ސާޅީސްދެވަނަ ބައި
"އަހަރެންނަށް ހުރިހާކަމެއްވެސް އިނގޭ. ސަބީހާއްތަ މީހަކާ އިނުމާ ހަމައަށް އުޅުނީ އަހަރެންގެ މާމަ ކައިރީގަ. ސަބީހާއްތަ އެއީ އަހަރެންގެ ބޮޑުދައިތައެއް" އަނާރް ބުނެލިއެވެ. އެހިނދު ޝުހޭލްގެ މޫނުމަތީގައި ޙައިރާންކަން ވަށާލައިފިއެވެ. އަނާރަށް ބަލަހައްޓައިގެން ހުރެވުނީ ޤަބޫލުނުކުރެވިފައެވެ.
"ޝުހޭލްއަށާ ރުޝްދާއްތައަށް ތިފެނުނީ ވާހަކައިގެ އެއްބައި. ކީއްވެ ފޮތް ހުޅުވަން މަސައްކަތް ނުކުރީ؟؟" އަނާރް ވާހަކަދެއްކިއެވެ.
"ނޭނގެ. މަށަކަށް ނޭނގެ އަނާރް ތިދައްކާ ވާހަކައެއް. އަހަރެންނަށް ޤަބޫލެއްނުކުރެވޭ" ޝުހޭލް އަނާރަށް ފުރަގަސްދީފިއެވެ. ޙަޤީޤަތުގައިވެސް އެވާހަކަތައް އަހަން އޭނާއަށް އުނދަގުލެވެ. ސަބީހާގެ ފަރާތުން އޭނާ ތަޙައްމަލް ކޮށްފައިވަނީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އިންތިހާއެވެ.
"ޝުހޭލް އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟ ތިބުނަނީ އަހަރެން ދޮގުހަދަނީއޭތަ؟" ޝުހޭލްގެ ކުރިމައްޗަށް އަރަމުން އަނާރް ބުނެލިއެވެ. ކަރުނަތަކާއެކު ފުރިފައިވި ދެލޮލުން ޝުހޭލް އަނާރާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަނާރާ މެދު ފުރިހަމަ ޔަޤީންކަން އޭނައަށް އޮވެއެވެ. އެހެންނަމަވެސް އޭނާއަށް ޤަބޫލުކުރަން ދަތިވަނީއެވެ.
"އިހަށް ހަމަޖެހިބަލަ. ހިނގަބާލަ ކޮޓަރިއަށް." އަނާރް ބުނެލިއެވެ. ޝުހޭލް ހުރި ހާލަތު އޭނާއަށް އިހުސާސްކުރެވެއެވެ.
"އަނާރް ދޭ. އަހަރެން ފަހުން ދާނަން" ޝުހޭލް ބުނެލިއެވެ. އަނާރް ހިނގައިގަތުމުން އޭނާ މަގަށް ކުރިމަތިލައިފިއެވެ. އޭނާގެ ސިކުނޑި ތެރޭގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ.
***
ޒައިނާގެ އެނދުގެ ވަށައިގެން އާއިލާ ހުރިހާ މެންބަރުން ތިއްބެވެ. އާހިލް އާ ރާހިލްގެ ސަމާސާތަކުން ޒައިނާ ހެއްވަމުން ދިޔައެވެ. އެއީ އެއްބަފާ ދެ ކޮއްކޮ ކަމުގައި އޭނާ ޤަބޫލުކޮށްފިއެވެ. އޭނާއަށް 'ދޮންތަ' ގެ ނަމުން މުހާތަބް ކުރުމަށް ދެކުދިންނަށް އަންގައިފިއެވެ. ޒައިނާގެ ބޮލާ ދިމާލުން އިން މިހުނާ އިރުކޮޅަކާ ޒައިނާގެ ބޮލުގައި ފިރުމާލައެވެ. ސޯފާގައިން އިން ފަޔާޒްގެ ތުންފަތްމަތިން ހިނިތުންވުމެއް ފިލައިނުދެއެވެ. އެވަރުގެ އާއިލާއެއް އޭނާއަށް ދެއްވި ކަމަށްޓަކައި އޭނާ ހެއްދެވިފަރާތަށް ޙަމްދުކުރިއެވެ.
"ދޮންބެއަށް އިނގޭ ޒައި އެގެއަށް ނުދާނެކަން. ދޮންބެ އުންމީދުކުރަން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލީމަ ޒައި ރަށަށް ދާން ނޫޅޭނެކަމަށް. ކިޔެވުން ފުރިހަމަކުރަންވާނެއްނު" ސަމީރު ވާހަކަދެއްކިއެވެ.
"ބޭނުމެއްނޫން ރަށަށް ދާން. ބޭނުމީ މަރުވަންދެން ބައްޕަގެ ހިމާޔަތުގެ ދަށުގަ ހުންނަން" ޒައިނާ ބުނެލިއެވެ. ޒައިނާގެ އެޖުމްލަ އިވުމާއެކު ފަޔާޒަށް ރޮވިއްޖެއެވެ. ދުވަހަކުވެސް އެދަރިފުޅު އޭނާ އާ ވަކިނުކުރުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.
ބަލިމީހުން ކައިރިއަށް ވަންނަންޖެހޭ ގަޑި ހަމަވުމާއެކު ޒައިނާ އޮތް ކޮޓަރި ހިމޭންވެއްޖެއެވެ. ކުރިން ހިފާފައި ހުރި އަޑުތައް މަޑުވެއްޖެއެވެ. އޭނާ ކައިރީގައި މަޑުކޮށްގެން ތިބީ މިހުނާ އާ ފަޔާޒެވެ. ކުރިމަތީގައި ހުޅުވާފައި ހުރި ޓީވީއަށް ޒައިނާގެ ނަޒަރު ހުއްޓިފައި ވިޔަސް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ އެހެން ކަމެކެވެ. ދެލޯ ހުޅުވިފަހުން އޭނާ އާ އާކާޝް ބައްދަލުވީ އެންމެ ފަހަރަކުއެވެ. އޭގެފަހުން އަދި ހިލަމެއް ނުވެއެވެ. އެންމެން އައިއިރު އާކާޝް އޭނާ އާ ބައްދަލުކުރަން ނާންނަނީ ކީއްވެގެން ހެއްޔެވެ؟ އާކާޝް އޭނާ ދެކިލަން ބޭނުން ނުވަނީ ހެއްޔެވެ؟
"ޒައި...!" ކޯޗެއް ކާން ބޭނުމީ؟" މިހުނާ އެހިއެވެ.
"ހެޔޮ ކޮންމެ އެއްޗަކަސް" ޒައިނާ ބުނެލިއެވެ.
"ޒައި ކޯޗެއް ކާހިތްވަނީ؟ އެގާރައިގެ ފަހުން އެއްވެސް އެއްޗެއް ނުކެެވޭނެއްނު" މިހުނާ ބުނެލިއެވެ.
"ދައްތައަށް ފެނުނު އެއްޗެއް ގެނޭ" ހީލަމުން ޒައިނާ ބުނެލިއެވެ. ޒައިނާ ވަކި އެއްޗެއްގެ ނަން ނުބުނާނެތީ އިތުރަށް މިހުނާ ނާހައެވެ. އޭނާ ކެންޓީނަށް ދާން ނިކުތެވެ.
"މިހޫ މަޑުކުރޭ. އަހަރެން އަންނާނަން ގޮސްފައި" ފަޔާޒް ބުނެލިއެވެ.
"ނޫން. އަންނާނަން. އެހެން ކަމަކާއެކު ބޭރަށް މިނިކުމެލަނީ" ކޮނޑުގައި ދަބަސް އަޅުވަމުން މިހުނާ ބުނެލިއެވެ. ޙަޤީޤަތުގައި އޭނާ ބޭނުންވީ ޒައިނާ ގާތުގައި ފަޔާޒް ބައިންދާށެވެ. ދެބަފައިން ވާހަކަދައްކަން ވަގުތުދޭށެވެ.
***
އަނާރްގެ އެނދުގައި ޝުހޭލް އިށީނދެގެން އިނެވެ. އަނާރް އިނީ ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑީގައެވެ. ސްޓަޑީ ޓޭބަލް ކައިރީގައި ހުރި ގޮނޑީގައި ޝުރޫކްވެސް އިނެވެ.
"އަހަރެން ސަބީހާއްތަ ގޮވައިގެން ނިކުތް ދުވަހު މިވާހަކަތައް އަހަރެންނަށް ސަބީހާއްތަ ކިޔައިދޭންފެށީ. އަހަރެންނަށް ކިޔައިދޭން ސަބީހާއްތަ ބޭނުންވީ އަހަރެންނަކީ ޝުހޭލްގެ.... ޝުހޭލްއަށް މުހިންމު މީހަކަށް ވާތީ ކަމަށް ސަބީހާއްތަ ބުނީ. އެންމެ ފުރަތަމަ އަހަރެންނަށްވެސް ޤަބޫލުކުރަން ދަތިވި. އެކަމަކު ސަބީހާއްތަ އަހަރެންނަށް މިފޮޓޯތައް ދެއްކީމަ އަހަރެންނަށް ޤަބޫލުކުރެވުނީ. މިފޮޓޯތައް އަހަރެން ސަބީހާއްތަ އަތުން ހޯދީވެސް ކޮންމެސް ދުވަހަކުން ޝުހޭލްއަށް ހުރިހާ ޙަޤީޤަތެއް ކިޔައިދޭނަމޭ ކިޔާފަ. އެދުވަސް މިހާރު މިވަނީ އައިސް ޖެހިފަ" އަނާރް އަތުގައި ހުރި ގިނަ ދުވަސްވީ ފޮޓޯތައް ޝުހޭލްއަށް ދެއްކިއެވެ.
"އިނގޭތަ މި ފޮޓޯގަ މިއީ ކޮންބައެއްކަން" ޝުހޭލްއަށް ފޮޓޯއެއް ދައްކައިލަމުން އަނާރް އެހިއެވެ. ވަރަށް ރަނގަޅަށް ޝުހޭލް އެފޮޓޮއަށް ބަލައިލިއެވެ. އެހާ ކުލަ ސާފުނޫން އެފޮޓޮއިން ޝުހޭލްއަށް އިނގުނީ އެއީ ޕާކެއްގެ ތެރޭގައި ނަގާފައި އިން ފޮޓޮއެއް ކަމެވެ.
ސަލްޓަންޕާކްގެ އައްޓެއް މަތީގައި ދެ އަންހެނުން ތިބިއިރު ދެމީހުންގެ އުނގުގައި ދާދި އެއް އުމުރެއްގެ ދެ ކުޑަކުދިން ތިއްބެވެ. އޭގެތެރެއިން އަންހެންކުއްޖާގެ އަތުތެރޭގައި ބަގީޗާ މަލެއް އޮތެވެ. ފިރިހެން ކުއްޖާ އަނގައިން ސޮނިގުޅައެއް ވެއްޓުނު ވަގުތު ނަގާފައި އިން އެފޮޓޯގައި ދެ އަންހެނުން ތިބީ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. ހީވާގޮތުން އެ ފޮޓޯ ނަގާފައިއިނީ ދެ އަންހެނުން ވާހަކައެއްގައި ތިބި ވަގުތުގައެވެ. ކުޑަދެކުދިންގެ އަނގަ ތަންމިނަށް ހުޅުވައިގެން ހީގަނެގެން އިންއިރު ދެކުދިންގެ އަނގައިން ނިކުމެފައި އިން ދެ ދަތްބުރި ފެނެއެވެ.
"މިއީ އަހަރެމެންގެ މަންމަ. މީނީ ސަބީހާއްތަ. އުނގުގަ އޭނީ ޝުހޭލް. މިއީ އަހަރެންގެ މަންމަ. މިއީ އަހަރެން" އަނާރް ކިޔައިދިނެވެ. އެފޮޓޯއަށް ބަލަހައްޓައިގެން އިން ޝުހޭލްގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. އަނާރް އަތުގައި ހުރި ފޮޓޯތައް ނަގައިގެން ފަހަރަކު ފޮޓޮއެއް ކަމަށް އޭނާ ބަލަމުން ދިޔައެވެ. އެފޮޓޯތައް ފެނުމުން އޭނާއަށް ޤަބޫލު ކުރެވިއްޖެއެވެ. އޭނާ ބޮޑުވަމުން އައިރުގެ ފޮޓޯތައްވެސް ހުއްޓެވެ. އޭނާ ހިތްފަޅައިގެން ދިޔައީ ބައްޕަ މަރުވި ދުވަހުގެ ފޮޓޯތައް ފެނުނީމައެވެ.
"ފޮޓޯތަކުން މަންމަ މަށާ ދޮންތަ އާ ދެކެ ވަރަށް ލޯބިވާކަން އިނގޭ. ޙަޤީޤީ ދިރިއުޅުމުގަ އެތަން ނުފެނުނީ ކީއްވެ؟" ޝުހޭލް ހިތުގައިވީ ޝަކުވާއެވެ. އެޝަކުވާތައް އޭނާ ކުރަން ބޭނުންވަނީ ސަބީހާއާއެވެ. އެހެންވިޔަސް އޭނާގެ ޝަކުވާތައް އަޑުއަހާ އެއަށް ޖަވާބުދެވޭ ވަރަށް ވުރެ ސަބީހާގެ ހާލަތު ދަށެވެ.
"ދެން ބަލާބަލަ މިފޯނަށް އައިސްފަ ހުރި މެސެޖްތައް" ދަބަހުން ނެގި އެންމެ ކުރީގެ ޕެނަސޮނިކް ފޯނެއް ޝުހޭލް އަތަށް ދެމުން އަނާރް ބުނެލިއެވެ. އޭނާ އެފޯނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އިނގިއްޔެއްގެ އެއްބުރި ވަރުގެ އެފޯނު އޮތީ ހުދު ކުލައިގައެވެ. ގިނަ ދުވަސްތަކެއް ވެފައި ވުމުން އެކި ތަންތަނުން ކޫރުން އެޅިފައި ހުއްޓެވެ.
"ތީގަ ހުރި ހުރިހާ މެސެޖްތަކެއް ވަކިވަކިން ކިޔާބަލަ. އޭރުން ޝުހޭލްއަށް އިނގޭނެ ނިޒާރަކީ ކާކު ކަމާ ނިޒާރު ސަބީހާއްތައަށް ދެއްކި ބިރާ ސަބީހާއްތަ އޭނާގެ ދެދަރިންނާ ފިރިމީހާދެކެ ވީ ލޯބި" އަނާރް ވާހަކަދެއްކިއެވެ. ޝުހޭލް އަނާރްގެ މޫނަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ހުރިހާ މެސެޖްތަކެއް ބަލަން ފެށިއެވެ. އެތައް ބައިވަރު މެސެޖެކެވެ. ކިޔަމުންދިޔަ ވަރަކަށް ޝުހޭލްގެ ހިތުގައި އުފެދެމުން އަންނަ ވޭންވަރު ދަގަވެގެން ދެއެވެ. ރޮވެން އުޅޭހެން ހީވެ ނޭފަތް އެތެރެއަށް ދެމެން ފަށައިފިއެވެ. ޝުހޭލް ކައިރީގައި އިށީނދެފައި އޭނާގެ އަތުގައި އަނާރް ހިފައިލީ ވަގުތުގެ ގޮތުން ޝުހޭލްގެ ހިތްވަރަކަށް ވުމަށެވެ.
"އަހަރެންނަށް މިއެއް ނުކިޔޭނެ" އަނާރު އަތަށް ފޯނު ދެމުން ޝުހޭލް ބުނެލިއެވެ. އޭނާއަށް ކެތްނުވީއެވެ. މަންޒަރުތައް ލޯކުރިމަތީގައި ސިފަވާހެން ހީވާތީއެވެ. އޭނާއަށް ލޮލަށް ފެނުނު މަންޒަރުތަކާ ފަރުދާގެ ފުރަގަހުގައި ވީ ކަންތައްތަކުގައި އެހާ ބޮޑު ތަފާތެއް ހުރެދާނެ ކަމަކަށް ހީކުރާނީވެސް ކިހިނެއް ހެއްޔެވެ؟
"އަހަރެން ކިޔައިދެންތަ؟" އަނާރް ބުނެލިއެވެ.
"އަޑުއަހާކަށް ހިތްވަރެއް ނެތް" ޝުހޭލް ބުނެލިއެވެ. ދެކަކުލުގައި ދެއަތުގެ އުނޅަބޮށި ވިއްދައިގެން ދެއަތް ތިލައިގެ ތެރޭގައި އޭނާގެ މޫނު ފޮރުވާލީ ބޮލުގެ ރިހުން އިންތިހާއަށް ގަދަވުމުންނެވެ.
"އަހަރެން މިއީ ކިހާ ނުބައި ދަރިއެއް" ޝުހޭލް ބުނެލިއެވެ. ހިތުގައިޖެހިފައި އިން އަނާރް ޝުރޫކަށް ބަލައިލިއިރު އޭނާގެ ދެލޮލުންވެސް ވޭނެއް ފެންނަމުން ދިޔައެވެ.
"އެކަމަކު ނިޒާރަކީ ކާކުތަ؟ އޭނަ މަންމަ އާ ދިމާވީ ކޮންތާކުން؟" މޫނުމަތި ފޮހެލާފައި ޝުހޭލް ސުވާލުކުރިއެވެ.
"އަހަރެންނަށް ސަބީހާއްތަ ކިޔައިދިން. އަހަރެން ކިޔައިދީފާނަން. އެކަމަކު ޝުހޭލް ޖެހޭނެ ވަރަށް ހިތްވަރުކުރަން" އަނާރް ވާހަކަދެއްކިއެވެ.
***
ސައިފް އެވަރަށް ކިޔުމުންވެސް އަބާން ސައިފްގެ ގެއަށް ދާން އެއްބަހެއް ނުވިއެވެ. އޭނާ އެންމެފަހުން އެގެއަށް ދިޔައީ ސައިފްގެ މަންމަ މަރިޔަމް އޭނާ ބަލާ އައުމުންނެވެ.
މޭޒު މައްޗަށް ކާން ހަދާފައި ހުރިއިރު ކާން އިން އަބާންގެ ކުރިމައްޗަށް ވާހެން މަރިޔަމް އިނެވެ. އަބާނާ ޖެހިގެން ސައިފްވެސް އިނެވެ.
"އަހަރެން ދެކެނީ ސައިފް ފަދައިން ތީވެސް އަހަރެންގެ ދަރިއެއްގެ ގޮތުގަ" މަރިޔަމް ބުނެލިއެވެ.
"ދައްތަ ވާހަކައެއް ނުދައްކާނަން ވަކި މީހެއްގެ ކޮޅަށް ބުރަވެގެން ހުރެއެއް. ހިނގައިދިޔަ އެއްވެސް ކަމެއްގައި އަބާން ނޫން އިތުރު އެއްވެސް މީހަކު ކުއްވެރިނުވޭ" މަރިޔަމް ވާހަކަދެއްކިއެވެ. އަބާން އިސްޖަހާލައިގެން އިނެވެ.
"އުންމީދާގެ ދެމަފިރިން ވިސްނާނެ ވިސްނުމާ ކުރާނެ ހިތާމަ ދައްތައަށް އަންދާޒާ ކުރެވޭ" މަރިޔަމް ވާހަކަދެއްކިއެވެ.
"ދައްތަމެން ތިވާހަކަތައް އަހަރެންނަށް އިރުއިރުކޮޅުން ހަނދާން ކޮށްނުދީބަލަ. އިނގެޔޭ ހުރިހާކަމެއްވެސް" އަބާން ބުނެލިއެވެ. މަރިޔަމް ބަހެއްނުކިޔާ އަބާނާ ދިމާލަށް ބަލަން އިނދެފައި އަބާންގެ ތައްޓަށް ބަތް އަޅައިދޭން ފެށިއެވެ.
"ދައްތަ ސުވާލެއްކޮށްލަންތަ؟ ތެދަށް ޖަވާބުދެއްޗެ" މަރިޔަމް ބުނެލިއެވެ. އަބާން ބޯޖަހައިލިއެވެ.
"އެހެންވިއްޔާ ބުނެބަލަ ޒައިނާ އާ އިންނަން އުޅުނީ ހަމަ ހެޔޮހިތުން އެކަން ކުރަންތަ؟ މިބުނީ ދިރިއުޅުމެއް ބޭނުންވެގެންހޭ؟" މަރިޔަމް ސުވާލުކުރިއެވެ.
"ވިސްނިން ޒައިނާ އާއެކު ދިރިއުޅުމެއް ފަށަން. އެކަމަކު..." އަބާން ވާހަކަދެއްކިއެވެ.
"އެކަމަކު... ފަހު ވަގުތު އަބާން އެގޮތަށް ކަންތައްކުރީ ކީއްވެ؟ އެކަން އެހިސާބަށް ގެންދިޔައީ ކީއްވެ؟ އެއީ ވަރަށް ދެރަކަމެއް. އަބާން އެގޮތަށް ކަންތައްކުރީމަ ނިކުތް ނަތީޖާ ނިކަން ދެކިބަލަ" މަރިޔަމް ވާހަކަދެއްކިއެވެ.
"އަހަރެން އެންމެންގެ ކިބައިން މަޢާފަށް އެދޭނަން" އަބާން ބުނެލިއެވެ.
"ތިމާއަށް ކުށެއް ކުރެވުނީމަ އެކަންކަން ފޮރުވުމަށް ނުވަތަ ބޮލުން ކަނޑާލުމަށް ބޭނުންކުރާ ހަތިޔާރެއް ކަމުގައި މަޢާފް ނުހަދަބަލަ" މަރިޔަމް ބުނެލިއެވެ.
"ދެން އަހަރެން ކިހިނެއް ހަދަންވީ؟ ވީކަމެއް ނުވާކަމަކަށް ވާނެތަ؟ ނޫނީ އެވަގުތު އަނބުރާ އިއާދަ ކުރެވޭނެތަ؟" އަބާން ބުނެލިއެވެ. މަރިޔަމް ފުން ނޭވައެއްލިއެވެ.
"ކާކު އެ އަންހެންކުއްޖަކީ؟ ކާކު ތި ހިތުން ނުނެރެވިގެން ތިއުޅެނީ. ދައްތައަށް އިނގޭ ތިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެ އަންހެންކުއްޖާ ކަން. އެހެންވެ ދިރިއުޅުމަކާ މެދު ނުވިސްނިގެން ތިއުޅެނީ" މަރިޔަމް ވާހަކަދެއްކިއެވެ. އަބާނާ ހިނދުކޮޅަކު ދައްކާލެވުނު ވާހަކަތަކުން އޭނާ އަބާންގެ ސިކުނޑި ކިޔަވާލި ކަހަލައެވެ.
"ކޮންކުއްޖެއް އެއީ؟ ބުނީމަ ދައްތައަށް އެހީއެއް ވެވިދާނެ" މަރިޔަމް ވާހަކަދެއްކިއެވެ.
"ތިކަމާ ނޫޅުނިއްޔާ ރަނގަޅުވާނީ" ފަރުވާކުޑަ ގޮތަކަށް އެއްތުންފަތުން ހީލަމުން އަބާން ބުނެލިއެވެ.
"ކީއްވެ؟ އަބާން ލޯބިނުވޭތަ؟ ބޭނުމެއްނުވޭތަ؟" މަރިޔަމް އެހިއެވެ.
"ވަރަށް ވަރަށް ލޯބިވޭ. އަނާރް.... އޭނަ އަހަރެން ދޫކޮށް ފުރައިގެން ދިޔަތާ ކިތަންމެ ދުވަހެއް. ދުވަހަކުވެސް އޭނަ އަހަރެންނަށް ނުލިބޭނެ" އަސަރާއެކު އަބާން ބުނެލިއެވެ. ދުލުން އަނާރްގެ ނަން ބޭރުވެގެން ދިޔަ ވަގުތު އޭނާގެ ދެލޯ ފެންކަޅިވިއެވެ. ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ހިތުގައި އަނާރްގެ ތަސްވީރު ކުރަހާލެވިއްޖެއެެވެ. އަނާރާއެކު ހޭދަކުރެވުނު ލޯބިވެތި ވަގުތުތައް ސިކުނޑި ތެރޭގައި ރޯލްވާން ފެށިއެވެ. އެހަނދާންތައް އޭނާގެ ހިތް ބަލިކޮށްލައިފިއެވެ. އިސާހިތަކު ކަރުނައިގެ އަސަރު އޭނާގެ ދެލޮލުން ފާޅުވެލިއެވެ. އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި އެތަނުން ތެދުވެގެން ހިނގައިގަތެވެ. އެހިނިތުންވުމުގެ ފަހަތުގައިވާ ހިތްދަތިކަމާ ވޭން މަރިޔަމަށްވެސް ސައިފަށް ވެސް ފާހަގަވިއއެވެ.
***
"ޝުހޭލް ބުނޭ. އަހަރެން ކިޔައިދޭންވީތަ؟" ޝުހޭލް ބަހެއްނުބުނެ އިނުމުން އަނާރް އެހިއެވެ.
"އަހަރެން ހުރިހާކަމެއް އިނގެން ބޭނުން" ޝުހޭލް ބުނެލިއެވެ. އޭނާގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ނެތަސް އޭނާ އިނީ އިންތިހާއަށް ދެރަވެ ހިތުގައިޖެހިފައެވެ.
"އެ ނިޒާރު ގެއަށް އަންނަންފެށީ ޝުހޭލް ބައްޕަގެ އެކުވެރިކަމުގަ. ސަބީހާއްތަ އާ ކަޑައިން ދިމާވިއިރުވެސް އޭނައަކީ ޒާހިދުބެގެ އެކުވެރިއެއް. ގެއަށް އައި ފުރަތަމަ ދުވަހުވެސް އޭނާގެ ވިހަ ނަޒަރު އަމާޒުވީ ކައިވެންޏަށްފަހު ބަދަލުތަކެއް އައިސްފައި ހުރި ސަބީހާއްތަ އަށާ ޒާހިދުބެގެ މުދާގަނޑަށް. މާކުރިންވެސް އެތައް ފަހަރަކު އޭނާ މަސައްކަތްކޮށްފަ ވަނީ ޒާހިދުބެ ދުނިޔެއިން ވަކިކޮށްލާފައިވެސް އެމުދާގަނޑަށް ވެރިވެގަންނަން. އެކަން އޭނާއަށް ނާކާމިޔާބުވީ ޒާހިދުބެގެ ބައްޕައަށް ނިޒާރުގެ ގޮތް އިނގި އެކަން ފުލުހުންނަށް ރިޕޯޓްކުރި ހިސާބުން. އެމައްސަލަ ސާބިތުނުވެ ފުލުހުންގެ ބެލުމުގެ ދަށުން އޭނަ ދޫކޮށްލިއިރު ރުޝްދާއްތައަށް ތިންއަހަރުވެއްޖެ. އޭރު ޝުހޭލް ކުޑަ. އޭރު ޒާހިދުބެގެ ބައްޕަ ވީ ނިޔާވެފަކަން އިނގުނީމަ އެ ނިޒާރުގެ މަސައްކަތަށް އިތުރު ފަސޭހައެއް ލިބިގެން ދިޔައީ. އޭނަ ފުރަތަމަވެސް ބައްދަލުކުރީ ސަބީހާއްތަ އާ. އެކިގޮތްގޮތުން އޭނަ ސަބީހާއްތައަށް ގޯނާކުރަން މަސައްކަތްކުރި. އެންމެފަހުން އޭނާގެ ކަންތައްތައް ޙައްދުން ނެއްޓީމަ ސަބީހާއްތަ އޭނާއަށް އިންޒާރުދިނީ. ބުނި އަނެއްކާވެސް ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް. އެދުވަހު އެ ނިޒާރު ހީލާފަ ބުނިކަމަށް ވަނީ ފުލުހުން މަސައްކަތްކުރަނީ އޭނަގެ އޯޑަރަށް ކަމަށް. ސަބީހާއްތަ ބުނީ ތިމަންނައަށް ހީވަނީ ކޮންމެސް ގޭންގަކާ ގުޅިފައިވާ ބޮޑެއްހެންނޯ ހީވަނީ. ޒާހިދުބެ އެކްސިޑެންޓްކޮށް ނުކުޅެދޭ މީހަކަށް ހެދީ އެ ނިޒާރުގެ ރޭވުމުން. ސަބީހާއްތަ ބުނި އެދުވަހު އޭނަ ނިޒާރު ގައިގަ ތަޅައިގަތީމޯ އަތުގަ ޖެހުނު އެއްޗަކުން. އެދުވަހު އިނގޭތަ ސަބީހާއްތަ އާ ދިމާލަށް އެ ނިޒާރު ބުނީ ކީކޭކަން. އޭނަ ބުނާ ގޮތަށް ކަންތައްތައް ނުކޮށްފިނަމަ ކުޑަކުޑަ ރުޝްދާއްތަގެ އިއްފަތްތެރިކަން ސަބީހާއްތައަށް ނުވެސް އިނގި ދުއްވާލާނަމޯ. ސަބީހާއްތަގެ ދުލުގައި ތަޅެއްލެވުނީ އެހިސާބުން. ސަބީހާއްތަ ބުނީ ނިޒާރު ބުނާގޮތަށް މަސައްކަތްކުރަން ފެށީ ރުޝްދާއްތައަށްޓަކައި ކަމަށް. އަލިފާނާ ފެނާ ވަކިނުވާ ކުޑަދަރިފުޅަށް އެއްވެސް ސަމާލުކަމެއް ނުދެވެޔޭ. ޒާހިދުބެއަށް އަޅާނުލެވޭ ތަނުގައި ހުދު ސަބީހާއްތަގެ އަމިއްލަ ކަންތައްތައް މަތިންވެސް ހަނދާންނެތިފަ ހުރިކަމަށް ބުނި. ކިތަންމެ ރެޔަކު އެހާލުގައި އޮއްވާ ވަދެ ޒާހިދުބެއަށް އިންޒާރު ދިނުމާ ނަފްސާނީ ގޮތުން އަނިޔާކުރިކަމަށް ބުނި. ސަބީހާއްތަ ބުނި ނިޒާރު ރަށުގައި ނެތްދުވަހެއްގަ ޒާހިދުބެ އޮތް ކޮޓަރިއަށް ވަދެ ނިޒާރުގެ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމޭ. މަޢާފަށް އެދުނީމޭ. ޒާހިދުބެގެ އޯގާތެރި ބަސްތަކުންނާ ފިރުމުންތަކުން ތިމަންނައަށް ހިތްވަރު ލިބުނޭ. ދަރިން ބޮޑުވަމުން އައި ވަރަކަށް ނިޒާރުގެ އުނދަގޫތައް ދިޔައީ އިންތިހާއަށް ބޮޑުވަމުންނޭ. ދަރިން ކުރިމަތީގައި އޭނައަކީ ނުބައި މީހަކަށް ހެދީ ނިޒާރޭ. ސަބީހާއްތަގެ ބަލިމަޑުކަން ފެށުނި އެހިސާބުންނޯ. ޒާހިދުބެ ނިޔާވި ދުވަހު ސަބީހާއްތަ ހުރިހާ އުންމީދެއް ކަނޑާލީޔޯ. އެކަމަކު ސަބީހާއްތަ ހުރީ އުފަލުން. ނިޒާރުގެ ވަކިތަކުން ރުޝްދާއްތަ ސަލާމަތްކުރެވުނީތީ. ޒާހިދުބެގެ ނިޔާވުމުން ތިދެމީހުންގެ ޒިންމާ ނެގީ ގޭގަ ކައްކަން އުޅުނު ފިޔާޒާއްތަ" އަނާރްގެ ވާހަކަތައް އަހާފައި ޝުހޭލްއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. އެނދުން ތެދުވެގެން ގޮސް އޭނާ ކޮޓަރިންވެސް ނިކުމެއްޖެއެވެ. ޝުހޭލްއަށް ވީގޮތް ފެނި އަނާރް އިނީ ދެރަވެފައެވެ.
***
ގަޑިން ރޭގަނޑު އެގާރަ ޖަހާލީހާއިރެވެ. ޒައިނާ އިނީ އެނދުގައި އިށީނދެގެންނެވެ. އޭނާ ކައިރީގައި ފަޔާޒް އިނެވެ. ދަންވަރަށް ހޭލާ އިންނަން މިހުނާ އަންނާނެކަމަށް އޮތީ ބުނެފައެވެ.
"ބައްޕަ އަންނާނަން މަންމައަށް ފާސްދީފަ އިނގޭ" ޒައިނާގެ ބޮލުގައި ފިރުމައިލަމުން ފަޔާޒް ބުނެލިއެވެ. ޒައިނާ ބޯޖަހައިލިއެވެ. ފަޔާޒް ދިޔުމުން ބާލީސް ދަށުގައި އޮތް ފޯނު ޒައިނާ ނެގިއެވެ. އެއީ ފަޔާޒް އޭނާއަށް ގަނެގެން ގެނެސްދިން ފޯނެކެވެ. އެފޯނުގައި ސޭވްކޮށްފައި އިނީ ހަމައެކަނި އާކާޝްގެ ނަންބަރެވެ. ޒައިނާ އެނަން މަތީގައި އިނގިލިން ފިރުމާލިއެވެ.
"އައްކި! ވެއާރ އާރ ޔޫ؟ ނުވެސްފެނޭ. އަހަރެން ލޯހުޅުވާލާއިރަށް އެންމެ ފަހަރަކު ފެނިލާފަ ފިލީތަ؟" ހިތާހިތުން ޒައިނާ ބުނެލިއެވެ. އެނަންބަރަށް ގުޅަން އުޅެފައިވެސް އެހިޔާލު ދޫކޮށްލިއެވެ.
"ކުރިން މިސްވާވަރަށް މިސްނުވަނީތަ؟ ހިތަށް އެރި އަހަރެން ކައިރިން އައްކި ދުރަށްވެސްނުދާނޭ. އައި މިސް ޔޫ" މަޑުމަޑުން ޒައިނާ ބުނެލިއެވެ.
ހުޅުުވުނު ދޮރާ ދިމާލަށް ޒައިނާ ބަލައިލިއެވެ. ފެންނަން ހުރި ބޮޑު މަލުގެ ގުލްދަސްތާ އިން ފަހަތުގައި ހުރި މީހާ ހުރީ ފޮރުވިފައެވެ. ތިރިން ފެންނަނީ ކަޅު ކުލައިގެ އޮފިޝަލް ބޫޓެކެވެ. އެއީ އާކާޝް އޭ ހިތަށް އެރުމާއެކު ޒައިނާގެ ހިތް ތެޅިލިއެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ.
އެމީހަކު ވަދެގެން އައިސް ޒައިނާއަށް މާބޮނޑި ދިއްކޮށްލިއެވެ. އޭގައި ހިފާފައި ބޯއަރިކޮށްލާފައި ޒައިނާ ބަލައިލިއެވެ. ހިނިތުންވެފައިވާ އާކާޝްގެ މޫނުމަތި ފެނުމުން ޒައިނާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބިއްޖެއެވެ.
(ނުނިމޭ)