތެއް ނުކުރިއެވެ. ފޫއްސެއްވެސް ނުވިއެވެ. އޭނާގެ ނަޒަރުގައި ޝުހޭލް އޭނާދެކެ ވީ ލޯބީގައި އެއްވެސް އަގެއް ނެތެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އެލޯތްބަށް ޝުހޭލް ގަދަރު ކުރެއެވެ.
"އައިމް ސޮރީ.." އެހެން އިނދެފައި އަނާރް ބުނެލިއެވެ.
"އެއީ ކޮންކަމަކަށް" ޝުހޭލް ބުނެލިއެވެ.
"އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން. ހުރިހާ ކަމަކަށް" އަނާރް ބުނެލިއެވެ.
"މާޒީވެ ގޮސްފައިވާ ވާހަކަތައް ނުދައްކާ. އެކަމުގައި އަރޫގެ ކުށެއްނެތް. ކުށްކުރެވުނީ އަހަރެންނަށް. އައިމް ސޮރީ" ޝުހޭލް ބުނެލިއެވެ. އިސްޖަހާލައިގެން އިންއިރު އަނާރްގެ ދެލޮލުގައި ކަރުނައެއް ވިއެވެ. އެކަރުނަތައް ޝުހޭލްއަށް ފެނުނީ އޭނާއަށް އަނާރް އިސްއުފުލާ ބަލައިލި ވަގުތުއެވެ.
"އަހަރެން ކަމަކަށް އެދުނިއްޔާ ޤަބޫލުކުރާނަންތަ؟" ޝުހޭލް ބުނެލިއެވެ. އަނާރްގެ ދެލޯ ފޮހެދިނުމަށް އަތް އުފުލާލައިފައިވެސް އެކަމަށް އަނާރްގެ ރުހުން ނެތްކަން އިނގި އަތް ތިރިކޮށްލިއެވެ.
"ބުނޭ. އަހަރެންނަށް ވާވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން" އަނާރް ބުނެލިއެވެ.
"އަހަރެންގެ ރަހްމަތްތެރިކަން އެކްސެޕްޓް ކޮށްފާނަންތަ؟" ޝުހޭލް އަނާރްގެ ކުރިމަތީގައި އަތްތިލަ ހުޅުވާލިއެވެ. އެ އަތްތިލައިގައި އަނާރް ބޯޖަހައިލަމުން ހިފައިލި ވަގުތު ޝުހޭލްއަށް ކުރެވިގެން ދިޔައީ އާދަޔާޚިލާފް އިހުސާސްތަކެވެ. އަނާރްވެސް އިނީ ޝުހޭލްއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދާ އަސަރުތަކަށް ރަހްމަތްތެރިކަމުގެ ނަން ނޫން އެހެން ނަމެއްދޭން ޝުހޭލް ބޭނުމެއްނުވިއެވެ.
***
ފަތިހު ހަތަރެއް ޖެހިއިރު ޒައިނާއަށް ހޭލެވިއްޖެއެވެ. ދެލޯ ހުޅުވާލުމާއެކު އޭނާ ދިޔައީ ސިހިގެންނެވެ. ކައިރީގައި އިން ގޮނޑީގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ އާކާޝްއެވެ. އޭނާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ.
"އައްކިތަ؟" ޒައިނާ ބުނެލިއެވެ.
"ޖިންނިއެއް ކަމަށްތަ ތިހެން ތިއެހީ" އާކާޝް އެހިއެވެ.
"ނޫން. މިހާ އަވަހަށް އައިސް އިނީމަ" ޒައިނާ ބުނެލިއެވެ.
"ޒައި ހިތްހަމަނުޖެހުނީތަ؟ އެހެންވިއްޔާ އަހަރެން ހިނގައިދާނަން" އާކާޝް ބުނެލިއެވެ.
"ސާބަހޭ. އެހާ ދާހިއްވަންޏާ އަހަރެން ހުއްޓުވާކަށް ނެތިން" ޒައިނާ ބުނެލިއެވެ.
"ދޮންބެދައްތަ އާޖެންޓް ކަމެއްގަ ގެއަށް ހިނގައްޖެ. އަހަރެންނަށް ގުޅިމަ މިއައީ" އާކާޝް ވާހަކަދެއްކިއެވެ.
"އަހަރެން ގެއަށް ދާން ބޭނުން. މިތާ އޮންނާކަށް އަހަރެން ބޭނުމެއްނޫން. ޑޮކްޓަރުން ކައިރީގަ ބުނެބަލަ މި ހޮސްޕިޓަލް ހެދުން ބަދަލުކޮށް އަހަރެން އަމިއްލަ ހެދުން ލުމުގެ ހުއްދަ ދޭށޭ" ފޫހިކަމާއެކު ޒައިނާ ބުނެލިއެވެ.
"ހެނދުނުވީމަ ދޯ. އަހަރެން ވާހަކަ އަހާލަންތަ؟" އާކާޝް ބުނެލިއެވެ. ޒައިނާ ބޯޖަހައިލިއެވެ.
"ހީވޭ ވަރަށް އަވަހަށް ގެއަށް ދޫކޮށްލަފާނެހެން. އޭރުން ދާނީ ހަމަ އެގެއަށްތަ؟" އާކާޝް އެހިއެވެ. ޒައިނާ ދޭނެ ޖަވާބަކަށް އޭނާ އިންތިޒާރުކުރަން ފެށިއެވެ. ދެވަނަ ފަހަރަށް އަބާނާ އެއް ގެއެއްގައި ޒައިނާ ބަހައްޓާކަށް އޭނާއަށް ނުރުހެވެއެވެ. އަދިވެސް ޒައިނާގެ ހިތުގައި ވަނީ އަބާން ކަން ޔަގީން ގާތަށް އޭނާއަށް އިނގެއެވެ.
"އަހަރެން އަބާނާ ވާހަކަދައްކަން ބޭނުން" ޒައިނާ ބުނެލިއެވެ. އާކާޝް ހިތުގައިޖެހިއްޖެއެވެ. އިތުރަށް އަބާނާ ވާހަކަދެއްކުމުގެ ބޭނުމެއް ޒައިނާގެ އޮތްކަމަކަށް އޭނާ ނުދެކެއެވެ. ސަބަބު އޮޅުންފިލުވަންވެސް އޭނާ ބޭނުމެވެ. އެކަމަކު އިތުރަށް ހިތުގައިޖެހިދާނެތީ އަހާކަށް ބޭނުމެއްނުވިއެވެ.
"ސޯ ދެޓް މީންސް ޒައި އެގެއަށް ދާނީއޭ ތަ؟" އާކާޝް އެހިއެވެ. ޒައިނާ އެއްޗެއް ނުބުންޏެވެ.
***
އެނދު އަޅަން އުޅުނު ރުޝްދާ ބަލައިލީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ދޮރުމަތީގައި ތިބި އަނާރާ ޝުހޭލް ފެނުމުން ރުޝްދާ ހިނިތުންވެލިއެވެ. ސޯފާމަތީގައި ބެހެއްޓި ކުޝަންތައް އެނދުމަތީގައި ބަހައްޓާފައި ރުޝްދާ ހިނިތުންވެލިއެވެ.
"އަނާރް...! އަހަރެންގެ މަންމަ ވަރަށް ވަރަށް ބަލިކޮށް ހޮސްޕިޓަލުގަ އޮތީ. ހިތަށް އަރަނީ ވަރަށް ނުބައި އެއްޗެހި. މަންމަ ވަކިވަނީއޭ ހީވަނީ. އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮވެސް ގެއްލިއްޖެ" ރުޝްދާ ވާހަކަދެއްކިއެވެ. ޝުހޭލް އައިސް ރުޝްދާ ކައިރީގައި އިށީނދެއްޖެއެވެ. ރުޝްދާގެ އަތްތިލަ ނަގާފައި އޭނާގެ އަތްތިލައިގެ ތެރެއަށް ލައިފިއެވެ.
"އަހަރެން ދުވަހަކުވެސް ދޮންތަ އާ ވަކިވާކަށް ބޭނުމެއްނޫން. އަހަރެންނަށް ދުރުން އުޅެވުނީ. ސޮރީ" ޝުހޭލް ވާހަކަދެއްކިއެވެ. ޝުހޭލްގެ މޫނުގައި ފިރުމާލާފައި ރުޝްދާ ހިނިތުންވެލައިފިއެވެ.
"ދޮންތާ! މީޓް މައި ނިއު ފްރެންޑް އަނާރް" ފަހަތުގައި ކޮޅަށް ހުރި އަނާރް ދައްކައިލަމުން ޝުހޭލް ބުނެލިއެވެ. ރުޝްދާ އާ އަނާރް އެކަކު އަނެކަކަށް ބަލަލައިފައި ހިނިތުންވެލިއެވެ.
"ދެކުދިން ކޮންތާކު އުޅެފަ ތިއައީ" ރުޝްދާ އެހިއެވެ.
"ހޮސްޕިޓަލުން. މަންމަ ކައިރިއަށް ގޮސްފަ" ޝުހޭލް ބުނެލިއެވެ. ރުޝްދާއަށް ޝުހޭލްގެ މޫނަށް ބަލައިލީ ޙައިރާންކަމާއެކުއެވެ. ޝުހޭލް ބުނި އެއްޗެއް އޭނާއަށް ޤަބޫލެއްނުކުރެވުނެވެ. ހީވިގޮތްކަމަށް ހީކޮށް އަދި އެއްފަހަރު ޝުހޭލަށް ބަލައިލިއެވެ.
"ކޮންތާކުންނޭ..." ރުޝްދާ އެހިއެވެ. ޝުހޭލް އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. ދެވަނަ ފަހަރަށް ރުޝްދާ އެހެން އަހާނެކަން އޭނާއަށް އިނގެއެވެ.
"ރުޝްދާއްތާ! ޝުހޭލް އެ އައީ އޭނަގެ މަންމަ ކައިރިއަށް ގޮސްފަ. ޑޮކްޓަރު ބުނި ވަރަށް އަވަހަށް ސަބީހާއްތަ ވާޑަށް ނެރޭނަމޭ. ހާލު ރަނގަޅެއްނޫން. އެހެންވިޔަސް އައިސީޔޫ އިން ދެވޭނެ އިތުރު ފަރުވާއެއްނެތޭ. ޝުހޭލް ބޭނުންވޭ ސަބީހާއްތަ އާ ބައްދަލުކުރަން. މަންމަގެ ދަރިފުޅުގެ ގޮތުގަ ފުރަތަމަ ފަހަރަށް އޭނަ ސަބީހާއްތަ އާ ބައްދަލުކުރާނެ ވާޑަށް ނެރުނީމަ" ޝުހޭލް އަނގައިން ނުބުނެ އިނުމުން ހުރިހާ ވާހަކައެއްދެއްކީ އަނާރެވެ. ރުޝްދާއަށް ޝުހޭލްގެ މޫނަށް ބަލައިލެވުނެވެ. އޭނާ ދެއަތުން ޝުހޭލްގެ މޫނުގެ ދެފަރާތުގައި ހިފާލައިފައި އުފުލައިލިއެވެ.
"ކޮއްކޮ މަންމައަށް މަޢާފްކުރީތަ؟ ހުރިހާކަމެއް ހަނދާންނައްތާލީތަ؟" ޝުހޭލްގެ ކަޅި އޭނާގެ ކަޅި އާ ބައްދަލުވުމާއެކު ރުޝްދާ އެހިއެވެ. ޝުހޭލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ރުޝްދާއަށް ޔަގީންކޮށްދިނީ އޭނާގެ ކޮއްކޮ ހުރިހާ ކަމަކުން ބަދަލުވެފައިވާ މިންވަރެވެ. އޭނާއަށް ޝުހޭލްގެ ނިތުގައި ބޮސްދެވިއްޖެއެވެ.
"މަންމަގެ އެއްވެސް ކުށެއްނެތް. ކުއްކުރީ އަހަރެން" ޝުހޭލް ބުނެލިއެވެ. ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން އޭނާއަށް ރުޝްދާގެ ގައިގައި ބައްދައިލެވިއްޖެއެވެ. ރުޝްދާގެ ކޮނޑުގައި ބޯއަޅައިގެން އޮތް ޝުހޭލް ނުރޯން ހިތްވަރު ކުރި ނަމަވެސް އޭނާއަށް ނުހިފެހެއްޓުނެވެ. ޝުހޭލްގެ ބުރަކަށީގައި ރުޝްދާ ފިރުމަމުން ދިޔައިރު އޭނާގެ ދެލޯ އަމާޒުވެފައި ވަނީ ދުރުގައި ހިނިތުންވެލައިގެން ހުރި އަނާރަށެވެ. އޭނާ އަނާރަށް ބަލަމުން ދިޔައީ ޝުކުރެވެރި ދެލޮލަކުންނެވެ. އޭނާގެ ކޮއްކޮގެ ހިތުގައި މަންމަ އާ މެދު އުފެދިފައިވާ ނުބައި ޝައްކުތަކާ ވަހުމްތައް ފިލުވުމަށް ހެއްދެވިފަރާތުން އަނާރް ފަދަ އޯގާތެރި ކުއްޖަކު މެދުވެރި ނުކުރެއްވިނަމަ އެ މަންމަ ފަހުނޭވާވެސް ލާންޖެހުނީހީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ފިރުމުމެއް ނުލިބިއެވެ. އަނާރަކީ ވަރަށް ރަނގަޅު މާތް އަހްލާގެއްގެ ކުއްޖެއްކަން އޭނާ ސާބިތުކޮށްދީފިއެވެ.
***
ގަޑިން ދަންވަރުގެ ވަގުތުތައް ގުނަން ފަށައިފިއެވެ. ޝުހޭލްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ސަބީހާ މަތިން ހަނދާންވަނީ މާބޮޑަށެވެ. މަންމަ އާ މެދު ކުރިން ކުރެވިފައިވާ ކަންތައްތަކާ ބުނެވިފައިވާ ބަސްތަކުގެ ސަބަބުން ވިސްނުންތަކާ ފިކުރުތަކުގެ ޝިކާރައަކަށް އޭނާ ވެއްޖެއެވެ. އެކަނި އޮންނަން ބޭނުންނުވުމުން އޭނާ ފޯނު ނަގާފައި އަނާރަށް ގުޅަން އުޅުނެވެ. ނަމަވެސް އެހިޔާލު ބަދަލުކުރިއެވެ. އޭނާގެ އާއިލާއަށްޓަކައި އެއްވެސް އަރާމެއްނެތި ވަރަށް ބުރަކޮށް އަނާރް މަސައްކަތް ކޮށްފިއެވެ. މާބަނޑު އަންހެނަކާ ބަލާފައި އެއީ ވަރަށް ބޮޑު ވަރެވެ.
އަލަމާރިން ނެގި ޓީޝާޓެއް ބޮލުން ވައްޓައިލަމުން އޭނާ ކޮޓަރިން ނިކުމެލީ ބަދިގެއަށް ކޮފީބޯން ދާށެވެ. ނަމަވެސް ހުއްޓުނީ ރުޝްދާގެ ކޮޓަރި ދޮރު ހުޅުވާފައި ހުރިތަން ފެނުމުންނެވެ. އޭނާ ގޮސް ދޮރަށް އެރިއިރު އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ފައި މަތީގައި އޮތް ބާލީސްމައްޗަށް ކުޑަމީހާ އަރުވައިގެން ދެފަރާތަށް ތަޅުވަން ރުޝްދާ އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ.
"ދޮންތާ!" ރުޝްދާ ބަލައިލީ ޝުހޭލް ގޮވާލި އަޑަށެވެ.
"ކޮއްކޮ! ނުނިދާ ކީއްކުރަނީ" ރުޝްދާ އެހިއެވެ.
"ނިދި ނައިސްގެން ބޭރަށް ނިކުމެލީ. ދޮންތަ ކިއްތިކުރަނީ ނުނިދާ" އެތެރެއަށް ވަންނަމުން ޝުހޭލް އެހިއެވެ.
"އަހަރެން ވިހެއިކަން ޝިމާޒްގެ ފެމެލީއަށް އިނގިއްޖެ. ބޭބީގެ މާމަ ވަރަށް ގުޅާ އެބަ. ނުނަގަން ފޯނެއް. އެހެންނޫނަސް ބޭބީ ލިބުނީމަ ދެން ކޮންމެ މަޔަކުވެސް އުޅޭނީ މިހެން" ރުޝްދާ ފަހުން ބުނެލި ޖުމްލައާއެކު ޝުހޭލްގެ ހިތަށް ތަދުވެލައިފިއެވެ.
"އާދެބަލަ މިކޮޅަށް" ރުޝްދާ އެހެން ބުނުމުން ޝުހޭލް އައިސް އެނދުގައި އިށީނދެއްޖެއެވެ. އޭނާ ކުޑަމީހާ ބާލިސްމަތިން ނަގާ އެކުއްޖާ އޮންނަ ޖާގައިގާ ބާއްވާފައި ތިރިއަށް ދެފައި ބާލައިގެން ޝުހޭލް ކައިރީގައި އިށީނދެއްޖެއެވެ.
"ދަންނަ ކުއްޖެއްތަ މިއީ" ފޯނުން ފޮޓޯއެއް ދައްކައިލަމުން ރުޝްދާ ބުނެލިއެވެ. ޝުހޭލް އެއަށް ބަލައިލިއެވެ. ކަޅުކުލައިގެ އަތްދިގު ޓޮޕެއްގައި ހުރި އަންހެންކުއްޖެކެވެ. ތިރިން ލައިގެން ހުރީ ކަނޑު ނޫ ކުލައިގެ ސްކިނީއެކެވެ. ކްރީމް ކުލައިގެ ޝޯލްގެ ތެރެއިން ފާޅުވާން ހުރި މޫނު ހުރީ ކުކުޅު ބިހެއްގެ ބައްޓަމަށެވެ. ހިކިވެފައި އިސްކޮޅުން ދިގެވެ. ވާރޭ ކުޑައެއް ހިފައިގެން ހިނިތުންވެފައި ހުރި އެ އަންހެންކުއްޖާއަކީ ކާކުކަން ޝުހޭލްއަށް އިނގުނު ހެނެއް ހިއެއް ނުވެއެވެ.
"ނޭނގުނު. ދޮންތަ ފްރެންޑެއްތަ؟" ފޯނު ލޮލާ ދުރުކޮށްލަމުން ޝުހޭލް ބުނެލިއެވެ.
"ސާބަހޭ. އަދި އެއްފަހަރު ބަލާބަލަ. ބުރުގާ އަޅާފަ ހުރީމަ ނޭނގުނީ ކަންނޭނގެ" ރުޝްދާ ބުނެލިއެވެ. ރުޝްދާގެ ފޯނުގައި ހިފާފައި ޝުހޭލް ވަރަށް ރަނގަޅަށް ބަލައިލިއެވެ.
"ތިއާ... މިއީ ތިއާ ތަ؟" ރުޝްދާއަށް ބަލައިލަމުން ޝުހޭލް އެހިއެވެ. ރުޝްދާ ބޯޖަހައިލިއެވެ.
"މިއަދު ވައިބަރ އިން ގުޅި. މިކޮޅަށް އެބަ އަންނަމޯ. ކޮއްކޮގެ ވާހަކަ ވަރަށް ދެއްކި" ރުޝްދާ ބުނެލިއެވެ.
"ކީއްކުރަން އަހަރެންގެ ވާހަކަދައްކަނީ. ތިއާއަށް އޮންނާނީ ޖަވާބުދީފަ" ފޫހިކަމާއެކު ޝުހޭލް ބުނެލިއެވެ.
***
ހޮސްޕިޓަލުން މަގުމައްޗަށް ނިކުމެވުމާއެކު ޒައިނާގެ މޫނުގައި އައިސް ޖެހުނީ ފިނިފިނި ވައިރޯޅިއެކެވެ. އެވަގުތު އޭނާގެ ސިކުނޑި ތާޒާވެގެން ދިޔަ ކަހަލައެވެ.
"އައްކި އަންނާނަމޭ ކިޔާފަ ނައެއްނު" ކާރުގައި އިނދެފައި ޒައިނާ ބުނެލިއެވެ.
"އައްކި އޭ. އައްކި މިއަދު އެކުވެރިންނާއެކު ހޮލިޑޭ ހަދަން ރިސޯޓަކަށް ގޮސްފި" މިހުނާ ބުނެލިއެވެ. ލޯގަނޑުން ފަޔާޒަށް ބަލައިލުމާއެކު ދެމެދުގައި ވާހަކައެއް ދައްކައިފިއެވެ. ޒައިނާއަށް އެކަމެއް ނޭނގެއެވެ.
"ވަޓް...؟ އައްކިއަށް މުހިންމުވީ އެހެން ކަމެއްދޯ" ހިތާހިތުން ޒައިނާ ބުނެލިއެވެ. އާކާޝް އެގޮތަށް ކަންތައް ކުރީތީ އޭނާ ހިތުގައި ޖެހިއްޖެއެވެ. ގެއަށް ދާންވެސް ފޫހިވިއެވެ.
"ކިހިނެއްވީ؟ އައްކި ނެތީމަ މިސްވާނެތަ؟" ޒައިނާގެ އަތުގައި ހިފައިލަމުން މިހުނާ އެހިއެވެ.
"އާނ.... ނޫން.... އެހާ މިސްއެއް ނުވާނެ" ބުނެވުނު އެއްޗެއް އިނގުމާއެކު އަވަހަށް ބަދަލުކޮށްލިއެވެ.. މިހުނާއަށް ހެވުނެވެ.
ގޭދޮރު ހުޅުވުމާއެކު ޒައިނާއަށް ލިބުނީ ޙައިރާންކަމެކެވެ. ކްލާސް ކުދިންތައް އޮތީ މުޅި ގޭތެރެ ހިޞާރުކޮށްފައެވެ. އެންމެ ކުރީގައި ތިބީ އާހިލް އާ ރާހިލްއެވެ. ފާރުގައި ބޮޑުއަކުރުން 'ވެލްކަމް ބެކް ދޮންތަ' ލިޔެލާފައި އިނެވެ. ސިޓިންރޫމު މެދުގައި ހުރި ކޭކް ފެނި ފުރޮޅުލީ ގޮނޑީގައި އިން ޒައިނާ އަނގަ މަތީގައި އަތްއެޅިއެވެ. އެކަހަލަ ސަޕްރައިޒެއް ލިބިދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ.
"ކިހިނެއްވަނީ ސަޕްރައިޒް؟" ކަންފަތްދަށުން އިވުނު އަކާޝްގެ އަޑުން އޭނާއަށް ބަލައިލެވިއްޖެއެވެ. އެމޫނު އެހާ ކައިރިން ފެނުމުން އޭނާ ހިތަށް އިންތިހާދަރަޖައިގެ އުފަލެއް ލިބިއްޖެއެވެ.
"ޒައި އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަހަރެންނަށް ނޯންނާނެ. އަހަރެންގެ ވަގުތުތަކުގެ ބޮސްއަކީ ޒައި" އާކާޝް ބުނެލިއެވެ. ހިނިތުންވެފައިވާ ޒައިނާގެ ރަތްކުލައިގެ ތުންފަތުގައި ބީހިލަން އޭނާ ހިތްއެދުނެވެ.
ހީލައިގެން އިން ޒައިނާ މިހުނާއަށް ބަލައިލީ އެއީ މިހުނާގެ ކަމެއްކަން އިނގުމުންނެވެ. އެހިނދު މިހުނާ ދެކަންފަތުގެ ކުޑަފޫޅުގައި ހިފައިލަމުން ސޮރީ އޭ ބުނެލިއެވެ.
"ހިނގާ ކޭކާ ހަމައަށް ހިނގާލާފަ ދާން" އާކާޝް ބުނެލިއެވެ.
"ބިރުގަނޭ. ވެއްޓިދާނެ" ޒައިނާ ބުނެލިއެވެ.
"އަހަރެން ހުއްޓަވެސް ޒައި ބިރުގަނޭތަ؟ ހިފާ އަތުގަ. އަހަރެން މިއަތުން ދޫކޮށްލިއްޔާތާ ވެއްޓޭނީ" ޒައިނާގެ އަތުގައި ހިފާ ކޮޅަށް ނަގަމުން އާކާޝް ބުނެލިއެވެ. އެހިނދު ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވެލިއެވެ.
(ނުނިމޭ)